މިނިވަންދުވަހުގެ މުނާސަބަތުގައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހެވިކަމާއި ޝަރަފްގެ ހިނގާލުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްލަވާލައްވައިފިއެވެ. މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް މުޙަންމަދު ޝިހާބާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އާމިނަތު ޝިމްލާއެވެ.

ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާން ކުޅުނެވެ.

އޭގެފަހުން، ދިވެހި ސިފައިންގެ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

މިރަސްމިއްޔާތުގައި ސްކޫލްތަކުން އެއްކޮށްލާފައިވާ ހެވިކަމުގެ ލަޝްކަރު، ބޭންޕާޓީއާއެކު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގުމުގައި، އެ ލަޝްކަރުތައްވެސް ރައީސުލްޖުމްހޫރިއްޔާއަށް ކުރުނީސް އެރުވިއެވެ.