ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި، ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް، ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށްކަމުގައި ފާހަގަކުރައްވައި އެކަންކަން ކޮށްދެއްވުމަކީ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަތޭކަޕަސެންޓް އިސްލާމުން އުޅޭ ޤައުމެއްގައި ޚާއްޞަކޮށް، ރަމަޟާންމަހު ސަރުކާރުން ރައްޔިތުންނަށް، ވީހާވެސް ބޮޑަށް ކަންކަން ފަހިކޮށްދީ ލުއިކޮށްދެއްވުމަށް ވަރަށް އިސްކަންދޭންޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ރޯދަމަހު ފުރަތަމަ ފަހަރަށް ކަރަންޓު ބިލާ ފެން ބިލުން ޚާއްޞަ ލުއިތަކެއް ދެއްވާފައިވާކަމަށެވެ. އަދި މިއަހަރުވެސް މިކަން ކުރެއްވިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއެއް ދެއްވުމަށް މަސައްކަތް ކުރައްވާފައިވާކަމަށާއި މިއަހަރު މަސްދަޅުކޭސް ދެއްވުމަށް މަސައްކަތް ކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަމަޟާން މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭނެކަން ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި އީދުގެ ދިއްލުންތައް ދިއްލުމުގެ ސަބަބުން ކުޑަކުދިންނަށް ޚާއްޞަކޮށް، އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު އިސްލާމް ދީނުގައި އަންގަވާފައިވާކަންކަން ފާހަގަކުރުމުން ދީނަށް ލޯބިޖެހި ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް މި ސަރުކާރުން ދަނީ ދީނީ ކަންކަމަށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ލޯބިޖައްސައި އަހުލުވެރިކުރުވުމަށް، ފުޅާދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން، ސްކޫލްތައް ރަމަޟާންމަހު ބަންދު ކުރެއްވުމަށާއި، ބާޒާރުގެ ތަކެތީގެ އަގު މާ މަތިވިޔަ ނުދީ އެއް ހަމައެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

-