ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޜަން، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަށް ވަޑައިގަތުމުން ސޯޝަލް ސެންޓަރުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަޠީފްއެވެ.
މިރޭގެ ފައިނަލް މެޗުގައި ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ ބައްދަލުކުރި މެޗު، 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްލަބް ވެމްކޯއެވެ.
މިރޭގެ ރަސްމިއްޔާތުގައި، ޤައުމީ ވޮލީބޯޅަ މުބާރާތް 2025 – އަންހެން ޑިވިޜަންގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި ރެފްރީންނަށް އިނާމު ދީފައިވެއެވެ. އަދި މި މުބާރާތުގެ ރަނަރަޕް ޓީމަށް ރިހި މެޑެއްޔާއި ފައިސާގެ އިނާމު ޙަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ، އަންހެން ޑިވިޜަންގެ އެންމެ މޮޅު ދިވެހި އަދި ބިދޭސީ ކުޅުންތެރިންނާއި، 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ޝަރަފުއަރުވާފައެވެ.
އަދި، މުބާރާތުގެ އެންމެ ޝަރަފުވެރި އެއް ވަނަ ހޯދި ކްލަބް ވެމްކޯއަށް، ރަން މެޑަލް، ޓްރޮފީ، އަދި ސެޓްފިކެޓްވެސް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.