ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްކަންދަރު ބިލްޑިންގ މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އިސްކަންދަރު ބިލްޑިންގ ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަކީ، މި ޤައުމުގައި ރައްޔިތުންނަށް ދެވޭ އެންމެ މުހިންމު އެއް ޚިދުމަތްކަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމަޢުގައި ޤާނޫނުގެ ބާރު ދަމަހައްޓައި، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާ ބިނާވެފައިވަނީ މުޖްތަމަޢުގައި އޮންނަ އިންސާފުގެ ޔަޤީން ކަމުގެ މައްޗަށް ކަމަށް ވިދާޅުވެ، އެ ޔަޤީންކަން ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ، ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ފުލުހުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފުލުހުންނަކީ މިފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށްވާއިރު، ޢާންމުންގެ ހިތްތަކުގައި ފުލުހުންގެ ޚިދުމަތާމެދު އޮންނަ އިތުބާރާއި، ފުލުހުންނާމެދު ދެކޭގޮތުގެ މުހިންމު ކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި ފުލުހުންގެ އިތުބާރު ހިފެހެއްޓޭނީ، ފުލުހުންނަކީ އިންސާފުވެރި އަދި ޤާނޫނުގެ ބާރު ދަމަހަށްޓާ ބައެއްކަމުގެ ޔަޤީންކަން ފުރިހަމައަށް ލިބިގެން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވިއެވެ.

އިސްކަންދަރު ކޮށީގައި ބިނާކުރެވިފައިވާ އިސްކަންދަރު ބިލްޑިންގުގެ ސަބަބުން، ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާ އަކަށް ބަދަލުވެގެން ދިއުމުން ކުރިމަތިވި ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، ފުލުހުންގެ ޚިދުމަތަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙް ވިދާޅުވިއެވެ.

މި ބިލްޑިންގްގައި ފޮރެންސިކް ލެބޯރެޓަރީއާއި ޓެކްނޮލޮޖީގެ އެހީގައި ކުށްކުރާމީހުން ދެނެގަންނާނެ ނިޒާމްތައް ޤާއިމް ކުރެވިފައިވެއެވެ.