ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ 5 ވަނަ ފޯރަމް މިރޭ ބާއްވައިފިއެވެ.
މިރޭ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގައި ކުރިއަށްގެންދިޔަ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވި ފަސް ވަޒީރުންނަކީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި ތަޢުލީމާ ބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑޮކްޓަރ މަރްޔަމް މާރިޔާ އާއި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމެވެ.
މިރޭގެ ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ، މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ގެނެވޭނޭކަމުގެ ޔަޤީންކަން ދެއްވަނީ، ސަޕްލައި ރިޑަކްޝަން ފޯކަސްއެއްގައި އެ މަސައްކަތް ކުރިއަށްގެންގޮސް، އެކި ވިޔަފާރީގެ ފަހަތުގައި ފިލާ ތިބެގެން ކުރާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވޭނޭކަމުގެ ޔަޤީންކަން އޮތުމުންކަމުގައި ވިދާޅުވެފައެވެ. މާލޭގެ ގެއެއްގެ ފުރާޅަށް ވެއްޓިފައި އޮތް އަންހެން މީހާގެ މައްސަލައަށް އިޝާރާތްކުރައްވަމުން މިނިސްޓަރ އިހުސާން ވަނީ، ފުލުހުންގެ ތަޙުޤީޤަކީ ޕްރޮގްރެސިވްކޮށް، ހެއްކާއި ޤަރީނާ ލިބެމުންދާ މިންވަރަކުން ކުރާ ތަޙުޤީޤެއްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ތަޙުޤީޤު ހިންގެވި ގޮތުގެ ތަފްޞީލުތައް ދެއްވައި، އެ މައްސަލައިގައި ކަންބޮޑުވުންތައް އުފެދުނު ގޮތަށް ރިޢާޔަތްކުރައްވައި، މީގެ ފަހުން، ސުވާލު އުފެދޭ ގޮތަކަށް މީހަކު މަރުވެއްޖެ ނަމަ، އޮޓޮޕްސީ ހަދަން ޖެހޭގޮތަށް ނިންމަވާފައިވާކަމަށްވެސް ވިދާޅުވިއެވެ. ވަކި ވަކި މި މައްސަލަތަކުގެ އިތުރުން ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމާއި، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށްވެސް އެ މިނިސްޓަރ އިހުސާންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި، ސިޔާސީ ދެބަސްވުންތަކުގެ ތެރެއަށް ފުލުހުން ނުވެއްދުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ، މަސްވެރިކަން ފުޅާކޮށް، މަސްވެރިންނަށް ލުއިފަސޭހަކޮށް، މަސްވެރިންގެ އާމްދަނީ އިތުރުކުރެއްވުމަށާއި، މާލީ ގޮތުން މަސްވެރިން ބާރުވެރިކުރުމަށް ކުރެއްވުމަށް ނިންމަވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ޙައްލުކުރެއްވުމަށް، ލޭންޑް ބޭސްޑް އައިސް ޕްލާންޓްތަކާއި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، އެ މަނިކުފާނު ދެއްވާފައިވެއެވެ. މީގެ އިތުރުން، ގދ. ފިޔޯރީ އާއި ޅ. ފެލިވަރު އަދި ފ. ނިލަންދޫގައި ޤާއިމުކުރާ މަސް ފެކްޓްރީ ތަކުގެ އަދާހަމަ ދެއްވަމުން، އިންޖިނިއަރިންގ، ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް އިކޮނޮމިކް ކައުސިލުން ފާސްކުރައްވާފައިވާކަމާއި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމެވުމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމާ ބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވަނީ ޢާންމުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ނިޒާމާއި ސިޔާސަތާ ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން، ވަޞީލަތްތަކާއި ފަންނީ ޤާބިލުކަން ހުރި މިންވަރަކުން ކުދިން ޝާމިލުކޮށް، ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމައަށް ޚިދުމަތް ދޭން ބޭނުންވާ ފަންނީ ޤާބިލުކަމާއި އެސިސްޓިވް ޓެކްނޮލޮޖީ ޤާއިމުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ދަރިވަރުންނާ ގުޅޭ ކަންކަމުގައި އެކުލަވާލާފައި ހުންނަ ޕޮލިސީތައް މުރާޖަޢާކުރުމުގެ ވިސްނުންފުޅެއް އަދި ނެތްކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ. މިއިން ކޮންމެ ޕޮލިސީއަކީ ފަންނީ ލަފައާއި، ތަޖުރިބާ އާއި އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން އެކުލަވާލައި، އޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އަދި ފާހަގަނުކުރެވޭ ޕޮލިސީތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނިޒާމުގެ ފެންވަރު ވަޒަންކުރެއްވުމަށް ރާއްވަވާފައިވާ މަސައްކަތްތަކާ ގުޅޭ ތަފްޞީލުތައްވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
މިރޭގެ ފޯރަމުގައި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ، އެމަނިކުފާނުވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް ކޯޓުތަކަށް ނުފޫޒު ފޯރުވާފައިނުވާނޭކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އެސެޓް ރިކަވަރީ ބިލުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށާއި، ސިވިލް އެސެޓް ރިކަވަރީ އަދި ކްރިމިނަލް އެސެޓް ރިކަވަރީ އޭގައި ހިމެނޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަކަށް ބިލް ހުށަހަޅުއްވާނޭކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ވަނީ ދަނޑުވެރިކަމާއި ފުޑް ސެކިއުރިޓީ އާ ގުޅޭ ގޮތުން، މިރޭގެ ފޯރަމުގައި ވާހަކަފުޅު ދައްކަވާފައެވެ. ކާޅާއި ވާލުން ލިބޭ އުނދަގުލުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދަސްކުރަން ޖެހޭނީ އެތަކެއްޗާ އެކު ދިރިއުޅެންކަމަށާއި، ދައުލަތުން ފަށާފައިވާ ފަސްމިލިއަން ގަސް މަޝްރޫޢަކީ މި މައްސަލައަށް ލުޔެއް ލިބޭނޭ މަޝްރޫޢެއް ކަމަށް ވަޒީރު މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ފުޑް ސެކިއުރިޓީ ކަށަވަރުކުރެއްވުމަށް މަސައްކަތްކުރައްވަނީ ސްމާޓް ޓެކްނޮލޮޖީގެ އެހީގައިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ގަސްގަހާގެއްސަށް ޖެހޭ ބަލިތަކަށް ބޭނުންވާ ޕެސްޓިސައިޑް ބެހުމާއި، އެ ބަލިތަކުން ދަނޑުތައް ސަލާމަތްކުރުމާ ބެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަހާ" ފޯރަމަކީ، ރައްޔިތުންނާ ވީހާވެސް ގާތުން، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.