މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރާއްޖޭގެ ޓީ.ވީ. ޕްރެޒެންޓަރެއް ކަމަށްވާ އަލްފާޟިލް އަޙްމަދު ޝަކީބް.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
މިއީ، "ރައްޔިތުންނާއެކު" މި ނަމުގައި އަޅުގަނޑުމެން ކުރިއަށްގެންދާ ޕޮޑްކާސްޓް ސިލްސިލާގެ 5 ވަނަ އެޕިސޯޑް އަޅުގަނޑުމެންގެ. ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ.
އަޅުގަނޑަށް އެނގޭ ވަރަށް އަވަދިނެތިކަން ތި އުޅުއްވަނީ. އަޅުގަނޑަށްވެސް ދެން ފެނޭ ވަރަށް އަވަދިނެތި އުޅުއްވާ ތަންވެސް. އެހެންނަމަވެސް، ދެން އަޅުގަނޑުމެންގެ މި ޕޮޑްކާސްޓް، ކުޑަވަރެއްގެ މެދުކެނޑުމަކަށްފަހު، ދެން މަނިކުފާނުގެ މެލޭޝިޔާގެ ދަތުރުފުޅަށްފަހުވެސް ދުވަސްކޮޅެއް ވެފައި އަދި މި ބާއްވަނީ ދޮގެއްތޯ؟
މި ވޭތުވެދިޔަ ތާނގައި، މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައިވެސް ވަރަށްގިނަ ކަންތައްތައް ހިނގައިފި. އެހެން ނޫންތޯ؟ އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، މިއަދަކީ ތެލަސީމިއާ ދުވަސްވީމާ، ތެލަސީމިއާގެ ވާހަކަތަކަކީވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން، އަޅުގަނޑު ހަނދާންވާ ގޮތުންވިއްޔާ، އަޅުގަނޑުމެން މި ޕޮޑްކާސްޓް ހަމަ ފެށިތަނާހެން ތެލަސީމިއާ ސެންޓަރުގެ ބައެއް ކަންތައްތަކާ ގުޅިގެން ކަންބޮޑުވުންތަކެއްވެސް ހުރި.
ދެން އެކަމަށް މަނިކުފާނު ހަމަ ވަގުތުން ވަގުތަށް އެކްޝަން ނެންގެވި. އެކަމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި. ދެން މިއަދަކީ ތެލަސީމިއާ ދުވަސް ކަމަށްވީމަ، ކިހިނެއްތޯ މި ދުވަހާ ގުޅިގެން، އަޅުގަނޑުމެންނަށް މީގައި ޙިއްޞާކޮށްލެވިދާނެ ވަކި ޚާއްޞަ ކަމެއް އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ! އާދެ! ތެލަސީމިއާ ދުވަސްވީމަ، ހަމަ މި ދުވަހުގެ ހެޔޮއެދުންތައް، ހުރިހާ ފަރާތްތަކަށް ދަންނަވަން.
ދެން މި މައްސަލަ ޙައްލުކުރުމުގައި، އަޅުގަނޑު ދަންނަވާލާނީ، މިއަދުގެ އެންމެ މުހިންމު މެސެޖަކީ، އިރާދަކުރެއްވިއްޔާ ރަނގަޅު ދާއިމީ ޙައްލެއް، މިހާތަނަށް ޙައްލުނުވެ ހުރި ގިނަ މައްސަލަތަކަށް ގެނެސްދެވޭނޭ. ގެންނަމުންނޭ މިދަނީ. އިރާދަކުރެއްވިއްޔާ ގެންނާނަން. މިކަމުގައި މި ތެލަސީމިއާ ކުދިންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި ޙައްލުތައް ގެންނާނީ. އެއީ، މިއަދާ ގުޅިގެން އަޅުގަނޑު ދޭ އެންމެ މައި މެސެޖަކީ. މުހިންމު މެސެޖަކީ. އެއީ، އެ ކުދިން އެ ތަޙައްމަލް ކުރަމުންދާ ދަތި އުނދަގޫ ދުވަސްތައް. ވަރަށް ހިތްވަރުގަދަ ކުދިންތަކެއް. ހަމަ ވަރަށް ވަރަށް ރަނގަޅު އަދި އެކި ދާއިރާތަކުން ކިޔަވާފައި ތިބި ކުދިން އެބަތިބި. މިހާރުވެސް ހަމަ އެކި ދާއިރާތަކުގައި ޚިދުމަތްކުރާ. ދެން އެ އެންމެންގެ ޚިޔާލާއި މަޝްވަރާއާއި، ބައިވެރިވުމާ އެކީގައި ސަރުކާރުން މި މައްސަލައަށް ޙައްލެއް ގެނައުމުން، އަޅުގަނޑު ހިތުން މީގައި އަޞްލު ދާއިމީ ރަނގަޅު ޙައްލަކަށްވާނީ.
އެހެންވީމާ، މައިގަނޑު ގޮތެއްގައި އެއީ، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ. ދެން އަޅުގަނޑު އެންމެ ފުރަތަމަ، ތިޔަ ވިދާޅުވިހެން، ޕޮޑްކާސްޓް ފެށުނު ދުވަސްކޮޅު، އަޅުގަނޑު އެ ބޭފުޅުންނާ ބައްދަލުކޮށް، ނޫނީވިއްޔާ ތެލަސީމިއާ ސެންޓަރަށް ގޮސް، މި ކަންތައްތައް ބަލައި، މަސައްކަތްތަކެއް ފެށިން. ދެން މިއަދާ ހަމަޔަށް އައިއިރުގައި، އިރާދަކުރެއްވީތީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެ. އެއްކަމަކީ ތެލަސީމިއާ ސެންޓަރު މާލޭގައި ހިންގަމުންދިޔަ ތަން ހިންގުން ހުޅުމާލޭގައި، މި "އޮރެންޖް ހިޔާ" ކިޔާ އިމާރާތުގައި ހިންގޭގޮތަށް މިވަނީ ހަމަޖެހިފައި މިހާރު. ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިގެން. އިރާދަކުރެއްވީތީ، ވަރަށް ޖާގަބޮޑު، ވަރަށް ތަނަވަސް ތަނެއް އެއީ. ދެން މިތަން ނިންމުމުގައި ސިފައިން ރެޔާއި ދުވާލު ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި. ސިފައިންނަށް އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގެއަޑިން ވަރަށް ޝުކުރު ދަންނަވަން.
ދެން ޖާގައިގެ އިތުރަށް ވަސީލަތްވެސް ރަނގަޅުވާނެ. ކުރިއަށް އޮތް ތާނގައި އަދި އިތުރު ވަސީލަތްތައް ލާނަން. ބަޖެޓް ހަމަޖެއްސުމުގައި އަޅުގަނޑު ވާނީ ހުރިހާ އެޕްރޫވަލްއެއް ދީފައި. ފިނޭންސް މިނިސްޓްރީއަށް އަންގާފައި. ހޯދަންވާ ހުރިހާ ތަކެއްޗެއް ހޯދައިދިނުމަށް އިނގޭތޯ.
ދެން އަދި ވަރަށްގިނަ އެހެން މައްސަލަތައްވެސް ޙައްލުކުރުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ. މުވައްޒަފުންގެ ގޮތުން ބަލާއިރުގައިވެސް، ނަރުހުން އިތުރުކުރުމަށްވެސް ހުއްދަދީ، ނަރުހުން ނެގުމުގެ މަސައްކަތްވެސް އެބަ ކުރިއަށްދޭ. އަދި އޭގެއިތުރަށް، ޖުމްލަކޮށް މުޅި ތަނަށް ބޭނުންވާ ހިއުމަން ރިސޯސް އިތުރުކުރުމަށްވެސް. އަޅުގަނޑު ހަނދާންވަނީ، ބާރަވަރަކަށް މުވައްޒަފުން އިތުރުކުރަން ހުއްދަ ލިބި، މިހާރު އެ މަސައްކަތްވެސް ދަނީ ކުރިއަށް އިނގޭތޯ.
އަދި އޭގެއިތުރަށް، އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި، ތަން ހިންގާގޮތް އެއީ، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމުގައި، އެ ގަޑިތަކާއި، އޮޕަރޭޝަނަލީ ހިންގާގޮތް ބަދަލުކުރުން އެއީ، ވަރަށް މުހިންމު ކަމެއް.
ދެން ކުރިއަށް އޮތް ދުވަސްތަކުގައި، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެމް.ބީ.އެސް ބަދަލުކުރާނަން. އެގޮތަށް ބަދަލުކުރަން އަޅުގަނޑު މިހާރުވާނީ ނިންމާފައި.
މިއީ ވަރަށް މުހިންމު ބޭނުމެއްގައި ކުރާ ކަމެއް. ދެންމެ ކުރިން މި ދެންނެވި ގޮތަށް، އެތަނުގެ ފަރާތުން ތެލަސީމިއާ ކުދިންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި، އެ ކުދިންގެ ފަރާތުންވެސް އަޅުގަނޑަށް ލިބުނު ވަރަށް ރަނގަޅު ޚިޔާލެއް މިއީ. އަދި އަޅުގަނޑު ވިސްނާލާއިރުގައިވެސް ވަރަށް މުހިންމު ކަމެއް. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މިތަން ބަދަލުވީމަ، ވަރަށްގިނަ ފައިދާތަކެއް އެބަކުރޭ އެ ކުދިންނަށް. އަދި ޚިދުމަތްދޭ ފަރާތްތަކަށްވެސް، ޚިދުމަތް ދިނުމުގައިވެސް ކުރިއެރުންތަކެއް އެބަ ލިބޭ.
އެއްކަމަކަށް، މި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގައި، އެ ކުދިންގެވެސް ހުންނާނެ އެކިކަހަލަ މައްސަލަތައް ދޮގެއްތޯ؟ ދައްކާއިރުގައިވެސް އެ ދިމާވާ ދަތިތަކާއި، ވަރަށްގިނަ ކަންކަމަށް ޙައްލެއް އަންނާނެ.
ދެން، މިހެންގޮސް ހަމަ ފައިދާތައް ވަރަށްގިނަ އިނގޭތޯ. ވަރަށްގިނަ ފައިދާތަކެއް އެބަހުރި. އެހެންވީމާ، މިހާރު ކުރިއަށްދާ މަރުޙަލާއަކީ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އެތަނާ ހަވާލުވުމުގެ ޓްރާންސިޝަން އެތަނުގެ ތެރޭގައި ވީހާވެސް ސްމޫތްކޮށް ގެންދިޔުމަށްޓަކައި އެކިއެކި ޑިޕާޓްމަންޓްތަކުގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންކަން، މަޝްވަރާ ކުރެވިގެން ގެންދިޔުމުގެ މަރުޙަލާގައި މިހާރު މިދަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދިހަވަރަކަށް ދުވަސް ތެރޭގައި، ނޫނީ އެންމެ ގިނަވެގެންވެސް ދެ ހަފްތާ ތެރޭގައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އެކީގައި ހަވާލުވާނެ، ތެލަސީމިއާ ސެންޓަރ، ބްލަޑް ސަރވިސް ހިންގުމުގެ ކަންކަމާ.
ދެން ހަމަ އޭގެދަށުން މުޅި ރާއްޖޭގައި، ކޮންމެ އަތޮޅެއްގައިވެސް އެ ހިނގާ އޮފްޝޫޓް ޚިދުމަތްތައްވެސް ހިނގަމުންދާނީ. މިއީ ވަރަށްބޮޑު ބަދަލެއް. ދެން ހަމަ އޭގެތެރެއިން، މިހާރު ހުޅުމާލެއަށް ބަދަލުވެފައިވާތީ، ހުޅުމާލޭގައި މި ޚިދުމަތް ދޭއިރުގައި، ހުޅުމާލޭގައި ހުރި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހޮސްޕިޓަލް މީގައި ވަރަށްބޮޑު ދައުރެއް އަދާކުރާނެ.
ދެން މި ލޭ ނަގައި، މާލެއިން ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް، ހަމަ އައި.ޖީ.އެމް.އެޗް.ގައި ލޭ ހަދިޔާކޮށްފައި، ހަމަ ހޮސްޕިޓަލްގެ ފަރާތުން އެކޮޅަށް ސެކިއޮރކޮށް ޓްރާންސްފަރ ކޮށްދިނުމާއި، މިހެންގޮސް ވަރަށްގިނަ ކަންކަން ރަނގަޅުވާނެ.
ޕްރެޒެންޓަރ:
އިއްޔެކަންނޭނގެ ނޫހަކުން ދުށް ހަނދާނެއްވޭ، މި ދަތުރުގެ އިންތިޒާމުވެސް ހަމަޖެހޭ ވާހަކަ. ހުޅުމާލެވީމާ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! ހަމަ ޚާއްޞަ ބަސް ސްޓޮޕެއް މިހާރު ހަމަޖެހުނީ. ދެން އާރު.ޓީ.އެލް.ގެ މި ރޫޓު އެ ތަނަށް އިތުރުކުރެވުނީ. ދެން އަދި އޭގެއިތުރަށް، ހިލޭ ދަތުރުކުރެވޭ ގޮތަށް ކާޑެއް މިހާރު ތަޢާރުފް ކުރެވިފައި މިވަނީ، ތެލަސީމިއާ ކުދިންނާއި އަދި ބެލެނިވެރިންނަށް ދެވޭގޮތަށް އިނގޭތޯ. އެހެންވީމާ، އެކަންވެސް ހަމަޖެހިގެން އެދިޔައީ.
ދެން ޖުމްލަކޮށް ހަމަ ދެންހުރި ހުރިހާ ކަމެއްވެސް. ބޭހުގައި ކޮންސިއުމަބަލްސް ކަމެއް، ދިމާވި ދަތިތައް ޙައްލުކުރުމަށްވެސް މަސައްކަތްތަކެއް ފަށައިގެން މިހާރު ކުރިއަށް މިދަނީ.
އެހެންވީމާ، ވަރަށްގިނަ ކަންތައްތަކެއް، ޙައްލު ނުލިބި އެތައް ދުވަހެއްވެފައި ހުރި، އެ ކުދިންނަށް އެ ބޭނުންވާ ކެއަރ، އަޅައިލުން ނުލިބި ހުރި އެތައް ކަމެއް އެބަ ޙައްލުވޭ އިނގޭތޯ. ވަރަށްގިނަ ކަންތައްތައް.
ޕްރެޒެންޓަރ:
ތެލަސީމިއާއަކީ ދެން މި ދެންނެވީ ރާއްޖޭގައި، ދެން މިހެން އިނދެގެން އަޅުގަނޑު ވިސްނާލާއިރުގައި، ހަމަ ބޮޑު މައްސަލައެއް މިއީ ދޮގެއްތޯ؟ ރާއްޖެ ކަހަލަ ޤައުމަކަށް. އެއީ، މިހެން މި ދެންނެވީ، ތެލަސީމިއާއަކީ އެއަށް ވަކި ޚާއްޞަ ފަރުވާއެއް އަނެއްހެން އޮންނަ ކަމެއްވެސް ނޫން. އެހެންނަމަވެސް، މި ދެންނެވީ، ވަކި ޚާއްޞަ ފަރުވާއެކޭ މި ދެންނެވީ، ބޭސްފަރުވާގެ ސިފައިގައި. އެކަމަކު ތެލަސީމިއާގެ ޙާލަތުން ކުއްޖަކަށް އަރައިގަނެވެން މި އޮންނަނީ ބޯންމެރޯ ހަދައިގެން. ބޯންމެރޯއަކީ އާދައިގެ ފަރުދަކަށް އުފުލޭވަރަށްވުރެ ޚަރަދު ބޮޑު ކަމެއް މިއީ ދޮގެއްތޯ؟ މިކަމަށް އެކަމަކު އަޅުގަނޑަށް ހީވަނީ އެބަ އެޑްރެސް ކުރައްވާހެން މަނިކުފާނު ދޮގެއްތޯ؟ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު ވަޢުދުވީ، ސަރުކާރު ޚަރަދުގައި އެކަން ކޮށްދޭން ދޮގެއްތޯ؟ ދެން މިހާރު 14 ކުދިންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭ އެބަ. ދެން އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ. ބޯންމެރޯ ޓްރާންސްޕްލާންޓް ޚިދުމަތް ކުރިއަށްދާނެ.
ދެން އޭގެއިތުރަށް، ރާއްޖޭގައި ތެލަސީމިއާ ފުލް ފްލެޖް ހޮސްޕިޓަލެއް ހުޅުމާލޭގައި ހެދުމަށް މިހާރު މަސައްކަތްތަކެއް އެވަނީ ފެށިފައި. އޭގެ އިންވެސްޓަރާ އެކީގައި، އިންވެސްޓް ކުރާނެ ފަރާތަކާ އެކީގައި، އެގްރީމަންޓެއްގެ ތެރެއަށް ގޮސް، ޢަމަލީ މަސައްކަތަށް ދިޔުމުގެ މަރުޙަލާއަށް ދިޔުން މިހާރު ކުރިއަށް އެދަނީ.
ޕްރެޒެންޓަރ:
އޭގެތެރޭގައި، ބޯންމެރޯ ހިމެނޭތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އޭގެތެރޭގައި، އެކަންވެސް ހިމެނޭގޮތަށް ހިމަނަން އޮންނާނީ ކޮންޑިޝަން ކޮށްފައި. އެކަމަކު އަދި ފައިނަލްވެގެން އައިމަ، އެ ޑީޓެއިލްސްތައް އެނގިގެންދާނީ.
ޕްރެޒެންޓަރ:
އާދެ، އެ ދެން ވަރަށްބޮޑު ކަމެއް ދޮގެއްތޯ؟ އެހެންވީމާ، ދެން، އެކަމަކުވެސް އަޅުގަނޑު ހިތަށްއެރީ، މާ ކައިރި މުސްތަޤްބަލެއްގައި ނޫންކަމަށްވިޔަސް، ރާއްޖޭގައި މި ބޯންމެރޯ ހެދުމުގެ އިންތިޒާމެއް ހެދެން އެބަޖެހޭކަންނޭނގެ ދޮގެއްތޯ؟ އެއީ، މިހާގިނަ ޢަދަދެއްގެ ކުދިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޯންމެރޯ ހެދުމަކީ އެއީ، ޤައުމީ ނިސްބަތެއްގައި ބަލާއިރުގައިވެސް ދައުލަތަކަށްވެސް ވަރަށްބޮޑު ބުރަޔަކަށްވާނެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެކަމަކު އަޅުގަނޑުމެން ހަމަ ވަރަށް އުފަލާއެކީގައި ކުރާ ކަމެއް އިނގޭތޯ. ސަރުކާރުން ހަމަ ވަރަށް ސަމާލުކަން ދެން، އެ ކުދިންނަށް ދާއިމީ ރަނގަޅު ޙައްލެއް އިރާދަކުރެއްވިއްޔާ ގެނެސްދިނުމަށް.
ދެން ޖުމްލަކޮށް ހަމަ ތެލަސީމިއާގެ މި ބަލީގައި އުޅެން، ތަޙައްމަލް ކުރަންޖެހޭ ހުރިހާ ކުދިންނަށް މި ދިމާވާ ކަންކަމުގައި ޙައްލު ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން.
ދެން ހަމަ ކުރިން ދެންނެވި ގޮތަށް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ބަދަލުވާއިރުގައި، މި ސްޕެޝަލިސްޓުންގެ ކަންތަކުގައި މިސާލަކަށް، ކަށި ފީވުން، ނޫނީ ކަށީގެ މައްސަލައިގައި، ރާއްޖޭގައި އެކަމަށް ޚާއްޞަ ޑޮކްޓަރަކު މަދުކަމަށްވަންޏާ، އަޅުގަނޑުމެން ބޭރުން ގެނެސްގެންވެސް ކުރިއަށް ގެންދާގޮތަށް މިއޮތީ އިނގޭތޯ ޚިދުމަތް ދިނުން. ދެން އެހެންވީމާ، މި ބަދަލަކީ ހަމަ ވަރަށް ރަނގަޅު ޙައްލެއް، މިކަމުގައި އަންނާނެ ކަމެއް ގޮތުގައި އަޅުގަނޑަށް ފެނޭ.
ޕްރެޒެންޓަރ:
ދެން ބޯންމެރޯގެ އިތުރުން، އަޅުގަނޑު ހިތުން ދެން ކުދިންގެ އެންމެބޮޑު ކަންބޮޑުވުމެއް އޮންނާނީ އަބަދުވެސް ޑެސްފެރޯލްގެ ވާހަކަ ދޮގެއްތޯ؟ މިހާރު ޑެސްފެރޯލްގެ ކަންތައް ހަމަޖެހުމަކަށް އަތުވެއްޖެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ޖުމްލަކޮށް، ކުރިން މިދިޔަ މަހެއްހާ ދުވަސް ތެރޭގައި، ވަރަށް ކުރިއެރުން އަތުވެއްޖެ އިނގޭތޯ. އަދިވެސް އެކަމަކު އެއްކޮށް ޙައްލުވެގެނެއް ނުދޭ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ރަނގަޅު ވެގެންދާނެ.
ޕްރެޒެންޓަރ:
އެހެންވީމާ، އަޅުގަނޑުމެން އުންމީދު މި ކުރަނީ، ތެލަސީމިއާގެ ކުދިންނަށާއި އަދި ބެލެނިވެރިންނަށްވެސް ހުރި މައިގަނޑު ބޮޑެތި ކަންބޮޑުވުންތައް އިރާދަކުރެއްވިއްޔާ، މާދުރު ނޫން މުސްތަޤްބަލެއްގައި ޙައްލުވެގެންދާނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އިރާދަކުރެއްވިއްޔާ.
ޕްރެޒެންޓަރ:
މަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހެން ކަމަކަށްވެސް އަޅުގަނޑު ހިތަށްއެރީ މިއަދު ކުޑަކޮށް އަލިއަޅުވާލާނަމޭ. އެއީވެސް ވަރަށްގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމެއް. އަޅުގަނޑު މި އިޝާރާތްކޮށްލަނީ ވާނުވާގައި، "ވާނުވާ" ގައި މިތިބޭ މީހުންގެ މައްސަލައަށް. މިއީ ދެން އަޅުގަނޑު ހިތުން މިކަމަކީ ޤާނޫނީވެސް ވަރަށް ގިނަ ކަންތައްތަކެއް މީގެތެރެއަށް ވަންނާނެ ކަމެއް. އެހެންނަމަވެސް، ބަޔަކު މީހުންގެ ކަންބޮޑުވުންތަކެއް، ވާނުވާ ނޭނގުމެއްގެ ތެރޭގައި ބަޔަކު ތިބެންޖެހުންވެސް އެއީ، ވަރަށްބޮޑު މައްސަލައެއް ދޮގެއްތޯ؟ މިކަން ކިހިނެއްތޯ މިވަނީ؟ މިއީ މާރަނގަޅަށް އަޅުގަނޑުގެ ބޮލަށް ނުވަންނަ ކަމެއްވީމަ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތީގައި ވާގޮތަކީ، ޙުކުމަކަށް ނުގޮސް، ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ތިބޭ ބަޔަކު މިތިބެނީ. އެ މީހުންނަކީ އަދި ކުށްވެރިންނެއް ނޫން އިނގޭތޯ. ހަމަ ކުށްވެރިއެއްތޯ ކަނޑައެޅުމުގެ މަރުޙަލާގައި ތިބެނީ.
ޕްރެޒެންޓަރ:
ސާބިތުވީމަތާ ކުށްވެރިއަކަށް ވާނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސާބިތުވީމަ ވާނީ. އާދެ، ދެން އެކިކަހަލަ ތުހުމަތުތަކުގައި ހައްޔަރުކޮށްފައި އެބަތިބޭ. 300 އެތައް ބަޔަކު އެބަތިބި. ހައެއްކަ އަހަރުވެފައި ތިބި ބައެއް މީހުންވެސް އެބަތިބި އިނގޭތޯ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފަސްވަރަކަށް މީހުން. އަދި ހަމަ އަހަރަކަށްވުރެ މަދު، އަހަރަކާއި ދެ އަހަރާ ދޭތެރޭގެ މީހުންވެސް. އެކި މުއްދަތުގެ މީހުން އެބަތިބި އިނގޭތޯ.
ދެން މިހެން މި ތިބެންޖެހޭ ތިބުން އެއީ، އަޞްލުގައި ވަރަށްބޮޑު މައްސަލައެއް ޙަޤީޤަތުގައި. ދެން އެކަމަކު އެކަން ޙައްލުކުރުމުގައި، މިއަދާ ހަމަޔަށް އައިއިރުގައިވެސް އެކި ސަރުކާރުތަކުން އެކަށީގެންވާ ޙައްލެއް ނުލިބި އޮތް ކަމެއް. ދެން އަޅުގަނޑު މެނިފެސްޓޯގައިވެސް ހިމަނާފައި އޮންނާނެ. މިކަމަށް ދާއިމީ ޙައްލެއް ގެންނާނެ ވާހަކަ.
ދެން އަނެއް ކަމަކަށް، މި ޖުޑިޝަރީ ނިޒާމުގެ ތެރެއިން ހަމަ ވަރަށްގިނަ ކަންކަން ހިމަނާފައި ހުންނާނެ. ދެން އަޅުގަނޑު މިކަމުގައި ފާހަގަކޮށްލަން ބޭނުންވަނީ، ކޯޓުތަކުން، ޚާއްޞަކޮށް، ކްރިމިނަލް ކޯޓުން މިކަމަށް ޙައްލެއް ގެނައުމުގައި މަސައްކަތްކުރާއިރުގައި، ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް. އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަމެއް ދީގެން މިހާރު ހުޅުމާލޭގައި މި ނިންމައިދެނީ، ކްރިމިނަލް ކޯޓުގައި 11 ކޯޓުރޫމް ހިމެނޭގޮތަށް ރަނގަޅު ފެންވަރުގެ ތަނެއް. ދެން އެތަން އިރާދަކުރެއްވީތީ ހަމަ ވަރަށް ބާރަށް ކުރިއަށް އެބަދޭ. ދެން އެތަން ނިމޭއިރުގައި، އަދި އޭގެއިތުރަށް، އަޅުގަނޑުމެން މަސައްކަތް ކުރާނަން، ކޯޓަށް ބޭނުންވާ އިދާރީ ސަޕޯޓް މުވައްޒަފުން މަދުވާ ކަމަށްވަންޏާ، ކޮންމެހެން ބޭނުންވާ ޢަދަދަށް މުވައްޒަފުން ހޯދައިދޭނަން އިރާދަކުރެއްވިއްޔާ. އޭރުން އެއްފަހަރާ ގިނަ މައްސަލަތައް ބެލުމުގައި، ފަނޑިޔާރުންނަށް ބޭނުންވާ އިދާރީ މުވައްޒަފުންގެ ސަޕޯޓްވެސް ހަމަ ލިބިގެންދާނެ.
ދެން ހަމަ އެއާއެކީގައި، އެކަން ހަމަޖެހެންދެންވެސް، މިހާރުން މިހާރަށް ކުރެވޭނެ ކަންތައްތައް އަޅުގަނޑުމެން ބަލަން މިހާރު ނިންމާފައި މިއޮތީ އިނގޭތޯ. މިހާރު ޕީ.ޖީ.އާއި، އޭ.ޖީ.އާ ގުޅިގެން އަޅުގަނޑު އެކަންކަން ބަލަމުންދާނަން.
އެއްކަމަކީ، ޕޮސިބިލިޓީ އޮތް ކަމެއްތޯ އަޅުގަނޑު މި ބަލަނީ، "ޓެގް" އިނގޭތޯ. އާދައިގެ ބަހުން ކިޔަންޏާ "ޓެގް". އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން މި ވާނުވާގައި ތިބި މީހުންގެ ތެރެއިން ބައެއް ފަރާތްތައް މީގެތެރޭގައި ހިމެނޭތޯ. މިހެން މި ދެންނެވީ، ބައެއް ފަރާތްތަކޭ މި ދެންނެވީ، މީގެތެރޭގައި 100 އެއްހާ މީހުން އެބަތިބި ޖިންސީ ކުށުގައި އިނގޭތޯ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ޖުމްލަކޮށް ޖިންސީ ތުހުމަތުގައި. ޖިންސީ ކުށް ކޮށްގެން ތުހުމަތުގައި. އެފަރާތްތައް ނުހިމަނާ އިނގޭތޯ. އެ ފަރާތްތައް އަޅުގަނޑު ބޭނުމެއްނޫން، ޓެގް އަޅުވާފައިވެސް ގޭގައި ބަންދުކުރާކަށް.
ޕްރެޒެންޓަރ:
ވާނުވާގައި ތިބޭނެތޯ، މި މާރާމާރީގެ، މަރުގެ މީހުން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މީގައި އެބަހުރި ކޮންމެވެސްވަރަކަށް މާރާމާރީ ތުހުމަތުވެސް. ޓެރަރިޒަމް ތުހުމަތުވެސް. އަދި މަސްތުވާތަކެތީގެ އަދި ގޭންގް ކުށްވެސް. ގޭންގުތައް ހަދައިގެން ކުށްކުރުން. އެކިކަހަލަ ކުށްތައް. އަދި ކުދިކުދި ކުށްތައްވެސް އެބައުޅޭ. އެއީ، އެހެނިހެން ތަފާތު ކުށްތައްވެސް.
އެހެންވީމާ، އޭގެތެރެއިން ކޮންމެގޮތެއްވިޔަސް، ޖިންސީ ކުށްތައް. ޖިންސީގޮތުން ކުޑަކުދިންނާއި، ކުށްކޮށްގެން ތުހުމަތު ކުރެވިފައިވާ ފަރާތްތައް ނުހިމެނޭނެ. ދެންވެސް ކޮންބައެއްތޯ ބަލާފައި، ވީހާވެސް ގިނަ މީހުން، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިވަރު، ޓެގް އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރުވާނީ ފުލުހުންނާއި، ޕީ.ޖީ.އާއި، އޭ.ޖީ.އާ އެކީގައި މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި އިނގޭތޯ. އަޅުގަނޑަށް އެކަން ސާފުވެގެން ދިޔައިމަ، އަޅުގަނޑު ވަރަށް ބޮޑަށް އެކަމަށް މަސައްކަތްކުރާނަން. ވީހާވެސް ގިނަ މީހުންނެއް އޭރުން، އެ ކަނޑައެޅޭ ޝަރުޠުތަކަކާ އެކީގައި ގެޔަށް ބަދަލުކުރެވޭނެ. ނޫނީވިއްޔާ ޓެގް އަޅުވާފައި ދޫކޮށްލެވޭނެ. އެންމެފުޅާ މިނިވަންކަމަކާ އެކީގައި ދޫކޮށްލެވޭނެ، މައްސަލަ ބަލައި ނިމެންދެން.
ދެން އަނެއްކަމަކީ، ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ކުދިކުދި ކުށްތައް، ނޫނީވިއްޔާ ބަލިކަށި ހެކިހުރި ފަރާތްތައް، މި ކޭސް ބައި ކޭސް، ޕީ.ޖީ.ގެ ފަރާތުން ބަލަން މިހާރު އަޅުގަނޑު ވާނީ ދަންނަވާފައި. ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބެލެންއޮތް އެންމެ ރަނގަޅަކަށް އެފަރާތްތަކުގެ ކުށްތައް ތަންކޮޅެއް ތަފްޞީލުކޮށް ބަލައި، ކޭސް ބައި ކޭސް، އެ މައްސަލަތަކުގެ ތެރެއިން ޕީ.ޖީ. އިން އަނބުރާ ގެނެވެންހުރީ ކޮން މައްސަލަތަކެއްތޯ އިނގޭތޯ. ސީރިއަސް ނޫން މައްސަލަތަކުގެ ތެރެއިން. އޭރުންވެސް ކޮންމެވެސްވަރެއް މަދުވެގެންދާނެ.
ދެން ހަމައެއާއެކީގައި، ފެމިލީއާއި ޢާއިލާއާ ޖާމިނުކޮށްފައި، އެއްފަހަރު ހަމަ އެއް ޗާންސް ލިބޭގޮތަށް، ކުށެއް ކޮށްފިއްޔާ.
ޕްރެޒެންޓަރ:
ފުރަތަމަ ފަހަރަށްތޯ ކުށްކުރީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! އެއް ޗާންސް ލިބޭގޮތަށް، މި ކަފާލާތުގެ ނިޒާމު. ދެން މިހާރު އެ ޤާނޫނުގެ ތެރެއިން ލިބޭނީ. ވަރަށް އަގުބޮޑު ގޮތަކަށް މިހާރު އޮންނާނީ. ކަފާލާތުގައި ވަރަށްބޮޑު އެއްޗެއް ބަހައްޓަންޖެހޭނެ. އެހެންނަމަވެސް، އެފޯޑްކުރެވޭ ފަރާތްތަކަށްވިއްޔާ، އެ ފުރުޞަތުވެސް ދޭން. އެކަމަކު އެވެސް ވަކިކަހަލަ ކުށްތަކެއް ނޫން، ބޮޑެތި ނޫން ކުށްތައް ކޮށްފައި ހުރި ފަރާތްތައް. މުޖުތަމަޢަށް، މިސާލަކަށް، ޓެރަރިޒަމްގެ ތުހުމަތުކޮށް، ޖިންސީ ކުށްކޮށް، މިކަހަލަ ކުށުގެ ދާއިރާއިން ނޫން ކުށްތައް ކޮށްފައި ހުރި މީހުން، ކަފާލާތުގެ ތެރެއިންވެސް ގެޔަށް ބަދަލުކުރެވިދާނެތޯ، ދޫކޮށްލެވިދާނެތޯ ބެލުން.
އެހެންވީމާ، މައިގަނޑު ގޮތެއްގައި މިކަހަލަ ކަންކަން. ދެން އެންމެބޮޑު ކަމަކަށް މި ޓެގް. އަޅުގަނޑު ހިތުން އެންމެ ގިނަ ބަޔަކު ގެޔަށް ބަދަލުކުރެވިދާނެ. ނޫނީވިއްޔާ މިވަގުތަށް ޖަލުން ނެރެވިދާނެ ގޮތެއް އޮންނާނެ. އެކަން އެބަ ބަލަން. އެހެންވީމާ، މި ތިން ދާއިރާއިން މި މައްސަލައަށް އެބަ ބަލަން ގޮތްތަކެއް ފެނޭތޯ، ވީހާވެސް އަވަހަކަށް. ދެން ހަމަ ދާއިމީ ގޮތެއްގައި މިއަށް އެންމެ ރަނގަޅު ޙައްލަކީ، މި މައްސަލަތައް އަވަހަށް ބަލައި ނިންމުން. އެހެންވީމާ، އަވަހަށް ބެލުމުގެ ކެޕޭސިޓީ، ޖާގައިގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން ސަރުކާރަށް ކޮށްދެވޭނެ ކަމަކީ.
ޕްރެޒެންޓަރ:
ދެން ޖުޑީޝަރީން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ޖުޑީޝަރީން ޖެހޭނީ މައްސަލަތައް ރަނގަޅަށް އިންޞާފުވެރިކަމާއެކީ ބަލައި، އަވަހަށް ނިންމާލަދޭން. އެހެންވީމާ، އެކަން އެ ބޭފުޅުންނަށް ކުރެވޭވަރު. އަޅުގަނޑުމެން އެއަށް މަގުފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ އިނގޭތޯ.
ދެން ހަމައެއާއެކީގައި، މެނިފެސްޓޯގައި އޮންނާނެ، ފުރިހަމަ ބެއިލް ނިޒާމެއް. ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެންނާނެ ވާހަކަ. މާނަޔަކީ މިހާރު ވަރަށް ކުޑަކުޑަ ހަނި ފުރުޞަތެއް، މި ޤާނޫނުގައި
މި އޮންނަނީ. އެހެންވީމާ، އެއަށް ތަންކޮޅެއް ފުޅާ ދާއިރާއެއްގައި، ތަންކޮޅެއް ވަށާޖެހޭގޮތަކަށް ފުރިހަމަ ބެއިލް ނިޒާމެއް ގެނައުމުގެ ޤާނޫނީ މަސައްކަތްތައްވެސް ކުރިއަށް އެބަ ގެންދަން އިރާދަކުރެއްވިއްޔާ. އެއީ މެދު އަދި ދުރު ރާސްތާގައި، މީގައި ބެއިލް ނިޒާމުގެ ތެރެއިން އަންނާނެ ޙައްލަކީ.
ޕްރެޒެންޓަރ:
ދެން ކޮންމެހެނެއް ވިޔަސް، ތިޔަ ވިދާޅުވާހެން، މިކަހަލަ ބޮޑެތި މައްސަލަތަކުގައި ދާއިމީ ޙައްލެއް އަންނާނީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެއަށް މަގެއް ފަހިވީމަތާ ދޮގެއްތޯ؟ އިންޞާފުވެރިކަމާ އެކީގައި އެގޮތަށް ދާނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ހަމަ އެއާއެކީގައި ދަންނަވާލަންތޯ، އަދި އެއް ކަންތައް. ކޮންމެގޮތެއްވިޔަސް، ތުހުމަތެއްގައި ވިޔަސް ތިބޭ ތަން، އަދި އަމުދުން ތުހުމަތެއްގައި ތިބޭއިރުގައި ހުންނަންޖެހޭނީ އިންސާނީ ޙައްޤުތައް ޙިމާޔަތްވާ ތަނެއްގައި ދޮގެއްތޯ؟ އަޅުގަނޑު ގޮސް ނުއެއް ބަލަން އަދި އިނގޭތޯ. ގައިމުވެސް ބައެއް މީހުން ތިބޭ ތަންތަނުގެ ޙާލަތު ވަރަށްދަށް އިނގޭތޯ. އިންސާނީ ކަރާމާތް ޙިމާޔަތް ނުކުރެވޭ ޙާލަތުގައި ތިބޭ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އެހެންވީމާ، އަޅުގަނޑު މިކަންވެސް ވަރަށް ސީރިއަސްކޮށް ބަލައި، ހައްޔަރު ކުރެވިފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން.
ޕްރެޒެންޓަރ:
ދެން މިއަދު އަނެއްހެން މީގެތެރެއަށް ސީދާ މާބޮޑަށް ވަންނާކަށް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން ވިއްޔާ، އުތުރު ތިލަފަޅުގައި ޖަލެއް ހެދުމުގެ ކަންތައް ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އުތުރު ތިލަފަޅު، އާދެ! އެއީ، އަޞްލު ދާއިމީ، މި ސަރަޙައްދުގައި ހެދޭ އެންމެބޮޑު މެއިން ކޮމްޕޮސިޓް ޖަލު، އެހެން ގޮތަކަށް ދަންނަވަންޏާ. އެއީ، އެތަން މި ހަދަނީ ހަމަ އިންޓަރނޭޝަނަލް މިންގަނޑުތަކަށް. ހުރިހާ ކަމެއް ހުންނާނެ. ހަމަ މީހުން ތިބޭ ޙާލަތުވެސް ރަނގަޅުވާނެ. އިންޓަރނޭޝަނަލް ކޮންވެންޝަންތަކާ ހުރިހާ އެއްޗަކަށް ފިޓްވާގޮތަށް ހުންނަ، ވަރަށް ފެންވަރު ރަނގަޅު ތަނަކަށްވާނެ. އެއީ، އެ ތަނަކީ. މިހާރުވާނީ މި މަސައްކަތް ކުރާނެ، މޮޑެލްއެއްގެ ތެރެއިން މިކަމަށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމާއި، މިކަންކަމުގެ މަރުޙަލާގައި ކުރިއަށް އެދަނީ. އެއީ، ދެން ދުރު ރާސްތާގެ ޙައްލެއް. އިރާދަކުރެއްވީތީ އެކަމަކު ވަރަށް ބާރު ސްޕީޑެއްގައި އެކަމުގައިވެސް ކުރިއަށްދޭ އެބަ.
ޕްރެޒެންޓަރ:
ރައީސް، މަނިކުފާނުގެ މެނިފެސްޓޯގެ ތެރެއިން އަޅުގަނޑު ދެން އެންމެ އަޅައިގަތް އެއްކަމެއް އެއީ، މި ޑިޖިޓަލައިޒޭޝަންގެ ވާހަކަ. ދެން "މޯލްޑިވްސް 2.0" ބްރޭންޑެއްގެ ގޮތުގައި ތި ފާހަގަކުރައްވާފައި އޮތް ނަމަކީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
މިއީ ކޮންކަހަލަ ތަޞައްވުރެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! "މޯލްޑިވްސް 2.0" ދެން ހަމަ ދިވެހިންވެސް އެއަށް ކިޔަން. "ދިވެހިރާއްޖެ 2.0" އޭގެ މާނަޔަކީ، ރާއްޖޭގައި މިހާރު ސަރުކާރުން، ދައުލަތުން ދޭ ޚިދުމަތްތަކާއި، މަސައްކަތްކުރާ ނިޒާމު މިއޮތްގޮތަށްވުރެ ބޮޑަށް، މާބޮޑަށްވެސް ޑިޖިޓަލައިޒް ކުރެވިގެން ދިޔުން. އޭގެ އެންމެބޮޑު އެއް މަޤްޞަދަކީ، ކޮރަޕްޝަން ނައްތާލުން ޙަޤީޤަތުގައި. ދެން ބައެއް މީހުން ސުވާލުކޮށްފާނެ، ކިހިނެއްހޭ ކޮރަޕްޝަން ނައްތާލެވެނީ، ނޫނީވިއްޔާ މަދުކުރެވެނީ ޑިޖިޓަލް ކޮށްގެން. އެއީ، ވަރަށް ފަސޭހައިން ވިސްނިދާނެ، ވިސްނޭނެ ކަމެއް، ވިސްނާލައްވައިފިއްޔާ. އެއީ، ވަރަށްގިނަ މީހުން، އެ މީހުންގެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތެއްގައި މި ހިފަނީ، އެމީހާ އަމިއްލައަށް ޚިދުމަތްތައް ދިނުމުގައި ކަންތައްތަކެއް ކުރެވޭ ފުރުޞަތު އޮވެގެން. އޭގެ ބަދަލުގައި ވަރަށްގިނަ ކަންކަން އޮޓޯ ނިޒާމެއްގެ ތެރެއިން ހަމަ ޑިޖިޓަލައިޒްޑް ކުރެވިގެން ކުރިއަށްދާ ކަމަށްވަންޏާ، ވަރަށްމަދުވާނެ، މީހަކަށް އޭގެތެރެއަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮންނަވަރު. އަނެއްކާ އޭގެ ދެފުށް ފެންނަވަރު ބޮޑުވޭ. އެހެންވީމާ، ވަރަށްބޮޑު ތަނުން ކޮރަޕްޝަން ނައްތާލެވޭ.
އަޅުގަނޑު މިހެން މި ދަންނަވަނީ، މީގައި މިސާލަކަށް، ހަމަ ދުނިޔޭގެ އެހެން ތަންތަނަށް ބަލާއިރު، އެންމެ ރަނގަޅަށް ޑިޖިޓަލް ޚިދުމަތްދޭ ތަނަކީ، އެއް ޤައުމަކީ، ގައިމުވެސް އެސްޓޯނިއާ. އަޅުގަނޑު މި އަހަރު ކުރީކޮޅު އެސްޓޯނިއާއަށް ދިޔަ މައިގަނޑު އެއް ރީޒަނަކީވެސް އެއީ. އެ ޤައުމުގައި ކޮރަޕްޝަން ވަރަށް ވަރަށް ބޮޑަށް މަދުކުރެވިފައި އޮތް ޤައުމެއް އެއީ. ވަރަށް ދެފުށް ފެންނަ ނިޒާމެއް. ވަރަށް ކޮރަޕްޝަން މަދު. ވަރަށް އެފިޝަންޓް، ނޫނީވިއްޔާ ހިންގުންތެރި ނިޒާމެއް އޮންނަނީ.
ދެން އެ މީހުންގެ އެހީތެރިކަމާއެކީގައި މި ޤައުމުގައި މި ނިޒާމު ގެންނަން އަޅުގަނޑު މަސައްކަތް މި ފަށަނީ. އިރާދަކުރެއްވިއްޔާ ހުކުރު ދުވަހުގެރޭ މި ފަށާ ޑިޖިޓަލް ކޮންފަރެންސަކީ، މީގެ ފެށުން. އެސްޓޯނިއާގެ އެކްސްޕާޓް ޓީމެއްވެސް ވަޑައިގެން އެބަ އުޅުއްވާ. އަދި އެސްޓޯނިއާގައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ފެށި އެއް ޕައިނިއަރ، އެކަމުގެ އެންމެބޮޑު އެކަކު މި ކޮންފަރެންސްގައި ބައިވެރިވޭ. ދެން އެއީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއް. އެސްޓޯނިއާ ސަރުކާރަށް ޝުކުރުވެސް ދަންނަވަން، އެކަމުގައި ހަމަ ދެއްވާ ހުރިހާ ސަޕޯޓަކަށް.
ދެން މީގެ ބޭނުމަކީ، ހުރިހާ ތަނެއް، މިސާލަކަށް، ޞިއްޙީ ނިޒާމު. ޞިއްޙީ ނިޒާމުގެ ހުރިހާ ކަމެއް ޑިޖިޓަލައިޒް ކުރުން. އަދި ތަޢުލީމީ ނިޒާމު. ދެންގޮސް މުޅި ސަރުކާރު އަދި މުޅި ދައުލަތް. މިއަށް ވަންނާނެ ލޯކަލް ކައުންސިލްތައްވެސް، ޖުޑީޝަރީވެސް، ރައްޔިތުންގެ މަޖިލިސްވެސް، މިނިވަން މުއައްސަސާތައްވެސް، ބޭންކިންގ ނިޒާމުވެސް، ޕްރައިވެޓް ސެކްޓަރ ތެރޭގައި ހިމެނޭ ހުރިހާ ޚިދުމަތްތައް، ދެން މައިގަނޑު ޚިދުމަތްތައްދޭ، މިސާލަކަށް، އުރީދޫ، ދިރާގު. ދެން ކިޔާނެ ކަމެއްނެތް. ހުރިހާ ފަރާތްތަކެއް މީގައި ޝާމިލްވާންޖެހޭ. ދެން އެކަމަށް ޚާއްޞަ ޤާނޫނެއްވެސް އެބަ ޑްރާފްޓް ކުރަން. ޤާނޫނު އައިމަ ދެން އޭގެތެރެއަށް ބައިންޑްވާނެ، ޝާމިލްވާނެ ހުރިހާ ފަރާތްތައްވެސް. ޝާމިލްވާ، އިންޓަރކަނެކްޓްވާ ނެޓްވާރކެއް އެއަށް އަންނާނެ. ދެން މިއީ ބުރަ މަސައްކަތެއް އިނގޭތޯ. އަޅުގަނޑުމެން ހަތަރު އަހަރުގެ ޕްރޮޖެކްޓެއް މިއަށް މި ރާވަނީ.
ދެން މީގެ އެންމެބޮޑު އެއްކަމަކީ، މިހާރު އަޅުގަނޑުމެން ގެންގުޅޭ އައި.ޑީ ކާޑު. އެ އައި.ޑީ ކާޑު ބަދަލުވާނެ ހަމަ ފިޒިކަލް، އެކަމަކު ޑިޖިޓަލް އައި.ޑީ ކާޑަކަށް. އޭގެތެރޭގައި އިން ބިލްޑް ކުރާނެ، އެ މީހާގެ ހުރިހާ މަޢުލޫމާތު.
ޕްރެޒެންޓަރ:
ބޭންކް ކާޑެއް މަސައްކަތް ކުރާހެން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! ހަމަ އަތުގައި އޮންނާނެ ފިޒިކަލް ކާޑު. ކާޑު ބަދަލުވަނީ ޑިޖިޓަލް ކާޑަކަށް. އެއީ، އޭނަ ދެން ހުރިހާ ތާކަށް އެކްސެސްވާ އެއްޗަކީވެސް. މިހާރު މިސާލަކަށް، ޓެކްސް ފައިލް ކުރުމުގައި އިނގޭތޯ. އެސްޓޯނިއާގައި ޓެކްސް ފައިލްކުރަން ވަރަށް ފަސޭހަ. ދެ މިނިޓް، ތިން މިނިޓް އިނގޭތޯ. އޮޓޯއެއް ޖެނެރޭޓްވެފައި މި އޮންނަނީ، އޭނަގެ ޓެކްސް ރިޕޯޓް. ނޫނީވިއްޔާ އެ ފޯމު. އެއީ، މުޅި ގަވަރންމަންޓް ނިޒާމު، މުޅި ނިޒާމު އެކީގައި ގުޅިލާމެހިފައި އޮތީމަ، މުޅި ނިޒާމުތެރެއިން އޮޓޮމެޓިކަލީ އެ މީހުން މި ޕުލްކުރަނީ، އެ މީހާގެ އެކްސްޕެންސް ހުންނާނީ ކިހާވަރަކަށްތޯއާއި، އާމްދަނީ ޚަރަދު. ދެން އެ ފައިލްކުރީމަ، މިސާލަކަށް، އޭނަ އިތުރަށް ޓެކްސް ދެވިފައި އޮވެއްޖިއްޔާ، އެތާ ޤާނޫނީ ނިޒާމު އޮންނަ ގޮތުން އެބަ ޔަޤީންވޭ، އަނބުރާ އޭނަ އިތުރަށް ޕޭކުރި ޓެކްސް، އަޅުގަނޑު ހަނދާންވަނީ ހަތްދުވަސް ތެރޭގައި ރީ-އެމްބަސް ކޮށްދޭ. އެހެންވީމާ، ވަރަށް ފަސޭހަ ޓެކްސް ޕޭ ކުރަންވެސް.
ދެން މިހެންގޮސް ވަރަށް ފަސޭހަކޮށް ހުރިހާ ކަމެއް އޮންނަނީ. ދެން އެ މީހާގެ އައި.ޑީ ކާޑުން އެ މީހާގެ ހުރިހާ ކަމެއް އޭނައަށް ބަލައިލަދޭ. އެހެން މީހަކު އޭނަގެ ޑޭޓާއަށް އެކްސެސް ވެއްޖިއްޔާވެސް އޭނައަށް އެނގޭ، ކާކު، ކޮންގަޑިއަކުކަން ވަނީވެސް. އެހެންވީމާ، ވަރަށް އުނދަގޫވާނެތާ، މި މެނިޕިލިއަޓް ކުރަންވެސް. ސޯ ދެން މިކަހަލަ ކުޑަގޮތަކަށް މި ދަންނަވާލީ.
އެހެންވީމާ، އަޅުގަނޑު ބޭނުން، ރާއްޖޭގައި ނިޒާމު އެއްކޮށް ބަދަލުވާން. މިހާރު އެބަހުރި ވަކިވަކި އެއްޗެހި. މިސާލަކަށް، "ވަން ގަވް" ކިޔާ އެއްޗެއް އެބައޮވޭ. ޓްރޭޑް ނެޓުން ގެންގުޅޭކަންނޭނގެ އެހެން ނިޒާމެއް. ދެންގޮސް މިކަހަލަ އެއްޗެތިތަކެއް އެބަހުރި. ޖެމްސް ނިޒާމުވެސް އެބައޮތް. މި ހުރިހާ އެއްޗެއް ގުޅިލާމެހޭ ގޮތަށް. މިއިން މި ހާސިލުވާ ކަންކަމަކީ، ކޮރަޕްޝަން މަދުކުރެވޭ. ސަރުކާރުގެ ހިންގުން، ގަވަރނަންސް އަވަސްކުރެވޭ. ދެން ވަރަށްބޮޑު ތަނުން ރައްޔިތުންނަށް ފަސޭހަވޭ. އަދި މިސާލަކަށް، މީޑިއާއިން މަޢުލޫމާތު ހޯދުމުގައިވެސް ވަރަށް ފަސޭހަ ނިޒާމަކަށް މި ނިޒާމުވޭ. މުޅި ދުނިޔޭގައި މި ޕްރެސް ފްރީޑަމްގެ ދެވަނައިގައި އޮތީ އެސްޓޯނިއާ އިނގޭތޯ. ގައިމު ކަމެއްވީމަތާ. ޑިޖިޓަލައިޒޭޝަނާ ގުޅިފައި އޮތް ކަމެއްނު މިއީ. އެހެންވީމާ، އަޅުގަނޑު ބޭނުން ރާއްޖެ ކުރު ރާސްތާއެއްގައި އެހިސާބަށް ގެންދަން.
ދެން އަޅުގަނޑު އެސްޓޯނިއާގެ ސަރުކާރާ ބައްދަލުކުރިއިރުގައި، ވެރިންނާ ބައްދަލުކުރިއިރުގައި އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން، މިކަން ވާނެހޭ، އަޅުގަނޑުމެން ހަތަރު އަހަރުން ކުރަން ބޭނުމޭ. ދެން އެ ބޭފުޅުން ވިދާޅުވި، އަޅުގަނޑުމެންނަށް ވާނެއޭ މި ކަންތައް. ތިމަންނަމެންގެ ތަޖުރިބާގެ އަލީގައި، ތިމަންނަމެން ގޯ ތްރޫކުރި ހުރިހާ ކަމެއް، ތިމަންނަމެންނަށް އެނގޭނެއޭ ކިޔައިދޭން. އެހެންވީމާ، އަޅުގަނޑު މި މަސައްކަތް ކުރަނީ، އެ ބޭފުޅުން ފަންސަވީސް އަހަރުން ކުރި ކަންތައް ހަތަރު އަހަރުން ކުރެވޭތޯ.
ޕްރެޒެންޓަރ:
އެހެންވީމާ، މާދަމާރޭ މި ފެށޭ ކޮންފަރެންސާއެކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިމަގު އުޖާލާކުރުމުގެ ވަރަށް އުންމީދީ ފިޔަވަޅެއް ތި އެޅެނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އިރާދަކުރެއްވިއްޔާ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް ވަރަށް ކުރިއެރުން ލިބޭނެ. އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.ގެ 15 އިންސައްތައަކީ، ޑިޖިޓަލް އިކޮނޮމީގެ ތެރެއިން އަންނަ އެއްޗެއް ގޮތުގައި ހަދަން އަޅުގަނޑު ވާނީ ޓާގެޓެއް ކަނޑައަޅާފައި، 2030 އާ ހަމަޔަށް ދާންވާއިރަށް. އެހެންވީމާ، އެ ޓާގެޓް، އެއަށްވުރެ ކުރިންވެސް ފަހަރެއްގައި ހާސިލު ކުރެވިދާނެ، މިކަން އެންމެން އޮން ބޯޑް، އެންމެން ބަލައިގަންނަވަރަކުން. މީގައި ވަރަށް މުހިންމު ވާނެ، މީހުން ބަލައިގަތުން އިނގޭތޯ. މި ކިތަންމެހާވެސް މިކަން އިމްޕޯސް ކުރަން، ނޫނީވިއްޔާ ކުރުވަން އުޅުނަސް، ވާނެގޮތަކީ، މީހުން ބަލައިގަންނަން ޖެހޭނެ. އަދި ޚާއްޞަކޮށް، ހުރިހާ ކަމެއްގައިވެސް ވާގޮތް. ހަމަ ކޮންމެގޮތެއްވިޔަސް، އެންމެ ދުވަސްވީ، ޢުމުރުން ދުވަސްވީ އިސް ރަށްވެހިން ހަމަ ތަންކޮޅެއް ބޭނުންވާނެ އެހީތެރިކަން މީގެތެރެއަށް އަންނަން ދޮގެއްތޯ؟ އަދި އޮފީސްތަކުގައި ހިނގަމުންދިޔަ ނިޒާމު ދޫކޮށްލާފައި، އެފިޝަންޓް ޑިޖިޓަލް ނިޒާމަކަށް އައުން، އެތާނގެ މުވައްޒަފުން ޖެހޭނެ ބަލައިގަންނަން. ޗޭންޖް މިއީ އަބަދުވެސް ރެސިސްޓް ކުރާ އެއްޗެއް. މީހުން ދެކޮޅުހަދާ އެއްޗެއް ބަދަލު. އެހެންވީމާ، ޗޭންޖް މެނޭޖްމަންޓް އެއީ، ދެކޮޅުނަހަދާ، އޭގެތެރެއަށް މީހުން ވެއްދުން. އެ ކާމިޔާބުވީވަރަކަށް އަޅުގަނޑުމެންގެ ޤައުމު އިރާދަކުރެއްވިއްޔާ ވަރަށްބޮޑުތަނުން ކުރިއަރާނެ.
ޕްރެޒެންޓަރ:
ރައީސް، އަޅުގަނޑު ހިތަށްއަރަނީ، ދެންމެ ތިޔަ ވިދާޅުވި ވާހަކަތަކަށް ތަންކޮޅެއް ތަފްޞީލުކޮށް އަޅުގަނޑުމެން އެހެން ފަހަރަކުން ބަލައިލާނީއޭ. އެކަމަކު ދެން މިއަދު އަޅުގަނޑުމެން އެބަޖެހޭކަންނޭނގެ ވަގުތު ކުރުކޮށްލަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! ޝުކުރިއްޔާ.