ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމީ ދާރުލްއާޘާރުގެ އާ ޢިމާރާތް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހެނދުނު 9 ޖެހިއިރު އޮތް މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ދާރުލްއާޘާރުގެ އާ ޢިމާރާތުގެ މަސައްކަތް ފެށިގެން އައިއިރު، އެކަމުގައި އުޅުއްވި ބޭފުޅުންނަށާއި އަދި އެމަސައްކަތް މިއަދު ނިމުނުއިރު އެކަމުގައި އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުންނަށް، އެބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޤައުމީ ދާރުލްއާޘާރެއް ރާއްޖޭގައި ހުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ވެރިކަމުގެ ތާރީޚު އެންމެ ބޮޑަށް ފެނިގެންދާނީ، މި ދާރުލްއާޘާރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ ވަރަށް ދުވަސްވީ ތަނެއްކަން ފާހަގަކުރައްވަމުން، އެއްހާސް އަހަރަށް ދެމިގެންދާ ލިޔެވިފައިވާ ތާރީޚެއް މިރާއްޖޭގައި އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ލިޔެފައިނުވި ނަމަވެސް، ފެންނާންހުރި އާޘާރީ ތަކެއްޗަށް ބަލާއިރު، ރާއްޖެއަކީ ވަރަށް ޤަދީމީ ރާއްޖެއެއް ކަމަށާއި، ރާއްޖޭގައި އާބާދީއެއް އުފެދި، ދިވެހިންގެ ތެރޭގައި ވެރިކަމެއް އުފެދި، އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަތާ އެތައް ޒަމާންތަކެއް ވެއްޖެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތާރީޚުގެ އަލީގައި މިހާރު އަޅުގަނޑުމެން ކަންތައްތައް ކުރަމުންދާއިރު، ދިވެހި ރައްޔިތު މީހާގެ ޙައްޤަށް، ޚާއްޞަކޮށް، އިންސާނީ ޙައްޤަށް ރައްކާތެރިވާން ޖެހޭނެ ކަމަށާއި، އޭނާއަށް އެއްވެސް ގޮތަކުން ޖިސްމާނީ އަނިޔާއެއް ލިބުމަކީ މިއަދު ދިވެހިން ގަބޫލުކުރާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.

ޤައުމީ ދާރުލްއާޘާރު ހުޅުވުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮތް، މިރަސްމިއްޔާތުގައި ނެރުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ވާހަކަފުޅު ދެއްކެވިއެވެ. މަރްޙަބާ ދެންނެވުމުގެ ގޮތުން، ވާހަކަފުޅު ދެއްކެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަޙްމަދު ނަޞީރެވެ.

ޤައުމީ ދާރުލްއާޘާރުގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެތަން ބައްލަވާލެއްވިއެވެ.