ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު, އ.ދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް ރީޖަން، މިސްޓަރ ޓެމްރަޓް ސެމިއުލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މައްސަލައަށް ވަގުތީ ޙައްލެއްގެ ބަދަލުގައި ދާއިމީ ޙައްލެއް ހޯދުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވެ، ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވަވާ މަޝްވަރާތަކަށް ސަރުކާރުން މަރްޙަބާ ވިދާޅުވާކަން ހާމަކުރެއްވިއެވެ. އަދި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސްޓަރ ސެމިއުލްގެ ވާހަކަފުޅުގައިވެސް މި މަޝްވަރާތަކުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ރާއްޖެއިން އަހަންމިއްޔަތުކަންދޭ ކަންކަމުގައި ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް އ.ދ.ގެ ފަރާތުން ރާއްޖެއަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.