ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ގ.ވެލަގަލާ، އިސްމާޢީލް ނަވީން، މިއަދު ޢައްޔަންކުރައްވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.

އިސްމާޢީލް ނަވީންއަށް ކޮމިޝަނަރ އޮފް ޕޮލިސް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އިސްމާޢީލް ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.