މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރާއްޖޭގެ ޓީ.ވީ. ޕްރެޒެންޓަރެއް ކަމަށްވާ އަލްފާޟިލް އަޙްމަދު ޝަކީބް.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
"ރައްޔިތުންނާއެކު" މި ނަމުގައި އަޅުގަނޑުމެން މި ގެނެސްދޭ ޕޮޑްކާސްޓް އެޕިސޯޑުގެ 7 ވަނަ އެޕިސޯޑަށް ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ!
ޕްރެޒެންޓަރ:
ކިހިނެއްތޯ ހާލުކޮޅު؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރަނގަޅު.
ޕްރެޒެންޓަރ:
ދުވަސްކޮޅެއް ވެއްޖެ ނުފެންނަތާވެސް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
މާ އަވަދިނެތި އުޅުއްވަނީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
އަޅުގަނޑު ހަމަ ހިތަށްއެރީ، މިއަދު އަޅުގަނޑުމެންގެ ޕޮޑްކާސްޓުގައި، ނިމިގެންދިޔަ ހަފްތާގައި ތަންކޮޅެއް ބޮޑަށް ޞިއްޙީ ދާއިރާގައި މަނިކުފާނު އެކި ދިމަދިމާއިން އަޅުގަނޑަށް ފެނިއްޖެ.
ދެން ޞިއްޙީ ދާއިރާއަކީ، ރައްޔިތުންގެ އިޙްސާސްތަކާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ދާއިރާއެއްވީމާ، މިކަމާ ގުޅޭ ކަންތައްތައް މިހެން ހިނގައިފިއްޔާ، އެ ވާހަކަތަކަށްވެސް ދާންވާނެ ދޮގެއްތޯ؟
ކޮބައިތޯ، މި ވޭތުވެދިޔަ ހަފްތާގައި ޞިއްޙީ ދާއިރާގައި މި ހިނގައިދިޔަ މުހިންމު ކަންތައްތަކަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޞިއްޙީ ދާއިރާއަކީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި، އަޅުގަނޑު އެންމެ އިސްކަމެއްދޭ ހަމަ އެއް ދާއިރާ އިނގޭތޯ. އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި، ދެން ރާއްޖޭގެ ޞިއްޙީ ޙާލަތު އޮތީ ވަރަށް ބޮޑަށް އަޅައިނުލެވިއޭ ހަމަ ދެންނެވިދާނެ. އެ ނުވާނެ ކުށަކަށް، އެހެން ދެންނެވުން. އިންފްރާސްޓްރަކްޗަރ، ނޫނީވިއްޔާ އިމާރާތްތަކާއި، ވަސީލަތްތަކުގެ ގޮތުންވެސް ވަރަށްގިނަ ކަންތައްތަކެއް ހުރީ ކުރަން ޖެހިފައި. އިންސާނީ ވަސީލަތްތައްވެސް ހަމަ ތަރައްޤީ ކުރަން، އިތުރުކުރަން ޖެހިފައި. ޞިއްޙީ ޚިދުމަތުގެ ފެންވަރުވެސް އެތައް ގުނައަކުން އޮތީ ރަނގަޅުކުރަން ޖެހިފައި. މިހެންގޮސް ޖުމްލަކޮށް ޞިއްޙީ ދާއިރާ އޮތީ ވަރަށް ޙާލަތު ދަށްކޮށް.
އެހެންވީމާ، އަޅުގަނޑު އެންމެ އިސްކަމެއް މިދިނީ، މި ދާއިރާ ތަރައްޤީ ކުރުމަށް ކަންތައްތަކެއް ކުރުމަށް. މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އެކި ރަށްރަށުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި، މި ދެންނެވީ، ތިން ހަތަރު ދާއިރާއަކުން ޞިއްޙީ ކަންކަން ރަނގަޅުކުރުމަށް ވަރަށްގިނަ މަސައްކަތް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އަދި ކުރިއަށް އޮތީ އިތުރު މަސައްކަތްތައް ކުރާނެ ދުވަސްތައް.
މިގޮތުން، މާލޭގައި ވަރަށްގިނަ މަސައްކަތްތަކެއް މިވަނީ ނިންމައިލެވި، ޚިދުމަތް ދޭން ފެށިފައި. އަދި ހަމަ ކުރިއަށް އޮތް ތާނގައި އެކަން އަދި އެއަށްވުރެ މާބޮޑަށްވެސް ރަނގަޅުވެސް ކުރެވިގެންދާނެ. އިތުރުވެސް ކުރެވިގެންދާނެ.
އެހެންވީމާ، ޖުމްލަކޮށް ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ޢުމްރާނީ ވަސީލަތްތަކުގެ ގޮތުންވެސް އަދި ޚިދުމަތުގެ ފެންވަރުގެ ގޮތުންވެސް އަދި އިންސާނީ ވަސީލަތުގެ ގޮތުންވެސް ތަރައްޤީ ކުރުމުގެ މަސައްކަތް، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދީގެން ކުރިއަށް މިގެންދަނީ.
ޕްރެޒެންޓަރ:
ތެލަސީމިއާ ސެންޓަރު ހުޅުއްވީ ރަސްމީކޮށް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ކިހާވަރެއްގެ ތަފާތެއްތޯ މި ފެނިވަޑައިގަތީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތެލަސީމިއާ ސެންޓަރަކީ، ދެން ތެލަސީމިއާ ބައްޔަށް ފަރުވާދިނުމަކީ ރާއްޖޭގައި ކުރަމުންދާތާ ހަމަ ވަރަށްގިނަ ދުވަސްވީ ކަމެއް ދޮގެއްތޯ؟ ދެން އެކަން ރަނގަޅު ނުކުރެވި، ނޫނީވިއްޔާ ރަނގަޅު ކުރަންޖެހޭ ފެންވަރަށް ނުކުރެވި، މިދިޔަ ދުވަސްތަކުގައި މިދިޔައީ. ދެން އަޅުގަނޑު އިސްކަމެއް މިދިނީ، މިކަމަށް އެދެވޭ ޙައްލެއް، ނޫނީވިއްޔާ ރަނގަޅު ގޮތްތަކެއް ހަދައިދޭން.
ތެލަސީމިއާ ކުދިންނާ ސީދާ އަޅުގަނޑު ބައްދަލުކުރިން. ބައްދަލުކޮށް، ވަރަށް ގިނަ ކަންތައްތައް އޮޅުންފިލުވައި ހަދައިފިން. އަދި އެކަމާ ގުޅޭ މަސައްކަތުގައި އުޅޭ ފަރާތްތަކާވެސް ބައްދަލުކުރިން. ދެން މާލޭގައި އެކަން ކުރަމުންދިޔަ، އެ ޚިދުމަތް ދެމުންދިޔަ ތަނަށްވެސް ދިޔައިން. ދެން އެތަން ހުޅުމާލެއަށް ބަދަލުކުރުމަށްޓަކައި ކުރިން ފެށިފައި ހުރި މަސައްކަތްތަކެއްވެސް ހުރި. ދެން އެކަންވެސް އޮތީ ހަވާލުކުރި ފަރާތާ ހަވާލުކުރި މަސައްކަތް، މުއްދަތު ހަމަވެގެންދިޔައިރުވެސް ނުނިމި. ވަރަށް ގިނަ މަސައްކަތް ހަމަ ހުރިގޮތަށް ހުރި.
ދެން އެހެން އޮތް ޙާލަތުގައި އޮތް ތަނެއް، ދެން އަޅުގަނޑު ސިފައިންނާ، ޤައުމީ މަސައްކަތެއް ގޮތުގައި ހަވާލުކުރީ. ޤައުމީ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ހަމަ ގަބޫލުކުރާތީ. ހަވާލުކޮށްގެން ސިފައިން ހަމަ އެ މީހުންގެ އެ އެފިޝަންޓް ޕްރޮފެޝަނަލް މިންގަނޑުގައި މަސައްކަތްކޮށްލައި، އަޅުގަނޑު ދިން ޑެޑްލައިނަށް ނިންމާލި. ނިންމާލައިގެން މިހާރު ހުޅުމާލެއަށް އެވަނީ އެތަން ބަދަލުވެފައި. ބަދަލުވީއިރުގައިވެސް ވަރަށްގިނަ ކަންކަން ރަނގަޅު ކުރެވިފައި ހުންނާނީ މި ދެންނެވިހެން. ތެލަސީމިއާ ކުދިންގެވެސް ޚިޔާލާއި މަޝްވަރާވެސް ވަރަށް ބޮޑަށް އިންކޯޕަރޭޓް ކުރެވިފައި ވާނީ. އަދި ކުރިއަށް އޮތްތާ ރަނގަޅުވެސް ކުރެވޭނެ.
އެ ތަނަށް ދިޔުމަށްޓަކައި ޚާއްޞަ ބަހެއްވެސް، ބަސް ސްޓޮޕެއްވެސް ހަމަޖެއްސީ. އަދި ހިލޭ ދަތުރުކުރެވޭގޮތް ހަމަޖެހި، މާލެ މިހާރު އައި.ޖީ.އެމް.އެޗް.، ނޫނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ މިތަން ހަވާލުކުރެވިފައިވާތީ، މާލެއިން ލޭ ހަދިޔާކުރެވޭގޮތްވެސް ހަމަޖެހިފައި. ހުޅުމާލެއިންވެސް ކުރެވޭނެ. ދެން ސްޕެޝަލިސްޓުންނަށް، އެކި ދާއިރާތަކުން މި ކުދިންނަށް ބޭނުންވާ ޚިދުމަތް ދިނުމުގެ ކަންތައްވެސް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް، މި ޢާއިލާ ތެރޭގައި މިވަނީ، ހޮސްޕިޓަލްތަކުގެ ގްރޫޕްތެރޭގައި މިވަނީ ހަމަޖެހިފައި. އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އެހީތެރިކަން ދޭނެ، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމުގައ.
ދެން މިހެންގޮސް ވަރަށްގިނަ ކަންތައްތައް ހަމަޖެހި، އަދިވެސް ރަނގަޅު ކުރެވެމުން މިދަނީ. ނަރުހުން ހޯދުމާއި، އަދި އެހެނިހެން ޑޮކްޓަރުން ހޯދުމާއި، ޖުމްލަކޮށް ހަމަ ފަރުވާގެ ކަންތައްތައް ރަނގަޅުކުރުމުގެ ކަންތައް ވަރަށް ބޮޑަށް އެބަ އިމްޕްރޫވް ކުރެވޭ.
ދެން އަޅުގަނޑު އިހަށްދުވަހު އެތަން ހުޅުވަންދިޔައިރު ދިމާވި ކުދިންގެވެސް، އަދި ޕޭރަންޓުންގެ، ބެލެނިވެރިންގެވެސް ވާހަކައިން ގަބޫލުކުރެވޭ، ރަނގަޅު މަގުންކަން މި ގެންދެވެނީ.
ޕްރެޒެންޓަރ:
ދެން ޞިއްޙީ ދާއިރާގެ ވާހަކަ ދެކެވޭއިރު، ހުޅުމާލެއަކީ ދެން މިހާރު ރާއްޖޭގައި އަޅުގަނޑު ހިތުން އާބާދީ ދެން ހަމަ އެންމެބޮޑު އާބާދީއެއް އޮންނާނެ ތަން އެއީ. ދެން ހުޅުމާލޭގައި މިވަގުތު އާސަންދައިން ހިންގާ، އަދި އެހެންކަމަށްވިޔަސް، ސަރުކާރުގެ ހޮސްޕިޓަލެއް ގޮތުގައި މިހުރީ ހުޅުމާލޭ ހޮސްޕިޓަލް. ހުޅުމާލޭ ހޮސްޕިޓަލްގައިވެސް ވަރަށް މުހިންމު މަސައްކަތެއް ފަށްޓަވައި ދެއްވައިފި ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ހުޅުމާލޭ ހޮސްޕިޓަލަކީ، ޙަޤީޤަތުގައި އެތަނަށް މިވަގުތު ބޭނުންވާވަރަށްވުރެ ކުޑަ ހޮސްޕިޓަލެއް. އެހެންނަމަވެސް، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭން، ކުރިން ނޮވެންބަރުގައި ފަށައި އަދި އިތުރު ޚިދުމަތްތައް އިތުރުކުރަމުން މިހާރު މިދަނީ. މި ނިމިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެން މިވަނީ އެތަނުގެ އިމަރޖެންސީ ޚިދުމަތް ދެގުނައަށް ބޮޑުކޮށްފައި. ކުރީގައި 7 އެނދު، މިހާރު 14 އެނދަށް ބަދަލުވީ. ސްޓޭޓް އޮފް ދަ އާޓް ފެންވަރަށް ކަންތައްތައް ބަދަލުކުރެވި، ރަނގަޅު ކުރެވިފައި އެވަނީ. އަދި އިތުރު ކަންތައްތައްވެސް އެބަ ކުރެވޭ.
މިދިޔަ ނޮވެންބަރުގައި އަޅުގަނޑުމެން ވަރަށްގިނަ ޚިދުމަތްތައް އަލަށް ފެށިން. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަސްތަކުގައި، ޖުލައި މަސް ނިމެންވާއިރަށް، މި މަސައްކަތް ކުރަނީ ޑައިލަސިސް ފުޅާކުރުމަށް. ޑައިލަސިސް ޚިދުމަތް ދެވޭނެގޮތް ފުޅާކުރަން. އަދި އިތުރު ވަރަށްގިނަ ކަންތައްތައް ކުރަން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެންބަރާ ހަމަޔަށްދާންވާއިރަށް، އިތުރު 24 އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. އަދި ޖުމްލަކޮށް މުޅިން ހަމަ ވަކި އިމާރާތެއް، ވަކި ހޮސްޕިޓަލެއް، ހުޅުމާލެ ހޮސްޕިޓަލްގެ ތެރެއަށް އިތުރުވާ ވަކި ބިލްޑިންގއެއް، 250 އެނދުގެ ހޮސްޕިޓަލް އެކްސްޕޭންޝަނެއްވެސް ގެނައުމަށް އަޅުގަނޑުމެން މިހާރު އިނީޝިއަލް، ނޫނީވިއްޔާ ފުރަތަމަ މަރުޙަލާގެ ތެރޭގައި ކުރިއަށް މިދަނީ. އެހެންވީމާ، އެވެސް ވަރަށް މުހިންމު ކަމެއް. އެއީ، ހުޅުމާލެއަކީ، ތިން ފިޔަވަހި އެއްކޮށް ބަލައިލާއިރުގައި، ތިންލައްކައެއްހާ މީހުންގެ އާބާދީއަށް ޕްލޭންކުރެވޭ ތަނެއް. އަދި އޭގެތެރެއިން ލައްކައަކަށްވުރެ ގިނަ މީހުން، ދޮޅުލައްކައަކާ ގާތްކުރާ ޢަދަދަކަށް މީހުން އުޅެން ފަށާފައި، ނޫނީ ފެށުމުގެ މަރުޙަލާގައި އުޅޭ ތަނެއް. އެހެންވީމާ، މި ދެންނެވި މަގުން އަޅުގަނޑުމެން ހުޅުމާލޭގެ ޚިދުމަތުގެ، ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމުގެ ކަންތައް ކުރިއަށް މިގެންދަނީ.
ޕްރެޒެންޓަރ:
އައި.ޖީ.އެމް.އެޗް.ވެސް ދެން މިއީ އަޅުގަނޑު ހިތުން ހަމަ މިހާރު، ދެންމެއަކު އަޅުގަނޑު ދެންނެވިހެން، ހުޅުމާލޭގެ އާބާދީ އަދި ކިތަންމެ ބޮޑުކަމަށްވިޔަސް، އަޅުގަނޑަށް ހީވަނީ ވަރަށްމަދުވާނެކަންނޭނގެ ނިސްބަތުން ރާއްޖޭގެ އެހެން ރަށްރަށުން ހުޅުމާލެ ހޮސްޕިޓަލަށް ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުން. އެކަމަކު އައި.ޖީ.އެމް.އެޗް. އެއާ ތަފާތުވާނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން އައި.ޖީ.އެމް.އެޗް.ގެ ޖާގައިގެ ދަތިކަމުގެ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެއް. އަނެއްކާ މިހާރު ދެން އައި.ޖީ.އެމް.އެޗާ އެކީގައި ދަރުމަވަންތަ ހޮސްޕިޓަލް ހުރި ކަމަށްވިޔަސް، އަދިވެސް އަޅުގަނޑު ހިތުން އެ މައްސަލައިގެ ޙައްލެއް އަދިވެސް ނާދޭކަންނޭނގެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އައި.ޖީ.އެމް.އެޗަކީ އެންމެ ގިނަ ދުވަސްވީ ހޮސްޕިޓަލް. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހުރި. އައި.ޖީ.އެމް.އެޗް.ގެ ޚިދުމަތް ފުޅާކުރަންޖެހޭ، ހަމަ ތިޔަ ވިދާޅުވިގޮތަށް، ރަށްރަށުން ވަރަށް ގިނަ މީހުން އައިސް ޚިދުމަތް ހޯދާ ތަނެއް. އަޅުގަނޑުމެން މިހާރު މި ހުޅުވީ 75 އެނދުގެ ޖާގަ އިތުރުކުރެވިގެން، މި ހުޅުވިގެންދިޔައީ. އެއީ، ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. ހަމަ މުޅި އައި.ޖީ.އެމް.އެޗް.ގެ ޞިއްޙީ ޚިދުމަތް ދިނުން ހަމަ ވަރަށް ބޮޑަށް މަތިވެގެންދާނެ ކަމަކަށްވޭ.
އަދި އޭގެއިތުރަށް، މުވައްޒަފުންވެސް ވަރަށްބޮޑު ތަނުން އެބަ އިތުރުކުރޭ. މިހާރު ފުރުޞަތު ހުޅުވާލައި ގާތްގަނޑަކަށް ނިމިފައި އެވަނީ 218 މަގާމަށް މުވައްޒަފުން ނެގުން. އޭގައި ގިނަ ޢަދަދަކަށް ހިމެނިގެންދަނީ ނަރުހުން. މިއީ ހަމަ ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ، މުވައްޒަފުން އިތުރުކުރެވި، ވަސީލަތް އިތުރުކުރެވި، އިމާރާތުގެ ޖާގައިގެ ގޮތުން އައި.ޖީ.އެމް.އެޗް. ވަރަށްބޮޑު ތަނުން މި ފުޅާކުރެވުނީ.
އެހެންވީމާ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް މި ކިޔާ ދަރުމަވަންތަ، އައި.ޖީ.އެމް.އެޗް.، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލް އަދި ތެލަސީމިއާ ސެންޓަރ، މި ހުރިހާ ތަނެއް ހިމެނޭހެން އިރާދަކުރެއްވިއްޔާ ގުޅިލާމެހިފައިވާ ނެޓްވަރކެއްގެ ތެރެއިން މި ހޮސްޕިޓަލްތައް ހިންގުމުގެ ނިޒާމު މިވަނީ ޤާއިމުކުރެވިފައި. މިއީ ކުރިން މި އެއްތަން އަނެއްތަނާ ވާދަކުރާ ތަންތަން. މިހާރު މިއީ އެއް މެނޭޖްމަންޓެއްގެ ތެރެއިން، އެއް ގަވަރނިންގ ބޮޑީގެ ތެރެއިން، އެއް ސީ.އީ.އޯ. ހުރެގެން، މިއިން ކޮންމެ ތަނެއްގައި ޑެޕިއުޓީ ސީ.އީ.އޯ.އެއް ހުރެގެން، ވަރަށް އޯގަނައިޒްކޮށް ހިންގާ ތަންތަން.
ޕްރެޒެންޓަރ:
އެއްބަޔަކު އަނެއް ބަޔަކަށް އެހީވާ ތަންތަން މިހާރު އެއީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެހީތެރިކަން ދޭނެ. އާދެ، އެއްތަނުން އަނެއްތަނަށް ސްޕެޝަލިސްޓުން ބަދަލުކުރެވޭނެ. ސުޕަރ ސްޕެޝަލިސްޓުން ބަދަލުކުރެވޭނެ. މިހާރު ނައިޓް އޯ.ޕީ.ޑީ.، ރޭގަނޑު އޯ.ޕީ.ޑީ. މިހާރު ފެށިފައި އެވަނީ އައި.ޖީ.އެމް.އެޗް.ގައި. އޭގެ ސަބަބުން ވަރަށް ބޮޑަށް ކިޔު ކުޑަވެގެންދާނެ. އެންމެ ގިނައިން ބަލިތަކަށް ފަރުވާ ހޯދަން ކިޔުގައި ޖެހިފައި ތިބި މީހުންގެ ކިޔު ކުޑަކޮށްލުން އިރާދަކުރެއްވިއްޔާ މީގެތެރެއިން ހާސިލުވާނެ. އިމްޕޭޝަންޓުންނަށް ފަސޭހައިން ބޭސް ލިބޭނެގޮތް މިހާރު އެވަނީ ފެށިފައި. މިވެސް ވަރަށް ބޮޑަށް ރައްޔިތުން، ޕޭޝަންޓުން އެދެމުންދާ އަދި ހޮސްޕިޓަލުންވެސް އެދެމުންދާ ކަމެއް.
އެހެންވީމާ، މިހެންގޮސް ވަރަށް ބޮޑެތި ކުރިއެރުންތައް އެބަ ގެނެވޭ. އިރާދަކުރެއްވިއްޔާ މީގެ ފައިދާ ކުރާނެ. ދެން ހަމައެކަނި މާލެ ސަރަޙައްދެއް ނޫން. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ހޮސްޕިޓަލްތައް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ. އަޅުގަނޑު ވަޢުދުވީ ގޮތަށް، ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުން ދޮގެއްތޯ؟ ކުޅުދުއްފުށި، ތިނަދޫ، އައްޑޫސިޓީ މިހެންހުރި ތަންތާނގައި. އަދި އުނގޫފާރު. މިހެންގޮސް އަޅުގަނޑުމެން ޓަރޝަރީ ހޮސްޕިޓަލްތައް ހަމަ ވަޢުދުވީ ތަންތަންވެސް ހަމަ ފަށައިގަނެފައި އެވަނީ.
އެހެންވީމާ، ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުން އެއީ، އަޅުގަނޑު ވަރަށް އިސްކަމެއްދޭ ކަމެއް. މިހާރު 200 އަށްވުރެ ގިނަ މުވައްޒަފުން، މުޅި ޞިއްޙީ ދާއިރާއަށް އިތުރުކުރުން، މުޅި ރާއްޖެއަށް އިތުރުކުރުންވެސް އެވަނީ ހުޅުވާލެވިފައި. އޭގެތެރެއިންވެސް ވަރަށްގިނަ މުވައްޒަފުން ނެގިގެން އެބަދޭ. އަދި އިމާރާތާއި، ވަސީލަތުގެ ގޮތުން މަޝްރޫޢުތައް ހިންގުންވެސް ހުޅުވާލެވި އަދި ވަރަށްގިނަ މަޝްރޫޢުތަކުގައި ސޮއިކުރެވިއްޖެ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ޞިއްޙީ ދާއިރާ، މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި ވަރަށްބޮޑު ތަނުން ރަނގަޅުވެގެންދާނެ.
ޕްރެޒެންޓަރ:
ޞިއްޙީ ދާއިރާގައި އަޅުގަނޑުމެންނަށް މިހާރު ދެންމެއަކު ވާހަކަ ދައްކައިލެވުނީ ދެން ބަލިބަލި ޖެހުނީމާ، އެ ބަލިބައްޔަށް ފަރުވާދިނުމުގެ ވާހަކަތައް. ހޮސްޕިޓަލްގެ ވާހަކައެއް ބުނަންޏާ ދޮގެއްތޯ؟ އެކަމަކު ޞިއްޙީ ދާއިރާގައި އަޅުގަނޑު ހިތުން މަނިކުފާނު އެޅުއްވި އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ، ޞިއްޙީ ދާއިރާގައި، ޖެހިދާނެ ބަލިތަކަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅިގޮތުން ދުންފަތުގެ މައްސަލައަށް ތި އަޅުއްވާ ފިޔަވަޅު.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ދެން މިދިޔަ ހަފްތާގައި އަޅުގަނޑުމެންގެ ޕޮޑްކާސްޓް ނުބޭއްވުނީވެސް އެ ދުވަހު މަނިކުފާނު އެ ބިލު ތަޞްދީޤު ކުރެއްވުމުގެ މަސައްކަތް ދިޔައިމަ. އެހެންވީމާ، އެ ވާހަކަ ދައްކާނުލެވިފައި. ދެން އެކަމަކު އަޅުގަނޑު ހިތަށްއެރީ، ކުޑަކޮށް އެ ވާހަކަ ދައްކާލަން. މިހާރު އެ ބޭން ބިލު މިހާރު ދެން ތަޞްދީޤު ކުރެވި، އެއަށް ޢަމަލުކުރަން ފެށުނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތަޞްދީޤު ކުރެވިފައި އެވަނީ. ޤާނޫނަކަށް ވެފައި. ދެން އެ ޤާނޫނުގެ ދަށުން ޢަމަލުކުރުން، ނޫނީވިއްޔާ އެ ޤާނޫނުގައިވާ ގޮތަށް ކަންތައްތައް ފެށިގެންދާނީ، ނޮވެންބަރު 1 ގައި. ދެން އެހެންނަމަވެސް، ޖެނެރޭޝަނަލް ބޭންއޭ މި ކިޔާ 2007 ޖަނަވަރީ 1 ން ފެށިގެން އުފަންވީ އަދި އުފަންވާނެ އެންމެންނަށް މިހާރު މިވަނީ ޤާނޫނުގެ ދަށުން މިކަން މަނާކުރުން ކަނޑައެޅިފައި. ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރެވިފައި. އަދި ގަތުންވެސް، ވިއްކުންވެސް އޭގެތެރޭގައި ހިމެނޭހެން. އަދި އޭގެއިތުރަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ރާއްޖެއަށް އެ ތަކެތި އުފައްދަން ބޭނުންކުރާ ތަކެތި ގެނައުންވެސް މަނާކުރެވި، ވޭޕްގެ ބާވަތްތައް ގެންގުޅުން މަނާކުރެވިފައި. ކުރީގައި އެހާ ސާފުކޮށް އެކަންވެސް ބަޔާންކުރެވިފައެއް ނެތް. ވޭޕްކުރުން މަނާކުރެވިފައި އޮތީ. އެކަމަކު ގެންގުޅުންވެސް މިހާރު މަނާވާނެ. އެ އިމްޕްލިމެންޓް ކުރަން ބަލާއިރުގައި ހުރި ދަތިތައް ޙައްލުކުރެވިފައި އަދި ދުންފަތްވިޔަސް، ވޭޕްވިޔަސް، މި ތަކެތި ޤާނޫނާ ޚިލާފަށް ބޭނުންކުރީމަ، ދެން އެ އަތުލުން، ނައްތައިލުން، ނޫނީވިއްޔާ މި އިޖުރާތްތައްވެސް ސާފުކޮށް ނެތީމަ، އެ ބައިތައްވެސް ބަޔާންކުރެވިފައި.
ޕްރެޒެންޓަރ:
ކުރިން ކޮންމެވެސްވަރަކަށް އަޅުގަނޑު ދުށް ހަނދާންވޭ ނޫހަކުން. ފަހަރެއްގައި އެ ޙައްލު އޮތީ ކަމަށްވެސް ވެދާނެ. އަޅުގަނޑަށް ދެން އެ ބިލުގެ ތަފްޞީލު ނޭނގޭތީ. އެއީ، ކުރީގައި ވެއްޖިއްޔާ ވޭޕްކުރާ މީހާ ޖޫރިމަނާކުރާ ކަމުގެ މެސެޖެއް، އޭނަގެ ފޯނަށޭ ދާނީ. އެ ނުދެއްކިޔަކަސް ދެން މައްސަލައެއް ނެތޭ. ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން އެ އިމްޕްލިމެންޓޭޝަން، އެ ތަންފީޒު ކުރުން މިހާރު ވަރުގަދަވާނެ އިނގޭތޯ މީގެތެރެއިން. މިހާރު މި ޤާނޫނަކަށް މި ވެގެންދިޔައީ. މި ޤާނޫނުން ވަރަށް ބޮޑަށް މި އިޖުރާއީ ކަންކަން ޙައްލުވާނެ. ދެން މީގައި ޤާނޫނުތަކެއް އެކަންޏެއް ނޫން ބޭނުންވަނީ. ހަމަ އެންމެންގެ އެއްބާރުލުން ދޮގެއްތޯ؟ މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ކަންކަން. ދެން ބައެއް މީހުން ހަމަ ބުނޭ، ކީއްކުރަންހޭ އެހެން ވެއްޖިއްޔާ ޓެކްސް ނަގަނީ، އާމްދަނީ ހޯދަނީ؟ ކޮންމެގޮތެއްވިޔަސް އެއްކޮށް އަދި ދުންފަތުގެ ބާވަތްތައް އެތެރެކުރުން މަނާނުކުރެވޭނެ. އެއީ، އަޅުގަނޑުމެންގެ ކަށީގައި ހިފާފައި އޮތް، ވަރަށްގިނަ މީހުން ބޭނުންކުރާ އެއްޗެއް. އެހެންވީމާ، މި ބައިބަޔަށް، ނޫނީވިއްޔާ މަރުޙަލާތަކެއް މީގައި ގެންދަންޖެހޭނީ.
ދެން އެހެންވީމާ، ރާއްޖެއަށް އެތެރެކުރުން ހުއްދަ ކަމަށްވަންޏާ، އަގުބޮޑުކޮށްފައި އެއޮތީ މިހާރު. އަދިވެސް އެތެރެކުރަންޏާ، އެތެރެކުރާ އެއްޗަކުން އާމްދަނީއެއް، ނޫނީވިއްޔާ ޓެކްސްއެއް ދައްކަންޖެހޭނެ. އެ ދައްކާ ފައިސާ، އަޅުގަނޑުމެންގެ ސިޔާސަތަކަށް ކަނޑައަޅާފައި މިއޮތީ ޞިއްޙީ ދާއިރާ ވަރުގަދަކުރަން ބޭނުންކުރަން.
ޕްރެޒެންޓަރ:
ދެން އެ ދާއިރާއިން އާމްދަނީ ހޯއްދެވުން އެއީ، މަޤްޞަދެއް ކަމަށްވަންޏާ، ބޭންއެއް ނޫންތާ ކުރާނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނުކުރާނަން. އަޅުގަނޑު މިހާރު މިއޮތީ ޢާންމުކޮށް އިޢުލާނުކޮށްފައި. ތަކުރާރުކޮށްވެސް މި ދަންނަވަނީ، މި ވިޔަފާރި ދޫކޮށްލައްވާށޭ އެންމެންވެސް އިނގޭތޯ. ދެން އެ ލިބޭ އެއްޗެއްވިއްޔާ، އަޅުގަނޑުމެން ހޭދަކުރާނީ، ޕްރިވެންޓިވް ހެލްތް ކެއަރއަށް އަދި ހަމަ ކިއޮރެޓިވް ހެލްތް ކެއަރއަށް ވާނެ. ޞިއްޙީ ދާއިރާ، ބަލިތަކުން ދުރުވުމަށް ހޭލުންތެރިކުރުވައި، މިކަހަލަ ކަންކަން ކުރުމަށާއި އަދި ބަލިޖެހުނީމަ ފަރުވާދިނުމުގެ ނިޒާމު ވަރުގަދަކުރުމަށް. މިކަންކަމަށޭ އަޅުގަނޑުމެން ފައިސާ ބޭނުންކުރާނީ.
ޕްރެޒެންޓަރ:
މިކަމުގައި މަނިކުފާނުގެ އެ އެޅުއްވި ފިޔަވަޅުތަކަށް ދޮގެއްތޯ، އެވޯޑުވެސް ލިބިވަޑައިގެންފައި ވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޑަބްލިޔޫ.އެޗް.އޯ.އިން އެކަން ބަލައިވެސްގަނެފި. އެ ދެން އަޅުގަނޑު ދެކެނީ، ދިވެހިރާއްޖެއަށް ލިބުނު ރީތި ނަމެއްގެ ގޮތުގައި.
ޕްރެޒެންޓަރ:
އަޅުގަނޑުމެން ދެން ކޮންމެވެސްވަރަކަށް މައުޟޫޢު ބަދަލުކޮށްލަން ކަމަށް. ދެން މިހާރު ޙައްޖުމަސްވެސް ފެށުނީ ނޫންތޯ؟ ޙައްޖުމަސް ފެށުނީމަ ޙައްޖާ ގުޅޭ ވާހަކަ ހުންނާނީ. އަޅުގަނޑު ހިތުން ރާއްޖޭގައި، ރާއްޖޭގެ ތާރީޚަކުވެސް އަޅުގަނޑު ހިތުން ހަމަ މި ދޮގަކަށް ނުވާނެކަންނޭނގެ. ޙައްޖުވެރިންނަށް މިފަހަރުހާ ލުއިފަސޭހަކޮށް، ތަފާތުކޮށް ޙައްޖުގެ ކަންތައްތައް ދިޔަ އަހަރެއް ނެތްކަންނޭނގެ ދޮގެއްތޯ؟
މީގައި އަޅުގަނޑަށް ހީވަނީ މަނިކުފާނު ކޮންމެވެސްވަރަކަށް މިއަށް އަލިއަޅުއްވާލައްވަން ރަނގަޅު ދާއިރާއެއްކަންނޭނގެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިއީ ހަމަ ރަނގަޅު ވާހަކަފުޅެއް އިނގޭތޯ. ފުރަތަމަވެސް ހަމަ ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް އަޅުގަނޑު ވަރަށް ބޮޑަށް ހަމަ ޝުކުރު ދަންނަވަން. ރާއްޖެއާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމަށްޓަކައި. އެންމެ މުހިންމު ކަމަކަށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިކުރެއްވީ. މުޅި ދުނިޔެއިންވެސް 8 ވަނައަށް ބައިވެރިކުރި ޤައުމަކީ ރާއްޖެ.
ޕްރެޒެންޓަރ:
އަނެއްކާ އަނެއް މިންގަނޑަށް ނުފެތޭ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެ ވާހަކައޭ އިނގޭތޯ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި އަދި އަޅުގަނޑު ބަލައިލި ބެލުމުގައިވެސް، ވިއްސަކަށްހާސް މީހުން ޙައްޖަށް ގެންދާ ޤައުމުތަކުން އެކަނި، އެއީ، އެއް ކޮންޑިޝަން ކަމަށް ނުރަސްމީކޮށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ. ރޫޓުގައި ބައިވެރިކުރުންވެސް. އަޅުގަނޑުމެންގެ އެއްހާސް މީހުން މިދަނީވެސް. އަޅުގަނޑުމެންނާ ދޭތެރޭގައި އެގްރީމަންޓެއްވެސް ނެތް އިނގޭތޯ. މިއީ ވަރަށްގިނަ ޕްރޮސީޖަރތަކުން، މަރުޙަލާތަކުން ގޮސްފައި ސޮއިކުރެވި، ވަކި ކަންތައްތަކެއް ހަމަޖެހިގެން، އެ ހަތް ޤައުމަށްވެސް ދީފައި މިއޮތީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ހަމަ ރަސްގެފާނާއި ވަލީޢަހުދު ހަމަ ކަނޑައަޅުއްވާފައި އެންގެވީ، މިކަން ކުރަން. އެހެންވީމާ، ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރި، ވަރަށްގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ހަމަ ސަޢޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
ދެން މިކަން މިހާރު މިވަނީ ފެށިފައި. ދެން ސީދާ ރާއްޖެއިން ހުރިހާ ކަމެއް ހަމަޖެހިގެން، އެ ބޭފުޅުންގެ ޓީމު ރާއްޖެއައިސް ތިބެގެން، ކަންކަން ހަމަޖެހިގެން އެދިޔައީ. ދެން ގޮސް ހަމަ މައްކާއިން ސީދާ ހޮޓަލަށް. އެއްވެސްވަރަކަށް އިތުރަށް ޖިއްދާގައި މަޑުކުރުމެއްނެތި، ވަރަށް ފަސޭހަކަމާ އެކީގައި.
އޭގެއިތުރަށް، ސަރުކާރުގެ ފަރާތުންވެސް ހަމަ ސަޢޫދީ ސަރުކާރުގެ ވަރަށް ވަރަށް އިސްކަމެއްދީގެން، ވަރަށްގިނަ ކަންތައްތަކެއް ދެ ސަރުކާރު ގުޅިގެން ކުރެވިއްޖެ. މިސާލަކަށް، މިނާގައި ތިބޭ ތިބުން. މިއީ ދެން ޙައްޖުގެ އަޅުކަމުގެ ތެރޭގައި ވަރަށް މުހިންމު ވަގުތުތަކެއް. ދުވަސްތަކެއް. އެންމެފަހާ ޖެހެންދެންވެސް އަޅުގަނޑުމެން ތިބެމުން މި އަންނަނީ ވަރަށް އާދައިގެ ޓެންޓްތަކެއްގައި. ކެޓަގަރައިޒް ކުރެވިފައި ހުންނައިރުގައި، ދިވެހިން ތިބެންޖެހެނީ ތަންކޮޅެއް އާދައިގެ ގޮތެއްގައި. އެހެންނަމަވެސް، މިކަމަށްވެސް ނިމުމެއް ގެނެސްދެއްވައި، އަޅުގަނޑުމެންނަށް މިވަނީ ވަރަށް ފެންވަރު ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވާފައި.
މިނާގެ ވަގުތަކީ، މިނާގައި އެ ހޭދަކުރާ ދުވަސްތަކަކީ ހަމަ ވަރަށް މުހިންމު ދުވަސްތަކެއް. ޢަރަފާތަށް ދިޔުމުގެ ކުރިން މިނާއަށް އެބަދޭ. ގޮސް ޢަރަފާތަށް ދަނީ މިނާގައި ތިބެފައި. ދެން ޖަމްރާއަށް ހިލައުކުމާއި، މި ހޭދަކުރާ ދުވަސްތައް ހޭދަކުރުމުގައި މިނާގައި މި ތިބޭ ތިބުން އެއީ، ޙަޤީޤަތުގައި ވަރަށްގިނަ މީހުން މާލެ އަންނައިރުގައި ބަލިވެފައި ތިބުމާއި ނުތިބުމުގައިވެސް ވަރަށް ބޮޑަށް ހަމަ އެ ދުވަސްކޮޅު އެބަދޭ. ދެން ފާޚާނާތަކާ ތަންތަން ހުންނަގޮތާ. އެހެންނަމަވެސް، މި ހުރިހާ ކަމެއްވެސް މިފަހަރު ވަރަށް ރަނގަޅަށް ހަމަޖެހިފައި މިއޮތީ. ދެން ވަރަށް ފެންވަރު ރަނގަޅު.
ދެން މީގެއިތުރަށް، މިފަހަރު ތަފާތަކީ މައްކާގައި ހަމަ ޙައްޖުގެ ހުރިހާ އަޅުކަމެއް ނިންމާފައި، ވަދާޢީ ޠަވާފްވެސް ކޮށްފައި، ދެން މިދަނީ މަދީނާއަށް. ކުރީގައިވިއްޔާ މައްކާއަށް ގޮސްފައި، މަދީނާއަށް ގޮސްފައި، އަނެއްކާ އެނބުރި އައިސްފައި، ދެން މިކަހަލަ ގޮތަކަށް ދެކޮޅަށް ދަތުރުކުރަނީ. ކޮންމެފަހަރަކު ބަހުގައި 10 ގަޑިއިރު، 12 ގަޑިއިރު. އެންމެ ކުޑަވެގެންވެސް 8 ގަޑިއިރު. ބަސްތަކުގެ ޙާލަތު އެހާދަށް. އެހެންނަމަވެސް، މިކަމުގައިވެސް އަޅުގަނޑުމެން މިފަހަރު ހަމަޖައްސާފައި މިއޮތީ މައްކާއިން މަދީނާއަށް ދާނީ ސީދާ ހަމަ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައޭ. އެއީ، ދެތިން ގަޑިއިރު، ދެ ގަޑިއިރެއްހާއިރުގެ ދަތުރެއް. ބަލިތައް ޖެހުމާއި، ވަރުބަލިވެ، ހަމަ މީހާ ބަލިވާ ބަލިވުން، އޭގެ ސަބަބުން ވަރަށް ބޮޑަށް އިރާދަކުރެއްވިއްޔާ ހަމަ ސަލާމަތްކުރެވޭނެ. އެކަމުން ސަލާމަތްކުރެވޭނެ. ހަމަ ވަގުތުވެސް ސަލާމަތްކުރެވޭނެ. ދެން މަދީނާއިން ރާއްޖެއަށް އަންނާނީ. އަނބުރާ މައްކާއަކަށް ނުދާނެ.
އެހެންވީމާ، އޭގެ ސަބަބުން ހަތަރު ފަސް ދުވަހެއް ކުރުވޭ އެބަ. ދެން ޙަޤީޤަތުގައި އެ ކުރުވުމަކީ އަޅުކަމަށް އެއްވެސް އަސަރެއްކުރާ ކަމެއްނޫން. ހިތްހަމަޖެހުން ލިބި، ޞިއްޙަތު ސަލާމަތުން ބެހެއްޓި، ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެން ގޮސްފައި، ޙައްޖު އެންމެ ފުރިހަމައަށް ރަނގަޅަށް އަދާކުރުމަށް ލިބޭ ފުރުޞަތެއް ގޮތުގައި އަޅުގަނޑު ދެކެނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަމުގައި، މިއީ ހަމަ ފުރަތަމަފަހަރަށް މިގޮތަށް ކަންތައްތައް ހަމަޖެހިގެން މިދިޔަ ދިޔުމަކީ، އަޅުގަނޑު ހަމަ ތަކުރާރުކޮށްލަން. ސަޢޫދީ ރަސްގެފާނާއި ވަލީޢަހުދާއި ސަރުކާރުގެ ވަރަށްބޮޑު އެހީތެރިކަމެއް. ވަރަށް އުފާކުރަން. އަދި ދިވެހި ޙައްޖާޖީންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން މިކަމުގައި. ދިވެހި ސަރުކާރާއި ސަޢޫދީ ސަރުކާރާ ދޭތެރޭގައި މި ކުރެވުނު މަސައްކަތް، ގާތްކަމުގެ ތެރެއިން މިކަންކަން މިހެންދިޔުމަކީ ދިވެހި ޙައްޖާޖީން ބޭނުންވާނެގޮތް. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އިތުރު ކަންކަންވެސް ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ އަދި ކުރިއަށް އޮތް ތަނަށްވެސް އޮތީ ޕްލޭންކޮށްފައި. މަޝްވަރާތައްވެސް އެބަ ހިނގާ. އެހެންވީމާ، ކުރިއަށް އޮތް އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ. އަޅުގަނޑުމެން ވަރަށް އުންމީދުގައި މިތިބީ.
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑުވެސް ހަމަ ތި ވާހަކައަށް އަދި އިތުރުކޮށްލާހިތްވީ، ޙައްޖަށް، ޢުމްރާއަށް ދެން ހަމަ ދަތުރުކުރައްވާ ދިވެހި ހުރިހާ ބޭފުޅުންވެސް ހަމަ އެއްބަސްވެވަޑައިގަންނަވާނެ ކަމެއް އެއީ، ޢާންމުގޮތެއްގައި އަޅުގަނޑުމެން ޖިއްދާ އެއަރޕޯޓަށް ފައިބާއިރު، އަބަދުވެސް އެންމެ ކަންބޮޑުވާނެ އެއް މައްސަލައަކީ، ކިހާއިރަކު މިތާ މަޑުކޮށްގެން ތިބެންޖެހޭނެހެއްޔޭ. އެ ކިޔޫގައި ގަޑި، ދެ ގަޑި، ތިން ގަޑިއިރުވެފައި ގޮސް، ހަ ގަޑިއިރުވެސް ވެފައި ގޮސް އެހިސާބަށް ދިޔައިމަ، ހަމަ ކައުންޓަރު ބަންދުކޮށްލާފައި، އެ މީހުން ހިނގައިވެސްދާނެ ހަމަ އަނގައިންވެސް ނުބުނެ. އެކަމަކު މިފަހަރު އެއާޚިލާފަށް، ވަރަށް އާދަޔާ ޚިލާފު މަރުޙަބާއެއްވެސް ދިވެހި ޙައްޖާޖީންނަށް ކިޔައިފި ދޮގެއްތޯ؟ އަޅުގަނޑު ހިތުން މިއީ ދެން ހަމަ، ޙައްޖަށް ވަޑައިގެންނެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ މީގައި އެއްޗެކޭ ވިދާޅުވާން. އަޅުގަނޑު ހިތަށްއެރީ، ހަމަ މިއީ ޝޮކެއްޖެހޭ ކަހަލަ ކަމެކޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަދި އޭގެއިތުރަށް، ބޭންކުން ޑޮލަރު ދޮގެއްތޯ؟ ބޭންކް ރޭޓުގައި 1750 ޑޮލަރު، ޢާންމުކޮށް ނެގޭ ޢަދަދާ އެކީގައި، 2000 ޑޮލަރު ދޮގެއްތޯ؟ ނެގޭގޮތަށްވެސް އަޅުގަނޑުމެން ހަމަޖައްސައިދީފައި މިވަނީ މިހާރު. އެހެންވީމާ، ވަރަށް ބޮޑަށް ހަމަ ލުއިތަކެއް ލިބިގެންދާނެ ކަމެއް.
ޕްރެޒެންޓަރ:
ދެން ހަމަ މި ޙައްޖުގެ ވާހަކައިގެ ތެރެއިން އިނގޭތޯ. ހަމަ މަނިކުފާނު މިފަހަރު ޙައްޖަށް ވަޑައިގަންނަވަން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
މަބްރޫރް ޙައްޖަކަށް އެދެން އިނގޭތޯ. އެ ވާހަކަ މި ދަންނަވާލީ، ސަރުކާރަށް މި ދެއްވާ، ސަޢޫދީ ސަރުކާރުން ދެއްވާ އެއްހާސް ކޯޓާ. އެ ކޯޓާގެ ބޭނުންކުރައްވައިގެން، މަނިކުފާނު ޙައްޖަށް ވަޑައިގަންނަވާ ވާހަކައެއް އިވޭތީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިއީ ދެން ދެރަކަމެއް ދޮގެއްތޯ؟ މިކަހަލަ ވާހަކަތައް، ދެން ޢާންމުކޮށްވެސް މީހުން ދޮގުހަދައިގެން ވާހަކަ ދައްކައި އުޅޭ އުޅުން، ދެރަކަމެއް ހަމަ އިނގޭތޯ. އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑަށް އަދި މީގެކުރިން، ވެރިކަން ކުރެއްވި ބޭފުޅުންނަށްވެސް އެ ދޭ ޚާއްޞަ ފުރުޞަތުތަކަކީ، ކޯޓާތެރެއިން ދާ ކަމެއްނޫން. އެއްހާސް ކޯޓާއަކީ ކޯޓާ. އެއިން ބޭރުން ޚާއްޞަ ފުރުޞަތެއް، ނޫނީވިއްޔާ ދަޢުވަތެއް މި ލިބެނީ. އެއީ ހަމަ މުޅިން އެއިން ބޭރުން ވަކިން ހަމަޖައްސައިދޭ ކަމެއް. ދެން އަނެއްކާ އޭގެއިތުރަށް، ހަމަ ދަންނަވާލަން. އަޅުގަނޑަށް ވަރަށް ޚާއްޞަ ގޮތަކަށް މިކަންކަން ހަމަޖައްސައިދެވިފައި މިއޮތީ. ވަކިން ފްލައިޓެއްވެސް އެރޭންޖްކޮށް ހަމަޖައްސައިދީފައި އިނގޭތޯ. ދެން އެއީވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއްނޫން. ސަރުކާރުން ޗާޓަރއެއްވެސް ނުކުރަން. ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި.
އެހެންވީމާ، އަޅުގަނޑުގެ ޙައްޖުގެ މި އެއްވެސް ކަމަކީ ކޯޓާގެ ތެރެއިންވެސް ހިނގާ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން ކަމެއްވެސް ހިނގާ ކަމެއް ނޫން. ހަމަ ސަޢޫދީ މެހްމާންދާރީގެ ތެރެއިން ސަޢޫދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި ހުރި ކަންތައްތައް އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް.
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑުވެސް ހިތަށްއެރި، ދެން ސަޢޫދީ ޢަރަބިއްޔާއަކީ، ދެން ސަޢޫދީ ރަސްގެފާނުގެ ފަރާތްޕުޅުން ޤައުމެއްގެ ވެރިޔަކަށް ދަޢުވަތެއް އަރުވާފައި، ދެން އެކަމާ ގުޅޭ ޚަރަދުތައް އެ ބޭފުޅުން ކުރައްވަންޖެހޭ ގޮތަކަށް ނޫންކަންނޭނގެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ވަރަށް ރަނގަޅު. ހަމަ ކުރީގައި އަޅުގަނޑު ޢުމްރާއަށް ދިޔައިރުގައިވެސް ހަމަ އެހެން އިނގޭތޯ. ޚާއްޞަ ފްލައިޓެއް ހަމަޖައްސައިދީ، އެ ބޭފުޅުން ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައި، އެއްވެސް ކަމެއް ސަރުކާރުން ކުރާކަށް ނުޖެހޭ. ހަމަ ވަރަށް ގާތްކޮށްހިތަނީ އަޅުގަނޑާ ދޭތެރޭގައި. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ދޭތެރޭގައިވެސް.
ޕްރެޒެންޓަރ:
ރައީސް، ފިޠުރުޢީދާއި އަޟްޙާ ޢީދު ރާއްޖޭގައި ތަފާތުގޮތަކަށް ފާހަގަކުރެވެން ފެށީ، އަޅުގަނޑު ހަނދާންވަނީ، މަނިކުފާނު މޭޔަރަކަށް ހުންނެވިއިރު މާލޭގައި. މާލޭގައި ދެން ފެށްޓެވި ކަންތައް މިހާރު ދެން އެ ފުޅާވެސް މިވަނީ. ކިހިނެއްތޯ މިފަހަރުގެ ޢީދުދާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު ގަބޫލުކުރަނީ، ހަމަ ޔަޤީނުންވެސް އެކަން އޮންނަންޖެހޭނެ ގޮތަކީވެސް އެއީ ކަމަށް. މުސްލިމުންގެ ތެރޭގައި އޮންނާނީ ދެ ޢީދު. އެހެންވީމާ، ދެ ޢީދަށްވުރެ އުފާފާޅުކުރުން ބޮޑުވެގެންދާންޖެހޭ ކަމެއް އައިސްގެން ނުވާނެ އަހަރުތެރޭގައި. އެހެންވީމާ، މޭޔަރަކަށް ހުރިއިރުގައި، ދެން މާލޭގައި ބޮކިފަތި ދިއްލައި، ކަންތައްތަކެއް އަޅުގަނޑު ފެށީ. ދެން އެކަން اَلْحَمْدُ للَّهِ، މުޅި ރާއްޖެއަށް މިހާރު ފުޅާވެއްޖެ. މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުން އެވަނީ ހަމަ ބޮކިފަތި ފެންނަގޮތް ވެފައި. ދެން ތަކުބީރުގެ އަޑުވެސް ހުރޭ. ދެން ހަމަ ވަރަށް ދީނީ ޖޯޝް އާލާވޭ. ވަރަށް ރޫޙު އާލާވާ ކަމެއް. މިފަހަރުވެސް އިރާދަކުރެއްވިއްޔާ، އަޟްޙާ ޢީދުގައި މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި މިކަން ކުރިއަށްދާނެ. ދެން އުންމީދު ކުރަން. ކައުންސިލްތަކާ މިހާރު އެވަނީ ހަވާލުކުރެވިފައި. ކައުންސިލްތަކުން ހަމަ ބޮކިފަތިތައް ދިއްލައި، އުފާފާޅުކުރުމުގެ ތެރެއިން އެކަންކަން ގެންދާނެ ކަމަށް ޔަޤީންކުރަން.
އަދި އޭގެއިތުރަށް، ސަރުކާރުން ޚާއްޞަ ގޮތެއްގައި ތިން ރަށެއްގައި އަޟްޙާ ޢީދު ފާހަގަކުރުން މިފަހަރު އެބައޮތް. އެހެންވީމާ، އެ ތިންރަށް އެއީ، ދެން ވަކިން ޚާއްޞަކުރީ، އެހެން ރަށްރަށް ތަފާތުކުރާކަށްވެސް ނޫން. ދެން އެކަމަކު އެކަންވެސް އެހެން. އަނެއްކާ ހުޅުމާލޭގައްޔާއި މާލޭގައިވެސް، ޚާއްޞަކޮށް، ހުޅުމާލޭގައި ޚާއްޞަ ޙަރަކާތްތަކެއް ގެންދާގޮތަށް ހަމަޖެހިފައި އެވަނީ. އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅުވާނެ.
ޕްރެޒެންޓަރ:
ޙައްޖުގެ އުފާފާޅުކުރުމުގެ ވާހަކަ ދެންމެއަކު ހަމަ ވިދާޅުވީމަ، އަޅުގަނޑު ހިތަށްއެރީ، އުފާފާޅުކުރުމުގެ ޙަރަކާތްތަކާއި، ޝޯތަކާ އެއްޗެހި ބޭއްވޭއިރު، ބައެއްފަހަރު އަޅުގަނޑުމެންނަށް މި އިސްލާމީ މިންގަނޑުތަކާ ކުޑަކޮށް ފުށުއަރާކަހަލަ ކަންތައް އެބަ ފެނޭ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ، އާދެ، އަޅުގަނޑުމެން ދުރުވާންޖެހޭ ކަމެއް ދޮގެއްތޯ؟ އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންގެ ދީނުގައި ހަމަ ވަރަށް ބޮޑަށް އޮތް ކަމެއް އުފާފާޅުކުރުމަކީ. އެހެންވީމަތާ، ދެ ޢީދު އޮތީވެސް ދޮގެއްތޯ؟ އެހެންވީމާ، ހަމަ ޢާއިލާތަކާއި ރަޙްމަތްތެރިންނާ އެކީގައި، އުފަލާއެކީގައި ދެ ޢީދު ހޭދަކުރަންވީ އިނގޭތޯ. އެކަމަކު އިސްލާމްދީނުގައި މަނާކަމެއް ނުކޮށް. އޭރުން ރަނގަޅުވާނެ.
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑު ހިތުން ނުކުރެވޭނެ ކަމެއްވެސް ނޫންތާ އެއީކީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ދެން ޚާއްޞަކޮށް، ޙައްޖު ޢީދުގެ މުނާސަބަތާ ގުޅިގެން، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު އުންމީދުކުރާ ކަމެއް މިއީ، ޢީދު ޗުއްޓީތެރޭގައި ދެން މި ދަތުރުފަތުރުކުރުމާ ކަންތައްތައް ކޮށްލަން. ދެން ގިނަފަހަރަށް އެހެން މި ދިމާވަނީވެސް ޙައްޖު ޢީދަކީ ތަންކޮޅެއް ދިގުކޮށް ލިބޭ ޗުއްޓީއެއް. މިފަހަރު އެބައާދޭ، ޙައްޖު ޢީދުތެރޭގައި ތިން ދުވަހެއް. މެދުތެރެއަށް ވަންނަ ތިން ދުވަހެއް އެބައާދޭ. ކިހިނެއްތޯ، ބަންދުކޮށްލައްވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނޫނޭ، ތިންދުވަސްވީމަ ބަންދެއްނުކުރަން އިނގޭތޯ. ދެން ވަރަށްގިނަ މީހުން އުންމީދުކުރާކަން އަޅުގަނޑަށްވެސް އެނގޭ. އެހެންނަމަވެސް، ތިންދުވަސް ބަންދުކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ހަމަ ގަބޫލެއްނުކުރެވޭ އިނގޭތޯ. އޭރުން ހަފްތާގެ މެދުތެރެއިން އެދަނީ. ދެން ޢާންމުކޮށް، ދެ ދުވަސް، ނޫނީވިއްޔާ އެއްދުވަސް އަތުވެއްޖިއްޔާ ދޮގެއްތޯ ބަންދުކުރަނީ؟ ބައެއްފަހަރު ދެ ދުވަސް ބަންދުކޮށްފައި ހުންނާނެ. އެހެންނަމަވެސް، ތިންދުވަސްވީމަ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އެއީ ޒިންމާދާރު ގޮތެއް ނޫނޭ ބަންދުކޮށްލަން.
ޕްރެޒެންޓަރ:
އެހެންވީމާ، ދެން ޗުއްޓީގައި އެ ލިބޭ ދުވަސްކޮޅު، ދެން އެންމެ ރަނގަޅަށް ބޭނުންކޮށްލީމާ ރަނގަޅުވާނެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެހެން.
ޕްރެޒެންޓަރ:
އަޅުގަނޑަށް ދެން ޙައްޖުގެ ފަހުންކަންނޭނގެ މަނިކުފާނާ ދިމާވާނީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
އެހެންވެއްޖިއްޔާ ދެން އަޅުގަނޑުމެންގެ ފަރާތުން ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު، މަބްރޫރް ޙައްޖަކަށް އެދެމުން، ވަރަށް ވަރަށް އުފާވެރި ދަތުރުފުޅަކަށްވެސް އެދެން އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ޢީދު މުބާރަކް!
ޕްރެޒެންޓަރ:
އާދެ، ޢީދު މުބާރަކް!