މެލޭޝިޔާގައި ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިވެހި ކިޔަވާ ކުދިންނަށް ފޯރުވައިދިނުމަށް ބާއްވާ މެލޭޝިޔަން އެޑިޔުކޭޝަން ފެއަރ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިރޭ ހުޅުއްވައިދެއްވައިފިއެވެ.
ދަރުބާރުގޭގައި މި ފެއަރ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ތަޢުލީމީ ދާއިރާއިން، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި މެލޭޝިޔާއިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ވަރަށް ގިނަ ޒުވާނުން މެލޭޝިޔާއިން ޔުނިވަރސިޓީ ތަޢުލީމް ޙާޞިލް ކޮށްފައިވާކަމަށާއި، މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ދިވެހިން މެލޭޝިޔާގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމް ޙާޞިލް ކުރަމުން ގެންދާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގައި ޔުނިވަރސިޓީއެއް ޤާއިމް ކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށް ދާގޮތުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. ސަރުކާރުގެ ވިސްނުންފުޅު ހުރީ ރާއްޖޭގައި ޤާއިމް ކުރެވޭ ޔުނިވަރސިޓީއެއްގައި ރާއްޖެއާ ގުޅޭ، އެދާއިރާތަކުން ރާއްޖެއަށް އެހެން ޤައުމުތަކާ އަޅާބަލާއިރު ކުރިއަށް ގެންދެވިދާނެ މަދު ދާއިރާތަކުން މަތީ ފެންވަރުގެ ކޯސްތައް ހިންގެވުމަށް އިސްކަންދެއްވުމަށްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މެލޭޝިޔަން އެޑިޔުކޭޝަން ފެއަރއަކީ، މެލޭޝިޔާގެ ވިނިން މެގްނިޓިއުޑާއި، ވިލާ ފައުންޑޭޝަނާއި، ރާއްޖޭގެ އެޑިއުކެއަރ ގުޅިގެން ބާއްވާ މަތީ ތަޢުލީމުގެ ފެއަރ އެކެވެ. މިއީ މިފެއަރ ބޭއްވޭ ވިހިވަނަ ފަހަރެވެ. މިފަހަރުގެ ފެއަރގައިވެސް މެލޭޝިޔާގެ މަތީ ތަޢުލީމުގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ބައިވެރިވެއެވެ.