ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މި ކަން ހާމަކުރައްވައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓުގައި ވަނީ މިއަދު މި ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެކަމުގައި ވިދާޅުވެފައެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރެވިފައިވާ ފަރާތްތަކުގެ ހައްޤުތަކަށް ވަކާލާތުކުރައްވާ ބައެއް ބޭފުޅުން ލިޔުމުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މި މަހުގެ 8 ވަނަ ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމާގުޅުންހުރި އިދާރާތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ހުށަހެޅުންތަކުގައި ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ. އެ ގޮތުން އެ ފަރާތްތަކަށް 1 ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައިވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.