މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢޫދީގެ އިމިގްރޭޝަނާއި ކަސްޓަމްސް އަދި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ދިވެހި ޙައްޖާޖީން ރާއްޖެއިން ފުރުމުގެ ކުރިއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރިހަމަ ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މިއަދު މެންދުރުފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މައްކާ ރޫޓް އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ.
ސަޢޫދީ ވިޝަން 2030ގެ ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމުގެ ބައެއްގެ ގޮތުން ދިވެހި ޙައްޖާޖީން ސަޢޫދީ އަރަބިއްޔާއަށް ދިއުމާއެކު ޙައްޖާޖީން ތިބެން ހަމަޖެހިފައިވާ ތަންތަނަށް ސީދާ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީން ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުން ސީދާ އެ ޙައްޖާޖީންގެ އެކޮމޮޑޭޝަންތަކަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދީ، ދަތުރުފަތުރުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ސިފަކުރެއްވީ، ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ޙައްޖާޖީންގެ އަޅުކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހަރުދަނާ ބޮޑު ބަދަލެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް މި ފުރުސަތު ފަހިކޮށްދެއްވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް، އެ މަނިކުފާނުގެ ހިތްޕުޅުގެ ފުންމިނުން ހެޔޮ އެދުންތައް އަރިސްކުރައްވައި، ޝުކުރުދެންނެވިއެވެ. މި ފުރުސަތު ފަހިކޮށްދެއްވުން އެ މަނިކުފާނު ސިފަކުރެއްވީ ސަޢޫދީ އަރަބިއްޔާއިން އިސްލާމީ އުއްމަތަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތުގެ ރަމްޒެއްގެ ގޮތުގައެވެ.
އަދި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ޙައްޖުވެރިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގައި ޚާއްޞަ ޙައްޖު ކްލިނިކެއް ޤާއިމްކޮށް، އިމަރޖެންސީ މެޑިކަލް ޚިދުމަތްތައް ޤާއިމްކޮށް، ސަޢޫދީ މެޑިކަލް ޓީމްތަކާ ގުޅިގެން ހިންގަމުންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެ މަނިކުފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑް ލިމިޓަށް 1750 ޑޮލަރު އިތުރުކޮށްދެއްވައި، ޙައްޖާޖީންނަށް އަޅުކަމުގެ ދުވަސްވަރު ކުރިމަތިވެދާނެ މާލީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވިފައިވާނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ އެންމެހާ ދިވެހީންނަށް، ޙައްޖުގެ ފުރިހަމަ ތަޖުރިބާއެއް ކަށަވަރު ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މިއަހަރުން ފެށިގެން ދިވެހި ޙައްޖާޖީންގެ ދަތުރުފަތުރުގެ އިންތިޒާމުތަކަށް ބަސް ދަތުރު ހަމަޖެއްސުމުގެ ބަދަލުގައި ހައި-ސްޕީޑް ރޭލުގައި އެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެކަން ހާމަކުރެއްވިއެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގެ އިންތިޒާމުތައް ދިވެހިރާއްޖެއަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރައްވައި، މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއާއި، މިނިސްޓްރީ އޮފް އިންޓީރިއާ އަދި މައްކާ ރޫޓް އިނީޝިއޭޓިވްގެ ސްޓިއަރިންގ ކޮމިޓީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތުގައި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން، ޚާއްޞަކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މޯލްޑިވްސް އިމިގްރޭޝަން އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރައްވާ މަސައްކަތައްޓަކައި އެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތުގެ ކާމިޔާބީއިން ރަމްޒުކޮށްދެނީ އިސްލާމް ދީނާއި އިސްލާމީ އުންމަތުގެ ޚިދުމަތުގައި އޮތް އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން މައްކާ ރޫޓް އިނިޝިއޭޓިވްގެ ފަސޭހަތަކާއެކު ފުރާ އެންމެ ފުރަތަމަ ގުރޫޕުގެ ޙައްޖާޖީންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ. އެއަށްފަހު މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަމަޖައްސަވާފައިވާ އިންތިޒާމުތައް ހުރިގޮތް އެ މަނިކުފާނު ބައްލަވާލެއްވިއެވެ.