بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފަޚުރުވެރި ދިވެހި ސިފައިން، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޖެނެރަލް އޮފިސަރުން، ވަޒީރުން، ފަޚުރުވެރި ދިވެހި ސިފައިންގެ ޢާއިލާތައް، އަދި މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު މިތަނުގައި ފާހަގަކުރެވިގެން މިދަނީ، 133 ވަނަ ސިފައިންގެ ދުވަހުގެ ޙަފުލާ. 133 އަހަރު ރަސްމީ ސިފައިގައި، ސިފައިންގެ ގޮތުގައި އުފެދިގެން އައިނަމަވެސް، އޭގެ މާކުރިން ފެށިގެން، ދެންމެގައި މިތަނުގައި އެކި ބޭފުޅުން ފާހަގަކުރެއްވި ފަދައިން، ދިވެހި ސިފައިންނަކީ މި ލޮބުވެތި ޤައުމު މިނިވަންކަންމަތީ މިއަދާ ހަމައަށް ވާސިލުކޮށްދިނުމުގެ ޤުރުބާނީވެފައިވާ ފަޚުރުވެރި ސިފައިން. ރަސްމީ ސިފައެއްގައި ސިފައިންގެ ގޮތުގައި 133 އަހަރު ވެގެން މިދިޔަ ދިޔުމުގެ ތެރޭގައި، މިދިޔަ ދިގު މާޒީގެ ތެރޭގައި، އެކިއެކި ފަހަރުމަތިން ދިވެހި ޤައުމަށް ކުރިމަތިވި އެކިއެކި ޢުދުވާނުތަކަށް، އެކިއެކި ދަތި އުނދަގޫ ކަންކަމާއި، ކުރިމަތިވި އެކިއެކި ކާރިޘާ ތަކާއި، ދިމާވި އެކިއެކި ބޮޑެތި ޙާދިޘާ ތަކާއި، ރައްޔިތުންނަށް ދަތިވި ކޮންމެ ފަހަރެއްގައި، އަދި ރައްޔިތުންގެ ހެވާއި، ލާބައާއި، ތަރައްޤީއަށްޓަކައި ކޮށްދޭން އެދުނު ކޮންމެ ކަމެއްގައި، ފަޚުރުވެރި ދިވެހި ސިފައިންގެ މި ފަޚުރުވެރި ލަޝްކަރުވަނީ، ވަރުގަދަ މަސައްކަތްތަކެއް ކުރައްވައިފައި. އަދި ގެންދަވަނީވެސް ކުރައްވަމުން. އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި، އެންމެހައި ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިކަމާއެކީގައި މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަން. އަދި މި ތަހުނިޔާގައި، ތިޔަ ސިފައިންގެ ލޮބުވެތި ޢާއިލާތައް ޝާމިލުކުރަން.
ހަމަ އެއާއެކީގައި، މިއަދުގެ މި މުނާސަބަތުގައި މިތަނުގައި އެކިއެކި މެޑެލްތައް ހާސިލުކުރެއްވި ސިފައިންނަށާއި، އެކިއެކި އެވޯޑުތައް ލިބިލެއްވި ސިފައިންނަށާ، މި ހުރިހާ ފަރާތްތަކަކަށް، އަދި ހަމައެއާއެކީގައި، އަލަށް ރެކްރޫޓު ކުރެވިގެން ސިފައިންގެ ފައުޖާ މިގުޅުނު ޒުވާން ފައުޖާ، މިހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، 17 ނޮވެމްބަރު 2023ގައި، މާތްﷲ ގަންދީ ހުވާކޮށް، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ވާޖިބު އަދާކުރުމުގެ މަސައްކަތް އަޅުގަނޑު ފެށީ، އެ ހުވައިގައިވާ ގޮތަށް، އަކުރުން ފިއްޔަށް، ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ޚިދުމަތް ކުރުމަށް. އެންމެ އިސް ވާޖިބެއްގޮތުގައި އެދުވަހުވެސް، މިއަދުވެސް އަދި މާދަމާވެސް ދެކޭނީ ދިވެހި ޤައުމު ހިމާޔަތްކުރުން. ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލް ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކަމާއެކީގައި، ކުރިއަށް އަންނާން އޮތް ޖީލުތަކަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދިނުމުގައި، ކުރިއަށް ދިޔުމުގައި، އެކަމުގެ އެންމެ ފުރިހަމަ، އެންމެ މުހިންމު ބައިވެރިންނަކީ ތިޔަ ފަޚުރުވެރި ދިވެހި ސިފައިން. އެކަމަށްޓަކައި، ތިޔަދެއްވާ އެއްބާރުލެއްވުމާއި، ތިޔަ އަދާކުރައްވާ ޤައުމީ ޚިދުމަތަށްޓަކައި އަދިވެސް އެއްފަހަރު ދިވެހި ސިފައިންގެ ލަޝްކަރަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
އާދެ، މިއަދާ ހަމައަށް މި އައިރުގައި، މިދެންނެވި މަސައްކަތް ފަށައިގެން، اَلْحَمْدُ للَّهِ، އަޅުގަނޑުމެންނަށް ކަންތައްތަކެއް ހާސިލުކުރެވިއްޖެ. އެއީ، އަޅުގަނޑުމެންގެ މި ޤައުމުގެ އިޤްތިޞާދު، އަޅުގަނޑުމެންނާ ހަވާލުވެގެން އައިއިރުގައި އޮތް ހިސާބުން، އިޤްތިޞާދުގެ ފުންއަނދަވަޅުން ނަގައި، ކޮޅަށްޖެހުމުގެ މަސައްކަތާ އެކުގައި އަޅުގަނޑުމެން ފެށި މަސައްކަތުން ހާސިލުވެފައިވާ ކަންކަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން ހިމާޔަތްކުރާނީ، ހުރިހާ މާނައެއްގައިވެސް މިނިވަންކަން ދިފާޢުކުރަމުން. އިޤްތިޞާދީ މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި ޤައުމަށް ހޯދައިދެމުން. އަދި ޢަސްކަރީ ގޮތުންވެސް އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރަމުން.
އާދެ، ވައިގެ މަގުން އަޅުގަނޑުމެންގެ މި ބޮޑު، ބިޔަ އިޤްތިޞާދީ ސަރަޙައްދު ހިމާޔަތް ނުކުރެވި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި، ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކާމިޔާބީތަކެއް ހާސިލުކުރެވިފައިވޭ. އެކަން އެއީ ފެށުމެއް. އެ މަސައްކަތް އިރާދަކުރެއްވީތީ ފުރިހަމަ ކުރުމުގެ ބުރަ މަސައްކަތް އެ ދަނީ ކުރިއަށް. ރިޔާސީ ބަޔާނުގައި އަޅުގަނޑު ފާހަގަކުރި ފަދައިން، އުތުރާއި ދެކުނުގައި ވައިގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް އެބަ ކުރެވޭ. އެއީ، އަޅުގަނޑުމެންގެ މި މިނިވަން މުސްތަޤިއްލު ޤައުމުގެ މި ބިޔަބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ހިމާޔަތްކުރުމުގެ މަސައްކަތަށްޓަކައި ކުރެވޭ ކަމެއް. މި ސަރަޙައްދަކީ އަޅުގަނޑުމެންގެ ސިޔާދަތީ ބާރުގެ ތެރޭގައިވާ ސަރަޙައްދެއް. ޤާނޫނުން ސިފައިންގެ މައްޗަށް ލާޒިމުވެފައިވަނީ މި ސަރަޙައްދު ހިމާޔަތްކުރުމަށް. އެހެންނަމަވެސް، އެ ވަސީލަތްތައް ގާއިމުކުރެވިފައެއްނުވޭ މި ދިޔަތަނުގައި. އެހެންނަމަވެސް، އިރާދަކުރެއްވީތީ، މިހާރު މިވަނީ އެކަން، އެ ޤާބިލިއްޔަތުކަން ގާއިމުކުރުމުގެ މަސައްކަތް ފެށިފައި.
އާދެ، ހަމައެއާއެކީގައި، ކަނޑު މަގުން އަޅުގަނޑުމެންގެ ސަރަޙައްދު ހިމާޔަތްކުރުމާއި، ރައްޔިތުންނަށް ދޭންވާ ހިމާޔަތް ދިނުމުގައިވެސް ވަރަށް ބޮޑުތަނުން އޮތީ ކެޕޭސިޓީ އިތުރުކުރަންޖެހިފައި. ކޯސްޓްގާޑުގެ އެކި އުޅަނދުތައްވެސް ހުރީ ހަމަ ހަޤީޤަތުގައިވެސް ހަލާކުވެފައި، ވީރާނާވެފައި. ބޭނުން ނުކުރެވޭ ހިސާބުގައި ހުރި އެތައް އުޅަނދެއް ހުރި. މިއީ، އެކަމަކު ފަޚުރުވެރި ދިވެހި ޤައުމު. މިނިވަން ޤައުމެއް. ޙަޤީޤަތުގައި ހުންނަންވާ ވަރަށް ބަލާއިރުގައި އާރެއް، ބާރެއް ނެތިފައި އޮތް ޤައުމެއް. ސުވާލުތަކެއް މިއީ. ދިވެހި ރައްޔިތުން ހިތުގައި އުފެދެންޖެހޭ އެ ސުވާލުތަކަކަށް ޖަވާބު ހޯދަންޖެހޭ ސުވާލުތަކެއް. ކީއްވެތޯ މިއަދާ ހަމައަށް އައިއިރުގައިވެސް މި ކަންކަން މިގޮތުގައި އޮތީ؟ ރައްޔިތުން އެ ސުވާލަށް ޖަވާބު ހޯއްދަވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. ކަނޑުގެ މަގުން ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުމަކީ، އަޅުގަނޑު އިޢުލާނުކުރި ސިޔާސަތު. އެ ސިޔާސަތު އިރާދަކުރެއްވީތީ އަޅުގަނޑުމެން މިދަނީ ތަންފީޛުކުރަމުން. އެ މަސައްކަތް ދަނީ ބާރުމިނުގައި ކުރިއަށް.
އެއްގަމުގެ ބާރުވެސް އެފަދައިން އޮތީ ޙާލަތު ވަރަށް ދަށްކޮށް. ތަކެތި ހަލާކުވެފައި. ކޮންމެ ގޮތަކުން ބެލިޔަސް، ގިނަދުވަސް ވެފައި، ވީރާނާވެފައި، ނުނީވިއްޔާ ބަދަލުކުރަންޖެހިފައި، އަދި އިތުރުކުރަންޖެހިފައި. އިރާދަކުރެއްވީތީ އެއްގަމުގެ ބާރުވެސް ވަރުގަދަކުރުމަށް ކެޕޭސިޓީ، ވަސީލަތްތައް އިތުރުކުރުމަކީ، އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ ވާޖިބެއް.
އާދެ، މިއީ އަޅުގަނޑުމެން ލަދުގަންނަންޖެހޭ ކަމެއްނޫން. ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު ވަރުގަދަކުރުމާ، މި ކަންކަމަކީ، އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭނެ ކަންކަން. ސިފައިންނަށް އެކިއެކި ތަކެތި ހޯދައިދިނީމާ، އެކަމާ ލަދުގަންނަންޏާ، އެމީހެއްގެ އަމިއްލަ ނަފްސާ އެބަޖެހޭ ސުވާލުކުރަން، ތިމަންނަގެ ޤައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ؟ ތިމަންނައަކީ ޤައުމުދެކެ ލޯބިވާ ދިވެއްސެއްތޯ؟ މި ޤައުމަށް އުފަންވި މައް ދިވެއްސެއްވެއްޖިއްޔާ ޤައުމީ ލޯބި ހުންނަންޖެހޭނެ. އެ ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަޚުރުވެރިވާންޖެހޭނެ، ދިވެހި ފަޚުރުވެރި ދިވެހި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް. މިއީ، ޤައުމީ ވާހަކައެއް. ޤައުމީ ގޮތުން، ޤައުމީ ބާރު، ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ، މި މިނިވަން، މުސްތަޤިއްލު ޤައުމުގެ ހިމާޔަތްތެރިކަމާއި، ރައްކާތެރިކަމާއި، މިނިވަންކަމަށްޓަކައި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް. ފަޚުރުވެރިކަމާއެކީ ކުރަންޖެހޭ ކަމެއް. ލަދުގަންނަންޖެހޭ ކަމެއްނޫން. އެކަމާ މަލާމަތްކުރާ މީހުންނަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާޔަށް ގޮސްފައިވާ، ސިޔާސީގޮތުން ގޮސް ޤައުމު ކޮންމެފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް. އެ ވިސްނުމުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރުމަކީ، އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް. މި ބަވަނަވެފައިވާ މި ދުނިޔޭގައި، މި ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް، ރައްކާތެރިކުރުމުގެ ޒިންމާއަދާކުރަންޖެހޭނީ ހަމަ ކޮންމެ ދިވެހި ރައްޔިތަކު، އެ ރައްޔިތަކަށް ވީވަރަކުން. މި ޤައުމުގެ މިނިވަންކަން ވަރުގަދަކޮށް، މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ސިފައިންގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކަކީ ޤައުމީ މަސައްކަތެއް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މި މަސައްކަތްކުރަނީ ފަޚުރުވެރިކަމާއެކުގައޭ. އިރާދަކުރެއްވިއްޔާ، ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި އަޅުގަނޑުމެން ދާނީ ފަޚުރުވެރިކަމާއެކީގައި ކުރިއަށް.
އަޅުގަނޑުގެ ތަޞައްވުރަކީ، މި މަސައްކަތް މިގޮތަށް ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ މާ ދުރުނޫން މުސްތަޤުބަލެއްގައި، ދިވެހި ސިފައިންގެ ތެރޭގައި އެއަރ ފޯސްއެއް އުފެދި، ނޭވީ އުފެދި، އަދި އަރމީވެސް އުފެއްދުން. އެގޮތުން އިރާދަކުރެއްވިއްޔާ، އެ ހިސާބަށް ގެންދިޔުމަށް އަޅުގަނޑުމެން ސިފައިންގެ ޢަސްކަރިއްޔާގެ ބާރު ވަރުގަދަކުރަން މަސައްކަތްކުރާނަން. އެ ހިސާބަށް ގެންދިޔުމުގައި ކުރަންހުރި ގިނަގުނަ މަސައްކަތް އެބަހުރި. އެއީ، އަޅުގަނޑުމެން މިއީ ކުޑަކުޑަ އާބާދީއެއްކަމުގައިވިޔަސް، ވަރަށް ބިޔަ ޤައުމެއް ޙަޤީޤަތުގައިވެސް. ސަރަޙައްދުގެގޮތުން ބިޔަ ޤައުމެއް. ފަސްގަނޑު ހިކިފައިއޮތްވަރު ކުޑަވެދާނެ. ކުދިކުދި ޖަޒީރާތަކެއް ކަމުގައި މި ޤައުމުގެ ޖިއޯގްރަފީއަށް ބަލާއިރުގައި ވެދާނެ. އެހެންނަމަވެސް، 99 ޕަސެންޓަކީވެސް ދިވެހި ޤައުމުގެ ބަޔެކޭ. އެއް ޕަސެންޓް ހިކިފައި އޮތުމަކީ، މި ޤައުމުގެ މިނިވަންކަން އަޅުގަނޑުމެން ފަރުވާކުޑަކޮށްލާފައި، ހިމާޔަތްނުކޮށް، ދޫކޮށްލަންއޮތް ޢުޒުރެއް ނޫނޭ. އަޅުގަނޑުމެން ފަޚުރުވެރިކަމާއެކީގައި، މިކަމަށް އެބަޖެހޭ އިޖާބަދޭން. އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު މިނިވަންކަމާއެކީގައި ހިމާޔަތްކޮށް، ވަރުގަދަކުރެވޭނީވެސް ސިފައިންނަށް ޢަސްކަރީ ބާރުވެރިކަން ގެނެސްދެވިގެން. އެހެންވީމާ، މި މަސައްކަތް މިކުރަނީ. މިއީ ވަށާޖެހިފައިވާ ސިޔާސަތެއްގެ ދަށުން، އަޅުގަނޑުމެން މިކުރަނީ ކޮންކަމެއްކަން އެނގިތިބެ، ޤައުމަށްޓަކައި ކުރާ މަސައްކަތެއް. މި މަސައްކަތް އިރާދަކުރެއްވިއްޔާ މިގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އަދިވެސް ސިފައިންގެ އެހެން ދާއިރާތަކުންވެސް ކެޕޭސިޓީ އިތުރުކުރުމަކީ، އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ބަޔާންކުރި ފަދައިން ކުރަމުންދާނެ މަސައްކަތްތަކެއް. ފަޔަރ އެންޑް ރެސްކިއުގެ ދާއިރާވެސް އޮތީ، އެތައް އަހަރެއް މިވީ އޮތް ހިސާބުގައި. ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި. ރައްޔިތުން ހިތުގައި ސުވާލު އުފައްދަންޖެހޭ ސުވާލެއް މިއީ. ކީއްވެތޯ މިއޮތް ހުރިހާ ދުވަހު ދިޔަ ސަރުކާރުތަކުން، އެ ދާއިރާވެސް ހަމަ އެއޮތް ހިސާބުގައި އޮންނަން ދޫކޮށްލީ؟ އަޅުގަނޑުމެން މިހާރު އެ ދާއިރާގެ ތެރެއިން ކުރެވޭ ޚިދުމަތްތަކަށްވެސް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބަޖެޓުގެ ތެރެއިންނާއި އަދި ޤާނޫނީ ހަމަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ހުރި އެކިއެކި ޒަރީޢާތަކުން ކަންކަން ކޮށްދިނުމުގެ މަސައްކަތް މިވަނީ ފެށިފައި. ތަމްރީނުކުރެވޭ ސިފައިންގެ އަދަދު އިތުރުކުރުމަށްޓަކައި، ތަމްރީނުކުރާ މަރުކަޒުތައް ބޮޑުކުރުމާއި، އިތުރުކުރުމާއި، މަރުކަޒުތަކުގެ ކެޕޭސިޓީ އިތުރުކުރުންވެސް މިވަނީ އިތުރުކުރެވިފައި. އެހެންވީމާ، މި މަސައްކަތް ދާނީ އިރާދަކުރެއްވިއްޔާ މި ދެންނެވި މަގުން.
އަޅުގަނޑު އިޢުލާނުކުރި ފަދައިން، ނެޝަނަލް ސަރވިސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އެ ޚިދުމަތަށް ކުރިމަތިލުމަށް ހުޅުވައިލުން ދާދިއަވަހަށް އޮންނާނެ. އެ ޚިދުމަތުގެ ތެރެއިން، މައިގަނޑުގޮތެއްގައި ތަމްރީނުވެގެން އަންނަ ޒުވާނުންނަށް އިޚްތިޔާރުކުރަން ބޭނުންނަމަ، އިޚްތިޔާރުކުރުމުގެ ފުރުޞަތު މިދެވެނީ ސިފައިންނާ ގުޅުމަށް. އެއީވެސް މި ދެންނެވި ވިސްނުމުގައި، ސިޔާސަތުގެ ތެރެއިން، އެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ދެވި، އަޚުލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ބަޔަކަށް އެ ޒުވާނުން ހެދުމާ އެކުގައި، ސިފައިންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް މި ގެންދަނީ. މި ހުރިހާ ކަމެއް ކުރަމުންދާއިރުގައިވެސް ހަމަ ކުރިއެކޭ އެއްގޮތަށް މިހާރުވެސް، ރައްޔިތުންނަށް ހެވާއި ލާބައަށްޓަކައި ސަރުކާރުން އެދޭ ހަމަ ކޮންމެ ކަމެއްގައި ސިފައިން އެދަނީ އުފަލާއެކީގައި އިޖާބަދެމުން.
މީގެ ކުރިން، ހަނދާނަށް ގެނައުމަށް މިސާލެއް ފާހަގަކޮށްލާނަން. ސަލްޓަންޕާކު ހަލާކުވެގެން ދިޔައިރުގައި، ރަސްރަނި ބަގީޗާގެ ގޮތުގައި އެތަން ހެދީ ސިފައިން. ވަރަށް ފުރިހަމަ، ރީތި ޕާކެއް ސިފައިން ހެއްދެވީ. މިއަދު ތެލެސީމިއާ ކުދިންނަށް ބޭނުންވާ މަރުކަޒު ހެދުމަށްޓަކައި ސަރުކާރުން ހަވާލުކުރީމާ، ހަވާލުކުރި ވަގުތުން ފެށިގެން، ރެޔާއި ދުވާލު ހުއްޓާނުލާ އެ ދަނީ މަސައްކަތްކުރަމުން، އެ ތަން ނިންމަން. ސިފައިންގެ މަސައްކަތުގެ ތެރެއިން ކުރަމުން އެ ދަނީ. މިކަހަލަ މިސާލުތައް ގިނަ.
އެހެންވީމާ، މިހެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުގައި ސަރުކާރަށް އޮތް ޒިންމާއަކީ އެހީތެރިކަން ދިނުން، މަގުފަހިކޮށްދިނުން، ވަސީލަތްތައް ހޯދައިދިނުން، ކުރިއަށް ދެވޭނެގޮތް ހަމަޖައްސައިދިނުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ މި ސިޔާސަތު ތަންފީޛު ކުރުމުގައި ތިޔަ ލޮބުވެތި ސިފައިންގެ އެހީތެރިކަމާއި ތާއީދާއެކުގައި މި ގެންދާ ގޮތަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެންނެވިހެން ކުރިއަށް ދާނަން. ކުރިއަށް އޮތް ދުވަސްތަކަކީ، މިދެންނެވި މަގުން އަޅުގަނޑުމެންގެ ޤައުމުގެ މި މުހިންމު ވާޖިބު، މިނިވަންކަން ހިމާޔަތްކުރުމުގައި، އަޅުގަނޑުމެންގެ މި ފަޚުރުވެރި ސިފައިންގެ ލަޝްކަރަށް އުފަލާއެކީގައި މަސައްކަތްކުރުމުގައި އިތުރު ކާމިޔާބީތައް ލިބޭނެ ދުވަސްތަކަކަށް ވާނެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ޤައުމު މިނިވަންކަންމަތީ ތާއަބަދުމެ ލެހެއްޓެވުން. ސިފައިންގެ ޤައުމީ މަސައްކަތުގައި ކާމިޔާބީ މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު ހިމާޔަތްކުރުމުގައި އެންމެން އެކަތިގަނޑަކަށް ވެފައިވާ، ޤައުމީ ވިސްނުމުގައި އެކައްޗެއް ކިޔާ، އެއްބައިވަންތަ ބައެއްކަމުގައި ލައްވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.