ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއި ގުޅިގެން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާ (ޕަބްލިކޭޝަން) ތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ބަސްދާރު (ޑޭޓާބޭސް) ތަކާއި، ވެބްސައިޓްތަކާއި، މީސްމީޑިއާގެ ވަސީލަތްތަކުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ބޭނުންކުރަންވާނީ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގައި ކަނޑައަޅައިފައިވާގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ މި ލިންކުން ކަމާގުޅޭ ދެންނެވުން ފެނިވަޑައިގަންނަވާނެއެވެ.