އިންސާނުން ވާހަކަދައްކައި އުޅޭ ބަސްތަކާއި ބަހުރުވަތައް ތަފާތުވުމަކީ، އެކަލާނގެ ޤުދުރަތްތެރިކަމުގެ ހެއްކެއްކަމުގައި ލެއްވި ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމެވެ. މީސްތަކުންނާއި ރިވެތި ބަސްމަގުން މުޢާމަލާތު ކުރެއްވުމުގައި ނަމޫނާ ދެއްކެވި މި އުންމަތުގެ މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.

މާކަނޑުގެ މެދުން އުފެދިފައިވާ ޖަޒީރާ ރަށްތަކެއްގައި، އެއް ޤައުމެއްގެ ގޮތުގައި ދެމި އޮންނަތާ އެތައް ހާސް އަހަރެއް ވެފައިވާ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ ދިވެހި ބަހެވެ. ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް ލިބިފައި އޮތުމަކީ، ވަރަށް ބޮޑު ނިޢުމަތެކެވެ. ދިވެހިބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި، މުއްސަނދި ސަގާފަތު ދައްކައިދެއެވެ. ދިވެހީންނަކީ ޒަމާނުއްސުރެ ވަކި އާދަކާދަތަކަކާއި އުޞޫލުތަކެއް ހިފަހައްޓަމުން އަންނަ މުސްތަޤިއްލު ބަޔެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެއެވެ.

ދިވެހިބަހުގެ ދުވަސް ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާއިރު، ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާމެދު އަޅުގަނޑުމެން ވަރަށް ސަމާލުވާން ޖެހެއެވެ. ދިވެހިބަހަށް އޮތް ޝައުޤާއި ލޯބި އިތުރުކޮށް، ވަކީން ޚާއްޞަކޮށް ކިޔަވާ ކުދީންނަކީ ފަރިތަކަމާއެކު ދިވެހިބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ކުދިބަޔަކަށް ހެދޭނީ، ޒަމާނީ ފަންނިއްޔާތާއި މުވާޞަލާތުގެ ތަރައްޤީއާއި ފައިހަމަކުރެވޭނެ ކުރިއެރުން ދިވެހިބަހަށް އަޅުގަނޑުމެން ހޯދައިދީގެންނެވެ. ދިވެހިބަހުގެ ފޮތްއަލަމާރި އިތުރަށް މުއްސަނދިކޮށްގެންނެވެ. ދިވެހިބަހުން އުފައްދާ ވީޑިއޯތަކާއި ގޭމްތައް މިޒަމާނާ ގުޅޭގޮތަށް އިތުރުކޮށްގެންނެވެ. ދިވެހި ބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާއި މޮޅުކަން އަދުގެ ޖީލުތަކަށް މޭރުންވާނޭ މަގުން ކިޔައިދީ އުނގަންނައިދީގެންނެވެ.

ތާރީޚު ދައްކަމުންދާ އެންމެ ބޮޑު އެއް ހަޤީޤަތަކީ، ޒަމާނުގެ ފުރޮޅުންތަކާ އެއްގޮތަށް ދިރުމާއި އާރޯކަން ލިބެމުން ނުދާ ކޮންމެ ބަހަކުން ވާހަކަދައްކައި އުޅޭ މީހުންވެސް މަދުވަމުންދާކަމެވެ. އެވޭލާ އެތައް ބަހެއް މަރުވެ، އުވެމުންދާކަމެވެ. ދިވެހިބަހަށް މި ހާލަތު ކުރިމަތިވިޔަ ނުދީ، ދިވެހީންގެ ވުޖޫދުގެ މި އަގުހުރި ރަމްޒު އެތައް ހާސް އަހަރަކަށް ދެމެހެއްޓޭނީ އަޅުގަނޑުމެންގެ ހިންމަތާއި މިންނަތުންނެވެ. ކާބަފައިން ވާރުތަކޮށްދިން އަމިއްލަ މާދަރީބަހުގެ އަމާނާތް، އަންނާން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމުގެ ވިސްނުން އަޅުގަނޑުމެން އެންމެންގެ ސިކުނޑިތަކުގައި ގޮވާންކޮށްގެންނެވެ.

ދިވެހިބަހުގެ ވުޒާރާއެއް އުފައްދައި، ދިވެހިބަހުގެ ޢިލްމީ ދިރާސާތައް ކުރުން އިތުރުކޮށް، ޒުވާން ޖީލު ފިކުރާވާނެ އައު ވިސްނުންތަކާއެކު ބަހަށް ޚިދުމަތްކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތެވެ. ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެއެވެ. ދިވެހިބަހަށް ވެވޭ ކޮންމެ އިހުމާލެއްގެ ސަބަބުން އަޅުވެތިކަމާއި ނިކަމެތިކަމުގެ ތެރެއަށް އަޅުގަނޑުމެން ގެންދާނެ މަގު ފަހިވާނެކަން ހުޝިޔާރުކަމާއެކު ދެނެތިބެން ވާނެއެވެ.

ދިވެހިބަހުގެ ދުވަހު، އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، ދިވެހިބަހުން ވާހަކަދެއްކުމަކީ އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި އަޅުގަނޑުމެން އެންމެން ޤަބޫލުކުރުމެވެ. އަމިއްލަ ބަހުގެ އަގާއި ޤަދަރު ދަރީންނަށް ވިސްނައިދިނުމެވެ. ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރި ކުދީން ގިނަކުރުމެވެ. ދިވެހިބަހަށް އަހުލުވެރިވާނޭ މުބާރާތްތަކާއި، އެނޫން ހަރަކާތްތައްވެސް ސްކޫލް މަދަރުސާތަކާއި އޮފީސްތަކުގައިވެސް، އަދި ރަށްރަށުގައިވެސް އިތުރުކުރެއްވުމެވެ.

ދިވެހިބަހަށް ދިރުމާއި އާރޯކަމާއި ފާގަތިކަން އަބަދުވެސް މިންވަރު ކުރައްވާށިއެވެ! ދިވެހީންގެ ހިތްތަކުގައި ދިވެހިބަހަށް އޮތް ލޯބި އިތުރުކޮށްދެއްވައި، ބަސް ކުރިއަރުވައި ދެމެހެއްޓުމަށް ސަރުކާރުން ފަށާފައި މިވާ ޤައުމީ މަސައްކަތަށް ކުރިއެރުމާއި ކާމިޔާބީ އިތުރުކޮށްދެއްވާށިއެވެ! އާމީން.