ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި, ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި, ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.
ދަރީންނަށް ތަޢުލީމު ދިނުމަކީ, ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓެވެ. އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެކެވެ. މާތްﷲގެ މޫރިތި ކަލާމްފުޅު، ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ބަސްފުޅަކީވެސް "އިޤްރައު" (ކިޔަވާށޭ) އެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި މާތް ނަބިއްޔާއަށް ފުރަތަމަ ބާވައިލެއްވުނު ވަޙީގެ 5 އާޔަތުންވެސް ކަށަވަރުކޮށްދެނީ އުނގެނުމުގެ މުހިންމުކަމާއި، ޢިލްމުގެ ޒަރީޢާއިން އިންސާނާއަށް ދެއްވި ކުރިއެރުމާއި މަތިވެރި ދަރަޖައެވެ.
ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން މި ދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ. އިރާދަކުރެއްވިއްޔާ، ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނަމެވެ.
ދަރީންނަށް އާރުލާ ތަޢުލީމެއް ދެވޭނީ، މުޅި މުޖުތަމަޢުގެ ބައިވެރިވުން އެކަމުގައި އޮވެގެންނެވެ. ކުދީންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެންވެސް ދައްކައިގެންނެވެ. ދަރިވަރުންގެ ޙައްޤުގައި ބެލެނިވެރީންނާއި އެދުރުގެތަކުންވެސް ގުޅިގެން މަސައްކަތްކޮށްގެންނެވެ.
އަޅުގަނޑު އެދެނީ، މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމެވެ. ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމެވެ. އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަމެވެ.
މާތްﷲ އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ޖައުހަރަކީ ބުއްދީގެ ނިޢުމަތެވެ. ބުއްދީގެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިކުނޑިތަކަށް ދެވޭ ކާނާއަކީ ތަޢުލީމެވެ. ރަނގަޅު ތަޢުލީމެއް ނުދެވޭ ކޮންމެ މުޖުތަމަޢެއް ބަދަލުވެގެން ދާނީ، ތަހުޒީބުކަމެއް، ތަމައްދުނެއް ނެތް އަބާއްޖަވެރި ވެށްޓަކަށެވެ. ދިވެހިރާއްޖެ ދުށް އެންމެ ބޮޑު އެއް ޢާލިމް އަދި އެންމެ ބޮޑު އެއް އަދީބު، މަރުޙޫމް ޙުސައިން ޞަލާޙުއްދީން ޅެންބަހުރުވައިން ދެއްވި އަގުހުރި ނަސޭހަތެއްގައި؛
" ތަޢުލީމު ނެތަމަ ތާކު ޒަމާނާއި އެކުވެގެން
ތަން ދާނެއެ ބުއްދީގެ މަގުން އެއްކިބާ ވެގެން "
މިފަދައިން ވިދާޅުވެފައި އެވަނީ މި ސަބަބަށްޓަކައެވެ.
އެހެންކަމުން، ހަމަ ކޮންމެ ކުއްޖަކީވެސް ޤައުމަށް ބޭނުންތެރި ހަރުދަނާ ދަރިއަކަށް ހެދުމަށްޓަކައި ކިޔަވައިދިނުމަކީ ސަރުކާރާއި ރައްޔިތުންގެވެސް ވާޖިބެކެވެ. ހަމަ ކޮންމެ ޢުމުރެއްގައިވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ، ކޮންމެ އިންސާނެއްގެވެސް ކާމިޔާބީއާއި ގުޅިފައިވާ އެންމެ ބޮޑު ސިއްރެވެ.
ހީވާގި މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީންނަށް އަޅުގަނޑުގެ އިލްތިމާސަކީ ކަމަށްކަމޭ ހީކުރެއްވުމާއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމެވެ. ބެލެނިވެރީންގެ އަރިހުން އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ލޮލުގެ ނޫރު ފަދަ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމެވެ. ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑުގެ ނަސޭހަތަކީ، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި މި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމެވެ.
މި ފެށުނު ދިރާސީ އަހަރަކީ، ގަދަކީރިތިވަންތަ ﷲގެ ރަޙްމަތާއި، މަދަދާއި، ނިޢުމަތުން ފުރިގެންވާ އަހަރެއްކަމުގައި ލައްވާށިއެވެ. ބެލެނިވެރީން އެ ކުރައްވާ ހިންމަތުގައި ބަރަކާތް ލައްވައި، މުދައްރިސުންނަށް ހީވާގިކަމާއި ޢިލްމު އިތުރުކޮށްދެއްވައި، ދަރިވަރުންނަށް ތޫނުފިލިކަން އިތުރުކޮށްދެއްވާށިއެވެ. ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުންވެސް ޚިދުމަތްތެރި މޮޅު ދަރީންތަކެއް ބިނާކުރުމުގެ ހެޔޮ ތައުފީޤު ދިވެހިރާއްޖެއަށް މިންވަރުކުރައްވާށިއެވެ. އާމީން.