ޗައިނާ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ޗައިނާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ސަފީރު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން މެދުނުކެނޑޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ރާއްޖެއަކީ ޚާއްޞަ ޤައުމެއްކަމަށާއި، ދެޤައުމުގެ މެދުގައި އޮތް ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1972 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހުއެވެ.