އިންޑިއާގެ ޕެހެލްގާމްގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލުވާލައި ގިނަ ބަޔަކު ޒަޚަމުކޮށްލި އެ ހިތާމަވެރި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި ހައިރާންކަމާއެކުގައިކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަމަންއަމާންކަމާއި، ރައްކާތެރިކަމާއި ޑިމޮކްރަސީގެ އަސާސްތަކަށް ޓެރަރިޒަމް ކުރިމަތިކުރާ ނުރައްކަލަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގައި ދިވެހިރާއްޖެއިން ސާބިތު ޢަޒުމެއްގައި ދެމިއޮތްކަން ހާމަކުރައްވާފައެވެ. އިއްޔެގެ މި ހަމަލާއިންވެސް ހަނދާންކޮށްދެނީ، ބައިނަލްއަޤުވާމީ އެއްބައިވަންތަކަމާއި، އެއްބާރުލުމާއި ޤައުމުތަކުން އެކުގައި މަސައްކަތްކުރުމަށް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ މިންވަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ މެސެޖުގައި ވަނީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެ، ހަމަލާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ބޮޑުވަޒީރާއި ރައްޔިތުންނާއެކުގައި ހުންނެވިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކުންޓުގައިވެސް، ތައުޒިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.