ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް ކަމުގައި ހަމަޖައްސަވައި، މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ މަސައްކަތްތައް މިއަދުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

         މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ ގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތައް މި ދެންނެވުމާއެކު އެވަނީއެވެ.

މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ ގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތައް

1. މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭގޮތުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.

2. މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް މީހުން އެންރޯލްކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސަރވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން.

3.    މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުން.

4. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން.

5. ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ޕުރޮގުރާމުތައް ހިންގުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ޕުރޮގުރާމުތަކުގެ ތެރެއިން އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދަންޖެހޭ ޕުރޮގުރާމުތައް ރާވައި ހިންގުމުގައި އެ މުއައްސަސާތަކާ ވިލަރެސްކުރުން.

6.  މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ފުރިހަމަކުރާ ފަރާތްތައް އެކްޓިވް ސަރވިސްގެ މުއްދަތުގައި ޚިދުމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ކަނޑައަޅާ ތަންތަނުގައި ޚިދުމަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.

7.  މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންގެ ތެރެއިން އެކްޓިވް ސަރވިސްގެ މުއްދަތު ފުރިހަމަކުރާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާގެ ލަފާއާއެކު ރިޒާވް މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، ރިޒާވް މެންބަރުންނާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.

8.     މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުން ޤައުމީ ޚިދުމަތަށް ނެރެންޖެހޭ ހާލަތްތަކުގައި
އެ މެންބަރުންނަށް ޤައުމީ ޚިދުމަތަށް ނުކުތުމަށް އެންގުމުގެ ނޯޓިސް ފޮނުވުމާއި، ޤައުމީ ޚިދުމަތުގައި ހޭދަކުރާ މުއްދަތުގައި އެ މެންބަރުންގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.

9. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނިޒާމު ހިންގުމަށް ބޭނުންވާ ބަޖެޓު އެކުލަވައިލުމާއި، އެ ނިޒާމު ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި، ނޭޝަނަލް ސަރވިސްގެ މެންބަރުންގެ އިނާޔަތްތަކާގުޅޭ ކަންކަން ބެލެހެއްޓުން.

10. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނިޒާމު ކުރިއަށްދާގޮތް ވަޒަންކުރުމާއި، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.