ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވައި، ހެޔޮވެރިކަމުގެ ބިންގާ ނެގެހެއްޓުމަށް ދިވެހި ރައްޔިތުން މިސަރުކާރާ ޙަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު، މިސަރުކާރުން އިރާދަކުރެއްވިއްޔާ އަދާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު 6 ޖެހިއިރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަދި މި ރާއްޖޭގެ ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި މިޤައުމާއި މިދައުލަތް ކޮރަޕްޝަނާއި ފަސާދައިގެ ހުތުރު އަޅުވެތިކަމުން ސަލާމަތް ކުރުމުގައި، މުރާލިކަމާއެކު އަލުގަނޑުމެން ދެމިތިބޭނެއެވެ.

2008 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ގުޅިގެން، ކުރީގެ ވެރިކަމާ ގުޅިވަޑައިގެންފައި ތިއްބެވި ބޭފުޅުންގެ މުޅި ބާރުވެރިކަމެއް މިފަހަރަކު ނުގެއްލޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުގެ ވެރިން، ވެރިކަމުގައި ތިއްބެވިއިރު، އެބޭފުޅުންނާއި އަދި ޝަރީޢަތާއި ޤާނޫނު ހެދުމުގެ ބާރާ ގުޅިފައިވާ މިންވަރަށް މިފަހުން ބަދަލެއް އައިނަމަ، އައީ ވަރަށްކުޑަ ބަދަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކުޑަބަދަލު އެގޮތަށް ގެންނެވުމަށް ސަރުކާރުން ނިންމެވީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށާއި، ރާއްޖެއަށްޓަކައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގަބޫލު ކުރައްވާ ވެރިކަމުގެ ބާރަކީ ރައްޔިތުންނަށް ޚިދްމަތް ދެއްވުން ކަމަށާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ބޭނުންވާ ޟަރޫރީ މުހުތާދުތައް ފުއްދައިދީ، ބޭސްފަރުވާ ލިބިނުދެވޭނަމަ، އެ ވެރިކަމުގައި އާރެއް ނުލާނެ ކަމުގައި ވިދާޅުވިއެވެ. އަދި ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން މެނުވީ، ވެރިކަން ބަދަހިވެ، ލާމެހިގެނެއް ނުދާނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިމަޤްޞަދުތައް ކާމިޔާބު ކުރެއްވޭ ކަމަށާއި، ޤައުމުގެ ތަރައްޤީގެ ދުވެލި މިދަނީ ކުރިއަށް ކަމުގައި ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަމުންމިދާ ޤާނޫނުއަސާސީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ތަޞްދީޤު ކުރެވިފައިމިވާ ދުސްތޫރަކީ ރިޔާސީ ނިޒާމުގެ ސިފަތައް ހާވިޔާވެ، އަދި ބަރްލަމާނީ އުޞޫލުތަކަށްވެސް ނުފެތި، ފުށުއަރާފައިވާ ޙާލަތުތައް ވަރަށްގިނަ ދުސްތޫރެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރާން ވެއްޖެނަމަ، މިދުސްތޫރުގެ ބައެއް މާއްދާތަކަށް ބަދަލު ގެންނަން އެބަޖެހޭ ކަމަށް ވިދާޅުވެ، އެބަދަލުތައް ގެނައުމަށް ބޭނުންވާނެ ހުރިހާ އިންތިޚާބަކަށް ފުރްޞަތު ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. "ރައްޔިތުންގެ ކުރިމައްޗަށް ހުއްޓި، އެމީހުން އެދޭގޮތަކީ ކޮބައިތޯ އެހުމަށް އަޅުގަނޑު ފަސްޖެހޭނެ އެއްވެސް ދަނޑިވަޅެއް އިރާދަކުރެއްވިއްޔާ ނާންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި، ޤައުމިއްޔަތު ބިނާވެފައިމިވަނީ ހަމައެކަނި ބަހާއި ދީނުގެ މައްޗަށް ކަމަށް އިވޭ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، އަހަންނަކީ ދިވެއްސެކޭ ބުނާ ބަހުގައި، އަހަރެންނަކީ ދިވެހި ބިމުން ކިތަންމެ ކުޑަތަންކޮޅެއްގެ ނަމަވެސް މިލްކުވެރިއެކޭ ނުބުނެވޭ ކަމުގައިވަނީނަމަ، ދިވެހި ޤައުމިއްޔަތުގެ ޙިމާޔަތުގައި އެމީހާ އުޅޭ މިންވަރު ކުޑަވާނެ ކަމަށާއި، އެއިޙްސާސް އޭނާގެ ހިތުގައި ފަނޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިންގެ ވަކި ފަރުދުންނަށް ނުވަތަ ރައްޔިތު މީހާއަށް ބިންވެރި ކުރެވޭނެގޮތްވުމަކީ، ދިވެހިވަންތަކަން ވަރުގަދަވެ، ޤައުމިއްޔަތު ފުރިހަމަވާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތު މީހާއަށް ބިންވެރިކުރެވޭނެ ގޮތްތައް ހޯއްދަވައި، ރާއްޖޭގައި ގެދޮރު ގަނެ ވިއްކުމުގެ ފުރިހަމަ ބާޒާރެއް އުފެއްދެވުމަކީ މިސަރުކާރުގެ އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ރަށްރަށާއި، ފިނޮޅު، ހުރާފަދަ ތަންތަނާއި، ފަޅު ފަރުފަދަ ތަންތަންވެސް ބެލެހެއްޓުމަށް އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަކީ ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުވުމަށް އެޅޭނެ ބާރެއް ކަމަށް ވިދާޅުވެ، މިރާއްޖޭގެ ތަރައްޤީގެ ޗާލޫވި ބޮޑު މަންޒަރުގެ ޗާޓް އެބަ ފެނިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މުޙަންމަދު ނަޝީދެވެ.