އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފްވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް ޚާއްޞަ މި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ސާބަހާއި ތާރީފާއެކު ދަންނަވަމެވެ.
"ނަރުސް" މިނަމަކީ، އޯގާތެރިކަން، އަޅައިލުން، ހިތްވަރު، މުރާލިކަން، ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ޤަދަރުވެރި ނަމެކެވެ. ނަރުހުންނަކީ، ޞިއްޙީ ޚިދުމަތުގެ ހިތް ކަމުގައިވެސް، ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވެއެވެ. ޙަޤީޤީތުގައި، ނަރުހުންނަކީ، ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ. މުޅި ޞިއްޙީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރެވެ. ކާމިޔާބުކަމާއެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުންނެވެ. ބުއްދިވެރި ބަހެއްގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ޚިދުމަތުގެ މަތިވެރިކަމަށްޓަކައެވެ.
ރާއްޖޭގައި ޚިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންނެވެ. މިކަމުން ދޭހަވަނީ، މިފަދަ ބުރަ، ޤައުމީ އަދި އިންސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރެވެ. ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ޞިއްޙީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވެއެވެ. ޤައުމަށް ބޭނުންތެރި މި ޚިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެކެވެ. ބަލިމީހާއާއި، ޢާއިލާއާއި، ޑޮކްޓަރާ މުޢާމަލާތު ކުރަމުން، ހާލުބަލަމުން، ބޭސްފަރުވާ ދެމުން، ބައެއް ޙާލަތްތަކުގައި ބަލިމީހުންނަށް ކާންދީ، ތާހިރުކުރަންވެސް ޖެހެއެވެ. ދުނިޔެއަށް އަލަށް ލޯހުޅުވައިލާ ތުއްތު ކުއްޖާއާއި، ދުނިޔެ ދޫކޮށް ލޯމަރައިލާ މީހާގެ ގާތުގައިވެސް ޚިދުމަތުގައި ހުންނަން ޖެހެއެވެ. ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކު ނަރުހަކު ޚިދުމަތް ކުރަނީ، އަމިއްލަ ޢާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެންނެވެ.
އެހެންކަމުން، ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަމެވެ. ނަރުހުންގެ އަޑުއަހައި އިޖާބަދޭނަމެވެ. އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނަމެވެ.
ބައްޔަކަށް، އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ ޢާއިލާއަކީ، ދުނިޔެއަކީ، މިތުރުންނަކީވެސް ނަރުހުންނެވެ. ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ، އިޙްސާންތެރިކަމާއި ރަޙުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުމެވެ. ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުޢާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެކެވެ.
ނަރުހުންގެ ތިޔަ އަގުހުރި ޤައުމީ ޚިދުމަތަށް ބަސްތަކަކުން، ލަފުޒުތަކަކުން، ތަޢުބީރުކުރުންތަކަކުން ޝުކުރު އަދައެއް ނުކުރެވޭނެއެވެ. ވަރުބަލިވުމެއް ނެތި ކުރާ ހިންމަތާއި މިންނަތަށް، ކުއްލި ޙާލަތްތަކާއި، ބޮޑެތި ބަލިތަކާއި ވަބާތައް ބޯމަތިވެގެން އަންނައިރު، ޚިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމަކަށް އަގު އަދައެއް ނުކުރެވޭނެއެވެ. ޚިދުމަތްތެރި ކޮންމެ ނަރުހަކަށް ދުނިޔެއާއި އާޚިރަތުގައި، މާތްﷲގެ ރަޙްމަތާއި ރުހިވޮޑިގަތުން ގިނަކޮށް ގުނަކޮށް ދެއްވާށިއެވެ. އާމީން.