بســم اللّـه الرّحمـن الرّحيــم

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ. وَٱلْعَـٰقِبَةُ لِلْمُتَّقِينَ. وَلاَ عُدْوَانَ إِلَّا عَلَى ٱلظَّـٰلِمِينَ. وَالصّـلاةُ وَالسّلامُ عَلٰـى خاتم الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މި ޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި އަޚުންނާއި އުޚްތުންނަށް އަދި ޢާންމުކޮށް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުން.

މި މުނާސަބަތުގައި މުބާރަކްބާދީ ދެންނެވުމުގައި ބައެއް ޚާއްޞަ ފަރާތްތައް ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވޭ. އާދެ، އެ ފަރާތްތަކަކީ އަޅުގަނޑުމެން ރައްޔިތުންގެ ޞިއްޙަތު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކައި މަސައްކަތް ކުރައްވާ ފަރާތްތައް. މިނިސްޓަރ އޮފް ހެލްތު، އެ މިނިސްޓްރީގެ އިސްވެރިން، އެ މިނިސްޓްރީގެ އެހެން މުވައްޒަފުން، އަޅުގަނޑުމެންނަށް
ފަރުވާކޮށްދެއްވާ ޚިދުމަތްތެރި ޑަކްޓަރުން، ޑަކްޓަރުންގެ ލަފާއާއި އިރުޝާދުގެ ދަށުން އަޅުގަނޑުމެންނަށް އެކިއެކި ޞިއްޙީ ޚިދުމަތްތައް ފޯރުއްވައިދެއްވާ ނަރުހުން، އަދި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އެކިއެކި ޓެކްނިކަލް މީހުންނާއި، އެހެނިހެން މުވައްޒަފުން. ހަމައެފަދައިން، ރާއްޖެތެރޭގައި ޚިދުމަތް އަދާކުރަމުންދާ، ޢާއިލާގެ އެހީތެރިންނާއި ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނާއި އަދި މިނޫންވެސް، ރައްޔިތުންނަށް، ޞިއްޙީ ރޮނގުން އެކިއެކި ބޭނުންތެރި ޚިދުމަތްތައް ކޮށްދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކެއް އަޅުގަނޑުގެ މި ހެޔޮއެދުންތަކުގައި މިރޭ ޝާމިލްކުރަން.

ޝައްކެއްނެތް، މިރޭ މިމުހިންމު މުނާސަބަތުގައި މިހުޅުވޭ ސެމިނާރަކީ ވަރަށް ބޭނުންތެރި ސެމިނާރެއް. އެހެނީ ޞިއްޙީ ޚިދުމަތްތައް އެކަށީގެންވާ ފެންވަރެއްގައި ރައްޔިތުންނަށް ފޯރުވައިދެވޭނީ، ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުން ލިބިގެން. ސަރުކާރުގެ ޞިއްޙަތާބެހޭ ސިޔާސަތު ރޭވިފައިވާ ގޮތާއި ޞިއްޙީ ރޮނގުން ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި އަދި އެ އަމާޒުފަތްގަނޑުތައް ޙާޞިލްކުރުމަށްޓަކައި ރޭވިފައިވާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް އެފަރާތްތަކަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ. އެހެންކަމާއެކު، މިރޭ މި ހުޅުވޭ ސެމިނާރުގެ އެންމެ މުހިންމު ބޭނުމަކީ، ޞިއްޙީ ޚިދުމަތް އަދާކުރުމުގައި އަދި ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންތެރި އަސާސީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، ސަރުކާރުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ހޯދުން ކަމަށްވާތީ އަޅުގަނޑު ދެކެނީ، މި ސެމިނާރަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ސެމިނާރެއް ކަމުގައި.

އާދެ، އަޅުގަނޑުމެން މިތާނގައި މިރޭ ތިއްބާ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭބޭފުޅުންގެ ވާހަކަފުޅުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކަނޑައެޅުން އާދެ، "2000 ވަނަ އަހަރު އައުމުގެ ކުރިން، ދުނިޔޭގެ އެންމެންނަށް އެކަށީގެންވާ ފެންވަރެއްގެ ޞިއްޙަތެއް ލިބިދިނުމާބެހޭ ޤަރާރު"، އޭގެ ވާހަކަ އަޅުގަނޑުމެންނަށް އިވިއްޖެ. އަދި އެ ޤަރާރަށް ޢަމަލުކުރުމަށްޓަކައި ދުނިޔޭގެ ޤައުމުތަކުން މަސައްކަތް ކުރަނީ ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލުން ކަމަށްވެސް އަޅުގަނޑުމެންނަށް ދޭހަވެއްޖެ. އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، ދިވެހި ސަރުކާރަކީވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މި ދެންނެވި ޤަރާރުގައި ބައިވެރިވާ ސަރުކާރެއް ކަމަށްވާތީ، އެ ޤަރާރުގައިވާ ގޮތުގެމަތިން، ދިވެހި ރައްޔިތުންނަށް 2000 ވަނަ އަހަރު އައުމުގެ ކުރިން އިރާދަކުރެއްވިއްޔާ، ޞިއްޙީ ރޮނގުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، އެމީހުން ޤަބޫލުކުރާ އުޞޫލަކުން ރާއްޖެއަށް އެކަށީގެންވާ ފެންވަރަކުން ލިބިދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ރާވާފައޭ. އެމަސައްކަތް ރާވާފައިވަނީ، މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި އެއިޝާރާތް ކުރެއްވި، އަޅުގަނޑުމެންގެ ރާއްޖެއާބެހޭ ޤައުމީ ޞިއްޙީ ޕްރޮގްރާމްގައި.

އާދެ، ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މަސައްކަތްކުރަމުން ގެންދަނީ އިންސާނުންގެ އެންމެ ނުރައްކާތެރި ތިން ދުޝްމިނުން ކަމުގައިވާ، ތަންދޮރުނުދަތުމާއި ފަޤީރުކަމާއި ބަލިމަޑުކަމުން ސަލާމަތްވެވޭތޯ. ޝައްކެއްނެތް، މި ދެންނެވި ތިން ދުޝްމިނުންނަކީ ވަރަށްބޮޑަށް ގުޅިފައިވާ ތިން ފަރާތެއް. ނުވަތަ ތިން ކަމެއް. އެއިން އެއްވެސް ކަމެއް ފިލުވައިލެވޭނީ އެހެން ކަންތައްތައްވެސް ފިލުވައިލައިގެން. ފަޤީރުކަން ފިލުވައިލެވޭނީ ތަންދޮރުދަނެގެން. ބަލިމަޑުކަމުން ސަލާމަތްވެވިގެން. ހަމައެފަދައިން، ބަލިމަޑުކަމުން ސަލާމަތްވެވޭނީ، ތަންދޮރުއޮޅުންފިލައިގެން. ހަމައެފަދައިން، ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ލިބިދެވޭނެ ތަނަވަސްކަމާއި، އެކަމާ ބެހޭގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރެވޭނެ ތަނަވަސްކަން ހުރެގެން. އާދެ، މި ތިންކަމަކީ މިދެންނެވި ގޮތުގެ މަތިން ގުޅިފައިވާ ތިން ކަމެއް ކަމުގައިވިޔަސް، އެތިންކަމާ ދޭތެރޭގައި ވިސްނާލާއިރު، އެތިން ދުޝްމިނުންގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު ދުޝްމިނަކީ ބަލިމަޑުކަން ކަމުގައި ދަންނަވަންޖެހޭ.

އާދެ، ޞިއްޙަތަކީ އިންސާނާއަށް އެންމެ ބޭނުންތެރި ވަސީލަތް. އިންސާނާ ދުނިޔޭގައި އުޅޭ ކޮންމެ ހިނދުކޮޅެއްގައިވެސް ޞިއްޙަތު ސަލާމަތުން ހުންނަން ބޭނުންވޭ. އަނެއްކޮޅުން އެހެނިހެން މުހިންމު އިޖްތިމާޢީ ޚިދުމަތްތަކާ ދޭތެރޭގައި ވިސްނާއިރު، މިސާލަކަށް ތަޢުލީމު. ތަޢުލީމަކީވެސް އެހާމެ ބޭނުންތެރި ޚިދުމަތެއް ކަމުގައިވިޔަސް، ރަސްމީ ތަޢުލީމުދޭ ގޮތަށް ހަމަޖެހިފައި އޮންނަނީ ވަކި ޢުމުރެއްގެ ބަޔަކަށް. އެހެންވީމާ، ސަރުކާރުން ތަޢުލީމުގެ ޚިދުމަތްތައް ދިވެހި ރައްޔިތުންގެ އެންމެންނަށް ފޯރުވާކަށް ނުޖެހޭ. ސަރުކާރުން ރަސްމީ ތަޢުލީމު ދޭންޖެހެނީ ވަކި ޢުމުރެއްގެ ބަޔަކަށް.

އެއާ ޚިލާފަށް، ޞިއްޙަތަކީ ސަރުކާރުން ހަމަ ކޮންމެ ދިވެއްސަކަށް، ދިވެހި ރައްޔިތުންގެ ކޮންމެ ފަރުދަކަށް، އެފަރުދަކީ ކިތަންމެ ކުޑަ ކުއްޖަކު ކަމުގައިވިޔަސް، ކިތަންމެ މުސްކުޅިޔަކު ކަމުގައިވިޔަސް، ޒުވާނެއް ކަމުގައިވިޔަސް، އަދި އެފަރުދަކީ ފިރިހެނަކު ކަމުގައިވިޔަސް، އަންހެނަކު ކަމުގައިވިޔަސް، ސަރުކާރުން ކޮށްދޭންޖެހޭ ޚިދުމަތެއް. ފަޤީރުކަމަކީ މިދެންނެވި ތިން ދުޝްމިނުންގެ ތެރެއިން ދުޝްމިނަކު ކަމުގައިވިޔަސް، ތިމާއަކީ ފަޤީރެއް ކަމުގައިވިޔަސް، ތިމާގެ ގާތްތިމާގެ މީހަކީ ނުވަތަ ރަޙްމަތްތެރިއަކީ ތަނަވަސް މީހެއް ކަމުގައިވަނީނަމަ، އެމީހެއްގެ ތަނަވަސްކަމުގެ އެހީގައި ތިމާއަށް ދުނިޔޭގައި ދިރިއުޅެވިދާނެ. އެކަމަކު ތިމާއަކީ ބަލިޙާލު ބޮޑު މީހަކު ކަމުގައިވަނީނަމަ، ތިމާގެ ގާތްތިމާގެ މީހުންގެ ނުވަތަ ރައްޓެހިންގެ ޞިއްޙަތުގެ އެހީގައި ތިމާއަށް އުޅެވޭކަށް ނޯންނާނެ. މިދެންނެވި ނަޒަރުން ބަލާއިރު ޝައްކެއްނެތްގޮތުގައި، ބަލިމަޑުކަން އެއީ އިންސާނުންގެ އެންމެ ނުރައްކާތެރި ދުޝްމިނަކީ. އެއީ ހުރިހާ ޤައުމުތަކަކުންވެސް އެންމެ ބޮޑަށް ފިލުވައިލެވޭތޯ މަސައްކަތް ކުރާ ބައްޔަކީ.

އާދެ، ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލާ ދޭތެރޭގައި އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށް ޤަޞްދެއްނުކުރަން. އާދެ، އެއް ސަބަބަކީ، އަޅުގަނޑަކީ އެދާއިރާގެ މަޢުލޫމާތާއި ތަޖްރިބާ ލިބިފައިވާ މާހިރަކު ކަމުގައި ނުވާކަން. އަނެއް ސަބަބަކީ، ދެންމެ މިނިސްޓަރ އޮފް ހެލްތުވެސް އެ ވިދާޅުވި ފަދައިން، އަޅުގަނޑުވެސް ބަޞަރާއަށް ކަދުރު ވިއްކަން ބޭނުންނުވާތީ.

އާދެ، އެހެންވީމާ، ޕްރައިމަރީ ހެލްތު ކެއަރގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ބައެއް ޢާންމު ނުކުތާތަކާ ދޭތެރޭގައި އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑަށް މިރޭ ކުރެވިދާނެ ކަމެއް. އޭގެތެރެއިން އެއްކަމަކީ، އިސްލާމީ އުޞޫލުން ޞިއްޙަތުގެ މައްޗަށް ބަލައިލުން. ޞިއްޙަތުގެ މުހިންމުކަމާއި، ޞިއްޙަތަކީ ކިހާވަރެއްގެ ސަމާލުކަމެއް، ދީނުގައި ދީފައިވާ އެއްޗެއްތޯ ބަލައިލުން. ޝައްކެއްނެތް، އެއީ ވަރަށް މުހިންމު ކަމެއް. އެގޮތަކީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައިވާކަން. އަދި އިސްލާމްދީނަކީ ދުނިޔޭގެ އެހެން ދީންތަކާ ޚިލާފަށް، އެދީނުގައި، ދިރިއުޅުމާބެހޭ ހުރިހާ ކަމެއް ވަރަށް ހަރުދަނާ އުޞޫލެއްގެ މަތިން ރޭވިފައިވާ ދީނަކަށްވާކަން. އިސްލާމްދީނަކީ އެނގިވަޑައިގަންނަވާނެ ފަދައިން، ހަމައެކަނި އަޅުކަމުގެ ދީނެއް ނޫން. ތަރައްޤީގެ ދީން. އުނގެނުމުގެ ދީން. އިޤްތިޞާދީ، އިޖްތިމާޢީ ކުރިއެރުމުގެ ދީން. ޤާނޫނު، އޭގެ އެންމެ ފުރިހަމަގޮތުގައި ބަޔާންކުރެވިފައިވާ ދީން. ޤައުމުތަކުގެ މެދުގައި އޮންނަންވާ ގުޅުންތަކާއި ހަނގުރާމައާއި ޞުލްޙައިގެ ކަންތައްތަކާއި ވިޔަފާރިއާއި އިޤްތިޞާދުގެ ކަންތައްތައް، އިންސާނީ ޘަޤާފަތާއި ޢިލްމުވެރިކަމާއި ހުނަރުވެރިކަމާއި ފަންނުގެ ކަންތައްތައް. އެ ހުރިހާ ކަމެއް ވަރަށް ފުރިހަމަ ހަރުދަނާ އުޞޫލެއްގެ މަތިން ރޭވިފައިވާ ދީނެއް. އެ އުޞޫލުތައް އަޅުގަނޑުމެންނަށް ދީނުގެ އަޞްލުތަކުން ލިބިދެއްވާފައިވާ ދީނެއް. އެހެންކަމަށްވުމާއެކު، އިސްލާމީ ނަޒަރަކުން ޞިއްޙަތުގެ މައްޗަށް ބަލައިލުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، މާތްވެގެންވާ އިސްލާމްދީނުގައި ޞިއްޙަތަށް ދެއްވާފައިވަނީ ވަރަށް މަތިވެރި އަހަންމިއްޔަތެކޭ ދެންނެވުމަކީ، އަޅުގަނޑު ހިތުން ތީގެތެރެއިން އެއްވެސް ބޭފުޅަކު އިންކާރު ކުރައްވާނެ ކަމެއްނޫން. އާދެ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ޚާއްޞަ ކަންތައްތަކެއް، ވަރަށް ޚާއްޞަ ފަސްކަމެއް ރައްކާތެރިކުރުމަށް އަމުރުކުރައްވައި އަންގަވާފައިވޭ. އެ ފަސްކަމަކީ، ދީނުގެ ޟަރޫރިއްޔާތުގެ ފަސްކަމޭ، ބައެއް ޢިލްމުވެރިން ލިޔުއްވާފައިވޭ. އެ ފަސްކަމަކީ، ތިމާގެ ދީން ރައްކާތެރިކުރުން. ތިމާގެ ނަފްސު ރައްކާތެރިކުރުން. ތިމާގެ ސިކުނޑި ރައްކާތެރިކުރުން. ތިމާގެ ދަރިފަސްކޮޅު ރައްކާތެރިކުރުން. ތިމާގެ މުދާ ރައްކާތެރިކުރުން. މި ފަސްކަންތައް ރައްކާތެރިކުރުން މިއީ، ދީނުގެ އެންމެ މުހިންމު މަޤްޞަދުތަކުގެ ތެރެއިންވާ ކަންތައްތަކެއް. މި ކަންތައްތަކަށް ދީނުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ ޟަރޫރިއްޔާތުގެ ފަސްކަންތަކޭ.

އާދެ، މި ޟަރޫރިއްޔާތުގެ ފަސްކަންތަކުގެ ތެރެއިން، ދެ ކަމެއްގައި އަޅުގަނޑުމެންގެ ޞިއްޙަތާ ގުޅޭ ކަންތައްތަކެއްވޭ. އާދެ، އޭގެތެރެއިން އެއްކަމަކީ ނަފްސު ރައްކާތެރިކުރުން. އަޅުގަނޑުމެންގެ ފުރާނަ ރައްކާތެރިކުރުން. އަޅުގަނޑުމެންގެ ހަށިތައް ރައްކާތެރިކުރުން. އެހެންވީމާ، ޝައްކެއްނެތްގޮތުގައި، ފުރާނަ ރައްކާތެރިކުރުމާއި، އަޅުގަނޑުމެންގެ ހަށިތައް ރައްކާތެރިކުރުމާއި، ހަށިގަނޑުގެ ގުނަވަންތައް ރައްކާތެރިކުރުމާއި، ޙިއްޞުތައް ރައްކާތެރިކުރުމާއި، އަޅުގަނޑުމެންގެ ޖިސްމާނީ ބާރުތައް ރައްކަތެރިކުރުން އެއީ ދީނުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާ ކަމެއް. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ "وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ." (البقرة 195) "ތިޔަބައިމީހުން އަމިއްލަ އަތުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެތެރެއަށް އެއްލާނުލާށޭ." ހަލާކުގެތެރެއަށް ތިޔަބައިމީހުން ގަސްތުގައި ހުށަނޭޅޭށޭ. ހަލާކުން ރައްކާތެރިވާށޭ. ހަލާކުން ރައްކާތެރިކުރަންޖެހެނީ ހަމައެކަނި އަޅުގަނޑުމެންގެ ނަފްސުތަކެއް ނޫން. އަޅުގަނޑުމެންގެ ފުރާނަ، އަޅުގަނޑުމެންގެ ނަފްސުތައް، އަޅުގަނޑުމެންގެ ޙިއްޞުތައް. އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ދެއްވާފައިވާ އަޅުގަނޑުމެންގެ ހަށިތަކުގެ ފާރުތައް.

މި ދެންނެވި ފަސްކަންތަކުގެ ތެރެއިން އަނެއްކަމަކީ، އަޅުގަނޑުމެންގެ ސިކުނޑި ރައްކާތެރިކުރުން. ސިކުނޑި ރައްކާތެރިކުރުން، ވިސްނުން ރައްކާތެރިކުރުން، ބުއްދި ސަލާމަތުން ބެހެއްޓުން، މިއީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. ޝައްކެއްނެތްގޮތުގައި، މާތްﷲ ހުރިހާ މަޚްލޫޤުންގެ ތެރެއިން އިންސާނާ އިސްކުރައްވައި، އެންމެ މާތް މަޚްލޫޤަކީ އިންސާނާ ކަމަށް ލައްވާފައިވަނީ، އިންސާނާއަށް ބުއްދީގެ ނިޢުމަތް ދެއްވާފައިވާތީ، އެކަމުގެ ސަބަބުން. އެހެންވީމާ، އެ ނިޢުމަތް ރައްކާތެރިކުރުން، އެއީ، ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ކަމެއް. އެއާނުލައި އިންސާނަކު، އިންސާނަކަށް ނުވާނެ. މި ނުކުތާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ހަށިތައް ސަލާމަތުން ބެހެއްޓުމެއް ނޫނޭ. އަޅުގަނޑުމެންގެ ވިސްނުން ސަލާމަތުން ބެހެއްޓުން، ސިކުނޑި ރައްކާތެރިކުރުން. އަޅުގަނޑުމެންނަށް ނަފްސާނީގޮތުން ޞިއްޙަތެއް، ފުރިހަމަ ޞިއްޙަތު ލިބިފައިވުން. މިއީވެސް ޞިއްޙަތު ރައްކާތެރިކުރުމުގެ ވަރަށް މުހިންމު ބައިތަކެކޭ. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މިދެންނެވި ޟަރޫރިއްޔާތުގެ ފަސްކަންތަކުގެ ތެރެއިން ދެ ކަމެއް ރައްދުވަނީ އަޅުގަނޑުމެންގެ ފުރާނައާއި ހަށިތަކާއި ޞިއްޙަތު ސަލާމަތް ކުރުމަށް ކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، ދީނުގައި ޞިއްޙަތަށް ދެއްވާފައިވަނީ ވަރަށްވެސް މަތިވެރި އަހަންމިއްޔަތެއް.

رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ކަމުގައި އަލްބުޚާރީ ރިވާކުރައްވާފައިވޭ. "نِعْمَتانِ مَغْبُونٌ فِيهِما كَثِيرٌ مِنَ النَّاسِ؛ الصِّحَّةُ والفَرَاغُ." ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ ދެ ނިޢުމަތެއްވެއޭ. އެ ދެ ކަންތަކުގައި، ވަރަށްގިނަ މީހުންނަށް އެ ދެ ކަންތަކާ ދޭތެރޭގައި އޮޅިފައިވާ، އެމީހުންނަށް އޭގެ ޙަޤީޤަތް އޮޅުންނުފިލާ ނުވަތަ އޭގެ ބޭނުން ފުރިހަމައަށް ނުކުރެވޭ. އެ ދެ ނިޢުމަތަކީ ތިމާގެ ޞިއްޙަތާއި އަދި ތިމާއަށް ހެޔޮ ޢަމަލު ކުރުމަށް ހުސްވަގުތު ލިބުމާ، މި ދެ ކަންތަކޭ. އެހެންވީމާ، މި ޙަދީޘުންވެސް ކީރިތި ރަސޫލާ ޞިއްޙަތަށް ދެއްވާފައިވާ މަތިވެރި އަހަންމިއްޔަތު އަޅުގަނޑުމެންނަށް ސާފުވެގެންދޭ.

ހަމައެފަދައިން، އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވޭ. "الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيْفِ، وَفِى كُلٍّ خَـيْـرٌ." މުއުމިނުންގެ ތެރެއިން ޞިއްޙަތު ސަލާމަތުން ހުންނަ، ހަށިގަނޑުގައި ބާރުތައް ފުރިހަމަކޮށް ހުންނަ މުއުމިނާ، ﷲގެ ޙަޟްރަތުގައި ހެޔޮކަންބޮޑޭ، އަދި ﷲ އެމީހާ ދެކެ ލޯބިވެވޮޑިގަތުން ބޮޑޭ، ބަލިކަށި ބާރެއްނެތް މުއުމިނަކަށްވުރެ. އެހެންނަމަވެސް، އެ ދެބައިމީހުންގައިވެސް ހެޔޮކަންވެއޭ. ބަލިބައްޔަށް ބޭސްކުރުން، ބަލިޖެހުނީމާ ބޭސްކުރުން. ޝައްކެއްނެތްގޮތުގައި، އެއީ ޞިއްޙަތު ސަލާމަތް ކުރުމަށް، ނުވަތަ ޞިއްޙަތު ދެމެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެއް. އެކަންވެސް އޮތީ އަޅުގަނޑުމެންގެ މާތް ދީނުގައި އަންގަވާފައި. ބަލިވެއްޖިއްޔާ ބޭސްކުރުމަށްވަނީ ކީރިތި ރަސޫލާ އަމުރުކުރައްވާފައި ނުވަތަ އިރުޝާދު ދެއްވާފައި. އަޞްޙާބު ބޭކަލުން ދެންނެވި، "يَا رَسُوْلَ اللهِ" "އޭ رَسُوْلُ اللهِ ގެފާނޭ." "أفَنَتَدَاوَى" "ފަހެ ތިމަންމެން ބަލިވެއްޖެނަމަ، ތިމަންމެން ބޭސްކުރަންވީހޭ." "قَالَ" އެކަލޭގެފާނު ޙަދީޘް ކުރެއްވިއޭ. "نَعَمْ" އާނއެކޭ "يَاعِبَادَ اللهِ" "އޭ ﷲގެ އަޅުތަކުންނޭވޭ." "تَدَاوَوْا" "ތިޔަބައިމީހުން ބޭސްފަރުވާ ލިބިގަންނާށޭ. ބަލިވެއްޖިއްޔާ ބޭސްކުރާށޭ." "فَإِنَّ اللهَ لَمْ يَضَعْ دَاءً؛ إلَّا وَضَعَ لَهُ شِفَاءً غَيْرَ دَاءٍ وَاحِدٍ هُوَ الْهَرَم." ރަސޫލާ ޙަދީޘް ކުރައްވަނީ، "ހަމަކަށަވަރުން اللّـه سبحـانـه وتعـالى ބިމުގައި އެއްވެސް ބައްޔެއް ނުލައްވައޭ، އެއަށް ޝިފާއެއް ނުލައްވާ. އެބައްޔަށް ޝިފާއެއް ނުލައްވައި، ލައްވާފައިވަނީ ހަމަ އެންމެ ބައްޔެކޭ. އެއީ މުސްކުޅިވުމޭ."

ހަމައެފަދައިން، އަޅުގަނޑުމެން ދީނުގެ ޢިބާދާތްތައް ދަސްކުރާއިރު ނުވަތަ ދީނުގައި އަންގަވާފައިވާ ޢިބާދާތްތައް އަޅުގަނޑުމެން ޤާއިމުކުރާއިރު، ސާފުތާހިރުކަމަށާއި، ތިމާގެ ހަށިގަނޑާއި، ފޭރާމާއި، ތިމާ އުޅޭ ތާނގެ ޠާހިރުކަމުގެ މައްޗަށް ދީނުގައި ދެއްވާފައިވާ އަހަންމިއްޔަތު އަޅުގަނޑުމެންނަށް އެނގޭ. އަޅުކަން ޞައްޙަވަނީވެސް ތިމާ ސާފުތާހިރުކަންމަތީގައި ހުރެގެން، އެ އަޅުކަން ކުރާ ކަމުގައިވަންޏާ. ތިމާގެ ހަށިގަނޑާއި ފޭރާމާއި، އެ އަޅުކަން ކުރާ ތަނެއް ޠާހިރުވެގެންވަންޏާ. އެހެންވީމާ، ދީނުގައި ކަނޑައަޅުއްވާފައިވަނީ ހިނައިގަތުން. ނަމާދުކުރަން ބޭނުންވެއްޖެނަމަ ވުޟޫކުރުން. ވުޟޫކުރުމުގެ ތެރޭގައި ހަށިގަނޑުގެ އެންމެ ފަސޭހައިން ހަޑިވާ ހުރިހާ ގުނަވަނެއް، ގުނަވަންތަކެއް ދޮވުން ހިމެނޭ. ތިމާގެ ދެއަތް، މޫނު، ބޮލުގެ އިސްތަށިގަނޑު، ކޯ ދޮންނަންޖެހޭ. މިހެންގޮސް، ނޭފަތުގެ އެތެރެއަށް ފެންލާންޖެހޭ. ފައި ދޮންނަންޖެހޭ. މި ގުނަވަންތައް މިއީ އެންމެ ފަސޭހައިން ކިލާވެ ހަޑިވުމަށް ހުށަހެޅޭ ގުނަވަންތައް. އެހެންވީމާ، އެ ގުނަވަންތައް ދުވާލަކު ފަސްފަހަރު މަދުވެގެން ދޮންނަ ކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، އެމީހާއަށް ވަރަށްބޮޑު ސާފުތާހިރު ކަމެއް ލިބޭނެ. ވުޟޫކުރުމާއި ހިނައިގަތުމާ، މިކަންތައްތަކުގެ އިތުރަށް، ދަތް އުނގުޅުން، ބޯ އޮމާންކުރުން، ސާފުތާހިރު ފޭރާންލުން، މިހުރިހާ ކަމެއް މިއީވެސް ދީނުގައި އިރުޝާދު ދެއްވާފައިވާ ކަންތައްތައް.

އަޅުގަނޑުމެންގެ ގޯތިގެދޮރު ސާފުތާހިރުކަންމަތީ ބެހެއްޓުމަށް އިރުޝާދު ދެއްވައި ރަސޫލާ ޙަދީޘް ކުރައްވާފައިވޭ. "نَظِّفُوْا أَفْنِيَتَكُمْ وَلَا تَشَبَّهُوْا بِالْيَهُودِ." "ތިޔަބައިމީހުން ދިރިއުޅޭ ގޯތިގެދޮރު ސާފުކުރާށޭ. ޠާހިރުކުރާށޭ. ތިޔަބައިމީހުންނަކީ ޔަހޫދީންފަދަ ބައެއް ކަމުގައި ނުވާށޭ. އެމީހުންނާ އެއްފަދަ ނުވާށޭ." މި ޙަދީޘްފުޅުން އެނގޭ، ޔަހޫދީންނަކީ ސާފުތާހިރުކަމަށް މާބޮޑު ސަމާލުކަމެއްދޭ ބައެއް ނޫންކަން. ދެން އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "إِنَّ الله تَعَالَىٰ طَيِّبٌ يُحِبُّ الّطِيْبَ." ހަމަކަށަވަރުން اللّـه سبحـانـه وتعـالى އީ އެކަލާނގެއަށް ހެޔޮކަން ނިސްބަތްވެގެންވާ ކަލާނގެއެކޭ. "نَظِيْفٌ يُحِبُّ النَّظَافَة." "އެކަލާނގެއަކީ އެކަލާނގެއަށް، އެކަލާނގެ ޙަޟްރަތަށް ޠާހިރުކަން، ސާފުކަން ނިސްބަތްވެގެންވާ ކަލާނގެއެކޭ." "كَرِيْمٌ" "އެކަލާނގެއަކީ ދީލަތިވަންތަ ކަލާނގެއޭ." "يُحِبُّ الْكَرَمَ." "އެކަލާނގެ ދީލަތިކަންދެކެ ލޯބިވެވޮޑިގެންވެއޭ." "جَوَادٌ يُحِبُّ الْجُوْدَ." "އެކަލާނގެއަކީ ދީލަތިކަމަށް ލޯބިވެވޮޑިގެންވާ ދީލަތިވަންތަ ރަސްކަލާނގެއޭ." "فَنَظِّفُوا أَفْنِيَتَكُمْ وَلَا تَشَبَّهُوْا بِالْيَهُودِ." ފަހެ ތިޔަބައިމީހުން ދިރިއުޅޭ ގޯތިގެދޮރު ސާފުތާހިރުކުރާށޭ. އަދި ތިޔަބައިމީހުން ޔަހޫދީންނާ އެއްފަދަ ބަޔަކުކަމުގައި ނުވާށޭ. މި ދެންނެވި ޢިބާރާތް މި ޙަދީޘުގައި ދެފަހަރު ތަކުރާރު ކުރައްވާފައިވޭ. ޙަދީޘް ފަށްޓަވާއިރުވެސް މި ވިދާޅުވަނީ، އަންގަވަނީ ތިޔަބައިމީހުންގެ ގޯތިގެދޮރު ސާފުކޮށް ބަހައްޓާށޭ. ޙަދީޘް ނިންމަވާލައްވަމުންވެސް ހަމަ ވިދާޅުވަނީ އެހެން. އެހެންވީމާ އެނގޭ، އެކަމަކީ ރަސޫލާ ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއްކަން. އެކަމުގެ ބޭނުންތެރިކަން ބޮޑުކަމުގެ މައްޗަށް ހުރިހާ މުސްލިމުންނަށް އިރުޝާދު ދެއްވާފައިވާކަން.

ދެންމެ ވާހަކަފުޅު ދެއްކެވި ބޭބޭފުޅުންގެ ވާހަކަފުޅުންވެސް އެނގިގެން ހިނގައްޖެ، ތިމާ ހެޔޮ ޙާލުގައި ހުރުމާއި، ތިމާގެ ޞިއްޙަތު ދެމެހެއްޓުމާއި، ރައްކާތެރިކުރުމާ، މިކަންކަމުގައި ވަރަށް މުހިންމު ދެބައެއް ހިމެނޭކަން. އޭގެތެރެއިން އެއްބަޔަކީ ބަލިވެއްޖިއްޔާ ބޭސްކުރުން. އަނެއްބަޔަކީ ބަލިބަލިން ދިފާޢުވުމަށްޓަކައި ކުރިން ފިޔަވަޅު އެޅުން. އަޅުގަނޑު އިސްވެދިޔަ ތާނގައި ދެންނެވި ބައެއް ވާހަކައިގައި ޚާއްޞަކޮށް، ރަސޫލާގެ ޙަދީޘްފުޅުގައި، ތިމާ ބަލިވެއްޖިއްޔާ ބޭސްކުރުމަށް އަންގަވާފައިވާކަން ކޮންމެވެސްވަރަކަށް ދަންނަވާލައިފިން. ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގައި ނުވަތަ ބަލިބަލިން ރައްކާތެރިވުމުގައި ދެވަނަ ބަޔަކަށް މިވަނީ ބަލިޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން. އެކަން އެއީވެސް ދީނުގައި ދޫކޮށްލައްވާފައިވާ ކަމެއްނޫން. އެކަމާ ބެހޭ ވަރަށް މުހިންމު އިރުޝާދުތަކެއް ދީނުގައި ދެއްވާފައިވޭ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ، "إِذَا سَمِعْتُمُ الطَّاعُونَ بِأَرْضٍ فَلَا تَدْخُلُوْهَا وَإِذَا وَقَعَ بِأَرْضٍ وَاَنْتُمْ فِيْهَا فَلَا تَخْرُجُوامِنْهَا." "ޠާޢޫނު" ބަލި އާދެ، ''ޕްލޭގް'' ބިމެއްގައި ނުވަތަ ރަށެއްގައި އުޅޭކަމުގެ ވާހަކަ ތިޔަބައިމީހުން އަހައިފިނަމަ، އޭގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެނަމަ، އެބިމަކަށް، އެރަށަކަށް ތިޔަބައިމީހުން ނުދާށޭ. އެތަނަކަށް ނުދާށޭ." "وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ فِيْهَا." "ތިޔަބައިމީހުން ތިބި ރަށެއްގައި ޠާޢޫނު ފެތުރިއްޖިއްޔާ "فَلَا تَخْرُجُوا مِنْهَا." "ތިޔަބައިމީހުން އޭރު ތިބި ތަނުން ދުރަށްނުދާށޭ. އެރަށުން ބޭރުވެގެން އެހެން ތަންތަނަށް ނުދާށޭ."

އާދެ، އެފަދަ ނުރައްކާތެރި ބައްޔެއް އުޅޭ ތަނަކަށް ނުދިއުމުގެ ބޭނުމަކީ، އެބަލިން ތިމާ ރައްކާތެރިވުން. އެފަދަ ނުރައްކާތެރި ބައްޔެއް ފެތުރިފައިވާ ތަނަކުން ނުކުމެގެން އެހެން ތާކަށް ނުދިޔުމުގެ ބޭނުމަކީ، ތިމާގެ ފަރާތުން އެހެން މީހުންނަށް އެބަލި ވާޞިލްވިޔަނުދިނުން. އެއީ ޝައްކެއްނެތްގޮތުގައި، ރައްކާތެރިވުމަށް އަޅަންޖެހޭ ވަރަށް ބޭނުންތެރި ފިޔަވަޅެއް. މިކަމާ ބެހޭގޮތުން ދެވަނަ ޚަލީފާ ޢުމަރުބުނުލް ޚައްޠާބުގެ ފަރާތްޕުޅުންވެސް ވަރަށް މުހިންމު ޙާދިޘާއެއް ވާރިދުވެފައިވޭ.

އާދެ، އިބްނު ޢައްބާސް ރިވާކުރައްވާ. ޢުމަރުގެފާނު ޝާމްކަރަޔަށް ވަޑައިގަތުމަށްޓަކައި ދަތުރު ހައްދަވައިގެން، އަޞްޙާބު ބޭކަލުންގެ ވަރަށް ގިނަ ބަޔަކު ގޮވައިގެން ދަތުރުކުރައްވަމުން ވަޑައިގެންނެވިއޭ. އެ ދަތުރު ކުރައްވަމުން ވަޑައިގަންނަވަމުން ''ސަރްޣު'' ކިޔާ މަންޒިލަކާ ހަމައަށް ވަޑައިގަތުމާއެކު، އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން ޢުމަރުގެފާނާ ބައްދަލުކުރައްވައި ވިދާޅުވިއޭ، ''ޝާމްކަރައިގައި ވަރަށް ނުރައްކާތެރި ވަބާއެއް އެބައުޅެއޭ. އެހެން ވިދާޅުވުމުން، ޢުމަރުގެފާނު އިބްނު ޢައްބާސް އަރިހުގައި ވިދާޅުވީ "ތިމަންނާއަށް މުހާޖިރުންގެ ހުރިހާ ބޭކަލުން، ތިމަންނާއާ އެކުގައި މި ދަތުރު ކުރައްވާ ބޭކަލުންގެ ތެރެއިން މުހާޖިރިއްޔަ ބޭކަލުން މިތަނަށް ގެނެސްދެއްވާށޭ." ދެން ހުރިހާ މުހާޖިރިއްޔަ ބޭކަލުން ގެނެސްދެއްވީމާ، ޢުމަރުގެފާނު އެބޭކަލުންނާ މަޝްވަރާ ކުރައްވައި ހެއްދެވީ. ކިހިނެއްތޯ ހައްދަވާނީ. އެ ދަތުރު ކުރައްވާގޮތަށް ޝާމްކަރައަށް ވަޑައިގަންނަވާނީތޯ، އެރަށުގައި އެ ވަބާ އުޅޭކަމުގައިވިޔަސް. ނޫނީ ދަތުރުފުޅު އެ ހިސާބުން ހުއްޓަވާލައްވާފައި އެނބުރި ވަޑައިގަންނަވާނީތޯ. މުހާޖިރުންގެ ބަސް ތަފާތުވި. އެއްބައި ބޭފުޅުން ވިދާޅުވީ "ތިޔަ ވަޑައިގަންނަވަނީ ވަރަށް މުހިންމު ބޭނުމަކުއޭ. އެހެންވީމާ، އެ މުހިންމު ބޭނުމަށްޓަކައި ދަތުރުފުޅު ކުރިއަށް ގެންދަވާށޭ ތިމަންމެންނަށް ފެންނަނީ. އެނބުރި ވަޑައިގަތުމެއް ނޫނޭ." އަނެއްބައި ބޭކަލުން ވިދާޅުވީ، އިރުޝާދު ދެއްވީ، ނުވަތަ ލަފާދެއްވީ، ޢުމަރުގެފާނު އެނބުރި މަދީނާއަށް ވަޑައިގަތުމަށް. އެބޭފުޅުން ވިދާޅުވި. "ކަލޭގެފާނު އަރިހުގައި ކީރިތި ރަސޫލާގެ އަޞްޙާބުންގެ ތެރެއިން ވަރަށް ޢިއްޒަތްތެރި، ވަރަށްބޮޑެތި ބޭފުޅުން އެބަ ތިއްބެވިއޭ. އެބޭފުޅުންގެ ޞިއްޙަތު އެފަދަ ނުރައްކަލަކަށް ހުށަހެޅުއްވުމަކީ ތިމަންމެންނަށް ފެންނަ ކަމެއް ނޫނޭ. އެހެންވީމާ، ފެންނަނީ އެނބުރި ވަޑައިގަތުމޭ." އެބޭފުޅުން ޚިލާފުވެވަޑައިގަތީމާ ޢުމަރުގެފާނު އެކަމާ ނުރުހުންވެވަޑައިގަންނަވައިގެން، ދެން އިބްނު ޢައްބާސްގެ އަރިހުގައި ވިދާޅުވީ އަންޞާރުންގެ ބޭކަލުން، ތިމަންނާ އަރިހުގައި މިދަތުރު ކުރައްވާ އަންޞާރުންގެ ބޭކަލުން މިތަނަށް ގެނެސްދެއްވާށޭ. އަންޞާރުންގެ ބޭކަލުން ވަޑައިގަތީމާ ޢުމަރުގެފާނު ވިދާޅުވި، ތިމަންމެން މިދަތުރުކޮށްފައި މިދަނީ ޝާމްކަރައަށޭ. އެތާނގައި ވަރަށް ނުރައްކާތެރި ވަބާއެއް އެބައުޅެއޭ. ކިހިނެއްތޯއޭ ހަދާނީ. މުހާޖިރިއްޔަ ބޭކަލުންނެކޭ އެއްފަދައިން އެބޭކަލުންގެ މެދުގައިވެސް ޚިލާފު އުފެދުނު. ހަމަ ކުރިން މުހާޖިރިއްޔަ ބޭކަލުން އެ ވިދާޅުވިފަދައިން، ދެގޮތަކަށް ބުނީ. ޢުމަރުގެފާނު އެކަމާ ނުރުހުންވެވަޑައިގަންނަވައިގެން ވިދާޅުވީ "ތިމަން އަރިހުގައި މި ދަތުރު ކުރައްވާ ބޭފުޅުންގެ ތެރެއިން ޤުރައިޝްވަންހައިގެ އެންމެ އިސްބޭފުޅުން ގެނެސްދެއްވާށޭ." އެބޭފުޅުން އެތަނަށް ވަޑައިގަތުމުން، ޢުމަރުގެފާނު މި މައްސަލަ ހުށަހެޅުއްވީމާ، އެހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަތީ، ޢުމަރުގެފާނު އެނބުރިވަޑައިގެން، މަދީނާއަށް ވަޑައިގަތުމަށް. ހުރިހާ ބޭފުޅުންވެސް ލަފާ ދެއްވީ، އެފަދަ ނުރައްކާތެރި ވަބާއެއް ޝާމްކަރައިގައި އުޅެނިކޮށް އެތަނަށް ވަޑައިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް. އަދި އެނބުރިވަޑައިގެން މަދީނާއަށް ވަޑައިގަތުން ރަނގަޅުވާނެ ކަމަށް.

އެހެންވީމާ، ޢުމަރުގެފާނު ނިންމެވީ، ދަތުރު އެ ހިސާބަށް ކުރުކޮށްލައްވާފައި، އެނބުރި މަދީނާއަށް ވަޑައިގަތުމަށް. ހުރިހާ އެންމެންނަށް އެންގެވީ، މިރޭ ފަތިސްވާއިރު ތިމަންނާ ތިމަންނާގެ އަހުގެ މައްޗަށް ނުވަތަ ދަތުރުކުރައްވާ ސަވާރީގެ މައްޗަށް ސަވާރުވެވަޑައިގަންނަވާނަމޭ. ތިޔަބައިމީހުން އެންމެންވެސް ތިޔަބައިމީހުންގެ ސަވާރީތަކުގެ މައްޗަށް ސަވާރުވާށޭ. އެނބުރިދާނީ މަދީނާއަށޭ. އެހެން ވިދާޅުވުމުން، އަބޫ ޢުބައިދާ، ޢުމަރުގެފާނު އަރިހުގައި ވިދާޅުވިކަމަށްވަނީ "أَفِرَارً مِنْ قَدَرِالله" "ކަލޭގެފާނު ތިޔަ ފިލާވަޑައިގަންނަވަނީ މާތްﷲގެ މިންވަރުފުޅުންތޯއޭ؟" އެހެން ވިދާޅުވީމާ، އުމަރުގެފާނު ވިދާޅުވަނީ "ތިޔަބަސް ބުނުން އެކަށީގެންވަނީ އަބޫ ޢުބައިދާ ފިޔަވައި އެހެން މީހެކޭ." އެހެން ވިދާޅުވެފައި ވިދާޅުވީ، "أَرَأَيْتَ لَو كَانَ لَكَ إِبْلٌ فَهَبَطتَ وَادِيًا لَهُ عَدْوَتَانِ، إِحْدَاهُمَا خَصْبَةٌ وَاْلأُخْرَى جَدْبَةٌ، أَلَيْسَ إِنْ رَعَيْتَ الْخَصْبَةَ رَعَيْتَهَا بِقَدَرِاللهِ، وَإِنْ رَعَيْتَ الْجَدْبَةَ رَعَيْتَهَا بِقَدَرِاللهِ؟" ވިދާޅުވަނީ "ކަލޭގެފާނު ޖަމަލުތަކެއް ގެންގުޅުއްވާ ބޭކަލަކު ކަމުގައިވަނީނަމަ، އެ ޖަމަލުތަކާއިގެން ވާދީއަކަށް ވަޑައިގެންނެވި ކަމަށް ތަޞައްވުރު ކުރައްވާށޭ. ހިތްޕުޅަށް ގެންނަވާށޭ. ދެން، އެވާދީގެ އެއްފަރާތަކީ ރަނގަޅަށް ވިނަހެދިފައި، ގަސްގަހާގެހި ހުރި ފަރާތެކޭ. އަނެއް ފަރާތަކީ އެއްވެސް ވިނައެއް، ގަހެއް އެއްޗެއް ނެތް ހަނަފަސް ބިމެކޭ. އެހެންވީމާ، އެ ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށް އެ ޖަމަލުތައް ގެންދެވި ކަމުގައިވިޔަސް، އެކަން ހިމެނެނީ ﷲގެ މިންވަރުފުޅުގެ ތެރޭގައި ނޫންހޭ؟ މުރާދަކީ އެ ދެފަރާތުންކުރެ ފަރާތެއް އިޚްތިޔާރު ކުރެއްވުން އޮތީ ކަލޭގެފާނުގެ އަތްޕުޅުމަތީގައޭ. އެ ގަސްގަހާގެހި ހުރި ފަރާތަށް، ވިނަހުރި ފަރާތަށް ޖަމަލުތައް ގެންދަވައިގެން އެއަށް ކާނާ ދެއްވިނަމަ، އެކަން އެކުރައްވަނީވެސް ﷲގެ މިންވަރުފުޅުގެ ތެރެއިންނޭ. އެއާ ޚިލާފަށް، އެއްވެސް ގަހެއް، ވިނައެއް އެއްޗެއް ނެތް ހަނަފަސް ފަރާތަށް ވަޑައިގެން، އެ ޖަމަލުތައް އެތާނގައި ބޭތިއްބި ކަމުގައިވިޔަސް އެއީވެސް ﷲގެ މިންވަރުފުޅުގެ ތެރެއިންވާ ކަމެއްނޫންހޭ؟ އެހެންވީމާ، ތިމަން މި ފިލާވަޑައިގަންނަވަނީ ﷲގެ ޤަދަރުން، ﷲގެ މިންވަރުފުޅުން ﷲގެ މިންވަރުފުޅަށޭ."

އާދެ، އެހެންވީމާ އެނގޭ އެއްޗަކީ، މިންވަރުފުޅަށް އީމާންވުމާއި، ތިމާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާ، އެދޭތެރޭގައި އެއްވެސް ކަހަލަ ތަޢާރުޟެއް ނެތްކަން. ހަމައެފަދައިން، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ރަސޫލާ އިރުޝާދު ދެއްވާފައިވާ ޙަދީޘެއްގައިވޭ. "لَايُورِدُ مُمْرِضٌ عَلَى مُصِحٍّ" "ތިޔަބައިމީހުންގެ ތެރެއިން ބަލިމީހަކު، ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ގާތަށް ނުދާށޭ. ތިމާ ބަލިވެއްޖިއްޔާ، ތިމާ ފަސޭހަވަންދެން އެ ހުރި ތަނެއްގައި ހުންނާށޭ. އެއޮތް ތަނެއްގައި އޮންނާށޭ. ޞިއްޙަތު ސަލާމަތުން ތިބި މީސްމީހުންގެ ކައިރިއަށް ގޮސްގެން، ކަލޭގެ ސަބަބުން އެމީހުންނަށް އެބަލި ޖެހޭގޮތް ނަހަދާށޭ.

އާދެ، މާތްވެގެންވާ އިސްލާމްދީނުގައި، ތިމާގެ ޞިއްޙަތާ ބެހޭގޮތުން، ޞިއްޙަތު ސަލާމަތުން ބެހެއްޓުމާ ބެހޭގޮތުން ވަރަށް މަތިވެރި އިރުޝާދުތަކެއް ދެއްވާފައިވޭ. އޭގެތެރެއިން އެންމެ މުހިންމު އެއް އިރުޝާދަކީ ކެއިންބުއިމާއި، ތިމާގެ އާދަކާދަތަކުގައި ރަނގަޅު އުޞޫލަކަށް ކަންތައް ކުރުން. ތިމާ ކައިބޮއި ހަދާއިރު، ރަނގަޅު އެއްޗެތި، ޙަލާލު އެއްޗެތި ކައިބޮއި ހެދުން. ﷲ ޙަރާމްކުރައްވާފައިވާ ތަކެތި، އެތަކެތި ކެއުމުން ނުވަތަ އެތަކެތި ބުއިމުން ތިމާގެ ހަށިގަނޑަށް ނުވަތަ ތިމާގެ ޞިއްޙަތަށް ނުވަތަ ތިމާގެ ވިސްނުމަށް، ސިކުނޑިއަށް ގެއްލުމެއް ލިބޭ އެއްވެސްކަހަލަ އެއްޗެއް ކައިބޮއި ނެހެދުން. އަދި ﷲ ޙަލާލު ކުރައްވާފައިވާ ތަކެތި ކައިބޮއި ހަދާއިރުވެސް، މެދުމިނަކަށް އެކަންތައް ގެންދިޔުން. ﷲ ވަޙީކުރައްވަނީ " يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ " (البقرة 172) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ، ތިޔަބައިމީހުން ކާށޭ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ރިޒްޤު ދެއްވި ހެޔޮ ތަކެތިން." ކީރިތި ރަސޫލާއާ ބެހޭގޮތުން ތައުރާތުގައިވާކަމަށް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގައިވޭ. "وَيُحِلُّ لَهُمُ ٱلطَّيِّبَـٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَـٰٓئِثَ" (الأعراف: 157) "ކީރިތި ރަސޫލާއީ އެމީހުންނަށް ހެޔޮތަކެތި ޙަލާލުކޮށްދެއްވާ އަދި ނުބައިތަކެތި، ހެޔޮނޫން ތަކެތި، އެމީހުންގެ މައްޗަށް ޙަރާމްކުރައްވާ ރަސޫލެކޭ."

މެދުމިން އުޞޫލެއް ކެއިންބުއިމުގައި ގެންގުޅުމަށް އަމުރުކުރައްވައި ނުވަތަ އިރުޝާދު ދެއްވައި ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވޭ، "وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ" (الأعراف: ٣١) "ތިޔަބައިމީހުން ކާށޭ އަދި ބޯށޭ. އެހެންނަމަވެސް، އިސްރާފް ނުކުރާށޭ. އެހެނީ اللّـه سبحـانـه وتعـالى އިސްރާފުކުރާ މީހުންދެކެ ލޯބިވެވޮޑިގެނެއްނުވެއޭ." އާދެ، ޢަރަބިބަހުން "އިސްރާފް" މި ލަފްޒު މިބޭނުންކުރަނީ އަޅުގަނޑުމެން ދިވެހިން އިސްރާފް ބޭނުންކުރާ ގޮތަކަށްނޫން. އަޅުގަނޑުމެން ބޭނުންކުރަނީ ކާއެއްޗެތި ހަދާފައި، އޭގެ ބޭނުންނުކޮށް އުކާލުމަށް ނުވަތަ ދޫކޮށްލުމަށް. ޢަރަބިބަހުގައި އިސްރާފް ބޭނުންކުރަނީ ހައްދުފަހަނައަޅައިދާގޮތަށް ކަންތައް ކުރުމަށް. ތިމާ އެހުރިހާ އެއްޗެތި ކޭ ކަމުގައިވިޔަސް، އެކުރެވެނީ އިސްރާފެއް. ބޭނުންނޫންވަރަށް ކަންޏާ އެ ކުރެވެނީ އިސްރާފް. ބޭނުންނޫންވަރަށް ތަކެތި ބޮއި ހަދަންޏާ އެކުރެވެނީ އިސްރާފް. އެހެންވީމާ، އަންގަވަނީ އެގޮތަށް ނަހަދާށޭ. ތިމާގެ ޞިއްޙަތަށް ބޭނުންވާވަރަށް، ހަމައެކަނި އެ މިންވަރަށް ކާށޭ. އެއްޗެތި ބޯއިރުވެސް ހަމައެކަނި އެމިންވަރަށް ބޯށޭ. އޭގެ އިތުރުން ކައިބޮއި ނަހަދާށޭ.

އާދެ، މިޒަމާނުގައި ދުނިޔޭގެ އެތަންމިތާނގައި ކަންތައްތައް ހިނގާ ގޮތަށް ވިސްނާއިރު، ވަރަށް ދެކޮޅުނުޖެހޭ ކަންތައްތައް ހިނގަމުންދާކަމަށް އަޅުގަނޑު ހިތުން ހަމަ ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެ. މިސާލަކަށް، އިންސާނީ ޙައްޤުތަކަށް ލޯބިކުރާކަމަށް، އިންސާނީ މިނިވަންކަން ރައްކާތެރިކުރުމަށް ގޮވާލާ ފަރާތްތަކުން އެހެން ޤައުމުތަކަށް ޙަމަލަދީ، ބޮންއަޅާ، މީސްމީހުން މަރާ ހަދާތަން ފެނޭ. އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރާކަމަށް ވަކާލާތުކުރާ މީސްމީހުން ނުވަތަ މުއްސަނދި ޤައުމުތަކުން، ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުގެ އިޤްތިޞާދަށް ހުރަސްއަޅާކަހަލަ ކަންތައްތައް ކުރަމުން ގެންދޭ. އެމީހުން ބުނާ އެއްޗަކާއި ކުރާ ޢަމަލަކާ ދިމައެއްނުވޭ. ޞިއްޙީ ދާއިރާއަށް ވިސްނާއިރުވެސް، ދުނިޔޭގެ ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކާއި، ކުރިއަރަމުން އަންނަ ފަޤީރު ޤައުމުތަކާ ދޭތެރޭގައި ނަޒަރު ހިންގާލާއިރު، ވަރަށް ދެކޮޅުނުޖެހޭ ކަންތައްތަކެއް ފެނިގެންދޭ.

އާދެ، އަޅުގަނޑުމެން ފަޤީރު ޤައުމުތަކުގެ މީހުންނަށް ފުރިހަމަ ޞިއްޙަތެއް ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑުމެންނަށް ފުދޭވަރަށް ކާބޯތަކެތި ނުލިބޭކަން. އައްސަވާނެ، އެފްރިކާގެ ޤައުމުތަކުގައި، ވަރަށް ގިނަ ޢަދަދަކަށް މީހުން ބަނޑުހައިހޫނުކަމުގައި ތިބެނީ. އޭގެ ސަބަބުން މީހުން އަނަރޫފަވެ، ހިކި، އެހެންގޮސް ވަރަށްގިނަ ޢަދަދެއްގެ މީހުން މަރުވެގެން އެބަދޭ. އެފްރިކާ ނޫން އެހެން ޤައުމުތަކުގައިވެސް، ކުދި ޤައުމުތަކުގައި ފުދޭވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން މީސްމީހުންގެ ޞިއްޙަތު ހަލާކުވެ، ކަމީނާވެ، އެމީހުންނަށް ކުރިއެރުމުގެ މަގުތައް ބަންދުވެގެންދޭ.

ހުޅަނގުގެ މުއްސަނދި ޤައުމުތަކަށް ވިސްނާއިރު، ކަންތައް ފެންނަނީ އެއާ ދިމާއިދިކޮޅަށް. އެމީހުން އަތުގައި ކާބޯތަކެތި ގިނަވެގެން، ހަމައެކަނި ކާބޯތަކެތި ގިނަވެގެނެއް ނޫން. އެމީހުން ކާބޯތަކެތީގެ ބޭނުންކުރާލެއް ގިނަކަމުން، އެމީހުންނަށް އެކި ވައްތަރު ވައްތަރުގެ ބަލިޖެހެނީ. ހިތުގެ ބަލިތައް، ލޭ އަވަސްވުމުގެ ބަލިތައް. ބަނޑުގެ ބަލިތައް. އެހެން ގޮސް ވަރަށް ގިނަ ވައްތަރު ވައްތަރުގެ ބަލިޖެހޭ. އެންމެ މުހިންމު އެއް ސަބަބެއް ކަމުގައި ޑަކްޓަރުން ނުވަތަ ކަމާބެހޭ މާހިރުން ބުނަނީ، އެމީހުން ބޭނުންވާރަށްވުރެ ގިނައިން ކައިބޮއިއުޅޭކަން. އެހެންވީމާ، އެއްކޮޅުން ފަޤީރު ޤައުމުތަކުގައި ކާބޯތަކެތި ނުލިބިގެން، މީހުންގެ ޞިއްޙަތު ހަލާކުވެގެންދަނީ. އަނެއްކޮޅުން މުއްސަނދި ޤައުމުތަކުގައި، އެތާނގެ އަހުލުވެރިން ކައިބޮއި ހަދާލެއް ގިނަކަމުން، އެމީހުންގެ ޞިއްޙަތު ހަލާކުވެގެންދަނީ.

އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި މިއޮތީ އެކަން މެދުމިނަށް ގެންދަން. ރަސޫލާ ޙަދީޘް ކުރައްވާފައިވޭ. "ތިމަންނާމެންނަކީ ބަނޑުހައިވުމުން ނޫނީ ނުކާ ބައެކޭ. އަދި ތިމަންނާމެން ކައިފިއްޔާ ނުވަތަ ކާން އިށީނދެއްޖިއްޔާ ބަނޑުފުރުމުގެ ކުރިން ތެދުވާ ބައެކޭ." އެހެންވީމާ، އެއިންވެސް އެ އަންގަވަނީ މިކަހަލަ ކަންތައްތަކުގައި މެދުމިން އުޞޫލެއް ގެންގުޅެން. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޞިއްޙަތު ހަލާކުވުމުގެ އެންމެބޮޑު އެއް ސަބަބަކީ، އަޅުގަނޑުމެންނަށް މިކަހަލަ ކަންތައްތަކުގައި މެދުމިން އުޞޫލު ނުގެންގުޅެވޭކަން. ކޮންމެ ކަމެއްގައިވެސް ހައްދުފަހަނައަޅައިދާކަން. ބައެއްކަހަލަ އާދަތަކަކީ ޞިއްޙަތަށް ގެއްލުންހުރި އާދަތަކެއް ކަމުގައި އަޅުގަނޑުމެންނަށް އެނގޭއިރުވެސް، އެ އާދަތައް ދޫކޮށްނުލެވޭކަން. އާދެ، ބައެއް އާދަތަކަކީ ދޫކޮށްލަން މާފަސޭހަ ނޫން އާދަތަކަކަށް ވެދާނެ. އެހެންނަމަވެސް، ބުއްދިވެރިގޮތަކީ ވެވުނުވަރަކުން އެކަންތައްތައް މަދުކުރެވޭތޯ ބެލުން. އެކަހަލަ ގޮތަކަށް އަޅުގަނޑުމެން ވިސްނައިގެން އުޅުނިއްޔާ ނޫނީ، އެއްވެސް ޙާލެއްގައި، އަދި ސަރުކާރުން މަސައްކަތްތަކެއް ކުރިޔަސް ނުވަތަ ޞިއްޙީ ޚިދުމަތްތަކާބެހޭ ޕްރޮގްރާމްތަކެއް ރާވައިގެން، އެ ޕްރޮގްރާމްތައް ހިންގިޔަސް، އަޅުގަނޑުމެންނަށް އެދެވިގެންވާ ޞިއްޙަތެއް ނުލިބޭނެ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތު ރައްކާތެރި ކުރުމެއް ނޫނޭ. އެއަށްވުރެ ތަންކޮޅެއް ފުޅާ ދާއިރާއަކަށް އަޅުގަނޑުމެންގެ ނަޒަރު ގެންދަންޖެހޭނެއޭ. އާދެ، އަޅުގަނޑުމެންގެ ދަރިންގެ ޞިއްޙަތާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެއޭ. މިހާރު އެކިއެކި ހޯދުންތަކުން އެނގޭގޮތުގައި، ހަމައެކަނި މިހާރަކު ނޫން، މީގެކުރިންވެސް ޑަކްޓަރުންނާއި، ކަމާބެހޭ މާހިރުން ކުރާ މަސައްކަތްތަކުން އެނގިފައިވާ ގޮތުގައި އަދި މިހާރު އިތުރަށް އެނގެމުންދާ ގޮތުގައި، ވަރަށް ގިނަ ބަލިބައްޔަކީ ވާރުތަވާ ބަލިތަކެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ހުރުމުން، އޭގެ ފައިދާ ލިބޭނީ ހަމައެކަނި އަޅުގަނޑުމެންނަކަށް ނޫން. އަޅުގަނޑުމެންގެ ދަރިންނަށްވެސް އޭގެ ފައިދާ ލިބޭނެ. އަޅުގަނޑުމެންނަށް ނުރައްކާތެރި ބަލިބަލިޖެހުމުން، އޭގެ ނަތީޖާ، އޭގެ ނުބައި ނަތީޖާ އަޅުގަނޑުމެންގެ ދަރިންނަށްވެސް ކުރިމަތިނުވެއެއް ނުދާނެ.

އެހެންވީމާ، އަޅުގަނޑުމެން މީހުންނާ އިނދެގެން އުޅޭއިރު އެއީ ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ އުފަލަށް ކުރާ ކަމެއް ކަމުގައި ދެކިގެންނެއް ނުވާނެ. އަޅުގަނޑުމެންނަށް ހަމައެކަނި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކުރާ ކަމެއް ކަމުގައި ބަލައިގެންނުވާނެ. އަޅުގަނޑުމެންގެ ވަރަށްބޮޑު މަޤްޞަދެއް އަދި ޝަރުޢުގައި ކަނޑައަޅުއްވާފައިވާ މަޤްޞަދެއް، މުޖްތަމަޢަށާއި ޤައުމަށް ފައިދާހުރި ދަރިފަސްކޮޅެއް ހޯދުން. އެހެންވީމާ، އަޅުގަނޑުމެން ހޯދާ ދަރިންނަކީ، ޞިއްޙަތު ސަލާމަތުން ތިބި ބައެއް ކަމުގައި ހެދުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. އެއީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތާ ދޭތެރޭގައި ވިސްނައި ޢަމަލުކުރާއިރު، އަޅުގަނޑުމެންގެ ދަރިންނާ ދޭތެރޭގައި، މުސްތަޤްބަލްގައި ލިބެން ތިބި ދަރިންނާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނަންޖެހޭނެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށްގިނަ ތަފާތު ބަލިބަލި މިހާރަކަށްއައިސް ފެތުރެމުންދޭ. ޚާއްޞަކޮށް ކުޑަކުދިންގެ ބަލިތައް. އޭގެތެރޭގައި، އެކުދިންނަށް ލޭއަޅަންޖެހޭ ބަލިތައްވެސް ރާއްޖޭގައި މިހާރު ވަރަށްގިނަ. އަޅުގަނޑު ހިތުން އެބާވަތުގެ ބަލިތަކަކީވެސް އަޅުގަނޑު މިދެންނެވި އުޞޫލުން ވިސްނާކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެއިން ސަލާމަތްވެވިދާނެ ބަލިތަކެއް. ދުނިޔޭގެ ބައެއް ތަންތާނގައި މީހުން، މީހުންނާ އިނުމުގެ ކުރިން، ޑަކްޓަރުންގެ ގާތަށްގޮސް ކުރަންޖެހޭ ޓެސްޓުތައްކޮށް، އެ އިންނަ މީހާޔާ ތިމާޔާ ދޭތެރޭގައި، އެދެމީހުން އިނދެފިއްޔާ، އެދެމީހުންގެ ކުދިންނަށް ނުރައްކާތެރި ބައްޔެއް ނުވަތަ ޞިއްޙީގޮތުން އެފަދަ އެއްވެސްކަހަލަ ނޭދެވޭ ކަމެއް ދިމާވެދާނެތޯ ބަލައި ހަދާ. ހަދާފައި އެފަދަ ކަމެއް ދިމާނުވާނެ ކަމަށްވަންޏާ އެމީހުން އިންނަނީ. އެކަހަލަ އުޞޫލެއް ގެންގުޅުމަކީ އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. އެއީ ދަރިން ލިބުމަށްފަހުގައި، އެކުދިންގައި މިދެންނެވި ކަހަލަ އެކިއެކި ބަލިތައް ހުރުމުން، އެކުދިންނަށް ދެން ބޭސްކުރަމުން ގެންދިޔުމަށްވުރެ، އެފަދަ ބަލިކުދިން ނުލިބޭނެ ގޮތެއްގެ މަތިން އަޅުގަނޑުމެންގެ ބުއްދީގެ ބޭނުންކޮށްގެން، ވިސްނައިގެން، އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓިއްޔާ، ޝައްކެއްނެތްގޮތުގައި، މުސްތަޤްބަލްގައި އަޅުގަނޑުމެންގެ ކުދިން އެއީ، ޞިއްޙަތު ސަލާމަތުން ތިބި ކުދިން ކަމުގައި ހެދިދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެ. އެހެންނަމަވެސް، ވާހަކަ ނިންމާލުމުގެ ކުރިން އަދި އެއް ވާހަކައެއް ދަންނަވާލާހިތްވޭ. އެއީ ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި ނުކުތާއެއް. ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގައި ކަސްރަތުގެ ބޭނުމުގެ މައްޗަށް އަލިއަޅުއްވައިލެއްވި. އެކިއެކި ކަސްރަތުކުރުމާއި، ހަށިގަނޑަށް ތަމްރީނު ލިބޭކަހަލަ ކުޅިވަރު ކުޅުމުގެ މުހިންމުކަމުގެ މައްޗަށް. އަދި އެކަންތައް މިހާރު ރާއްޖޭގައި ކުރިއަށްވުރެ ބޮޑަށް ފެތުރިގެންދާ ކަމަށް ވިދާޅުވި. އެއީ، ވަރަށް ރަނގަޅު ކަމެއް ކަމުގައިވެސް ވިދާޅުވި. އާދެ، މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ، ރާއްޖެއިން ބޭރަށްދިޔަ ކުޅިވަރު ޓީމަކާ މުޚާޠަބުކޮށް ވާހަކަ ދެއްކި ދެއްކުމެއްގައި، އަޅުގަނޑު ބުނިން، އިސްލާމްދީނުގައި ކުޅިވަރަށްވެސް އަހަންމިއްޔަތު ދެއްވާފައިވެއޭ. ކުޅިވަރު ކުޅުމަކީ ރަނގަޅު ކަމެކޭ. އެއީ އެ ކުޅިވަރުގެ ސަބަބުން ތިމާގެ ޞިއްޙަތަށް އެއިން ފައިދާ ލިބޭތީ. ތިމާގެ ހަށިގަނޑުގެ ބާރުތައް ވަރުގަދަވާތީ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްވެސް އަޅުގަނޑު އެކުދިންނަށް ކިޔައިދިނިން. ތިޔަބައިމީހުންގެ ދަރިންނަށް އެކިއެކި ހަނގުރާމައިގެ ހުނަރުތައް ދަސްކޮށްދޭށޭ. ފަތަން ދަސްކޮށްދޭށޭ. އަސްދުއްވަން ދަސްކޮށްދޭށޭ. އެއީ އޭރުގެ ހަނގުރާމަކުރުމަށް ބޭނުންވާ ކަންތައްތައް. އޭރުން އެކުދިން އެ ހުނަރުތަކަށް ފަރިތަވެ، އެކުދިންގެ ހަށިތައް ވަރުގަދަވެ، ފައިދާހުރި، ޤައުމަށް ފައިދާހުރި ކުދިން ކަމުގައި އެކުދިންވާނެތީ. އެވާހަކަ ދެއްކުމާ ގުޅިގެން އަޅުގަނޑު ގާތުގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވީ، "ކުޅިވަރު ކުޅުމަކީ ދީނުގައި އަހަންމިއްޔަތު ދެއްވާ ކަމެއް ކަމުގައި ތިޔަބުނަނީ ކީއްވެހޭ؟ ﷲ އަންގަވާފައި ނުވޭހޭ، ތިމަންރަސްކަލާނގެ އިންސީންނާއި ޖިންނީންނާ ހެއްދެވީ ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށޭ. އެހެންވީމާ، ކޮބައިހޭ ކުޅިވަރު ކުޅުމުގެ ބޭނުމަކީ." ދެން އަޅުގަނޑަށް އެބޭފުޅަކު އަރިހުގައި ދަންނަވަންޖެހުނީ، ތިޔަޖެހުނީ އަނެއް ކަންތަކާއޭ. އެއީ މާތްﷲ އިންސާނާ ދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ ޚަލީފާއެއްގެ ގޮތުގައި ކަމަށްކަން ނާއްސަވަމުތޯއޭ؟ "وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً." (البقرو: 30) އާދަމުގެފާނު ދުނިޔެއަށް ފޮނުއްވުމަށްޓަކައި اللّـه سبحـانـه وتعـالى މަލާއިކަތުންނަށް ވަޙީކުރެއްވިކަމަށް ޤުރްއާނުގައި އަންގަވާފައިވަނީ، "ހަމަކަށަވަރުން، ކަލޭގެފާނުގެވެރިރަސްކަލާނގެ ބިމުގައިޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ!"

ހަމައެފަދައިން، ﷲ ވަޙިކުރައްވާފައިވޭ. "وَهُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ ٱلْأَرْضِ." (الأنعام: 165) "އެކަލާނގެއޭ ތިޔަބައިމީހުންނަކީ ބިމުގައި ޚަލީފާތަކެއް ކަމުގައި ލެއްވި ކަލާނގެއަކީ." އަޅުގަނޑު އެބޭފުޅަކު އަރިހުގައި ދެންނެވީ، މިހެން ވަޙީކުރައްވާފައިވާ ކަމެއް ނާއްސަވަމުތޯއޭ؟ ބިމުގައި އިންސާނުން ﷲ ލައްވާފައިވަނީ އެކަލާނގެ ޚަލީފާއިންގެ ގޮތުގައި ކަމާއި، މިދުނިޔޭގައި އެކަށީގެންވާ ހަރުދަނާ ޙަޟާރަތެއް، ތަހުޒީބެއް ޤާއިމުކޮށް، ބާއްޖަވެރި ދިރިއުޅުމެއް ދިރިއުޅެމުން ގެންދިޔުމަށް ﷲ އަންގަވާފައިވާ ކަމެއް ދެނެވަޑައިގެން ނެތީމުތޯއޭ؟ ޢިލްމީގޮތުންނާއި، ޞިނާޢީގޮތުންނާއި، އިޤްތިޞާދީ ގޮތުން މުސްލިމުން ކުރިއަށްދިޔުމަށް ކީރިތި ޤުރްއާނުގައި އަދި މާތް ރަސޫލާގެ ޙަދީޘުގައި ބާރުއަޅުއްވާފައިވާ ކަމެއް ދެނެވަޑައިގެން ނެތީމުތޯއޭ؟ އިރާއި ހަނދާއި ތަރިތަކާ، މިތަކެތި ދައުރުކުރާގޮތް ބަލައި، މާތްﷲ މިކައުނުގައި ލައްވާފައިވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް ހޯދައި، އެކަލާނގެ ކައުނުގައި ލައްވާފައިވާ ބާރުތައް ހޯދައި، އެބާރުތަކުގެ ބޭނުންކޮށްގެން، އިންސާނީ ޙަޔާތް، އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންގޮސް، ތަރައްޤީވާން ދީނުގައި ބާރު އަޅުއްވާފައިވާކަން ދެނެވަޑައިގެން ނެތީމުތޯއޭ؟ އިންސާނުންނަކީ މި ދުނިޔޭގައި ﷲގެ ޚަލީފާއިން ކަމުގައި ލެއްވި ހިނދު، މުސްލިމުންނަކީ ހުރިހާ އިންސާނުންގެ މައްޗަށް ޢިއްޒަތް ދެއްވާފައިވާ އަދި މުސްލިމުންނަކީ އެހެނިހެން ޤައުމުތަކުގެ މީހުނަށްވުރެ ޢިއްޒަތްހުރި، ބާރުގަދަ، އަބުރުވެރި ބަޔަކު ކަމުގައިވުމަށް ﷲ އަންގަވާފައިވާ އެންގެވުން ދެނެވަޑައިގެން ނެތީމުތޯއޭ؟ ޝައްކެއްނެތް، މިހުރިހާ ކަމަކަށް ދީނުގައިވަނީ އަންގަވާފައި.

އެހެންވީމާ، ކުޅިވަރު ކުޅުން އެއީ، ދީން ހުއްދަކުރާ ކަމެއް ނޫން ކަމުގައި ނުވަތަ ދީން އެއަށް ބާރުއަޅާކަމެއް ނޫން ކަމުގައި ބުނާ ބުނުމަކީ، އަޅުގަނޑު ހިތުން ވަރަށް ހަނި ނަޒަރަކުން ބަލާ މީހަކަށް ބުނެވިދާނެ އެއްޗެއް. އެއްވެސް ޙާލެއްގައި މާތްވެގެންވާ އިސްލާމްދީނުގެ ޙަޤީޤީ އުޞޫލުތަކަށް ބަލާ މީހަކަށް އެހެން ބުނެވޭކަށެއް ނޯންނާނެ. ދީނުގައި އަޅުކަންކުރުމަކީ، އަޅުގަނޑުމެން މި ހިތަށްއަރާ، ނަމާދުކުރުމާއި، ރޯދަހިފުމާއި، ޒަކާތްދިނުމާއި، ޙައްޖުވުމާ، މިކަންތައްތަކަށްވުރެ މާފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ކަންތައް. އަޅުގަނޑު މި ދެންނެވި ހުރިހާ ކަމެއް ހިމެނެނީ، ދީނީ ނަޒަރުން ބަލާއިރު، އިސްލާމީ ނަޒަރުން ބަލާއިރު، އަޅުކަންތަކުގެ ތެރޭގައި. މުސްލިމުން ވަރުގަދަވުން. މުސްލިމުން، އެމީހުންނަކީ ދުނިޔޭގައި ޢިއްޒަތް ލިބިގެންވާ، ކުރިއަރާފައިވާ ބަޔަކު ކަމުގައިވުން. އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ތަރައްޤީވެފައިވާ ބަޔަކު ކަމުގައިވުން. ޣައިރު މުސްލިމުން، މުސްލިމުންނަށްދޭ ޙަމަލަތަކާއި، އަނިޔާތަކުން ދިފާޢުވެވޭފަދަ ބާރާއި އާރު އެމީހުންގައި ހުރުން. "وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ."(الأنفال: 60) اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، "ތިޔަބައިމީހުން ތިޔަބައިމީހުންގެ ޢަދުއްވުންނާ ދިމާކުރުމަށްޓަކައި ތިޔަބައިމީހުން ތައްޔާރުވާށޭ. އަދި ތިޔަބައިމީހުންގެ އާރާއި ބާރު ވަރުގަދަކުރާށޭ. ތިޔަބައިމީހުން އެކަމަށް ތައްޔާރުވެ ތިބޭށޭ."

އެހެންވީމާ، މިހުރިހާ ކަމެއް ކުރުމަށް ދީނުގައިވަނީ އަންގަވާފައި. ދީނުގައި އަންގަވާފައިވާ ކޮންމެ ކަމެއް އެއީ ޢިބާދަތެއް. އެއީ އަޅުކަމެއް. ﷲ ކުރައްވާފައިވާ ކޮންމެ އަމުރަކަށް ތަބަޢަވުން އެއީ އަޅުކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރަން އަންގަވާފައިވަނީ. "وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا." (القصص: 77) "އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައި ނުލާށޭ!" މިކަން އެއީވެސް، އެވަނީ އަމުރަކަށް. ﷲ ކުރެއްވި އަމުރަކަށް. ﷲގެ އަމުރަށް ކިޔަމަންވުން އެވަނީ ޢިބާދަތަކަށް. އަޅުކަމަކަށް.

އެހެންވީމާ، އަޅުކަމަކީ ބައެއް މީހުން އެ ހީކުރާހެން، ހަމައެކަނި ވަކިކަހަލަ ކަންތައްތަކެއް ކޮށްލައިގެން ތިބުމެއް ނޫން. ދުނިޔަވީގޮތުންވެސް އިންސާނާއަށް ފައިދާހުރި ކޮންމެ ކަމެއް ކުރުމަކީ، ހަރުދަނާ ދިރިއުޅުމެއް ހޯދޭތޯ މަސައްކަތްކުރުމަކީ، ތަނަވަސްކަމާއި ތަރައްޤީއަށް އުންމީދުކޮށްގެން، ދީނީ އުޞޫލުތަކާ ޚިލާފުނުވާގޮތުގެމަތިން، މުސްލިމުންނަށް ތަރައްޤީ ހޯދުމާއި، އިސްލާމީ އުންމަތަށް ތަރައްޤީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކީ ﷲ އަމުރުކުރައްވާފައިވާ ކަމެއް. އެއީ އަޅުކަމެއް.

އާދެ، މިހާހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެއްދުވަހުން އަނެއްދުވަހަށް ޞިއްޙީގޮތުން ކުރިއެރުމުގެ ތައުފީޤު ދެއްވައި އަދި ސަރުކާރުން ޞިއްޙީ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ރާވާ އެކިއެކި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ކާމިޔާބުކުރައްވައި، ދިވެހި ރައްޔިތުންނަކީ ބާއްޖަވެރި، އުފާވެރި، ޞިއްޙީގޮތުންވެސް ފުރިހަމަ ދިރިއުޅުމެއް އުޅޭބަޔަކު ކަމުގައި ލެއްވުން އެދި ދުޢާކުރަމުން.

"ޞިއްޙަތު ކުރިއެރުވުމުގައި އެއްބާރުލުން އިތުރުކުރުމާބެހޭ ސެމިނާރު" ހުޅުވައިދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

والسّــلام عليكم ورحمـة اللّـه وبركاته.