ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ރަސްމުސް އެބިގޯޑް ކްރިސްޓެންސެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި، ޚާއްޞަ ގޮތެއްގައި، އިޤްތިޞާދާއި، މޫސުމީ ނޭދެވޭ ބަދަލުތަކާ އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޑެންމާކް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށްޓަކާ ޝުކުރު އަދާކުރައްވައިފައެވެ. އަދި، ޑެންމާކަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމުން، އެ ސެކްޓަރު އިތުރަށް ފުޅާވެގެންދާނޭކަމުގެ ޔަޤީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި ޑެންމާކާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1982 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އަށްވަނަ ދުވަހުއެވެ.