މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅުއްވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، ކުޅުދުއްފުށީގެ ފެންހޮޅިލުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢާއި، އަދި ރޯ ހައުސްގެ މަޝްރޫޢު މިއަދު ހަވީރު އިފްތިތާޙްކޮށްދެއްވުމަށްފަހު، މި މުނާސަބތާ ގުޅިގެން ޖަލާލުއްދީން ސްކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ ކޮންމެ ބަޔަކު ރާއްޖޭގެ ވެރިކަމުގައި ދެން ތިބިނަމަވެސް، މިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅޭނެ ކަމަށާއި، މިސަރުކާރުން ވަނީ އެކަމަށް މަގުފަހި ކުރުވާފައި ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ތަރައްޤީގެ މަގުގައި ކުރިއަށްގޮސް މިރާއްޖެ ބަދަލުކުރުމަށް ކުރާން ހުރި މަސައްކަތަކީ ކޮބައިކަން ސަރުކާރަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން އެ މަސައްކަތްތައް ކުރާނީ އަދި ކުރަމުން ގެންދާނީވެސް ދެމެހެއްޓެނިވި ގޮތުގައި ތިޔަބޭފުޅުންނަށް ތަރައްޤީ ލިބޭ ގޮތަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޚަރަދު މިކުރަނީ ރައްޔިތުންގެ ފައިސާއިން ކަމަށްވުމުން، އެ ފައިސާ ރަނގަޅަށް ބޭނުންކުރުމަށާއި ސާފުކޮށް ދެފުށްފެންނަ ގޮތަށް ކަން ކުރުމަށްޓަކައި ހުރިހާ މަޝްރޫއެއްވެސް ރަނގަޅަށް މިނެންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މި އިފްތިތާޙް ކުރެވުނު ފެންހޮޅިލުމުގެ މަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، އެމް.ޑަބްލިޔު.އެސް.ސީ.ގެ ޗެއަރޕާސަން ނީޒާ ޢިމާދު ވިދާޅުވީ، ކުޅުދުއްފުށީގައިވެސް ފެނުގެ ޚިދުމަތް ދޭނީ ލޮނުފެން ޑީސެލިނޭޓްކޮށްގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ބަހައްޓަން ރޭވިފައިވަނީ 250ޓަނުގެ ޕްލާންޓެއް ކަމަށެވެ. އަދި، އަލްޓްރާވައިލެޓް ޔޫ.ވީ. ސިސްޓަމަކުން ފަރުމާ ކުރެވިގެން ފޯރުވައިދެވޭނީ، ރައްކާތެރި ސާފު ބޯފެން ކަމުގައިވެސް ނީޒާ ވިދާޅުވިއެވެ.

ރޯހައުސް މަޝްރޫޢާ ބެހޭގޮތުން މޯލްޑިވްސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ފެށޭ އޯގަސްޓްމަހުގެ ކުރީކޮޅު ރޯ ހައުސްތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އުންމީދު ކުރެއްވޭ ކަމަށާއި، މި ރޯ ހައުސްތައް ފަރުމާ ކުރެވެނީ ދެބުރިއަށް ކަމުގައެވެ. އަދި ތިރީބުރި ފަރުމާ ކުރެވިފައިވަނީ ސިޓިންގ ރޫމަކާއި، ބަދިގެއާއި، ކާ ގެ އަދި ގުދަނަކާއި، ފާޚާނާއެއް ހިމެނޭގޮތަށް ކަމަށާއި، މަތީ ބުރީގައި ތިން ކޮޓަރިއާއި ތިން ފާޚާނާ ހިމެނޭ ގޮތަށް ކަމުގައިވެސް ވިދާޅުވިއެވެ.

މަގުހެދުމުގެ މަޝްރޫޢާބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައިވަނީ އެރަށުގެ އެންމެ ބޮޑު މަގު ކަމުގައިވާ އަމީނީމަގު ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. އަދި މަސައްކަތް ފެށޭތާ ހައެއްކަ، އަށެއްކަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިމޭވަރުވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ ހުރިހާ މަގުތަކެއްވެސް ހެދޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ. ކުޅުދުއްފުށިން އެމަނިކުފާނަށް ދެންނެވީ ވަރަށް ހޫނު މަރުޙަބާއެކެވެ. ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ބަނދަރު މައްޗަށް ނުކުތެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަލާން ކުރެއްވިއެވެ. އެއަށްފަހު، ކުޅުދުއްފުށީގައި ނަރުދަމާގެ ޚިދްމަތް ދެމުން ގެންދާ ގޮތް ބައްލަވައިލެއްވުމަށް، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ސްވަރޭޖް ސްޓޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ.