ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންނަހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށާއި އަދި އެއީ ދައުލަތުން އިސްކަންދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ވުމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެއްކަމަށެވެ. އަދި، އެކުވެރި ދައުލަތްތަކުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަސައްކަތްފެށި އިރު، ދިވެހިރާއްޖެއަކީ މިކަަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ޤައުމުކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވިއެވެ. އަދި، ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރުމުގައި އަންހެނުންގެ ދައުރު އިތުރަށް ފާހަގަވާންޖެހޭ ކަމަށާއި، ޑިޕްލޮމަސީގައި މިންހަަމަވުމަށް ދިވެހިރާއްޖެއިން ވަކާލާތުކުރައްވާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމަކީ ޚާރިޖީ ގުޅުންތައް ފުޅާކުރުމުގައި އަންހެންކަނބަލުންގެ ދައުރު ފާހަގަކޮށް، މިފަދަ ދާއިރާތަކުގައި އަންހެންކަނބަލުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބިގެންދާ ހިތްވަރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖެއިން މިންތީގެ ފަރަގު ނައްތާލުމަށް އަބަދުވެސް ވަކާލާތުކުރަމުން ގެންދާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ސަބަބުން، މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރުލިބި، އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރެވޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ސަލާމަތާއި ތަރައްޤީ، ކުރިމަގުގައި ބައްޓަންވެ، ތަރައްޤީވަމުންދާނީ އަންހެންކަނބަލުންގެ ބައިވެރިވުމާއެކު، އެކަނބަލުންގެ އިސްނެގުމާއެކުކަމުގައި ކުރައްވާ އުންމީދު އައުކުރައްވަމުންނެވެ.