ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ އިބްރާހީމް ރަޝީދު، ވެލާނާގެ މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު އެޢިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި، އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްފަހު، މި ޢިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން، ދިވެހި ޤައުމީ ދިދަ، އެ ޢިމާރާތުގައި ނަންގަވައިދެއްވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ވެލާނާގޭ ތާރީޚުގެ މައްޗަށް ބައްލަވާލައްވަމުން، އެ ޢާއިލާގެ ބޭފުޅުންގެ ޚިދްމަތް މިއަދުވެސް ސަރުކާރުގެ ތަފާތު ދާއިރާތަކަށް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވެލާނާގޭ ޢިމާރާތުގައި ހުރި މަރްޙޫމް އިބްރާހީމް ނާޞިރުގެ ހަނދާންތަކަށް ޚާއްޞަ ކޮޓަރިކޮޅަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތާރީޚީ އައްޑަނައެއް ހަދިޔާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މި އައްޑަނައާ ޙަވާލުވެވަޑައިގަތީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ. މި އައްޑަނައަކީ ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، 11 ނޮވެމްބަރ 1968 ގައި ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވައި، މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، އެމެރިކާގެ އޭރުގެ ރައީސް ލިންޑަން ބީ. ޖޯންސަން، ރައީސް އިބްރާހީމް ނާޞިރަށް ފޮނުއްވި ހަނދާނީ އައްޑަނައެކެވެ. މި އައްޑަނަ، މީގެ 15 އަހަރު ކުރިން ރައީސް އިބްރާހީމް ނާޞިރު ވަނީ އެމަނިކުފާނުގެ އެންމެ ހަގު ދަރިކަލުން އިސްމާޢީލް ނާޞިރަށް ހަދިޔާ ކުރައްވާފައެވެ. މި އައްޑަނަ، އިސްމާޢީލް ނާޞިރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ވެދުމަށް އެރުވުމާ ގުޅިގެން، މަރްޙޫމް އިބްރާހީމް ނާޞިރުގެ ހަނދާންތަކަށް ޚާއްޞަ ކޮޓަރިކޮޅަށް މި އައްޑަނަ ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީއެވެ.

މި އައްޑަނަ އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޤަދީމީ ޢާއިލާތަކުގެ ތެރެއިން ވެލާނާގޭ ޢާއިލާއަކީ، އެންމެ ދުވަސްވީ އެއް ޢާއިލާ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސް މަރްޙޫމް އިބްރާހީމް ނާޞިރުގެ އެކިއެކި ލިޔުންތަކާއި އަދި އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ފެންނާނެ އަދި ލިބެންހުރި ހުރިހާ ތާރީޚީ ތަކެއްޗާއި، ވެލާނާގެ ދަރިކޮޅުގެ ތާރީޚީ ހުރިހާ ތަކެތި ބެހެއްޓުމަށް ވެލާނާގޭގައި ޚާއްޞަ ކޮޓަރިކޮޅެއް ހުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރާއްޖެއަށް ކޮށްދެއްވި ޚިދްމަތްތަކުގެ މައްޗަށް އަލްފާޟިލް ކޮޕީ މުޙަންމަދު ރަޝީދު ޅެންބަހުން އެކުލަވާލައްވާފައިވާ "ނާޞިރު 222" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނެރުއްވައިދެއްވިއެވެ. ފޮތް ނެރުއްވައި ދެއްވުމުގެ ކުރިން، އިބްރާހީމް ނާޞިރު ރާއްޖެއަށް ކޮށްދެއްވި ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވައި، ކޮޕީ މުޙަންމަދު ރަޝީދު ވާހަކަ ދެއްކެވިއެވެ.

ވެލާނާގެ ހުޅުއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންނާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދެކަނބަލުންނާއި، އަދި ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ އިބްރާހީމް ރަޝީދާއި، މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުން، މި ޢިމާރާތް ބައްލަވާލެއްވިއެވެ.

ވެލާނާގެ ޢިމާރާތަކީ 14 ބުރީގެ ޢިމާރާތެކެވެ. ފްލޯރ އޭރިޔާގައި ފަނަރަހާސް ފައްސަތޭކަ އަކަފޫޓް ހިމެނެއެވެ. މި ޢިމާރާތަކީ 148 ފޫޓް އުސް ޢިމާރާތެކެވެ. މި ޢިމާރާތް ފަރުމާ ކުރެވިފައިވަނީ، ވެހިކަލް ޕާކް ކުރުމަށްޓަކައި 9 ފޫޓް އުސް ބޭސްމަންޓެއް އެކުލެވޭ ރެއިންފޯރސްޑް ކޮންކްރީޓުންނެވެ. ޢިމާރާތް ފަރުމާ ކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްއިންނެވެ. ޢިމާރާތުގެ ޢަމަލީ މަސައްކަތްތައް ކުރީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުނީ 17 ޖަނަވަރީ 2006 ގައެވެ. މަސައްކަތް މުޅިން ނިމުނީ 14 ޖުލައި 2010 ގައެވެ. މިމަޝްރޫޢަށް ދުއިސައްތަ އެއްތިރީސް މިލިއަން ޕޮއިންޓް ތިނެއް ދިވެހި ރުފިޔާ ޚަރަދުވެފައިވެއެވެ.