ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/8 ވަނަ ޤަރާރުންނެވެ.

މާމެންދޫގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.