ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަޚުރުވެރިވާން ވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަޞީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭނެ ކަންކަންކަމަށެވެ. ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ ޤައުމީ މަސައްކަތަކީ މި މިނިވަން މުސްތަޤިއްލު ޤައުމުގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އަދި އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަޚުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަމާ މަލާމާތްކުރާ މީހުންނަކީ، ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ޤައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން ކަމުގައި އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ. އެ ވިސްނުމުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއްކަމަށާއި، މި ޤައުމަށް އުފަން، ކޮންމެ މައް ދިވެއްސެއްގެ ހިތުގައި ޤައުމީ ލޯބި ހުންނަންޖެހޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އަދި މިއަދާއި މާދަމާވެސް އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކަމާއެކީގައި ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުން ކަމަށާއި، އެ ވާޖިބު އަދާކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދިވެހި ޤައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައިވެސް މިނިވަންކަން ކަށަވަރުކުރަމުންކަމުގައްޔާއި، އޭގެ ތެރޭގައި އިޤްތިޞާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަންވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ރާއްޖެއަކީ ކުޑަ އާބާދީއެއް ކަމުގައި ވީނަމަވެސް، ސަރަޙައްދުގެ ގޮތުން ބިޔަ ޤައުމެއް ކަމަށާއި، ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަޙައްދަކީވެސް ދިވެހި ޤައުމުގެ ބައެއް ކަން އެމަނިކުފާނު ހަނދުމަފުޅުކޮށް އެރުވިއެވެ. އަދި ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ޤައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކޮށް ޤައުމު ހިމާޔަތް ނުކުރާންވީ ސަބަބެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި އެކްސްކްލޫސިވް އިކޮނޯމިކް ޒޯން (އީ.އީ.ޒެޑް) ގެ ބޮޑު ބިޔަ ސަރަޙައްދު ވަޔާއި ކަނޑާއި އެއްގަމު މަގުން ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ޙާޞިލުކުރެވިފައިވާ ކުރިއެރުންތަކަކީ އަދި ފެށުމެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ދިވެހި ސިޔާދަތީ ބާރުގެ ތެރޭގައި ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަޞީލަތްތައް، ވޭތުވެ ދިޔަ ތަނުގައި ޤާއިމުކުރެވިފައި ނުވި ސަބަބާމެދު ސުވާލު އުފައްދަވައި، މާ ދުރު ނޫން މުސްތަޤުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދޭނޭ މަގު ފަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ ޢަޒުމުފުޅުގައި ސާބިތުވެ ހުންނެވިކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ދިވެހި އަސްކަރިއްޔާ ހަރުދަނާކުރެއްވުމަކީވެސް ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނެޝަނަލް ސަރވިސްގެ ޚިދުމަތަށް ކުރިމަތިލުމަށް ދާދި އަވަހަށް ހުޅުވާލާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުން އަލަށް ތަޢާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހާސިލުކުރި ފަރާތްތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވައި، ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިން ހުވާކުރުމުން، އެ ސިފައިންނާ ރަމްޒީގޮތުން ބަޑިހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.