މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރާއްޖޭގެ ޓީ.ވީ. ޕްރެޒެންޓަރެއް ކަމަށްވާ އަލްފާޟިލް އަޙްމަދު ޝަކީބް.
ޕްރެޒެންޓަރ:
ތަޢާރުފް:
السَّلامُ عَلَيْكُم.
އާދެ، މި ބަރަކާތްތެރި ރަމަޟާން މަހު ތިޔަބޭފުޅުންނާ ބައްދަލުކޮށްލެވޭ ފުރަތަމަ ފަހަރު ކަމަށްވީމާ، ރަމަޟާން މުބާރަކްވެސް ދަންނަވާލަން ބޭނުން. އަދި ކުރިއަށް އޮތީ، ވަރަށް ކައިރީގައި އޮތީ ޢީދުދުވަސް ކަމަށްވާތީ، ޢީދު މުބާރަކްވެސް ދަންނަވާލަން ބޭނުން.
އާދެ، އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ވަރަށް ޚާއްޞަ ޕޮޑްކާސްޓަކާއެކު. މި ޕޮޑްކާސްޓްގެ ވާހަކަ ތިޔަބޭފުޅުންނަށް ތަޢާރުފެއްގެ ގޮތުން ދަންނަވާލުމުގެ ގޮތުން، އަޅުގަނޑު ކުޑަކުޑަ އެއްޗެއް ދަންނަވާލާނަން.
ތިޔައިގެތެރެއިން ވަރަށްގިނަ ބޭފުޅުން ގަބޫލުފުޅު ކުރައްވާނެ ޙަޤީޤަތެއް މިއީ، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މި އޮންނަ ކަހަލަ ޑިމޮކްރެޓިކް ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކަށް މި ވަޑައިގެންނެވެނީ، ރައްޔިތުންނާ ވަރަށްގިނަ ވާހަކަތަކެއް ދެއްކެވުމަށްފަހުގައި. ރައްޔިތުންނަށް ވަރަށްގިނަ ވަޢުދުތަކެއް ވެވަޑައިގަތުމަށްފަހުގައި. އެހެންނަމަވެސް، ޢާންމު އުޞޫލަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފަށްޓަވާ ހިސާބުން ރައްޔިތުންގެ އަޑު، ރައީސުލްޖުމްހޫރިއްޔާއާ ހިސާބަށް ފޯރުން އޮންނަނީ ތަންކޮޅެއް ހަނިކޮށް. އަޅުގަނޑު ނުދަންނަވާނަން އެއްގޮތަކަށްވެސް ބަންދުވެފައި އޮންނަ ވާހަކައެއް. އެހެންނަމަވެސް، ތަންކޮޅެއް ހަނިކޮށް މި އޮންނަނީ. އެހެންނަމަވެސް، ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުގައި އެ ފުރުޞަތު އަޅުގަނޑު ހިތަށްއަރަނީ، ޢާންމު އުޞޫލެއްގައި އޮންނަވަރަށްވުރެ މާބޮޑަށްވެސް ފުޅާކޮށޭ މިއޮތީ.
ދެންމެއަކު އަޅުގަނޑު މި ދެންނެވިހެން ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާ ޚިޔާލު، ސުވާލު ނުވަތަ ޝަކުވާއަށް ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާ ގޮތަށް ޕޮޑްކާސްޓެއް ފެށްޓެވުން އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރައްޔިތުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ކަމުގެ ވަރަށްވެސް އަލިގަދަ ދަލީލެއް.
އެހެންވީމާ، އެ މަޤްޞަދުގައި ފެށޭ ޕޮޑްކާސްޓެއް އަޅުގަނޑުމެން މިއަދު މި ފަށަނީ. މި ޕޮޑްކާސްޓް މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ޚިޔާލުފުޅަކާއެކު ކުރިއަށްގެންދާ ޕޮޑްކާސްޓެއް ކަމަށްވުމާއެކުގައި، އަޅުގަނޑު ހިތަށްއެރީ، ޕޮޑްކާސްޓް ފަށްޓަމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމާ އެކީގައި، މި ޕޮޑްކާސްޓް މިގޮތަށް ކުރިއަށް ގެންދިޔުމުގައި މަނިކުފާނުގެ ވިސްނުންފުޅަކީ ކޮބައިތޯ، ހަމަ ފެށުމުގެ ގޮތުން، އަޅުގަނޑުގެ މި ތަޢާރުފްގެ އިތުރުންވެސް ހަމަ ދަންނަވާލާނަމޭ. ޑޮކްޓަރ މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ޝަކީބްބެ. ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. އަޅުގަނޑު ބޭނުންވަނީ ވަރަށް ބޮޑަށް ރައްޔިތުންނާއެކު ހަމަ އަބަދުވެސް ހުންނަން. ރައްޔިތުންގެ އަޑުއަހައިގެން ކަންތައްތައް ކުރިއަށްގެންދަން. މިދިޔަ ދުވަސްތަކުގައި އެކި ޛަރީޢާތަކުން ރައްޔިތުން ވަނީ އަޅުގަނޑާ ހަމަޔަށް ސުވާލު ފޮނުވައި، އަޅުގަނޑު އެއަށް ޖަވާބުވެސް ދީފައި. ލިޔުމުން އަންނަ ސުވާލުތަކަށްވެސް ވަރަށް ތަފްޞީލުކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައިގެން ޖަވާބުތައް ވަރަށް ތަފްޞީލުކޮށް ދެމުން މިއައީ. އަދި ވީޑިއޯ ސުވާލުތަކަށްވެސް ކުރީގައިވެސް ހަމަ ޖަވާބުދިނިން. ދެން އެކަން މެދުކަނޑާލީ، ވީހާވެސް ގިނަ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތައް މިކަމުގައި ދެވޭނެގޮތެއް ހަދަންވެގެން. މިހާރު އެކަން މިއޮތީ އަނެއްކާ ހުޅުވައިލެވިފައި މިދިޔަ ހަފްތާގައި. ދެން މިހާރު ކޮންމެވެސްވަރަކަށް ސުވާލުތައް ލިބެމުންވެސް އެބަދޭ.
ދެން މިއަދު މި ފެށޭ ޕޮޑްކާސްޓުންވެސް އިރާދަކުރެއްވިއްޔާ އަނެއްކާވެސް އެ ފުރުޞަތު އިތުރަށް ފުޅާވެގެން މިދަނީ. އަޅުގަނޑު ބޭނުންވަނީ ހަމަ ވީހާވެސް ގާތުން ރައްޔިތުންނާ އެކީގައި ކަންތައްތަކުގައި މަޝްވަރާ ކުރެވިގެން، ޚިޔާލު ބަދަލުކުރެވިގެން ކުރިއަށްދާން.
ޕްރެޒެންޓަރ:
އެހެންވީމާ، މިހާރު ރައީސް އޮފީހުގެ ވެބްސައިޓްގައި އެއޮތް ޕޯޓަލްގެ ބޭނުންކުރައްވައިގެން ހަމަ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އޮންނާނެ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އާދެ. ހަމަ ސުވާލުގެ ޖަވާބުވެސް ދެމުންދާނީ.
ޕްރެޒެންޓަރ:
ދެން އޭގެއިތުރުން، އަޅުގަނޑު ހިތަށްއެރީ މިކަހަލަ ޕޮޑްކާސްޓެއް އަޅުގަނޑުމެން ކުރިއަށްގެންދާއިރުގައި، ރައްޔިތުންގެ ފަރާތުން އަދި ސުވާލެއް ނައިކަމުގައިވިޔަސް، އަޅުގަނޑުމެންނަށްވެސް ބައެއް ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާލުމުގެ ފުރުޞަތު އޮންނަންވާނެކަންނޭނގެއޭ.
އަޅުގަނޑު ހިތަށްއެރީ ހަމަ ފެށުމުގެ ގޮތުން، ދާދި މިދާކަށްދުވަހު، ވަރަށް ހޫނުގަދަކޮށް ސޯޝަލް މީޑިއާގައިވެސް، ޚަބަރުފަތުރާ ވަސީލަތުގެ ތެރޭގައިވެސް އުޅުނު މި ތެލަސީމިއާ ސެންޓަރުގެ ވާހަކަ. އެހެންވީމާ، ތެލަސީމިއާ ސެންޓަރުގެ ކަންތައް އެއީ، ތެލަސީމިއާއަކީ ރާއްޖޭގައި ދެން، ޚާއްޞަކޮށް، ރާއްޖޭގެ ވަކި ސަރަޙައްދުތަކެއްގައި ވަރަށްގިނަ ބައެއްގެ، ވަރަށްގިނަ ކަންބޮޑުވުންތަކެއް ހުންނަ ބެލެނިވެރިންވެސް ވަރަށްބުރަ އުފުލާ، ކުދިންވެސް ވަރަށް ބޮޑެތި ވޭން ތަޙައްމަލް ކުރަމުންގެންދާ މައްސަލައެއް. މި މައްސަލަ ކިހިނެއްތޯ، ކުރުކުރުކޮށް ވިދާޅުވެދެއްވަފާނަންތޯ، މިހާ ހޫނުވެގެން މިއައި ސަބަބަކާއި، މިކަމުގެ ބެކްގްރައުންޑެއް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ރަނގަޅު މައުޟޫޢެއް، ފުރަތަމަ ފަށަން އިނގޭތޯ.
ރާއްޖޭގައި ވަރަށްބޮޑު މައްސަލައެއް ތެލަސީމިއާ މައްސަލައަކީ. ދެން ރިޔާސީ އިންތިޚާބުގައިވެސް އަޅުގަނޑު މިކަމަށް އަލިއަޅުވާލާފައި ހުންނާނެ. ވަޢުދުތަކެއް ވެފައިވެސް. ރާއްޖޭގައި ސްޓޭޓް އޮފް ދަ އާޓް ތެލަސީމިއާ ހޮސްޕިޓަލެއް، ނޫނީވިއްޔާ ޞިއްޙީ ޚިދުމަތް ދެވޭނެ ތަނެއް އަޅައި އަދި ޚިދުމަތް ދޭން ފަށާނެ ކަމަށް ދެންނެވިން. ދެން އެކަމަށްވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވި، މިހާރު އިރާދަކުރެއްވިއްޔާ ޢަމަލީ މަސައްކަތަށް ދިޔުމާ ހަމަޔަށް މިއޮތީ އާދެވިފައި. ދެން އެހެން އޮއްވައި، މިހާރު ހުރި ތަނުގައި މި ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހިފައި އޮތީ.
ދެން މިދޭތެރެއިން އެ ދިމާވި ކަންތަކުގައި، ފްރަސްޓްރޭޝަންސް، ނޫނީ ކަންބޮޑުވުންތައް ރައްޔިތުން މި ޙިއްޞާކުރި ހިސާބުން އަޅުގަނޑު ދެން ޖެހިގެން އައި ދުވަހު މިދިޔައީ ބަލައިލަން، ކިހިނެއްތޯ ކަންތައްތައް ވަމުން އައިސްފައި މިއޮތީ. ދެން ބަލައިލިއިރުގައި، ޙަޤީޤަތުގައިވެސް ވަރަށްގިނަ ކަންކަން ހުރީ ރަނގަޅުކުރަން ޖެހިފައި އިނގޭތޯ. އެހެންވީމާ، އަޅުގަނޑު ހަމަ ވަގުތުން މިކަންކަމާ ބެހޭގޮތުން އަޅާނެ ފިޔަވަޅުތައް ވާނީ ކަނޑައަޅާފައި.
ދެން އެއްކަމަކަށް، ހަމަ ވަރަށް ތަފްޞީލުކޮށް ހުރިހާ ކަމެއް އަޅުގަނޑު ހޯދިން. އަދި ކުރީ ރޭ، އެ ބޭފުޅުން، ތެލަސީމިއާ ކުދިންނާއި، އެ ކުދިންގެ ބެލެނިވެރިން ޙިއްޞާކުރި ކަންކަންވެސް އަޅުގަނޑާ ހަމަޔަށް ވަނީ ގެނެސްދީފައި. ލިޔުމުން ވަރަށް ތަފްޞީލުކޮށް. އެހެންވީމާ، އެކަންކަމާ އެކީގައި، އެކަންކަމަށް ޙައްލު ގެނައުމަށްޓަކައި އަޅުގަނޑު ކަންތައްތަކެއް މި ކަނޑައެޅީ.
ދެން ހަމަ މިދިޔަ ދެ ދުވަހެއްގެ ތެރޭގައި، މީގެތެރެއިން ވަރަށްގިނަ ކަންކަން މިހާރުވެސް ވާނީ ޙައްލުކުރެވިފައި. އެއްކަމަކަށް، އެ ކުދިން ފާހަގަކުރި، ތަނުގެ ހިންގުން ރަނގަޅުކުރަންޖެހޭ ކަމަށް. ހިންގުމަށް އިސް މީހަކު ނެތް ކަމާއި އަދި ސިވިލް ސަރވިސް ލެވެލްއިން ބޭފުޅަކު ހުންނަންޖެހޭ ކަމަށް.
ޕްރެޒެންޓަރ:
ވަރަށްގިނަ ދުވަސް ވެއްޖެ ކަމެއް އެއީ، ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބެނީ، 2017 އިން ފެށިގެން ނުހުރެއޭ. ދެން ޑީ.ޖީ.އެއް ހޯދަން ދެތިންފަހަރު އިޢުލާނުވެސް ކުރިއޭ. ނުލިބެއޭ. ނޫނީވިއްޔާ ހަމައެއްޖެހިފައެއް ނެތޭ. އެހެންވީމާ، އަޅުގަނޑު އެންގީ، ސަރުކާރުގެ ނިޒާމުގެ ތެރެއިން އޮންނަ އުޞޫލުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުންދާ ޑިރެކްޓަރ ޖެނެރަލަކު، މުޅި ސިވިލް ސަރވިސްގެ ތެރެއިން ބައްލަވާފައި، މިކަހަލަ ތަނެއްގައި ޚިދުމަތް ދިނުމަށް އެންމެ ރަނގަޅުވާނެ ކަހަލަ މީހެއް، ޕޭޝަންޓުންނަށް ނޫނީވިއްޔާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކޮށް މުޢާމަލާތް ކުރެވޭނެވަރަށް އެކަހަލަ އެންވަޔަރަންމަންޓަކާ އެކަށީގެންވާނެ ކަހަލަ ބޭފުޅަކު ހޯދަން ސިވިލް ސަރވިސް މެދުވެރިކޮށް. އެއީ، ދެން އިޢުލާނުކުރާކަށް ނުޖެހޭނެ. ތަނެއްގައި ހުރިއްޔާ އިންޓަރނަލީ ޝިފްޓް ކުރެވޭ އިނގޭތޯ.
ޕްރެޒެންޓަރ:
އިޢުތިރާޒެއް ނެތިއްޔާ ބަދަލުކުރެވޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތަނުގެ ވެރިމީހާގެ އިޢުތިރާޒެއް ނެތިއްޔާ. އެއީ، އެއްކަންތައް.
ދެން އެތަނުގައި ދެން ވަރަށްގިނަ އެހެން މައްސަލަތައް ހުރި. ނަރުހުންވެސް ވަރަށްމަދު. ދެން މިހާރު ވާނީ އިޢުލާނުކޮށްފައި. ފިނޭންސް މިނިސްޓްރީން ބަޖެޓް ކަންތައްވެސް ހަމަޖައްސާފައި. ފަސް ރަޖިސްޓަރޑް ނަރސްއިން ހޯދަންވެސް. ދެން ނަރސްއިން ލިބުނީމަ، އިރާދަކުރެއްވިއްޔާ މިހާރު އެ ޚިދުމަތްދޭ ނަރުހުންނަށްވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ، ބޮޑަށް ފޯކަސްކޮށްގެން، އެ ކުދިންނާ އެކީގައި، ތަންކޮޅެއް ގާތުން މި ކޮންސަރންސްތަކަށް އެޑްރެސްވާގޮތަށް މި މަސައްކަތް ކުރެވުނީމަ. ސްޓާފުން މަދިއްޔާ ކޮންމެގޮތެއްވިޔަސް އެތިބި ބަޔަކަށް ވަރަށް ބާރުވެސް ބޮޑުވާނެ.
ޕްރެޒެންޓަރ:
އާދެ، ތެލަސީމިއާގެ ވާހަކައިގެ ތެރޭގައި ދެން އަޅުގަނޑުވެސް މި ޚަބަރުތައް އަޑުއަހަމުން، ބަލައިލަމުންދިޔައިރުގައި ފާހަގަކޮށްލެވުނު އެއްކަމަކީ، ތިހުރިހާ ކަންތައްތަކެއްގެ ތެރެއިން ބައެއް ކަންބޮޑުވުންތަކުގެ ތެރެއިން އެއްކަމަކަށް އަޅުގަނޑަށްވެސް ފާހަގަކުރެވުނު ކަމަކީ، ރައީސް ވިދާޅުވި ކަމަށް އޭގައި އޮންނަ ވާހަކައެއް. "އެނގިވަޑައެއްނުގަންނަވައޭ. މިތާނގެ ކަންތައްތައް ހުރީ މިހެން ކަމަކަށް އެނގިވަޑައެއްނުގަންނަވައޭ." މި ދެން އަޅުގަނޑު ހިތަށްއަރަނީ، ކޮންމެވެސްވަރަކަށް ސާފުކޮށްލަން. އަޅުގަނޑުވެސް ހިތަށްއެރީ، ރައީސް ކީކޭބާވައޭ ވިދާޅުވާނީ މީގައި؟ ކީކޭބާވައޭ މީގައި މިކިޔަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ދެންނެވި ވާހަކައަކީ، މިގޮތަށް މިކަންކަން ރަނގަޅުނުކޮށް، ނޫނީ އެޓެންޑްނުވެ ހުރި ކަމެއް އަޅުގަނޑަކަށް ނޭނގެއޭ. އެއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، އަޅުގަނޑާ އެ ބޭފުޅުން ބައްދަލުކުރި ކެމްޕެއިންތެރޭގައި. އަޅުގަނޑު އެކަންކަމަށް އަލިއަޅުވާލައި، ވަޢުދުތަކެއްވެސް ވީން. ދެން އެކަންކަން ޙައްލުކުރަން ޙަވާލުކޮށްފައި އަޅުގަނޑު މިއޮތީ. ދެން އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ނޭނގޭ، މިކަންކަން މިހާ ގޯސްކޮށް، ނޫނީވިއްޔާ މިކަންކަން އެއްވެސްވަރަކަށް ޙައްލުނުކުރެވި އޮތް ކަމެއް. އަޅުގަނޑަށް އިޝޫޒް އެނގޭ. އިޝޫޒްތައް އޮތީ ކެމްޕެއިން ތެރޭގައިވެސް އެނގިފައި. ދެން އެކަންކަން އެޑްރެސް ނުކުރެވި މިއަދާ ހަމަޔަށް އައިއިރުގައި، މި ސްޓޭޓަސްގައި އޮތް ކަމެއް ނޭނގެ.
ޕްރެޒެންޓަރ:
ޢާންމު އުޞޫލެއްގެ ގޮތުން ވާނެގޮތަކީ، ތިކަހަލަ ކަމެއް، ދެންމެ ތިޔަ ވިދާޅުވިހެން، ކަމެއް ރަނގަޅުނުވެ ހުންނަންޏާ، މީހުން ޝަކުވާކުރާނެ. އެހެންވީމާ، އެކަހަލަ ޝަކުވާއެއް މި މުޒާހަރާވާ ހިސާބާ ހަމަޔަށްވެސް މިދިޔައީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝަކުވާއެއް ގޮތަކަށް ހަމަ ނުދެކެން. ހަމަ ޖެނުއިން ހަމަ ފްރަސްޓްރޭޝަންސް އެއީ އިނގޭތޯ.
ޕްރެޒެންޓަރ:
ނޫން، މި ދެންނެވީ، ދެން އެހެންވެއްޖިއްޔާ އެނގިވަޑައިނުގެން އޮތުން އެކަށީގެންވޭތާއޭ. އެއީ ހަމަ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ދެން އެއްގޮތަކަށްވެސް އަޅުގަނޑު އެ ޒިންމާއިން ރެކޭކަށްވެސް ދެއްކި ވާހަކައެއް ނޫން. އަޅުގަނޑު ދެން ހަމަ ގަބޫލުކުރާގޮތުގައި، އެކަންކަން ހުންނަންޖެހޭނީ ޙައްލުކުރެވިފައި.
ދެން ހަމަ އެއާއެކީގައި، އަދި އިތުރު ބަދަލުތަކެއްވެސް ގެނެސްފިން. ނޫނީވިއްޔާ ކުރަންހުރި ކަންތައްތަކެއްވެސް ވާނެ. ތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުންވެސް މިސާލަކަށް އިނގޭތޯ. ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުން. އެކަންކަމަށްވެސް ބަޖެޓް ކަންތައް ހަމަޖައްސައިދިނިން.
ދެން ތަނުގެ ފެންވަރު ހުރީ ވަރަށް ބޮޑަށް ހަމަ ޑައުންވެފައި. ދެން ސަރުކާރުން އެތަން ހުޅުމާލޭގައި، ކުރީގައި ކޯވިޑުގެ ދުވަސްވަރު ބޭނުންކުރި ޢިމާރާތް، އޮރެންޖް ހިޔާ. އެތަނުގެ ވަރަށް ޖާގަ ބޮޑު ފްލޯރއެއް ވަނީ ލިބިފައި. އެހެންވީމާ، އެތަނަށް ބަދަލުކުރުމުގެ ކަންތައް އަޅުގަނޑު ގޮސް ބަލައިލިއިރުގައި ހުރީ ދެބައިކުޅަ އެއްބައިވެސް ނުނިމި އަދި. ދެން މިހާރު އަޅުގަނޑު ހަމަ އެ ދުވަހުން އެ ދުވަހަށް ވާނީ ސިފައިންނާ މަސައްކަތް ހަވާލުކޮށްފައި. އެއީ، އޭރު ކޮންޓްރެކްޓް އޮތް ފަރާތުގެ މުއްދަތު ހަމަވޭ. ދެން އެހެންވީމާ، މުއްދަތު އިތުރުނުކޮށް، އޮންނަ އުޞޫލުގެ ތެރެއިން، ޤާނޫނާއި ގަވާއިދުގެ ތެރެއިން، އަޅުގަނޑު ދެންނެވީ، އެކަން ނިމުމަކަށް ގެނެސް، މިހާރު ސިފައިންނާ ޙަވާލުކުރަން. ސިފައިން މި މަހުގެ 28 ގައި މަސައްކަތް ފަށާނެ. ޤައުމީ މަސައްކަތެއްގެ ގޮތުގައި، ސީދާ ސިފައިން ޢަމަލީގޮތުން އެތަން ހަދައިދޭށޭ. ދެން އެ އޮންނަ ޑިޒައިނަކަށް. ދެން އެތަނުގައި ހުންނަންޖެހޭ ހުރިހާ ކަމަކާ އެކީގައި. ދެން އެޕްރީލް މަސް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ، އެއްމަސް ދުވަސް ގާތްގަނޑަކަށް. އެއްމަސް ތެރޭގައި ނިންމަން ސިފައިން އެ މަސައްކަތް އެ ފަށަނީ. އޭރުން އެތަން ނިމޭނެ.
ދެން އެތަނަށް ޝިފްޓްކުރުމުގެ ކަންކަމާ އެއްޗެހިވެސް ވަރަށް ސްމޫތްކޮށް ގެންދެވުމަށް އަޅުގަނޑު ދަންނަވާފައި އޮންނާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންކަން ދާނީ ރަނގަޅަށް.
ދެން އެތަނުގެ ޚިދުމަތް ހޯދަން މާލޭގައި ތިބި ވަރަށްގިނަ ތެލަސީމިއާ ކުދިންވެސް ދާނެ. އެހެންވީމާ، އަޅުގަނޑުމެން މި ކަނޑައެޅީ، އެމް.ޓީ.ސީ.ސީ.ގެ މި އޮންނަ ބަސް ސަރވިސްގެ ތެރެއިން އެތަނަށް ޚާއްޞަ ބަސް ސްޓޮޕެއް ކަނޑައަޅަން. އެތަނަށް މަޑުކުރާގޮތަށް. އެތަން ހުޅުވެންވާއިރަށް. އޮރެންޖް ހިޔާ ހުޅުވޭއިރަށް އޮންނާނީ ހަމަޖެހިފައޭ. ދެން އަދި އޭގެއިތުރަށް، އަދި އެތަނަށްދާ ކުއްޖާ، ޕޭޝަންޓާއި އޭނާގެ ބެލެނިވެރިޔާއަށް ބަހުގައި ހިލޭ ދަތުރުކުރެވޭގޮތަށް މި ހަމަޖެއްސީ.
ޕްރެޒެންޓަރ:
އެހެންވީމާ، ޖުމްލަގޮތެއްގައި އަޅުގަނޑުމެން މިހާރު މި ދެންނެވީ، ތެލަސީމިއާ ކުދިންގެ ބެލެނިވެރިންނަށް އަޅުގަނޑު އުންމީދު މި ކުރަނީ، އެހެންވީމާ، ޔަޤީންކަން ލިބިވަޑައިގަންނަވާނެ ކަމަށް މިހާރު ދެން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެޓެންޑްވާނަން. ސީދާ ޔަޤީނުންވެސް އަޅުގަނޑު އެކަންކަން ބަލާނަމޭ. ފިލްޓަރ އިޝޫއާ، ދެން މިހުރިހާ ކަމަކަށްވެސް. އަޅުގަނޑު ހަމަ ކޮންމެ ދުވަހަކު މިދަނީ ގާތުން ބަލަމުން. ދެން ކޮންމެގޮތެއްވިޔަސް، އެކި މީހުންގެ އެކި ޒިންމާތައް މީގައި އަދާކުރަންޖެހޭ ކަންކަން ނުކުރެވިފައި މިއޮތީ. އެހެންވީމާ، އެކަންކަން ޙައްލުކުރުމަށްވެސް މި ދެންނެވި ފިޔަވަޅުތައްވެސް މިއޮތީ އަޅާފައޭ. އަދި ކުރިއަށް އޮތްތާވެސް އަޅުގަނޑު މިކަން ބަލާނަން.
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑުވެސް އެއްކަލަ އެ ޚަބަރުގައި ފާހަގަކޮށްފައި އޮތީމަ، ދެން ތިޔަ ވިދާޅުވިހެން ހަމަ ފާހަގަކޮށްލި އަނެއްކަމަކީ، ރައީސް އަމިއްލަފުޅަށް ވިދާޅުވެފައިވޭ، އަމިއްލަފުޅަށް ބައްލަވާނެ ކަމަށް ހުރިހާ ކަމެއްވެސް. އެހެންވީމާ، އެކަން މިހާރު ބެލެނިވެރިންނަށް މި ދެންނެވީ. ތެލަސީމިއާ ކުދިންގެ ބެލެނިވެރިންނަށް ޔަޤީންވެދާނެ ކަމަށް އަޅުގަނޑު މި ދެކެނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު އެދެނީ ޔަޤީންކުރައްވަން، އަޅުގަނޑު ބަލާނެ ކަމަށް އިނގޭތޯ.
ޕްރެޒެންޓަރ:
ރަމަޟާން މަސް ނިމުމުގެ ކުރިން އަޅުގަނޑު ދެން ހިތަށްއެރީ، މި ޕޮޑްކާސްޓްގައި، ރަމަޟާން މަހަކަށްޓަކައި ޢާންމު ގޮތެއްގައި މީގެކުރިން ނުފެންނަ ގިނަ ކަންތައްތަކެއް މިފަހަރު ފެނިއްޖެއޭ އަޅުގަނޑުމެންނަށް. ސަރުކާރުން އިސްނަންގަވައިގެން ކުރެއްވި ކަންތައްތަކެއްގެ ގޮތުގައި. ކޮބައިތޯ މީގެ މައިގަނޑު ވިސްނުންފުޅަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރަމަޟާން މަސް މިއީ ޚާއްޞަކޮށް، ރާއްޖޭގައި 100 ޕަސެންޓް އިސްލާމުން އުޅޭ ޤައުމެއްގައި ސަރުކާރުން ވަރަށް އިސްކަންދޭނެ މަހެއްގެ ގޮތުގައި. ރައްޔިތުންނަށް ވީހާވެސް ކަންކަން ފަހިކޮށްދޭން، ލުއިކޮށްދޭން. ދެން އެގޮތުން، މިދިޔަ ރޯދަމަހުވެސް އަޅުގަނޑުމެން ވާނީ ފުރަތަމަފަހަރަށް، ކަރަންޓް ބިލާއި، ފެން ބިލުންވެސް ޚާއްޞަ ލުޔެއްވެސް ދީފައި. ދެން އެކަން މި އަހަރު ކުރިއަށް މިގެންދިޔައީ. ހަމަ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އެ ދެ ބިލުން ވާނީ ލުއި ހަމަޖެހިފައި. ދެން މިދިޔަ އަހަރު އަޅުގަނޑުމެން ކޮންމެ ގޭބީސީއަކަށް ދިނީ ހަނޑޫ ބަސްތާ. ދެން އެ ގެންދިޔަ ފަރާތްތަކުން ގެންދިޔައީ. ދެން މިފަހަރު މި ހަމަޖެއްސީ މަސްދަޅު ކޭސް. ދެން ރޯދަމަހު ޚާއްޞަކޮށް ވަރަށް ބޮޑަށް މަސްދަޅު ބޭނުންކުރާނެ. އަބަދުވެސް ބޭނުންކުރޭ. އެހެންވީމާ، ދެން ވަރަށް އަގުވެސް ބޮޑު އެއްޗެއް. އެހެންވީމާ، 48 ދަޅުގެ ކޭހެއް ކޮންމެ ގެޔަކަށް، ގޭބީސީއަކަށް. ދެން އެގޮތަށް. އެކަން ހަމަޖެހިގެން އިރާދަކުރެއްވީތީ ވަރަށް ރަނގަޅަށްދިޔަ.
ދެން އަޅުގަނޑު ހަމަ ސްޓެޓިސްޓިކްސް ކުޑަކޮށް ބަލައިލާނަން. ބަލައިލާއިރުގައި، ޖުމްލަ އެއްލައްކަ އެގާރަހާސް އަށްސަތޭކަ އަށް ކޭސް މިހާރު މީހުން ގެންގޮސްފި ގޭގެއަށް. އެއީ، އަތޮޅުތެރޭގައި، ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ނުވަ ގެޔަކަށް. އަދި މާލޭގައި ސާޅީސް ނުވަހާސް އަށްސަތޭކަ ނުވަދިހަ ނުވަ ގޭބީސީއަކުން. ދެން މިހާރު ހަމަ ބޭނުންވާއިރަށް އައިސް، ނުގެންދާ މީހުންނަށް ގެންދެވޭގޮތަށް އެ އޮންނަނީ. މިހާރު ގާތްގަނޑަކަށް ހުރިހާ ބޭފުޅުން ގެންގޮސްފި.
ޕްރެޒެންޓަރ:
ވަރަށް ފޯރިގަދަކޮށް ފެށުނީ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ފެށުނު. މާލޭގައި ކުޑަކޮށް ކެއޯޓިކްކޮށް ފުރަތަމަ ދުވަސް ދިޔައީ. ދެން އަތޮޅުތެރޭގައި ނުވޭ އެހެންނެއް. ދެން ފުރަތަމަ ދުވަސް އެހެން ގޮސްފައި، ދެން އެ ވީކްއެންޑްގައި އަޅުގަނޑުމެން ކަންކަން ސޯޓްއައުޓްކޮށް، ހަމަޖައްސާލައިގެން ދެންދިޔައީ ރަނގަޅަށް އިނގޭތޯ.
ޕްރެޒެންޓަރ:
ދެން އޭގެއިތުރަށް، މި ދެންނެވީ، ކޮންމެވެސްވަރަކަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް މިހެން ސުވާލު އުފެދެއޭ. ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ބަންދުކުރުމުގައި ކަންތަކުގައި އިނގޭތޯ. ދެން ބައެއް ބޭފުޅުން ވިދާޅުވޭ ދޮގެއްތޯ. ރަމަޟާން މަހަކީ މިއީ ކަންނެއްވާންވީ މަހެއްހެއްޔޭ؟ ދެން ފަހުދިހައަށްވެސް ބަންދުކޮށްލަންވީހެއްޔޭ؟ ނޫނީ މަސައްކަތް ކުރަމުން، ވަޒީފާ އަދާކުރަމުން ކުރިއަށްދާންވީހެއްޔޭ؟ ދެން އެކަމަކު ފަހުދިހަޔަކީ ވަރަށް ޚާއްޞަ ދުވަސްކޮޅެއްކަންވެސް އަޅުގަނޑަށްވެސް އެނގޭ. ކޮބައިތޯ މި ފަހުދިހަ ބަންދުކޮށްލުމާ ދޭތެރޭގައި ވިސްނުންފުޅަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ރަމަޟާން މަހަކީ އަޅުކަމަށް ޚާއްޞަ މަހެއް. އަބަދުވެސް އަޅުކަން ކުރަންޖެހޭ. އަޅުކަމަށް ޚާއްޞަ މަހެއް. ދެން އޭގެތެރެއިން، އެހެންވީމާ، ދޮގެއްތޯ 9 ޖަހާއިރަށް، ނޫނީވިއްޔާ 10 ޖަހާއިރަށް ބައެއް އަހަރުތަކުގައި އޮފީސްވެސް ފެށެނީ. ރޭގަނޑު ހަމަ އަޅުކަމުގައި ވަގުތު ހޭދަކޮށްފައި، ކުޑަކޮށް ނިދާލާފައި އަންނަން. ދެން ހަމަ ވަރަށް ސާފުކޮށް ދީނުގައި އެބައޮތް ބަޔާންކޮށްފައި، ފަހުދިހައަށް އިތުރު ސަމާލުކަމެއް ދޭން، ليلة القدر އަށް މަސައްކަތް ކުރުމަށްޓަކައި ދޮގެއްތޯ. އަދި ހަމަ ދަރުމައާއި ޘަވާބު އެތައް ގުނައެއް ލިބިގެންދާ ކަމެއް ގޮތުގައި، އެހެން ނޫންތޯ. ކުރިން ދެންނެވި ފަދައިން، 100 ޕަސެންޓް އިސްލާމީ ޤައުމެއް. މި ޤައުމުގައި އަޅުގަނޑު ބޭނުންވަނީ، އިސްލާމްދީނުގައި މިހެން ހުންނަ ކަންކަމަށް ފަހިކޮށްދޭން ސީދާ ސަރުކާރުން. އެއީ، އަޅުގަނޑުގެ ޒިންމާއެއް ގޮތުގައި އަދި ފަޚުރެއް ގޮތުގައި، އުފަލެއް ގޮތުގައި ދެކެން، އަބަދުވެސް ރާއްޖޭގައި އިސްލާމްދީނަށް ނަޞްރުދިނުން.
އެހެންވީމާ، އެގޮތުން، ފަހުދިހައަށް ބަންދުކުރީމަ، މުޅި ރޭ އެކީގައި ބޭނުންވާ ކޮންމެ ގަޑިޔަކު ރޭއަޅުކަމުގައި އުޅުމަށް ފުރުޞަތު އެބަލިބޭ.
ޕްރެޒެންޓަރ:
ރައީސް ތިހެން ވިދާޅުވީމާ އިނގޭތޯ. މިދިޔަ އަހަރުގެ ރަމަޟާން މަހު އަޅުގަނޑު ރާއްޖޭގައެއް ނޫން ހުރީކީއެއް. މިއީ ދެން މަނިކުފާނުގެ ސަރުކާރުގެ ދެވަނަ ރަމަޟާންމަސްތާ ދޮގެއްތޯ. މި އަހަރު ދެން ރާއްޖޭގައި މިހުރީ. މިސްކިތްތަކުން ހަމަގައިމުވެސް އެ ތަފާތު ފެނޭ އިނގޭތޯ. އެކަން އަޅުގަނޑުވެސް ހަމަ ގަބޫލުކުރަން. ހަމަ ވަރަށްބޮޑު ތަފާތު ފެނޭ. އެހެންވީމާ، އަޅުގަނޑުވެސް ދެކެނީ އެއީ، ރަނގަޅު ހެޔޮ ބަދަލެއްގެ ގޮތުގައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ ދުވާލު އޮފީހަށް ގަޑިނުޖެހި ދާންޖެހޭނެއޭ. އެކަމުގެ ކަންބޮޑުވުން އޮވެގެން، ބޭނުންވާވަރަށް ރޭއަޅުކަމުގައި ނޫޅެވި ހިނގައިދާނެއޭ. ޚާއްޞަކޮށް، ފަހުދިހައެއްގައި. އެހެންވީމާ، މި ފުރުޞަތު މިދިނީ އަޞްލުގައި. އިރާދަކުރެއްވިއްޔާ ހަމަ މި ދައުރުގައި ކޮންމެ ރަމަޟާން މަހަކުވެސް އެކަން އޮންނާނީ އެގޮތަށް.
ދެން އަދި އޭގެއިތުރަށް، ސްކޫލްތައް، މިފަހަރު މުޅި ރަމަޟާންމަސް މި ބަންދުކުރީކީއެއް، ކުރީގައި އެގޮތަށް ކަނޑައަޅައިގެނެއް ނޫން. އެއީ، ހަމަ މި އަންނަ އަހަރު، ދިރާސީ އަހަރު ޖަނަވަރީގައި ފަށަންވެގެން އެ ގެންނަ ބަދަލުގެ ތެރެއިން އައިސް، އެއް ހަފްތާ ޝިފްޓްކޮށްލަން ޖެހުނީ، އެހެން ދުވަސްތަކަށް. ދެން މުޅިމަސް ބަންދުކޮށްލެވިއްޖެ. ދެން އަޅުގަނޑު ވާނީ މިހާރު އެޑިޔުކޭޝަން މިނިސްޓަރަށް ދަންނަވާފައި، ބައްލަވައިދެއްވާށޭ، ދެން އޮތް ކޮންމެ އަހަރެއްގައިވެސް ރަމަޟާންމަސް އެގޮތަށް، މުޅި ރަމަޟާންމަސް ބަންދުކުރެވޭނެގޮތް ހަމަޖެއްސޭތޯ، ކިޔަވައިދޭ ދުވަސްތައް، ނޫނީވިއްޔާ ގަޑިތައް އެއްވެސްވަރަކަށް ނުގެއްލޭނެ ގޮތަކަށް މުޅި އަހަރު ތެރެއިން ހަމަޖައްސައިގެން.
ޕްރެޒެންޓަރ:
އަޅުގަނޑު ކުރިންވެސް ދަންނަވާލިހެން، އޭގެ ބޭނުންފުޅަކީ، ކޮންމެހެން ރަމަޟާން މަހަކީ ކަންނެއް މަހަކަށް ހަދާކަށް ނޫނޭ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ބަދަލުކުރައްވާށޭ ބޭނުންފުޅުވަނީ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން އަނެއްކާ ބެލެނިވެރިން ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރޭ. ނޫނީވިއްޔާ ބަލައިގަނޭ އިނގޭތޯ، ސްކޫލް ބަންދުކުރީމަ. އިއްޔެވެސް އަޅުގަނޑާ ދިމާވި ބައެއް ބެލެނިވެރިން ވަރަށް އުފާވެފައި ތިއްބެވީ. އަޅުގަނޑަށް ފެންނަނީ ހަމަ ރަމަޟާން މަހަށް ދެވޭ ޚާއްޞަ ކަމެއްގެ ގޮތުގައި.
އަދި ހަމަ އެއާއެކީގައި، ދެން ރަމަޟާން މަސް ނިމިގެން މި އަންނަނީ ޢީދު. ޢީދުގައި ވަރަށް ސާފުކޮށް އިސްލާމްދީނުގައި އޮންނަ ކަމެއް. އަޅުގަނޑުމެންނަށް އޮތީ ދެ ދުވަސްކަން. މުނާސަބަތެއް ގޮތުގައި. އުފާފާޅުކުރަން ދޮގެއްތޯ. އެއީ، ދެ ޢީދު. އެހެންވީމާ، ދެ ޢީދު، 100 ޕަސެންޓް އިސްލާމީ ޤައުމެއްގައި، ސަރުކާރުން އިސްނަގައިގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ފުރުޞަތު ދޭންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ އުފާފާޅުކުރަން. އެހެންވީމާ، ޢީދުގެ ދިއްލުންތައް ދިއްލައި، އެ އުފާވެރިކަން ކުޑަކުދިންނަށް ޚާއްޞަކޮށް، އިސްލާމްދީނަށް ލޯބިކުރުމަށްޓަކައި ދިނުމަށް އަޅުގަނޑު ނިންމި ކަމެއް. އަޅުގަނޑު ކުރީގައި މޭޔަރަކަށް ހުރިއިރު މާލޭގައި ފެށީ. ދެން އަޅުގަނޑު ވަޢުދުވިން، މުޅި ރާއްޖެއަށް ފުޅާކުރާނަމޭ. ދެން އެގޮތުން، ފުރަތަމަ އަހަރު، ވެރިކަން ކުރާ ރަށްތަކުގައި ހަމަ އަޅުގަނޑު ވަޢުދުވީގޮތަށް. ދެވަނަ އަހަރު، މި އަހަރު އިތުރު ރަށްތަކުގައި އެކަން ކުރެވިގެންދަނީ. އެއީ، އޭގެ މަޤްޞަދަކީވެސް ދީނަށް ލޯބިޖެއްސުން. ދީނުގައި މިކަހަލަ މުހިންމު މުނާސަބަތުތަކަށް އަދި ޚާއްޞަކޮށް، ކުޑަކުދިން، ދެން ޖުމްލަކޮށް އެންމެންނަށްވެސް، އެންމެންގެ ހިތުގައި ލޯބިޖައްސައި، އިސްލާމްދީނުގައި އޮންނަ ގޮތަށް އެކަންކަމުގައި އުޅުމުގެ ފުރުޞަތު ފާހަގަކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި.
ޕްރެޒެންޓަރ:
އާދެ، ރައީސް، މި ރަމަޟާންމަހާ ބެހޭގޮތުން މި ދެކެވުނު ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއްގެ ވާހަކަ ދަންނަވާލަން އަޅުގަނޑު ހިތަށްއެރީ.
މީގެ ކުރީގެ ރޯދަމަސްތަކުގައި، ދެންމެ ކުރިންވެސް ދަންނަވާލިހެން، މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ރޯދަމަސް އަދި އަޅުގަނޑަށް ރާއްޖޭގައި މި ހޭދަކުރެވެނީ. މިދިޔަ ރޯދަމަހު ރާއްޖެއިން ބޭރުގައި ހުރީ. އެކަމަކު ޢާންމު ގޮތެއްގައި ރޯދަމަހު ފާހަގަކުރެވޭ އެއްކަމަކީ، މަޣުރިބް ނަމާދަށް މިސްކިތަށް ދާއިރު، ޚާއްޞަކޮށް، ރޯދަ ވީއްލައިގެން މިސްކިތް ކައިރީގައި ތިބެގެންވެސް މީހުން ސިނގިރޭޓް ބޮއިފައި، އެތިބި ގޮތަށް މިސްކިތަށް އެރީމަ، ދުންފަތުގެ، އެ ސިނގިރޭޓުގެ ވަސް އިނގޭތޯ މީހުންނަށް، އަޅުގަނޑަށް ހަމަގައިމުވެސް އުނދަގޫވާ މިންވަރަށް އެ ވަސް ހުންނަކަން ފާހަގަކުރެވޭ. އެކަމަކު މިފަހަރު ހަމަ އެއްގޮތަކަށްވެސް އަދި އަޅުގަނޑަކަށެއް ސިނގިރޭޓުގެ ވަހެއް މިސްކިތްތެރެއަކުންނެއް ނުޖެހޭ އިނގޭތޯ. އަޅުގަނޑު ހަމަ މީގެ ކްރެޑިޓް މަނިކުފާނަށް އަރުވާނަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ވަރަށް އުފާވެއްޖެ، ތި ވާހަކަ، ތިކަން ތިގޮތަށް ފާހަގަކޮށްލެއްވީމާ.
ޕްރެޒެންޓަރ:
އަޅުގަނޑަށް ޔަޤީން، ވަރަށްގިނަ ބަޔަކަށް މިކަން ފާހަގަކުރެވޭނެކަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެހެންތޯ؟ އާދެ، އަޅުގަނޑު ޙަޤީޤަތުގައި ވަރަށް މާތް މަޤްޞަދެއްގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ރައްޔިތުން ދުރުކުރުމުގެ މަސައްކަތްތަކެއް މި ފެށީ. އެއްގޮތަކަށްވެސް ދިރިއުޅުމަށް، ނޫނީވިއްޔާ މީހާގެ ލައިފް ސްޓައިލަށް އެއްވެސްކަހަލަ އުނދަގުލެއް ކުރިމަތިކުރާކަށް ނޫން. އަތުން ބޮޑު ހޭދައެއް ކުރުމަށް މަޖުބޫރުކުރާކަށްވެސް ނޫން. އަޅުގަނޑަށް އެނގޭ، ހަމަ ވަރަށް ބޮޑަށް ކަށީގައި ހިފާފައި، ދެން ވަކި ދިވެހިންނެއް ނޫން، ޢާންމުކޮށް ހަމަ އިންސާނުންގެ އޮތް ބޮޑު ކަމެއް މިކަމަކީ ދޮގެއްތޯ.
ދެން ހަމަ އެކަމުން ދުރުހެލިކުރުވުމަށް ބާރުއެޅުމަށްޓަކައި ދުންފަތުގެ، ސިނގިރޭޓުގެ އަގު، ނޫނީވިއްޔާ ޑިއުޓީ ބޮޑުކުރީ. ޓެކްސް ބޮޑުކުރީ. ދެން ވޭޕް އެކީގައި މަނާކުރީވެސް ޚާއްޞަކޮށް ހަމަ އެހެންވެގެން. ދެން މީގެ ބޭނުމަކީ، އަޅުގަނޑުމެން ޞިއްޙީ ޙާލަތު ރަނގަޅުކުރަން. މިކަމުން ދުރުވެގެން ދިޔުން. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ޙާލަތު ދާނީ ދުވަހުން ދުވަހަށް ރަނގަޅުވަމުން.
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑުވެސް ހިތަށްއަރަނީ، މިކަމުގެ އެއްކަލަ އާދަ ކަށީގައި ހިފާފައި ތިބި ބަޔަކަށް ފަހަރެއްގައި ހިތްހަމަނުޖެހުމާއި ނަފްރަތުގެ ޝުޢޫރުތަކެއް މިހާރު އިޙްސާސް ކުރެވުނަސް، ދުރު މުސްތަޤްބަލަކަށް ބަލާއިރު، ހަމަ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރައްވާނެ ކަމަށް ދެކެނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު ހަމަ ސްޓެޕް ބައި ސްޓެޕް، ތަންކޮޅެއް ބޮޑު ސްޓެޕެއް އެކަމަކު މިނެގީ. އެކަމަކު ދެންއޮތް ސްޓެޕަކަށް އަޅުގަނޑު ވިސްނާފައި މިއޮތީ، ދެން އަޅުގަނޑު މިތަނުގައި ފާހަގަކޮށްލާނަން. އަދި ކުރިއަށް އޮތް ތަނުގައި ތަފްޞީލު އިޢުލާނު ކުރަމުން ދާނަން.
ޖެނެރޭޝަން ބެއިންއޭ މި ކިޔާ، ޚާއްޞަކޮށް، ޒުވާން ކުދިންނަށް އަލަށް ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތެރެއަށް މި ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން އިނގޭތޯ. އެއީ، ކަށީގައި ހިފައިގެން ގިނަ ދުވަސްތަކެއް މިކަމުގައި އުޅެފައި ހުންނާނީ ތަންކޮޅެއް ޢުމުރުން މަތީ މީހުންތާ ދޮގެއްތޯ. ދެން އެކަމަކު 18 އަހަރު ވެގެންގޮސް ދެން އެކަމުގެ ތެރެއަށް މިދާ ކުދިން، އެކަމުން ދުރުކޮށްދީ، އެ ކުދިންގެ މުޅި ޙަޔާތް، ކުރިއަށް އޮތް ތަނުގައި އެކަމުން ސަލާމަތްވާނެ، ދުރުގައި ތިބެން ބާރުއެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަޖައްސާނަން. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އެކަހަލަ ފިޔަވަޅުތައް އެބަހުރި އަޅާފައި. އެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން އިނގޭތޯ.
ޕްރެޒެންޓަރ:
އާދެ، ދެން އަނެއްހެން މި ދެންނެވީ، ރައީސް ތި ވިދާޅުވިހެން، މިއީ ކުރަން ނުކެރިފައި އޮތް ކަމެއްކަންނޭނގެ. އެއީ، ހަމަގައިމުވެސް މި ވޭޕްގެ މައްސަލައިގައިވެސް ނޫސްތަކުގައި، މީގެކުރިން،
ތި ފިޔަވަޅު އެޅުމުގެ ކުރިންވެސް މިކަމާ ބެހޭގޮތުން، މިކަން ހުއްޓާކަށް ނުވޭތޯ، ކޮންއިރަކުންތޯ ސަރުކާރުން ފިޔަވަޅެއް އަޅުއްވާނީ. މިހެންހުރި ގިނަ ވާހަކަ ލިޔެފައި އެބަހުރި. އެހެންވީމާ، ފިޔަވަޅެއް ދެން އެޅުއްވީމާ، ދެން އިދިކޮޅުވާ ބަޔަކުވެސް އުޅޭނެތާ ކޮންމެވެސްވަރަކަށް ދޮގެއްތޯ.
އަޅުގަނޑަށް ހީވަނީ މިއާ ކޮންމެވެސްވަރަކަށް ގުޅޭ ސުވާލެއްހެން. ވީޑިއޯ ސުވާލެއް އެބައޮތް އިނގޭތޯ. ދެން ވީޑިއޯ ސުވާލުގައި، އަހްމީމް ފާރިޝް ކުރައްވާފައި އޮންނަ ސުވާލެއް. އަޅުގަނޑު ކުޑަކޮށް އަޑުއަހާލިން. ކޮންމެވެސްވަރަކަށް މިއާ ގުޅުންހުރި ސުވާލެއް ކަމަށްވެސް ވެދާނެ. އަޅުގަނޑުމެން އެހެންވީމާ، ވީޑިއޯ ސުވާލަށް ދަމާތޯ ދޮގެއްތޯ.
ވީޑިއޯ ސުވާލު:
(އަހްމީމް ފާރިޝް)
ދެއްވި ފުރުޞަތަށްޓަކައި ޚާއްޞަ ޝުކުރެއް ދަންނަވާލަން. ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ގިނަވަމުންދާ ދިޔުން މަދުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅުއްވައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ރައްކާތެރިކުރުމަށްޓަކައި، ދިވެހި މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަން ބޭނުން. އެގޮތުން، އެކަމުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުންދާކަން އެއީ، އެކަމާމެދު އަޅުގަނޑުމެން އެއްވެސް ޝައްކެއްކުރާ ކަމެއް ނޫން. ހަމައެހެންމެ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ވަރަށް ގިނައިން ފެންނަ ހަކުރުބަލީގެ މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، ނޫނީ އެކަމުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށްދެއްވުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ ހަކުރުގެ ބާވަތްތަކުން އެއްވެސްކަހަލަ ޓެކްސްއެއް އިތުރުކުރުމުގެ މަސައްކަތް ނުވަތަ މިހާރު މިވަގުތު ހަކުރުގެ ބާވަތްތަކަށް ލިބެމުން އަންނަ ސަބްސިޑީ ކަނޑާލުންފަދަ ކަމެއްގެ ބަދަލުގައި ދިވެހިރާއްޖެއަށް އެތެރެކުރެވޭ ތަރުކާރީއާއި އަދި ފުރުޓްގެ ބާވަތްތަކަށް ޚާއްޞަ ސަބްސިޑީއެއް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެއްވެސް ސިޔާސަތެއް ގެންގުޅުއްވަންތޯ؟ އެއީ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކޮށްލަން ބޭނުންވާ ސުވާލަކީ.
ޕްރެޒެންޓަރ:
އަޅުގަނޑު ދެންމެ ދެންނެވިހެން، މައިގަނޑު ގޮތެއްގައި ދެންމެ އަޅުގަނޑުވެސް ފާހަގަކޮށްލިހެން، ދުންފަތުގެ އިސްތިޢުމާލާ ގުޅޭގޮތުން އެޅުއްވި ފިޔަވަޅަށް އޭނާވެސް ތަޢުރީފު ކޮށްފައި އެއޮތީ ދޮގެއްތޯ. ދެން އޭގެއިތުރުން، ސުވާލަކަށް މި އަންނަނީ، ހަށިގަނޑަށް ފައިދާހުރި ކާނާއަށް ބާރުއެޅުމާއި، ގެއްލުންދެނިވި ކާނާ މަދުކުރުމާ ބެހޭގޮތުން، މިކަހަލަ ކަމަކާ ދޭތެރޭގައި ސިޔާސަތު ގެންގުޅުއްވާ ގޮތެއް ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ރަނގަޅު ވާހަކަފުޅެއް، ސުވާލެއް އެއީ. އެކަމަކު ޖުމްލަކޮށް ދަންނަވާލަން ބޭނުންވަނީ، އިތުރު ސަބްސިޑީއެއް ދިނުމަކީ އެހާ ރަނގަޅު ކަމަކަށްނުވެދާނެއޭ. އެކަމަކު ފުރުޓް، ނޫނީ މޭވާއާއި ތަރުކާރީއަށް މީހުން އިތުރަށް ކައިރިކޮށްދީ، ނޫނީ އަގުހެޔޮކޮށްދީ، އަތްފޯރާފަށަށް އަގުތައް ތިރިކުރުމުގެ ކަންތައްތަކެއް ކުރުން އެއީ، ހަމަ އަޅުގަނޑުމެންގެ ވިސްނުމަކީވެސް.
އެއްކަމަކަށް، ރާއްޖޭގައި މި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއް ފަށައިގެން މިއުޅޭ މަޝްރޫޢުތަކުގައި، އޭގެތެރޭގައި އަންނާނެ، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް. ރާއްޖޭގެ ޕޮޕިއުލޭޝަނަށް، އާބާދީއަށް ބޭނުންވާވަރަށް އުފެއްދުމުގެ ޓާގެޓެއް ހާސިލުކުރުން. އޭގެތެރެއިން ރާއްޖެއަށް، މި ބޭރުން މި ގެންނަ މޭވާއާއި ތަރުކާރީ އުފެއްދިގެންދާނެ ރާއްޖޭގައި. އޭރުން އަގުހެޔޮވެގެން އެބަދޭ އިރާދަކުރެއްވިއްޔާ. އެއީ، އެއްގޮތް.
ދެން އޭގެއިތުރަށް، އަޅުގަނޑުމެންގެ މެއިން، އެންމެބޮޑު ކުންފުންޏަކަށް މި އޮންނަނީ، މިކަހަލަ ތަކެތި އެތެރެކޮށް ހަދާ އެސް.ޓީ.އޯ. އެސް.ޓީ.އޯ. އިން ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ޚާއްޞަ ގޮތްތަކެއް ރާވައިގެން، އެންމެ ގިނައިން ރާއްޖޭގެ ރައްޔިތުން ބޭނުންކުރާ ތަރުކާރީއާއި މޭވާ، ތަންކޮޅެއް ލުއި އަގެއްގައި އެސް.ޓީ.އޯ. އިން އެތެރެކޮށް ރައްޔިތުންނަށް ލިބޭނެގޮތް ހެދުން. މިއީވެސް ކުރެވިދާނެ ކަމެއް.
އެހެންވީމާ، އެކަހަލަ ގޮތްތަކަކުންކަންނޭނގެ ވާނީ. ތަރުކާރީއާއި މޭވާގެ އަގު ތިރިކޮށްދީ، ރައްޔިތުންނަށް، ވީހާވެސް ގިނަ ރައްޔިތުންނަށް ލިބޭގޮތް ހަދައިދީ، އެ ބޭނުންކުރުމަށް ފުރުޞަތު ހޯދައިދިނުން. ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް، ތަރުކާރީއާއި މޭވާ ގިނަގިނައިން، ކޮންމެ ދުވަހަކުވެސް ހަމަ ފަސް ޕޯޝަން ދޮގެއްތޯ ބޭނުންކުރަން މި އޮންނަނީ. އަގުބޮޑުވީމާ ނުގަނެވެނީ ގިނަ މީހުންނަށް ޙަޤީޤަތުގައި. އެކަމަކު އަގުތިރިކުރުމަށް މި ދެންނެވި ކަހަލަ ފިޔަވަޅުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅަން ވިސްނާފައި އޮތީ. އަދި އެކަންކަން ތަފްޞީލު ކުރެވޭވަރަކުން އަޅުގަނޑުމެން ދާނީ އެކަންކަން ހާމަކުރަމުން.
ޕްރެޒެންޓަރ:
ދެން އަނެއްކާ ދެންމެ ތިޔަ ވިދާޅުވިހެން، ރާއްޖެއިން ބޭރުން އެތެރެކުރެވެންޏާ، ބައެއްފަހަރު ދެން އަދި އަގުގެ އިތުރުން، އޭގެ ތާޒާކަން ކެނޑޭތަންވެސް އެބައާދޭ. ރާއްޖޭގައި އުފެއްދެންޏާ އެބައިވެސް ރަނގަޅުވާނެ ދޮގެއްތޯ.
ކުޑަކޮށް އެހެން ދިމާއަކަށް އެނބުރިލަން ކަމަށް އިނގޭތޯ.
ރައީސް މުޢިއްޒު ދެންމެ ކުރިންވެސް އިޝާރާތްކޮށްލެއްވިހެން، ދުންފަތުގެ ވާހަކައިގައި އައިހެން، އެހެން މީހުންނަށް ޢާންމުގޮތެއްގައި މީގެކުރިން އަތްލަން ނުކެރޭ ކަހަލަ ތަންތާނގައި މަނިކުފާނު އެބަ އަތްޕުޅުލައްވާ އިނގޭތޯ. ޑޮލަރުގެ ވާހަކަ އަޅުގަނޑު މިހާރު މި އިޝާރާތްކޮށްލަނީ. ޑޮލަރަކީވެސް ދެން ހަމަ ދެންމެ ކުރިންވެސް ދަންނަވާލިހެން، ރާއްޖޭގެ ނޫސްތަކުގައި، ޚަބަރުފަތުރާ ވަސީލަތްތަކުގައި ވަރަށް ގިނައިން މީހުން ކުރިން ދައްކަމުން އަންނަ ވާހަކައެއް. ރާއްޖޭގެ ފަތުރުވެރިކަން މިހާ ކުރިއަރައިދާއިރުގައި، މިތަނަށް ވަންނަ ޑޮލަރަށް ކިހިނެއްހެއްޔޭ ވަނީ؟ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރެއް ނުވަދެއޭ. އެކަން ކުރަން ކެރޭވަރުގެ ވެރިޔަކު ނެތޭ. މިކަހަލަ ވާހަކަ ވަރަށް ގިނައިން ދައްކާ. އެކަންވެސް މަނިކުފާނު ކުރައްވައިފި. ނަތީޖާ ކިހިނެއްތޯ ފެންނަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
اَلْحَمْدُ للَّهِ. ވަރަށް ރަނގަޅު އިނގޭތޯ. އަޅުގަނޑުމެން ފުރަތަމަ ގަވާއިދަކުން ފެށީ. އެމް.އެމް.އޭ. ގަވާއިދަކުން ފެށީ. ދެން ފަހުން އެއޮތީ ޤާނޫނެއް މިހާރު 1 ޖަނަވަރީން ފެށިގެން ތަންފީޛު ކުރަން ފަށާފައި. ދެން ވަރަށްގިނަ ވާހަކަ މީގައި ދެއްކިދާނެ. ކުރުކޮށް ދަންނަވަންޏާ، މިހާތަނަށް ފުރަތަމަ ގަވާއިދު، ދެން ޤާނޫނު މިއައި ހިސާބުން ބޭންކުތަކަށް، ޓޫރިޒަމް އިންޑަސްޓްރީ ޚާއްޞަކޮށް، މި ޤާނޫނުގެ ތެރެއިން ވަކިވަރަކަށް އާމްދަނީ ހޯދާ ފަރާތްތައް، ޑޮލަރު މާރުކުރަންޖެހެނީ. ޖުމްލަކޮށް، މި ޤާނޫނުގެ ދަށުން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި އިނގޭތޯ. ޖަނަވަރީން ފެށިގެން މި ފެށީ ދޮގެއްތޯ. ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 150 މިލިއަން ޑޮލަރު.
ޕްރެޒެންޓަރ:
ތިންމަސް އަދި ވަނީ ނޫންތޯ ގާތްގަނޑަކަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ކުރީގައި މާރުކުރަމުން އައި ވަރަށްވުރެ 40 އިންސައްތަ އިތުރު ޢަދަދެއް މިއީ އިނގޭތޯ. އެހެންވީމާ، ވަރަށްބޮޑުތަން އިރާދަކުރެއްވީތީ ރަނގަޅު. މި ޤާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ 95 އިންސައްތަ، މި ޤާނޫނާ އެއްގޮތަށް އެބަ ޑޮލަރު މާރުކުރޭ. ދެން ބާކީ 5 އިންސައްތަ މިއޮތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ޤާނޫނު ތަންފީޛު ކުރާނަން. ދެން އެފަރާތްތަކާ އެކީގައި މަސައްކަތް ކުރަމުން އެމް.އެމް.އޭ. އިން އެދަނީ. އިރާދަކުރެއްވިއްޔާ، އަނެއް 5 އިންސައްތަވެސް މީގެތެރެއަށް ވަންނާނެ. ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ވަރަށް ލިބޭ. އަނެއްކާ ވަރަށް ރަނގަޅު. މީގެ ނަތީޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ ޓޫރިޒަމް ޞިނާޢަތްވެސް މި ކުރިއަރަމުންދާ ގޮތަށް، އަޅުގަނޑުމެންގެ މި ކަނޑައަޅާފައި ހުރި ޓާގެޓްތަކަށް ވާސިލުވުމަށްޓަކައި މި ކުރެވޭ މަސައްކަތުގެ ތެރެއިން، ޓޫރިޒަމް ސެކްޓަރ އިތުރަށް ފުޅާވެ، އަޅުގަނޑުމެންނަށް ޓޫރިޒަމް ސެކްޓަރއިން އިތުރު އާމްދަނީ ލިބި، މި ހުރިހާ ކަމެއްގެ ތެރެއިން ކުރިން އަޅުގަނޑު އިޢުލާނުކޮށްފައި ހުރި ކަންކަންވެސް ހަމަ އެ ތާރީޚުތަކަށް، މީގެ ނަތީޖާއެއްގެ ގޮތުން ވެގެންދާނެ އިރާދަކުރެއްވިއްޔާ. މިސާލަކަށް، ބޭރަށް ފުރާ ދިވެހިންނަށް މިހާރު 500 ޑޮލަރު މި ގަނެވެނީ ބޭންކް ރޭޓުގައި. އެކަމަކު 1000 އަށް ހެދުން. ވާނެ ތާރީޚެއް އިޢުލާނުކޮށްފައި. ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދިނުންވެސް އޮންނާނެ އިޢުލާނުކޮށްފައި. އަދި ޓީޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާވެ، މިކަހަލަ ބައެއް ކަންތައްވެސް އެއޮތްގޮތަށް ގެންދެވޭނެ. އަޅުގަނޑު އެންމެފަހުން މިއަދުވެސް ޗެކްކޮށްލިން، އެމް.އެމް.އޭ. ގަވަރނަރ މެދުވެރިކޮށް. ގަވަރނަރއަށް ގުޅާލައިގެން. ހަމަ އޮން ޓްރެކް، ނޫނީވިއްޔާ އެގޮތަށް އެބަ ކުރިއަށްދެއޭ. އިރާދަކުރެއްވިއްޔާ މިއީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް. ރާއްޖޭގެ ވިޔަފާރިވެރިންނަށް ހަމަ ޝުކުރުވެސް ދަންނަވަން. ޓޫރިޒަމް ސެކްޓަރއަށް އަދި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް. އެންމެންގެ އެއްބާރުލުމާ އެކީގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެންމެންނަށް ލިބޭ ކުރިއެރުމެއް މިއީ.
ޕްރެޒެންޓަރ:
ދެން އަޅުގަނޑަށް އެނގޭ، މިހެން ދަންނަވާއިރުވެސް. ތިޔަ ވިދާޅުވިހެން މިކަހަލަ ކަންތައްތަކުގެ ނަތީޖާއަކީ، ސައްވީސް ގަޑިއިރަކުންނެއް ފެންނާނެ ކަންތައްތަކެއް ނޫން. ދަންނަވާލަން މިއުޅޭ ވާހަކައަކީ، ރާއްޖެހެން އަޅުގަނޑުމެން މި ޑޮލަރަށް، ނުވަތަ ރާއްޖެއިން ބޭރުން އެއްޗެހި އިމްޕޯޓްކޮށްގެން މުޅި ދިރިއުޅުން އެގޮތަށް ބަރޯސާކޮށްފައި އޮންނަ ބަޔަކަށް މި ޑޮލަރުގެ ޑިމާންޑަކީ ކުއްލިއަކަށް އެހެންދާނެ އެއްޗެއް ނޫންކަންވެސް އެނގޭ. އެހެން މި ދަންނަވާލަން މިއުޅޭ ސަބަބަކީ، ބައެއް ވަސީލަތްތަކުން ފެންނަ ވާހަކައެއް މިހާރު. ރައީސް މުޢިއްޒުގެ ސަރުކާރުން މި ފިޔަވަޅު އެޅުއްވީމަ ވަނީ ކިހިނެއްހެއްޔޭ؟ ބްލެކް މާކެޓްގައި އަދިވެސް ޑޮލަރު އުޅެނީ ނަވާރަ ރުފިޔާގައި، ވިހި ރުފިޔާގައޭ. ދެން މި ދެންނެވީ އެއާ ދޭތެރޭގައި އެއްޗެއް ވިދާޅުވާން ބޭނުންފުޅުތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެކަން ރަނގަޅުވެގެންދާނެ، ތިޔަ ވިދާޅުވިގޮތަށް ހަމަ ކުރިއަށް އޮތް ދުވަސްތަކުގައި އިނގޭތޯ. ވަރަށް ގިނަ ކަންކަން މީގެތެރޭގައި ހަމަޖެހިގެންދާންޖެހޭނެ. މިސާލަކަށް، ސަރުކާރުގެ ކުންފުނިތަކުން ބްލެކް މާކެޓްގައި ޑޮލަރު ގަންނަން މިހާތަނަށް މިޖެހުނީ އިނގޭތޯ. މިހާރު އެކަމަކު އެކަން ވަރަށްބޮޑުތަނުން އެވަނީ ހުއްޓިފައި. އަދި މި އަހަރުގެ މެދަކާ ހަމަޔަށްދާއިރު، އެއްގޮތަކަށްވެސް މިކިޔާ ޕެރަލަލް މާކެޓޭ ކިޔާ ބްލެކް މާކެޓުންނެއް އެސް.އޯ.އީ.ތަކުން ނުގަންނާނެ ޑޮލަރެއް އިނގޭތޯ. އެއީވެސް ވަރަށްބޮޑުތަނުން މި ޑޮލަރުގެ ރޭޓު ވެއްޓޭނެ ކަމެއް.
މިފަހަރު ޢުމްރާއަށްދިޔަ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން މިވަނީ ކާޑް ލިމިޓް ވަރަށްބޮޑުތަނުން އިތުރުކޮށްދީފައި ދޮގެއްތޯ. އޭގެ ސަބަބުންވެސް ވަރަށް ރަނގަޅު ވެއްޖެ. އެ ޢުމްރާވެރިންނަށް ފަސޭހަތަކެއް ވެފައި އަދި އޭގެ އިމްޕެކްޓްވެސް ރަނގަޅު އިނގޭތޯ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް އޮތް ތާނގައި ދާނީ ޑޮލަރުގެ މި އަގުވެސް ތިރިވަމުން.
ޕްރެޒެންޓަރ:
ޑޮލަރުގެ ވާހަކައިން، ދެން އަޅުގަނޑު މިފަހަރު މި ހިތަށްއަރަނީ އޭ.ޓީ.އެމް.އަށް ޖެހިލަންވީކަންނޭނގެއޭ. އޭ.ޓީ.އެމް.ގެ ވާހަކަވެސް ދެން ހަމަ މިއީ ވަރަށް ވަރުގަދަ ވާހަކައެއް ދޮގެއްތޯ. ވަރުގަދަ ވާހަކައެކޭ މި ދެންނެވީ، ރާއްޖޭގައި ބޭންކިންގގެ ޚިދުމަތްދޭތާ މިހާރުވީ ދުވަހެއް ނޭނގެ ދަންނަވާކަށެއް. އެހެންނަމަވެސް، ރާއްޖޭގެ ޚާއްޞަކޮށް، ރަށްރަށަށް ބަލާކަމަށްވަންޏާ، ރަށްރަށުން މި އޭ.ޓީ.އެމް.އެއް މެދުވެރިކޮށް ފައިސާއެއް ހޯދުމުގެ ނިޒާމަކީ މިއީ ވަރަށް ބީރައްޓެހި ނިޒާމެއް. އެހެންނަމަވެސް، މިހާރު އެކަންވެސް ވަރަށް ހަލުވި ސްޕީޑެއްގައި އެބަދޭ. އެކަމަކު މިއާއެކީގައި، މީގެކުރިންވެސް އެކަހަލަ ވާހަކައެއް އަޅުގަނޑަށް ދަންނަވާލެވިއްޖެކަންނޭނގެ. މިކަން ކުރަން ފެށީމަ، ދެން އަނެއްކާ ފަހަތަށްޖެހޭ ވާހަކަވެސް އެބަ ދައްކާ. މިއާ ގުޅޭގޮތުންވެސް މީހުން އެބަ ދައްކާ، މިހާރު މިއީ ދެން ކޮން ޒަމާނެއްހެއްޔޭ؟ މިހާރު ފޯނުން އެކަކު އަނެކަކަށް ފައިސާ ފޮނުވުމާއި، ފޯނު ބޭނުންކޮށްގެން ފައިސާ ޚަރަދުކުރުމާއި، އަތުގައި ކޭޝް ނުޖެހި ލާރި ހޭދަކުރާ ޒަމާނެއްގައި، އޭ.ޓީ.އެމް. ހެއްޔޭ ބަހައްޓަންވީ. ނޫނީވިއްޔާ ރަށްރަށުގައި ކުރިން އަޅުގަނޑުމެން ކިޔާހެން އެއްކަލަ ޓެލެފޯން ބޫތު ބަހައްޓާގޮތަށް ދާންވީހެއްޔޭ؟ ދެން މަނިކުފާނުގެ ވިސްނުންފުޅު އަޅުގަނޑަށް އެނގޭ، މިކަން ކުރައްވާއިރުގައި، ރޭވުންތަކެއް އޮންނާނެކަން. ސްޓްރެޓިޖީއެއް އޮންނާނެކަން. ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އޭ.ޓީ.އެމް. ބެހެއްޓީމަ، އެ ރަށުގެ ރައްޔިތުންނަށް އެއިން ލިބެމުންދާ އުފާ، އެ އިޙްސާސް ކުރެވޭ މީހަކަށް އެނގޭނީ. އެނގިވަޑައިގަންނަވާނެ މިއީ ކިހާ މުހިންމު ކަމެއްކަން މި ކުރެވެނީ އިނގޭތޯ. ހއ.ގައި އޭ.ޓީ.އެމް. ނެތް ހުރިހާ ރަށެއްގައި އިރާދަކުރެއްވީތީ އޭ.ޓީ.އެމް. ހުޅުވިގެންދިޔައީ. ކުރީ ދަތުރެއްގައި އަޅުގަނޑު ވާނީ ދ. އަތޮޅުގައި ހުރިހާ ރަށެއްގައި ހުޅުވާފައި. މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް. ބެހެއްޓޭނެ. އަދި އެމް.އައި.ބީ.އިންވެސް ބައެއް ރަށްތަކުގައި ބަހައްޓާނެ.
ޕްރެޒެންޓަރ:
2025ގެ ނިޔަލަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މި އަހަރުގެ ނިޔަލަށް ބަހައްޓާނެ. އެއީ، މީގެކުރިންދިޔަ ހުރިހާ އަހަރަކާ ބަލާފައި، ބެހެއްޓުނު ޢަދަދަށްވުރެ ގިނަ ޢަދަދެއް މި އަހަރު އެކަނި މި ބެހެއްޓެނީ.
ޕްރެޒެންޓަރ:
އާދެ، މާބޮޑަށްވެސް ގިނަވާނެ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން މިއީކީއެއް ޑިޖިޓަލައިޒޭޝަނާ ދެކޮޅަށް ކުރާ ކަމެއް ނޫން އިނގޭތޯ. އަޅުގަނޑުމެންގެ ވަރަށް މައިގަނޑު ސިޔާސަތެއް، ޤައުމުގެ ހުރިހާ ޚިދުމަތެއް އިލެކްޓްރޯނިކަލީ، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ގެންދަން. އަޅުގަނޑު މި ދޭތެރެއިން އެސްޓޯނިޔާއަށް ދަތުރެއްވެސް ކުރިން. އެއީ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅުކޮށް ޑިޖިޓަލް ޚިދުމަތްދޭ އެއް ޤައުމު. އެންމެ ބޮޑަށް އެކަން ކުރާ ޤައުމޭވެސް ދެންނެވިދާނެ. އަޅުގަނޑުމެން އެ މީހުންގެ އެހީތެރިކަމާއި، އެ މީހުންގެ ތަޖުރިބާ ހޯދައިގެން ރާއްޖޭގައި މި ހުރިހާ ޚިދުމަތެއް، ސަރުކާރާއި، ބޭންކިންގ ނިޒާމާއި، ޕްރައިވެޓް ސެކްޓަރ އެއްކޮށް ގުޅިގެން އޮންނަ، ގުޅިލާމެހިފައި އޮންނަ ޑިޖިޓަލް ނިޒާމަކަށް ދާން މިއޮތީ ނިންމާފައި. އެއީ، ކޮރަޕްޝަންވެސް ނައްތާލަން ހަމަ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް. ހިއުމަން އިންޓަރވެންޝަން، ނޫނީވިއްޔާ އަމިއްލައަށް އިންސާނުން އެކި ކަންކަމުގައި ޢަމަލީގޮތުން ކަންކަން ކުރަންއުޅޭވަރު ކުޑަކުރެވުނުވަރަކަށް އެބައި ކުޑަވެގެންދާނެ.
އެހެންވީމާ، އެއީ، އަޅުގަނޑުމެންގެ ޑައިރެކްޝަނަކީ. އެކަމަކު އެކަން ކުރާއިރުގައިވެސް ބޭންކިންގ ނިޒާމުގެ ތެރެއިން ފިޒިކަލީ އަމިއްލައަށް ފައިސާ ނެގުން އެއީ، ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް އަދިވެސް އިނގޭތޯ. އަދި ކުރިއަށް އޮތް އަހަރުތަކަށްވެސް މުހިންމުވާނެ. އަދި ކުދިކުދި ރަށްތަކުގައި ވަރަށް ބޮޑަށް ބޭނުންވާ ކަމެއް މިއީ.
މިއީ ކުރަންޖެހޭ ކަމެއް. އެހެންވީމާ، ޑިޖިޓަލައިޒޭޝަންގެ މަގުން ކުރިއަށްދާއިރުގައިވެސް ރަށްރަށުގައި އަތްފޯރާ ހިސާބުގައި އޭ.ޓީ.އެމް.، ބޭންކިންގ ސަރވިސް ހުރުމަކީ ކޮންމެހެން ބޭނުން ކަމެއް.
ޕްރެޒެންޓަރ:
އަދި ޑިޖިޓަލް ނިޒާމަކަށެއް އެންމެންނަކަށް ކުއްލިއަކަށް ނުވެސް ދެވޭނެތާ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނުވެސް ދެވޭނެ. ނުވެސް ދެވޭނެ.
ޕްރެޒެންޓަރ:
އެހެންވީމާ، އަޅުގަނޑު ހިތުން އެ ފުރުޞަތުވެސް އޮތުން އެއީ، ދެން އަޅުގަނޑުވެސް ހިތަށްއަރާ ބައެއްފަހަރު ދެން ކީއްވެގެންބާވައޭ ކަމެއް ކޮށްދިނީމަ، އެކަމާ ގުޅޭގޮތުން، މި ދެން ކޮން ކަމެއްހެއްޔޭ؟ މިގޮތަށް އެ ވާހަކަ ދައްކަނީ ކީއްވެގެންބާވައޭ؟ އެހެންނަމަވެސް، ދެން ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންތާ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މައްސަލައެއް ނޫން އެއްގޮތަކަށްވެސް.
ޕްރެޒެންޓަރ:
އަޅުގަނޑުވެސް ހިތަށްއަރާ، ޚިޔާލުތަފާތުވާންވާނެއޭ. އެކަމަކު ދެން ފަނާކުރަނިވި ޚިޔާލު އައިސްގެން ނުވާނެއޭ ދޮގެއްތޯ. ބިނާކުރަނިވި ޚިޔާލަށްވާންވާނީ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ، އަޞްލުގައި ޑިމޮކްރަސީއެއްގައިވެސް އޮންނަންވާނެ ގޮތަކީ. ބިނާކުރަނިވި ޚިޔާލު. އަދި ޤައުމަށް ފައިދާހުރި ކަމެއް ކޮށްފީވިއްޔާ، އިދިކޮޅު ފަރާތްތަކުންވެސް އެކަމަށް ތާއީދުކުރަންޖެހޭނެ. ތާއީދުކުރާނެ. ބައްލަވާ މިސާލަކަށް، އެންމެ ބޮޑަށް ޑިމޮކްރަސީ އޮތް ޤައުމުތަކެއް ކަމަށް ކިޔާ އިނގިރޭސިވިލާތުގައި ވިޔަސް، އެމެރިކާގައިވެސް އިދިކޮޅު ޕާޓީއާއި، ވެރިކަންކުރާ ޕާޓީ އެކައްޗެއް ކިޔާނެ، ޤައުމުގެ ކަންކަމުގައި. އެއް ވާހަކައެއް ދައްކާނީ. އެއީ، ދެން ޑިމޮކްރަސީއެއްގައި.
ދެން ހަމަ ކުރިން ވިދާޅުވި ވާހަކައަށްދަންޏާ، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ހުޅުވާ ވާހަކައިގެ ތެރެއިން، މި އަހަރުގެ ތެރޭގައި ހަމަ އެގޮތަށް މުޅި ރާއްޖެ ޝާމިލްވާ މުހިންމު ކަންތައްތަކެއް ވެގެންދާނެ. ކުރަމުންދާނެ. ކުރެވިގެންދާނެ. މިސާލަކަށް، މި މަސްވެރިންނަށް ވަރަށް މުހިންމު ކަމެއް، ތެޔޮ އަގުހެޔޮކޮށް ލިބިގެންދިޔުން އިނގޭތޯ. އެހެންވީމާ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވީ ވަޢުދުގެ ތެރެއިން، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްތަން މި ހަދަނީ. އެއް ރަށެއްގައި މި ޤާއިމުކުރަނީ، އެސް.ޓީ.އޯ. އަގުގައި ތެޔޮ ލިބޭނެ ފިއުލް ސްކިލް މި ބަހައްޓަނީ. މި އަހަރު ތެރޭގައި، ކޮންމެ އަތޮޅެއްގައި އެއްތަން ހަދާނެ. މަދުވެގެން އެއްތަން އިނގޭތޯ. އޭގެ ސަބަބުން މަސްވެރިންނަށް ޚާއްޞަކޮށް، އަދި ޖުމްލަކޮށް އެންމެންނަށްވެސް އަގުހެޔޮކޮށް ތެޔޮ ލިބިގެން އެބަދޭ.
މަސްވެރިންގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުގެ ވަޢުދެއް، ރިޔާސީ އިންތިޚާބުގައި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން. އެކަން 10 ޑިސެންބަރުން ފެށިގެން މިއަދާ ހަމަޔަށް މި އައި ކޮންމެ ދުވަހަކު މިއައީ ފައިސާދެމުން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. މިހާތަނަށް އައިއިރުގައި، ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ، ހަމަ ކޮންމެ ދުވަހަކު ފައިސާ ދެމުން ދެމުން އައިސް މިއަދާ ހަމަޔަށް ދިޔައިރު ދެވިއްޖެ.
ޕްރެޒެންޓަރ:
މިއީ އެތައް ޒަމާނެއްވީ ދަރަންޏެއް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެބައިވެސް ނިންމައިފީމޭ.
ޕްރެޒެންޓަރ:
އެ ވާހަކަ މި ދެންނެވީ. އެތައް ޒަމާނެއްވީ ދަރަންޏެކޭ. މިހާރު 48 ގަޑިއިރު ތެރޭގައި ތި އަދާކުރެއްވީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެން ހަވާލުވީއިރުގައި ނުދީއޮތް 250 މިލިއަން ރުފިޔާވަރު އޮތް މަސްވެރިންނަށް. އެވެސް ދީފައި، މި 10 ޑިސެންބަރާ ހަމަޔަށް ދިޔަ ދުވަސްތަކުގައި، އެކިފަހަރު މަތިން މަސްވެރިންގެ ފައިސާދީ، އެއްކޮށް، މި ކިޔާ ބެކްލޮގް އަޅުގަނޑުމެން ސާފުކުރިން. ސާފުކޮށްފައި، ދެން 10 ޑިސެންބަރުން ފެށިގެން ދުވަހުން ދުވަހަށް، ދެ ދުވަހުން 48 ގަޑިއިރުގެ ތެރޭގައި މި ދެނީ. ދެން 48 ގަޑިއިރު ކަމަށް ދެންނެވިޔަސް، ކޮންމެ ދުވަހަކުހެން އެބަދެވޭ. ބަންދު ދުވަހެއްވިޔަސް، މި ފަހުދިހައިގެ ބަންދުގައިވެސް އެބަދެން. އަދި ކޮންމެ ބަންދެއްގައިވެސް ފައިސާ ދޫކުރަމުން އެދަނީ. އެހެންވީމާ، މައްސަލައެއް ނެތް ފައިސާ އެބަދެވޭ.
ދެންއޮތީ ތެލުގެ ކަންތައް. އެހެންވީމާ، ތެލުގެ ކަންތައް، މި ދެންނެވި ފަދައިން، ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނެގޮތް މި އަހަރުގެ ތެރޭގައި ހަމަޖެހިގެން އެދަނީ. ކޮންމެ ރަށެއްގައި، ކުޑަކުދިންގެ ޕާކެއް ހެދުން. ދެ އަހަރުގެ ތެރޭގައި. މި އަހަރާއި މި އަންނަ އަހަރު ތެރޭގައި އެކީގައި ނިމިގެންދާނެ. ކޮންމެ ރަށެއްގައި ޒުވާނުންނަށް، އެކި އުމުރުގެ ފަރާތްތަކަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ހުންނަ، ޚާއްޞަކޮށް، ފިޓްނަސްއަށް.
ޕްރެޒެންޓަރ:
އާދެ، އައުޓްޑޯ ޖިމްއެއް ކަހަލަ އެއްޗެހި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އައުޓްޑޯ ޖިމްއާ އެއްޗެހި ހިމެނޭގޮތަށް ފިޓްނަސް ސެންޓަރު. ކުރީގޮތަށް ކިޔަންޏާ ޒުވާނުންގެ މަރުކަޒު. ކޮންމެ ރަށެއްގައި، މި ދެ އަހަރު ތެރޭގައި ހެދިގެންދާނެ އިނގޭތޯ. މި އަހަރާއި މި އަންނަ އަހަރު ތެރޭގައި. އެހެންވީމާ، މިހެންގޮސް މި އަހަރާއި މި އަންނަ އަހަރު ތެރޭގައި މިހެން ހުރިހާ ރަށެއްގައި ވަރަށްގިނަ ކަންކަން ނިމިގެންދާނެ. މިހާރު އެދަނީ ފެށިގެން. މި ބަންދުތެރޭގައިވެސް، މި ފަހުދިހައިގެ ތެރޭގައިވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން އިނގޭތޯ. މުވައްޒަފުން ހަމަ މަސައްކަތް ކުރަމުން އެދަނީ. 550 އަށްވުރެ ގިނަ މަޝްރޫޢު، އަޅުގަނޑުމެން މިގޮތަށް ހުއްޓިފައި ހުރި މަޝްރޫޢުތަކާއި، މިހާރު ފަށަންޖެހޭ މަޝްރޫޢުތަކުގައި މިހާރު އެވަނީ ސޮއިކޮށްފައި. ދެން އެކަންކަން އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި އަދި މި އަންނަ މަހުގެ ތެރޭގައި ފެށިގެން އެދަނީ.
އެހެންވީމާ، ވަރަށް ބާރަށް ރަށްރަށުގެ މަސައްކަތްތައްވެސް ހިނގަމުންދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން، އަޅުގަނޑުމެން އިޤްތިޞާދު މެނޭޖް ކުރަމުން، ރައްޔިތުންނަށް މިކަންކަމުގެ ލުއިތައް ދެމުން ކޮށްދެމުންދާ ތަން.
ޕްރެޒެންޓަރ:
އަޅުގަނޑު ހަމަ ދެން ނިމުމަކާ ހަމަޔަށް ކައިރިވާއިރުގައިވެސް، ފަށަމުން ދެންނެވިހެން އަޅުގަނޑު ހިތަށްއެރީ، ދެން އަބަދުވެސް މަސައްކަތްތައް ކުރިއަށްދާނެތާ ދޮގެއްތޯ. އެކަމަކު ރައްޔިތުންގެ ޚިޔާލާއި ޝަކުވާއާއި އަދި ސުވާލެއް ކަމަށްވިޔަސް، ސީދާ މަނިކުފާނާ ހަމަޔަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް، އެއަށް ސީދާ މަނިކުފާނު ޖަވާބު ދެއްވުން އަޅުގަނޑު ހިތުން މިއީ ހަމަ ވަރަށް މުހިންމު ކަމެކޭ. ދެން ދެންމެ ތިޔަ ވިދާޅުވި ކަހަލަ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަވެސް، މިކަން ކުރިއަށްދާ ކަމަށްވަންޏާ ހަމަ އޭގެ ތަފްޞީލުތަކަށް އެކި ދުވަސްތަކުގައި ދެވޭނެތާ ދޮގެއްތޯ.
އަޅުގަނޑު ހިތަށްއެރީ، ހަމަ މަނިކުފާނަށް ދަންނަވާލާނަމޭ، މި ޕޯޓަލް މަނިކުފާނު ހަމަ ސީދާ ބައްލަވަންތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އާދެ، އަޅުގަނޑު ހަމަ މިއަދާ ހަމަޔަށް މި އައިއިރުގައިވެސް މިއައީ ހުށަހެޅޭ ކޮންމެ ކަމެއްވެސް ބަލަމުން.
ޕްރެޒެންޓަރ:
ދެން މިހާރު ފޯނުންވެސް ބައްލަވައިލެއްވޭނެތާ ދޮގެއްތޯ. ރޯދަ ވީއްލަން އިންނަވައިގެންވެސް ބައްލަވައިލެއްވޭނެތާ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ.
ޕްރެޒެންޓަރ:
ދެން މިކަން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން މަނިކުފާނު ތިޔަ ދެއްވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށްދާނެ އިނގޭތޯ.
ޕްރެޒެންޓަރ:
އާދެ، ތި އުފާވެރި ޚަބަރާ އެކީގައި އަޅުގަނޑު ހިތަށްއެރީ ދެން މިއަދުގެ މި ޕޮޑްކާސްޓް ނިންމާލާނީއޭ. އެކަމަކު އަޅުގަނޑު ހަމަ ބައްލަވަން ތިއްބެވި ބޭފުޅުންނަށް ދަންނަވާލަން ބޭނުން، ރައީސް އެ ދެއްވި ޔަޤީންކަމާ އެކީގައި މި ޕޮޑްކާސްޓަކީ، ވަކި ގަވާއިދަކުން ކުރިއަށްދާ، ޕޮޑްކާސްޓަކަށް ވާނެކަން. މި އުންމީދާ އެކީގައި، އަޅުގަނޑުމެންގެ މި ޕޮޑްކާސްޓް ބެއްލެވީތީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމުން މި ވަގުތު ވަކިވެލާނަން. ތިޔަ ހޭދަކުރެއްވި ވަގުތުކޮޅަށް އަދި ރައީސްގެ ތިޔަ އިސްނެންގެވުމަށްވެސް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ރައީސް ޑޮކްޓަރ މުޢިއްޒަށް ޝުކުރު ދަންނަވަމުން، މި ޕޮޑްކާސްޓް ނިންމާލާނީ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.