މިނިވަން ދުވަހުގެ އިޙްތިފާލްތަކުގައި ބައވެރިވެވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި ދެކުނު ކޮރެއާ ސަފީރު މިސްޓަރ ޗޮއި ކީ-ޗުލްއާއި، ތުރުކީ ސަފީރު ލެވެންޓް ބިލްމަންއާއި، އެމެރިކާ ސަފީރު މިޒް ޕެޓްރީޝިއާ އޭ. ބުޓެނިސް މިއަދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބޭފުޅުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއަން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ބާރނާޑް ސަވާޖްވެސް ރައީސުލްޖުމްހޫރިއްޔާއާ ވަނީ މިއަދު ބައްދަލުކުރައްވާފައެވެ. އީ.ޔޫ. ސަފީރުގެ އަރިހުގައި ފަރާންސް ސަފީރާއި ޖަރުމަނު ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ރަސްމީގެ މުލީއާގޭގައި ިއަދު މެންދުރުފަހު ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެބޭފުޅުން ތަމްސީލު ކުރައްވާ ޤައުމުތަކުގެ ސަރުކާރުތަކުގެ ނަމުގައާއި އެބޭފުޅުންގެ އަމިއްލަ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލައާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގައި ޑިމޮކްރަސި އަށަގަންނުވައި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

ސަފިރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއާށް ދެއްވިއެވެ.