بسـم اللّـه الرّحمـن الرّحيـم
اَلْحَمْـدلِلّـَه رَبِّ العَـالَمِينَ، جَعَلَ الْعَدْلَ قِوَامَ الدِّيْنِ، وَالشُّورَى أَسَاسَ الحُكْمِ الْمَتِينِ، وَالصَّلاَةُ وَالسَّلاَمُ عَلى خَاتَمِ الأَنْبِيَاءِ وَالْمُرْسَلِينَ، أَقَامَ مَبْدَأَ العَدَالَةِ وَالْمُسَاوَاةِ بَيْنَ النَّاسِ أَجْمَعِينَ، وَبَيَّنَ لَنَا حُقُوقَ الْحَاكِمِيْنَ وَاْلمَحْكُومِينَ، وَسَنَّ لِأُولِى الأَمْرِاسْتِشَارَةَ أَهْلِ الْحَلِّ وَاْلعَقْدِ فِى رِعَايَةِ مَصَالِحِ ﭐلدُّنيَـاوَالدِّينِ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
މިއަދު އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މަޖިލީހަށް މި ހާޒިރުވީ، ވަރަށް މަތިވެރި އުފަލެއް އަޅުގަނޑަށް ލިބޭ، އަދި އެހާމެ ޚާއްޞަ ޝަރަފެއް އަޅުގަނޑަށް ހާސިލުވާ ވާޖިބެއް އަދާކުރުމަށް. އާދެ! ރައްޔިތުންގެ މަޖިލީސް ހުޅުވައިދިނުމަށް. ޤާނޫނުގައިވާގޮތުން ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ އާންމު ރިޕޯޓަކާއި، ދައުލަތުގެ ކުރިއަށްއޮތް އަހަރުގެ ސިޔާސަތު ބިނާކުރާގޮތް ހުށަހެޅުމަށް. މި މުހިންމު ވާޖިބު އަދާކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި އެކަލާނގެ ޙަޟްރަތުން ވާގިއެދެން.
ކުޑަވެސް ޝައްކެއްނެތް. ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ މުނާސަބަތަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދުގައި އައު ގުޅުންތަކެއް އުފެދެންވާނެ މުނާސަބަތެއް. ހަމައެފަދައިން ސަރުކާރާއި ރައްޔިތުންގެ މަސްއޫލިއްޔަތުގެ މައްޗަށް އިތުރު ހޭލުންތެރިކަމެއް ގެނެސްދޭންވާނެ މުނާސަބަތެއް. އެހެންކަމުން، މި މުނާސަބަތުގައި ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް މިހުށަހަޅާ، "ޕްރެޒިޑެންޝަލް އެޑްރެސް" ގައި މިދެންނެވި ނުކުތާތަކުގެ މައްޗަށް ވަރަށްބޮޑު ސަމާލުކަމެއް ދެވޭތޯ ބަލާނަން.
ދައުލަތުގެ ސިޔާސަތު
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން، ކުރިއަށްއޮތް އަހަރުވެސް ދައުލަތުގެ ސިޔާސަތަކަށްވާނީ، ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި ޙިމާޔަތްކުރުން. ސިޔާސީގޮތުންނާއި އިޖުތިމާޢީގޮތުން އެދެވޭ އިޞްލާޙުތައް ގެނައުމާއެކު، އިސްލާމީ އުސޫލުތައް ދިރުވައި ދެމެހެއްޓުން. ޤައުމީ ރޫޙާއި ދިވެހިވަންތަކަން އާކޮށް އާލާކުރުން. ބައިނަލްއަޤްވާމީ ދަނޑުގައި، ޙައްޤާއި އިންޞާފުގެމަގުން ކުރިއަށް ދިއުމާއެކު، ބޭރުދުނިޔޭގައި ރާއްޖޭގެ ޤަދަރު އުފުލުމަށް މަސައްކަތްކުރުން.
މި ސިޔާސަތު ހިންގުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ތާއީދާއި އެހީ، އަދި ރައްޔިތުންގެ އިޚްލާޞްތެރި ތަރްޙީބާއި އެއްބާރުލެއްވުން ސަރުކާރަށް ލިބުމަކީ، ކޮންމެހެން ބޭނުންކަމެއްކަމުގައި އަޅުގަނޑު ދެކެން.
ދާޚިލީ ސިޔާސަތު
ދިވެހިރާއްޖޭގެ އެތެރެއާއި ބޭރުގެ ކަންތައްތައް ހަމަޖެއްސުމުގައި ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ އެންމެ މުހިންމު މައިގަނޑު ކަމުގައި ބެލިފައިވަނީ، އިސްލާމްދީނުގެ ހަމަތަކަށް ކަމޭހިތުމާއެކު، ދިވެހީންގެ އެއްބައެއްވަންތަކަމުގެ އުސޫލުތައް ކުރިއަރުވައި ދެމެހެއްޓުން. ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޤާނޫނީގޮތުން ލިބެންވާ ހަމަހަމަކަން އެމީހުންނަށް ލިބިދިނުމާއި، މީސްތަކުންގެ މެދުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް މަސައްކަތްކުރުން. އަދި ރާއްޖޭގެ އެންމެހައި ރައްޔިތުން، އެކުވެރިކަމާއި ޞުލްޙަވެރިކަންމަތީ ދެމިތިބެ، ރާއްޖޭގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީކުރަމުން ގެންދިއުމަށް ޒަމާނުއްސުރެ ދިވެހި މުޖުތަމަޢު ގަބޫލުކުރަމުން އައިސްފައިވާ އުސޫލުތައް ހަރުދަނާކޮށް އެ އުސޫލުތަކުގައި ހިފެހެއްޓުން.
ދުނިޔޭގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު، އަޅުގަނޑުމެންނަކީ ވަރަށް ނަސީބުވެރި ބައެއް. އަޅުގަނޑުމެން އެންމެންނަކީވެސް މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެން އެންމެންނަކީވެސް ދިވެހިން. އަޅުގަނޑުމެން އެންމެން ފަޚްރުވެރިވަނީ އެއްތާރީޚަކަށް. އަޅުގަނޑުމެން ވާހަކަ ދައްކަނީ އެއްބަހަކުން. އަޅުގަނޑުމެން އެންމެން މި ހިއްސާކުރަނީ އެއް އާދަކާދަތަކެއް. މި ޙަޤީޤަތްތައް މިހެން ހުރުމާއެކު، ރާއްޖޭގެ ދާޚިލީ ސިޔާސަތު ކަނޑައެޅުމުގައި މިކަންކަމަށް ރައްކާތެރިވުން ހިމެނިފައިވާންވާނެ.
އިހަށްވުރެބޮޑަށް ދުނިޔެއަށް ރާއްޖެ ތަޢާރުފްވުމާއި، ރާއްޖެއަށް ބޭރުމީހުން އައުން ގިނަވުމާއި، ބޭރުމީހުންނާއި ދިވެހިންނާ ދެމެދު ކުރެވޭ މުޢާމަލާތުތައް ގިނަވުމާއި، އަދި ދިވެހިން ރާއްޖެއިން ބޭރަށްކުރާ ދަތުރުފަތުރު ގިނަވެ، އޭގެ ބޭނުންތައް ތަފާތުވުމާއި، މިހިރަ ސަބަބުތަކާހުރެ ބޭރުމީހުންނާއި އަޅުގަނޑުމެންނާ ދެމެދު ބަހައްޓަންޖެހޭ ގުޅުންތައް މިހާރުވަނީ އިހަށްވުރެ މާބޮޑަށް ހަރުދަނާކުރަންޖެހިފައި. މިކަންކަމާ ގުޅިގެން، ދައުލަތުގެ ސިޔާސަތެއް ކަމުގައި ބަލާފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިވަންތަކަމަށް ރައްކާތެރިވުމާއެކު، ދިވެހިންގެ ބޭނުންތަކަށް ފަސޭހަވާނެގޮތަށް ބޭރުމީހުންނާއި ދިވެހިންގެ ގުޅުންތައް ބަދަހިކުރުމަށް ޤާނޫނީގޮތުންނާއި، އެހެނިހެންވެސް ގޮތްގޮތުން މަގުފަހިކޮށްދިނުން. ރާއްޖެއަށް އަންނަ އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޙައްޤުތަކަށް ކަމޭހިތައި، އެމީހުންގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިދާތައް ލިބިގަތުން. މިކަންކަން ކުރުމުގައި ބޭރުގެ ނޭދެވޭ ސިޔާސީ ނުވަތަ އިޖުތިމާޢީ ނުވަތަ ދީނީ ނުފޫޒުތަކުން ރާއްޖެ ސަލާމަތްކުރުމާއި، ރާއްޖެއަށް އަންނަ ބޭރުމީހުންގެ ޢަމަލުތަކުގައި ހުރެދާނެ ދިވެހި މުޖުތަމަޢުގެ އުސޫލުތަކާ ނުގުޅޭ އަސަރުތަކުން، ދިވެހި ޒުވާނުންނާއި، ދިވެހި މުޖުތަމަޢު ރައްކާތެރިކުރުން.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި އަޅުގަނޑުމެންގެ އަޚްލާޤިއްޔާތު މިހާރަށްވުރެ ހަރުދަނާކުރުމުގެ މައްޗަށް ބާރުއެޅިން. ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީގޮތުން އަންނަމުންދާ ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ވިސްނުމާއި އުޅުން، ހަރުދަނާ އަޚްލާޤިއްޔާތެއްގެ މައްޗަށް ބިނާކުރުމަކީ، މިވަގުތު ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ ކަމެއްކަމުގައި ހާމަކުރިން. މިކަމަށް ބާރުއެޅުމަކީ ދައުލަތުގެ ސިޔާސަތުގެ މުހިންމު ބައެއް.
ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ދާޚިލީ ސިޔާސަތުގައި ހިމެނިފައިވާ މުހިންމު އެއްބަޔަކީ، ރާއްޖޭގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުން. ވަޒީފާ ލިބުމާއި، އެކިއެކި އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް ލިބިގަތުމުގައި، ދޭދޭ ފަރުދުންގެ ދެމެދުގައި، ރަށްރަށުގެ މެދުގައި، އަތޮޅުތަކުގެ މެދުގައި، އަދި މާލެއާއި ރާއްޖެތެރެއާ ދެމެދުގައި ހުރި ތަފާތު، ވެވުނުވަރަކުން ކުޑަކުރަމުން ގެންދިޔުން. މިރޮނގުން ކުރީ އަހަރުތަކުގައި ކުރެވިފައިވާ ކަންތައްތައް ދެމެހެއްޓުމާއެކު، މިދިޔަ އަހަރުވެސް ވަރަށްގިނަ ފިޔަވަޅުތަކެއް އެޅިފައިވޭ. އޭގެތެރޭގައި ރާއްޖެތެރޭގައި ކިޔެވޭނެގޮތެއް ނެތިފައި ތިބި ދަރިންނަށް ކިޔަވައިދޭނެ އިތުރު މަދަރުސާތައް ހުޅުވުމާއި، ރާއްޖެތެރޭގައި މަތިންދާބޯޓު ޖައްސާނޭ އިތުރު ތަންތަން ހެދުމުގެ މަސައްކަތް ފެށުމާއި، އައްޑުއަތޮޅު ގަމާއި މާލެއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާއި، އިނގިރޭސިން ފޭބުމާއެކު، ކުއްލިއަކަށް ވަޒީފާ ގެއްލިފައި ތިބި ވަރަށްގިނަ މީހުން އައްޑުއަތޮޅުގައި ތިބުމާއެކު، އެ އަތޮޅުގައި ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ލިބޭނެގޮތް ހަދައިދިނުމާއި މިކަންކަން ހިމެނޭ. ރާއްޖޭގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި، ސަރުކާރުން ދޭ ޚިދުމަތްތައް ދިނުމުގައި، ވަކިބަޔަކު ތަފާތުނުކުރުމަކީވެސް މިއަދު ދައުލަތުގެ ސިޔާސަތެއް ކަމުގައި ބަލާފައިވާ ކަމެއް.
ރާއްޖެ ތަރައްޤީކުރަމުން ގެންދިއުމުގައި ދައުލަތުގެ ސިޔާސަތަކީ، އެއްކަމެއް ތަރައްޤީ ކުރުމަށް އެޅޭ ފިޔަވަޅަކީ އަނެއްކަމެއް ކުރިއަށް ގެންދިއުމަށް އެޅޭ ހުރަހަކަށް ނުވާގޮތުގެމަތީން ރާއްޖޭގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންދިއުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
މިދެންނެވި އެންމެހައި ކަންތައްތައް ހިންގައި ދަމަހައްޓައި، އަންނަނިވި ޖީލުތަކަށް ވާރުތަކޮށްދިނުމީ އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުމެންގެ ޤައުމު، ހަމަޖެހުމާއި ސުލްހަމަސަލަސްކަންމަތީ ދެމިއޮންނާނީ އޭރުން. އަޅުގަނޑުމެންގެ ޤައުމު ހެޔޮގޮތުގައި ކުރިއަރަމުންދާނެކަމަށް އަޅުގަނޑަށް ފެންނަނީ، މިއުސޫލުތަކަށް އަޅުގަނޑުމެން ތަބާވެގެން. އެހެންކަމުން، މި އެންމެހައި ކަންތައްތައް ހިމެނެނީ މިއަދު ދިވެހި ދައުލަތުގެ ދާޚިލީ ސިޔާސަތުގެ ބިންގާ ކަމުގައި.
ޚާރިޖީ ސިޔާސަތު
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ސަރުކާރުން ހިންގަމުންގެނައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ތާރީފުކުރާ، އަދި އޭގެ ސަބަބުން ރާއްޖޭގެ ޤަދަރު އުފުލިގެންދާ ސިޔާސަތެއް ކަމުގައި ވަނީ ވެފައި. އެހެންކަމާއެކު، ކުރިއަށްއޮތް އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނަންވާނީ ހަމަ އެ އުސޫލުތަކުގެ މައްޗަށް ކަމުގައި އަޅުގަނޑު ދެކެން. އާދެ! އެ އުސޫލުތަކަކީ، ވަކިފަރާތަކަށް ނުޖެހުމުގެ ހަރުދަނާ ސިޔާސަތުގެމަތީން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތާ ކޮންމެ ފަރާތަކާވެސް ރަޙްމަތްތެރިކަމުގެ ގުޅުން ބެހެއްޓުން. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގަމުންދާ އުސޫލުގެ ތަފާތުވުންތަކާއި، އެކިއެކި ވާދަވެރިކަމުގެ ތެރެއަށް ނުވަދެ، ޞުލްޙައާއި އިންޞާފަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއެކު ބަހައްޓަމުން އަންނަ އެކުވެރިކަން އެއްދުވަހުން އަނެއްދުވަހަށް އިތުރުކޮށް ހަރުދަނާކުރުން. މުސްލިމް ޤައުމުތަކާ ގުޅުން ބަދަހިކުރުމާއެކު، އިސްލާމީ އުންމަތް، އެ އުންމަތުގެ ޙައްޤު މަގާމު ހޯދުމަށްޓަކައި ކުރަމުންދާ ޖިހާދުގައި ހުރިހާ މާނައަކުން ބައިވެރިވުން.
މިދެންނެވި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއްބަޔަކީ، ބައިނަލްއަޤްވާމީ ދާއިރާތަކުގައި ދުނިޔޭގެ ޞުލްޙައާއި އިންސާނީ ނައުޢުގެ މަޞްލަޙަތަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ތާއީދުކޮށް، ވީވަރަކުން އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. މި ރޮނގުން، އެއްވެސް ޤައުމެއްގެ ދާޚިލިއްޔަތާ އެހެން ޤައުމަކުން ނުބެހުމަށާއި، ދޭދޭ ޤައުމުގެ މެދުގައި ހިނގާ މައްސަލަތައް ހަމަޖެއްސުމަށް ބާރުގެ ބޭނުންނުކުރުމަށާއި، ކޮންމެ ޤައުމެއްގެ ބަޔަކަށްވެސް އެބަޔަކު އެދޭގޮތަށް އެބައެއްގެ ކަންތައްތައް ނިންމުމުގެ ޙައްޤު ލިބިގެންވާންވާނެކަމަށް ދިވެހިރާއްޖެ ވަކާލާތު ކުރަމުން ގެންދާނެ. ހަތިޔާރުގެ ވާދަވެރިކަން ހުއްޓާލުމަށާއި، ޞުލްޙައިގެ ސަރަޙައްދުތައް ޤާއިމުކުރުމަށް ދިވެހިރާއްޖެ ގޮވާލަމުން ގެންދާނެ. ދުނިޔޭގެ އިޤްތިޞާދީ މަސްރަޙަށް ބަލާއިރު ފެންނަމުންދާ، ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކާ ދެމެދުގައި އިތުރުވަމުންދާ ތަފާތު ކުޑަކޮށް، ބައިނަލްއަޤްވާމީ އިޤްތިޞާދުގެ އައު ނިޒާމެއް އުފެއްދުމަށް ހުށަހެޅޭ ހުށަހެޅުންތަކަށް ދިވެހިރާއްޖެ ފުރިހަމައަށް ތާއީދުކުރަމުން ގެންދާނެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަނެއްބަޔަކީ، މިނިވަންކަމަށާއި އިންސާނީ ޙައްޤުތަކަށްޓަކައި މަސައްކަތް ކުރަމުންދާ މީހުންނަށް ތާއީދުކުރުން. ދުނިޔޭގެ އެކިއެކި ތަންތާނގައި އުޅޭ މުސްލިމުން، އެމީހުންނާ ކުރިމަތިވެފައިވާ ބޭއިންޞާފާ ދެކޮޅަށް ކުރާ ޖިހާދަށް ތަރުޙީބުދިނުން. ޚާއްޞަގޮތެއްގައި، ފަލަސްޠީނުގެ ބިމުން ބޭރުކޮށްލެވިފައިވާ ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ އަމިއްލަ ބިން އަތުލުމަށާއި، އިޒްރޭލް ހިފާފައިވާ އަލްޤުދްސާއި، އެނޫންވެސް ޢަރަބީންގެ ބިންތައް މިނިވަންކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވުން. ސަރުކާރުގެ
މި ސިޔާސަތަށް ތާއީދުކުރައްވައި، ތިޔަ ޢިއްޒަތްތެރި މަޖިލީހުން ވަރަށް މުހިންމު ޤަރާރެއް، މިދިޔަ އަހަރުގެ ތެރޭގައި ފާސްކުރައްވާފައިވާކަން އަޅުގަނޑު މިފާހަގަކުރަނީ ޚާއްޞަ އުފަލަކާއެކު. ކުޑަވެސް ޝައްކެއްނެތް. އެފަދަ ޤަރާރަކީ ހަމައެކަނި ރާއްޖޭގެ ރައްޔިތުން މިއަދުގެ ސަރުކާރަށް ކުރާ ތާއީދު ދައްކައިދޭ އެއްޗެއްނޫން. އަދި ކީއްތޯ؟ އެފަދަ ޤަރާރަކުން ދައްކަނީ، ރައްޔިތުންގެ ހިތުގައި އުފެދިފައިވާ މަތިވެރި އިސްލާމީ ޝުޢޫރު. އަދި ޙައްޤާއި އިންޞާފަށްޓަކައި ދިވެހި ރައްޔިތުން ޖިހާދުކުރަން ތައްޔާރަށް ތިބި މިންވަރު.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ޚާއްޞަ އަނެއްބަޔަކީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ރާއްޖެ ބައިވެރިކުރުމުން ރާއްޖެއަށް ފައިދާއާއި ލާބަ ލިބޭނެ މަގުތައް ތަނަވަސްކުރުން. އާދެ! ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުމެއް ނުލިބޭނޭގޮތުން، އަދި އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީގޮތުން ރާއްޖެއަށް އިތުރު ފައިދާތައް ލިބޭނޭގޮތުން ބޭރުގެ އެކިއެކި ޖަމާޢަތްތަކާ ގުޅުން އުފެއްދުން.
ދައުލަތް ހިންގުން
1981 ވަނަ އަހަރު ދައުލަތް ހިންގުމުގެ ކަންތައްތައް ދިޔައީ، ހިތްހަމަޖެހޭފަދަ ގޮތެއްގައި ކަމަށް އަޅުގަނޑު މިދަންނަވަނީ އުފަލާއެކު. އާދެ! ދައުލަތް ހިންގުމުގެ ކަންތައްތައް ކުރަމުން ގެންދިޔައީ، ރައްޔިތުންނަށް އިތުރު ފަސޭހައާއި ފައިދާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުން. ރައްޔިތުންނާއި ސަރުކާރާ ދެމެދުގައި އުފެދިފައިވާ އިތުބާރު ދަމަހައްޓައި، އެ އިތުބާރު ބަދަހިކުރަމުން. އެއާއެކު، ސަރުކާރު ހިންގުމުގެ އިދާރީ ކަންތައްތަކަށް އެދެވޭ އިޞްލާޙުތައް ގެންނަމުން.
ދައުލަތުގެ ކަންތައްތައް ހިންގަމުން ގެންދިއުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުކުރެވިފައިވާ ވެރިންގެ ފަރާތުން އަޅުގަނޑަށް ލިބެމުން އައިސްފައިވަނީ ވަރަށް މަތިވެރި އެހީތަކެއް. އެ ހުރިހާ ފަރާތްތަކުން، އެބޭފުޅުންގެ ވާޖިބު އަދާކުރައްވަމުން ގެންދެވީ ވެވަޑައިގެން އެންމެ ރަނގަޅަށް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.
ސަރުކާރު ހިންގުމުގެ ކަންތައްތައް އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަމުން، ސަރުކާރުގެ މުވައްޒަފުންނަށް އިތުރު ފައިދާތައް ލިބިދެވޭނެގޮތް ހަމަޖައްސައިދިނުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށްގިނަ މަސައްކަތް ކުރެވުނު. މިގޮތުން، 1981 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންކުރެ ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ އަދަދެއް އިތުރުކޮށްދެވުނު. އަދި، ސަރުކާރުގައި މެދުނުކެނޑި ގިނަދުވަހު މަސައްކަތް ކުރާ މީހުންނަށް ދިމާވާ ހާދިސާތަކުން، ވަޒީފާ އަދާނުކުރެވޭގޮތް ދިމާވެއްޖެނަމަ، އެމީހުންނަށް ސަރުކާރުން ޚާއްޞަ ޢިނާޔަތެއް ދޭގޮތްވެސް ހަމަޖައްސައިދެވުނު. ހަމައެފަދައިން، ސަރުކާރުގައި މެދުނުކެނޑި ގިނަދުވަހު އުޅެފައިވާ މީހުންކުރެ، ބޭނުންނެތިގެން ދޫކޮށްލާ މީހުންނަށްވެސް ޢިނާޔަތުގެ ފައިސާދޭގޮތަށް ކަނޑައެޅުނު.
ރަނގަޅު އުސޫލެއްގެމަތިން އެކުލަވައިލެވޭ ސަރުކާރުގެ މުވައްޒަފުންނާބެހޭ އާންމު ގަވާއިދެއް ހެދުމަށް 1980 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތް ކުރެވެމުން. މިކަމަށްޓަކައި ބޭރުގެ މާހިރެއްވެސް ވަނީ ގެނެވިފައި. ވޭތުވެދިޔަ އަހަރު ނިމުނުއިރު، މި ގަވާއިދުގެ ވަރަށްބޮޑު ބައެއް ވަނީ ލިޔެ ނިމިފައި. މިއަހަރުގެ ތެރޭގައި އެގަވާއިދު މުޅިން ނިންމާލެވޭނެކަމަށް އުންމީދު ކުރެވޭ. ސަރުކާރުގެ މުވައްޒަފުންނާބެހޭ މި އާންމު ގަވާއިދު އެކުލަވައިލައި ނިމުމުން ގަސްތުކުރެވިފައިވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، އޮފީސްތައް، އެތަންތަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އަލުން ތަރުތީބުކޮށް، މިހާރަށްވުރެ ހަމަޖެހޭ އުސޫލަކުން ރޭވުމުގެ މަސައްކަތް ފެށްޓުމަށް. މި މަސައްކަތްވެސް ކުރަމުން ގެންދާނީ، ކަމުގެ ތަޖްރިބާއާއި ޢިލްމު ލިބިފައިވާ ބޭރުގެ މުޝީރުންގެ ލަފާ ހޯދައިގެން.
ދައުލަތުން އެންމެމަތީ ސަމާލުކަމެއްދޭ އެއްކަމަކީ ރާއްޖެތެރޭގެ ތަރައްޤީ ކަމަށްވުމާއެކު، ރާއްޖެތެރޭގައި ސަރުކާރުގެ ކަންތައްތައް ހިންގަވަން ތިއްބަވާ އަތޮޅުވެރީންނާއި، ރަށްރަށުގެ ވެރިންނަކީ، ދައުލަތް ހިންގުމުގެ ކަންތައްތައްތަކުގައި ވަރަށް މުހިންމު ބައެއް އަދާކުރައްވާ ބައެއް. ސަރުކާރުން މިކަން ގަބޫލުކޮށް، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނަށް ތަމްރީނު ދިނުމުގެ ދެ ކޯހަކާއި، އަތޮޅުވެރީންނަށް އިރުޝާދު ދިނުމުގެ ކޯހެއް، މިދިޔަ އަހަރުގެ ތެރޭގައި މާލޭގައި ބޭއްވުނު. މި ކޯސްތަކުގެ މަޤްޞަދަކީ، އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންގެ މަސްއޫލިއްޔަތުގެ މައްޗަށް އަލިއަޅުވައިދީ އިރުޝާދު ދިނުމާއި، ރާއްޖެތެރެއާ ބެހޭގޮތުން ސަރުކާރުގެ ތަންތާނގައި ކަންތައް ހިނގާގޮތް އެބޭފުޅުންނަށް ފިލުވައިދީ، އެ ދެ ފަރާތުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރުން. މި ކޯސްތަކުގެ ސަބަބުން، ރާއްޖެތެރޭގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅުވެ، އިޞްލާޙުތަކެއް އަންނާނެކަމަށް އަޅުގަނޑު ދެކެން.
ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ދައުލަތް ހިންގުމުގެ ކަންތައްތައް އަޅުގަނޑު ކުރަމުން ގެންދިޔައީ، ގިނަ އަދަދެއްގެ މަޖިލިސްތަކާއި ކޮމިޓީތަކުގެ މަޝްވަރާ ހޯދައިގެން. އާދެ! އެއީ ސަރުކާރު ހިންގުމަށް މި ދައުރުގައި ގެނެވިފައިވާ ބަދަލާ ގުޅިގެން. ދައުލަތް ހިންގުމަކީ، ހަމަ އެންމެ މީހެއްގެ ޚިޔާލަށް ފެންނަގޮތަށް ކުރަންޖެހޭކަމެއް ނޫންކަމާއި، އެކިއެކި މުހިންމު ކަންކަމުގައި ތަޖްރިބާއާއި މަޢުލޫމާތު ލިބިފައިވާ މީހުންގެ މަޝްވަރާއާއި، އިރުޝާދު ބޭނުންކުރަން ޖެހޭނެކަން އަޅުގަނޑު ގަބޫލުކުރާ އުސޫލުގެމަތިން.
1981 ވަނަ އަހަރުގެ ތެރޭގައި ދައުލަތް ހިންގުމުގެ ދާއިރާގައި އެޅުނު އެންމެ މުހިންމު އެއްފިޔަވަޅަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދުން. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ، ދިވެހި ފައިސާ ޖެހުމާއި، ފައިސާ ލިބެން ހުންނާނެގޮތް ހަމަޖެއްސުމާއި، ބޭންކްތަކުގެ މަސައްކަތާއި، އަދި ފައިސާގެ މުޢާމަލާތާބެހޭ ކަންތައްތަކުގައި ސަރުކާރަށް ލަފާދޭނެ އިދާރާއެއް. އަދި، ރާއްޖޭގައާއި، ރާއްޖެއިން ބޭރުގައި، ރާއްޖޭގެ ފައިސާގެ ހަރުދަނާކަން ހިފަހައްޓައި، ރާއްޖޭގައި ހަމަޖެހޭ ރަނގަޅު އިޤްތިޞާދީ ތަރައްޤީއެއް ގެނެވޭފަދަ ގޮތެއްގައި ރާއްޖޭގެ މާލީ ޙާލަތު ކުރިއެރުވުމަށް ހަރަކާތްތެރިވާނޭ ތަނެއް. ހަމައެފަދައިން، ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކްތަކާއި، މާލީ އިދާރާތަކާބެހޭ ގަވާއިދުތައް ހަދައި، ސެންޓްރަލް ބޭންކެއްގެ ބައި އަދާކުރާނޭ ތަނެއްވެސްމެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެދުމާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އައި.އެމް.އެފް.، ވަރލްޑް ބޭންކް، އައި.ޑީ.އޭ. އޭ.ޑީ.ބީ. ޔުނިޓާއި، އެސް.ޓީ.އޯ.ގެ އެކައުންޓްސް ޑިވިޜަން އުވާލެވުނު. އެއީ، އެތަންތަނުން ކުރަމުންއައި މަސައްކަތްތަކަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރާ މަސައްކަތްތަކެއް ކަމުގައި ހަމަޖެހުމާ ގުޅިގެން.
ކުރިން ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ދަށުގައި ހިނގަމުންއައި، ޝިޕިންގ ޑިޕާޓްމަންޓާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ދަށުގައި ހިނގަމުންއައި، މެކެނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސް ޑިވިޜަނާއި، މެރިން ޑިވިޜަން، މިދިޔަ އަހަރުގެ ތެރޭގައި އުވާލެވުނު. އެއީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ އުފެދި، އެތަންތަނުން ކުރަމުންއައި މަސައްކަތްތައް، އެ ކުންފުނިން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދުނު. އެއީ، އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި ބޭނުންވާ މަޝްރޫޢުތައް ރާވައި، އެ މަޝްރޫޢުތަކުގައިވާ ކަންތައްތައް ހިންގުމުގެ އިންތިޒާމު ކުރުމަށް. އަދި އައްޑުއަތޮޅު ގަމާ ބެހޭގޮތުން އެކިފަރާތްފަރާތުން ހުށަހަޅާ ހުށަހެޅުންތައް ބަލައި، ސަރުކާރުގެ ފަރާތުން އެފަރާތްތަކާ ވާހަކަދައްކާ ހެދުމަށް. މި އޮތޯރިޓީ ހިންގުމަށްޓަކައި، އޮތޯރިޓީގެ އެގްޒެކެޓިވް ކައުންސިލެއް ޢައްޔަންކޮށް، އަދި އޮތޯރިޓީގެ ޕްރޮޖެކްޓް ޔުނިޓެއް އައްޑުއަތޮޅު ގަމުގައި ހުޅުވުނު.
ޓޫރިޒަމަކީ، ރާއްޖޭގައި ކުރިއަރަމުން އަންނަ އެންމެ ޚާއްޞަ އިޤްތިޞާދީ އެއް މަސައްކަތަށް ވުމާއެކު، އެކަންތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެކަމާ ބެހޭގޮތުން ވިސްނައި ސަރުކާރަށް ލަފާދޭނެ މަޖިލީހެއް. އާދެ! "ޓޫރިޒަމް އެޑްވައިޒަރީ ބޯޑް"ވެސް މިދިޔަ އަހަރުގެ ތެރޭގައި އުފެއްދުނު.
ޢަދުލުއިންޞާފު
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމަކީ، ދައުލަތުން ވަރަށްމަތީ އަހަންމިއްޔަތެއްދޭ ކަމެއް. ޢަދުލުއިންޞާފު ޤާއިމުކުރުމާބެހޭ ކަންތައްތައް ހަރުދަނާކޮށް، އެކަންތައްތައް ހިންގުން ހަލުވިކޮށް ރަނގަޅުކުރެވޭތޯ މިދިޔަ އަހަރުގެ ތެރޭގައިވެސް، އިތުރު ފިޔަވަޅުތައް އެޅުނު. މިގޮތުން ރާއްޖެތެރޭގެ ރަށްރަށުގެ ރަށު ކޯޓުތަކުގެ ތެރެއިން، ކުރީ އަހަރު ޤާޟީން ނުލެއްވިހުރި ބައެއް ކޯޓުތަކަށް މިދިޔަ އަހަރުގެ ތެރޭގައި ޤާޟީން ލެއްވުނު. އެހެންކަމާއެކުވެސް، ހުރިހާ ކޯޓުތަކަށް ފުދޭވަރަށް ޤާޟީން ނެތުމާއެކު، ޤާޟީންކަން ދަސްކޮށްދޭ ކްލާސް، މިދިޔަ އަހަރުގެ ތެރޭގައިވެސް ހިންގަމުން ގެންދެވުނު.
މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި މާލޭގައި ހިނގަމުންދާ ކޯޓުތަކުން، މި ވޭތުވެދިޔަ އަހަރު ދެހާހަށްވުރެ ގިނަ ޤަޟިއްޔާ ބަލައި ނިންމިފައިވޭ. ރާއްޖެތެރޭގެ ކޯޓުތަކުންވެސް އަށްހާހަށްވުރެ ގިނަ ޤަޟިއްޔާ ބަލާފައިވޭ. އަދި މި ތަންތާނގެ އިތުރަށް، ފުލުސް ކޯޓުންވެސް މިދިޔަ އަހަރު ފަސްސަތޭކައަށްވުރެ ގިނަ އަދަދެއްގެ ޤަޟިއްޔާ ނިންމިފައިވޭ. ވޭތުވެދިޔަ އަހަރު ޢަދުލުއިންޞާފުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައީ ވައްކަމާއި މާރާމާރީގެ ކަންތަކާއި، ބަދުއަޚްލާޤީ ޢަމަލުތައް ކަމަށް ފެނޭ. އޭގެތެރެއިން ވައްކަމާބެހޭ މައްސަލަތައް، 1980 ވަނަ އަހަރަށްވުރެ މިދިޔަ އަހަރުވަނީ މަދުވެފައި. ނަމަވެސް، އަނެއް ދެބައި މިދިޔަ އަހަރު އިތުރުވެފައިވާކަން އަޅުގަނޑު މިފާހަގަކުރަނީ ހިތާމަޔާއެކު.
ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައް ފުރިހަމަކުރުމުގެ ގޮތުން، އެކިއެކި ފަރާތްތަކުން އިސްތިއުނާފު ކުރުމަށް އެދޭ މައްސަލަތައް ބެލުމަށްޓަކައި 1980 ވަނަ އަހަރުގެ ފަހުކޮޅު އުފެއްދުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސައްކަތްވެސް، މިދިޔަ އަހަރުގެ ތެރޭގައި ހިނގަމުންދިޔަ. އިސްތިއުނާފުކޮށްދިނުން އެދި އެކިއެކި ފަރާތްފަރާތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 56 މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ހައިކޯޓުން ނިންމާފައިވޭ. އަދި އޭގެއިތުރަށް، 1980 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގި ބަޣާވަތުގައި ބައިވެރިވި މީހުންގެ ޝަރީޢަތްތައްވެސް ދައުލަތުގެ ފަރާތުން ހުށަހަޅައި، އެ މައްސަލަތައް ހައިކޯޓުން ނިންމަވާފައިވޭ.
ދާޚިލީ ހިންގުން
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
1981 ވަނަ އަހަރަކީ، ރާއްޖޭގެ ދާޚިލީ ހިންގުމަށް ބަލާއިރު، ވަރަށް ހިތްހަމަޖެހޭފަދަ އަހަރެއް. ޞުލްޙަމަޞްލަޙަތާއި އަމްނުއަމާންކަމުގައި، ރާއްޖޭގެ ރައްޔިތުން ވޭތުކުރި އަހަރެއް. އެއާއެކު، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީ، ވަރަށްމަތީ ދަރަޖައަކަށް ސަރުކާރަށް ލިބެމުންދިޔަ އަހަރެއް.
ތަފާތު ރޮނގުތަކުގައި ރާއްޖެ ތަރައްޤީ ކުރުމަށާއި، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭތޯ 1981 ވަނަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރި. މި ރޮނގުން އެންމެބޮޑު ސަމާލުކަމެއް ދެމުންގެންދިޔައީ، ރާއްޖެތެރޭގެ ޙާލަތު ރަނގަޅުކުރުމަށް. 1979 ވަނަ އަހަރު ފެށުނު، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިދިޔަ އަހަރުވެސް ރާއްޖެތެރޭގައި ރަށްރަށުގެ ފަޅުކޮނުމާއި، ނެރު ހަދައިދިނުމާއި، ރަށްރަށުގެ އޮފީސްއޮފީހާއި މިސްކިތްފަދަ ތަންތަން އިމާރާތްކޮށް، މަރާމާތުކުރުންފަދަ ވަރަށްގިނަ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނު.
ރާއްޖެތެރޭގެ ކަންތައްތައް ބަލައި ހެދުމަށްޓަކައި މިދިޔަ އަހަރުވެސް އަޅުގަނޑު ރާއްޖެތެރެއަށް އެތައް ދަތުރެއް ކުރިން. ވަރަށްގިނަ ރަށްރަށަށްގޮސް، އެ ރަށްރަށުގެ ރައްޔިތުންގެ ހާލު އަހުވާލު ބަލައި، އެމީހުންނަށް ދަތިވެފައި ހުންނަ ކަންތައްތައް ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދެވޭތޯ ބެލިން. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުން ބައިވެރިވުމަށާއި، ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދިޔުމަށްޓަކައި އިތުރު މަސައްކަތްތައް ކުރުމަށް ނަސޭހަތްތެރިވިން. އަޅުގަނޑުގެ އިތުރަށް، އެކިއެކި ވަޒީރުންނާއި، ސަރުކާރުގެ އެކިއެކި އޮފީސް އޮފީހުގެ ތަފާތު ފެންވަރުގެ ވެރިންވެސް ރާއްޖެތެރެއަށް ޒިޔާރަތްކުރައްވައި، އެކިއެކި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބައްލަވައި ހެއްދެވި.
1981 ވަނަ އަހަރު ހިމެނިގެންދާނީ، ރާއްޖެތެރެ ތަރައްޤީކުރުމުގައި އައު މިޞްރާބަކުން ކުރިއަށްދާން ފެށުނު އަހަރެއް ކަމުގައި. އާދެ! ރާއްޖޭގެ ރައްޔިތުންނަށް ރާއްޖެތެރޭގައިވެސް ވަޒީފާ ލިބިގެން މަސައްކަތްކުރުމުގެ ފުރުޞަތު، ގިނަ އަދަދެއްގެ ބަޔަކަށް މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ހޯދައިދެވުނުކަން އެއީ، މިދެންނެވި ބަހުގެ ހެތްކެއް. މިގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްލެވުނީ، އައްޑުއަތޮޅު ގަމުގައި، ސަރުކާރުގެ ވިޔަފާރި ހިންގާ ފަރާތް ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާއި ބޭރުގެ ކުންފުނިތަކަކާ ބައިވެރިވެގެން މިދިޔަ އަހަރު ފެށްޓުނު ތައްޔާރީހެދުން އުފައްދާ ކާރުޚާނާތައް. 1981 ވަނަ އަހަރު ނިމުނުއިރު، އެތަންތާނގައި އެއްހާހަށްވުރެ ގިނަ ދިވެހިން މަސައްކަތް ކުރަމުންގެންދޭ. މިއީ، އައްޑުއަތޮޅުގައި އިނގިރޭސީންގެ ޢަސްކަރީ ވައިގެ ބަނދަރެއް ހިންގަމުންދިޔައިރުވެސް އެމީހުންގެ ވަޒީފާގައި ދިވެހިން ގެންގުޅުނު އަދަދަށްވުރެ އިތުރު އަދަދެއް. މާލެއަތޮޅު ތުލުސްދޫގައިވެސް، ތައްޔާރީހެދުން އުފައްދާ ކާރުޚާނާއެއް ފެށުމުގެ މަސައްކަތް، މިދިޔަ އަހަރުވަނީ ކުރެވިފައި. މާލަހެއްނުވެ އެތަންވެސް ހިންގަން ފެށޭނެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓާއި، ހައްދުންމަތީ ފޮނަދޫގައި ތައްޔާރުކުރަމުންދާ "މަސްވެރި އަވަށް"ތަކަކީވެސް އެތަންތަނުން އެތައް ބަޔަކަށް ވަޒީފާ ލިބޭނެ ތަންތަން. މި ހިނގާ އަހަރުގެ ތެރޭގައި އެތަންތާނގެ މަސައްކަތްވެސް ފެށޭނެކަމަށް އުއްމީދުކުރެވޭ.
ރާއްޖޭގެ ދާޚިލީ ކަންތައްތައް ހިންގުމުގައި، ދަތުރު ފަތުރުކޮށް އުޅުމާއި، މުވާޞަލާތުގެ ވަސީލަތްތައް ތަރައްޤީކުރުމަކީވެސް ސަރުކާރުން ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަކިވަކި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވުމުން، މިދެންނެވި ވަސީލަތްތަކުގެ މުހިންމުކަން އޮންނަނީ ވަކީންބޮޑުވެފައި. މިކަމަށްޓަކައި ކަނޑުގައި ދަތުރުކޮށް އުޅުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ބެހޭގޮތުން މިދިޔަ އަހަރު ޚާއްޞަ ގަވާއިދުތަކެއް ހިންގުނު. އަދި ރާއްޖެތެރޭގެ އަތޮޅުތަކުގެ މެދުގައި ދަތުރުކޮށް އުޅުމުގެ ޚިދުމަތްދޭނެ ނިޒާމެއް ފެށްޓުމުގެ މަސައްކަތްވެސް މިހާރުދަނީ ރޭވެމުން.
ރާއްޖެތެރޭގެ ރަށްރަށުގެ ކަންތައްތަކުގެ އިތުރަށް، މާލޭގެ ފަޅުން ބިން ހިއްކުމުގެ މަސައްކަތްވެސް ކުރީ ދެއަހަރެކޭ އެއްފަދައިން މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. އަހަރު ނިމުނުއިރު މާލޭގެ ފަޅުން ހިއްކިފައިވަނީ، 2,390,650 އަކަފޫޓް. އެއީ، މި މަޝްރޫޢުގައި ހިއްކަން ކަނޑައެޅިފައިވާ ބޮޑުމިނުގެ %37.
އިޤްތިޞާދީ ޙާލަތު
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ޤައުމެއްގެ ކުރިއެރުން އަދި އެ ޤައުމެއްގެ ތަރައްޤީ އެންމެބޮޑަށް ދައްކައިދޭ އެއްކަމަކީ އެ ޤައުމެއްގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވަމުން ދިއުން. ހަމައެފަދައިން، ޤައުމެއްގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވެގެން މެނުވީ، އެ ޤައުމަކަށް ތަރައްޤީގެ މަގުގައި ކާމިޔާބީތަކެއް ނުހޯދޭނެ.
1981 ވަނަ އަހަރަށް ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްޠިޞާދީ ޙާލަތުވަނީ ހަލުވިކަމާއެކު އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވެފައި. އާދެ! 1978 ވަނަ އަހަރުގެ ކުރިން %1 ކަމުގައި ދެއްކި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން، 1981 ވަނަ އަހަރު %11 އަށް ހިނގައްޖެ ކަމުގައި ބައިނަލްއަޤްވާމީ ފައިސާއާބެހޭ ފަންޑުގެ މާހިރުން ގަބޫލުކުރޭ. މިއީ، މިހިސާބުގަނޑުގެ ޤައުމުތަކުގެ ނިސްބަތުން ވަރަށްމަތީ ނިސްބަތެއް.
އިޤްތިޞާދީ ކުރިއެރުމަށް މިއައި ހަލުވިކަން، ސަރުކާރުގެ ދާއިރާއިން ރައްޔިތުންނަށް ދެވޭ ޚިދްމަތްތަކުންނާއި، އެނޫންގޮތްގޮތުންވެސް ރާއްޖޭގެ ރައްޔިތުންނަށް އިޙްސާސް ކުރެވެމުން ދިއުމަކީ، އަޅުގަނޑުގެ އެންމެ އުފާވެރި އެއް އުންމީދު. މި ފުރުޞަތުގައި، އަޅުގަނޑު އިތުބާރާއެކު ޔަޤީންކުރާނީ، ރާއްޖޭގެ މި އިޤްޠިޞާދީ ކުރިއެރުން އަދިވެސް ނުހުއްޓި ކުރިއަށްދާނެ ކަމުގައި. އަދި އެކަމުން ރައްޔިތުންނަށް ލިބޭ ފައިދާތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާނެ ކަމުގައި.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ އަހަރުވެސް ދައުލަތަށް ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރަށްވުރެ %36 އިތުރުވި. 1981 ވަނަ އަހަރު ދައުލަތަށް ލިބިފައިވާކަމަށް މިހާތަނަށް ހިސާބުތަކުން ދައްކަނީ، -/79,895,797 ރުފިޔާ. މި ފައިސާގެ ތެރެއިން -/8,487,935 ރުފިޔާއަކީ، ބޭރުގެ އެހީން ލިބިގެން ޖަމާކުރެވުނު ފައިސާ. ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި އެންމެގިނަ އަދަދަކަށް ހިމެނޭ ބައިތައް ދައުލަތަށް ލިބިފައިވަނީ، މަސްވެރިކަމުންނާއި، ޓޫރިޒަމްގެ މަސައްކަތުންނާއި، ބޯޓުފަހަރު ދުއްވުމުގެ މަސައްކަތުންނާއި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީންނާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ވިޔަފާރިން ވީ ފައިދާއިން، އަދި ބޭރުގެ އެހީން ލިބޭ ފައިސާއިން.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔުމާއެކު، ދައުލަތުން ރައްޔިތުންގެ ލާބައަށްޓަކައި ކޮށްދޭ ޚިދުމަތްތަކަށް ހޭދަކުރެވޭ ބައިވެސް 1981 ވަނަ އަހަރުގެ ތެރޭގައި އެތައްތަނެއް އިތުރުވެގެންދިޔަ. އަދި ޤައުމުގެ ތަރައްޤީއަށްޓަކައި އެޅުނު ފިޔަވަޅުތަކަށް ހިނގި ޚަރަދުވެސް އިތުރުވި. ނަތީޖާއެއްގެ ގޮތުން، ދައުލަތުން މިދިޔަ އަހަރު ކުރި ޚަރަދު އިތުރުވެގެންދިޔަ. ވޭތުވެދިޔަ އަހަރު ދައުލަތުން ޚަރަދުކުރެވިފައިވަނީ، -/79,860,990 ރުފިޔާ. މިއީ، 1980 ވަނަ އަހަރާ އަޅައި ނިސްބަތްކުރާއިރު %43 އިތުރުވެފައިވާ އަދަދެއް. އެހެންކަމާއެކުވެސް، 1981 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްވީ، ކުރީ އަހަރުގެ ބަޖެޓް ފަދައިން، ދައުލަތަށް ލިބުނު އެއްޗަކުން ދެކޮޅުޖެއްސުނު ބަޖެޓަކަށް.
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ތަކެއްޗަކީ، ސަރުކާރުގެ ވިޔަފާރިކުރާ ފަރާތް ކަމުގައިވާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ރާއްޖެއަށް އެތެރެކޮށްގެން، ވަރަށްހެޔޮ އަގެއްގައި ވިއްކަމުން ގެންދާ ތަކެއްޗެއް. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކާޑުގެ އެއްވެސް ބާވަތެއްގެ އަގަށް ބަދަލެއް ގެނެވިފައެއް ނެތް. ކާޑުގެ ތަކެތި ގަތުމަށް މިދިޔަ އަހަރު ބޭރުފައިސާއިން، 8,511,052 އެމެރިކާ ޑޮލަރު ޚަރަދުވި. 1980 ވަނަ އަހަރު ޚަރަދުވެފައިވަނީ، 8,090,737 އެމެރިކާ ޑޮލަރު. ވީމާ، މިދިޔަ އަހަރު ކުރީ އަހަރަށްވުރެ %5 އިތުރަށް ކާޑުގެ ތަކެއްޗަށް ހޭދަކުރެވިފައިވޭ. ނަމަވެސް، ކުރީ އަހަރެކޭ އެއްފަދައިން، 1981 ވަނަ އަހަރުވެސް ދައުލަތަށް ލިބުނު ބޭރުފައިސާއިން ކާޑުގެތަކެތި ގަނެވޭވަރުވި.
ދައުލަތަށް 1981 ވަނަ އަހަރު ބޭރު ފައިސާއިން ލިބިފައިވަނީ، 19,401,294 އެމެރިކާ ޑޮލަރު. އޭގެތެރޭގައި މަސްވެރިކަމުން ލިބުނު 6,117,194 ޑޮލަރާއި، ޓޫރިޒަމްގެ ދާއިރާއިން ލިބުނު 2,421,224 ޑޮލަރާއި، ބޯޓުފަހަރު ދުއްވައިގެން ލިބުނު 1,409,451 ޑޮލަރާއި، މަތިންދާ ބޯޓުގެ ދަތުރުފަތުރުން ލިބުނު 609,955 ޑޮލަރާއި، ބޭރުގައި ވިއްކި ދިވެހި ސްޓޭމްޕުން ލިބުނު 238,074 ޑޮލަރު ހިމެނޭ. މިހުރިހާ ރޮނގަކުންވެސް މިދިޔަ އަހަރު ދައުލަތަށް ލިބިފައިވާ ބޭރުފައިސާގެ އަދަދު، އޭގެކުރީ އަހަރަށްވުރެ ގިނަ. ބޭރުފައިސާގެ މުޅި ޖުމްލައަށް ބަލާއިރު، 1980 ވަނަ އަހަރު ދައުލަތަށް ލިބުނުވަރަށްވުރެ 1981 ގައި ލިބިފައިވާ ބޭރުފައިސާގެ އަދަދު %47 އިތުރުވެފައިވޭ.
ދައުލަތަށް ލިބޭ ބޭރު ފައިސާގެ އަދަދު އަދިވެސް އިތުރުކުރަން ވަނީ ބޭނުންވެފައި. ސަބަބަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ބޭރުން ގެންނަންޖެހޭ ތަކެއްޗާއި، ސަރުކާރުގެ އޮފީސްތަކަށާއި، ދައުލަތުން އާންމުންނަށް ކޮށްދޭ ޚިދުމަތްތައް ހިންގާ ފަރާތްތަކަށް ގެންނަންޖެހޭ ތަކެތި، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާކަން. އަދި، ބައިނަލްއަޤްވާމީ ކަންތައްތަކުގައި ރާއްޖެ ބައިވެރިވަމުންދިޔަވަރަކަށް ބޭރުފައިސާގެ ބޭނުންތައް ގިނަވަމުންދާކަން.
މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަންޖެހޭ އެހެން ނުކުތާއެއްވެސް އެބައޮތް. އާދެ! އެއީ ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށްޓަކައި ބޭރުގެ ފަރާތްފަރާތުން ނަގާފައިވާ ލޯނުތައް އަދާކުރަން ފަށަންޖެހުނީ 1981 ވަނަ އަހަރުގައި ކަމަށްވާކަން. މިއީ، މީގެކުރީން ދައުލަތުން ކުރަންޖެހިފައިވާ ޚަރަދެއްނޫން. މިޚަރަދު ކުރުމަށްޓަކައިވެސް ދައުލަތަށް އިތުރު ބޭރުފައިސާ ބޭނުންވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ބޭރުގެ ފަރާތްތަކުން ލޯނު ނެގުމުގައި ދައުލަތުގެ ސިޔާސަތެއް ކަމުގައި ބަލާފައިވަނީ، އެކަންކަމުން ސީދާގޮތެއްގައި އިޤްތިޞާދީ ފައިދާ ރާއްޖެއަށް ލިބިދޭފަދަ ކަންތައްތަކަށް ލޯނުނެގުން. މިގޮތުން، މިހާތަނަށް ލޯނު ނަގާފައިވަނީ، އެއަރޕޯޓް ހެދުމަށާއި، މަސްވެރިކަން ކުރިއެރުވުމަށާއި، ޓެލެކޮމިއުނިކޭޝަން ތަރައްޤީކުރުމަށާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެއްޗާބެހޭ ބައެއް ޚަރަދު ހަމަޖެއްސުމަށް. މީގެތެރެއިން، 1981 ވަނަ އަހަރު އަދާކުރަން ފެށުނީ، ޓެލެކޮމިއުނިކޭޝަން ތަރައްޤީކުރުމަށް ނަގާފައިވާ ލޯނު. ލޯނުތައް އަދާކުރުމުގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ، އާންމު ރައްޔިތުންނަށް އެކަމުގެ ސަބަބުން އެއްވެސް ބުރައެއް އުފުލަން ނުޖެހޭގޮތަށް.
އާދެ! 1981 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށްވަނީ އިޤްތިޞާދީގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. ރާއްޖެތެރޭގައިވެސް އިތުރު ވަޒީފާތަކާއި މަސައްކަތްތައް ވަނީ ފެށިފައި. މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު މުޅިން އާ ފެންވަރަކަށް ތަރައްޤީ ކުރެވުމާއެކު، ރާއްޖެތެރޭގައިވެސް ވައިގެ ބަނދަރުތައް ވަނީ ހަދަން ފެށިފައި. މިކަންކަމުގެ އިތުރަށް، މަސްވެރިކަމުގެ މަޝްރޫޢުތަކާއި، އެނޫންވެސް ކިތަންމެ ކަންތައްތަކެއް ފެށުމާއެކު، ރާއްޖޭގެ އިޤްތިޞާދިއްޔަތު މިހާރު ދަތުރުކުރަމުން މިދަނީ ވަރަށް ފުޅާ ދާއިރާއެއްގެ ތެރެއަށް. މިކަންކަމާމެދު ވިސްނަވައިގެން، މިބަދަލުތަކުން ލިބިގަނެވެން އޮތް އެންމެބޮޑު ފައިދާތަކެއް ހޯއްދެވުމަށް ރާއްޖޭގެ އެންމެހައި ރައްޔިތުން ހީވާގިކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަން.
މަސްވެރިކަން
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ މަތިވެރި ފައިދާތަކެއް ހޯދައިދޭ، ރާއްޖޭގެ އެންމެ އިސް މަސައްކަތަކީ، މަސްވެރިކަން. މިހާރުވެސް ރާއްޖޭގެ ރައޔިތުންކުރެ އެންމެ ގިނަ ބައެއްގެ ދިރިއުޅުން ހަމަޖެހިފައިވަނީ، މަސްވެރިކަމުން ލިބޭ އާމްދަނީގެ މައްޗަށް. އެހެންކަމާއެކު، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި، ސަރުކާރުން ވަރަށް މަތިވެރި ސަމާލުކަމެއް ދެމުންގެންދޭ. ރާއްޖޭގައި މަސްވެރިކަމަށް ދޭންޖެހޭ އަހަންމިއްޔަތާއި، މަސްވެރިންނަށް ކުރަންވީ ޤަދަރު ވަޒަންކުރުމުގެ ގޮތުންވެސް ސަރުކާރުގެ ފަރާތުން ގެންދަނީ މަސައްކަތް ކުރަމުން. މިކަމަށްޓަކައި، ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ގެންނަން ކަނޑައަޅައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެންމެ ފުރަތަމަފަހަރަށް އެދުވަސް ފާހަގަކުރެވުނު. އާދެ! 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ، ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި އެންމެފުރަތަމަ ފާހަގަކުރެވުނު ދުވަސް. މީގެފަހުން، ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށްވަނީ ކަނޑައެޅިފައި.
ވޭތުވެދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް މުޅިރާއްޖޭގައި ފާހަގަކުރެވުނީ ވަރަށް ކުލަގަދަގޮތެއްގައި. އާދެ! އެދުވަހުގެ މޮޓޯއެއް ކަމުގައި ކަނޑައެޅިފައިވި "މަސްވެރިންގެ ކުރިއެރުމަކީ ޤައުމުގެ ތަރައްޤީއެވެ" ބުނާ ބުނުމުގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން.
މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ތަފާތު އެތައް ރޮނގަކުން. އޭގެތެރޭގައި، މިހާރުވެސް ހިނގަމުންދާ މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، މަސްވެރިކަމުގެ ތަފާތު މަސައްކަތްތަކާ ގުޅޭގޮތުން މީހުންނަށް ތަމްރީނު ދިނުމާއި، މަސްވެރިކަމުގެ އާގޮތްތައް ހޯދައި، އިތުރު މަސައްކަތްތައް ފެށުމާއި، މިފަދަ އެތައްކަމެއް ހިމެނޭ. އަދި ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދެވޭތޯ މަސައްކަތްކުރުމާއި، ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރިކުރުމަކީވެސް ސަރުކާރުން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދޭކަމެއް.
މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ ޕްރޮގްރާމްގެ ދަށުން، 1981 ވަނަ އަހަރުގެ ތެރޭގައި 165 ދޯނީގައި އިންޖީނު ބަހައްޓައިދެވުނު. އަހަރު ނިމުނުއިރު، ރާއްޖޭގެ 167 ރަށެއްގައި އިންޖީނު ބެހެއްޓި 970 ދޯނިހުރި. މިއީ، 1980 ވަނަ އަހަރަށްވުރެ %20 އިތުރުވެފައިވާ އަދަދެއް. މިހާރުވެސް އިތުރު ދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރަމުންގެންދޭ. އަދި އިންޖީނު ބޭނުން މީހުން އެކަމަށް އެދުމުގެ ދޮރުވެސް، މިދިޔަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ވަނީ ހުޅުވައިދެވިފައި.
މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އިންޖީނު ދޯނިފަހަރަށް ބޭނުންވާ ތެޔޮ، ރާއްޖެތެރޭގެ ބައެއް ރަށްރަށުން ގަންނަން ލިބޭނޭގޮތަށް، 1981 ވަނަ އަހަރުގެ ތެރޭގައި ހަމަޖައްސައިދެވުނު. އޭގެ ކުރީ އަހަރު، ރާއްޖެތެރެއަށް ފޮނުވުނު 150 ތާނގީ ރަށްރަށުގައި ބަހައްޓައި ނިމުމަށްފަހު، އެތާނގީތަކަށް ތެޔޮ ފޮނުވައިދޭން ފެށުނު. ރާއްޖެތެރެއަށް ތެޔޮ ފޮނުވުމުގެ މަސައްކަތަކީ، މޫސުމާ ގުޅޭގޮތުން ކުރަންޖެހިފައިވާ މަސައްކަތަކަށްވުމާއެކު، އަދި ރާއްޖެތެރޭގެ ރަށްރަށަށް ތެޔޮ ގެންދެވޭގޮތަށް ތައްޔާރުކުރެވިފައިވަނީ އެންމެ ބޯޓެއް ކަމަށްވާތީ، ވޭތުވެދިޔަ އަހަރު ހުރިހާ ރަށަކަށް ތެޔޮ ފޮނުވޭނޭގޮތެއް ނުވޭ. ވީމާ، ކުރިއަށް އޮތްތާނގައި މިހާރަށްވުރެ އިތުރު ރަށްރަށަށް ތެޔޮ ފޮނުވުމުގެ އިންތިޒާމު މިހާރުދަނީ ހަމަޖެހެމުން. މި މަސައްކަތް ހިންގަމުން ގެންދަނީ ދާދިފަހުން އުފެއްދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ ފަރާތުން.
ކުރިންވެސް ދެންނެވި ފަދައިން، މަސްވެރިކަން ކުރިއަށް ގެންދިއުމުގެ ގޮތުން އެކަމާބެހޭ ތަފާތު ކަންކަމުގެ ތަމްރީނުތައް މީހުންނަށް ދިނުމަކީވެސް މިހާރު ސަރުކާރުން ޚާއްޞަ ގޮތެއްގައި ކުރަމުންގެންދާ ކަމެއް. މިގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ތަމްރީނު ދިނުމުގެ ކޯސްތަކެއް ބޭއްވުނު. ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާގެ މާހިރުންގެ ބަޔަކުއައިސް، ރާއްޖެތެރޭގެ 9 އަތޮޅެއްގައި އެންވެރިކަމާއި، މަސްވެރިކަމާއި، ކެޔޮޅުންގެ ކެޔޮޅުކަން ތަރައްޤީކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުނު. މީގެއިތުރަށް، ރާއްޖެއިން ބޭރަށް ފޮނުވައިގެންވެސް ބައެއް މީހުންނަށްދަނީ ތަމްރީނު ދެވެމުން. އަދި 1982 ވަނަ އަހަރުން ފެށިގެން، މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ މަތީ ކްލާސްތަކުގައި، މަސްވެރިކަމާބެހޭ މާއްދާއެއް ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާކަން، މި ފުރުޞަތުގައި އަޅުގަނޑު މިފާހަގަކުރަނީ، ޚާއްޞަ އުފަލަކާއެކު.
ރާއްޖޭގައި އުފައްދާ ހިކިކަނޑުމަހާއި ލޮނުމަސް، ބޭރުޤައުމުތަކަށް ވިއްކޭނެގޮތް ބަލައި، އޭގެ އަގުތަކާ ބެހޭގޮތުން ލަފާދޭނޭ ބޭރުގެ މާހިރެއް، މިދިޔަ އަހަރު ރާއްޖެއަށް ގެނެވުނު. އަދި ރާއްޖޭގެ މަސްވެރިކަމާބެހޭ ގަވާއިދުތަކާއި ޤާނޫނުތައް ބަލައިގެން، ފުރިހަމަ ޤާނޫނެއް އެކުލަވައިލުމަށްޓަކައިވެސް، ބޭރުގެ މާހިރެއް ގެނެވުނު. އެމީހުން ހުށަހެޅި ރިޕޯޓްތަކާމެދު ސަރުކާރުން މިހާރު ގެންދަނީ ވިސްނަމުން.
މަސްވެރިކަމުގެ އިތުރު ރޮނގުތައް ރާއްޖޭގައި ތަރައްޤީކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި، ފެންމަތީގައި އޮޔާދެމޭގޮތަށް ތައްޔާރުކުރެވޭ ކަނދުފަތި ހަރުކުރުމާބެހޭ މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައި ހިންގަން ފެށުނު. ރާއްޖޭގެ 6 ދިމާއެއްގައި، ތަފާތު 4 ވައްތަރެއްގެ 6 ކަނދުފަތި ހަރުކުރެވުނު. މިކަންވީ، ވަރަށް ފައިދާހުރި ކަމަކަށް. ރާއްޖޭގެ މަސްވެރިން ކުރިންވެސް ދަންނަ، އޮއިވާލި މަސްވެރިކަމުގެ އާ އީޖާދަކަށް. މީގެއިތުރަށް، ރާއްޖޭގެ އެންމެ ދެކުނުގެ 5 އަތޮޅަށް ބާނާ މަސްގަނެ ފިނިކޮށްގެން ބޭރަށް ފޮނުވާނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރޭވިފައިވާ މަޝްރޫޢެއް ކަމުގައި ހިމެނޭ "ފިޝްވެލްތު އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓް" ފެށްޓުމަށްޓަކައި ކުރަންހުރި ކަންތައްތައް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު.
މި މަޝްރޫޢު ފެށުމުގެ ކުރިން ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް މިހާތަނަށް ހަމަނުޖެހި އޮތުމާއެކު، ވޭތުވެދިޔަ އަހަރު މި މަޝްރޫޢު ފެށްޓޭނެގޮތް ނުވިކަމުގައިވިޔަސް، އެ ހުރިހާ ކަމެއް ހަމަޖެހިގެން، މި ހިނގާ 1982 ވަނަ އަހަރުގެ ފަހުކޮޅުގައި މި މަޝްރޫޢު ފެށްޓޭނެކަމަށް އުންމީދުކުރެވޭ.
ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރިކުރުމުގެ ގޮތުން، 1982 ވަނަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން ފިޔަވަޅުތަކެއްއެޅި. ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، މަތިންދާބޯޓުގައާއި، ބާރަށްދުވާ ލާންޗްތަކުގައި އެތަކެއް ދަތުރު ރާއްޖޭގެ އެކިއެކި ދިމަދިމާއަށް ކުރި. އަދި ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ބާރަށްދުވާ އިތުރު އާ ބޯޓެއްވެސް މިދިޔަ އަހަރުގެ ތެރޭގައި ހޯދުނު.
ސަރުކާރަށް ބޭރުފައިސާގެ އެންމެމަތީ އަދަދެއް ލިބޭ ވަސީލަތަކީ މަސްވެރިކަން. ވޭތުވެދިޔަ އަހަރުވެސް، ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ %31 ލިބިފައިވަނީ، ރާއްޖޭގެ މަސް ބޭރަށް ވިއްކައިގެން. 1981 ވަނަ އަހަރު ރާއްޖެއިން ބޭރަށް ވިއްކުނު މަހަށް ބަލާއިރު، 1980 ވަނަ އަހަރަށްވުރެ އިތުރުވެފައިވަނީ ވަރަށް ކުޑަ މިންވަރެއް. 1980 ވަނަ އަހަރު ރާއްޖެއިން ބޭރުކުރެވިފައިވަނީ، 14,103 މެޓްރިކް ޓަނުގެ މަސް. 1981 ވަނަ އަހަރު ބޭރުކުރެވިފައިވަނީ، 14,137 މެޓްރިކް ޓަނުގެ މަސް.
ކުރީ އަހަރެކޭ އެއްފަދައިން، ވޭތުވެދިޔަ އަހަރުވެސް، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަންގެ ފަރާތުން ރޯމަސް ގަންނަމުންދިޔަ. 1981 ވަނަ އަހަރު ރާއްޖޭގެ މަސް ވިއްކަމުން ގެންދިޔައީ، ހޯކޯ މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޓުތަކަށާއި، މޯލްޑިވްސް ނިޕޯން ކޯޕަރޭޝަންގެ ފަރާތުން ފެލިވަރުގައި ހަދާފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް. އަދި 1980 ވަނަ އަހަރު ރޯމަސް ގަންނަންފެށި ޖެއިންޓްރާ އެސް.އޭ. ނަމަކަށް ކިޔާ ކުންފުނިން 1981 ގެ ތެރޭގައި މަސްގަތުން ވަނީ ހުއްޓާލާފައި. އެހެންކަމުން، މިދިޔަ އަހަރު އަނެއް ދެ ކުންފުނީގެ އިތުރަށް، އެހެން ބަޔަކަށްވެސް، ސަރުކާރުން ރޯމަސް ވިއްކަން ފެށުނު. އެއީ، ދިވެހީންގެ ބަޔަކު އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ އައިލެންޑް އެންޓަރޕްރައިޒަސް ލިމިޓެޑް.
ރާއްޖޭގައި އުފައްދާ ހިކިކަނޑުމަހާއި، ކަނޑުމަހުގެ ލޮނުމަސްގަނެ އެކްސްޕޯޓް ކުރަމުންދަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން. އެ އޯގަނައިޒޭޝަންގެ ފަރާތުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި މިހާރުދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންކަން މި ފުރުޞަތުގައި ފާހަގަކޮށްލަން.
ރާއްޖޭގެ މަސް މިހާރު ވިކެމުންދަނީ، މިދެންނެވިފަދަ ހަނިދާއިރާއަކަށް ކަމަށްވާތީ، މަސްވިއްކާނޭ އިތުރު މާކެޓްތަކެއް ހޯދުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. އެއާއެކު، އަޅުގަނޑު އުންމީދުކުރަނީ، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، ރާއްޖޭގައި ބޭނޭ މަހުގެ އަދަދު އިތުރުވަމުންދާނޭ ކަމަށް. އަދި އޭގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް މަތިވެރި ފައިދާތަކެއް ލިބޭނެކަމަށް.
ބޯޓުފަހަރު ދުއްވުން
ބޯޓުފަހަރު ދުއްވުމުން މިދިޔަ އަހަރުވެސް ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ވަރަށްމަތީ ފައިދާތަކެއް ލިބިފައިވޭ. ރާއްޖެއަށް އެކަށީގެންވާ އަދަދަކަށް ބޭރުފައިސާ ލިބި، އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ވަޒީފާ ލިބިފައިވޭ.
1981 ވަނަ އަހަރު ނިމުނުއިރު، ދިވެހި ސަރުކާރުގެ އަމިއްލަ 40 ބޯޓު އޮތް. އެއީ، 1980 ވަނަ އަހަރު ނިމުނުއިރު އޮތް 39 ބޯޓުގެ ތެރެއިން، ބައެއް ކުދި ބޯޓު ވިއްކުމަށްފަހު، އިތުރު ބޮޑެތި ބޯޓުފަހަރު ގަނެގެން. އެހެންކަމުން، މިދިޔަ އަހަރުގެ ތެރޭގައި ބޯޓުފަހަރުގެ ޓަނޭޖް %17 އިތުރުވެފައިވޭ. އާދެ! 1981 ވަނަ އަހަރު ނިމުނުއިރު، ދިވެހި ސަރުކާރުގެ ބޯޓުފަހަރުގެ ޓަނޭޖަކީ 311,888 ޓަނު.
ސަރުކާރުގެ ބޯޓުފަހަރު ދުއްވާ ފަރާތް ކަމުގައިވާ، މޯލްޑިވްސް ޝިޕިންގ ލިމިޓެޑްގެ ބޯޓު ދުއްވުމުގެ ޚިދްމަތުގެ އިތުރަށް، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވޭ އެހެނިހެން މަސައްކަތްތަކުގެ ދާއިރާތަކަށްވެސް މިހާރުދަނީ އެ ކުންފުނީގެ ޚިދުމަތްތައް ލިބެމުން. މާލެއަތޮޅު މާފުށީގައި ސަރުކާރުން ހިންގާ ކުޑަކުދިންގެ އިޞްލާޙިއްޔާއަށް 1980 ވަނަ އަހަރުގެ ތެރޭގައި އެމް.އެސް.އެލް.ގެ ފަރާތުން ދޭންފެށި އެހީ، 1981 ވަނަ އަހަރުގެ ތެރޭގައިވެސް ދެމުންގެންދިޔަ. މީގެއިތުރަށް، ރާއްޖޭގެ ތަޢުލީމުގެ ދާއިރާއަށްވެސް މިދިޔަ އަހަރު އެމް.އެސް.އެލް.ގެ ފަރާތުން އެހީވެދޭންފެށި. މިގޮތުން، ބޭރުން ގެންނަ ޓީޗަރުންގެ މުސާރަ ދިނުމަށް ބޭނުންވާ ބޭރުފައިސާގެ ބައެއް ދިނުމާއި، ރާއްޖެތެރޭގައި ބައެއް ސްކޫލްތައް އިމާރާތް ކުރުމަށް އެމް.އެސް.އެލް. އިން ދެމުންގެންދާ ގިނަގުނަ އެހީތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ. ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު ބައި ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށްވެސް އެމް.އެސް.އެލް.ގެ ފަރާތުން އެހީތަކެއް ލިބުނު. މި ރޮނގުން، ކުރީއަހަރު ރާއްޖެތެރޭގެ ރަށްރަށުގައި ބަހައްޓާފައިވާ ތެޔޮއަޅާ ތާނގީތަކަށް ތެޔޮގެންދާނޭ އުޅަނދަކާއި މަސްބޯޓެއް ދިން. އަދި މިދިޔަ އަހަރުވެސް ސަރުކާރުގެ ފަރާތުން ބަޔަކު ޙައްޖަށް ފޮނުވުމަށް އެމް.އެސް.އެލް.ގެ ފަރާތުން އެހީވެދީފައިވޭ. އަދި ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހެދުމަށްވެސް އެމް.އެސް.އެލް.ގެ އެހީ ލިބިފައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށް. މިދެންނެވި އެހީތަކުގެ އިތުރަށް، 1981 ވަނަ އަހަރުގެ ތެރޭގައި، ފައިސާގެގޮތުން 1,350,000 އެމެރިކާ ޑޮލަރު މޯލްޑިވްސް ޝިޕިންގ ލިމިޓެޑްގެ ފަރާތުން ސަރުކާރަށް ދައްކާފައިވޭ.
ޓޫރިޒަމް
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ޓޫރިޒަމްގެ މަސައްކަތަކީ، ރާއްޖެއަށް އިޤްތިޞާދީގޮތުން މަތީ ފައިދާތަކެއް ލިބިދޭ މަސައްކަތެއް. އެ މަސައްކަތުން ރާއްޖެއަށް ވަރަށްބޮޑު އާމްދަނީއެއް ލިބޭ. އަދި އެ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ގިނަ ބަޔަކަށް އެކިޒާތުގެ ވަޒީފާތައް ލިބުމުގެ ދޮރުތައް ވަނީ ހުޅުވިފައި.
1980 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ 32 ރިޒޯޓް. ޓޫރިސްޓް ރިޒޯޓްތަކުގެ އިތުރަށް، ޓޫރިސްޓުން ތިބޭގޮތަށް ރާއްޖޭގައި ހަދާފައި ހުންނަ ތަންތަންވެސް އެ އަހަރުގެ ތެރޭގައި ރަޖިސްޓަރީ ކުރެވުނު. މިގޮތުން މެހްމާނުން ތިބޭ 61 ގެއާއި، 3 ހޮޓާ ރަޖިސްޓްރީ ކުރެވިފައިވޭ. އެއަހަރު ނިމުނުއިރު، މިހުރިހާ ތަނެއްގައި ހުރި އެނދުގެ ޖުމްލައަކީ 2,782.
1981 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި 37 ރިޒޯޓް ހުރި. މީގެތެރެއިން 11 ރިޒޯޓަކީ، ސަރުކާރުގެ ތަންތަން. މުޅި ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ އަދަދަކީ 3,208. ވޭތުވެދިޔަ އަހަރު މާލެއާއި ރާއްޖެތެރޭގައި ޓޫރިސްޓުން ތިބޭގޮތަށް ހަދާފައި ހުންނަ ތަންތަންވެސް ކުރީއަހަރަށްވުރެ ވަނީ އިތުރުވެފައި. މިގޮތުން، މާލޭގައި މެހްމާނުން ތިބޭ 48 ގެ، އަދި ރާއްޖެތެރޭގައި މެހްމާނުން ތިބޭ 54 ގެ މިހާރު އެބަހުރި. ކަނޑުގައި ދުއްވާ އުޅަނދުގެ ތެރެއިން، އޭގައި ޓޫރިސްޓުންނަށް ނިދައި ކައިބޮއި އުޅެވޭގޮތަށް ބޭނުންކުރާ ޔޮޓްފަދަ ތަކެތި މިދިޔަ އަހަރު ރަޖިސްޓަރީ ކުރަން ފެށުނު. މިގޮތުން 1981 ވަނަ އަހަރު ނިމުނުއިރު 9 އުޅަނދު ރަޖިސްޓަރީ ކުރެވިފައިވޭ. ވޭތުވެދިޔަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުވެސް އޭގެކުރީ ހުރިހާ އަހަރަކަށްވުރެ ވަރަށްބޮޑުތަން އިތުރުވެފައިވޭ. 1980 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 41,985 ޓޫރިސްޓުން. 1981 ވަނަ އަހަރު 60,228 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވޭ. އާދެ! މިއީ ކުރީ އަހަރަށްވުރެ %43 އިތުރު އަދަދެއް. 1980 ވަނަ އަހަރު ޓޫރިޒަމްގެ ދާއިރާއިން ސަރުކާރަށް ލިބިފައިވަނީ 1,585,318 އެމެރިކާ ޑޮލަރު. 1981 ވަނަ އަހަރު ޓޫރިޒަމްގެ ދާއިރާއިން ސަރުކާރަށް 2,421,224 ޑޮލަރު ލިބިފައިވޭ. މިއީ ކުރީއަހަރަށްވުރެ %53 އިތުރުވެފައިވާ އަދަދެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ރާއްޖޭގައި ޓޫރިޒަމް ތަރައްޤީވަމުން ދާންވާނީ، ވަކިހަމަތަކެއްގެމަތީން، ވަކި ދާއިރާތަކަކަށް ކަނޑައެޅިގެން ކަމަށް ފެންނާތީ، ވޭތުވެދިޔަ އަހަރު، ޓޫރިޒަމްގެ މާސްޓަރ ޕްލޭނެއް ތައްޔާރުކުރެވުނު. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢަށް މިއަހަރުން ފެށިގެން ޢަމަލުކުރަން ފެށޭނެ.
ވޭތުވެދިޔަ ދެތިން އަހަރެކޭ އެއްފަދައިން، މިދިޔަ އަހަރުވެސް ޓޫރިޒަމްގެ ރޮނގުން ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރުފްކޮށް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު. ބޭރުދުނިޔޭގެ ދަތުރުފަތުރާބެހޭ މަޝްހޫރު ބައެއް ނޫސް، މަޖައްލާފަދަ ތަކެތީގައި، ރާއްޖެ އިޝްތިހާރު ކުރުމުގެގޮތުން ލިޔުންތައް ޝާއިޢުކުރެވުނު. އަދި ޓޫރިޒަމްގެ ރޮނގުން ތަޢާރުފްވުމާއި އަދި މިނޫންވެސް ޓޫރިޒަމްގެ ރޮނގުން ކުރިއަށްދިޔުމުގައި ބޭރުގެ އެކި ޖަލްސާތަކުގައާއި ސެމިނާރތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، ރާއްޖޭގެ ޓޫރިޒަމާބެހޭ ވަރަށްގިނަ މަޢުލޫމާތު ބޭރު ދުނިޔެއަށް ހާމަކުރެވުނު. ރާއްޖެ އިޝްތިހާރު ކުރުމުގެގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާ، ވަރަށް އެދެވޭގޮތެއްގައި ފެންނަމުންދާކަންވެސް، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން.
އެއަރޕޯޓް
ވޭތުވެދިޔަ އަހަރު ކުރެވުނު އެންމެ ޚާއްޞަ އެއްކަމަކީ، ހުޅުލޭ އެއަރޕޯޓް، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް ފުދޭވަރަށް ތައްޔާރުކޮށް "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް"ގެ ނަމުގައި ރަސްމީގޮތުން ހުޅުވުން. ކުޑަވެސް ޝައްކެއްނެތް. މި ވައިގެ ބަނދަރު ހުޅުވުމުން، ބޭރުގެ ދުނިޔެއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ވަރަށްބޮޑު ބަދަހިކަމެއް އަންނާނެ. ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވަރަށްބޮޑު ބާރެއް ލިބޭނެ. ރާއްޖޭގެ ވިޔަފާރީގެ ދާއިރާވެސް މިހާރަށްވުރެ ފުޅާވެގެންދާނެ. އަދި ހަނި ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ތަނަވަސް ދާއިރާތަކަކަށް ވާޞިލްވެގެންދާނެ.
ހުޅުލޭ އެއަރޕޯޓްގެ މަސައްކަތަށް މިވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން 35 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ. އަދި ބޭރުގެ އެކުވެރި ޤައުމުތަކާއި، ބޭރުގެ އެކި އިދާރާތަކުން އެހީގެ ގޮތުންނާއި، ލޯނުގެ ގޮތުން ލިބިގެން ބޭރުފައިސާއިން 24 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކުރެވިފައިވޭ.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމާ ގުޅިގެން، ރާއްޖޭގައި ޑިއުޓީ މާފު ދާއިރާތަކެއް ކަނޑައެޅުމުގެ ޤާނޫނެއް ފާސްކުރެވި، އެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވޭ ޑިއުޓީ މާފު ފިހާރަ ހުޅުލޭގައި ހުޅުވުނު. މިފަދަ ތަންތަނަކީ، ބޭރުގެ ޤައުމުތަކުގައިވެސް، ޚާއްޞަކޮށް، ވައިގެ ބަނދަރުތަކާ ގުޅިގެން ހުންނަ ތަންތަން. ރާއްޖޭގައި މި ހުޅުވުނު ޑިއުޓީ މާފު ފިހާރައިގެ ފައިދާވެސް ރާއްޖެއަށް އެދެވޭގޮތެއްގައި ލިބޭނެކަމަށް، އަޅުގަނޑު އުންމީދުކުރަން.
ވޭތުވެދިޔަ އަހަރު ހުޅުލެއާއި ގަމާ ދޭތެރޭވެސް، ވައިގެ ޚިދުމަތުގެ ދަތުރުތައް ޤާއިމުކުރެވުނު. މިކަމަކީވެސް ރާއްޖޭގެ ތަރައްޤީގައި ކުރިއަށް އެޅުނު، ވަރަށް ރަނގަޅު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން.
މާލޭގެ ބައިނަލްއަޤްވާމީ ވައިގެބަނދަރު ހުޅުވުމާއެކު، ރާއްޖެތެރޭގައި އިތުރު ދެ އެއަރޕޯޓް ހެދުމުގެ މަސައްކަތްވެސް ފަށައިގަނެވުނު. އައްޑުއަތޮޅު ގަމުގައި އޮތް އެއަރޕޯޓްގެ އިތުރަށް، ރާއްޖޭގެ އުތުރުން ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ، އަދި ރާއްޖޭގެ ދެކުނުން ހައްދުންމަތީ ކައްދޫ، މިދެންނެވި މަސައްކަތަށް ހޮވައި، ރަންވޭ ހެދުމަށް ބިން ސާފުކޮށް، އެ ދެ ރަށުގައި ރަންވޭ ހެދުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. މިކަމުގެ ސަބަބުން، މާލެއާއި ރާއްޖޭގެ އުތުރާއި އަދި ދެކުނާ ފުރަތަމަފަހަރަށް ވައިގެ މުވާޞަލާތުން ގުޅައިލެވި، އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން މިހާރަށްވުރެ ރާއްޖެ ތަރައްޤީވެ، ރާއްޖޭގެ ދަތުރުފަތުރު ހަލުވިކޮށް ހަރުދަނާކުރުމަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެ.
ވިޔަފާރި
ވިޔަފާރީގެ ރޮނގުގައި، 1981 ވަނަ އަހަރު ރާއްޖެ ވަނީ، އިތުރު ފިޔަވަޅުތަކެއް ކުރިއަށް އަޅާފައި. ސަރުކާރުން ކުރަމުންގެންދާ ވިޔަފާރިއާއި، އަމިއްލަ މީސްމީހުން ކުރާ ވިޔަފާރި، އަދި ބޭރުގެމީހުން ރާއްޖޭގައި އިންވެސްޓްކޮށްގެން ކުރާ ވިޔަފާރިވެސްވަނީ ކުރިއަށްގޮސްފައި.
ސަރުކާރުން ކުރާ ވިޔަފާރި ހިންގާ ފަރާތަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް، އާދެ! ހަނޑޫ، ހަކުރު، ފުށް، ރާއްޖެއަށް އެތެރެކޮށް، ހެޔޮއަގުގައި ރައްޔިތުންނަށް ވިއްކުމުގެ އިންތިޒާމްތައް ކުރަމުން ގެންދަނީ އެތަނުން. އަދި ބޭހާއި، ތެލާއި، ފޭރާމާއި، ގެދޮރުއެޅުމުގެ ސާމާނާއި، އެނޫންވެސް ވަރަށްގިނަ ބާވަތް ބާވަތުގެ މުދާ އެސް.ޓީ.އޯ. އިން ރާއްޖެއަށް ގެނެސްދޭ. ރާއްޖޭގައި އުފައްދާ ހިކި ކަނޑުމަހާއި، ކަނޑުމަހުގެ ލޮނުމަސް ރައްޔިތުންގެ އަތުންގަނެ، ރާއްޖެއިން ބޭރަށް ވިއްކައިދެނީވެސް އެސް.ޓީ.އޯ.އިން. މި ރޮނގުން ރައްޔިތުންނަށް މަތިވެރި ޚިދުމަތްތަކެއް އަދާކުރަމުންދާއިރު، އެސް.ޓީ.އޯ.އިން ސަރުކާރަށް ވަރަށްމަތީ އާމްދަނީއެއްވެސް ހޯދައިދޭ. 1980 ވަނަ އަހަރު އެސް.ޓީ.އޯ.ގެ ފައިދާގެ ގޮތުގައި ސަރުކާރުގެ އާމްދަނީއަށް ލިބިފައިވަނީ، -/15,891,039 ރުފިޔާ. މިހާތަނަށް ބެލިފައިވާ ހިސާބުތަކުން ދައްކާގޮތުގައި، އެސް.ޓީ.އޯ.ގެ 1981 ވަނަ އަހަރުގެ ފައިދާއަކަށްވާނީ، ގާތްގަނޑަކަށް -/15,106,000 ރުފިޔާ.
އެސް.ޓީ.އޯ.ގެ ފައިދާ 1981 ވަނަ އަހަރު ތަންކޮޅެއް ކުޑަވުމުގެ އެންމެބޮޑު އެއްސަބަބަކީ، އެއަހަރުގެ ތެރޭގައި އެސް.ޓީ.އޯ.އިން، ވިޔަފާރީގެ އިތުރު ދާއިރާތަކެއް ހޯދުމަށް މަސައްކަތްކުރަން ފެށުން. އަދި މުސްތަޤްބަލުގައި އިތުރު ފައިދާތަކެއް ލިބޭނޭ ބޮޑެތި ކަންތައްތަކެއް ކުރުމުގެ ބިންގާ އެޅުމުގެ ގޮތުން، ވަރަށްމަތީ ދަރަޖައަކަށް ހޭދަކުރަންޖެހުނުކަން. އާދެ! އައްޑުއަތޮޅު ގަމުގައި ފަށާފައިވާ މަސައްކަތްތަކާއި، މާލެއަތޮޅު ތުލުސްދޫގައާއި މާފުށީގައި ހަދަމުންދާ ތަންތަން، އަދި ހައްދުންމަތީ ފޮނަދޫގައާއި، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިމާރާތްކުރާ ތަންތަން އެއީ މިދެންނެވި ބަހުގެ ހެތްކެއް.
އެސް.ޓީ.އޯ. އާއި ހޮންގކޮންގގެ ދެ ކުންފުންޏަކާ ގުޅިގެން، މިދިޔަ އަހަރުގެ ތެރޭގައި އާ ދެ ކުންފުނި އުފެއްދުނު. މި ދެ ކުންފުނިންވެސް، ތައްޔާރީހެދުން އުފެއްދުމުގެ މަސައްކަތް މިހާރު އައްޑުއަތޮޅު ގަމުގައި ކުރަމުން އެބަގެންދޭ. މީގެއިތުރަށް، އެސް.ޓީ.އޯ.އާއި، މޯލްޑިވްސް ޝިޕިންގ ލިމިޓެޑާ ގުޅިގެން ވަނީ، "މޯލްޑިވްސް އިންޑަސްޓްރީޒް ލިމިޓެޑް"ގެ ނަމުގައި އާ ކުންފުންޏެއް އުފައްދާފައި. އަދި ސިންގަޕޫރު ސަރުކާރުގެ ވިޔަފާރި ކުންފުންޏެއް ކަމުގައިވާ އިންޓްރާކޯއާއި، އެސް.ޓީ.އޯ.އާއި، އެމް.އެސް.އެލް. ބައިވެރިވެގެންވެސް ވަނީ އައު ވިޔަފާރި ކުންފުންޏެއް އުފައްދާފައި.
ވިޔަފާރީގެ ދާއިރާގައި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކުންފުންޏެއް ރާއްޖޭގައި ނެތި 13 ވަރަކަށް އަހަރުވުމަށްފަހު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ މިފަދަ ކުންފުންޏެއް އުފެއްދިފައި. އެއީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ، %60 ހިއްސާ، ސަރުކާރުން އަދި %40 ހިއްސާ ރައްޔިތުންގެ ފަރާތުންވާ މި ކުންފުނި މިހާތަނަށް ހަމަޖެހިފައިވަނީ، ސަރުކާރަށް އާމްދަނީ ލިބޭގޮތަށް ބައެއް ޑިޕާޓްމަންޓްތަކުން ކުރަމުންއައި މަސައްކަތްތައް އެ ކުންފުނިން ކުރާގޮތަށް. އެއީ އެ މަސައްކަތުން ލިބޭ އާމްދަނީގެ ބައެއް، ޢާންމުންނަށްވެސް ލިބޭނެގޮތް ވުމާއެކު، މަސައްކަތްތައްވެސް ތަރައްޤީވެ ކުރިއަށްދާނެތީ. މިގޮތުން، ޝިޕިންގ ޑިޕާޓްމަންޓާއި، މެރިން ޑިވިޜަނާއި، މެކެނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސް ޑިވިޜަނާއި، ސޯމިލްގެ މަސައްކަތްތައް މި ކުންފުންޏާ ހަވާލުކުރެވުނު. އޭގެއިތުރަށް، އެމް.ޓީ.ސީ.ސީ. އިން ބޯޓްޔާޑަކާއި، މެޝިން ޝޮޕެއް ހިންގަމުން ދިއުމާއެކު، ޓޫރިސްޓް ރިޒޯޓެއްގައި އެ ކުންފުނިން 100 އެނދު ތައްޔާރުކޮށް މިހާރު ކުއްޔަށް ދޫކޮށްފައިވޭ. މި ކުންފުންޏަކީ، އަލަށް ފަށައިގަނެގެން ހިންގާ ކުންފުންޏަކަށް ވުމާއެކު، ކުންފުނީގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެކަށީގެންވާ މުއްދަތެއް ބޭނުންވާނެ. އެހެންވުމާއެކު، މިއަހަރުގެ ތެރޭގައި އެ އިންތިޒާމުތައް ހަމަޖެއްސޭނެކަމަށް އުންމީދުކުރެވޭ.
ދިވެހިރާއްޖޭގެ ވިޔަފާރިއަކީ، ވަރަށް ހުޅުވިފައިވާ ސިޔާސަތެއްގެ މައްޗަށް ހިނގަމުންދާ ވިޔަފާރިއަކަށްވާތީ، ބޭރުގެ އެކިއެކި ފަރާތްފަރާތުން ރާއްޖޭގައި ތަފާތު ރޮނގުރޮނގުގެ ވިޔަފާރި ފެށްޓުމުގެ ޝައުޤު، އެއްދުވަހުން އަނެއްދުވަހަށްދަނީ އިތުރުވަމުން. މިގޮތުން ރާއްޖޭގައި ކުރިއްސުރެ ހިނގަމުންއައި ބޭރުގެ ދެ ބޭންކްގެ އިތުރަށް، އާ ބޭންކެއް މިދިޔަ އަހަރުގެ ތެރޭގައި ހުޅުވުނުކަން މިތާނގައި އަޅުގަނޑު ފާހަގަކޮށްލަން.
ކުރިންވެސް ދެންނެވި ފަދައިން، އަމިއްލަ ފަރާތް ފަރާތުގެ ވިޔަފާރިވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ތަރައްޤީވެގެންދިޔަ. މިކަމުގެ އެންމެބޮޑު ދަލީލަކީ، 1980 ވަނަ އަހަރަށްވުރެ 1981 ވަނަ އަހަރު ރާއްޖެއަށް ގެނެވުނު މުދަލާއި، ރާއްޖެއިން ބޭރުކުރެވުނު މުދާ އިތުރުވެގެން ގޮސްފައިވާކަން. 1981 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަގުގެ ޖުމްލައަކީ،
-/124,276,942 ރުފިޔާ. އަދި ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ ޖުމްލައަކީ، -/34,014,053 ރުފިޔާ. މިއީ، 1980 ވަނަ އަހަރާ ނިސްބަތްކޮށް ބަލާއިރު، އިމްޕޯޓް ކުރުމުގައި %11 އަދި އެކްސްޕޯޓް ކުރުމުގައިވެސް %11 އިތުރުވެފައިވާ އަދަދެއް. ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މުދަލުގެ ތެރޭގައި މިދިޔަ އަހަރު ތައްޔާރީހެދުން އަލަށް ބޭރުކުރަން ފެށުނު.
ވިޔަފާރީގެ ރޮނގުގައި ރާއްޖޭގެ ފަރާތުން މިދިޔަ އަހަރު އެޅުނު ބޭނުންތެރި އެއްފިޔަވަޅަކީ، އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި ވިޔަފާރީގެ އެގްރީމަންޓެއްގައި ސޮއިކުރުން. މިއީ، ބައިނަލްއަޤްވާމީ ފެންވަރެއްގައި، ބޭރުޤައުމަކާއެކު ރާއްޖޭގެ ފަރާތުން ކުރެވުނު މިބާވަތުގެ ފުރަތަމަ އެގްރީމަންޓް. މި އެގްރީމަންޓްގެ އިތުރަށް، ޝްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދުގައި ކުރެވިފައިވާ ޓްރޭޑް އަންޑަރސްޓޭންޑިންގ، މިދިޔަ އަހަރުގެ ތެރޭގައިވެސް އާކުރެވުނު.
ދަނޑުވެރިކަން
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ދަނޑުވެރިކަމުން ލިބޭ ތަކެއްޗާއި، ރުއްގަހުން ލިބޭ ތަކެއްޗަކީ، އެތަކެތި ރާއްޖޭގައި ގިނަވެ މަދުވުމުން، ނުވަތަ އެތަކެތީގެ އަގު ހެޔޮވެ ބޮޑުވުމުން، ރާއްޖޭގެ އާންމު ރައްޔިތުންނަށް އޭގެ އަސަރު ސީދާގޮތެއްގައި ކުރާ ތަކެއްޗެއް. މީގެއިތުރަށް، ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު އެކަންކަމުގެ މައްޗަށް ބިނާވެފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް. ކަން މިހެން ހުރުމާއެކު، ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވައި، ރުއްގަސް ހައްދައި އިތުރުކޮށް، ރައްޔިތުންނަށް ބޭނުންވާ ދަރުފަން އިތުރުކޮށް، އެތަކެތި އާންމު ރައްޔިތުންނަށް ލިބެން ހުންނާނެ ގޮތްތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ސަމާލުކަން ދޭންޖެހިފައިވޭ. ވޭތުވެދިޔަ އަހަރުވެސް، މި ރޮނގުން މަސައްކަތްތަކެއް ކުރެވުނު. އަރިއަތޮޅު ފެރިދޫގައި، ދަނޑުގޮވާން ކުރުމުގެ ނަމޫނާ ރަށެއްގެގޮތުން، ބައެއް ވައްތަރުގެ ގަސް އިންދައި ހެއްދުމުގެ މަސައްކަތް ކުރެވުނު. ރާއްޖޭގެ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ގެއްލުންދޭތީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ކާޅު މެރުމުގެ ޕްރޮގްރާމެއްވެސް ހިންގުނު.
16 އޮކްޓޯބަރ 1981 އެއީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެއްގެ ގޮތުގައި ފުރަތަމަ ފާހަގަކުރެވުނު ދުވަސް. "ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް" އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަށީގެންވާ ގޮތެއްގައި ފާހަގަކުރެވުނު. އެދުވަހު، މާލެއާއި ރާއްޖެތެރޭގެ ގަސްގަހާގެހީގެ ކާބޯތަކެއްޗާއި، މާމެލާމެލީގެ މައުރަޒެއް މާލޭގައި ބޭއްވުނު.
ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ރާއްޖޭގެ ހުސްބިން އޮތް ރަށްރަށުގައި ރުއް އިންދުމުގެ މަސައްކަތް ކުރެވުނު. އަދި ލަކުޑީގެ އެކިބާވަތްތައްވެސް އިންދައި ހެއްދުމަށް ބާރުއެޅުނު. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އެތަކެތިން ފުދޭވަރުގެ އާމްދަނީއެއް ހޯދޭ ފެންވަރަކަށް، މިރުސް، ފަތްކެޔޮ، ކަރާ، ބަރަބޯ، އަދި މިނޫންވެސް މިފަދަ ތަކެތި ހައްދައި އިތުރުކުރެވިފައިވޭ.
1980 ވަނަ އަހަރު ރާއްޖޭގައި ފޯދިފައި ހުރީ ގާތްގަނޑަކަށް 961,000 ރުއް. 1981 ވަނަ އަހަރު ރާއްޖޭގައި ފޯދިފައި ހުރި ރުކުގެ އަދަދު 1,008,000 އަށްވުރެ ގިނަ. 1980 ވަނަ އަހަރު ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރުއް އިންދުމަށް އަޅުގަނޑު ކުރި އިލްތިމާސަށް، ދިވެހިރާއްޖޭގެ ރައްޔިތުން އިޖާބަދެއްވި މަތިވެރިކަން، އަޅުގަނޑު އުފަލާއެކު މިތާނގައި ފާހަގަކޮށްލަން. އާދެ! މިދެންނެވި ގޮތުން، 1980 ވަނަ އަހަރު 45,000 އަށްވުރެ ގިނަ ރުއް އިންދުނު. އަދި މި ވޭތުވެދިޔަ އަހަރު 60,000 އަށްވުރެ ގިނަ ރުއް އިންދިފައިވޭ. މިއާއެކު، ވޭތުވެދިޔަ އަހަރު ރާއްޖެއިން 49,600 އަށްވުރެ ގިނަ ރުއް ވަނީ ކެނޑިފައި. އެހެންކަމުން، ރާއްޖޭގައި އިންދެމުންދާ ރުކުގެ އަދަދާއި، ރާއްޖެއިން ކެނޑެމުންދާ ރުކުގެ އަދަދަށް ބަލާއިރު، ނިސްބަތުން ރާއްޖޭގެ ރުކުގެ އަދަދު މާބޮޑުތަން އިތުރުވަމުންދާކަމަކަށް ދެންނެވޭކަށް ނެތް. ވީމާ، ރާއްޖޭގައި އިތުރު ރުއް އިންދުމަށް މީގެކުރިންވެސް އަޅުގަނޑު ކޮށްފައިވާ އިލްތިމާސް އަލުން އާކުރުމަށް މި ފުރުޞަތުގެ ބޭނުންކުރަން.
ވޭތުވެދިޔަ އަހަރު ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާއާއި، މިނޫންވެސް މިފަދަ ފަރާތްތަކުގެ އެހީގައި، ރާއްޖޭގެ ދަނޑުވެރިކަމާބެހޭ ކަންތައްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރޭވުނު. އާދެ! ރާއްޖޭގައި ހެއްދިދާނެ އިތުރު ބާވަތްތަކުގެ ގަސްތައް ހޯދުމާއި، ރާއްޖޭގައި މިހާރުވެސް ހެދޭ ގަސްގަހާގެހި މިހާރަށްވުރެ ރަނގަޅުކުރެވޭނެ މަގުތައް ހޯދުމަށް މަސައްކަތް ކުރެވުނު. މިގޮތުން ރޭވުނު ކަންތައްތަކަށް ކުރިއަށް އޮތް އަހަރުތަކުގައި ޢަމަލީ ސިފަ ގެނެވޭނެ. މިހާރުވެސް އަރިއަތޮޅު ފެރިދޫގައި، ސައްކޭލާއި ދުންފަތް، އަދި ހައިވަކަރު ފަދަ ގަސްގަހުގެ މުޑުވައް، ރާއްޖެއިން ބޭރުން ގެނެސްގެން، ތަޖްރިބާކުރުމުގެ ގޮތުން ހައްދަމުން އެބަ ގެންދެވޭ.
ބޭރުގެ އެހީ
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ބޭރުގެ އެހީއަކީ، ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ބައެއް އަދާކުރާ އެއް ވަސީލަތް. އަޅުގަނޑުމެންގެ ރާއްޖެފަދަ އާމްދަނީ ލިބޭނޭ މަގުތައް މަދު، އަދި ޤުދުރަތީ ވަސީލަތްތައްވެސް މަދު ޤައުމަކަށް، އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީ ލިބިގެންނޫނީ، ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމަކީ މާފަސޭހަ ކަމަކަށްނުވާނެ.
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ޚާއްޞަކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް، ކުރިއަރާފައިވާ، އަދި ކެރިފޯރާ ޤައުމުތަކުން އެހީވެދިނުމުގެ މައްސަލައާމެދު ވޭތުވެދިޔަ އަހަރަކީ، ބައިނަލްއަޤްވާމީ ގޮތުން ވަރަށްމަތީ ސަމާލުކަމެއް ދެވުނު އަހަރެއް. އދ.ގެ ފަރާތުން، ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކާ ގުޅިގެން، އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާބެހޭ ޚާއްޞަ ޖަލްސާއެއް، 1981 ވަނަ އަހަރުގެ ތެރޭގައި ޕެރިސްގައި ބާއްވައި، އެފަދަ ޤައުމުތަކަށް އެހީވެދިނުމުގެ ފާހަގަކުރެވޭފަދަ ޕްރޮގްރާމެއް ކަނޑައެޅުނު. މި ޖަލްސާގައި، ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ، ބައިނަލްއަޤްވާމީ އެހީތައް މިހާރު ލިބެމުންދާ އުސޫލުގެ ސަބަބުން، އަޅުގަނޑުމެންފަދަ މީސްކޮޅުމަދު ޤައުމަކަށް އެހީ ލިބުމުގައި ކުރިމަތިލާންޖެހޭ ދަތިތަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް ފެންނަ ގޮތްތައް ހާމަކުރީމު.
މިދެންނެވި ޖަލްސާއަށްފަހު، ތަރައްޤީވެފައިވާ ޤައުމުތަކުން އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއާމެދުވެސް އިތުރު ސަމާލުކަމެއް ދޭން ފަށައިފި. ޔޫރަޕްގެ އިޤްތިޞާދީ ޖަމާޢަތުގެ ބައެއް ޤައުމުތަކުންނާއި، ޖަޕާނާއި ޗައިނާއާއި، އެނޫންވެސް ބައެއް އެހެން ޤައުމުތަކުން، ރާއްޖެއަށް ބޭނުންވާ އެހީތަކާމެދު ޚިޔާލުކުރަން ފަށައިފި. ވުމާއެކު، ކުރިއަށް އޮތް ތާނގައި ރާއްޖެއަށް އިތުރު އެހީތައް ލިބެމުންދާނެކަމުގެ އުންމީދުތައް ކުރެވެން ފަށައިފި.
ރާއްޖެއަށް ބޭރުގެ އެހީ ލިބެމުންދަނީ، ތަފާތު ދެތިން ރޮނގަކުން، ފައިސާގެ ގޮތުންނާއި، ތަކެތީގެ ގޮތުންނާއި، ތަޖްރިބާކާރުންފަދަ މީހުން ރާއްޖެއަށް އައިސް، އެމީހުންގެ އިރުޝާދު ދިނުމުންނާއި، ރާއްޖޭގެ މީހުން ބޭރު ތަންތަނަށް ގެންގޮސްގެން ކިޔަވައިދޭ ތަމްރީނު ދިނުމުން، އަދި ދިގު މުއްދަތަކަށް، ކުޑަ ފައިދާއަކާއެކު ދޫކުރާ ލޯނުގެ ޒަރީއާއިން.
1981 ވަނަ އަހަރު ރާއްޖެއަށް ބޭރުގެ އެހީގެގޮތުން ފައިސާއިން ލިބިފައިވަނީ، 875,508 އެމެރިކާ ޑޮލަރު. މިއީ، 1980 ވަނަ އަހަރު ބޭރުގެ އެހީއަށް ފައިސާގެ ގޮތުގައި ލިބިފައިވާ ވަރަށްވުރެ %102 އިތުރުވެފައިވާ އަދަދެއް. މީގެއިތުރަށް، ބައެއް ކާބޯތަކެއްޗާއި، ބޭހާއި، އެނޫންވެސް ބައެއް ތަކެތި ލިބިފައިވޭ.
1981 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވާ ބޭރުގެ އެހީތަކަށް ބަލާއިރު، އެންމެބޮޑު ބައެއް ލިބިފައިވަނީ ކާބޯތަކެތީންނާއި، ކާބޯތަކެތި ގަތުމަށްޓަކައި ލިބުނު ފައިސާއިން. ދެން ތަޢުލީމަށާއި، ޞިއްޙަތަށް، މަސްވެރިކަމަށާއި ދަނޑުވެރިކަމަށް، މާލޭގެ އިލެކްޓްރިކް ކަރަންޓް ރަނގަޅުކުރުމަށާއި، ދިވެހިރާއްޖޭގެ އަޑު، ރާއްޖޭގެ ދުރު ކަންކޮޅުތަކަށް އިވޭނޭގޮތް ހެދުމަށް، އަދި ކުޑަކުދިންގެ އިޞްލާޙިއްޔާއަށް. މި އެހީތައް ރާއްޖެއަށް ދިން ފަރާތްތަކުގެ ތެރޭގައި، ލީބިޔާ، ކުވައިތު، ޖަޕާން، އިރާޤް، އޮސްޓްރޭލިޔާ، އިނގިރޭސިވިލާތް، ދެކުނުކޮރެޔާ، އެމެރިކާ، ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން، އިންޑިޔާފަދަ ޤައުމުތައް ހިމެނޭ. އަދި، ޔޫ.އެން.ޑީ.ޕީ.، ޑަބްލިޔޫ.އެޗް.އޯ.، ޔުނިސެފް، ޔުނެސްކޯ، އެފް.އޭ.އޯ.، އިސްލާމިކް ސޮލިޑޭރިޓީ ފަންޑުފަދަ ޖަމާޢަތްތައްވެސް ހިމެނޭ. އެ ހުރިހާ ފަރާތަކަށް އަޅުގަނޑު މި ފުރުޞަތުގައި ޝުކުރުވެރިވަނީ ނިހާޔަތުގެ ދަރަޖައަށް.
ދިގުމުއްދަތަށް ލިބޭ ލޯނުގެގޮތުން އެންމެމަތީ އެހީއެއް ލިބިފައިވަނީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހެދުމަށް. އެކަމަށް 24 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތީ އަދަދެއްގެ ލޯނުވަނީ ލިބިފައި. މަސްވެރިކަމަށާއި، ޓެލެކޮމިއުނިކޭޝަންސް ކަންތައް ކުރިއަށް ގެންދިއުމަށްވެސްވަނީ ލޯނުގެ އެހީ ހޯދިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ރާއްޖޭގެ އިޤްތިޞާދިއްޔަތު އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުންދަނީ، ވަރަށްވެސް ހަލުވި ދުވެއްޔެއްގައިކަމީ ޝައްކެއްއޮތް ކަމެއްނޫން. އެއީ ސަރުކާރުން ކުރަމުންދާ މަސައްކަތާއި، ރައްޔިތުންގެ އެއްބާރުލުމާ އެކުވެގެން ނުކުންނަމުންދާ ނަތީޖާއެއްކަން ކަށަވަރު. މިކަމަށްޓަކައި އަޅުގަނޑު ނުހަނު މަތިވެރި ދަރަޖައަކަށް އުފާކުރަން.
މި ދަނޑިވަޅުގައި އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ދަންނަވާނީ، ޤައުމުގެ އިޤްތިޞާދީ ކަންތައްތަކާއި އަދި އެހެނިހެން ކަންތައްތައްވެސް އިޞްލާޙުކޮށް ތަރައްޤީކުރުމަށްޓަކައި، ސަރުކާރުން މިއަދު މަސައްކަތް ކުރަމުން މިގެންދަނީ ވަރަށްމަތީ ދަރަޖައަކަށޭ. އަދި މީގެކުރިން މަސައްކަތް ކުރެވިފައިވާގޮތާ މުޅީން ޚިލާފު ގޮތަކަށޭ. މިހެން މިދެންނެވީ، މިހާރު މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގައި ތިއްބެވި، ކަމަށް އެކަށީގެންވާ ގިނަ އަދަދެއްގެ ބޭފުޅުންގެ މަޝްވަރާއާއި، ބޭރުގެ ތަޖްރިބާކާރުންނާއި، މުޝީރުންގެ ލަފާވެސް ހޯދައިގެން ކަމަށްވާތީ. އާދެ! ނޭޝަނަލް ޕްލޭނިންގ ކައުންސިލް، ފިޝަރީޒް އެޑްވައިޒަރީ ބޯޑް، ޓޫރިޒަމް އެޑްވައިޒަރީ ބޯޑް، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑްފަދަ މަޖިލިސްތައް ރެޔާދުވާލު ޙަރަކާތްތެރިވަމުންދަނީ، ޤައުމުގެ ތަރައްޤީއަށްޓަކައި.
ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއެރުވުމަށްޓަކައި އެކިއެކި ބޮޑެތި މަސައްކަތްތައް ކުރާ ފަރާތްތަކަށް ސަރުކާރުން ވަރަށްގިނަ ޢިނާޔަތްތަކެއްވެސް ދެމުން އެބަގެންދޭ. ރާއްޖޭގައި އާ މަސައްކަތްތައް ފަށާ ފަރާތްތަކަށް، ވަކިމުއްދަތަކަށް އެކްސްޕޯޓް އިމްޕޯޓް ޑިއުޓީ މާފުކުރުމާއި، ލޯނު ދޫކުރުންފަދަ އެތައްކަމެއް ކޮށްދެވޭ. މިގޮތުން، 1981 ވަނަ އަހަރު މާފުކޮށްދެވިފައިވާ ޑިއުޓީގެ އަދަދު -/2,600,000 ރުފިޔާއަށްވުރެ ގިނަ. އަދި އެކިއެކި ބޮޑެތި މަސައްކަތްތައް ކުރުމަށް އެކިއެކި ފަރާތްތަކަށް، ވޭތުވެދިޔަ އަހަރު ސަރުކާރުން -/16,171,578 ރުފިޔާ، ލޯނުގެ ގޮތުގައި ދޫކުރެވިފައިވޭ.
މިކަންކަން މިހެން ހުރުމާއެކު، އަޅުގަނޑުގެ އިލްތިމާސަކީ، ސަރުކާރުން ކުރާ މަސައްކަތާއި، ދޭ ޢިނާޔަތްތަކުން އެދެވޭ ނަތީޖާއެއް ހޯއްދެވުމަށް ރާއްޖޭގައި އިޤްތިޞާދީ ބޮޑެތި މަސައްކަތްތައް ކުރާ ފަރާތްތަކުން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުން. އަދި މިހާރު ރާއްޖޭގައި ފުޅާވަމުންދާ އިޤްތިޞާދީ ދާއިރާތަކުން ލިބެންއޮތް އެންމެމަތީ ފައިދާތައް ދިވެހީންނަށް އާދެ! ދިވެހި ރައްޔިތުންނަށް ލިބޭނޭގޮތް ހޯދައި، އެގޮތަށް މަސައްކަތްތައް ރޭވޭތޯ ބެލުން.
ރާއްޖޭގެ ތަޢުލީމު
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ރާއްޖޭގެ ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދެވޭތޯ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ. 1978 ގެ ފަހުކޮޅުން ފެށިގެން، މިވޭތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދިއުމަށް ކުރެވިފައިވާ މަސައްކަތްތަކަކީ، ކޮންމެ ހައިސިއްޔަތަކުން ބެލިޔަސް، މީގެކުރިން އެފަދަ މަސައްކަތްތަކެއް ކުރެވިފައި ނެތްފަދަ ބޮޑު މަސައްކަތްތަކެއް. އާދެ! ރާއްޖޭގައި ތިބި ކިޔަވާ އުމުރުގެ ކުދިންގެ ނިސްބަތުން ބަލާއިރު، މާލޭގައި މަދު އަދަދެއްގެ ކުދިންނަށް ތަޢުލީމު ދިނުން އެއީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ތަޢުލީމަށް ކުރާ ހަމައެކަނި މުހިންމު ޚިދުމަތް ކަމުގައި އޮތްއޮތުން ބަދަލުކޮށް، މުޅިރާއްޖެއަށް ތަޢުލީމުގެ ޚިދުމަތްތައް ފަތުރާލުމަށް ސަރުކާރުން މިހާރު ކުރަމުން މިގެންދަނީ ވަރަށްބޮޑު މަސައްކަތްތަކެއް. މިކަމުގައި ކުރެވުނު ކަމަކީ، ހަމައެކަނި އޭގެކުރިން އިހްމާލު ކުރެވިފައިވާ ރާއްޖެތެރޭގެ ތަޢުލީމަށް ސަމާލުކަންދިނުން އެކަންޏެއްނޫން. މުޅިރާއްޖޭގެ އެތަންމިތާނގައި ތަޢުލީމީ މަރްކަޒުތައް ޤާއިމުކޮށް، ޢާންމު ދިރިއުޅުމުގައި ބޭނުންވާ އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމަށްވެސް ބާރުއަޅައި، އެކިކަންކަން ދަސްކޮށްދިނުމުގެ ކޯސްތައް ހިންގައި، ރާއްޖެއިން ބޭރަށް ތަޢުލީމު ހާސިލުކުރަން ފޮނުވޭ ކުދީންނާއި މީހުންގެ އަދަދު ގިނަކޮށް، އެކުދީންނާއި މީހުން ހާސިލުކުރަންޖެހޭ ތަޢުލީމުގެ ދާއިރާތައްވެސް ފުޅާކުރެވުނު. ދީނީ ތަޢުލީމު ދިނުމަށް ވަކި މަރްކަޒެއް އުފައްދައި، އިސްލާމީ ތަޢުލީމު ރާއްޖޭގައި ފެތުރުމަށް ފިޔަވަޅުތަކެއް އެޅުނު. ދިވެހިރާއްޖޭގެ އަޑުގެ ޛަރީޢާއިން ފޮނުވަން ފެށިފައިވާ މަޢްލޫމާތާއި ތަޢުލީމު ދިނުމުގެ ޕްރޮގްރާމްތައް ހިންގައި ދެމެހެއްޓުނު. މިކަންކަން މިހާވަރަށް ފުޅާކޮށްލުމުން، ބޭރުގެ ފަރާތްތަކުގެ އެހީ ލިބެމުން ދިއުމާއެކުވެސް، ރާއްޖޭގެ ތަޢުލީމަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު މީގެ ދެތިން އަހަރު ކުރިޔާ އަޅައިބަލާއިރު، އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ. އެހެންނަމަވެސް، ދައުލަތުގެ ސިޔާސަތަކީ، ތަޢުލީމީ ޚިދުމަތްތަކުގެ ދާއިރާ އަދިވެސް އިތުރަށް ފުޅާކުރަމުން ކުރިއަށް ގެންދިއުން. ސަރުކާރުން ގަބޫލުކުރާގޮތުގައި، ދުނިޔޭގެ ގިނަ ޤައުމުތަކުގެ ނިސްބަތުން އާބާދީކުޑަ ދިވެހިރާއްޖޭގެ ކުރިއެރުން ވަނީ ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދެމުންގެންދެވޭ ނިސްބަތެއްގެ މައްޗަށް ބިނާވެފައި. ރާއްޖޭގެ މިނިވަންކަމާއި، އަމްނުއަމާންކަމާއި ކުރިއެރުން ވަނީ، ރާއްޖޭގެ ދަރީންގެ ހޭލުންތެރިކަން އިތުރުވީ ނިސްބަތެއްގެ މައްޗަށް ބިނާވެފައި.
1978 ވަނަ އަހަރު ނިމުނުއިރު، ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހިންގަމުން އައިސްފައިވަނީ، ހަމައެކަނި އޭދަފުށީގައި ހުރި ކޮމިއުނިޓީ ސްކޫލް. އޭރު ސަރުކާރުގެ ޚަރަދުގައި ހިންގާހުރީ މުޅިއެކު 4 ސްކޫލް. އެއީ މާލޭގައި ހިންގާ 3 ސްކޫލާއި ރާއްޖެތެރޭގައި ހިންގާ މިދެންނެވި ސްކޫލް. އޭރު މިތަންތާނގައި ތިބި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންގެ އަދަދަކީ 2788. 1981 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ޚަރަދުގައި ކިޔަވައިދޭ 32 ޢާންމު ސްކޫލް ހުރި. އެއީ، ރާއްޖެތެރޭގައި ހިންގާ 27 ސްކޫލާއި، މާލޭގައި ހިންގާ 5 ސްކޫލް. މީގެތެރެއިން، މާލޭގެ ސްކޫލްތަކުގައި ތިބި ކިޔަވާކުދިންގެ އަދަދަކީ، 4223. ރާއްޖެތެރޭގެ ސްކޫލްތަކުގައި ތިބި ކިޔަވާކުދިންގެ އަދަދަކީ، 5,055. ވީމާ، މުޅިރާއްޖެއަށް ބަލާއިރު، ސަރުކާރުން ހިންގާ ސްކޫލްތަކުގައި ކިޔަވާ 9,278 ކުދިން މިހާރު އެބަތިބި. މީގެއިތުރަށް، 10 އަހަރު ދުވަސް ވަންދެން މެދުނުކެނޑި ހިނގާފައިވާ އަމިއްލަ 17 މަދަރުސާއަށް ސަރުކާރުން އެހީވެދޭގޮތަށް މިދިޔަ އަހަރުވެސް ހަމަޖެއްސުނު. 1981 ވަނަ އަހަރު ނިމުނުއިރު ސަރުކާރުން އެހީވެދޭ މަދަރުސާތަކުގެ އަދަދަކީ 83. އެތަންތާނގައި ތަޢުލީމު ހާސިލުކުރަން ތިބީ 11,410 ކުދިން. ސަރުކާރުގެ މަދަރުސާތަކާއި، ރަށްރަށުގެ ރައްޔިތުން ހިންގާ ތަންތަނާއި، އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނާއެކު، މުޅިރާއްޖޭގައި މިވޭތުވެދިޔަ އަހަރު ނިމުނުއިރު ތިބި ކިޔަވާ ކުދިންގެ އަދަދަކީ 37,586.
1981 ވަނަ އަހަރު ނިމުނުއިރު، މުޅިރާއްޖޭގައި ހުރި، އަމިއްލަ މަކްތަބުތަކާއި، މަދަރުސާތަކުގެ އަދަދަކީ، 260. އެއީ، އެކިއެކި އަމިއްލަ ފަރާތްތަކުން ހިންގާ 101 މަކްތަބާއި މަދަރުސާ. އަދި އެކިއެކި ރަށްރަށުގެ ރައްޔިތުން ހިންގާ 159 މަދަރުސާއާއި މަކްތަބު. މަދަރުސާ މަކްތަބު ފިޔަވައި ކިޔަވައިދޭ ކްލާހުގެ ގޮތުގައިވެސް 26 ތަން މިހާރު ރަޖިސްޓްރީ ކުރެވިފައި އެބަހުރި.
ވޭތުވެދިޔަ އަހަރު، ރާއްޖެތެރޭގައި އިތުރު 2 އަތޮޅު ތަޢުލީމީ މަރްކަޒު ހުޅުވުނު. މިދެންނެވި 2 މަރްކަޒު ހުޅުވުމާއެކު، 1981 ގެ ނިޔަލަށް ރާއްޖޭގައި ހުރި އަތޮޅު ތަޢުލީމީ މަރްކަޒުތަކުގެ އަދަދަކީ 6. އަތޮޅު ތަޢުލީމީ މަރްކަޒުތައް އިމާރާތް ކުރެވެމުންދަނީ، އދ. ގެ ޖަމްޢިއްޔާއެއް ކަމުގައިވާ ޔުނިސެފްގެ އެހީ ވަރަށް މަތީ ދަރަޖައަކަށް ލިބިގެން. މީގެއިތުރަށް، ޖަޕާނު ސަރުކާރުގެ އެހީގައިވެސް ރާއްޖެތެރޭގައި މަދަރުސާތަކެއް އެޅެމުން އެބަދޭ. މި ހިނގާ އަހަރު، އާދެ! 1982 ވަނަ އަހަރު އެކަށީގެންވާ ގިނަ އަދަދެއްގެ ތަޢުލީމީ މަރްކަޒު އަލަށް ހުޅުވޭނެ. އަދި ޖަޕާނު ސަރުކާރުގެ އެހީގައި އިމާރާތް ކުރެވޭ ބައެއް މަދަރުސާވެސް ތަޢުލީމު ދިނުމަށްޓަކައި ހުޅުވާލެވޭނެ.
ނައިފަރު މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުނީ، މި ވޭތުވެދިޔަ އަހަރު. މަދްރަސަތުލް އިފްތިތާޙަކީ، ރާއްޖެތެރޭގައި ހުރި އެންމެ މުސްކުޅި މަދަރުސާ. އަދި މާލޭގައި ހުރި މަދްރަސަތުލް މަޖީދިއްޔާ، އާދެ، މަޖީދިއްޔާ ސްކޫލް ފިޔަވައި މުޅި ރާއްޖޭގައިވެސް ހުރި އެންމެ ގިނަދުވަސްވީ މަދަރުސާ. އާންމުކޮށް މުޅިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި، ޚާއްޞަކޮށް، ރާއްޖެތެރޭގެ ތަޢުލީމީ ޙަޔާތުގައި މިކަމުގެ މުހިންމުކަމަށްޓަކައި، މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުމުގެ މުނާސަބަތަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދިން. އަދި، ގިނަދުވަސްތަކެއްގައި މުޅިންހެން އަމިއްލަގޮތެއްގައި އެ މަދަރުސާ ހިންގަމުން މިހާތަނަށް ގެނެސްފައިވާތީ، އެކަން ފާހަގަކުރުމުގެ ގޮތުން، 50 އަހަރު ފުރުން ދުވަހުން ފެށިގެން އެ މަދަރުސާ ވަނީ ސަރުކާރުގެ މަދަރުސާއެއް ކަމުގައި ހަމަޖެއްސިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
1980 ވަނަ އަހަރު ފެށުމާއެކު، ފަށައިގަނެވުނު 6 އަހަރު ދުވަހުގެ އަސާސީ ތަޢުލީމުގެ ޕްރޮގްރާމަކީ، މުޅިރާއްޖެއިން ލިޔަންކިޔަން ނުދަތުން ނައްތާލުމުގެ މަތިވެރި ޢަޒުމުގައި ފެށުނު މަޝްރޫޢެއް. މާތް اللّه ގެ ވާގިފުޅާއި، ދިވެހި ރައްޔިތުންގެ ތެދުވެރި އެއްބާރުލުމާއެކު، އެ މަޝްރޫޢު ހިނގަމުންދަނީ އެދެވޭގޮތެއްގައި. އަސާސީ ތަޢުލީމުގެ ޕްރޮގްރާމް ހިންގިފައިވާގޮތާއި މުޅިރާއްޖޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުން އޮޅުންފިލުވުމުގެ ގޮތުން، ވޭތުވެދިޔަ އަހަރުގެ ކުރީކޮޅު މުޅިރާއްޖެ ސަރވޭ ކުރެވުނު. މި ސަރވޭގެ ނަތީޖާ ދެއްކިގޮތުން، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ފުރަތަމަ އަހަރު 4,248 މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެވިފައިވޭ. މިއީ އޭރު މުޅިރާއްޖޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި. މިދެންނެވި ސަރވޭއިން ދައްކާގޮތުން، 1981 ވަނަ އަހަރު ފެށުނުއިރު ރާއްޖޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންގެ އަދަދަކީ 11,836. ކަންމިހެން ހުރުމާއެކު، މި މަޝްރޫޢު، އިތުރު ފޯރީއަކާއެކު، މިވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނު. މި މަޝްރޫޢުގެ ދަށުން 1981 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ ތަފާތު 269 މަރްކަޒުގައި 1520 މުދައްރިސުން، 13,871 މީހުންނަށް ކިޔަވައިދެމުން ގެންދޭ. އަދި އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހާއި، އަސާސީ ތަޢުލީމުގެ އަތޮޅު މަޖިލިސްތައް އުފައްދައި، އަސާސީ ތަޢުލީމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން، ވޭތުވެދިޔަ އަހަރުވަނީ ހަރުދަނާ ކުރެވިފައި.
އަޅުގަނޑުމެންގެ ޤައުމަށްޓަކައި އަޅުގަނޑުމެންގެ ދަރިން ބިނާކުރާއިރު، ވިސްނަންޖެހޭ މުހިންމު ނުކުތާތަކެއް އެބަހުރި. ކުދިންގެ މެދުގައި އިސްލާމީ، ޤައުމީ، އަދި އިޖުތިމާޢީ ރޫޙް، އުފައްދައި، ކުދިންގެ އަޚްލާޤު ރަނގަޅުކުރުމަށް ބާރުއަޅަންޖެހޭ. ރާއްޖެއަށް ބޭނުންވާ އެކި ރޮނގުރޮނގުން، ބޭނުންވާ އަދަދަކަށް، ކުދިންނަށް ތަމްރީނުދީ، އެކިއެކި ހުނަރުތައް އެކުދިންނަށް ދަސްކޮށްދޭންޖެހޭ. އަދި މާލެއާއި ރާއްޖެތެރޭގެ ޙާލަތުގެ މައްޗަށް ކިޔަވާކުދިންގެ ލޯހުޅުވައި، އިޖުތިމާޢީ ރޮނގުންނާއި، ކުޅިވަރާއި އެހެންވެސް ރޮނގުރޮނގުން، ޤައުމުގެ މާދަމާގެ ޒުވާނުންގެ ޙަރަކާތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ. މިދެންނެވި މަތިވެރި މަޤްޞަދުތައް ހާސިލުކުރުމަށް މި ވޭތުވެދިޔަ އަހަރުވެސް މަސައްކަތް ކުރެވިފައިވޭ. ސްކޫލްތަކުގެ މެދުގައި މަޒުމޫނު ލިޔުމާއި، ކުރެހުމާއި، ވާހަކަ ދެއްކުންފަދަ ކަންކަމުގެ މުބާރާތްތައް ބާއްވައި، ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގައި، ބޭރު ޤައުމުތަކުގެ ތަޢުލީމީ ހަރަކާތްތަކުގައި ސްކޫލް ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރެވިފައިވޭ. އަދި ސަރުކާރުގެ ސްކޫލްތަކުގައި، ޤައުމީ މުނާސަބަތުތަކާއި ދީނީ މުނާސަބަތުތައް ފާހަގަކުރަމުން ގެންދެވިފައިވޭ. ކުރިއްސުރެ ކަނޑައެޅިފައި އޮންނަ ތަފާތު 33 ކަމަކަށް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އިމްތިޙާނުކޮށް، ސަނަދު ދެމުން ގެންދެވިފައިވޭ. މިގޮތުން، 1981 ވަނަ އަހަރުގެ ތެރޭގައި، 2272 މީހުން އެކިއެކި އިމްތިޙާނުގައި ބައިވެރިވެ، އޭގެތެރެއިން ފާސްވި 503 މީހުންނަށް އެކިބާވަތުގެ ސަނަދު ދޫކުރެވިފައިވޭ.
ރާއްޖޭގައި ބޭއްވޭ ބޭރުގެ އިމްތިޙާނުތަކަށް ބަލާއިރު، ކުރީ އަހަރުތަކެކޭ އެއްފަދައިން، ޔުނިވަރސިޓީ އޮފް ލަންޑަންގެ ޖެނެރަލް ސެޓްފިކެޓް އޮފް އެޑިޔުކޭޝަންގެ އޯޑިނަރީ ލެވެލް އިމްތިޙާނު، މިވޭތުވެދިޔަ އަހަރުވެސް ރާއްޖޭގައި ބޭއްވުނު. ވޭތުވެދިޔަ އަހަރުގެ ޖަނަވަރީއާއި، ޖޫންގައި ބޭއްވުނު މިދެންނެވި އިމްތިޙާނުގައި 57 ކުދިން ބައިވެރިވެފައިވޭ. މީގެއިތުރުން، އަމިއްލަގޮތުން ވަކިވަކި މާއްދާގައި 34 ކުދިން ބައިވެރިވި.
1979 ވަނަ އަހަރު ހުޅުވުނު ސައިންސް އެޑިޔުކޭޝަން ސެންޓަރުގައި، ލަންޑަން ޖީ.ސީ.އީ. އެޑްވާންސްޑް ލެވެލަށް ކިޔަވައިދީ، އެ އިމްތިޙާނުގައި ރާއްޖެއިން ފުރަތަމަފަހަރަށް ކުދިންކޮޅެއް ބައިވެރިކުރެވުނީ، މިވޭތުވެދިޔަ އަހަރު. މިދިޔަ އަހަރުގެ ޖޫންމަހު ބޭއްވުނު އިމްތިޙާނުގައި، ސައިންސް އެޑިޔުކޭޝަން ސެންޓަރުގައި ކިޔަވާ 30 ކުދިން ބައިވެރިވި. މި އިމްތިޙާނުގެ އެކިއެކި މާއްދާއިން ފާސްވުމުގައި، ކުދިންނަށް މާހިތްހަމަޖެހޭ ކާމިޔާބީއެއް ކުރެވިފައި ނެތްކަމުގައިވިޔަސް، މިއީ ރާއްޖޭގެ ތަޢުލީމީ ތަރައްޤީގައި ވާޞިލްވެވުނު އިތުރު މަރްޙަލާއެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ! ސައިންސް އެޑިޔުކޭޝަން ސެންޓަރުން ކިޔެވުން ނިންމާފައި ތިބި ކުދިން އެތިބީ، ބޭރުގެ ޔުނިވަރސިޓީތަކަށް ވަދެވޭ ފެންވަރަށް އެކުދިންގެ ތަޢުލީމު ރާއްޖޭގައި ކުރިއަށް ގެންދެވިފައި.
ބޭރުޤައުމުތަކުގައި ތަޢުލީމު ހާސިލުކުރުމަށާއި، އެކިއެކި މަސައްކަތްތައް ދަސްކުރުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވުމުގައި ވޭތުވެދިޔަ އަހަރު ކަންތައްކުރެވުނީ، އޭގެކުރީ އަހަރުތަކާ ތަފާތު އުސޫލަކުން. އާދެ! ބޭރުގެ ފަރާތަކުން ސްކޮލަރޝިޕެއް ދީފިނަމަ ކުރިން ހަދަމުން އައިގޮތަށް، އެކަމަކަށް ކުއްޖަކު ފޮނުވުމުގެ ބަދަލުގައި، މިހާރު ޢަމަލުކުރަމުން މިގެންދާގޮތަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ބޭނުންތައް ދެނެގަތުމަށްފަހު، ރާއްޖެއަށް ބޭނުންވާ ރޮނގުރޮނގުން ކިޔެވުމަށް، ނުވަތަ ރާއްޖެއަށް ބޭނުންވާ ރޮނގުރޮނގުން ކަންތައް ދަސްކުރަން ކުދިން ފޮނުވުން. މިގޮތަށް ޢަމަލުކުރުމުގައި، އެ ކުއްޖަކު ޝައުޤުވެރިވާ ރޮނގަކުން އެކުއްޖަކަށް ކިޔެވޭނެގޮތް، ނުވަތަ މަސައްކަތް ދަސްކޮށްދެވޭނެގޮތް ހެދުމަށް ސަމާލުކަންދެވޭ. ވޭތުވެދިޔަ އަހަރު ރާއްޖެއިން ބޭރަށް ތަޢުލީމު ހާސިލުކުރަން ފޮނުވުނު ކުދިންގެ އަދަދުވެސްވަނީ، އޭގެކުރީ އަހަރު ރާއްޖެއިން ބޭރަށް ތަޢުލީމު ހާސިލުކުރަން ފޮނުވުނު ކުދިންގެ އަދަދަށްވުރެ ގިނަވެފައި. އާދެ! 1980 ވަނަ އަހަރު އެކިއެކި ކޯސްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވުނީ، 117 ކުދިން. 1981 ގައި 158 ކުދިން ފޮނުވިފައިވޭ. ރާއްޖެއިން ބޭރުގައި އެކިއެކި ކޯސް ނިންމާފައި 1980 ވަނަ އަހަރު އެނބުރިއައީ 99 ކުދިން. އޭގެތެރެއިން މަތީ ތަޢުލީމު ނިންމައިގެން އައީ 3 ކުދިން. 1981 ވަނަ އަހަރު ރާއްޖެއިން ބޭރުގައި އެކިއެކި ކޯސް ނިންމާފައި، 153 ކުދިން އެނބުރި އައިސްފައިވޭ. އޭގެތެރެއިން، 5 ކުދިންނަކީ މަތީ ތަޢުލީމު ނިންމުމަށްފަހު އެނބުރިއައި ކުދިން. 1980 ވަނަ އަހަރު ނިމުނުއިރު، ކުރިން ތަޢުލީމު ހާސިލުކުރަން ފޮނުވިފައިވާ ކުދިންނާއެކު، ރާއްޖެއިންބޭރުގައި ތަޢުލީމު ހާސިލުކުރަމުން ގެންގޮސްފައިވަނީ، 112 ކުދިން. 1981 ވަނަ އަހަރު ނިމުނުއިރު ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަން 121 ކުދިން އެބަތިބި.
ރާއްޖޭގައި ދެވޭ ތަޢުލީމަކީ، ވަކި ނިޒާމެއްގެ މަތިން، ވަކިއުސޫލުތަކަކާއި މަޤްޞަދުތަކަކާ އެއްގޮތްވާގޮތުގެމަތިން ދެވޭ ތަޢުލީމެއް ކަމުގައި ހެދުމަށާއި، ތަޢުލީމީ ހުރިހާ ކަންތައްތަކެއް ދިގުމުއްދަތަކަށް ރޭވިފައިވާ މަޝްރޫޢެއްގެ ދަށުން ހިންގުމުގެ ބޭނުންތެރިކަމުގެ ބޮޑުކަމުން، އެފަދަ މަޝްރޫޢެއް ލިޔެ ތައްޔާރުކުރުމުގެ މަސައްކަތް 1981 ވަނަ އަހަރުގެ ތެރޭގައި ކުރެވުނު. މި މަޝްރޫޢުގެ މައިގަނޑު އަސްލަކީ، އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތާއި، ދައުލަތުގެ ސިޔާސަތު. އަހަރު ނިމުނުއިރު، މި މަޝްރޫޢުގެ 3 ވަނަ ދެލިކޮޕީ ވަނީ ތައްޔާރުކުރެވިފައި. އަދި އެއާމެދު ކަމާބެހޭ ފަރާތްތައް ދަނީ މަޝްވަރާ ކުރަމުން.
ރާއްޖޭގެ ޞިއްޙަތު
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
މާލެއާއި ރާއްޖޭގެ ދުރު ކަންކޮޅުތަކަށް ފެތުރިފައިވާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ ގޮތުގައި ޞިއްޙީ ޚިދްމަތް ފޯރުވޭތޯ، ސަރުކާރުން ވޭތުވެދިޔަ އަހަރުވެސް ވަރަށްބޮޑަށް މަސައްކަތް ކުރަމުންގެންދިޔަ. ރާއްޖޭގެ ޞިއްޙީ ޚިދްމަތުގެ ފެންވަރު މަތިކުރުމުން ހާސިލުކުރަން އެދެވޭ މަޤްޞަދަކީ، ރާއްޖޭގައި އެންމެ އާންމު ބަލިތައް ކަމުގައިވާ ބޭރަށްހިންގުމާއި ބަނޑުގެ ބަލިތައް މަދުކުރުން. ރާއްޖެއިން މެލޭރިޔާ މުޅިންނައްތާލައި، ކެއްސުންބައްޔާއި، ޖުޒާމްބަލިފަދަ ނުރައްކާތެރި ބަލިތައް އިތުރު މީހުންނަށް ޖެހުން ހުއްޓުވޭތޯ ބެލުން. ވިހެއުމުގެ ތެރޭގައި ދިމާވާ ނުރައްކާތެރި ގޮތްތަކުން މައިމީހާއާއި ދަރިފުޅު ސަލާމަތްކުރުން. ޅަފަތުގައި މަރުވާކުދިންގެ އަދަދު މަދުކުރުން. ފުދޭވަރަށް ކާނާ ނުލިބުމުގެ ސަބަބުން ޅަކުދިންނާއި ބޮޑެތި މީހުންގެ ޞިއްޙަތަށް ދެރަކަން ނުލިބޭފަދަ ގޮތަކަށް ކާނާގެ ކަންތައްތަކާއި، ކެއިންބުއިމުގެ އާދަކާދަޔާބެހޭ މަޢްލޫމާތު ދިނުން. އަދި ޓެޓްނަހާއި، ހޯއްގޮވާ ކެއްސުންފަދަ ބަލިތަކާއި ރޯގާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދުން.
ރާއްޖޭގެ މިދެންނެވި ބޮޑެތި ޞިއްޙީ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ޚިޔާރުކޮށްފައިވަނީ، ދުނިޔޭގެ ވަރަށްގިނަ ތަރައްޤީވަމުން އަންނަ ޤައުމުތަކެކޭ އެއްފަދައިން، ޕްރައިމަރީ ހެލްތް ކެއަރގެ އުސޫލު. އޭގައި ބާރުއަޅާފައިވަނީ، އާންމު ރައްޔިތުންގެ ޞިއްޙީ މައްސަލަތައް ޙައްލުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީގައި ކުރިއަށްދިއުމުގެ މައްޗަށް. ޒަމާނުއްސުރެ އޮތް ދިވެހި ބޭސްވެރިކަން ތަރައްޤީކޮށް ދަމަހައްޓައި، ދިވެހި ބޭސްވެރިންނާއި ފޫޅުމައިންގެ އެހީތެރިކަން ލިބި ތިބެ، ކޮމިއުނިޓީ ހެލްތް ވަރކަރުންނާއި، ފެމިލީ ހެލްތް ވަރކަރުންގެ ޚިދުމަތް ލިބިގަތުން. މީގެ ބޭނުމަކީ، އާންމުކޮށް ބޭނުންވާ ބޭހާއި ފަރުވާ ދާއިމީގޮތެއްގައި ރާއްޖޭގެ ރައްޔިތުންނަށް ލިބިލިބި ހުންނާނެ ގޮތްތަކެއް ހިންގުން. އެކަމަށްޓަކައި ރާއްޖެތެރޭގައި ޤާއިމުކުރެވެމުންދާ ހެލްތް ސެންޓަރުތައް ހިންގައި، ރާއްޖެތެރޭގައި އެޅޭ ރީޖަނަލް ހޮސްޕިޓަލްތަކާއި މާލޭގައި ދެވެންހުރި މިފަދަ ޚިދުމަތްތަކާ ގުޅުވައިގެން، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ބަދަހިކުރުން.
ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމުގެގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން. ޞިއްޙީ ރޮނގުން ދިގު މުއްދަތުގެ ކޯހުގައި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކޮށްގެން، 7 މީހަކު ވޭތުވެދިޔަ އަހަރު ރާއްޖެއަށް އެނބުރި އައިސްފައިވޭ. މީގެއިތުރަށް، ޞިއްޙީ ރޮނގުން އެކިވައްތަރުގެ 27 ކޯސް ރާއްޖެއިން ބޭރުގައި ދިވެހިކުދިން ފުރިހަމަކުރުމަށްފަހު، 1981 ވަނަ އަހަރު އެނބުރި ރާއްޖެ އައިސްފައިވޭ. ރާއްޖެއިން ބޭރުގައި މިގޮތުން މީހުން ތައްޔާރުކުރެވެމުންދާއިރު، ރާއްޖޭގައިވެސް މީހުން ތައްޔާރުކުރުމުގެ މަސައްކަތް ހިންގަމުން ގެންދެވުނު. ވޭތުވެދިޔަ އަހަރު 38 ފެމިލީ ހެލްތް ވަރކަރުންނާއި، 9 ކޮމިއުނިޓީ ހެލްތް ވަރކަރުންނާއި، 9 ނަރސް އެއިޑުންނާއި، 13 ފޫޅުމައިންނަށް ތަމްރީނު ދެވުނު. މާލޭގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލުން ވޭތުވެދިޔަ އަހަރު 75,714 މީހުން ބަލައި، ބޭސްފަރުވާ ދެވިފައިވޭ. އަދި 3,908 މީހުން ހޮސްޕިޓަލުގައި ބާއްވައިގެން ބޭސް ކުރެވިފައިވޭ. ރާއްޖޭގައި މިހާތަނަށް ކުރެވުނު ލޮލުގެ އެންމެ ޚާއްޞަ ދެ އޮޕަރޭޝަން ކުރެވުނީވެސް ވޭތުވެދިޔަ އަހަރު. އެއީ، ސަރުކާރުގެ ހޮސްޕިޓަލުގައި ކުރެވުނު ދެމީހެއްގެ ލޯ ބަދަލުކުރުމުގެ އޮޕަރޭޝަން. މިކަމަށް ބޭނުންކުރެވުނީ ޝްރީލަންކާގެ ލޯ ހަދިޔާކުރާ ކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ދެލޯ. ކުރީ އަހަރެކޭ އެއްފަދައިން، 1981 ވަނަ އަހަރުވެސް، ކަންފަތާއި، ނޭފަތާއި، ކަރުގެ ބަލިތަކުގެ ޚާއްޞަ ބޭރުގެ ޑޮކްޓަރުންނާއި، އާންމު ބަލިތަކާބެހޭ ބޭރުގެ ޑޮކްޓަރުން މާލެ ދުރުވެ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވައި، އެކި ބަލިބަލީގެ 664 މީހުން އޮޕަރޭޝަން ކުރެއްވި. މިއީ، ކުރީ އަހަރު ރާއްޖޭގައި މިގޮތުން ކުރެވުނު އޮޕަރޭޝަންތަކުގެ އަދަދާ އަޅައިބަލާއިރު، %112 އިތުރުވެފައިވާ އަދަދެއް.
ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެން ލިބޭނޭގޮތް ހަމަޖައްސައިދިނުމާއި، ސާފުތާހިރުކޮށް ދިރިއުޅެވޭނެގޮތް ހަމަޖައްސައިދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަމެއް. އެންމެފުރަތަމަ ސަމާލުކަން ދެވިފައިވަނީ، މިކަންކަމުގެ ދަތިކަން އެންމެބޮޑަށް އިޙްސާސްކުރާ ދާއިރާތަކަށް. ވޭތުވެދިޔަ އަހަރުވެސް، އ.ދ. ގެ ކެޕިޓަލް ޑިވެލޮޕްމަންޓް ފަންޑާއި، ޔުނިސެފްގެ އެހީގައި، މާލެއާއި ރާއްޖެތެރޭގެ ރަށްރަށުގައި ވާރޭފެން ނެގުމަށްޓަކައި ތާނގީ ބެހެއްޓުމާއި، ފާޚާނާ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވޭ.
ޞިއްޙީގޮތުން ރާއްޖެއަށް އެންމެ މަތިވެރި ޚިދުމަތްތަކެއް ދެމުންގެންދާ ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާގެ ދާއިރާގައި، ވޭތުވެދިޔަ އަހަރު ދިވެހިރާއްޖެ ފަޚްރުވެރި ބައެއް އަދާކުރި. އާދެ! 1981 ވަނަ އަހަރުގެ މެއިމަހު ޖެނީވާގައި ބޭއްވުނު، ވަރލްޑް ހެލްތް އެސެމްބްލީގައި ދިވެހިރާއްޖެ ޑަބްލިޔޫ.އެޗް.އޯ.ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވުނު.
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވޭތުވެދިޔަ އަހަރުވެސް ބޭރުގެ އެހީ އެދެވޭގޮތެއްގައި ލިބެމުންދިޔަ. ލިބުނު އެހީގެ ތެރޭގައި، ލީބިޔާއާއި ކުވައިތު އަދި ޕާކިސްތާނުގެ ފަރާތުންނާއި، ޔޫ.އެން.ޑީ.ޕީ. އާއި، ޔުނިސެފްގެ ފަރާތުން، އަދި ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާއިން ލިބުނު މަތިވެރި އެހީތައް ހިމެނޭ. އަދި މާލޭގެ ބޯފެނާއި ފާޚާނާގެ ކަންތައް ރަނގަޅުކުރުމަށް ހުޅަނގު ޖަރުމަނުގެ އެހީގައި ތައްޔާރުކުރެވިފައިވާ މަޝްރޫޢު މިހާރުވަނީ އުސޫލެއްގެ ގޮތުން ދިވެހި ސަރުކާރުން ގަބޫލުކޮށްފައި. މި މަޝްރޫޢުގެ ފުރަތަމަ ބައިގެ ބައެއް ކަންތައް ހިންގުމަށް ބޭނުންވާ ފައިސާ ލިބުމަށް ހަމަޖެހިފައިވަނީ، ހުޅަނގު ޖަރުމަނުން. ނަމަވެސް، އެ މަޝްރޫޢު ހިންގަން ނުފެށި ލަސްކުރެވިފައިވަނީ، ހުޅަނގު ޖަރުމަނުން ލިބުމަށް ހަމަޖެހިފައިވާ އެހީގެ އިތުރަށް، އެ މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެގޮތް އަދި ހަމަޖެހިފައިނުވާތީ.
ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަށް ޞިއްޙީ ޚިދްމަތް އެކަށީގެންވާ ގޮތުގައި ފޯރުވައިދެވޭތޯ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ، އާންމު ރައްޔިތުންނަށް ކުރިއަށްއޮތްތާނގައި އެދެވޭގޮތެއްގައި ފެންނަމުންދާނެކަމާމެދަކު ކުޑަވެސް ޝައްކެއްނެތް. އާދެ! ޔުނިސެފްގެ އެހީގައި ރާއްޖެތެރޭގައި އިމާރާތްކުރެވޭ ފުރަތަމަ ރީޖަނަލް ހޮސްޕިޓަލް މިއަހަރުގެ ވަރަށް ކުރީކޮޅުގައި ކުޅުދުއްފުށީގައި ހުޅުވޭނެ. މިކަން ހިމެނިގެންދާނީ، ރާއްޖެތެރޭގެ ރައްޔިތުންނަށް، އެކަށީގެންވާ ފެންވަރަކަށް ޞިއްޙީ ޚިދުމަތް ރައްދުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ
އާ ދައުރެއް ފެށުނީ ކަމުގައި.
އިޖުތިމާޢީ ޚިދުމަތް
ދައުލަތް ހިންގުމުގެ ކަންތައްތަކާއި، ޤައުމުގެ އިޤްތިޞާދީ، ތަޢުލީމީ، އަދި ޞިއްޙީ ކަންތައްތައް ހިންގުމުގެ އިތުރަށް، އިޖުތިމާޢީގޮތުން ރައްޔިތުންނަށް ފައިދާހުރި ކަންތައްތައްކޮށް ޚިދުމަތްދިނުމަކީ، ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއް ދޭ ކަމެއް. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މިރޮނގުން ވަނީ ތަފާތު ފިޔަވަޅުތައް އެޅިފައި.
ވޭތުވެދިޔަ 1981 ވަނަ އަހަރަކީ، ނުކުޅެދިގެންވާ މީހުންނާބެހޭ ބައިނަލްއަޤްވާމީ އަހަރުގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރެވުނު އަހަރު ކަމަށްވުމާއެކު، ރާއްޖޭގައިވެސް އެ އަހަރު އެގޮތުގައި ފާހަގަކުރެވުނު. މިކަމާ ގުޅޭގޮތުން ކޮމިޓީއެއް ޢައްޔަންކޮށް، ރާއްޖޭގައި ތިބި ނުކުޅެދިގެންވާ މީހުންނާބެހޭ މަޢްލޫމާތު ހޯދައި، އެމީހުންނަށް އެހީވާންވީ ރޮނގުތަކާއި، ސަރުކާރުން ދޭންވީ ޢިނާޔަތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރެވުނު. އަދި ނުކުޅެދިގެންވާ މީހުންނާބެހޭ ދުވަހެއްގެ ގޮތުގައި، 13 އޮކްޓޯބަރ 1981 ފާހަގަކުރެވުނު.
މިދިޔަ އަހަރު ހޯދުނު ހިސާބުތަކުން ދައްކާގޮތުގައި، ނުކުޅެދިގެންވާ މީހުންގެ ގޮތުގައި، އެއަހަރު ރާއްޖޭގައި ތިބީ 1,390 މީހުން. މީގެތެރޭގައި ހިމެނޭ ލޮލަށް ނޭނގޭ 415 މީހުންނަށް، ކުރިއްސުރެ ސަރުކާރުން ގެންދަނީ ދާއިމީ އެހީއެއް ދެމުން. މިދިޔަ އަހަރު ކަންތައްތައް ދިމާވިގޮތުން، ނުކުޅެދިގެންވާ އެހެން މީހުންނާ ބެހޭގޮތުން އިތުރު ގިނަ ފިޔަވަޅުތަކެއް ނޭޅުނުކަމުގައިވިޔަސް، އެއަހަރު ފެށިފައިވާ ކަންތައްތައް ސަރުކާރުން މިއަހަރުގެ ތެރޭގައިވެސް ޢަމަލީގޮތުން ކުރިއަށް ގެންދިއުމަށްވަނީ ގަސްތުކޮށްފައި. އާދެ، "ނުކުޅެދިގެންވާ މީހުންނާބެހޭ ބައިނަލްއަޤްވާމީ އަހަރު" ކަމުގައިވާ 1981 ގައި ފެށިފައިވާ ކަންތައްތައް، ހަމަ އެފެންވަރުގައި ގެންދިއުމަށްޓަކައި ބައެއް ޤައުމުތަކުގައި 1982 ވަނަ އަހަރަކީ، ނުކުޅެދިގެންވާ މީހުންނާ ބެހޭގޮތުން ހޯދަންޖެހޭ މަޢްލޫމާތު ހޯދުމަށް ވޭތުވެދިޔަ އަހަރުގެ ވަރަށްބޮޑު ބައެއް ހޭދަކުރަންޖެހި، ނުކުޅެދިގެންވާ މީހުންނަށް ޢަމަލީގޮތުން އެހީ ފޯރުވައިދިނުމުގެ ގޮތުން މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނުވާތީ، އެކަންތައްތައް މިއަހަރު ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މިއަހަރަކީ، އާދެ، 1982 ވަނަ އަހަރަކީ، ދިވެހިރާއްޖޭގައިވެސް "ނުކުޅެދިގެންވާ މީހުންނާބެހޭ ޤައުމީ އަހަރު" ކަމުގައި ހަމަޖައްސަން ސަރުކާރުން ގަސްތުކުރާ ވާހަކަ އަޅުގަނޑު މި އިޢްލާނު ކުރަނީ، ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ކަމުގައިވާ ނުކުޅެދިގެންވާ މީހުންނަށް ޢަމަލީގޮތުން ވެދެވެންހުރި އެހީތައް ވެދިނުމުގެ މަތިވެރި މަޤްޞަދުގައި. މި ދަނޑިވަޅުގައި، ނުކުޅެދިގެންވާ މީހުންނަށް އެހީވެދިނުމުގައި ސަރުކާރުން ކުރި އިލްތިމާސާ ގުޅިގެން، އާންމު ރައްޔިތުން ދެއްވީ، ވަރަށް މަތިވެރި ތަރްޙީބެއްކަން އަޅުގަނޑު ފާހަގަކުރަން.
އިޖުތިމާޢީ ޚިދުމަތުގެ ރޮނގުން ސަރުކާރުން ކުރަމުންގެންދާ އަނެއްކަމަކީ، ބަލަދުވެރިން ނެތް ފަޤީރުންނާއި، ޙާލުގައި ޖެހިފައިވާ ނިކަމެތިން، ވަކިތަނެއްގައި ބައިތިއްބައިގެން ސަރުކާރުގެ ފަރާތުން ބަލަހައްޓަމުން ގެންދިއުން. ވޭތުވެދިޔަ އަހަރު ނިމުނުއިރު، މިގޮތުން މާލެއަތޮޅު ގުރައިދޫގައި 42 ފިރިހެނުންނާއި 22 އަންހެނުން ސަރުކާރުން ބަލަހައްޓަމުން ގެންދޭ. އެމީހުން ތިބުމަށްޓަކައި ވަރަށްބޮޑު ދެ ގެ އިމާރާތްކޮށް މުޅިން ނިންމި. އަދި މިއަހަރުގެ ކުރީކޮޅު އިތުރު ތިން ގެ އަޅައި ނިމޭނެ.
މާލެއަތޮޅު މާފުށީގައި ސަރުކާރުގެ ފަރާތުން ހިންގަމުންދާ ކުޑަކުދިންގެ އިޞްލާޙިއްޔާއަކީ، އިޖުތިމާޢީ، ކަންތައްތަކުގެ ދާއިރާގައި ސަރުކާރުން އަޅާފައިވާ، ވަރަށް މުހިންމު ފިޔަވަޅެއް. 1979 ވަނަ އަހަރު އެންމެ 24 ކުދިންނާއެކު ފެށުނު ތަރުބިޔަތު ދިނުމުގެ މި މަރްކަޒުގައި، 1981 ވަނަ އަހަރު ނިމުނުއިރު 125 ކުދިން ތިބި. އެކުދިންނަށް ކިޔަވައިދިނުމާއެކު، ދިރިއުޅުމަށްޓަކައި ބޭނުންވާނެ ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ އިންތިޒާމުވެސް މިހާރުވަނީ ކުރެވިފައި.
އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ އެންމެބޮޑު އެއްބަޔަކީ، ބަލަދުވެރިން ނެތް ބަލިމީހުންނަށާއި، ޙާލުގައި ޖެހިފައިވާ ނިކަމެތިންނަށް ބޭސްކޮށްދިނުން. މިގޮތުން 1981 ވަނަ އަހަރުގެ ތެރޭގައި މާލޭ ސަރުކާރުގެ ހޮސްޕިޓަލްގައާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން، ސަރުކާރުގެ ޚަރަދުގައި 3,795 މީހުންނަށް ބޭސްކޮށްދެވުނު. އެމީހުންނަށް ބޭސްކޮށްދިނުމަށް -/557,091 ރުފިޔާ ޚަރަދުވެފައިވޭ.
އަންހެނުންގެ ކަންތައްތައް ތަރައްޤީކުރުމަށްޓަކައި އުފައްދާފައިވާ "އަންހެނުންގެ ޤައުމީ ކޮމިޓީ" މިދިޔަ އަހަރުގެ ތެރޭގައިވެސް އެދެވޭގޮތުގެމަތިން ހަރަކާތްތެރިވަމުންދިޔަ. އަންހެނުންގެ ތަރައްޤީއަށްޓަކައި ހޭދަކުރާނެ ފަންޑެއް، ވޭތުވެދިޔަ އަހަރުގައި އުފައްދައި، އެ ފަންޑަށް އަންހެނުންގެ އަމިއްލަ މަސައްކަތުން އެކަށީގެންވާ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވޭ. އަދި މި ފަންޑުން ޚަރަދުކޮށްގެން، ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެނަކު މާލެގެނެސް، އަންހެނުންގެ ތަމްރީނު ކޯހެއް މާލޭގައި ބޭއްވުނު. މި ކޯހުގެ އިތުރަށް، ފެލިދުއަތޮޅާއި މުލަކަތޮޅުގެ ހުރިހާ ރަށަކުންނާއި، އަރިއަތޮޅުގެ ދެރަށަކުން އަންހެނުން ތަމްރީނުކުރުމުގެ މަޝްރޫޢެއް ހިންގަން ފަށާފައިވޭ. ދިވެހި އަންހެނުންގެ މަސައްކަތްތެރިކަން ކުރިއެރުވުމުގެ ގޮތުން، 1981 ވަނަ އަހަރަކީ، ކުނާ، ސާންތީގެ އަހަރު ކަމުގައި ކަނޑައަޅައި، ކުނާ، ސާންތީގެ މައުރަޒެއް މާލޭގައި ބޭއްވުނު. މިކަންތައްތަކުގެ އިތުރަށް، ވޭތުވެދިޔަ އަހަރު އަންހެނުންގެ ޤައުމީ ކޮމިޓީން ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށްޓަކައި ތަފާތު މަސައްކަތްތައް ކޮށްފައިވޭ. އޭގެތެރެއިން ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، ދިވެހި އަންހެނުންގެ ދެވަނަ ޤައުމީ ޖަލްސާ. މި ހުރިހާ ކަމެއްގެ ސަބަބުން ރާއްޖޭގެ އަންހެނުންގެ މެދުގައި ޤައުމީ ރޫޙާއި އިޖުތިމާޢީ ޚިދުމަތުގެ ޝައުޤުވެރިކަން އިތުރުވަމުންދިއުމާއެކު، ދިވެހި އަންހެނުންގެ މަސައްކަތްތެރިކަމަށް އާ ހޭލުންތެރިކަމެއް ވަނީ އައިސްފައި.
ރާއްޖޭގެ ޒުވާނުންގެ ކަންތައްތަކަށް އެކަށީގެންވާ ސަމާލުކަމެއް ދިނުމަށްޓަކައި އުފައްދާފައިވާ ޒުވާނުންގެ މަޖްލިސް، ވޭތުވެދިޔަ އަހަރު ހިނގަމުންދިޔައީ އެދެވޭގޮތެއްގައި. ޒުވާނުންގެ މަޖްލިސްގެ ފަރާތުން އުފައްދާފައިވާ ޒުވާނުންގެ މަރްކަޒުގައި ތަފާތު ކުޅިވަރުތައް ކުޅުމުގެ އިތުރަށް، ރާއްޖޭގެ ޒުވާނުންގެ ވޮލީ ޓީމެއް، ވޭތުވެދިޔަ އަހަރު ޝްރީލަންކާއަށް ޒިޔާރަތް ކޮށްފައިވާކަން ފާހަގަކޮށްލެވޭ. އަދި 1981 ވަނަ އަހަރު، ޝްރީލަންކާގެ ޒުވާނުންގެ ވޮލީ ޓީމެއްވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ. މިކަމަކީ، ކުޅިވަރުގެ ރޮނގުންނާއި، އިޖުތިމާޢީ ރޮނގުން ރާއްޖެއަށް އިތުރު ދިރުމެއް ގެނައި ކަމެއް.
ދީނީގޮތުންނާއި ޘަޤާފީގޮތުން، އަދަބީގޮތުންނާއި ތާރީޚީގޮތުން، ޚިދުމަތްކުރުމަށްޓަކައި، ސަރުކާރުން އުފައްދާފައިވާ ދީނީ ކަންތައްތައް ރައްކާތެރިކުރާ ކޮމިޓީއާއި، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލިހާއި، ދިވެހި ތާރީޚާއި، ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހުގެ މަސައްކަތްތައް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ހިނގަމުންދިޔަ. އަދި މުޖުތަމަޢުގެ ތަފާތު ދާއިރާތަކާބެހޭ ކަންކަމާމެދު އާންމުންގެ ޚިޔާލާއި ޝުޢޫރުތައް ފާޅުކުރެވޭނޭ ފުރުޞަތުތައް، "ދިވެހިނާދީ"ގެ ފަރާތުން ހޯދައިދެވުނު.
ހަމައެފަދައިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުންނާއި، އިޢުލާމީގޮތުން ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދިން. އެ ދެ ތާނގެ ފަރާތުން ޢިލްމީ، އަދަބީ، ޘަޤާފީ، އަދި މަޢްލޫމާތުން ފުރިގެންވާ އެތައް ޕްރޮގްރާމްތަކެއް ފޮނުވައި ދެވުނު.
ރާއްޖޭގައި ރޭޑިޔޯ ގެންގުޅެން ފެށީއްސުރެ، ރޭޑިޔޯއިން ސަރުކާރަށް ނަގަމުންގެނައި ރޭޑިޔޯ ލައިސަންސްގެ ފީ ނެގުން، މިދިޔަ އަހަރުގެ ތެރޭގައި ހުއްޓާލެވުނު. އެއީ، ރޭޑިޔޯއަކީ، މުނިފޫހިފިލުވައިދިނުމުގެ އިތުރަށް، އާންމުންގެ މެދުގައި ޤައުމީ ހޭލުންތެރިކަން އުފައްދައި، ބޭނުންތެރި ތަޢުލީމީ ޚިދުމަތްތަކެއް އަދާކުރާ އެއްޗަކަށްވުމުން، ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކަށް ރޭޑިޔޯގެ ފައިދާ ލިބޭނެގޮތް ހޯދައިދިނުމަށްޓަކައި. އެއާއެކު، އެކުވެރި ޤައުމަކުން އެހީއެއްގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ވަރަށްގިނަ އަދަދެއްގެ ރޭޑިޔޯ، ރާއްޖޭގެ ވަރަށްގިނަ މަދަރުސާތަކަށާއި، މަކްތަބްތަކަށް، އަދި ރަށްރަށުގެ އޮފީސްތަކަށް ހިލޭ ބަހައިދެވުނު. ރޭޑިޔޯގެ ޚިދްމަތް ތަރައްޤީ ކުރުމަށްޓަކައި، އޮސްޓްރޭލިޔާ ސަރުކާރުން ލިބުނު އެހީއެއްގެ ދަށުން، ރާއްޖޭގައި މުޅީން އާ ދެ މީޑިއަމްވޭވް ޓްރާންސްމީޓަރ ބަހައްޓައި، 1981 ވަނަ އަހަރުގެ ތެރޭގައި އެއިން އަޑު ފަތުރަން ފެށުނު. އަދި މިހާރު ދިވެހިރާއްޖޭގެ އަޑު، ރާއްޖޭގެ ހުރިހާ ރަށަކަށް ވަރަށް ސާފުކޮށް ލިބެމުންދާކަން އަޅުގަނޑު މިފާހަގަކުރަނީ ނުހަނު އުފަލާއެކު.
ރާއްޖޭގައި އާދަކޮށް ކުޅެވެމުންދާ ކުޅިވަރުތަކުގެ މުބާރާތްތައް މިދިޔަ އަހަރުގެ ތެރޭގައިވެސް، ކްލަބްތަކުގެ މެދުގައި ބޭއްވެމުންދިޔަ. ކުޅިވަރަކީ، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި، އަދި އާންމުކޮށް އެންމެންގެ މެދުގައި، އިޖުތިމާޢީ ރޫޙު އާލާކުރާ ކަމަކަށްވާތީ، ރާއްޖޭގައި ކުޅިވަރުގެ ކަންތައް ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ސަމާލުކަން ދެމުންދަނީ ވަރަށްބޮޑަށް.
ވޭތުވެދިޔަ އަހަރުވެސް ރަމަޟާންމަހުގެ ރޭތަކުގައި، މުލީއާގޭގައި ޤުރްއާން ކިޔެވުމާއި ދީނީ ނަޞޭޙަތްދިނުމުގެ ޕްރޮގްރާމެއް ހިންގުނު. މިކަންތައް މިދިޔަ އަހަރު ހިމެނިގެންދިޔައީ، ބައިނަލްއަޤްވާމީ ކަމެއް ކަމުގައޭވެސް ދެންނެވިދާނެ. އާދެ! އެ މުނާސަބަތަށްޓަކައި، މިސުރުންނާއި، ލީބިޔާއިންނާއި، ޢިރާޤުން، ޤާރީން މާލެ ވަޑައިގެންނެވި. އަދި މިސުރުން ވަޢުޡު ވިދާޅުވާ ބޭފުޅަކުވެސް މާލެ ވަޑައިގެންނެވި.
ކުރިންވެސް ދެންނެވި ފަދައިން، އިޖުތިމާޢީގޮތުން ރާއްޖެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން، ރައްޔިތުންގެ ހިތްތަކުގައި، އިޖުތިމާޢީ ޚިދުމަތުގެ ޝައުޤުވެރިކަން ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންކަން ޔަޤީން. މިކަމުގެ އަލިވެގެންވާ ދަލީލަކީ، ރައްޔިތުންގެ ތެރެއިން އަމިއްލަ މީސްމީހުންނާއި ޖަމާޢަތްތަކުން، މުޖުތަމަޢުގެ ފައިދާއަށްޓަކައި ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތައް. އާދެ! މިސްކިތްތައް ބިނާކުރުން، މަދަރުސާތައް އަޅައި ހިންގުން. އަދި ރަށްރަށުގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށާއި، ޖަމާޢަތުގެ މާލީ އަދި ޢުމްރާނީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ހިލޭސާބަހަށް މަސައްކަތް ކުރުންފަދަ ކަންތައްތައް.
މިފަދަ އިޖުތިމާޢީ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައިވެސް ޤައުމީ ޚިދުމަތުގެ އިނާމު 20 ބޭފުޅުންނަށް ދެވުނު. ހަމައެފަދައިން، ޖަމާޢަތަށް ޚިދުމަތްކުރުމުގައި ފާހަގަކުރެވިފައިވާ، 7 ފިރިހެނުންނަށާއި، އެއް އަންހެނަކަށް، "ކަމުވޮށިކަމުގެ ދަރަޖަ" ވެސް މިދިޔަ އަހަރު ދެވުނު.
ސަރުކާރަށާއި ރައްޔިތުންނަށް މަތިވެރި ޚިދުމަތްތަކެއް އަދާކުރާ އިޚްލާޞްތެރި ދިވެހި ދަރިން، އަޅުގަނޑުމެންނާ ވަކިވެގެން ދިޔަނަމަވެސް، އެމީހުންގެ އެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް. މިގޮތުން، ޤައުމަށް ތެދުވެރި ޚިދުމަތްތަކެއް އަދާކުރަމުންދަނިކޮށް، ދުނިޔެ ދޫކޮށްލަންޖެހުނު އިޚްލާޞްތެރި ޚާދިމުންގެ ޢާއިލާއަށް، ސަރުކާރުން ޚާއްޞަ އެހީއެއް ދޭގޮތަށް، މިދިޔަ އަހަރުގެ ތެރޭގައި ހަމަޖެއްސިފައިވޭ. އަދި ރާއްޖެއަށް ތަޢުލީމީގޮތުންނާއި އަދަބީގޮތުން މަތިވެރި ޚިދުމަތްތަކެއް ކުރެއްވި އަލްފާޟިލް ޢަބްދުﷲ އިސްމާޢީލްގެ ޒިކުރާ ދެމެހެއްޓުމުގެ ގޮތުން، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި "ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ" މި ނަމުގައި ލައިބްރަރީއެއް ހުޅުވުމަށް ހަމަޖެއްސުނު. ހަމައެއާއެކު، އޭނާގެ ނަން ދިރުވުމުގެ ގޮތުން، "ޢަބްދުﷲ އިސްމާޢީލް އެވޯޑް"ގެ ނަމުގައި، ދައުލަތުން ދޭ އިނާމެއް ކަނޑައަޅައި، އެ އަތޮޅުގެ ކިޔަވާކުދިންގެ ތެރެއިން އެންމެ ރަނގަޅު ޠާލިބަކު ނުވަތަ ޠާލިބާއަކު ހޮވައި، އެ ކުއްޖަކަށް އެ އިނާމުދޭގޮތަށް ހަމަޖެއްސުނު. މި އިނާމަކީ، އެ ކުއްޖަކު މާލެގެނެސް އެ ކުއްޖަކު ކުރިއަށްދާން އެދޭ ރޮނގަކުން އެ ކުއްޖެއްގެ ތަޢުލީމު ފުރިހަމަވަންދެން ސަރުކާރުގެ ޚަރަދުގައި ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާ އިނާމެއް.
ޚާރިޖީ ހިންގުން
ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކުގެ މަތީން، ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގުމުގައި، ވޭތުވެދިޔަ އަހަރު އެންމެ ބޮޑަށް މަސައްކަތް ކުރެވިފައިވަނީ، ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ޤަދަރު އުފުލޭނެ ގޮތްތައް ހޯދުމަށާއި، އިތުރު ޤައުމުތަކާ އެކުވެރިކަން އުފައްދައި، އަވަށްޓެރި ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް. އަދި ދިވެހިރާއްޖެއަކީ ސަތޭކައަކުންސަތޭކަ މުސްލިމް ޤައުމަކަށްވުމާއެކުވެސް، މީގެކުރީން ދިވެހިރާއްޖެ އިސްލާމީ އުންމަތާ ވަކިން ދުރުގައި އޮތްއޮތުން ދޫކޮށްލައި، އެ އުންމަތުގެ ބައެއްކަމުގައި ޢަމަލީގޮތުން ބައިވެރިވުމަށް.
މި ރޮނގުން މިދިޔަ އަހަރު އެޅުނު އެންމެ ޚާއްޞަ ފިޔަވަޅަކީ، އެއަހަރުގެ ކުރީކޮޅު ސަޢޫދީ ޢަރަބިއްޔާގެ މައްކާއާއި ޠާއިފްގައި ބޭއްވުނު، އިސްލާމީ ޤައުމުތަކުގެ ވެރިންގެ ތިންވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން އެންމެމަތީ ފެންވަރުގެ ވަފްދެއް ބައިވެރިކުރުން. އެ ވަފްދުގެ ވެރިއެއްގެ ގޮތުން ދިޔައީ އަޅުގަނޑު. އެ ޖަލްސާގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން، އިސްލާމީ ދުނިޔޭގައި، އަދި ޢަރަބި ޤައުމުތަކުގެ މެދުގައި، ރާއްޖެއަށް އިތުރު ތަޢާރުފަކާއި ރަނގަޅު ތަޞައްވުރެއް ލިބިގެންދިޔަކަމީ ޝައްކެއްހުރި ކަމެއްނޫން. އިސްލާމީ ދުނިޔޭގެ ކަންތައްތަކުގައި ދިވެހިރާއްޖެ ޢަމަލީގޮތުން ބައިވެރިވުމުގެ ގޮތުން، އިސްލާމިކް ކޮންފަރެންސްގެ ފަރާތުން ހުޅުވާފައިވާ، ޤުދްސް ފަންޑަށް ރާއްޖޭގެ ފަރާތުން، ވަރަށްމަތީ ޙިއްޞާއެއް ފޮނުވުނު. އާދެ! އެ ފަންޑަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން މިހާތަނަށް ފޮނުވުނު 40,000 އެމެރިކާ ޑޮލަރަކީ، ޤައުމުގައި މީހުންއުޅޭ ނިސްބަތުން ބަލާއިރު، އެ ފަންޑަށް އެއްވެސް ޤައުމަކުން ލިބިފައިވާ އެންމެބޮޑު އެހީކަމުގައި ފާހަގަކުރެވޭ. މި ފައިސާއަކީ، އިސްލާމިކް ކޮންފަރެންސްގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ 11 ވަނަ ޖަލްސާއިން ފާސްވި ޤަރާރަކާ ގުޅިގެން ރާއްޖޭގައި ސަރުކާރުގެ ފަރާތުން 1980 ވަނަ އަހަރު ހުޅުވި ފަންޑަށް ރައްޔިތުން ދިން ފައިސާ. މިކަމަށް ސަރުކާރުން ކުރި އިލްތިމާސަށް، ރާއްޖޭގެ ރައްޔިތުން އިޖާބަދިނީ، ވަރަށް މަތިވެރި ދަރަޖައަކަށް. ވީމާ، ކުރިއަށް އޮތްތާނގައިވެސް، ޢަމަލުކުރުމަށް ގަސްތުކުރެވިފައިވަނީ، މިކަމަށް ރައްޔިތުން ތަރުޙީބުދޭ މިންވަރެއްގެމަތިން، މިހާރު ބާކީހުރި ފައިސާއާއެކު، މި ފަންޑަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ޖަމާވުމުން، އިސްލާމިކް ކޮންފަރެންސްގެ ޤުދްސް ފަންޑަށް ދެއްކުމަށް.
1981 ވަނަ އަހަރުގެ ތެރޭގައި، މެލޭޝިޔާއަށާއި ސިންގަޕޫރަށް ރަސްމީގޮތުން އަޅުގަނޑު ޒިޔާރަތްކުރިން. އެއީ، މެލޭޝިޔާގެ ރަސްގެފާނާއި، ސިންގަޕޫރުގެ ރައީސް ދެއްވި ދަޢްވަތަކަށް ކުރިދަތުރެއް. އެ ދަތުރުގައި، އެ ޤައުމުތަކުގެ އެންމެމަތީ ވެރިންނާ ބައްދަލުކޮށް، އަޅުގަނޑުމެންގެ ރާއްޖެ އެބޭފުޅުންނަށް އިތުރަށް ތަޢާރުފްކޮށްދިނުމުގެ ފުރުޞަތު ލިބުނު. އެ ދަތުރުގެ ސަބަބުން، އެ ޤައުމުތަކާއި ރާއްޖެއާ ދެމެދުގެ ގުޅުން ބަދަހިވެގެންދިޔަ. އަދި މިދިޔަ އަހަރުގެ ތެރޭގައި ޝްރީލަންކާއަށާއި އިންޑިޔާއަށް އަޅުގަނޑު ނުރަސްމީގޮތުން ދިޔަ ދިޔުމުގައި، އެތަންތާނގެ ރައީސުންނާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ލިބުނު. މީގެއިތުރަށް، އެކުވެރި ޤައުމުތަކާ ގުޅުން އިތުރުކުރުމުގެގޮތުން، ވޭތުވެދިޔަ އަހަރު ވަރަށްގިނަ މަސައްކަތްތައް ކުރެވިފައިވޭ. އޭގެތެރޭގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު އެކިއެކި ޤައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ބައެއް އެހެން ވަޒީރުންނާއި، ސަރުކާރުގެ މަތީދަރަޖައިގެ އެކިއެކި ބޭފުޅުން ތަފާތު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތައް ހިމެނޭ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖެ އިތުރު 8 ޤައުމަކާއެކު ސިޔާސީގުޅުން އުފެއްދި. އެ ޤައުމުތަކަކީ، މޮރިޝަސް، ސެނެގޯލް، ޢުމާން، ސަޢޫދީ ޢަރަބިއްޔާ، އުރްދުން، ސޫދާން، ސްވިޓްޒަރލޭންޑް، ކެނެޑާ. ވީމާ، މި 8 ޤައުމާއެކު މިހާރު ދިވެހިރާއްޖެ ވަނީ ދުނިޔޭގެ 54 ޤައުމަކާއެކު ސިޔާސީގުޅުން އުފައްދާފައި.
1981 ވަނަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖެ ބޭރުބައެއް ޤައުމުތަކާއެކު ތަފާތު އެގްރީމަންޓްތައް ކޮށްފައިވޭ. އޭގެތެރޭގައި ޗައިނާއާއެކު ކުރެވުނު، އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން އެގްރީމަންޓާއި، ލީބިޔާއާއެކު ކުރެވުނު ޘަޤާފީ އެގްރީމަންޓާއި، ޝްރީލަންކާއާއެކު ކުރެވުނު ޘަޤާފީ އެގްރީމަންޓާއި، ކުށްވެރިން ބަދަލުކުރުމާބެހޭ އެގްރީމަންޓާއި، އަދި ޕާކިސްތާނާއެކު ކުރެވުނު ވައިގެ ދަތުރުފަތުރާބެހޭ އެގްރީމަންޓާއި، އިންޑިޔާއާއެކު ކުރެވުނު ވިޔަފާރީގެ އެގްރީމަންޓް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ.
ބޭރުގެ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ގޮތުންވެސް، 1981 ވަނަ އަހަރަކީ، ފާހަގަކުރެވޭފަދަ އަހަރެއް. އެ އަހަރު ރާއްޖެއަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރޭގައި، ޗައިނާގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު މިސްޓަރ ހުވާން ހުވާ، އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމާސް ޝްރީ ޚޫރްޝީދް ޢާލަމްޚާން، ޝްރީލަންކާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޔޫތު އެފެއާޒް އަދި އެމްޕްލޯއިމަންޓް އޮނަރަބްލް ރަނިލް ވިކްރަމަސިންހަ، ޕާކިސްތާނުގެ ޕްރެޒިޑެންޓްގެ ސީނިއަރ އެޑްވައިޒަރެއް ކަމުގައިވާ މިސިޒް ޢަތިއްޔާ ޢިނާޔަތުﷲ ހިމެނިވަޑައިގެންކަން އެއީ، އެ ޤައުމުތަކާއި ރާއްޖެއާ ދެމެދުގެ ގުޅުމަށް އިތުރު ބަދަހިކަމެއް ގެނެސްދިން ކަމެއް. މިދެންނެވި ބޭބޭފުޅުންނާއެކު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭރުގެ އެކިއެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަތީދަރަޖައިގެ 137 ބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވޭ.
1981 ވަނަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ބައެއް އިތުރު ޖަމާޢަތްތަކާ ގުޅުނު. އޭގެތެރެއިން އެންމެ މުހިންމު އެއްޖަމާޢަތަކީ، ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން. ވޭތުވެދިޔަ އަހަރު ނިމުނުއިރު، ބައިނަލްއަޤްވާމީ 234 ޖަމާޢަތުގައި ދިވެހިރާއްޖެ ބައިވެރިވެފައިވޭ.
ރާއްޖޭގެ ޚާރިޖީ ހިންގުމުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އެއްފަޚްރުގެ ވާހަކަ އަޅުގަނޑު މި ފާހަގަކޮށްލަނީ ޚާއްޞަ އުފަލަކާއެކު. އާދެ! ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބޭރުގެ ދުނިޔޭގައި ލިބެމުންދާ ތަރުޙީބުގެ ނަތީޖާއެއްގެ ގޮތުން، އދ.ގެ ޞުލްޙައާބެހޭ މައްސަލަތައް ބަލާ މަޖިލީހުގެ މެންބަރެއް ކަމުގައި މިދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އިންތިޚާބު ކުރެވުނު. މިއީ، އ.ދ. ގައި ހިމެނޭ 154 ޤައުމުގެ ތެރެއިން ހޮވޭ ހަމައެކަނި 12 ޤައުމުގެ މައްޗަށް އެކުލެވޭ މަޖިލީހެއް. އެ މަޖިލީހަށް ދިވެހިރާއްޖެ ހޮވުނުކަން އެއީ، ޚާރިޖީ ކަންތައްތަކުގައި ރާއްޖޭގެ ފަރާތުން ހަމަޖެހޭ ހަރުދަނާ ސިޔާސަތެއް ހިންގަމުން ގެންދެވޭކަމުގެ ހެތްކެއްކަން ކަށަވަރު.
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ތިޔަ ޢިއްޒަތްތެރި މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަކީ، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި، ވެރިކަން ހިންގުމުގެ ޤާނޫނުތައް ހެދުމުގެ ބާރު ރައްޔިތުން ދީފައިވާ އެމީހުންގެ ވަކީލުންގެ މަޖިލިސް. އަދި ދައުލަތް ހިންގުމުގެ ބާރުތަކުގެ ތެރެއިން އެންމެ މުހިންމު އެއްބާރު. އެހެންކަމުން، ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ކޮނޑުފުޅުގައި އެޅިފައިވަނީ، ވަރަށް މަތިވެރި މަސްއޫލިއްޔަތެއްކަން ޔަޤީން.
1981 ވަނަ އަހަރުގެ ތެރޭގައި، މި ޢިއްޒަތްތެރި މަޖިލިސް، އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވީ އިޚްލާޞްތެރިކަމާއެކު ހަރުދަނާ ގޮތެއްގައި ކަމަށް އަޅުގަނޑު ދެކެން. ސަރުކާރާއި ރައްޔިތުންގެ މަންފާއަށް ވިސްނަވައިގެން، ޝަރީޢަތާއި ޤާނޫނުގެ ހަމަތަކަށް ބައްލަވައިގެން ކަމުގައި އަޅުގަނޑު ގަބޫލުކުރަން. މިކަމަށްޓަކައި މަޖިލީހުގެ ރައީސަށާއި، ހުރިހާ މެންބަރުންނަށް އަޅުގަނޑު ހިތުގެ އެންމެއަޑިން ޝުކުރާއި ތާރީފު ރައްދުކުރަން.
ހަމަ މި ނޭވާގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރުން 50 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތު މި މަޖިލީހުގެ ފަރާތުން ފާހަގަކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށްވުމާއެކު، މަޖިލީހުގެ މި އާ އަހަރުގެ ހުޅުވުމުގައި ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަނެއްކާވެސް އުފަލާއެކު ތަހުނިޔާ ދަންނަވަން. ޝައްކެއްވެސްނެތް. ރައްޔިތުންގެ މަޖިލީހުގެ އުމުރުން 50 އަހަރު ފުރިހަމަވުމަކީ، ވަރަށް މުހިންމު އެތައްކަމެއް އެކަމުން ހާމަވެގެންދިޔަ ކަމެއް. ދިވެހީންނަކީ ދުސްތޫރީ ވެރިކަމެއް ހިންގުމުގެ ޤާބިލިއްޔަތު ލިބިފައިވާ ބައެއްކަމާއި، ސިޔާސީގޮތުން ތަޞައްރުފު ފުދިފައިވާ ބައެއްކަން، އަދި ދިވެހީންނަކީ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ، ސިޔާސީރޮނގުގައި ތަހުޒީބުވެފައިވާ ބައެއްކަން ހާމަކޮށްދިން ކަމެއް.
ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ފުރުމުގެ އިޙްތިފާލު މަޖިލީހުގެ ފަރާތުން ބޭއްވެވީ، ވަރަށް އެކަށީގެންވާ ފެންވަރެއްގައިކަން އަޅުގަނޑު މިފާހަގަކުރަނީ، ޚާއްޞަ އުފަލަކާއެކު. އަޅުގަނޑު ދެކޭގޮތުގައި، އެ މުނާސަބަތަށްޓަކައި އިންޑިޔާއާއި ޝްރީލަންކާގެ ޕާލަމެންޓްގެ ސްޕީކަރުންނަށާއި، ޕާކިސްތާނުގެ ޤާނޫނާބެހޭ ވަޒީރަށް އެރުވުނު ދަޢްވަތަށް އެބޭފުޅުން މާލެވަޑައިގެން، އެ އިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވިކަން އެއީ، ރާއްޖޭގައި ހިނގަމުން އަންނަ ދުސްތޫރީ ނިޒާމުގެ ފުރިހަމަކަން، ބޭރުމީހުންގެ ކުރިމަތީގައިވެސް ގަބޫލުކުރެވޭކަމުގެ ދަލީލެއް.
އެ ތާރީޚީ މުނާސަބަތާ ގުޅިގެން، ރައްޔިތުންގެ މަޖިލިސްވެސް އޭގެ ދާއިރާ ބައިނަލްއަޤްވާމީ ކަންތައްތަކާ ހަމައަށް ފުޅާކުރައްވައިފި. ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ޕާލަމެންޓޭރިއަނުންގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ބައިވެރިވެވަޑައިގެންނެވީ، މިދިޔަ އަހަރުގެ ތެރޭގައި. އެއާއެކު، މި ހިސާބުގަނޑުގެ ޤައުމުތަކުގެ ޕާލަމެންޓްތަކާބެހޭ މައްސަލަތަކާމެދު މަޝްވަރާކޮށްހަދާ ޖަމްޢިއްޔާއެއް އުފެއްދުމުގެ ޚިޔާލު، ރާއްޖޭގެ ފަރާތުން މިހާރު ވަނީ ހުށަހަޅާފައި.
1981 ވަނަ އަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ވަރަށް މުހިންމު ޤަރާރެއް ފާސްކުރައްވާފައިވާކަން، މިތަނުގައިވެސް އަޅުގަނޑު ފާހަގަކޮށްލަން. އެ ޤަރާރަކީ، ފަލަސްޠީނުގެ މައްސަލައާ ބެހޭގޮތުން ފާސްކުރެއްވި ޤަރާރު. ހަމައެފަދައިން، މިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އަޅުގަނޑު އިއްވި ޕްރެޒިޑެންޝަލް އެޑްރެހަށް މަޖިލިސްގެ ފަރާތުން ވަރަށް އެކަށީގެންވާ ފުރިހަމަ ޖަވާބެއް ދެއްވިކަންވެސް ފާހަގަކޮށްލަންޖެހޭ. ވީމާ، އަޅުގަނޑު ދަންނަވާނީ، މިދެންނެވި ދެކަންތަކުންވެސް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެ ދެއްވީ ވަރަށް މަތިވެރި ތާއީދެކޭ، އަދި އެބެހެއްޓެވީ ވަރަށްމަތިވެރި އިތުބާރެކޭ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ތިޔަ ޢިއްޒަތްތެރި މަޖިލީހުން ފާސްކުރައްވާފައިވާ ގޮތުގެމަތިން، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވެމުންދިޔަ. އެކަމަށްޓަކައި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކޮށް، ޤާނޫނުއަސާސީއެއްގެ ނަމޫނާ މިހާރުވަނީ އެ މަޖިލީހަށް ހުށަހެޅިފައި. މިދެންނެވި ނަމޫނާ ތައްޔާރުކުރީ، ރާއްޖޭގައި ތިއްބެވި އެފަދަ ކަންކަމަށް އެންމެ އެކަށީގެންވާ ބޭފުޅުންގެ މަޝްވަރާއާއެކު، ބޭރުޤައުމުތަކުގެ ޤާނޫނުތައްވެސް ބަލައިގެން، އަދި ބޭރުގެ ބައެއް މުޝީރުންގެ ލަފާވެސް ހޯދައިގެން. ޚާއްޞަ މަޖިލީހުގެ މެންބަރުން، އެ ނަމޫނާއާމެދު ޚިޔާލު ބަދަލުކުރައްވައި، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތުގައި މިދިޔަ އަހަރުގެ ނިޔަލަށް 13 ޖަލްސާ ކުރެއްވި. އަދި އެ މަޖިލީހުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ ޤާނޫނުއަސާސީގެ ޙަޔާތަށް މީލާދީގޮތުން 50 އަހަރުފުރޭ ދުވަހާ ހަމައަށް ޤާނޫނުއަސާސީ އިޞްލާޙުކުރައްވައި ނިންމެވޭތޯ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެއަށް ވަނީ، ވަރަށްގިނަ ރޮނގުރޮނގުން އެކަށީގެންވާ ކުރިއެރުން ލިބިފައި. އަދި ދިވެހި މުޖުތަމަޢަށް ވަނީ ވަރަށްގިނަ ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައި. އާދެ! އެއީ، މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ސަރުކާރާއި ރައްޔިތުން އެކުވެގެން ފަށައިގަތް ވަރަށްގިނަ ކަންތައްތަކެއްގެ ނަތީޖާ. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ވަފާތެރި އެއްބާރުލެއްވުމާއެކު، ކުރިއަށް އޮތްތާނގައި މިހާރަށްވުރެ އިތުރު ކުރިއެރުމާއި ހެޔޮބަދަލުތައް އަޅުގަނޑުމެންގެ ޤައުމަށާއި މުޖުތަމަޢަށް އަންނަތަން ފެންނާނެ.
މިއަދު އަޅުގަނޑުމެން ނޭވާލަމުންމިދާ ދުނިޔެއަކީ، ހިތަށްވެސް ނުގެނެވޭހާ އަވަހަށް ބަދަލުވަމުން ކުރިއަރަމުންދާ ދުނިޔެއެއް. ޚިޔާލުވެސް ނުފޯރާހާ ހަލުވިކޮށް ތަރައްޤީވަމުންދާ ދުނިޔެއެއް. އަދި ތަފާތު ވަޔާއި އޮއިވަރު ހިނގަމުންދާ ދުނިޔެއެއް. އެހެންކަމާއެކު، އެފަދަ ދުނިޔެއެއްގައި، އަޅުގަނޑުމެންފަދަ ކުޑަކުޑަ ޤައުމަކަށް ތަރައްޤީގެ މަގުގައި އެހެން ޤައުމުތަކާ ފައިހަމަކުރަމުން ގެންދެވޭނީ، ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށްގެން. އަދި އެފަދަ އޮޔާއި ވައި ހިނގަމުންދާ ދުނިޔެއެއްގައި، ސަލާމަތްކަމާއެކު މިނިވަން ހިޔާވައްސެއްގައި ތިބެވޭނީވެސް، ޤައުމަށްޓަކައި މަތިވެރި ޤުރްބާނީތަކެއްވެގެން.
ކުޑަވެސް ޝައްކެއްނެތް، ދިވެހީންނަކީ، ޤައުމީ ކަންތައްތަކުގައި ގުރްބާންވާން ކެރޭ، ހިތްވަރުގަދަ ބައެއްކަން އަޅުގަނޑުމެންގެ ފަޚްރުވެރި ތާރީޚު ވަނީ ހާމަކޮށްދީފައި. ކުރަން ގަސްތުކުރާކަމެއް ކާމިޔާބުކުރުމުގެ ރޫޙު ހުންނަ، މުރާލި ބައެއްކަން، އަޅުގަނޑުމެންގެ ކުލަގަދަ މާޒީވަނީ ސާބިތުކޮށްދީފައި. މި ހުރިހާ ސިފަތަކެއް މިއަދުގެ ދިވެހިންގައިވެސް ހުންނާނެކަން ޔަޤީން. މަތިވެރި ކާމިޔާބީތައް ހޯދުމުގެ އުއްމީދާއި ޢަޒްމުގައި، މިއަދުގެ ދިވެހި ދަރިންވެސް ފަސްނުޖެހޭނެކަން ކަށަވަރު. ވީމާ، މިއަދު އަޅުގަނޑުމެން ވިސްނަންވީ، ޤައުމުގެ ދަރިން އުއްމީދުކުރާ މަތިވެރި ތަރައްޤީތައް ހޯދުމަށާއި، މުޖުތަމަޢަށް އެދެވޭ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި، އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިއަށްދާނެ އުސޫލުތަކަކާމެދު އަދި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ ފުރިހަމަ ޤައުމީ ފަލްސަފާއަކާމެދު.
އަޅުގަނޑުމެންނަކީ، ދިވެހި ތާރީޚުގެ ވަކި މަރްޙަލާއެއްގައި، ދިވެހި ޤައުމުގެ މުޤައްދަސް އަމާނަތާ ހަވާލުވެގެން ތިބެން ދިމާވެފައިވާ މީހުން. އަޅުގަނޑުމެންގެ ކުރިން އުޅުނު މީހުން ނެތިދިޔަ ފަދައިން، އަޅުގަނޑުމެންވެސް ނެތިގެންދާނެ. ނަމަވެސް، اللّـه سبحانه وتعالى އިރާދަކުރައްވައިފި ހިނދަކާ ޖެހެންދެން، އަޅުގަނޑުމެންގެ ޤައުމު ދެމިއޮންނާނެ. އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެންގެ މުއްސަނދި ޤައުމީ ތަރިކަ އައިސްފައިވަނީ، އަޅުގަނޑުމެންގެ ކާބަފައިން ހިނގަމުން އައިސްފައިވާ ފިޔަވަޅުތަކުގެ އަސަރާއެކު. އަދި އަޅުގަނޑުމެންގެ ފަހުން އަންނަ ބަޔަކު އަޅުގަނޑުމެން ހިނގާފައިވާ މަގުވެސް ބަލާނެކަން ކަށަވަރު. ވީމާ، ޤައުމުގެ ފަސްގަނޑުގައި އަޅުގަނޑުމެންގެ ފިޔަވަޅުތަކުގެ ކުރެހުން ދޫކުރާއިރު، އެ ކުރެހުން ހުންނަންވާނީ ހަރުދަނާ ޤައުމީ ފަލްސަފާއެއްގެ ގިއުގަނޑުގެ ތެރޭގައި ކަމަށް އަޅުގަނޑު ދެކެން. އަދި ތިޔަ ޢިއްޒަތްތެރި މަޖިލީހުންވެސް އެކަން ގަބޫލުކުރައްވާނެކަން ކަށަވަރު.
މާތް اللّـه، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި، އަޅުގަނޑަށް، އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިއަށްދާނެ ފުރިހަމަ އުސޫލުތަކާއި، ހަރުދަނާގޮތްތައް ޤާއިމުކުރުމުގެ ހެޔޮވިސްނުމާއި، އެ އުސޫލުތަކުގެމަތީން، ދިވެހި ޤައުމަށާއި މުޖުތަމަޢަށް ހެޔޮބަދަލުތައް ގެނައުމާއެކު، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތުގައި ދިވެހި އުންމަތާއިގެން ކުރިއަށްދިއުމުގެ މަތިވެރި ތައުފީޤު ދެއްކެވުން އެދި ދުޢާކުރާ ޙާލު، އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން،
ޤާނޫނު ނަންބަރު 1/68ޖ.ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ މާތްކަން ލިބިގަންނަން.
رَبَّـنَا لاَتُـزِغْ قُلُوبَـنَابَعْدَ إِذْهَـدَيْتَنَا وَهَبْ لَنَا مِن لَّدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّابُ.
وَمَاتَوْفِيقِئ إِلاَّ بِاللَّـهِ عَلَيْهِ تَوَكَّلْتُ وَإِلَيْـه أُنِيْب.
وَالسَّلاَم عَلَيْكُمْ وَرَحْمَةُ اْللَّـهِ وَبَركَاتُهُ.