بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سَيّدنا محـمَّدٍ، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ! މިއަދަކީ، އަޅުގަނޑުމެންގެ ޝަރަފްވެރި މިނިވަންދުވަސް. މިނިވަންދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެވެސް އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، ތިޔަ އެންމެހާ އަޚުންނާއި އުޚުތުންނަށް، މިއަދުގެ މުނާސަބަތުގައި އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. ހަމައެޔާއެކުގައި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް، މިއަދުގެ މުނާސަބަތުގައި އަޅުގަނޑުގެ ހިތުގައި އުފެދިގެން އަންނަ އިޚްލާޞްތެރި ހެޔޮއެދުމުގެ ޝުޢޫރުތައް ރައްދުކުރުން.

ޝައްކެއްނެތް، މިނިވަންކަން ލިބުމުން، އަޅުގަނޑުމެން ފާހަގަކުރާ މިފަދަ ދުވަހަކީ އުފާކުރުން ޙައްޤު ދުވަހެއް. އެދުވަހަކީ ތަހުނިޔާއާއި މުބާރަކްބާދީ އަދި ދުވަހާ ގުޅޭ ހެޔޮއެދުންތައް، އެކަކު އަނެކަކަށް ރައްދުކުރުން ޙައްޤު ދުވަހެއް.

އާދެ! މިއަދު އަޅުގަނޑު ޤަޞްދުކުރަނީ، ކޮންމެހެން ތަޤްރީރެއް ކުރާކަށެއް ނޫން. ކަމާބެހޭ ބޭފުޅުން ވިދާޅުވާގޮތުގައި، ތަޤްރީރަކީ، ފެށުމަކާއި އެމައުޟޫޢާ ދޭތެރޭގައި ދައްކާ ވާހަކައަކާއި ނިމުމަކާ އެކުލެވިގެންވާ އެއްޗެއް. އެ އުޞޫލުގެ މަތިން ވަކި ކަންތައްތަކެއް ހިމަނައިގެން ތަޤްރީރެއް ދޭގޮތަށް އަޅުގަނޑު ޤަޞްދެއް ނުކުރަން. އެއާ ޚިލާފަށް އަޅުގަނޑު ޤަޞްދުކުރަނީ، މިއަދު މިމުނާސަބަތާ ގުޅިގެން، އަދި ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމާ ގުޅިގެން، އަޅުގަނޑުގެ ހިތުގައި ހިނގަމުންދާ ޝުޢޫރުތަކެއް، ތިޔަބޭފުޅުންނާ ޙިއްޞާކުރަން.

އާދެ! މިއަދަކީ އަޅުގަނޑުމެންނަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުތާ 26 އަހަރު ފުރޭ ދުވަސް. މިދިޔަ އަހަރު އަޅުގަނޑުމެން ފާހަގަކުރީ، އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތު. ޝައްކެއްނެތް، މިނިވަންކަން ލިބެނީ މަސައްކަތްތަކެއް ކޮށްގެން. ޖިހާދުތަކެއް ކޮށްގެން. އެއީ، ބަޔަކު ހަމަ ތިއްބާ ލިބޭ އެއްޗެއް ނޫން. އެކުރާ މަސައްކަތްތަކަކީ ނުވަތަ އެކުރާ ޖިހާދުތަކަކީ ލޭއޮހޮރުވަންޖެހޭ މަސައްކަތްތަކަކާއި ޖިހާދުތަކަކަށްވެސް ވެދާނެ. ގިނަ ޤައުމުތަކަށް މިނިވަންކަން ލިބިފައިހުރީ އެފަދަ މަސައްކަތްތަކަކާއި ޖިހާދުތަކެއް ކޮށްގެން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަށް 1965 ވަނަ އަހަރު މިލިބުނު ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނީ، އަޅުގަނޑުމެން ލޭއޮހޮރުވައިގެނެއް ނޫން. އެހެންނަމަވެސް، އޭގެ މާނައަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެންނަށް މިލިބުނު މިނިވަންކަމުގެ އަގު، އެހެން ޤައުމުތަކަށް ލިބިފައިވާ މިނިވަންކަމަށްވުރެ ކުޑައެކޭ ނޫން.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިނިވަންކަން ހޯދުމަށްޓަކައި ލޭތަކެއް އޮހޮރުވާލަން ނުޖެހުނަސް، ޝައްކެއްނެތްގޮތުގައި، ވަރަށްގިނަ މަސައްކަތްތަކެއް ކުރަންޖެހުނު. އެމަސައްކަތްތައް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ. އަދި އެމަސައްކަތްތައް އަޅުގަނޑުމެންނަށް ކޮށްދެއްވި އަބްޠާލުންވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ. އާދެ! ރާއްޖޭގެ މިއަދުގެ ސިޔާސީ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިދެއްވުމުގައި އެންމެބޮޑު ބައެއް އަދާކުރެއްވީ، ކުރީގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރު. އެހެންވީމާ، މިއަދުގެ މުނާސަބަތުގައި، އެމަނިކުފާނު އަޅުގަނޑުމެންގެ ޤައުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތާއި ޖިހާދު ހަނދާން ކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ވާޖިބެއް.

އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި، އަޅުގަނޑުމެންގެ ކާބަފައިންވަނީ ވަރަށް މަތިވެރި ޖިހާދުތަކެއް ކުރައްވާފައި. އޭގެތެރެއިން ވަރަށްގިނަ ބަޔަކު ވަނީ ޝަހީދުވެގެން ގޮސްފައި. އެހެންކަމުން، އެކާބަފައިންގެ މަތިން ހަނދާންކުރުމަކީވެސް އަޅުގަނޑުމެން މިއަދު ކުރަންޖެހޭނެ ކަމެއް. މިމޭރުމުން މާދިގު ވާހަކަތަކެއް ނުދެއްކިޔަސް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާޒީ ހަނދާންކުރުމުގެ މުހިންމުކަމާއި، އަޅުގަނޑުމެންނަށް މިހާތަނަށް އާދެވިފައި މިވާގޮތާއި، އަޅުގަނޑުމެންނަކީ ކޮންބައެއްކަމާއި، މިކަންކަން އަބަދުވެސް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސްގަތުމުގެ މުހިންމުކަން، މީގެކުރިން މިޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅެއްގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް ދޭހަވެގެން ހިނގައްޖެ. އަޅުގަނޑުމެންނަށް މި މިނިވަންކަން ލިބުނީ ވަރަށްގިނަ ބަޔެއްގެ މަސައްކަތާއި ޖިހާދުން ކަމުގައިވާއިރު، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން މިދެމެހެއްޓެނީވެސް ވަރަށްގިނަ ބަޔެއްގެ މަސައްކަތާއި ޖިހާދުންކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ.

އާދެ! ވަރަށްފަހުން އަޅުގަނޑުމެންނަށް ދިމާވި ޙާދިޘާއެއްގެ ވާހަކަ، މިޖަލްސާގައި ވާހަކަފުޅު ދެއްކެވި ދެބޭފުޅުންވެސް ވިދާޅުވެއްޖެ. އެއީ، އަޅުގަނޑު ހިތުން އެކަން އޮންނަންވީވެސް ގޮތް. ޝައްކެއްނެތް، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނުން އަޅުގަނޑުމެން ސަލާމަތްވެފައި މިވަނީ اللّـه سبحـانـه وتعـالىގެ ނިޢުމަތާއި ރަޙްމަތުން. އެކަލާނގެ ތައުފީޤުން. އެހެންނަމަވެސް، އަޅުގަނޑުމެންގެ މިނިވަންކަން ދަމަހައްޓައި، އަޅުގަނޑުމެންގެ ޤައުމުގެ ޝަރަފް ޙިމާޔަތްކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ވަނީ އެދުވަހު ޝަހީދުވެގެން ގޮސްފައި. އާދެ! އެ ޝަހީދުންގެ ހަނދާން އާކޮށް، އެމީހުން އަޅުގަނޑުމެންގެ ޤައުމަށް އެކޮށްދިން ބުރަ މަސައްކަތާއި، އަޅުގަނޑުމެންގެ ޤައުމަށްޓަކައި އެމީހުން އެ ވެދިން ޤުރްބާން އެއީ، އަޅުގަނޑުމެން ދުވަހަކުވެސް ހަނދާންނައްތާލައިގެން ވާނެ އެއްޗެއް ނޫން. ޝައްކެއްނެތް، އެއީ އަޅުގަނޑުމެންގެ ތާރީޚުގައި އަބަދުވެސް ދިރިދިރި ހުންނާނެ ހަނދާނެއް.

އާދެ! އަޅުގަނޑުމެންގެ ތެރެއިން ޝަހީދުވެގެންދިޔަ އަބްޠާލުންގެ ޢާއިލާތަކަށް މިއަދުގެ މުނާސަބަތުގައި، ވަރަށް ޚާއްޞަ ތަހުނިޔާއަކާއި މުބާރަކްބާދީއަކާއި ހެޔޮއެދުންތަކެއް އަޅުގަނޑު ފޮނުވަން. ހަމައެކަނި އެ ޢާއިލާތަކަށް ހެޔޮއެދުން ފޮނުވުމަކުން ނުފުދޭނެކަން އަޅުގަނޑު ދަންނަން. ޝަހީދުންގެ ޢާއިލާތަކަށް ސަރުކާރުން މިހާރުވެސް އެހީވަމުން ގެންދޭ. އެހެންނަމަވެސް، އެވާ އެހީތަކަކީވެސް އަޅުގަނޑު ހިތުން މުޅިން ހަމަޖެހޭ ނުވަތަ ފުދޭ އެހީއެއް ކަމަކަށް ނުވެހިނގައިދާނެކަންވެސް އަޅުގަނޑު ޤަބޫލުކުރަން. އަޅުގަނޑު ދެކޭގޮތުގައި، އެފަދަ ބަޔަކު އެމީހުންގެ ފުރާނައިން އަޅުގަނޑުމެންނަށްޓަކައި ޤުރްބާންވެގެން ދިޔުމުން، އެމީހުންގެ ލޯބިވާ ޢާއިލާތަކާއި، އެމީހުންގެ އަނބިދަރިންނަށް މުޅި ޤައުމު ދަރާފައިވާ ދަރަނި ވަރަށްވެސް ބޮޑުވާނެ. އެމީހުންގެ ޙާލަތު ރަނގަޅުކޮށްދީ، އެމީހުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި، އަޅުގަނޑުމެން ފަސްޖެހިގެނެއް ނުވާނެ. އެހެންކަމުން، އަޅުގަނޑު މި އިލްތިމާސް ކުރަނީ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް، އަޅުގަނޑުމެންނަށްޓަކައި ޝަހީދުވެގެން އެދިޔަ އަބްޠާލުންގެ ޢާއިލާތަކަށް ހުރިހާ ގޮތަކުންވެސް އެހީވުމުގެ ޕްރޮގްރާމެއް ރާވައިގެން ހިންގަމުން ގެންދިޔުމަށް.

އާދެ! އަޅުގަނޑުމެންގެ ޤައުމުގެ ދިފާޢުގައި އެދުވަހު މަސައްކަތްކުރީ ހަމައެކަނި އެ ޝަހީދުވެގެންދިޔަ އަބްޠާލުންނެއް ނޫން. އޭގެއިތުރުން، ވަރަށްގިނަ ބަޔަކު އެދުވަހު މަސައްކަތްކުރި. އޭގެތެރެއިން ގިނައީ، ﷲގެ ރަޙްމަތާއެކު މިއަދު ދުނިޔޭގައި ތިބި މީހުން. ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރި އެތައް ބަޔަކު އެބަތިބި. އޭގެތެރޭގައި، އަޅުގަނޑުމެންގެ ހިތްވަރުގަދަ އެން.އެސް.އެސް.ގެ އޮފިސަރުންނާއި، އެން.އެސް.އެސް.ގެ އެންމެން ހިމެނޭ. ހަމައެފަދައިން، ޢާންމު ރައްޔިތުންގެ ވަރަށްގިނަ ބަޔަކުވެސް ހިމެނޭ. މިހުރިހާ ފަރާތްތަކަކަށް އަޅުގަނޑުމެންގެ މި 26 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ދުވަހާ ގުޅޭ ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރުމަކީ، އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކެން.

އާދެ! މިދިޔަ އަހަރު އަޅުގަނޑުމެން ފާހަގަކުރީ، ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތު. 25 އަހަރަކީ ޤައުމެއްގެ ޙަޔާތުގައި ފުދޭވަރެއްގެ މުއްދަތެއް. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ މިނިވަންކަމަށް 26 އަހަރު ފުރޭ މިއަދުގެ މުނާސަބަތުގައި، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކިތަންމެ ކަމެއް ހުންނާނެ. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބީ ވަރަށް މުހިންމު ހަތަރު އަނގޮޅިއަކާ ހަމައަށް. މިހިސާބުން އަޅުގަނޑުމެން ކުޑަކޮށް ހުއްޓިލައި، އަޅުގަނޑުމެން މިދަތުރުކުރާ މިޞްރާބާ ދޭތެރޭގައި ވިސްނާލުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަށް މިދެވެނީ، ރަނގަޅު މިޞްރާބަށްތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ. އަޅުގަނޑުމެންގެ މިޞްރާބަކީ ކޮބައިތޯ ވިސްނާލަންޖެހޭ. އަޅުގަނޑުމެން ދާންވީ ސީދާ ކުރިއަށްތޯ؟ ނުވަތަ އަޅުގަނޑުމެން އެނބުރެންވީ ކަނާތަށްތޯ؟ އެނބުރެންވީ ވާތަށްތޯ؟ ނުވަތަ މިހިސާބުން އެނބުރިލާފައި، އައިމަގުން ފަހަތަށްދާންވީތޯ؟ މިއީ އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ކަންތައްތަކެއް. އާދެ! އަޅުގަނޑުގެ އަމިއްލަ ޚިޔާލު ދަންނަވާނަމަ، އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑުގެ އަމިއްލަ ޚިޔާލަކީ، އަޅުގަނޑުމެން ދާންވީ ކުރިޔަށޭ. އަޅުގަނޑުމެން ދާންވީ ވަރުގަދަ ހިތްވަރަކާއި ޢަޒުމަކާ އެކީގައި ކުރިޔަށޭ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ، އަޅުގަނޑުމެންގެ މިނިވަންކަން ހަރުދަނާކޮށް ތަރައްޤީކުރާށޭ. އާދެ! މިނިވަންކަން ދެމެހެއްޓުމާއި، މިނިވަންކަން ހަރުދަނާކޮށް ތަރައްޤީ ކުރުމާ އެއީ މުޅިން ތަފާތު ދެކަމެއް.

މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ކުރަމުން އައި މަސައްކަތަކީ، އަޅުގަނޑުމެންގެ މިނިވަންކަން ދަމަހައްޓައި ޙިމާޔަތް ކުރުން ކަމުގައި ވެދާނެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހެނީ، އެމަސައްކަތުން އަޅުގަނޑުމެންނަށް ނުފުދޭތީ، އާ މަސައްކަތްތަކެއް ކުރުމުގެ މައްޗަށް. އާދެ! އެއީ އަޅުގަނޑުމެންގެ މިނިވަންކަން އިތުރަށް ހަރުދަނާކޮށް، މިނިވަންކަން ތަރައްޤީކުރުމަށް. މިނިވަންކަން ހަރުދަނާކޮށް ތަރައްޤީކުރެވޭނީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ތިންކަމެއްގެ މައްޗަށް އަޅުގަނޑުމެން ޚިޔާލުކޮށްގެން. އެތިންކަމެއް ފުރިހަމައަށް އަދާކޮށްގެން. އާދެ! އޭގެތެރެއިން އެއްކަމަކީ، ބޭރުގެ އެކިއެކި ނުފޫޒުތަކުން އަޅުގަނޑުމެން ސަލާމަތްވެ ތިބުން. އަނެއްކަމަކީ، އަޅުގަނޑުމެންގެ ދާޚިލީ އެއްބައިވަންތަކަން ވަރުގަދަކުރުން. ތިންވަނަކަމަކީ، އަޅުގަނޑުމެންގެ ޤައުމު އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކުރަމުން ގެންދިޔުން. މިތިން މުހިންމު ބައި އަދާނުކޮށް، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ މިނިވަންކަން ހަރުދަނާއެއް ނުކުރެވޭނެ. އަދި މިނިވަންކަން ތަރައްޤީއެއްވެސް ނުކުރެވޭނެ.

އާދެ! ބޭރުގެ ނުފޫޒުން ސަލާމަތްވެ ތިބުން އެއީ، މުހިންމު ކަމެއް ކަމަށް ދަންނަވަން ޖެހެނީ، ބައެއްފަހަރަށް ދިމާވާގޮތުން ބޭރުގެ ނުފޫޒު އެއީ، ޤައުމެއްގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަކަށް ވެދާނެތީ. އަދި ވެފައި ހުރީތީ. ބޭރުގެ ނުފޫޒުގެ ތެރޭގައި، އެކިއެކި ސިޔާސީ ނުފޫޒު ހިމެނޭ. އަޅުގަނޑުމެންނަށް އެނގޭ، މިނިވަން ޤައުމެއްގެ ގޮތުގައި ތިބިކަމުގައިވިޔަސް، ބޭރުގެ ސިޔާސީ ނުފޫޒެއްގެ ދަށުގައިވުމަކީ، ދުރުގައި އޮތް ކަމެއް ނޫންކަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ހޭލާ. އަބަދުވެސް ވިސްނައި ތިބެންޖެހޭނީ، ބޭރުގެ އެއްވެސް ސިޔާސީ ނުފޫޒެއްގެ ދަށުގައި ދިވެހިރާއްޖެ ނުވެވޭތޯ. ދިވެހިރާއްޖެ ފަދަ ކުޑަ ބަލިކަށި ޤައުމަކަށް މިއީ މާފަސޭހަ ކަމަކަށް ނުވާނެ. އެހެންނަމަވެސް، ޒަމާނުއްސުރެ އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ޙިމާޔަތްކުރަމުން އައިސްފައިވާ ބަޔެއް. އެހެންވީމާ، އެކަން ކުރިޔަށް އޮތް ތާނގައިވެސް ކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް ނޫން. ވަރުގަދަ ޢަޒުމަކާއި އީމާނެއް އަޅުގަނޑުމެންގެ ހިތުގައިވާނަމަ، އެކަން އެއީ، އަޅުގަނޑުމެންނަށް އެގޮތަށް ގެންދެވިދާނެ ކަމެއް.

އާދެ! ބޭރުގެ ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް އަންނައިރު، އެ އަންނާނީ އެކިއެކި ސިފަސިފައިގައި. އެކިކަހަލަ ފޭރާން ލައިގެން. ސީދާ އެއީ، ބޭރުގެ ނުފޫޒެއްކަން އަޅުގަނޑުމެންނަށް ނުވިސްނޭ ގޮތަށްވެސް އެނުފޫޒު އަތުވެދާނެ. އާދެ! އެއީ އިޤްތިޞާދީ ނުފޫޒަކަށްވެސް ވެދާނެ. މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ކަހަލަ ފުދުންތެރިކަން ކުޑަ ޤައުމަކަށް ބޭރުގެ އެހީއާއި އަދި ބޭރުގެ އެއްބާރުލުމާ ނުލައި ކުރިޔަށް ދެވޭކަށް ނޯންނާނެކަން. އެކަން އެހެން އޮތްކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެލިބޭ އެހީއަކީ، އެއްވެސްކަހަލަ ގޮތަކުން އަޅުގަނޑުމެން ބަނދެވޭކަހަލަ އެހީއަކަށް ވެގެން ނުވާނެކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށްލާހިތްވޭ، މިހާތަނަށް ދިވެހިރާއްޖެއަށް ބޭރުޤައުމުތަކުން، ބޭރުގެ ޖަމާޢަތްތަކުން، ބޭރުގެ އެކިއެކި ފަރާތްތަކުން ލިބިފައިވާ އެއްވެސް އެހީއަކީ، މިދެންނެވި ގޮތުގެ މަތިން ދިވެހިރާއްޖެ ބަނދެވޭކަހަލަ އެހީއެއް ނޫން. އެއީ، އަޅުގަނޑުމެންގެ މިނިވަންކަމަށް ނުވަތަ އިސްތިޤްލާލަށް ނުވަތަ ސިޔާދަތަށް އެއްވެސްކަހަލަ އުނިކަމެއް އަންނަފަދަ އެހީއެއް ނޫން. އެހެންވީމާ، މިގޮތް އަޅުގަނޑުމެން މުސްތަޤްބަލްގައިވެސް ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެންނަށް ލިބޭ އެހީއަކީ އެހެން އެއްވެސް ކަމަކާ ގުޅިފައިނުވާ އެހީއަކަށްވާން ޖެހޭނެ.

އާދެ! ބޭރުގެ ނުފޫޒު އަތުވެދާނެ އަނެއްގޮތަކީ، ބައެއްކަހަލަ ޚިޔާލުތައް އަޅުގަނޑުމެންގެ ތެރެއަށް އައުމުން، އެއީ ކޮންކަހަލަ ޚިޔާލުތަކެއްތޯ ރަނގަޅަށް ވަޒަންނުކޮށް، އެޚިޔާލުތަކާ އެއްގޮތަށް ޢަމަލުކުރަން ފެށުން ނުވަތަ އެޚިޔާލުތަކަށް އަޅުގަނޑުމެންނަށް ހެއްލެވޭގޮތްވުން. އަޅުގަނޑު ދަންނަވާނީ، ކޮންމެ ޚިޔާލެއްވެސް އަޅުގަނޑުމެން ޤަބޫލުކުރަންވާނީ، އެ ޚިޔާލެއް އަޅުގަނޑުމެންގެ ޤައުމީ ތިލަފަތުން ކިރާލުމަށްފަހުގައޭ. އެޚިޔާލެއް އަޅުގަނޑުމެންގެ ޤައުމީ ތިލަފަތުން ކިރާލާފައި، އެއީ އަޅުގަނޑުމެންނަށް ކަމުދާ، އަޅުގަނޑުމެންގެ ޤައުމަށް ފައިދާހުރި، އަޅުގަނޑުމެންގެ އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި ކުރިއެރުން އޭގައި ހިމެނިފައިވާ ޚިޔާލެއް ކަމުގައިވަނީނަމައޭ. އަޅުގަނޑުމެންނަށް ކަމުދާ، އަޅުގަނޑުމެންގެ ރާއްޖެއާ ގުޅޭ އަޅުގަނޑުމެންނަށް އިތުރު ކުރިއެރުން ލިބިދޭފަދަ ޚިޔާލެއް ކަމުގައިވަންޏާއޭ. އެނޫން ޚިޔާލުތައް އަޅުގަނޑުމެން ގަބޫލުކުރާކަށް ނުވާނެ.

އާދެ! މިހެން މިދަންނަވަނީ، އަޅުގަނޑުމެންގެ ޒުވާނުން ރާއްޖެއިން ބޭރުން ކިޔަވައިގެން އަންނައިރު، އެމީހުންނަށް އެތަންތާނގައި ކަންތައްތައް ހިނގަމުންދާގޮތް އޮންނާނީ ފެނިފައި. އަދި ރާއްޖޭގައި އަޅުގަނޑުމެން މިހާރު ތިބޭއިރުވެސް، ރޭޑިޔޯގެ ޛަރީޢާއިންނާއި، ޓީ.ވީ.ގެ ޛަރީޢާއިންނާއި، ނޫސްތަކުގެ ޛަރީޢާއިން، ދުނިޔޭގެ އެހެން ތަންތާނގައި ކަންތައްތައް ހިނގަމުންދާގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނޭ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް ބައެއްކަހަލަ ޚިޔާލުތައް އައުމަކީ އެކަށީގެންވާ ކަމެއް. މިސާލަކަށް، ބައެއް ތަންތާނގައި ހިނގާ ޑިމޮކްރަސީގެ ޙަރަކާތްތައް އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް އެކަށީގެންވާ ޙަރަކާތްތަކެއް ކަމުގައި އަޅުގަނޑުމެންނަށް ހީކުރެވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ބަލައިލަންޖެހޭ، އެޙަރަކާތްތައް އެއީ، އަޅުގަނޑުމެންގެ ރާއްޖެއާ ގުޅޭ، އަޅުގަނޑުމެންގެ މާޙައުލާ ގުޅޭ ޙަރަކާތްތަކެއްތޯ. އޭގައި އެކުލެވިގެންވާ ކަންތައްތައް އެއީ، އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް، އަޅުގަނޑުމެންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމަށް ހުރަސްއަޅާފާނެ ކަންތައްތަކެއްތޯ ނުވަތަ ނޫންތޯ.

ބައެއް ތަންތާނގައި ނުވަތަ ޑިމޮކްރަސީއޭ ކިޔައިގެން ވާހަކަ ދައްކާ ގިނަ ތަންތާނގައި ޕާޓީ ސިސްޓަމް އޮވޭ. ސިޔާސީ ތަފާތު ޕާޓީތައް ވާދަކުރަނީ. ވާދަކޮށްގެން އޭގެތެރެއިން އިންތިޚާބުގައި މޮޅުވާ ޕާޓީއަކަށް ވެރިކަން ލިބެނީ. އަޅުގަނޑުމެންވެސް އެފަދަ ނިޒާމެއް ޤަބޫލުކުރުން އެއީ، ކޮންކަހަލަ ކަމެއްތޯ، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔެއްގެ ހިތަށްއެރުން އެކަށީގެންވޭ. އެކަމާ ދޭތެރޭގައި ވިސްނުމަކީ ނެތް ކަމެއް ނޫން. އަޅުގަނޑުމެންވެސް ވިސްނަންޖެހޭނެ. އެއީ، ރަނގަޅު ކަމެއްތޯ؟ ނުވަތަ އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ރަނގަޅު ނުވާނެ ކަމެއްތޯ؟

ޕާޓީ ސިސްޓަމް އޮންނަ ތަންތާނގައި، ބައެއް ތަންތާނގައި ވަރަށް ރަނގަޅަށް ކަންތައްތައް ކުރިއަށްދާ ތަންތަންވެސް އެބަހުރޭ. މިސާލަކަށް، އިނގިރޭސިވިލާތާއި، އެމެރިކާ އަޅުގަނޑުމެންނަށް ނެގިދާނެ. އެތަންތާނގައި މިދެންނެވި ނިޒާމު އޮތް ކަމުގައިވިޔަސް، އިންތިޚާބުތަކުގައި ދެޕާޓީ ނުވަތަ އެއަށްވުރެ ގިނަޕާޓީ ވާދަކުރަމުން ގެންދިޔަ ކަމުގައިވިޔަސް، މާބޮޑެތި ހަމަނުޖެހުންތަކެއް ނުއުފެދޭ. ވަރަށް އޮމާންކޮށް އިންތިޚާބުގެ ކަންތައްތައް ގޮސްގެން، އެފަހަރަކު އެ ހޮވޭ ޕާޓީއެއް ވެރިކަން ކުރާގޮތަށް އޮންނަނީ ހަމަޖެހިފައި. އެހެންނަމަވެސް، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި، ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ޚާއްޞަކޮށް ދަންނަވަންޏާ، އަދި އަޅުގަނޑުމެން ކަހަލަ ކުދި ނުވަތަ ފަޤީރު ނުވަތަ ތަރައްޤީގެ މަގުގައި އެހާ ހަލުވި ފިޔަވަޅުތަކެއް އެޅިފައި ނުވާ ޤައުމުތަކުގައި މިކަން އޮންނަނީ މުޅިން ތަފާތު ގޮތަކަށް.

އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކަށް ވިސްނާލީމާ އެކަން އަޅުގަނޑުމެންނަށް އެނގޭނެ. އުތުރުކަރައިގައި ދާދިފަހުން އިންތިޚާބެއް ބޭއްވުނު. ވަރަށްގިނަ ޕާޓީތައް ކުރިމަތިލި. އެހެންނަމަވެސް، އޭގެ ނަތީޖާއަކަށްވީ ކޮންކަމެއްތޯ؟ އެއްވެސް ޕާޓީއަކަށް އެތާނގެ ޕާލަމެންޓްގައި ފުރިހަމަ އަޣުލަބިއްޔަތެއް ނުލިބުނު. އެހެންނަމަވެސް، ކޮންމެވެސް އެއްބަޔަކު ވެރިކަން ކުރަން ޖެހޭނެތީ، ވަރަށްގިނަ ގޮތްގޮތުން އެމީހުން ވާހަކަ ދައްކައި، ގޮތެއް ހަމަޖައްސައިގެން ކޮންމެވެސް އެއްޕާޓީއަކުން މިހާރު ވަނީ ވެރިކަމާ ޙަވާލުވެފައި. އެ އިންތިޚާބުގެ އަގަކީ ކޮބައިތޯ؟ އެތައްސަތޭކަ ނުވަތަ އެތައްހާސް ބަޔަކު މަރުވެގެންދިޔުން. ވަރަށްގިނަ ހަމަނުޖެހުންތައް އުފެދިގެންދިޔަ. ވަރަށްގިނަ ތަންތާނގައި ބޮމް ގޮއްވައި، ބަޑިޖަހައި، އަލިފާން ރޯކޮށް، ކާރުތަކާއި ބަސްބަހާއި، ލޮރީތައް ފުރޮޅާލައި، އޭގައި ރޯކޮށް، ތަފާތު ނުރައްކާތެރި ވަރަށްގިނަ ޙާދިޘާތައް ހިނގަމުންދިޔަ. އެހާގިނަ ޢަދަދަކަށް ފައިސާވެސް ޚަރަދުކުރަން ޖެހުނު. މިހުރިހާ ކަމެއްގެ ނަތީޖާއަކަށް މިވީ ވަކި ޕާޓީއަކަށް ފުރިހަމަ އަޣްލަބިއްޔަތެއް ނުލިބޭގޮތަކަށް މައްސަލަ ނިމިގެންދިޔުން. ދެން ހަދަން ޖެހުނުގޮތަކީ، ކުރިންވެސް ދެންނެވި ފަދައިން، ކޮންމެވެސް އެއް ޕާޓީއަކުން ވެރިކަމާ ވަގުތީގޮތުން ނަމަވެސް ޙަވާލުވާން ޖެހުނީ. އެއީ، ކިހާ ދުވަހަކަށް ކަމެއް އެމީހުންނަކަށްވެސް ނޭނގޭ. އެއްވެސް ބަޔަކަށް ނޭނގޭ. އެއީ، ހަމަ ވަރަށްކުޑަ ދުވަސްކޮޅަކަށްވުންވެސް އެކަށީގެންވޭ. ދެތިންހަތަރު މަސް ދުވަހަށް ކަމަށްވުންވެސް އެކަށީގެންވޭ ނުވަތަ އެއްއަހަރު ދުވަހަށް، ދެއަހަރު ދުވަހަށް ކަމަށްވުންވެސް އެކަށީގެންވޭ. ދެން އަނެއްކާވެސް ބާއްވަންވީ އިންތިޚާބެއް. އެ އިންތިޚާބު ބާއްވައިގެންވެސް އެއް ޕާޓީއަކަށް ފުރިހަމަ އަޣްލަބިއްޔަތެއް ލިބޭނެކަމުގެ ޔަޤީންކަމެއް ނެތް. އެޔަޤީންކަން ނެތްއިރުވެސް އަނެއްކާވެސް އެތައްހާސް ބަޔަކު މަރުވެގެންދާންވީ. ނުރައްކާތެރި ބޮޑެތި އެތައް ޙާދިޘާތަކެއް ހިނގަންވީ. އެތައް ތަނެއްގައި ރޯވާންވީ. އެތައް ތަނެއް ހަލާކުވެގެންދާންވީ. މިކަންތައްތައް މިއީ ޝައްކެއްނެތްގޮތުގައި، އެޤައުމުގެ ކުރިއެރުމަށާއި ހަމަޖެހުމަށް އެޅޭ ވަރަށް ބޮޑެތި ހުރަސްތަކެއް ކަމުގައި ނުވެއެއްނުދާނެ.

މިދެންނެވި ޤައުމު ފިޔަވައި، މިހިސާބުގަނޑުގެ އެހެން ޤައުމުތަކުގައިވެސް ކަން ހިނގަނީ މިދެންނެވި ގޮތުގެ މަތިން. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމަށް އެކަހަލަ ނިޒާމެއް ގެންނަން ޚިޔާލުކުރާއިރު، މިފަދަ ކަންތައްތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ޚިޔާލުކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައި އިންތިޚާބު އެބަ ބާއްވަން. އިރާދަކުރެއްވީތީ މިހާތަނަކަށް މިދެންނެވި ކަހަލަ އެއްވެސް ޙާދިޘާއެއް ހިނގާފައެއް ނުވޭ. މެންބަރުންގެ މެދުގައި ނުވަތަ އިންތިޚާބަށް ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި ވާދަކުރުން އޮތް ކަމުގައިވިޔަސް، އެ ވާދަކުރުން އޮންނަނީ ވަރަށް އޮމާންގޮތެއްގައި. ވަރަށް އެކުވެރިގޮތެއްގައި. އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ، އެއްބަޔަކު އަނެއްބަޔަކު މަރައި، ނުވަތަ ތަންތާނގައި އަލިފާން ރޯކޮށް، ތަންތަން ހަލާކުކޮށް، ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ތެރޭގައި މިހިސާބަކަށް ކަންތައްތަކެއް ނުދޭ. އެހެންނަމަވެސް، މިދެންނެވި ކަހަލަ ނިޒާމެއް އަޅުގަނޑުމެންގެ ރާއްޖެއަށް ގެނެސްފިނަމަ ވާނީ ކިހިނެއްބާ؟ ހަމަ މިހާ އޮމާންކޮށް، މިހާ ރަނގަޅަށް އިންތިޚާބުގެ ކަންތައްތައްދާނެބާ؟ މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަންތައްތަކެއް.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ބޭރުން އެ އަންނަ ޚިޔާލުތައް ނުވަތަ ބޭރުން އެ އިވޭ އަޑުތަކުން އަޅުގަނޑުމެންގެ ހިތަށް މިގެނެވޭ ޝުޢޫރުތައް، އެޖެހޭނެއޭ އަޅުގަނޑުމެންގެ އަމިއްލަ ޤައުމީ ތިލަފަތަކުން ކިރާލަން. އެއީ، ކިހާ ބަރުދަނެއް ހުރި އެއްޗެއްތޯ އަޅުގަނޑުމެން ޖެހޭނޭ ބަލައިލަން. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ކަމުދާކަހަލަ ޚިޔާލުތަކެއްތޯ، ގޮތްތަކެއްތޯ ވަރަށް ބޮޑަށް ވިސްނާފައި ނޫނީ އަޅުގަނޑުމެން އެކަހަލަ ޚިޔާލަކަށް ހެއްލިގެނެއް ނުވާނެ.

އާދެ! ޤައުމީ މިނިވަންކަން ހަރުދަނާކޮށް ތަރައްޤީކުރުމުގައި، ދާޚިލީ އެއްބައިވަންތަކަމުގެ މުހިންމުކަމަކީ ވަރަށްބޮޑު އެއްޗެއް. ގިނަފަހަރަށް ޤައުމުތަކުގެ މިނިވަންކަން ގެއްލިގެންދަނީ އެޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ހަމަނުޖެހުންތައް އުފެދިގެން. ކޮންމެވެސް އެއްބަޔަކު ބޭރުބަޔަކާ ގުޅިގެން ކަންތައްތަކެއް ހިންގައިގެން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މީގެކުރިން ކަންވެފައި އޮތީ އެހެން. އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު، އެމިނިވަންކަން ގެއްލިފައިވަނީ ރާއްޖޭގެ ބަޔަކު ބޭރުބަޔަކާ ގުޅިގެން ކަންތައްތަކެއް ހިންގައިގެން. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަން ބޭނުންވާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން، އޮންނަ އެކުވެރިކަން ދަމަހައްޓަންޖެހޭނެ. އެ އެކުވެރިކަން ދެމެހެއްޓުމުގައި، އަޅުގަނޑުމެން ބަލައިލަންވީ ކަންތައްތަކެއްވެސް އެބަހުރި. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެންނަކީ އެއްބައެއް ކަމުގައި ހަދަނީ އަޅުގަނޑުމެންގެ މާތްދީން. މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންނަކީ އެއް އަޞްލަކުން އައިސް ތިބި ބައެއް ކަމުގައި އަޅުގަނޑުމެން ބުނިކަމުގައިވިޔަސް، ތާރީޚުގެ މާޒީގެ ކޮންމެވެސް ހިސާބެއްގައި އަޅުގަނޑުމެންގެ ރާއްޖެއަށް ބޭރުގެ ލޭ އައިސްފައިވޭ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ގައިގައި ހުންނާނީ އާރިޔަން ލޭ ކަމުގައިވުން އެކަށީގެންވޭ. އެއީ، އުތުރު އިންޑިޔާގެ ބައެއް. އަދި އެފްރިކާގެ ބައެއް ތަންތަނުން އައި މީހުންވެސް ރާއްޖޭގައި ދިރިއުޅުނު. ޢަރަބިކަރައިގެ ބައެއް ހިސާބުތަކުން އައިސްގެން އުޅުނު މީހުންވެސް ރާއްޖޭގައި ދިރިއުޅުނު.

އެހެންވީމާ، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ތެރެއަށް އެހެން ޤައުމުތަކުގެ ލޭވެސްވަނީ އައިސްފައި. އެހެންވީމާ، އަޅުގަނޑުމެންނަކީ ސަތޭކައިންސަތޭކަ އެއް އަޞްލަކުން އުފެދިފައިވާ ބަޔެކޭ ބުނުމަކީ، މާބޮޑު ޙަޤީޤަތެއް އޭގައި އެކުލެވިގެންވާނެ ބުނުމެއް ކަމަކަށް ނުވާނެ ކަމަށް އަޅުގަނޑު ދެކެނީ. އެކަން އެހެން އޮތް ކަމުގައިވިޔަސް، މިއަދު އަޅުގަނޑުމެންނަކީ އެއް އަޞްލަކުން އައިސްތިބި ބަޔެއް ކަމުގައި ބުނެވިދާނެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ ބޭރުގެ ނުފޫޒުތަކެއް ނެތް. އެހެންނަމަވެސް، މިކަންކަމަށްވުރެ ބޮޑަށް އަޅުގަނޑުމެން އެކުވެރިވެ، އެކަތިގަނޑަކަށް ހަދާ އެއްޗަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޢަޤީދާ، އަޅުގަނޑުމެންގެ ދީން.

މާތްވެގެންވާ އިސްލާމްދީނަކީ، ހުރިހާ ޢާލަމްތަކަށް، އެންމެހާ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ﷲ ފޮނުއްވި ދީން. އޭގައި ދެދުނިޔޭގެ ބާއްޖަވެރިކަން އެކުލެވިގެންވާ ދީން. މާތްވެގެންވާ އިސްލާމްދީނުގައި އޮތީ ހަމައެކަނި އަޅުކަންކުރުމުގެ ކަންތައްތަކެއް ނޫން. ހަމައެކަނި ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޒަކާތްދިނުމާއި، ޙައްޖުވުމާ، މިކަންތައްތަކެއް ނޫން. އެ ދީނުގައި އެކުލެވިގެންނުވާ އެއްވެސް ކަމެއް ނެތޭވެސް ދަންނަވަން އަޅުގަނޑަށް ކެރިދާނެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް ބުރަވެހުރެ. މާތްވެގެންވާ އިސްލާމްދީނުގައި ޙަޔާތުގެ ކޮންމެ ކަމަކާމެދު އިރުޝާދު ދެއްވާފައިވޭ. ސިޔާސީ ކަންތައްތައް ގެންދަންވީގޮތް، އިޖްތިމާޢީ ކަންތައްތައް ގެންދަންވީގޮތް، އިޤްތިޞާދީ ކަންތައްތައް ގެންދަންވީގޮތް، ޢާއިލާގެ ކަންތައްތައް ގެންދަންވީގޮތް، ބައިނަލްއަޤްވާމީ ގުޅުންތައް ގެންދަންވީގޮތް، މިހުރިހާ ކަމެއް، އަދި މިނޫންވެސް ކަންތައްތައް، މާތްވެގެންވާ އިސްލާމްދީނުގައި، އެކަންކަމަށް ވަނީ މަގުފަހިކޮށްދެއްވައި، އެކަންކަމަށް ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅުއްވައި ދެއްވާފައި. އެހެންވީމާ، އެދީނަކީ އަޅުގަނޑުމެންގެ މިއަދާއި އަދި އަޅުގަނޑުމެންގެ މުސްތަޤްބަލް، އޭގެ މައްޗަށް ބިނާކުރުން އެންމެ އެކަށީގެންވާ ބިންގާ ކަމުގައި ނުވެނުދާނެ.

އެކަން އެހެންއޮތްއިރު، އަދި މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައި އަޅުގަނޑުމެންވާއިރު، އަދި ދިވެހިރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވާއިރު، އިސްލާމްދީނުގެ ރޫޙަކީ، އިސްލާމްދީނުގެ ޖައުހަރަކީ ކޮބައިކަން އަޅުގަނޑުމެން ދަންނަމުބާ؟ ބައެއްފަހަރަށް އަޅުގަނޑުމެންނަށް ސަމާލުކަން ދެވެނީ، ދީނުގެ ބޭރުފުށަށޭވެސް ދެންނެވިދާނެ. ދީނުގެ ބޭރުފުށުގައިވާ ބައެއް ކަންތައްތަކަށޭވެސް ދެންނެވިދާނެ. އަޅުގަނޑުމެންނަށް ގިނަވަގުތު ނަގާލެވެނީ، މިދެންނެވި މުހިންމު މައިގަނޑު ބައިތަކާ ދޭތެރޭގައި ނުވިސްނައި، އެކަންކަމާ ދޭތެރޭގައި އެއްވެސް ޚިޔާލެއް ނުކޮށް، އެއާއެއްގޮތަށް ޢަމަލުކުރެވޭތޯ ނުބަލާ. އަޅުގަނޑުމެންނަށް ވަގުތުނަގާލެވެނީ، މާކުދިކުދި ކަންތައްތަކާ ދޭތެރޭގައި ޚިޔާލުކޮށް، ބަޙުޘްކޮށް، އަރާރުންވުމުގައި. މައުލޫދު ކިޔުން، ޞަލަވާތް ފާތިޙާ ކިޔެވުން، ތުނބުޅި ބެހެއްޓުން، ވަކިކަހަލަ ގޮތަކަށް ހުންނަ، ވަކިކުލައެއްގެ ހެދުންލުން، ފޮޓޯނެގުން، ލަވައެހުން، މިޔުޒިކް ކުޅުން، ޓެލެވިޜަން ޕްރޮގްރާމްތައް ބެލުން، މިކަންކަމާ ދޭތެރޭގައި ވާހަކަ ދައްކައި، މިއީ އިސްލާމްދީނުގައި ހުއްދަ ކަމެއްބާ! ޙަރާމް ކަމެއްބާ! ދީނީގޮތުން ބަލާއިރު އެއްވެސް ބުރަދަނެއް ނެތް މިކަހަލަ ކުދިކުދި ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެންނަށް ވާހަކަދެކެވެނީ. ބަޙުޘްކުރެވެނީ. އަޅުގަނޑުމެންގެ ތެރޭގައި ޚިލާފު އުފެދެނީ. އަރާރުންވެވެނީ. އެކަންކަމާ ދޭތެރޭގައި ވާހަކަ ދައްކައި ވަގުތު ނަގާލާއިރު، އަޅުގަނޑުމެން ފިޔަވައި ދެންތިބި ޤައުމުތަކުން މަސައްކަތް ކުރަނީ ޤައުމު ތަރައްޤީ ކުރަން. ޤައުމު ބިނާކުރަން. ކުރިއަށްދާން. އަޅުގަނޑުމެން މިތިބެނީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ބަނދެވިފައި.

އެހެންވީމާ، އަޅުގަނޑު ހިތުން އިސްލާމްދީނަކީ، އަޅުގަނޑުމެންގެ މިނިވަންކަމާއި އަދި ކުރިއެރުމާއި އަދި ދިވެހި ޤައުމު ދެމިއޮތުމުގެ އެންމެ ވަރުގަދަ ބިންގާ ކަމަށްވާއިރު، އެދީނުގެ ރޫޙާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެދީނުގެ ޖައުހަރާ ދޭތެރޭގައި ވިސްނަންޖެހޭނެ. އެދީނުގެ މުހިންމު އުޞޫލުތަކަކީ ކޮބައިކަން ރަނގަޅަށް ދެނެގަނެގެން، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބަލަންޖެހޭނެ.

އާދެ! އަޅުގަނޑުގެ މި ޚިޔާލުތަކަކީ، އެއްގޮތަކަށްވެސް ދީނީގޮތުން މަޢްލޫމާތުތަކެއް އެރުވުމުގެ މަޤްޞަދުގައި ފާޅުކުރާ ޚިޔާލުތަކެއް ނޫން. އެހެންވީމާ، މިދެންނެވި ކަންތައްތަކާ ދޭތެރޭގައި، ދީނުގައި އެކަން އޮތްގޮތާ ދޭތެރޭގައި މާދިގު ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން. އެހެންނަމަވެސް، މިފުރުޞަތުގައިވެސް ދަންނަވާލަން ބޭނުންވަނީ، ލަވަ ކިޔުމަކީ ޙަރާމްކަމެއް ނޫނޭ. ލަވަ އެހުމަކީ ޙަރާމްކަމެއް ނޫނޭ. މިޔުޒިކް ކުޅުމަކީ ޙަރާމްކަމެއް ނޫނޭ. އަދި ތުނބުޅި ބެހެއްޓުމަކީ ވާޖިބު ކަމެއްވެސް ނޫނޭ. ވަކިގޮތަކަށް ހެދުން ބެހެއްޓުން، އާދެ! އަޅުގަނޑުވެސް އެއްބަސް، ޢައުރަ ނިވާކުރަންޖެހޭނެ. ޠާހިރު ހެދުންލާންޖެހޭނެ. މި އުޞޫލުތަކަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. އޭގެއިތުރުން، ވަކިކުލައަކުން އަޅުގަނޑުމެން ހެދުންލާކަށެއް މަޖުބޫރެއް ނޫން. އަންހެނުން ވަކި ކަޅުކުލައިގެ ހެދުން ލައިގެން ކޮންމެހެން ތިބޭކަށް ނުޖެހޭނެ. ނޫނީ ވަކިކުލައަކުން ހެދުންލުން އެއީކީ މަކުރޫހަ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކިގެނެއްވެސް ނުވާނެ. އެހެނެއް ނޫން އެކަންތައްތައް އޮންނަނީ. ފޮޓޯ ނެގުން އެއީވެސް ޙަރާމް ކަމެއް ނޫން. މިކަންތައްތަކާ ބެހޭގޮތުން ކޮންމެވެސް އެހެން ފުރުޞަތެއްގައި، ދަލީލާ އެކީގައި ވާހަކަ ދައްކާލެވޭނެ ފުރުޞަތެއް ލިބޭތޯ އަޅުގަނޑު ބަލާނަން. އެހެންނަމަވެސް، މިވާހަކަ މިދަންނަވާލީ، އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ހަމަނުޖެހުންތައް. މިކަހަލަ ކުދިކުދި ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް ވާހަކަ ދެކެވެނީ. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދެނީ. އެއުފެދޭ ބައިބައިވުން އެއީ، އަޅުގަނޑުމެންގެ މިނިވަންކަމަށް ނުވަތަ އަޅުގަނޑުމެންގެ ދާޚިލީ ހަމަޖެހުމަށް ވަރަށްބޮޑު ހުރަސްތަކެއް އަޅާފާނެ ބައިބައިވުމެއް ކަމުގައިވާތީ، އެވާހަކަ މިދަންނަވާލަނީ.

އަދި މިއާގުޅޭ ކުޑަކުޑަ އެއް ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އަންހެނުންގެ މަގާމާ ބެހޭގޮތުންވެސް ވަރަށް ގިނައިން ވާހަކަ ދެކެވޭ. ދީނުގައި އެކަން އޮންނަނީ ކިހިނެއްތޯ؟ އެއީވެސް އަޅުގަނޑުމެންގެ މެދުގައި ވަރަށް ޚިޔާލު ތަފާތުވެ، ބައިބައިވުން އުފެދޭކަހަލަ ކަމަކަށް ވަމުން އަންނަނީ. އެނގިވަޑައިގަންނަވާނެ ފަދައިން، މާތްވެގެންވާ އިސްލާމްދީނުގައި، އަންހެނުންނަށް ވަނީ އެކަނބަލުންގެ ޙައްޤު މަޤާމު ދެއްވާފައި. އެކަނބަލުންގެ ޙައްޤުތައްވަނީ ދީނުގައި ކިތަންމެ ފުރިހަމައެއްކޮށްވެސް ރައްކާތެރިކޮށްދެއްވާފައި. އިސްލާމްދީން އައުމުގެ ކުރިން އަންހެނުން ތިބި ޙާލާއި، އިސްލާމްދީން އައުމަށްފަހު، އަންހެނުންގެ މަޤާމު މަތިވެރިވެގެންދިޔަގޮތާއި މިއީ އަޅުގަނޑު ހިތުން އެއާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކަންޖެހޭނެ ކަމެއް ނޫން.

އިސްލާމްދީނުގައި އަންހެނުންނަށް ވަރަށްގިނަ ޙައްޤުތަކެއް ވަނީ ދެއްވާފައި. އެހެން ދީންދީނުގައި ނެތް ޙައްޤުތައް ވަނީ ދެއްވާފައި. އެހެން ޙަޟާރަތްތަކުގައި، އެހެން ތަހުޒީބުތަކުގައި އަންހެނުންނަށް ލިބިފައިނުވާ، ކިތަންމެ ޙައްޤުތަކެއް އިސްލާމްދީނުގައި އަންހެނުންނަށް ވަނީ ދެއްވާފައި. މުދާ މިލްކު ކުރުމުގެ ޙައްޤު، ގަނެ ވިއްކުމުގެ ޙައްޤު، މީހަކާ އިނދެގެން އުޅޭ އަންހެނަކު ނަމަވެސް، އެއަންހެންމީހާގެ މުދާ ހުރި ކަމުގައިވަންޏާ، އޭނާ ބޭނުންގޮތަކަށް އެމުދަލާމެދު ތަޞައްރުފް ކުރުމުގެ ޙައްޤު. ފިރިމީހާގެ ހުއްދަ ހޯދާކަށް ނުޖެހޭ. މިކަންކަން އިސްލާމްދީނުގައި ވަނީ އަންހެނުންނަށް ދެއްވާފައި. މިއަދާ ހަމައަށްވެސް ޔޫރަޕްގެ ބައެއް ޤައުމުތަކުގައި އެކަން އޮންނަނީކީ އެހެނެއް ނޫން. އަންހެނަކު މީހަކާ އިނުމަށްފަހުގައި، އެ އަންހެންމީހާގެ މުދަލާމެދު ތަޞައްރުފް ކުރެވެނީ، މިއަދަށް ދާންދެންވެސް ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ފިރިމީހާގެ ހުއްދަ އޮވެގެން. ފިރިމީހާގެ އިޒުނަ ލިބިގެން. އެހެނެއް ނޫން އިސްލާމްދީނުގައި އޮންނަނީކީ. އިސްލާމްދީނުގައި އޮންނަ ގޮތުގައި، ކޮންމެ އަންހެނަކީ މުސްތަޤިއްލު މީހެއް. މުސްތަޤިއްލު ޝަޚްޞިއްޔަތެއް ލިބިގެންވާ މީހެއް. އެހެންވީމާ، މީހަކާ އިނަކަސް، ފިރިމީހާގެ ނަމަށް ނިސްބަތްވާކަށް ނުޖެހޭ. އެމީހާގެ އަމިއްލަ އުފަން ނަން ބޭނުންކޮށްގެން، އެމީހާގެ އަމިއްލަ މިނިވަން ޝަޚްޞިއްޔަތު ދަލީލުކޮށްދޭ ނަން، އޭނާ ބޭނުންކުރުމުގެ ފުރިހަމަ ޙައްޤު އޭނާއަށް ލިބިގެންވޭ. ބޭރުގެ ތަހުޒީބުތަކުގައި އެކަން އޮންނަނީކީ އެހެނެއް ނޫން. މީހަކާ އިނދެފިނަމަ، ފިރިމީހާގެ ނަމަށް އަންހެން މީހާ ނިސްބަތްވާން ޖެހެނީ. އަންހެން މީހާގެ މިނިވަންކަމާއި އިސްތިޤްލާލު ދައްކައިދޭ އެންމެ މުހިންމު ޝިޢާރު، އޭނާގެ ނަން ބަދަލުކޮށްލަން ޖެހެނީ. މިހިރީ ކަންތައްހުރިގޮތް.

އެހެންވީމާ، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ފަދަ މަޤާމެއް ނުވަތަ ޙައްޤުތަކެއް، އެހެން އެއްވެސް ދީނެއްގައި، އެހެން އެއްވެސް ނިޒާމެއްގައި އަންހެނުންނަކަށް ލިބިފައެއް ނުވޭ. އެހެންނަމަވެސް، މިހާރަކަށް އައިސް އަޅުގަނޑުމެންނަށް އަނެއްކާވެސް އިވެންފެށި އަޑެއް. އަންހެނުން ތިބެންޖެހޭނީ ގޭގައޭ. އިޖްތިމާޢީ ޙަޔާތަށް ނުވަތަ ޤައުމީ ޙަޔާތަށް އަންހެނުން ނިކުމެގެނެއް ނުވާނޭ. އެއީވެސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދަ ވަރަށްބޮޑު އޮޅުމެއްގެ ތެރޭގައި ދެކެވޭ ވާހަކައެއް.

އިސްލާމްދީނުގެ ކުރީކޮޅަށް ބަލާއިރު، ކީރިތި رســول اللّـه صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގައި ހުންނެވިއިރު ކަންތައްތައް ހިނގައިދިޔަ ގޮތަށް ބަލާއިރު، އަޅުގަނޑުމެންނަށް އެނގޭ، އަންހެނުންނަކީ ޤައުމީ ޙަޔާތަށް ނުކުމެ އުޅުނު ބައެއްކަން. ކީރިތި ރަސޫލާގެ އެކިއެކި ހަނގުރާމަތަކުގައި އަންހެނުންވަނީ ބައިވެރިވެފައި. އާދެ! ޖިސްމާނީ ގޮތުން އަންހެނުންނާއި ފިރިހެނުން ތަފާތުވާތީ، ކޮންމެހެން އަންހެނުންނަކީ ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކޮށް އުޅުނު ބަޔެކޭ އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ހަނގުރާމައިގެ މައިދާނަށް ނުކުމެ، ހަނގުރާމަކުރާ ފިރިހެނުންނަށް އެހީވެދީ، ޒަޚަމްވާ މީހުންނަށް ބޭސްކޮށްދީ، އެމީހުންނަށް ކައްކައި ކާންބޯންދީ، މިހުރިހާ ކަމެއް ކުރަމުން ގެންދިޔައީ އަންހެނުން ނުކުމެ ތިބެގެން. އަދި އަންހެނުންގެ ސިޔާސީ ޙައްޤުތަކެއްވާކަށް އަޅުގަނޑުމެންނަށް އެނގޭ. ކީރިތި ރަސޫލާ އަންހެނުންނާ ބައިޢަތު ހިއްޕެވީތީ، އެކަމުން. އަންހެނުންގެ ބަޔަކު ކީރިތި ރަސޫލާ އަރިހަށް ގޮސް ބައިޢަތު ހިފީ. ﷲ، سورة الممتحنةގެ 12 ވަނަ އާޔަތުގައި ވަރަށް ޞަރީޙަކޮށް އެވާހަކަ އަޅުގަނޑުމެންނަށް އަންގަވާފައި އެބައޮތް. އަންހެނުންވެސް ބައިޢަތު ހިފި ވާހަކައާއި، އެ ބައިޢަތު ޤަބޫލުކުރައްވާށޭ އަންގަވާފައި އެބައޮތް. އަންހެނުން ހިފި ބައިޢަތުތަކުގެ ތެރޭގައި، ކީރިތި ރަސޫލާއަށް ނުއުރެދޭނެ ކަމަށް އެމީހުން ބައިޢަތު ހިފި. މާނައަކީ އެކަލޭގެފާނު އަންގަވާ ކޮންމެ އެންގެވުމަކަށް ތަބަޢަވާނޭ ކަމުގެ ބައިޢަތެއް. އަދި އެނޫން ކިތަންމެ ކަމެއްގެ ބައިޢަތުވެސް އޭގެތެރޭގައި ހިމެނިގެންދިޔަ. އެއީ، އެމީހުން ވައްކަން ނުކުރުމަށާއި، މީހުން ޤަތުލު ނުކުރުމަށާއި، މިކަހަލަ ކިތަންމެ ކަންތައްތަކެއް ހިމެނޭ ބައިޢަތެއް އެއީ.

އަންހެނުންނަށް ސިޔާސީ ޙައްޤެއް ނެތްނަމަ، ނުވަތަ ޤައުމީ ސިޔާސީ ޙަޔާތުގައި އެއްވެސް ބައެއް ނެތްނަމަ، އަޅުގަނޑު ހިތަށްއަރަނީ ކީއްވެގެންބާވައޭ، އަންހެނުން ރަސޫލާގެ އަރިހަށް ގޮސް ބައިޢަތު ހިފަން ޖެހުނީ؟ އެކަނބަލުންނަށް ގޭގައި ތިބެވިދާނެ. އެކަނބަލުންގެ ފަރާތުން އެކަނބަލުންގެ ފިރިން ނުވަތަ ބަފައިން ކީރިތި ރަސޫލާގެ އަރިހަށް ގޮސް ބައިޢަތު ހިފިދާނެ. އޭރުން އެކަން އެ ހަމަޖެހުނީ. އެކަމަކު އެހެނެއް ނޫން އެކަން ހިނގީކީ. އެހެންވީމާ، މިއިން އެބަ އެނގޭ، އަންހެނުންނަށް މުސްތަޤިއްލު ބައެއް، ޤައުމުގެ އިޖްތިމާޢީ ޙަޔާތުގައި، ސިޔާސީ ޙަޔާތުގައި، ޤައުމީ ޙަޔާތުގައި އޮންނަކަން. އަދި އޮންނަން ޖެހޭނެކަން.

އާދެ! މިވާހަކަވެސް މާ ތަފްޞީލުކޮށް ދަންނަވާކަށް މިއަދުގެ މި މުނާސަބަތު ތަންދޭހެނެއް ހިއެއްނުވޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާއިރު، އަދި މާތްވެގެންވާ އިސްލާމްދީނަކީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމާއި، އަޅުގަނޑުމެންގެ ކުރިއެރުމުގެ އެންމެ ވަރުގަދަ ބިންގާ ކަމުގައި އަޅުގަނޑުމެން ގަބޫލުކުރާއިރު، އެދީނުގެ ރޫޙު އަޅުގަނޑުމެންވާނެއޭ ދަންނަން. އެއާ އެއްގޮތަށޭ ޢަމަލުކުރަންވާނީ. އެރޫޙު ނުވަތަ އޭގެ ޖައުހަރު ދޫކޮށްލާފައި، މާކުދިކުދި ކަންތައްތަކުގައި ހިފައިގެން ދަމައި، އެއާމެދު ބަޙުޘްކޮށް، އަޅުގަނޑުމެންގެ ވިސްނުމާއި ވަގުތު ނަގާލާކަށެއް ނުވާނޭ. އެހެން ހެދުމުން އަޅުގަނޑުމެންގެ ތެރޭގައި އުފެދޭނީ ބައިބައިވުމޭ. އެބައިބައިވުން އުފެދުމަކީ، ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމެކޭ.

އާދެ! ޤައުމުގެ މިނިވަންކަން އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމުގައި މުހިންމު އަނެއް ކަމެއް ކަމުގައި އަޅުގަނޑަށް ފާހަގަކުރެވެނީ، ޤައުމު ތަރައްޤީ ކުރަމުން ގެންދިޔުން. އިޖްތިމާޢީ ގޮތުން ތަރައްޤީ ކުރަމުން ގެންދިޔުން. އިޤްތިޞާދީ ގޮތުން ތަރައްޤީ ކުރަމުން ގެންދިޔުން. އެނޫން ގޮތްގޮތުންވެސް ޤައުމު ތަރައްޤީ ކުރަމުން ގެންދިޔުން. އަޅުގަނޑުމެންނަކީ ފުދުންތެރި ޤައުމަކަށް ވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، ބޭރުގެ ނުފޫޒުތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ. އަޅުގަނޑުމެންނަކީ ކުރިނާރައި، ތިބި ތާނގައި ތިބޭ ބަޔަކަށް ވެއްޖެނަމަ، އަޅުގަނޑުމެން ބޭރުގެ ކަންތައްތަކަށް ވަރަށް ބޮޑަށް ބޭނުންވާނެ. އަދި ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް ނޭދެވޭ ގޮތްގޮތުގެ މަތިން ބޭރުގެ އެހީއާ ހަމައަށްދާން މަޖުބޫރުވާނެ.

އެހެންވީމާ، ޤައުމުގެ މިނިވަންކަން ހަރުދަނާކޮށް، ތަރައްޤީކުރުމުގައި މުޅި ޤައުމު ތަރައްޤީވާންޖެހޭ. މުޅި ޤައުމުގެ ރައްޔިތުންނަށް ތަޢްލީމު ލިބިދޭންޖެހޭ. ޤައުމުގެ ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކަމާއެކު ބަހައްޓަންޖެހޭ. އެކަމަށް ބޭނުންވާ ޚިދްމަތްތައް ދޭންޖެހޭ. އިޤްތިޞާދީ ގޮތުން ކުރިއަރަންޖެހޭ. އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރަންޖެހޭ. އަޅުގަނޑުމެންގެ މުއްސަނދިކަން އިތުރުކުރަންޖެހޭ. އެމުއްސަނދިކަން އެއީ، އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑު ބާރަކަށްވާނެ ކަމެއް. އެހެންވީމާ، ފަހަރެއްގައިވެސް ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމަކަށް އަޅުގަނޑުމެން ފަސްޖެހިގެނެއް ނުވާނެ. ވީހާގިނަ މަސައްކަތްތަކެއް ކޮށްގެން، ވީހާ ބުރަ މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެންވީ ކުރިއަށްދާން. އަޅުގަނޑުމެންގެ މާތްވެގެންވާ ދީނަކީ، ތަރައްޤީއަށް ގޮވާލާ ދީނެއް. މުސްލިމުންނަކީ ޢިއްޒަތްތެރި، ބާރުހުރި ބަޔަކު ކަމުގައިވުމަށް ގޮވާލާ ދީނެއް. އެހެންވީމާ، އަޅުގަނޑުމެންނަކީ ނިކަމެތި، ފަޤީރު ބައެއްގެ ގޮތުގައި ތިބެގެން އަޅުގަނޑުމެންނަކަށް އެމަޤްޞަދެއް ޙާޞިލެއް ނުވާނެ. އޭރުން އަޅުގަނޑުމެންނަށް ތިބެވޭނީ ނިކަމެތި ބައެއްގެ ގޮތުގައި. އަބަދުވެސް ތިބެންޖެހޭނީ އެހެން މީހުންނަށް ބަލަބަލައި ތިބޭ ބައެއްގެ ގޮތުގައި. އެއާޚިލާފަށް، އަޅުގަނޑުމެން، ދީނުގައި އަންގަވާފައިވާ ގޮތުންނަމަ، ވާންޖެހެނީ ބާރުހުރި ބަޔަކަށް، ޢިއްޒަތްތެރި ބަޔަކަށް.

މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަކުޑަ ޤައުމެއްކަން. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަން. އެހެންނަމަވެސް، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ކިތަންމެ ވަސީލަތްތައް މަދު ޤައުމެއް ކަމުގައިވިޔަސް، ކުރިއަށް ދެވޭނެ މަގުތަކެއް އޮންނާނެ. އަޅުގަނޑުމެންނަށްވެސް ކުރިއަށް ދެވޭނެ މަގުތަކެއް އެބަހުރި. އެހެންވީމާ، އެމަގުތައް ހޯދައިގެން، ވަރަށް ބުރަ މަސައްކަތް ކޮށްގެން ކުރިއަށްދިޔުމަކީ، ހަމަ ކޮންމެހެން ބޭނުން ކަމެއް. އަޅުގަނޑުމެން ޤައުމު ތަރައްޤީނުކޮށް، އަޅުގަނޑުމެންގެ މިނިވަންކަމެއް ނުދެމެހެއްޓޭނެ. މިނިވަންކަން ޙިމާޔަތެއްވެސް ނުކުރެވޭނެ. އިތުރަށް ހަރުދަނާއެއްވެސް ނުކުރެވޭނެ.

އާދެ! އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެއްޖެ ކަމަށް އަޅުގަނޑަށް ހީވަނީ. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު މިއަދުގެ މިވާހަކަ މިދެއްކީ އެއްގޮތަކަށްވެސް މިއަދުގެ މުނާސަބަތުގައި، ޤައުމާ މުޚާޠަބުކޮށްދޭ ތަޤްރީރެއްގެ ސިފައެއްގައެއް ނޫން. މިމުނާސަބަތުގައި އަޅުގަނޑުގެ ހިތަށް އައި ޝުޢޫރުތަކެއް، އަޅުގަނޑުގެ ހިތުގައި އެނބުރެމުންދާ ޚިޔާލުތަކެއް، ތިޔަބޭފުޅުންނަށް ދަންނަވާލީ.

އާދެ! އަޅުގަނޑު ޔަޤީންކުރަނީ އަޅުގަނޑު ތިޔަބޭފުޅުންނާ މި ޙިއްޞާކުރި ޝުޢޫރުތަކާ ދޭތެރޭގައި ތިޔަބޭފުޅުންވެސް ފުރިހަމައަށް ވިސްނާވަޑައިގަންނަވާނެ ކަމަށް. އަދި މިދެންނެވި ޚިޔާލުތަކުގައި އޮށްޓަރުހުރި، ފައިދާހުރި އެއްޗެއްވާނަމަ، އެ ޤަބޫލުކުރައްވާނެ ކަމަށް. އަޅުގަނޑު ދެންނެވި ވާހަކަތަކުގައި، އެފަދަ އެއްޗެއް ނެތްނަމަ، އަޅުގަނޑަށް މަޢާފުކުރައްވާނެ ކަމުގައި.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް، ރައްކާތެރިކޮށް ދެމެހެއްޓުމުގައި ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ ކުރިއެރުމުގެ އަދި މިނިވަންކަން ޙިމާޔަތްކުރުމުގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކުރުމުގެ އާރާއި ބާރު އަޅުގަނޑުމެންނަށް ދެއްވުން. އެ މާތްދީނުގެ ރޫޙު ދެނެގަތުމުގެ ވިސްނުން އަޅުގަނޑުމެންނަށް ދެއްވައި، ﷲ ރުހިވޮޑިގެންވާ މަގުން ކުރިއަށްދިޔުމުގެ ތައުފީޤާއި، ކެތްތެރިކަމާއި، ހުނަރުވެރިކަމާއި، ޤާބިލިއްޔަތު ދިވެހި ރައްޔިތުންނަށް اللّـه سبحـانـه وتعـالى ދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.