މުސްތަޤިއްލު ވަކި ޤައުމެއްގެ ގޮތުގައި ދިވެހިން ސާތިބުވެ ތިބުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، އަބަދުވެސް ދިވެހި ރައްޔިތުންގެ ބާރު، ދިވެހި ޤައުމުގެ އެންމެހާ ކަންކަމުގެ މައްޗަށް ވެރިކުރުވުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ނައިބު ރައީސްގެ ޚިޠާބުގައި، ދިވެހިންގެ ބާރު، ދިވެހި ޤައުމުގައި އަބަދުވެސް ދަމަހައްޓައި، ދިވެހިންގެ ސިޔާދަތު ހިފެހެއްޓުމަކީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އޮތް އެންމެ މުހިންމު ރުކުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ކޮންމެ ޤައުމަކަށްވެސް ދިމާވާ ބޭރުގެ ތަފާތު ނުރައްކާތައް އެބަހުރިކަން ފާހަގަކުރައްވަމުން، އެނުރައްކާތަކުގެ މައްޗަށް އެމަނިކުފާނު ބައްލަވާލައްވާފައިވެއެވެ. ހަމައެއާއެކު، ދިވެހި ޤައުމުގެ މިނިވަންކަމަށް ބޭރުގެ ފަރާތްތަކުން ލިބިދާނެ ނުރައްކަލަކާ އެއްވަރަށް ޤައުމުގެ އެތެރެއިން ދިމާވެދާނެ ނުރައްކަލަކަށްވެސް އަޅުގަނޑުމެން ސަމާލުވާންޖެހޭކަން ނައިބު ރައީސްގެ ޚިޠާބުގައި ހަނދާންކޮށްދެއްވާފައިވެއެވެ.

ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވަމުން، ޙަޤީޤީ ޙައްލެއް ހޯދޭނީ، މައްސަލައިގެ ދެފަރާތުގައި ތިބި މީހުން ޙައްލެއް ހޯދަން މަސައްކަތް ކޮށްގެން ކަމުގައި ނައިބު ރައީސް ވިދާޅުވެފައިވެއެވެ. އަދި ސިޔާސީ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ފުރަތަމަ އެފަރާތްތަކުން ވާހަކަ ދައްކަވަން ފެށްޓެވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެގޮތުން ދައްކަވާ ވާހަކަފުޅުގައި، މުޅި ޤައުމުގެ މަޞްލަޙަތު އެންމެ އިސްކުރެއްވުމަށް ނައިބު ރައީސް ގޮވާލައްވާފައިވެއެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ސިޔާސީ ކަންކަމުގައި ޙައްލެއް ހޯދޭނީ، ހުރިހާ ފަރާތްތަކަކުންވެސް ދޫދެއްވައިގެންނެވެ. މުޅި ދިވެހި ޤައުމުގެ މަޞްލަޙަތަށް ބައްލަވައިގެން، އެންމެންނަށް އެއްބަސްވެވޭ އިޞްލާޙީ އެޖެންޑާއެއް ޤާއިމު ކުރެވިގެންނެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށްދޭ ހޫނު ޙަމަލާތަކުގެ ޢިބާރާތްތައް ފިނިކޮށްގެންނެވެ.