ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ވާރލްޑް ބޭންކް ކަންޓްރީ ޑައިރެކްޓަރ މިޒް ނައޮކޯ އިޝީ މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރުގެ ހައިސިއްޔަތުން މިޒް އިޝީ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ރާއްޖެއަށް ވެދެއްވާފައިވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އޭނާއަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ބެހޭގޮތުންނާއި އަދި އިޤްތިޞާދު ރަނގަޅުކުރުމަށް ވާރލްޑް ބޭންކުން ބޮޑެތި އެހީތަކެއް ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތާނގައިވެސް ވާރލްޑް ބޭންކުގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ލިބެމުންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިޒް އިޝީ ދެއްކެވި ވާހަކަފުޅުގައި، ވާރލްޑް ބޭންކްގެ ކަންޓްރީ ޑައިރެކްޓަރުގެ ހައިސިއްޔަތުން ރާއްޖެއަށް ޚިދުމަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރެއްވި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުންވެސް، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުންނާއި، އެކަމަށް ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.