މާލޭގެ ހަތަރު ސަރަޙައްދެއް ރީޑިޒައިން ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަފްޞީލުތައް ހާމަކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަތަރު ސަރަޙައްދުގެ ތަފްޞީލު ދެއްވަމުން، އެއް ސަރަޙައްދަކީ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދު ކަމަށާއި، އެސަރަޙައްދު އަމާޒު ކުރެވެނީ، ގިނަ ބުރިތަކަށް ޢިމާރާތް ކުރެވިފައި ހުންނަ ޞިނާޢީ ބޭނުންތަކަށް ބޭނުންކުރާ، ޒަމާނާ އެކަށީގެންވާ ރަނގަޅު ޢިމާރާތެއް ހެދުމަށް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ކާރު ޕާކް ކުރުމާއި، ލޮރީ ޕާކް ކުރުމާއި، ގުދަން ކުރުމާއި، ވަޑާންގެއާއި، ގަރާޖާއި، ވާރކްޝޮޕާ، މިބާވަތުގެ މަސައްކަތްތައް ހިންގާ އެކިތަންތަން އެސަރަޙައްދަށް ބަދަލުކުރެއްވުންވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެސަރަޙައްދުން ބިން ވިއްކެވުމަށް ނިންމަވާފައިވާ ނިންމެވުމަށް އިޝާރާތް ކުރައްވަމުން، ބިން ވިއްކެވުމަށް ނިންމެވި މައިގަނޑު ތިންސަބަބެއް، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މާލޭގައި މިހާރު ބިމުގެ އަގު ވަރަށްބޮޑުވެފައި ވުމާއެކު، މާލޭގެ ބިމުގެ އަގު ހެޔޮކުރެއްވުމަށްޓަކައި ސަރުކާރުން ބިން ބާޒާރަށް ނެރުއްވުމަކީ ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ބިމުގެ އަގު ތިރިކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، މާލޭގެ ބިން ވިއްކުމުގެ އެހެންވެސް އިޤްތިޞާދީ ބޭނުން އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މާލޭގެ އަނެއް ސަރަޙައްދުގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވާފައިވަނީ، މާލޭ މާރުކޭޓް ކަމަށާއި، އެސަރަޙައްދުގައި ގިނަ ބުރިތަކަކަށް މައްޗަށް ހެދޭ މާރުކޭޓެއް ހެއްދެވުމަށްވަނީ ނިންމަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، އެ ސަރަޙައްދަށް ބޭނުންވާނެ އެކިއެކި ޚިދްމަތްތައް ލިބޭނެގޮތަށް، އެ ސަރަޙައްދު ޕްލޭންކޮށް، އެ ސަރަޙައްދު ބިނާކުރުންވެސް ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތިންވަނަ ސަރަޙައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ދަރުބާރުގެއިން ފެށިގެން ލޮނުޒިޔާރަތްކޮޅު މާލޭތިލައާ ހަމައަށް އޮތް ސަރަޙައްދެވެ. މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ކަސްރަތާ، މިބާވަތުގެ ކަންކަމަށް އެ ސަރަޙައްދު އެކީގައި ކަނޑައަޅައި، އެފަދަ ޚިދްމަތްތައް ލިބޭނެ ގޮތަކަށް އެތަންވެސް ރީޑިޒައިން ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ރީޑިޒައިން ކުރެއްވުމަށް ނިންމަވާފައިވާ މާލޭގެ ހަތަރުވަނަ ސަރަޙައްދަކީ، ސަރުކާރުގެ އޮފީސްތަކާއި، ރައްޔިތުންގެ މަޖިލީސްކުރާ ގެޔާއި އަދި މާލޭގެ ސަރުކާރުގެ އޮފީސް ސަރަޙައްދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރަވީ ބިލްޑިންގ ހުސްކޮށް، އެތަނުގައި ކާރު ޕާކްކުރާނެ ތަންތަނާއި، އެނޫންވެސް އެހެން ޖާގަ އޮންނާނެހެން ތަންތަން ހެދުމާއި، ކުރީގައި އެޓޮލްސް މިނިސްޓްރީ ހިންގަމުން ގެންދިޔަ ފާށަނާ ބިލްޑިންގ ތަޅާލައި، އެތަނުގައިވެސް އެހެނިހެން ޚިދްމަތްތަކަށް ޖާގަ ހުޅުވާލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މުޅި މާލޭގެ ތަރައްޤީގެ ޕްލޭން ހިންގުނީމާ، މާލެއަށް ކިތަންމެ ތަނެއް ލުއިވެގެންދާނެ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މި ޕްލޭންތަކުގެ ޢަމަލީ މަސައްކަތްތައް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މިއަހަރުގެ ތެރޭގައި އަތޮޅުތަކުގައިވެސް ވަރަށްގިނަ މަސައްކަތްތައް އެބަ ފެށޭކަން ހާމަކުރެއްވިއެވެ. ފަންސާހަށްވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް، އިރާދަކުރެއްވިއްޔާ، މިއަހަރު ފެށޭނެ ކަމަށާއި، 10 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް، ރާއްޖޭގެ އަތޮޅުތަކުގެ އެކިތަންތަނުގައި ފަށައިގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފަނަރަވަރަކަށް ރަށުގެ ބަނދަރު ހަދަން އަލަށް ފެށޭނެކަމާއި، 7 ރަށެއްގެ ބިން ބޮޑުކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސަރުކާރުން މިހާރު މިހާގިނަ މަސައްކަތްތައް ފެށްޓެވޭގޮތް މިވަނީ، ސަރުކާރުގެ ވަރަށް މައިގަނޑު ދެ ސިޔާސަތެއް ކާމިޔާބުވަމުންދާތީ ކަމަށާއި، އެއީ، ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން ހިންގާ އަމިއްލަ މަޝްރޫޢުތައް އިތުރުކޮށް ހިންގޭނެގޮތް ފަހިވެގެންދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ރާއްޖޭގައި ސަރުކާރަށް މަސައްކަތް ކޮށްދިނުމަށް ބޭރުގެ ބޮޑެތި ކޮންޓްރެކްޓަރުން އެއްބަސްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން މަސައްކަތްތައް ކުރައްވާއިރު، މިކަމަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ، ސަރުކާރުގެ ސިވިލް ސަރވަންޓުންކަން ފާހަގަކުރެއްވިއެވެ. އަދި އިއްޔެ އެމަނިކުފާނު ސަރުކާރުގެ ޕަރމަނަންޓް ސެކްރެޓަރީންނާ ބައްދަލުކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވަމުން، އެބޭފުޅުންނާ މަޝްވަރާ ކުރެއްވީ، އެބޭފުޅުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއެކީގައި މިހާރަށްވުރެވެސް ބޮޑަށް މަސައްކަތް ހިންގެވޭނެ ގޮތްތަކެއް ހޯއްދެވުމާ ގުޅޭގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕަރމަނަންޓް ސެކްރެޓަރީންގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެހީތެރިވެދެއްވެން އޮތް ކަންތައްތައް ބައްލަވައި، އެހީތެރިވެދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މި ފެށޭ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވިއެވެ. އަދި ރޯދަމަހުގައި ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދެއްވައި ހިފެހެއްޓެވުމަށް ސަރުކާރުން ވަރަށްބޮޑު މަސައްކަތެއް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.