ޕާކިސްތާނުގެ ހުޅަނގު އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެތައް ބަޔަކު މަރުވެފައިވާތީ، އެކަމުގެ ހިތާމައިގައި، ޕާކިސްތާނުގެ ޢާޞިފް ޢަލީ ޒަރްދާރީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޒަރްދާރީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ވަރަށް ގިނަ އަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހިސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ޒަރްދާރީއަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.