ސިމްޑީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް އެތެރެކުރާ ބައިނަލްއަޤްވާމީ އުފެއްދުންތަކާއި އެ ކުންފުނިން ދޭ ޚިދުމަތްތައް ދައްކާލުމަށް ބާއްވާ "ސިމްޑީ ޓްރޭޑް ޝޯ 2010"، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވޭ މި ޓްރޭޑް ޝޯ ހުޅުއްވައިދެއްވުމުގެ ގޮތުން، މިއަދު ހެނދުނު އެ ރިޒޯޓްގައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިވެރިންނަކީ، ޤައުމުގެ ތަރައްޤީގެ ބައިވެރިން ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވިޔަފާރިކުރުމަކީ ސަރުކާރުގެ މަސައްކަތެއްކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، ސަރުކާރުގެ ދައުރަކީ، ވިޔަފާރިއަށް މަގުފަހިކޮށްދެއްވައި، ވިޔަފާރި ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ތައްޔާރުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒް ކުރެއްވުމުގެ ސިޔާސަތު ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބައްލަވާލައްވަމުން، ފާއިތުވި ދުވަސްތަކުގައި ދުނިޔޭގެ އިޤްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ މި އިންޑަސްޓްރީ ދަށަށް ގޮސްފައި އޮތުމަށްފަހު، މިހާރު އަނެއްކާވެސް އަންނަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވާ ހީނަރުކަމުން އަރައިގަތުމުގަޔާއި، ޓޫރިޒަމް އިންޑަސްޓްރީގެ ކާމިޔާބީގެ ފަހަތުގައި، ސިމްޑީ ކޮމްޕެނީއާއި އެ ކުންފުނިފަދަ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ އުފެއްދުންތަކާއި ޚިދުމަތް ފޯރުވައިދޭ ވަރަށް ގިނަ ކުންފުނިތަކެއްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ތާރީޚަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖޭގައި މި އިންޑަސްޓްރީ ތަރައްޤީވަމުން އައިއިރު، ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އޮތީ، މެދު ފަންތީގެ ޓޫރިސްޓުންނަށް ނުވަތަ މިޑް މާކެޓް ޓޫރިޒަމަށް އަމާޒު ކުރެވިފައިކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މިހާރުގެ އަމާޒަކީ، ރާއްޖޭގައި އަނެއްކާވެސް މެދު ފަންތީގެ ޓޫރިސްޓުންނަށް އަމާޒުކުރެވޭ، ޓޫރިސްޓް މާކެޓެއް ތަރައްޤީ ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ކަމަށް މަގުފަހި ކޮށްދެއްވުމުގެ ގޮތުން ކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.