މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރާއްޖޭގެ ޓީ.ވީ. ޕްރެޒެންޓަރެއް ކަމަށްވާ އަލްފާޟިލް އަޙްމަދު ޝަކީބް.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
"ރައްޔިތުންނާއެކު" މި އެޕިސޯޑުގެ، މި ސިލްސިލާގެ 3 ވަނަ އެޕިސޯޑު އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުންނަށް މި ގެނެސްދެނީ. އަޅުގަނޑުމެންގެ "ރައްޔިތުންނާއެކު" މި ސިލްސިލާ، މަނިކުފާނުގެ ޚިޔާލުފުޅަކަށް އަޅުގަނޑުމެން ފަށައިގެން ކުރިއަށްދާއިރު، މިއަދުގެ އެޕިސޯޑަށްވެސް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ، ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން.
އަޅުގަނޑުމެން މިއަދުގެ އެޕިސޯޑް ފަށާއިރުގައި، ރާއްޖޭގެ ދިރާސީ އަހަރު މިއޮތީ، އާ އަހަރަށް ފެށިފައި. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑުމެންގެ މި ވަރަށް މުނާސިބުކަންނޭނގެއޭ، މިއަދުގެ އެޕިސޯޑުގައި ތަންކޮޅެއް ބޮޑަށް ތަޢުލީމީ ދާއިރާ، އަޅުގަނޑަށް ހީވަނީ މުޅިންކަހަލަ ގޮތަކަށްވެސް ތަޢުލީމީ ދާއިރާއަށްކަންނޭނގެ މިއަދު ފޯކަސްކޮށްލަންވީ ދޮގެއްތޯ؟ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ.
ތަޢުލީމީ ދާއިރާގެ ވާހަކައިގައި، ދެން ހަމަ ފެށުމަކަށް އަޅުގަނޑު ހިތަށްއެރީ، ސަރުކާރުގެ ސިޔާސަތަށް ވަރަށްބޮޑު ސަމާލުކަން ދެއްވައިގެން ތިޔަބޭފުޅުން ފެށްޓެވި މަސައްކަތަކަށް އަލިއަޅުވާލަން ރަނގަޅުވާނެކަންނޭނގެއޭ. އެއީ، ފަށާ ތަޢުލީމުގެ ވާހަކަ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ދެން ފަށާ ތަޢުލީމަކީ މިއީ، ކޮންމެ ކަމެއްގެވެސް ފެށުމަކީ ބިންގާތާ ދޮގެއްތޯ؟ އެހެންވީމާ، ރާއްޖޭގެވެސް ފަށާ ތަޢުލީމަކީ، ތަޢުލީމުގެ ބިންގާ ކަމަށްވާއިރު، އެ ބިންގާ ހަރުދަނާކުރެވުނު މިންވަރަކަށް ތަޢުލީމުގެ އެހެން ހުރިހާ މަރުޙަލާތަކެއްވެސް ހަރުދަނާވާނެކަން އެންމެންވެސް ގަބޫލުކުރާއިރު، މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ، ފަށާ ތަޢުލީމުގެ ކަންތައްތައް ހަރުދަނާކުރެއްވުމަށްޓަކައި؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، މި ހަފްތާއަކީ ދިރާސީ އަހަރު ފެށިގެންދިޔަ ހަފްތާ. އެހެންވީމާ، ހުރިހާ ކިޔަވާ ކުދިންނާއި، ޓީޗަރުންނާއި، ބެލެނިވެރިންނާއި، ހުރިހާ ފަރާތްތަކަށް ފުރަތަމަވެސް މަރުޙަބާ ދަންނަވަން. ތަހުނިޔާ ދަންނަވަން.
ތަޢުލީމީ ދާއިރާއަކީ ސަރުކާރުގެ ސިޔާސަތުގެ ވަރަށް މުހިންމު ދާއިރާއެއް. ޤައުމު ބިނާކުރުމުގައި ކިޔަވައިގެން ތިބި ރައްޔިތުންތަކެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، ކުޑަކުދިން، މި ތަޢުލީމީ ޙަޔާތުގައި އުޅޭ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުވެގެން ނުކުމޭތޯ ޔަޤީންކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. އެހެންވީމާ، އެގޮތުން ވަރަށް އިސްކަމެއް ދެން ޙަޤީޤަތުގައިވެސް ތަޢުލީމީ ދާއިރާ ތަރައްޤީކުރަން.
ދެން އެގޮތުން ބަލައިލާއިރުގައި، ދެންމެ ތިޔަ ވިދާޅުވިގޮތަށް، ދަށް ގްރޭޑްތަކުގައި، ޚާއްޞަކޮށް، ގްރޭޑް 1 ން ފެށިގެން 6، 7އާ ހިސާބަށް ބަލާއިރުގައި، ވަރަށް ދަށްކޮށް ފެންނަނީ ޕާސް ޕަރސެންޓޭޖް. ދެން އޭގައި ގިނަ މައްސަލަތަކެއް ހުންނާނެ. ސަބަބުތަކެއް ހުންނާނެ. އެހެންވީމާ، އެކަންކަމަށް އެޑްރެސްކޮށްގެން، އެކަންކަން ރަނގަޅުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް.
ވޭތުވެދިޔަ އަހަރުތަކުގެ ރިޒަލްޓަށް އަޅުގަނޑު ބަލައިލާއިރުގައި، އަޅުގަނޑަށް ފާހަގަވަނީ ދިވެހި، އިނގިރޭސި އަދި ހިސާބު، މި ތިން މާއްދާއިން އެވްރެޖްކޮށް ފާސްވާ ނިސްބަތް، އަހަރަކުން އަހަރެއް، ނޫނީވިއްޔާ، ދިވެއްސާއި ހިސާބު ޚާއްޞަކޮށް ދަށްކޮށް. އިނގިރޭސި ދެން ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަނީ.
ދެން އެހެންވާ ކަމަށްވަންޏާ، ވަރަށް ބިރުވެރި ކަމެއް. ދިވެއްސާއި ހިސާބުން ދަށްވީމާ، ދެންހުރި މާއްދާތަކަށްވެސް އެއިން، ޚާއްޞަކޮށް، ހިސާބުން ދޮގެއްތޯ؟ ދެން ދިވެހިބަސް އެއީ، ވަރަށް މުހިންމު އެއްޗެއް. ދިވެހިބަހަށް އަޅުގަނޑުމެން ވަރަށް އިސްކަމެއް އެބަދެން. ދެން އެހެންވީމާ، މިދިޔަ އަހަރުތަކުގައި ޚާއްޞަކޮށް، އެންމެފަހު ދެތިން އަހަރު ވަރަށް ބޮޑަށް ޕަރސެންޓޭޖް ދަށްވެފައި މިއޮތީ.
އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަމެއް އެބަދެން، މިކަން ޙައްލުކުރަން. އެއީ، އަޞްލުގައި މި ރޫޓް ކޯސްއަށް ދާން މިޖެހޭ ސަބަބަކީ. ގޮސްގެން މިކަން ޙައްލުކޮށްގެން، ދެން މަތީ ތަޢުލީމަށްދާ ކުދިންގެ ރިޒަލްޓްވެސް ރަނގަޅުކުރެވޭނީ. އެހެންވީމާ، އެއީ ކިހިނެއް ކުރާނެ ކަމެއްތޯ ބަލައި، އޭގެތެރޭގައި މިސާލަކަށް، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުންވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ. ރަނގަޅު ފެންވަރުގެ ޓީޗަރުން އުފެއްދުމާއި، އަދި އޭގެއިތުރަށް، ދެވޭ ތަޢުލީމު، ޓީޗަރުންގެ ފަރާތުން ކުދިންނަށް ދެވޭ ތަޢުލީމު ރަނގަޅު ކުރުމާއި، ދެން މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހިމެނޭ.
އެހެންވީމާ، މި ފަށާ ގްރޭޑްތަކުގައި، ފަށާ ތަޢުލީމަށް ދޭންޖެހޭ އިސްކަން، ކުރީގައި ނުދެވި އޮތް މައްސަލަ ޙައްލުކުރުމަށް ވަރަށް އިސްކަމެއް ދޭން މިހާރު މިވަނީ ފެށިފައި. ދެން އޭގެ ނަތީޖާ އެކަމަކު ފެންނާނީ ހަމަ އަދި ދުވަސްކޮޅެއްގެ ފަހުން. އެއީ، ކޮންމެ އަހަރަކުވެސް ހަމަ އޭގެ ޕްރޮގްރެސްއެއް ފެންނާނެ. މިހާރު މި ދަށްވެގެންދިޔަ ދިޔުން އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެނައުން މި އަހަރުގެ ޓާގެޓަކަށްވާނީ. ދެން މި އަންނަ އަހަރު އެއަށްވުރެ ރަނގަޅުކުރުން. އެހެންވީމާ، އެގޮތަށް މަސައްކަތްތަކެއް ކުރެވެމުން ދަނީ.
ޕްރެޒެންޓަރ:
ތަޢުލީމަކީ ދެންމެ ތިޔަ ވިދާޅުވިހެން، އޭގެ ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާނެ އިންވެސްޓްމަންޓެއް ދޮގެއްތޯ އެއީ. ބައެއްފަހަރަށް އަޅުގަނޑުމެންނަށް ތަޢުލީމަށްޓަކައި ކުރާ ހޭދައިގެ ނަތީޖާ ފެނިދާނެ 10 އަހަރުންވެސް ދޮގެއްތޯ؟ ތަޢުލީމީ މަރުޙަލާ އެކީގައި ނިންމާ ހިސާބުގައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ.
ޕްރެޒެންޓަރ:
ތަޢުލީމީ ދާއިރާގައި އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީވެސް އޭގެ އަސަރު ދަރިވަރުންނަށް، ދަރިވަރުންގެ ނަތީޖާއަށް ކުރާނެ ކަންތައްތައް. ރާއްޖޭގައި ވަރަށް ޒަމާންތަކެއް ވަންދެން މީލާދީ، މި ދެންނެވީ ފިޒިކަލް އަހަރުގެ ކުރީކޮޅު، ދިރާސީ އަހަރު ފަށާގޮތަށް އޮތް އޮތުން، ދާދިފަހަކުން ބަދަލުވެގެން އައީ، އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފަށާގޮތަށް. ދެން އެއީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެކަން ކުރާގޮތެއްވެސްމެ. އެހެންނަމަވެސް، އަޅުގަނޑުމެން ޢަމަލުކުރަމުން އައި އުޞޫލެއް ބަދަލުކުރިއިރުގައި، ދެން އެ ޙާލަތު އޭރުގައި ދިމާވިގޮތުން ބަދަލުކުރަން މަޖުބޫރުވެގެން ކަމަށްވިޔަސް، ބަދަލުކުރިއިރުގައި ދަރިވަރުންގެ ޢިލްމީ ޙަޔާތުން ދުވަސްތަކެއް ގެއްލިގެންދިޔަ.
މަނިކުފާނުގެ ސަރުކާރުގައި، އެ ކުރީގެގޮތަށް އަނެއްކާވެސް ދިރާސީ އަހަރު އިޢާދަކުރުމުގެ މަސައްކަތް ފަށްޓަވައިގެން މިހާރު ވަރަށް ބޮޑަށް އެބަ ކުރިއަށްގެންދަވާ. އަޅުގަނޑު ހިތަށްއަރަނީ، މި ބަދަލުގެ ތެރޭގައި އަނެއްކާ ކުދިންގެ ޙަޔާތުން ދުވަސްތަކެއް ގެއްލިއްޖިއްޔާ، ގާތްގަނޑަކަށް އެއް އަހަރު ގެއްލޭނެއޭ. މިކަން އަޅުގަނޑު ހިތަށްއަރަނީ އެބަޖެހެޔޭ ތަންކޮޅެއް ސާފުކޮށް އޮޅުންފިލުވައިލަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ ވިދާޅުވި ފަދައިން، މިދިޔަ ސަރުކާރުގައި އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފެށޭގޮތަށް ބަދަލުކުރީ. އޭގެ ސަބަބުން ޙަޤީޤަތުގައި ހައެއްކަ މަސް، ކިޔަވާ ކުދިންގެ ޙަޔާތުން ގެއްލިގެން ގޮސްފައި ވަނީ. އެއީ، ވަރަށް ބޮޑު ގެއްލުމެއް ޙަޤީޤަތުގައި. ޚާއްޞަކޮށް، މަތީ ތަޢުލީމަށް މިދާއިރުގައި، އެއީ ވަރަށް ބޮޑު ގެއްލުމަކަށްވޭ. މިސާލަކަށް، ރާއްޖެއިން ބޭރުގައި، އަންޑަރ ގްރެޖުއޭޓް ކޯސްތައް ފަށާ ޢުމުރަށް ބަލާއިރުގައިވެސް އެއީ، ހަމަ ގެއްލުމަކަށްވޭ. ދެން އެހެންވީމާ، ޖުމްލަކޮށް ބަލާއިރުގައި އެއީ، ހަމަ ވަރަށްބޮޑު ގެއްލުމެއް.
ދެން އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ކެމްޕެއިންގައި ވަޢުދުވެފައި އޮންނާނެ، މިކަން ރަނގަޅުކޮށްދޭނަމޭ. ޖަނަވަރީގައި އަހަރު ފެށޭގޮތަށް ބަދަލުކުރާނަމޭ. އެހެންނަމަވެސް، އެކަން ކުރަން ހަމަ ވަގުތުކޮޅެއް ނަގާނެއޭ. އެއީ، ކޮންމެގޮތެއްވިޔަސް، ކިޔަވަމުންދާ ކޮންޓެންޓް ފުރިހަމަވެސް ކުރަންޖެހޭނެ. ކުރަމުން، އެގްޒޭމްތައް ހަދާ ޢުމުރުގެ ކުދިން އެގްޒޭމްތައް ހަދަމުން ގޮސްފައި، ގްރޭޑްތައް ބަދަލުވަމުން ދާންޖެހޭނީ. އެހެންވީމާ، އެ މަރުޙަލާ މިހާރު މި ކުރިއަށްދަނީ. އެ މަރުޙަލާ އެކީގައި ނިމިގެން މި އަހަރުގެ ތެރޭގައި ދާނީ. އެހެންވީމާ، މި އަންނަ އަހަރު ޖަނަވަރީގައި ފެށޭއިރުގައި، 2026ގެ ޖަނަވަރީގައި ފެށޭނީ، އާ އަހަރަކާ އެކީގައި ދިރާސީ އަހަރު.
ޕްރެޒެންޓަރ:
މި ބަދަލުގެ ތެރޭގައި އަނެއްކާވެސް ކުދިންގެ ޙަޔާތުން ދުވަސްތަކެއް ގެއްލޭނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނުގެއްލޭނެ. އަދި ގެއްލުނު 6 މަސް އަނބުރާ ވަކި ގްރޭޑަކަށްވުރެ ދަށް ޢުމުރުގެ ކުދިންގެ ރިކަވަރކުރެވޭނީ.
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑު ބަލައިލިއިރުގައި، އަޅުގަނޑަށްވެސް ފާހަގަކުރެވުނު. ބަލައިލިއިރުގައި، އެ ގެއްލުނު ދުވަސްތައް، ކުރީގައި ގެއްލުނު ދުވަސްތައް މިހާރު އަނބުރާ ހޯދިފައި އޮތް ކަމަށް އަޅުގަނޑަށް ފެނުނީ، އެކެޑަމިކް އިޔަރއަށް މި ގެނެވުނު ބަދަލުގެ ތެރޭގައި، ދުވަސްތަކެއް ނުގެއްލި، މަޑުމަޑުން، ކޮންމެ އަހަރަކު ތަންކޮޅެއް މިހެން ޖައްސަމުން ޖައްސަމުން ގެންގޮސް، ކިޔަވާ ކުދިންގެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެކަން ރިކަވަރ ކުރެވޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ހަމަ އެއާއެކީގައި، އަހަރުގެ މެދުތެރެއިންވެސް އަންނާނެ ޗުއްޓީއެއް، ދެ ޓަރމް ދޭތެރޭގައި އަންނަ ޗުއްޓީއެއްވެސް އަންނާނެ. އެއީ، ޚާއްޞަކޮށް، މި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ރިކްއެސްޓެއް ކަމުގައިވޭ، ހައިސީޒަންއަކީ ޑިސެންބަރު ހިސާބުގަނޑުވީމަ. މެދުތެރެއިން، ލޯ ސީޒަންގައި ތިމަންނަމެންނަށް ކުދިން ގޮވައިގެން ބޭރަށްދާން، ނޫނީވިއްޔާ ޑޮކްޓަރަށް ދައްކާލަން ދާން ބޭނުންވެއޭ.
ޕްރެޒެންޓަރ:
އަޅުގަނޑު އެހެން ހިތަށްއަރައިގެންނޭ މިއުޅެނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެ އޮންނާނެ. ހަމަ އެ ޗުއްޓީވެސް އޮންނާނެ މިހާރުވެސް.
ޕްރެޒެންޓަރ:
އެ އޮންނާނެ މިހާރުވެސް. ބަދަލެއް ނުވާނެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން އޭރުން ދިގު ޗުއްޓީއަކަށް ނުވެދާނެ. އެކަމަކު ހަމަ އެކަށީގެންވާ ޗުއްޓީއެއް ލިބޭނެ.
ޕްރެޒެންޓަރ:
އެހެންވީމާ، އެއްވެސް ބަޔަކަށް ގެއްލުމެއްނެތި އިރާދަކުރެއްވިއްޔާ ދާނެ އެހެން ނޫންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއްވެސް ބަޔަކަށް ގެއްލުންނުވެ، ކިޔެވުމުގެ ފެންވަރުވެސް ދަށްނުވެ، ކުރިން މި ދެންނެވި، ކުރީގައި އަންނަމުން އައި ބޮޑު މައްސަލަ، މި ފާސްވާ ޕަރސެންޓޭޖް، ދިވެހި، ހިސާބު ކަހަލަ މާއްދާތައް. އަދި އިނގިރޭސީގައިވެސް ޕަރސެންޓޭޖް މަތިނުވެ އޮތް މި މައްސަލަ. އެކަންވެސް ރަނގަޅުކުރުމުގެ ވިސްނުމުގައި، އެއަށްވެސް އެޑްރެސް ކުރަމުން، އެކަންވެސް ރަނގަޅުކުރެވޭގޮތަށޭ ދާނީ.
ޕްރެޒެންޓަރ:
ރައީސް، މި ތަޢުލީމީ ދާއިރާގެ ވާހަކަ ދެން ދައްކާއިރުގައި، އަޅުގަނޑަކީވެސް ތަޢުލީމީ ދާއިރާގައި ދުވަސްތަކެއް ވަންދެން މަސައްކަތްކުރި މީހެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށްގިނަ ދުވަސް.
ޕްރެޒެންޓަރ:
އެހެންވީމާ، މަނިކުފާނުގެ ސަރުކާރުގައި ކުރައްވަން ޚިޔާލުފުޅު ކުރައްވައިގެން، އެކަން ފަށްޓަވާފައި އޮތް ވަރަށް މުހިންމު މަސައްކަތެއްގެ ވާހަކަ، އަޅުގަނޑު ބޭނުންވޭ އެ ވާހަކަ ދަންނަވާލަން އިނގޭތޯ.
އެއީ، މި ކޫލް ސްކޫލް ޕްރޮޖެކްޓްގެ ވާހަކަ. ސްކޫލްތަކުގެ ކްލާސްރޫމްތައް އެއަރ ކޮންޑިޝަން ކުރުމުގެ ވާހަކަ. އަޅުގަނޑުމެން މި ދާއިރާގައި އުޅުނުއިރުވެސް، ދެން ދޭތެރެ ދޭތެރެއިން ހަމަ ދައްކާ ވާހަކައެއް، ދައްކަމުންދިޔަ ވާހަކައެއް އެއީ. އަޅުގަނޑުމެން ޓީޗަރުންނާއި، ޕްރިންސިޕަލުންނާއި، ސްޓާފް ރޫމާއި، ދެން ސްކޫލްގެ އިދާރީ މުވައްޒަފުން ތިބޭ ތަންތަން އެއަރކޯން ކޮށްފައި، ކުދިން ތިބޭ ކްލާސްރޫމްތައް މި ހުންނަނީ، ހަމަ އެތަނަށް ގޮސް ވަނީމަ، މިހެން ބޮލުން އުދާސްއަރާވަރުގެ ތަންތަނޭ މި ހުންނަނީ މުޅި ރާއްޖޭގައިވެސް ދޮގެއްތޯ؟ ދެން ވަރަށްމަދު ތަނެއްގައި ކްލާސްރޫމް އެއަރކޯން ކުރެވިފައި ހުރި ކަމަށްވިޔަސް، މާލޭގައި ވަރަށް މަދު ތަނެއް ހުރިކަމަށްވިޔަސް، ޖުމްލަގޮތެއްގައި ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް މި ކްލާސްރޫމްތައް ހުންނަނީ ހަމަ ދެން ވައި ހިނގާގޮތަށް. އެހެންނަމަވެސް، ހަމަ ވަރަށް ހޫނުގަދަކޮށް ހުންނަނީ.
މަނިކުފާނު ކަނޑައަޅުއްވައިފި، ހުރިހާ ކްލޫސްރޫމްތައް އޭސީ ކުރައްވަން. މިއީ ދެން އަޅުގަނޑު ހިތުން ވަރަށްބޮޑު ގޮންޖެހުމެއް. އެހެންނަމަވެސް، ޕްލޭންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރަން. ތަފާސްހިސާބުތަކަށް ބަލައިލާއިރުގައި، މި އަހަރުގެ ތެރޭގައި 3700 ކްލޫސްރޫމެއް އޭސީ ކުރައްވާ ވާހަކައެއް އެބަ ދައްކަވާ. މިއީ ކިހާވަރެއްގެ މަސައްކަތެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށްބޮޑު މަސައްކަތެއް. އެހެންނަމަވެސް، ވަރަށް މުހިންމު މަސައްކަތެއް. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި، ވަރަށް ގިނަ ރަށްތަކަށް އަޅުގަނޑަށް ދެވުނު. ހުރިހާ ރަށަކަށް ނުދެވޭ. ވަރަށްގިނަ ރަށްތަކަށް ދެވުނުއިރުގައި، ކިޔަވާ ކުދިންގެ ފަރާތުން އެންމެ ގިނައިން އައި ރިކްއެސްޓަކީ، ނޫނީވިއްޔާ އެ އެދުނު ކަމަކީ، ތިމަންނަމެންގެ ކްލާސްރޫމްތައް މިހާ ހޫނޭ. ފިނިކޮށްލަދެއްވާށޭ. ދެން ހަމަ ޙަޤީޤަތުގައިވެސް ވަރަށްބޮޑު މައްސަލައެއް އިނގޭތޯ. އެއީ ހަމަ ހޫނުގެ ތެރޭގައި އަޞްލުގައި ނުވެސް ކިޔެވޭނެ ރަނގަޅަކަށެއް. އެޓެންޝަން ދެވޭވަރު، ޢާންމުކޮށް ދެވޭވަރަށްވުރެވެސް ކުޑަވާނެ. ދެން ޙަޤީޤަތުގައިވެސް ވަރަށް ހޫނު ހުރިހާ ރަށްތައް.
ދެން އެހެންވީމާ، އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނައިގެން، ސިޔާސަތު އެގޮތުގައި މި ކަނޑައެޅީ، ހުރިހާ ކްލާސްރޫމްތަކެއް ފިނިކުރަން، އޭސީކުރަން. ދެން އޭސީކުރާއިރުގައި، އަދި އިޢާދަކުރަނިވި ހަކަތައިން ޕަވަރކުރެވޭގޮތަށް އެކަން ގެންދަން. 3700 ވަރަކަށް ކްލާސްރޫމް، މުޅި ރާއްޖޭގައި މިހާރު ހުރި ޢަދަދަކީ. އަދި އިތުރުވެސް ކުރެވިގެން އެބަދޭ. މިހާރު ހުރި ޢަދަދު 3704 ކްލާސްރޫމް. މި ކްލާސްރޫމްތައް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަމާޒުކުރަނީ، ސެޕްޓެންބަރު މަސް ތެރެއަށް ދާންވާއިރަށްވެސް ކޮށްދެވޭތޯ. އެކަމަކު ގައިމުވެސް މި އަހަރު ތެރޭގައި އިނގޭތޯ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެ. މިހާރު ހަމަ އެކަމާބެހޭ ފަންޑިންގ އިޝޫއެއްވެސް ނެތް. ހަމަ ގަތުމުގެ ޕްރޮކިއުމަންޓްގެ ތެރޭގައި އެދަނީ. އަދި ބައެއް ތަންތަން، މިހާރު ގާތްގަނޑަކަށް 800 ވަރަކަށް އޭސީ ހަރުވެސް ކުރެވިއްޖެ. އެކިއެކި ކްލާސްތަކުގައި. ދެން އޭގެތެރެއިން އެއްބައި އަދި އެއީ. މިހާރު 9000 ކޮންމެވެސްވަރެއް ޖުމްލަ މިދަނީ. އޭގެތެރެއަށް އެބަ އިތުރުކޮށްލަން މިހާރު މި ހޯލުތައްވެސް އިނގޭތޯ. އެއީ، ކުރިން އަޅުގަނޑު ވަޢުދުވީ ކަމެއްނޫން. ކްލާސްރޫމްތައް ފިނިކުރަން ނިންމީ. އެކަމަކު ހޯލުތައްވެސް ވަރަށް މުހިންމު. ހޯލްތަކުގައި ކުދިންގެ އެކިކަހަލަ އެކްވިޓީޒްތައް އެބައޮވޭ. އެއީ، ވަރަށް މުހިންމު މަރުކަޒަކަށް، އަނެއްކާ ގިނަ ރަށްތަކުގައި އެއީ، ހަމައެކަނި ސްކޫލްގެ ބޭނުމަކަށްވެސް ބޭނުންކުރާ ތަނެއްނޫން. ރަށުގައި ނުހުރޭ ރައްޔިތުން އެއްވެގެން އެއްވެސްކަހަލަ ހަރަކާތެއް، އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއްވެސް. ޖަލްސާއެއް ބާއްވާލަންވިޔަސް، ނޫނީވިއްޔާ އެހެންކަހަލަ ބައްދަލުވުމެއް ބާއްވާލަންވިޔަސް ހުންނަ ތަނަކީ، މަލްޓި-ޕަރޕަސް ހޯލް ގޮތަށް ހުންނަ ހޯލުތައް.
އެހެންވީމާ، އަޅުގަނޑުމެން މިހާރު އެއަށް މި އިތުރުކޮށްލީ ހޯލުތައްވެސް. އެކަމަކު އެ ޓާގެޓް މިހާރަކު ހާސިލެއްނުވާނެ. އެއީ، ހަމަ އިތުރުވެގެންދާ މަސައްކަތެއްވީމަ. އެކަމަކު މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާހެއް އޭސީކުރެވި އަދި އޭސީގެ ކަރަންޓަށް ބޭނުންވާ ހަކަތަ އިޢާދަކުރަނިވި ސޯލަރ ޕަވަރއިން ހަމަޖެހިގެންދާނެ. އެހެންވީމާ، އެ މަސައްކަތް އެބަ ހިނގާ. އެއަކު އެއްވެސް މައްސަލައެއް ނެތް. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހާސިލުވާނެ.
ޕްރެޒެންޓަރ:
ދެން މީގައި ބައެއްފަހަރު މީސްމީހުން ލިޔެފައި ހުންނަ އެއްޗެއްސާއި، ދެކެވޭ ވާހަކައަށް ބަލާއިރުގައި، ދެންމެ ތިޔަ ވިދާޅުވިހެން މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ވަޢުދެއް މި ވަޢުދަކީ. ދެން މިކަން ކުރައްވާނީ ހަމަ ސަރުކާރުން ކަމަށް ވިދާޅުވެފައި އޮއްވައި، ބައެއް ސްކޫލްތަކުގައި ބެލެނިވެރިން މީގެތެރެއަށް ކޮންމެވެސްވަރަކަށް ވެދެވަޑައިގަންނަވާކަން އެބަ އެނގޭ. މި ދެން ބައެއް ވާހަކަތަކުގައި އެބަހުރޭ، ސަރުކާރުން ވަޢުދުވީ މިގޮތަށޭ. އެކަމަކު މިހާރު ބެލެނިވެރިން ކުރާ ކަމަކަށްހެއްޔޭ، މިކަން ވާން މިޖެހެނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނޫން. ނޫން. ބެލެނިވެރިން ކުރާކަށް ނުވެސްޖެހޭނެ އިނގޭތޯ. ދެން ބައެއް ސްކޫލްތަކުގައި ވަރަށް ކޮމިއުނިޓީކޮށް އޮންނަ ކަމެއް. ދެން ޝަކީބްބެއަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ. ހަމަ ބައެއް ބެލެނިވެރިން ބޭނުންވެލައްވަނީ އަމިއްލަފުޅަށް އެކަން ކުރައްވަންވެސް. ތިމަންނަގެ ދަރިފުޅު ދާ ސްކޫލް، ތިމަންނަ ބޭނުމޭ އޭސީކުރަން. ދެން އެއަށް ފުރުޞަތު ހަމަ ނުދީފިއްޔާވެސް ކަމަކުނުދޭ.
ޕްރެޒެންޓަރ:
ފުރުޞަތު ބަންދުކޮށްލާކަށް ނުވާނެކަންނޭނގެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއްވެސް ބެލެނިވެރިޔަކު ނުޖެހޭނެ އަތުން އެއްވެސް އެއްޗެއް ދެއްވާކަށް މިކަމުގައި.
ޕްރެޒެންޓަރ:
ދެންމެ ތިޔަ ވިދާޅުވިހެން، މިސާލަކަށް، ހޯލުތައް އަޅުގަނޑުމެން އޭސީކޮށްފި ކަމަށްވަންޏާ، އޭގެ ފައިދާ މުޖުތަމަޢަށް ވަރަށް ބޮޑަށް ކުރާނެ. އެއީ، މުޖުތަމަޢު ސްކޫލާ ގުޅުވައިދިނުމަށް އެޅޭ ވަރަށްބޮޑު ބާރަކަށްވެސް ވާނެ. އަޅުގަނޑު ހިތުން ހަމަ ވަރަށް މުހިންމު ކަމެއްކަންނޭނގެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް މުހިންމު ކަމެއް.
ޕްރެޒެންޓަރ:
ދޮގެއްތޯ؟ އެހެންވީމާ، އަޅުގަނޑު ދެން ތިކަން ހަމަ މި ދަންނަވާހެން ދެކެން ހަމަގައިމުވެސް ތިއީ ވަރަށް ފައިދާކުރަނިވި، ބިނާކުރަނިވި، ގުޅުން ބަދަހިވާނެ ކަމަކަށް ވާނެ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އިރާދަކުރެއްވިއްޔާ ވާނެ.
ޕްރެޒެންޓަރ:
އިހަށްދުވަހު ތި ވަޑައިގެންނެވި ދަތުރުފުޅުގައި، އަޅުގަނޑަށް ޚަބަރު ލިބުނު، ރާއްޖެއިން ބޭރުގައި ކިޔަވާ ބައެއް ކުދިންނާ މަނިކުފާނު ބައްދަލުކުރެއްވި ވާހަކަ. ރާއްޖެއިން ބޭރުގައި ތިބޭ ކިޔަވާ ކުދިންނާ މަނިކުފާނު މިހެން ބާއްވަވާ ބައްދަލުވުންތަކުގައި، ކޮބައިތޯ މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާ ކަންކަމަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިހާރު ރާއްޖޭގައި ކިޔަވާ ނިމިގެން، މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކަށް އެބަދޭ ވަރަށްގިނަ ކުދިން އިނގޭތޯ. ވަރަށްގިނަ ކުދިން އެބަދޭ. ދެން މީގެތެރެއިން ވަރަށްގިނަ ކުދިންނަކީ، ސްކޮލަރޝިޕްގައި ދާ ކުދިން. ސަރުކާރުން ހުރިހާ ޚަރަދެއް ކުރަނީ. އަދި ވަރަށްގިނަ ކުދިން ހަމަ ލޯނު ސްކީމްގައިވެސް އެބަދޭ.
އަޅުގަނޑު އަތުގައި ހުރި މަޢުލޫމާތަށް ބަލާއިރުގައި، މިވަގުތު 1650 އެއްހާ ކުދިން ލޯނުގައި އެބަ ކިޔަވާ ރާއްޖެއިން ބޭރުގައި. މި ދަތުރުގައި، މި ދެންނެވީ އިހަށްދުވަހު އަޅުގަނޑު އިނގިރޭސިވިލާތަށް ކުރި ދަތުރުގައިވެސް ބައްދަލުވި، ލޯނުގައި ކިޔަވާ ކުދިންނާ. ދެން ލޯނުގައި ކިޔަވާ ކުދިންގެ އެންމެބޮޑު އެއް ކަންބޮޑުވުމަކީ، ދެން ކުރީގައި ދެންމެ ތިޔަ ކުރެއްވި ސުވާލުގެ ޖަވާބާ، އެއާ ގުޅުވާލާނަން. އަޅުގަނޑު ކުދިންނާ މި ބައްދަލުކުރަނީ، ކަންބޮޑުވުންތައް އަޑުއަހަން އިނގޭތޯ. އެ ކުދިން ގާތަށް ގޮސްފައި، އެ ކުދިން ބޭނުންވަނީ، ނޫނީވިއްޔާ ޙިއްޞާކުރަން އޮތީ ކޮން ކަމެއްތޯ އަޑުއަހަންވެގެން. ކޮންމެ ދަތުރެއްގައިވެސް އިރާދަކުރެއްވިއްޔާ ވަގުތުވީވަރަކުން ހަމަ ދިވެހިންނާ ޢާންމުކޮށް، ދެން ކިޔަވާ ކުދިންނާ ޚާއްޞަކޮށް ބައްދަލުކުރަން. އެއީ، ޤައުމުގެ މުސްތަޤްބަލަކީ، ރަނގަޅަށް ކިޔަވައިގެން ތިބި ކުދިންތަކެއް އިތުރުވިވަރަކަށް ރަނގަޅު ކުރެވޭނެ އެއްޗަކަށްވާތީ. އަޅުގަނޑު ބޭނުން، އަޅުގަނޑުމެންގެ މި ދިވެހި ޤައުމުގެ މުސްތަޤްބަލް ވަރަށް އުޖާލާކުރަން. ކިޔަވައިގެން ތިބި، އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ދިވެހިންގެ އަތްމައްޗަށް ދިވެހިންގެ ކަންކަން ނިންމުމުގައި ފުރުޞަތު ލިބިގެން ދާން.
އާދެ، އެހެންވީމާ، މި ކުދިންގެ ކަންބޮޑުވުންތައް އަޑުއެހީމާ އަޅުގަނޑަށް އެބަ ފުރުޞަތު ލިބޭ، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން، އެކަމަކަށް ރަނގަޅު ގޮތްތަކެއް ހަދަން. މި ދެންނެވިހެން އިނގިރޭސިވިލާތުން ބައްދަލުވި ކުދިންގެ ތެރެއިން ލޯނުގައި ކިޔަވާ ކުދިންގެ ކަންބޮޑުވުމަކީ، ލޯނަށް
މި ދޫކުރާ ފައިސާ މި ދޫކުރަނީ ރުފިޔާއިން. ރުފިޔާއިން ދޫކުރާ ފައިސާ ޑޮލަރަށް ކޮންވަރޓް ކުރުމުގައި، ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން އެ ގެއްލޭ ފައިސާ، އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ވާހަކަ ދެއްކެވި. ދެން އަޅުގަނޑަށް ޔަޤީން، މިއީ ހަމަ ރާއްޖެއިން ބޭރުގެ އެހެން ހުރިހާ ޤައުމެއްގައިވެސް ލޯނުގައި ކިޔަވާ ކުދިންނަށް ދިމާވާނެ މައްސަލައެއް.
ދެން އެހެންވީމާ، ބޭންކް ރޭޓުގައި ލޯނު ސްކީމްގައި ކިޔަވާ ކުދިންނަށް ޑޮލަރު ލިބޭނެގޮތެއް ހަމަޖައްސައިދެވިދާނެތޯ، އެ ކުދިން އެދުނީ އަޅުގަނޑު ގާތުގައި. ދެން އެއީ ވަރަށް ރަނގަޅު، ވަރަށް ޖާއިޒް ވާހަކައެއް އެ ކުދިން ދެއްކީ. އެއީ، ބްލެކް މާކެޓްގައި މި ޑޮލަރު ހޯދަންޖެހެންޏާ، 15.42 އަށްވުރެ އިތުރުވާ ކޮންމެ ލާރިއެއް އެއީ، ކުއްޖާއަށް ލިބޭ ގެއްލުމެއް. އެ ކުއްޖާ އަތުންތާ، އެ ލިބުނު ލޯނުގެ ތެރެއިން ހަމަޖައްސަން މިޖެހެނީ.
އެހެންވީމާ، އަޅުގަނޑު މިހާރު ފިނޭންސް މިނިސްޓަރަށް ދަންނަވާފައި ވާނީ މިކަމަށް ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތް ފަށްޓަވާށޭ. އެހެންވީމާ، ފިނޭންސް މިނިސްޓަރ، ގަވަރނަރއާވެސް މަޝްވަރާ ކުރައްވާނެ. މިހާރު މަޝްވަރާތައް ފަށްޓަވައިފި އިނގޭތޯ. އަޅުގަނޑު މިއައީ އިހަށްދުވަހު. އައިގޮތަށް އެކަން ވާނީ ހަވާލުކޮށްފައި މިހާރު. ފިނޭންސް މިނިސްޓަރާއި، އެމް.އެމް.އޭ. ގަވަރނަރއާ މަސައްކަތް ކުރައްވާނެ. ކޮށްގެން އަޅުގަނޑުމެން މިހާރު މި ފަށައިގެން ނޫންތޯ މިއުޅެނީ، ބޭންކަށް ޓޫރިޒަމް އިންޑަސްޓްރީއާއި، އަދި ވަކިވަރަކަށްވުރެ ގިނައިން އާމްދަނީ ހޯދޭ ފަރާތްތަކުން ޑޮލަރު މާރުކުރުން ދޮގެއްތޯ؟ އެހެންވީމާ، އެކަމުގެ ތެރެއިންނާ އެކީގައި ގޮސްފައި އަދި ޕެރަރަލް މާކެޓޭ މި ކިޔާ ބްލެކް މާކެޓްގައި، ސަރުކާރު ކުންފުނިތަކުން ޑޮލަރު ގަންނަންޖެހޭ ޖެހުން ނިމުމަކަށްވެސް ގެންނަންތާ މިއުޅެނީ މީގެތެރެއިން.
މި ހުރިހާ ކަމެއް ގުޅިގެންދާ މަސައްކަތެއްގެ ތެރެއިން ގޮސް، އެ ކުދިންގެ މި ކަންބޮޑުވުމަށް ޙައްލު ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. އެއީ، އެކަމަކު ރާއްޖޭގެ މާކެޓަށް، ޑޮލަރު މާކެޓަށް އޭގެ ނުރަނގަޅު އަސަރެއް ނުކުރާގޮތަށް. އެ ކުދިންނަށް ބޭންކް ރޭޓުގައި އެ ޑޮލަރު ލިބެންޏާ ލިބެންވާނީ އެ ޤައުމުގައި، އެ ކިޔަވާ ތަނެއްގައި އެ ބޭނުންކުރަން ދޮގެއްތޯ؟
އެހެންވީމާ، އެގޮތަށް އެކަން ހަމަޖެހިގެންދާ ގޮތަށް، ލޯނު ސްކީމްގައި ކިޔަވާ ކުދިންނަށް ބޭންކް ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިކަން އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. އެކަމުގެ މަސައްކަތް ހަމަ އަޅުގަނޑު އައިގޮތަށް އައިސް ފަށައިފިން.
އެހެންވީމާ، ސީދާ ކޮން ދުވަހެއްކަން ދަންނަވާލާކަށް އަދި ނޭނގޭނެ. އެކަމަކު އެ އަމާޒަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން.
ޕްރެޒެންޓަރ:
އެކަން ހަމަޖެހިއްޖިއްޔާ އެ މީހުން ބިނާކުރުމަށް ވަރަށްބޮޑު ކަމެއް ކޮށްދެވެނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑު ކަމެއް. އެކަމާ ކަންބޮޑުވެގެން މިއުޅެނީ ދޮގެއްތޯ؟ ދެން އެ ކަންބޮޑުވުން ޙައްލުކޮށްދިނީމަ، އެ ކުދިން ވަރަށް އުފާވާނެ ނޫންތޯ. އެހެންވީމާ، އެއީ އެއް ކަންތައް.
އެހެންވީމާ، ބޭރުގައި ކިޔަވާ ކުދިންނާ މި ބައްދަލުކުރަނީ، މިހެންހުރި ކަންކަން އަޑުއަހާލަން.
ދެން ސްކޮލަރޝިޕްގައި ކިޔަވާ ކުދިން. އެ ކުދިންގެވެސް ހަމަ މައިގަނޑު ޝަކުވާއަކީ، އެ ކުދިންގެ މެއިލްތަކަށް ޖަވާބުދިނުން ލަސްވުން. އޭގެތެރެއިން ބައެއް ކުދިން މި ބުނަނީ، ޕޭމަންޓް، މިސާލަކަށް، ސްޓައިޕެންޑް، ނޫނީވިއްޔާ ޔުނިވަރސިޓީއަށް ދައްކާ ޓިއުޝަން ފީ ލަސްވާ ވާހަކަތައް.
ދެން ހަމަ އެއީ، ވަރަށް ރަނގަޅު ވާހަކަތަކެއް. އަޅުގަނޑަށް ހަމަ މިކަން ކޮންމެ ދިމާއަކުންވެސް އަޑުއިވޭ. ދެން މިހާރު ކަމާބެހޭ މިނިސްޓަރު، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާއި، އަދި ފިނޭންސް މިނިސްޓަރަށްވެސް ދަންނަވާފައި އޮންނާނީ. ދެ ކަންތައް މީގައި މިއޮތީ. އެއްކަމަކީ ކޮމިއުނިކޭޝަން އިޝޫ ޙައްލުކުރުން. އެކަން ޙައްލުކުރާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު. ދެން މިއޮތީ ފައިސާ ދޫކުރުން. މި ދެ މިނިސްޓަރުންގެވެސް ކޯޑިނޭޝަނާ އެކީގައި ހިނގާ ކަމެއް. އެހެންވީމާ، އެކަން ޙައްލުކުރަން މިހާރުވާނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި.
ދެން އެއް ކަމެއްގެ ގޮތުން، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ސްކޮލަރޝިޕް ދީގެން ބޭރުގައި ކިޔަވާ ކުދިން ތިބޭ ޤައުމުތަކަށް ޚާއްޞަކޮށްގެން، ކޮންމެ ޤައުމަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރެއް ނަގާނީ. ކޮންމެ ޤައުމަކަށް ޚާއްޞަ އިނގޭތޯ. ދެން ގާތްގަނޑަކަށް ދިހަވަރަކަށް ޤައުމުގައި މި ކިޔަވަނީ. ދެން އެއަށްވުރެ ގިނަވިޔަސް މައްސަލައެއް ނެތް. ކޮންމެ ޤައުމަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރެއް ނަގާނެ. ދެން އެ ނަންބަރު މެނޭޖް ކުރާނެ ވަކި ޚާއްޞަ ސްޓާފެއް ހަމަޖައްސާނެ.
އެހެންވީމާ، މި މެކޭނިޒަމް ރާވަން، އަޅުގަނޑު އައިގޮތަށް އައިސް ބައްދަލުކޮށް، މިނިސްޓަރާ މިހާރުވާނީ ޒިންމާ ހަވާލުކޮށްފައި.
ދެން އޭގެއިތުރަށް، ހަޔަރ އެޑިޔުކޭޝަނާއި ފިނޭންސާ ދޭތެރޭ ކޮމިއުނިކޭޝަން ރަނގަޅުކުރުމަށް. ފިނޭންސްގައި މިހާރު އަޅުގަނޑު ޔަޤީންވެސް ކޮށްފިން، ތެލާއި ކާޑަށް ފައިސާ ދެއްކުމަށްވުރެވެސް އިސްކަންދޭނެ، ފިނޭންސް މިނިސްޓްރީގައި އައިސްފައި އޮތް ޕެންޑިންގ ރިކްއެސްޓެއް، ލޯނު، ނޫނީވިއްޔާ ސްކޮލަރޝިޕްގައި ކިޔަވާ ކުއްޖެއްގެ ޕޭމަންޓެއް އޮވެއްޖިއްޔާ. އޭތި ދޫކޮށްފައި، ތެލަށްވެސް، ކާޑަށްވެސް މިހާރު ޕޭ ކުރާނީ އިނގޭތޯ. އެހެންވީމާ، ނަންބަރ ވަން އިސްކަން ދީފައި އެއޮތީ. އެންމެ އިސްކަންދެނީ، ބޭރުގައި ކިޔަވާ ކުދިންނަށް ލޯނު، ނޫނީވިއްޔާ ސްޓައިޕެންޑް، ނޫނީވިއްޔާ ސްކޮލަރޝިޕްގައި ކިޔަވާ ކުދިންގެވެސް ސްޓައިޕެންޑް، ނޫނީވިއްޔާ ޓިއުޝަން ފީ ދޫކުރުމަށް. އެހެންވީމާ، މިކަން ޙައްލުކުރާނަން އިރާދަކުރެއްވިއްޔާ އިނގޭތޯ.
އެހެންވީމާ، މިކަހަލަ ކަންތައްތަކެއް، މި ކުދިންނާ ބައްދަލުކޮށްގެން މި ހާސިލުކުރަނީ. އެ ކުދިންނަށްޓަކައި މި ރަނގަޅުކޮށްދެނީ. އެއީ، މި ކުދިންނާ ބައްދަލުކުރާ ސަބަބަކީ އިނގޭތޯ.
ދެން ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރާ ކުދިންނަށް މިހާރަށްވުރެ ރަނގަޅު ފުރުޞަތުތައް ހޯދައިދީ، ކަންކަން ރަނގަޅުކޮށްދިނުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އެއީ، ކުރިން އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑު ބޭނުން، އެކި ދާއިރާތަކުން ކިޔަވާފައި ތިބި ވަރަށްގިނަ ކުދިން އުފައްދަން އިނގޭތޯ. މިސާލަކަށް ދަންނަވަންޏާ، އިންޖިނިއަރިންގ ދާއިރާތައް މިހާރު ވަރަށްމަދު ރާއްޖޭގައި. ސައިންސް ބޭސްޑް ދާއިރާތައް ވަރަށްމަދު. މެތަމެޓިކްސް ބޭސްޑް ދާއިރާތައް ވަރަށްމަދު. ސްޓެމް އެޑިޔުކޭޝަން ދަށް. މިދިޔަ އަހަރުތަކުގައި، ކޮންމެވެސް ސަބަބަކާހުރެ ސްޓެމް އެޑިޔުކޭޝަން، ސައިންސް ޓެކްނޯލޮޖީ، އިންޖިނިއަރިންގ، މެތަމެޓިކްސް ދާއިރާތައް ހަމަ ދަށް.
ޕްރެޒެންޓަރ:
ހަމަ އެއްކޮށް ގޮސްފައި ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑާ އިނގިރޭސިވިލާތުން މި ބައްދަލުވި ކުދިންވެސް އަދި ކުރިން އިންޑިޔާއަށް ދިޔަ ދަތުރުގައިވެސް، އަދި ބައެއް އެހެން ޤައުމުތައްވެސް، މުޅިންވެސް ބިޒްނަސް ދާއިރާތަކުން ކިޔަވަނީ. ހަމަ އެއީވެސް މުހިންމު ދާއިރާއެއް އިނގޭތޯ. އެކައުންޓިންގ، ފައިނޭންސް، ދެން މިކަހަލަ ދާއިރާތަކުގައި ކިޔަވާ ކުދިންނާ މި ދިމާވަނީ. އެކަމަކު ރާއްޖެއަށް ވަރަށް މުހިންމުވޭ އެބަ ޤައުމު ބިނާކުރުމުގައި، އެ ދާއިރާތައް ފަދައިން، އިންޖިނިއަރިންގ، ސައިންސް ބޭސްޑް ދާއިރާތަކުންވެސް ކިޔަވާފައި ތިބި މީހުން. އެހެންނޫނީ ބޭރުން މީހުން ގެންނަން މިޖެހެނީ. މިސާލަކަށް، ޑޮކްޓަރުން، އިންޖިނިއަރުން. އަޅުގަނޑުމެން މިހާރު ވަރަށްގިނަ މަޝްރޫޢުތައް ހިންގާއިރު، އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ހިންގާއިރުގައި، ނެތް އިންޖިނިއަރުންނެއް. ކޮންޓިޓީ ސަރވޭޔަރުންނެއް ނެތް. ދެން އެ ދާއިރާގެ، އެއްވެސް ދާއިރާއެއްގެ މީހުންނެއް އެކަށީގެންވާވަރަކަށް ނެތް.
އަޅުގަނޑުމެން ކިޔެވި ޒަމާނުގައި އެއީ، އެންމެ އިސްކަމެއް ދޭ، ކުދިން ޝައުޤުވެރިކަން ދޭ ދާއިރާ. އެއީ، އިންޖިނިއަރިންގ ދާއިރާ. އޭރުގައި ކިޔެވި ބައެއް ގާތްގަނޑަކަށް މިހާރު ރާއްޖޭގައި މިތިބީ. އަޅުގަނޑާއި އަޅުގަނޑުމެންނަށްވުރެ ދެން ތަންކޮޅެއް ހަގު، ދިހަވަރަކަށް އަހަރު ހަގުވުމަށްފަހު، ދެން އެއަށްވުރެ ހަގު މީހުންގެ ތެރެއިން މަދުވާނެ.
ޕްރެޒެންޓަރ:
ނެތީކަންނޭނގެ. ތިޔަ ވިދާޅުވިހެން އަޅުގަނޑުމެން ކިޔެވިއިރުގައިވެސް އޭރުގައި ހަމަ ސައިންސް ސްޓްރީމް އޮންނާނީ އަބަދުވެސް ފުރިފައި. ދެން އެއިން ޖާގަ ނުލިބޭ ކުއްޖަކުކަންނޭނގެ، އާޓް ސްޓްރީމަށް އޭރު ދާނީވެސް. މިހާރު މިއޮތީ އެކޮޅުކޮޅުން ޖެހިފައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަނެއްކޮޅަށް ޖެހިފައި. އެހެންވީމާ، އެއަށް އިސްކަންދިނުމަށްޓަކައިވެސް ސަރުކާރުން މިހާރު މިވަނީ ލޯނު ސްކީމްގައިވެސް އިސްކަމެއް ދީފައި. އަދި ވަޒީފާ ދިނުމުގައިވެސް. ބަޖެޓްތެރެއިން އަޅުގަނޑު މިވަނީ މިހާރު ޚާއްޞަކަމެއް ދީފައި، ފުރުޞަތު ހަމަޖައްސާފައި، އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުއްޖެއްވިއްޔާ، ސަރުކާރަށް އެމްޕްލޯއި ކުރުމުގައި ހަމަ އިސްކަމެއް ދޭނަން، ރަނގަޅު ޕެއިޑް ސެލަރީގައި. އެހެންވީމާ، އެއީ ހަމަ ވަރަށް އިސްކަމެއްދޭ ކަމެއް ޤައުމު ބިނާކުރުމުގައި އިރާދަކުރެއްވިއްޔާ.
ޕްރެޒެންޓަރ:
މަނިކުފާނު ދެންމެ ތިޔަ ވިދާޅުވިހެން، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ކިޔަވާ ކުދިންނާ ބައްދަލުކުރައްވައި، ތިޔަ ކުރިއަށް ގެންދަވާ، މި ދެންނެވީ އެ ހިންގަވާ ކަންތައްތަކާއި، އެ ކުދިންނަށްޓަކައި ތިޔަ ހަމަޖައްސަވައި ދެއްވާ ކަންތައްތައް، އަޅުގަނޑު ހިތުން ދެން ވަރަށް ތަފްޞީލުކޮށް، ވަރަށް ބޭނުންތެރި، ފައިދާކުރަނިވި ކަންތައްތަކެއް ތިޔަ ހަމަޖައްސަވައި ދެއްވަނީ.
ދެން މި ދަތުރުފުޅުގެ ވާހަކަ ދެން ދެކެވެމުންދާއިރު، އަޅުގަނޑުމެންގެ ކުރީގެ އެޕިސޯޑުގައި، ދަތުރުފުޅުގައި ފުރާވަޑައިގެން އުޅުއްވިއިރުގައި، އެ ވާހަކަވެސް އަޅުގަނޑުމެން ދައްކާލިން. އޭރުގައި ވިދާޅުވި ދެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރެއްވުމުގެ މަސައްކަތެއްގެ ގޮތުގައޭ ތިޔަ ވަޑައިގެންނެވީ. ދެން އޭގެ ހަވާސާގައިތާ ކުދިންނާ ބައްދަލުކުރެއްވީ ދޮގެއްތޯ؟
ރާއްޖޭގެ ފަތުރުވެރިކަމުގައި އިނގިރޭސިވިލާތަކީވެސް ހަމަ ރާއްޖޭގެ މާކެޓްގެ ވަރަށް މުހިންމު ޤައުމެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެވަނައަށް މިހާރު.
ޕްރެޒެންޓަރ:
އާދެ، ދެވަނައަށް އެންމެ އިސްކޮށް އުޅޭ ޤައުމު ދޮގެއްތޯ؟ ދެން ކޮންމެވެސްވަރަކަށް އެކަމަކު އެބަހުރި އިނގޭތޯ، ޢާންމުންގެ ބައެއްކަހަލަ އިޙްސާސްތަކާއި ވާހަކަތަކުގެ ތެރޭގައި، ކީއްކުރަންހޭ ދެން މިހާބޮޑު ޚަރަދެއް ކޮށްފައި ގޮސް ދެން އެ މާކެޓަކަށް އެތަން ޕްރޮމޯޓް ކުރުމަށްޓަކައި މަނިކުފާނު ތިޔަ ވަޑައިގަތީކީ؟ އަޅުގަނޑު ދެން، މި ދެންނެވީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު ކަންތައްތަކަށް ބަލާއިރު، އަޅުގަނޑަށް އެބަ ފެނޭ އެހެން ކަންތައްތައްވެސް. އެހެންނަމަވެސް، ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ފަތުރުވެރިކަން ޕްރޮމޯޓް ކުރައްވަން ކަމަށްވާއިރުގައި، ދެން އެހާބޮޑު ޚަރަދެއް ކުރައްވައިގެން ކުރައްވާވަރު ކަމެއްހެއްޔޭ މިއީ؟ މިހެން އެބަ ސުވާލުކުރައްވާ. މަނިކުފާނު އޭގައި ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެއްކަމަކަށް ދަންނަވަންޏާ، މި ދަތުރަކީ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ވަރަށް މުހިންމު ދަތުރެއް އިނގޭތޯ. ދެން އިނގިރޭސިވިލާތަކީ ރާއްޖެއަށް ދެވަނައަށް އޮތް އެންމެ ބޮޑު މާކެޓް މިވަގުތު އިނގޭތޯ. ޕްރީމިއަރ ލީގަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ ފުޓްބޯޅަ ލީގް. މިވަގުތު އިނގިރޭސިވިލާތުގެ ޗެމްޕިއަނަށްވުމުގެ ފުރުޞަތު އެންމެ ގާތްކޮށް އޮތް ޓީމާ އެކީގައި އަޅުގަނޑުމެން މި އެގްރީމަންޓަކަށް މިއައީ. ދެން ހުރިހާ ގޮތަކުންވެސް ސެންސް މޭކްކުރޭ.
ދެން އެހެންނަމަވެސް، މި ދަތުރަށް އަޅުގަނޑުމެން ނުކުރަން މާބޮޑު ޚަރަދެއް އިނގޭތޯ ސަރުކާރުންނެއް. ޕްރައިވެޓް ސެކްޓަރ ސްޕޮންސަރޝިޕްގައި ހަމަ ގާތްގަނޑަކަށް މުޅި ދަތުރުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ. ހަމައެކަނި މިއަށް މިހާރުވާނީ ތަފްޞީލުތައް ރަސްމީކޮށް ރައީސް އޮފީހުން އިޢުލާނުވެސް ކޮށްފައި.
ޕްރެޒެންޓަރ:
ޚަރަދުތައް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ދޮޅުލައްކައެއްހާ ރުފިޔާ މި ދަތުރަށް ޚަރަދުވީ އިނގޭތޯ. ދޮޅުލައްކައެއްހާ ރުފިޔާ. އެއީ، އަޅުގަނޑުގެ ޓިކެޓަށް ގާތްގަނޑަކަށް ދިޔަ އެއްޗެއް ދަންނަވަންޏާ. އަޅުގަނޑުގެ ޓިކެޓް. ދެން މުޅި ޚަރަދު، އެ ހުރިހާ އެންމެންގެ ޓިކެޓާއި، ހުރުމާއި، ޖުމްލަކޮށް ކުރި ހުރިހާ ކަމެއް، ޕްރައިވެޓް ސެކްޓަރ ފަންޑިންގގެ ތެރެއިން، ސްޕޮންސަރޝިޕް ތެރެއިން ނިންމާފައި ވަނީ. ހަމަޖެއްސީ. އެއީ، ހަމަ ކުރިންވެސް ރޭވިގޮތް. އެގޮތަށް އެކަން ކޮށް އެދިޔައީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރައީސް، އަޅުގަނޑުމެންގެ މިއަދުގެ މި އެޕިސޯޑުގައި، ޓީޗަރުންގެ ވާހަކަ ވަރަށް ދެކެވިއްޖެ. ޓީޗަރުންނާ ބެހޭގޮތުން ސުވާލެއްވެސް އެބައޮތް. ހަމަ ޕޯޓަލްގައި ބޭފުޅަކު ކުރައްވާފައި އޮތް ސުވާލެއް. އަޅުގަނޑު ހިތަށް އަންނަނީ އެ ސުވާލަށް މަނިކުފާނު ޖަވާބެއް ދެއްވާތޯ. ވަރަށް އާދައިގެ ސުވާލެއް. އެހެންނަމަވެސް، ވަރަށް މުހިންމު ސުވާލެއް.
ސުވާލު:
އަޅުގަނޑުގެ ސުވާލަކީ، އަދި އަޅުގަނޑުގެ ޝަކުވާއަކީ، ގދ. ވާދޫ ސްކޫލްގައި ދިވެހި ޓީޗަރަކު ނެތް ކަންތަކުގައި ސަރުކާރުން ކިހިނެއްތޯ ކަންތައްތައް ކުރައްވަން ވިސްނަވާފައި ހުރީ؟ އަދި ކޮން ދުވަހަކުންތޯއޭ، ދިވެހި ޓީޗަރެއް، ގދ. ވާދޫ ސްކޫލަށް ލިބޭނީ؟
ޕްރެޒެންޓަރ:
ދެން ސުވާލަކާއި ޝަކުވާއަކާ އެކީގައި މި އަންނަނީ. އަނެއްހެން ދެން އަޅުގަނޑު އެ ސުވާލު އަޑުއަހާލާފައި ހިތަށްއެރީ، އެޑިޔުކޭޝަން މިނިސްޓަރު ޖަވާބު ދެއްވަން އޮތް ސުވާލެއްކަންނޭނގެއޭ. އެހެންނަމަވެސް، ދެން ރައީސާ ސުވާލުކުރައްވާފައި އެއޮތީ ދޮގެއްތޯ؟ ކޮންއިރަކުހޭ ޓީޗަރަކު ލިބޭނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ހަމަ ކޮންމެ ސުވާލެއްވެސް ކުރެއްވޭނެ އިނގޭތޯ. ދެން ދަންނަވަންތޯ. ފުރަތަމަ ކަމަކަށް، މި ސުވާލު އަޅުގަނޑާ ކުރިމަތިވިއޭ އަޅުގަނޑު ވާދުއަށް ރަސްމީ ދަތުރެއްގައި ދިޔައިރުވެސް އިނގޭތޯ. އޭރުގައިވެސް އެޑިޔުކޭޝަން މިނިސްޓަރ ހުންނެވި. ހަމަ އަޅުގަނޑުމެން ވާނީ އެ ވަގުތުގެ އަޕްޑޭޓްވެސް ދީފައި. ދެން ހަމަ އެ މައްސަލަ ޙައްލުނުވެ މިއޮތީ. ދެން މިއީ ވަރަށް އާދަޔާޚިލާފު މައްސަލައެއް، ވާދޫގެ ދިވެހި ޓީޗަރުގެ މައްސަލައަކީ އިނގޭތޯ. މީގެ ތަފްޞީލުތައް އަޅުގަނޑު ހަމަ ދަންނަވާލާނަން ކުރުގޮތަކަށް.
ފުރަތަމަ މައްސަލަ ދިމާވީ އޭރު ހުންނެވި މުދައްރިސް ނޯޕޭލީވެއް ނެންގެވުމާ ގުޅިގެން. ދެން އެއާ ގުޅިގެން މުދައްރިސަކު ހޯދަން، ދިވެހި މުދައްރިސަކު ހޯދަން ތިންފަހަރު އިޢުލާނުކޮށްފި އިނގޭތޯ. 9 ޖަނަވަރީ 2025، 27 ޖަނަވަރީ 2025، 5 މާރިޗު 2025. އެހެންވީމާ، މި އަހަރު ތިންފަހަރު ކުރެވިއްޖެ. ދެން ކޮންމެ ފަހަރަކުވެސް، މުއްދަތު ހަމަވިއިރުގައިވެސް އެކަކުވެސް ކުރިމައްޗެއްނުލާ އިނގޭތޯ. ދެން ވަގުތީގޮތުން ރަށުގެ ތެރެއިން، ވާދޫގެ ތެރެއިން މީހަކު ހޯދަން ކުރެވުނު މަސައްކަތަށްވެސް އަދި ކާމިޔާބެއް ނުލިބޭ.
ޕްރެޒެންޓަރ:
އެ ރަށުގެ ތެރެއިން އެ ފެންވަރުގެ މީހަކު ނެތީމަތާ ކުރިމަތިނުލާނީވެސް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެހެންކަމަށް މި ބަލަނީ. އާދެ، ދެން އެހެންވީމާ، ދެން ޢާންމުކޮށް މިކަހަލަ ކަންކަމުގައި ކަންކުރާގޮތަށް އޮންލައިންކޮށް މި ކިޔަވައިދެނީ. އެއީ، އަޅުގަނޑުމެން ބޭނުންވާ ގޮތެއްނޫން. ދެން އޭގެއިތުރަށް، ކައިރި ރަށެއްގެ ޓީޗަރަކު ހަފްތާ ބަންދުގައި ވާދުއަށް ގޮސް ދަރިވަރުންނަށް އިތުރު އެހީތެރިކަންވެސް ފޯރުކޮށްދޭ އެބަ. ދެން އެހެންނަމަވެސް، މިއެއްނޫން އަޅުގަނޑު މިކަން ބޭނުންވާ ގޮތަކީ. މުދައްރިސުން ތަމްރީނު ކުރުން މިކަމުގެ އަޞްލު ޙައްލަކީ.
ދެން އަނެއްކަމަކީ، މިހާރުވެސް މި މަސައްކަތްކުރާ މުދައްރިސުންނަށް ބަލާއިރުގައި، 7000 އެތައް ދިވެހި މުދައްރިސުން، ޖުމްލަ 10000، އާދެ، އަޅުގަނޑުގެ އަތުގައި ހުރި މަޢުލޫމާތަށް ބަލާއިރުގައި، 10088 މުދައްރިސުން ރާއްޖޭގައި ތިބިއިރުގައި، 7980 މުވައްޒަފުންނަކީ، ޓީޗަރުންނަކީ ދިވެހިން. ދެން މީގެތެރެއިންވެސް ވަރަށްބޮޑު އިންސައްތައަކީ އަންހެން ބޭފުޅުން. ދެން އަންހެން ބޭފުޅުންގެ އެކިއެކި ބޭނުންތަކަށް، ވިހެއުމުގެ ޗުއްޓީއާއި، މިހެން ހުންނަ ބޭނުންތަކަށް ފުރުޞަތު ދޭއިރުގައި، ވަގުތުތަކެއް އެބަދޭ ކިޔަވައިދިނުމުގައި. އެހެންވީމާ، ފިރިހެން ޓީޗަރުން އުފެއްދޭވަރުވެސް މަދީ. ދެން އެހެންވީމާ، ދެ ޖިންސުގެ ޓީޗަރުންވެސް ތިބެންޖެހޭނެ. ހަމަހަމަވެސް ވާންޖެހޭނެ. އަދި ޝައުޤުވެރިކަން ހުންނަ އެންމެންނަށް ފުރުޞަތުވެސް ދޭންޖެހޭނެ. އެކަމަކު ދިވެހި ކިޔަވައިދޭ މުދައްރިސުން ޚާއްޞަކޮށް، ރާއްޖޭގައި ހަމަ މަދީ. އެހެންވީމާ، އެ ދާއިރާގައި ކިޔަވައިދޭނެ، ދިވެހި، އިސްލާމް، ޤުރްއާން، ހިސާބު، މި މާއްދާތައް ކިޔަވައިދޭނެ ޓީޗަރުން އިތުރުކުރުމަކީ މިހާރު ސަރުކާރުގެ ސިޔާސަތަކީ. އެހެންވީމާ، ވާދޫ މައްސަލައަކީ ވަކި ޚާއްޞަ މައްސަލައެއް.
ޕްރެޒެންޓަރ:
ހަމަ ނެތް ތަންތަން ހުރީ އިނގޭތޯ. އެ ވާހަކަތާ ކުރީގައި މި ދެކެވުނީ. ޓީޗަރުން އަޅުގަނޑުމެން އުފެއްދުމުގެ މަސައްކަތްތައް އަޅުގަނޑުމެންނަށް އިހުމާލު ވެވިއްޖިއްޔާ، މީގައި ކުދިކުދި މުޖުތަމަޢުތައް މި ހުންނަނީ. 400، 500 މީހުން ދިރިއުޅޭ. އަދި އެއަށްވުރެ މީހުން މަދު ތަންތަންވެސް އެބައުޅޭ. އެތާނގައި ޢާންމު ގޮތެއްގައި މިކަހަލަ ކަމެއް ކުރުމުގެ ޤާބިލް ދެތިން މީހަކު ތިބޭ ތަނެއްގައި، ކަންދިމާވެދާ ގޮތަކުން ދިރިއުޅުން މާލެއަށް ބަދަލުކުރަންޖެހުނީ، އެހެން ތަނަކަށް ބަދަލުކުރަންޖެހުނީ. ދެން އެހާހިސާބުން އެކީގައި ދިޔައީ ނޫންތޯ. މިއީ އަޅުގަނޑު ހިތުން ހަމަ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭ ކަމެއް. ދެން މަނިކުފާނު ދެންމެ ތިޔަ ވިދާޅުވިހެން، ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް، ބިނާކުރުމުގެ މަސައްކަތް ފެށިއްޖިއްޔާ، އަޅުގަނޑު ހިތުން ދެން މިއީ ކުރިއަށް އޮތް ތާނގައި ހަމަ ކުރެވިދާނެ މަސައްކަތެއް ކަމަށް އަޅުގަނޑުމެން ބަލަންޖެހޭނީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އިރާދަކުރެއްވިއްޔާ.
ޕްރެޒެންޓަރ:
ތަޢުލީމީ ދާއިރާގެ ޚިދުމަތަކީ، ދެން ރާއްޖޭގެ ހުރިހާ ބެލެނިވެރިންނާއި، ހުރިހާ އެންމެންނާވެސް ހަމަ ސީދާސީދާ ކޮންމެ ގެޔަކަށްވެސް އޭގެ އަސަރުފޯރާ ޚިދުމަތެއް މިއީ ދޮގެއްތޯ. ދެން ރާއްޖެ ކަހަލަ ކުދިކުދި ރަށްތަކެއް އެތަން މިތާނގައި މިހެން އިންޑިޔާ ކަނޑުގައި ފެތުރިފައި އޮންނަ ޤައުމެއްގައި މިއީ ކިހާވަރެއްގެ ގޮންޖެހުމެއްކަން ދެން އަޅުގަނޑަށް އިޙްސާސްވެސް ކުރެވޭ. އެހެންނަމަވެސް، ދެން ދަންނަވާލަން މިއުޅެނީ ތަޢުލީމީ ދާއިރާގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި މި ޓީޗަރުން ތަމްރީނު ކުރެއްވުން ކަހަލަ ކަންތައްތައް ކުރައްވާއިރުގައި، 3700 ކްލާސްރޫމް އޭސީ ކުރެއްވުމުގެ ކަންތައް ކުރައްވާއިރުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހާދަހާ ޢުމްރާނީ މަސައްކަތްތަކެއްވެސް ހިނގާނެތާއޭ ދޮގެއްތޯ. ކިހިނެއްތޯ މިހާރުގެ މި ޙާލަތު އޮތީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިއީ ވަށާޖެހޭ ޙައްލެއް ގެންނަންޖެހޭ މައްސަލައެއް ދޮގެއްތޯ. ހަމައެކަނި ޓީޗަރުން ތަމްރީނުކުރުމެއް ނޫން. އޭސީ ކުރުމެއް ނޫން ކްލާސް. މަދުވެފައިވާ، ނޫނީވިއްޔާ އުފައްދަންޖެހޭ ޢުމްރާނީ ތަރައްޤީގެ ތަންތަންވެސް އެބަހުރި. އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަމެއް އެބަދެން، އިންފްރާސްޓްރަކްޗަރުން ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަންވެސް. އެގޮތުން ބަލާއިރުގައި، މިހާރު ކްލާސްރޫމަށް ބަލާއިރު، 3740 ކްލާސްރޫމް ހުރިއިރުގައި، އިތުރަށް 531 ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތް އެބަ ހިނގާ މިހާރު އިނގޭތޯ. 531 ކްލާސްރޫމް.
ޕްރެޒެންޓަރ:
އެއީ، މިހާރު ހުރި ސްކޫލްތަކަށް އިތުރުކުރާ ޢަދަދުތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އިތުރުކުރާ ކްލާސްރޫމްގެ ޢަދަދުތައް އެއީ. ދެން ވަކިން އަޅާ ކްލާހެއް، ސްކޫލެއްވިޔަސް، ސްކޫލަށް އެ އިތުރުވާ، އެ ހިމެނިގެންދާ ކްލާސްރޫމްތައްވެސް ލައިގެން، ޖުމްލަ 531 ކްލާސްރޫމްގެ މަސައްކަތް އެބަ ހިނގާ.
ދެން ހަމަ އޭގެއިތުރަށް، މަލްޓި-ޕަރޕަސް ހޯލު. މިއީ ވަރަށް މުހިންމު ކަމަކަށް މިވަނީ. ހަމައެކަނި ކުދިން ކިޔަވަން ބޭނުންކުރާނެ، ނޫނީވިއްޔާ ކުދިންގެ އެކްޓިވިޓީޒަށް ބޭނުންކުރާނެ ތަނެއްގެ އިތުރަށް، ރަށަށްވެސް މުހިންމު ތަނަކަށް ވަރަށް ބޮޑަށް އެބަވޭ. އަޅުގަނޑުމެން މިހާރު ވާނީ އެ ވިސްނުމުން ވިސްނާފައި، ވަކި ޚާއްޞަ ޑިޒައިނެއް ހަދާފައި، މަލްޓި ޕަރޕަސް ހޯލުތަކަށް. އޭސީވެސް ކުރެވިގެންދާނެ. އަޅުގަނޑު ކުރިން ދެންނެވިހެން. އެހެންވީމާ، އެ ވިސްނުމުގައި. މަލްޓި-ޕަރޕަސް ހޯލު ބިނާކުރުމުގެވެސް 44 މަޝްރޫޢު އެބަ ހިނގާ އިނގޭތޯ. ދެން އޭގެއިތުރަށް، އަދި ކްލާސްރޫމާއި، މަލްޓި-ޕަރޕަސް ހޯލުގެ އިތުރަށް، ސައިންސް ލެބް ޤާއިމުކުރުން. 19 މަޝްރޫޢު. 10 ރަށެއްގައި ލައިބްރަރީ ހެދުމުގެ މަސައްކަތް އެބަ ހިނގާ. އަދި ކޮމްޕިއުޓަރ ލެބް ޤާއިމުކުރުމުގެ މަސައްކަތްވެސް 6 ރަށެއްގައި އެބަ ހިނގާ. ދެން ސްޓާފް ރޫމް ނެތް ރަށްރަށްވެސް އެބަހުރި އިނގޭތޯ. ޓީޗަރުންނާއި ސްޓާފުން މިޖެހެނީ ހަމަ ވަރަށް ހާލެއްގައި އުޅެން އިނގޭތޯ. އަޅުގަނޑު ބައެއް ރަށްރަށަށް ދަތުރު ދިޔައީމަ ފާހަގަވި އެ ކަންތައް. އެހެންވީމާ، 24 ރަށެއްގައި ސްޓާފް ރޫމް ނެތިގެން، އެ ސްޓާފް ރޫމް ޤާއިމުކުރުމުގެ މަސައްކަތްވެސް އެބަ ހިނގާ.
ދެން އޭގެއިތުރަށް، މާލެ ސަރަޙައްދަށް ބަލާއިރުގައި، މިސާލަކަށް، މަޖީދިއްޔާ ސްކޫލް. މަޖީދިއްޔާ ސްކޫލްގައި އާ އިމާރާތެއް އަޅަންޖެހޭ. އަޅުގަނޑު ވާނީ އެ ވާހަކަ ދަންނަވާފައި، މަޖީދިއްޔާ ސްކޫލްގެ 100 އަހަރުގެ ކައުންޓް ޑައުން ފެށުނު ރޭގައި. އިރާދަކުރެއްވިއްޔާ، މި މަހު، މަޖީދިއްޔާގެ އަހަރީ ދުވަހު އަޅުގަނޑުމެން އެގްރީމަންޓްގައި ސޮއިކުރާނަން. އެ އަމާޒަށް މިހާރު މަސައްކަތް ކުރަމުން މިދަނީ. އެ އިމާރާތް އެޅުމަށް އިނގޭތޯ.
ދެން މާލޭގައި އިރާދަކުރެއްވިއްޔާ ދެވަނަ އޭ ލެވެލް ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު ފަށާނަން. ދެން އޭގެއިތުރަށް، ހުޅުމާލޭގައި މިހާރު ހަދަމުންދާ ސްކޫލް، މި އަހަރު ނޮވެންބަރަށް އިރާދަކުރެއްވިއްޔާ ނިންމާނަން. އޭރުން ދެން އަންނަ ދިރާސާ އަހަރު ފެށޭއިރު ހުންނާނެ އެ ތަން. އެއީ، ވަރަށް ބޮޑު ލުޔެއް ލިބޭ ކަމެއް ޙަޤީޤަތުގައި، މާލޭގައި ކިޔަވާ ކުދިންނަށް. މާލޭ ސަރަޙައްދަށް ޚާއްޞަކޮށް. އޭގެއިތުރަށް، ހުޅުމާލޭގައި ދެ ސްކޫލެއް އަޅަންޖެހޭ. އެ ދެ ސްކޫލް އެޅުމަށްޓަކައި އަޅުގަނޑުމެން ވާނީ އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރޭގައި ހިމަނާފައި.
ދެން ޖުމްލަ 8 މަޝްރޫޢު، އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރޭގައި 8 ސްކޫލް މަޝްރޫޢު ހިމަނާފައި ވާނެ. އެއީ، ޖުމްލަ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު. ދެން އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ހުރިހާ ކަމެއް ރަނގަޅަށް އެބަދޭ އިރާދަކުރެއްވީތީ. އުންމީދަކީ ހުޅުމާލޭގައި އިތުރު ބޮޑު ދެ ސްކޫލް، މާލަސްތަކެއްނުވެ އަޅަން ހަމަ މި އަހަރުގެ ތެރޭގައި ފެށުން. އެއީ، އަޅުގަނޑުމެންގެ އުންމީދަކީ.
އެހެންވީމާ، މި ސަރަޙައްދަށް މުހިންމު ސްކޫލްތައް މި އިތުރުވެގެންދަނީ. އަދި ބައެއް ސްކޫލްތަކަށް ޖާގަ އިތުރުވެސްކުރެވިގެން ދާނެ. މިސާލަކަށް، ތާޖުއްދީން ސްކޫލަށް، ތާޖުއްދީން ސްކޫލާ ހަމަ އިންވެގެން ރަސްފަންނާވީ ފަޅީގައި އޮންނަ ޖާގައިން ޖާގަ އިތުރުކުރަން މިހާރު ވާނީ ނިންމާފައި. އަދި އެގޮތަށް ހަމަ ބައެއް ސްކޫލްތައް.
ދެން މިސާލަކަށް، ޢަރަބިއްޔާ ސްކޫލް. ޢަރަބިއްޔާ ސްކޫލް އަޅާނެކަން އެއީ އަޅުގަނޑު ވީ ވަޢުދެއް. އެގޮތަށް އެ މަސައްކަތް އެވަނީ ފެށިފައި. މިހާރު ފައުންޑޭޝަން މަސައްކަތް އެ ހިނގަނީ. އެހެންވީމާ، އެވެސް އިރާދަކުރެއްވިއްޔާ ހަމަ ބާރަށް ކުރިއަށްދާނެ. ގެންގޮސް ވީހާވެސް ހަމަ އަވަހަކަށް ނިންމާފައި، މި އަންނަ އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމުން އަމާޒަކީ. އެއީ، 2026 ނިމެންވާއިރަށް. 2027 ގެ ދިރާސީ އަހަރު ފެށޭއިރަށް، ޢަރަބިއްޔާގެ ދާއިމީ ބޮޑު ސްކޫލަކަށް، ޢަރަބިއްޔާ ސްކޫލް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ.
އެހެންވީމާ، މިކަހަލަ މުހިންމު މަޝްރޫޢުތަކެއްވެސް އެބަ ހިނގައޭ. އޭގެއިތުރަށް، ހަމަ ޖުމްލަކޮށް، ރާއްޖޭގައި 531 ކްލާސްރޫމް އިތުރުވެގެންދާ އެކިއެކި އިންފްރާސްޓްރަކްޗަރ، ސްކޫލް މަޝްރޫޢުތައް ހިނގައޭ އެބަ. އޭގެތެރެއިން ވަރަށްގިނަ މަޝްރޫޢުތަކުގައި މި ހަފްތާގައިވެސް އެދިޔައީ ސޮއިކުރެވިގެން. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސޮއިކުރެވިގެންދާނެ. މަސައްކަތްތައް ފެށިގެންދާނެ. އޭގައި ފައިސާގެ މައްސަލައެއްވެސް ދިމައެއްނުވާނެ އިރާދަކުރެއްވިއްޔާ.
އެހެންވީމާ، ޢުމްރާނީ ތަރައްޤީގެ މަސައްކަތާ އެކީގައި، ޓީޗަރުން ބިނާކުރުމުގެ މަސައްކަތާއި، އަދި ކުދިންނަށް ދޭންވާ ތަޢުލީމު ދިނުމުގައި، މިހާރަށްވުރެ ރަނގަޅަށް ކަންތައްތައް ކުރުމުގެ މަސައްކަތް ހަމަ ކުރިއަށް މިދަނީ.
ޕްރެޒެންޓަރ:
ދެން އެކަމަކު މިއާއެކީގައި، ދެން އަޅުގަނޑުމެން މި އެޕިސޯޑް ނިންމާލުމުގެ ކުރިން، އަޅުގަނޑު ހިތަށްއެރީ، މަނިކުފާނު ދެންމެއަކު ވާހަކަފުޅު ތެރޭގައިވެސް ކޮންމެވެސްވަރަކަށް އިޝާރާތްކޮށްލެއްވިހެން، ކެމްޕެއިން ތެރޭގައި ވަރަށްގިނަ ދަތުރުތައް ވަރަށްގިނަ ރަށްރަށަށް ކުރެއްވި. ދެން ބައެއްފަހަރު ބޭބޭފުޅުން ވިދާޅުވާނެ، ދެން ކެމްޕެއިން ތެރޭގައި ދަތުރުކުރައްވާނެއޭ. ކެމްޕެއިން ނިމުނީމަ، އެކަމަކު މަނިކުފާނުގެ ރިޔާސީ ވަޢުދުގައި އަޅުގަނޑު ހަނދާންވަނީ، މާ ބަލި ހަނދާނެއް ނޫންކަމަށްވަންޏާ، މަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި، ކޮންމެ ރަށަކަށްވެސް އެއްފަހަރު ނުވަތަ ދެފަހަރުކަންނޭނގެ ވަޑައިގަންނަވާނެ ވާހަކައެއް ވިދާޅުވި ދޮގެއްތޯ. އެއީ، ހާދަ ބުރަ މަސައްކަތެކޭ. މިހާރު ކިހިނެއްތޯ، ކުރިއަށް އެބަދޭތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު ހަމަ ކުރީގައިވެސް މަގާމަކަށް އިންތިޚާބުވި އިނގޭތޯ. މާލޭ ރައްޔިތުން އަޅުގަނޑު ހޮވީ މޭޔަރަކަށް ދޮގެއްތޯ. އަޅުގަނޑު އޭރުގައިވެސް ދެންނެވިން، މާލޭ ރައްޔިތުންގެ މޭޔަރަކަށް ހޮވާ ހިސާބުން އަޅުގަނޑު ނުއެއް ގެއްލޭނެއޭ. އަޅުގަނޑު ދާނަމޭ ގޭގެއަށް. އެކަން އެގޮތަށް ކުރިން. ރިޔާސީ އިންތިޚާބުގައިވެސް އަޅުގަނޑު ރައްޔިތުންނަށް ދެންނެވިން، އަޅުގަނޑު އިންތިޚާބުވީމާ، އަދި ހުއްޓައެއްނުލާނަމޭ. ރައްޔިތުންނާ ބައްދަލުކުރާނަމޭ. ދައުރުގެ ތެރެއިން ދެފަހަރު ކޮންމެ ރަށަކަށް އިރާދަކުރެއްވިއްޔާ ދާނަމޭ. އެގޮތުން، ފުރަތަމަ ބުރުގައި މިހާރު މިއުޅެނީ އިނގޭތޯ. ރޯދައަށް ދެން މެދުކަނޑާލީ. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި އަދި އެކި ސަބަބުތަކާ ހެދި ދަތުރުނުކުރެވޭ. ކުރިން އުޅުނީ މި މަސްތެރޭގައި ދަތުރު ފަށަން އިނގޭތޯ. ދެން އެކަމަކު މޭ މަސް ފެށޭ ތަނުން ފެށިގެން އިރާދަކުރެއްވިއްޔާ ދަތުރުތައް ފަށާނަން.
ދެން މިހާރު އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ، ރާއްޖެއިން ބޭރުގެ ދަތުރުތައްވެސް ހުންނާނެ ދޮގެއްތޯ؟ އެ ހުރިހާ ކަމަކަށް ވިސްނައިގެން މިހާރުގެ ޕްލޭނަކީ، އޮގަސްޓު މަހުގެ ތެރޭގެ ކޮންމެވެސް ހިސާބަކަށް ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ނިންމުމަށް އިނގޭތޯ. އޮގަސްޓުގެ ތެރޭގައި ދެން ކޮންމެވެސް ހިސާބަކުން. އެގޮތަށް ބަހާލާފައި، މިހާރު ޝެޑިއުލްވެސް ހަދައިފިން އިނގޭތޯ.
އެހެންވީމާ، މޭ މަސް ފެށޭ ހިސާބުން ފެށިގެން ދަތުރުތައް ފަށާނީ. ދެން އެންމެ ފުރަތަމަ ކުރަން އޮތް ދަތުރުވެސް ހަމަ ދަންނަވާލެވިދާނެ. ހަމަ އެންމެ ފުރަތަމަ ދަތުރެއް މިއޮތީ މ. އަތޮޅު މުއްޔަށް. މުލީގެ އެއަރޕޯޓް ހުޅުވުމަށް. މުލީގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ، މޭ މަހުގެ 1 ގައި، ނޫނީ އެޕްރީލް 30 ގައި، އޭގެ ކުރީ ދުވަހު އިނގޭތޯ. އެޕްރީލް 30 ގައި. އެއީ، އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ، މި މަސް ނިމުމުގެ ކުރީގައި ހުޅުވަން. ދެން ނުހުޅުވިއްޖިއްޔާ، ޖެހިގެން އަންނަ ދުވަހުވެސް ހުޅުވަން.
އެހެންވީމާ، އެ ހުރިހާ މަސައްކަތެއް އެބަ ހިނގާ. މުލީގެ އެއަރޕޯޓް ހުޅުވުމުގެ ދަތުރުން ފެށިގެން ބަހާލެވިގެން ހަމަ މޭ މަހުގެ ތެރޭގައި އަދި ދެންހުރި މަސްތަކުގައި، އޮގަސްޓާ ހަމަޔަށް ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ ދާނަން.
ޕްރެޒެންޓަރ:
އެހެންވީމާ، ވަރަށް އަވަދިނެތިތާ އުޅުއްވާނީ؟ އެހެންވެއްޖިއްޔާ ދެން އެހާ އަވަދިނެތި އުޅުއްވަންޏާ، ދެން މި އެޕިސޯޑް ހުއްޓޭނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވިސްނުމަކީ، ރައްޔިތުންނާ އެކީގައި ހުރުން. އަބަދުވެސް ހުންނާނީ އެގޮތަށް. ކޮންމެވެސް ރަށެއްގައިވެސް މިކަން ކުރެވިދާނެ ނޫންތޯ. އެހެން ނޫންތޯ؟
ޕްރެޒެންޓަރ:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޝުކުރިއްޔާ.