ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި އެންމެހައި އުޚްތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.
ދިވެހި ތާރީޚުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ޤައުމީ އަދި އިޖުތިމާޢީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުއްޓެވެ. މިނިވަންކަމުގެ ޙައްޤުގައި ދިވެހީން ކުރި ކޮންމެ ޖިހާދެއްގައިވެސް ދިވެހި އަންހެން ދަރީންގެ ބައިވެރިވުމާއި ދައުރު ނުހަނު ބޮޑަށް އޮތްކަމީ، ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީހިނދު، އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަގާމު މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީނެވެ. ކީރިތި ނަބިއްޔާ مُحَمَّدُ صلى الله عليه وسلم އިސްލާމީ ރިސާލަތާއިގެން ފޮނުއްވުނީ، އަންހެން ދަރީންނަކީ ބަދުނަސީބެއްކަމުގައި ދެކި، ދިރިތިއްބައި އަންހެން ދަރީން ވަޅުލަމުން ދިޔަ އަނދިރި ޒަމާނެއްގައެވެ. އިސްލާމްދީން ވަނީ، އަންހެނުންގެ ފުރާނައާއި ދިރިތިބުމުގެ ޙައްޤު ޙިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތްކުރުމުގެ ޙައްޤު ފުރިހަމައަށް ހޯދައިދީފައެވެ. އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ مُحَمَّدُ صلى الله عليه وسلم އެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުމެވެ. ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ޙަވާލުކުރެއްވިއިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ޚަދީޖަތުގެފާނެވެ. އެކަލޭގެފާނުގެ ރިވެތި ދިރިއުޅުއްވުމާއި، އިސްލާމްދީނުގެ ޙުކުމްތައް ސާފުކޮށް މުޅި އުންމަތަށް ބަޔާންކޮށް ދެއްވުމުގައި މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝަތުގެފާނު އަދާކުރައްވާފައިވާ ދައުރު ނުހަނު މަތިވެރިއެވެ. ކީރިތި ޤުރްއާނުގައި މަރްޔަމްގެފާނުގެ ކެތްތެރިކަމާއި، އާސިޔަތުގެފާނުގެ އީމާންތެރިކަމުގެ ރިވެތި މިސާލު، ތާރީފުގެ ބަސްފުޅުތަކާއެކު ވަޙީކުރައްވައިފައިވެއެވެ. ދުނިޔޭގެ ވަރަށް ގިނަ ތާރީޚު ފޮތްތައް ބުނާ ގޮތުގައި، ތަޢުލީމު އުނގަންނައިދޭ އެންމެ ފުރަތަމަ ޖާމިޢާ ނުވަތަ ޔުނިވަރސިޓީ، "ޖާމިޢުލް ޤަރްވިއްޔީން"ގެ ނަމުގައި މީލާދީން 859 ވަނަ އަހަރު ބިނާކުރެއްވީ މުސްލިމް އަންހެން ބޭކަނބަލެއް ކަމުގައިވާ ފާޠިމާ ބިންތު މުޙައްމަދުލް ފިހްރީއެވެ.
ތަޢުލީމާއި، ޞިއްޙަތާއި، އިޖުތިމާޢީ މި ނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި އަދި މި ނޫނަސް މުޖުތަމަޢެއްގެ ދިރުމާއި ކުރިއެރުމާ ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުއެވެ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެވެ. ސީނުކަރައިގެ ބުއްދިވެރި ބަހެއްގައިވެސް ބުނާ ބީދައިން "އުދަރެހުގެ ދެބައިކުޅަ އެއްބައި އުފުލައި ނަގަހައްޓައިދޭ ބަޔަކީ އަންހެނުންނެވެ." އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމިއެއް ނޯންނާނެއެވެ.
ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށް ދިނުމެވެ. ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމެވެ. އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމެވެ.
ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތް ފަދަ، ތަޢުލީމީ ދާއިރާ ފަދަ، މުޖްތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންނެވެ. ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނައެވެ. ޘާނަވީއާއި މަތީ ޘާނަވީ އަދި ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުން ގިނައީވެސް އަންހެން ދަރީންނެވެ. "އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނެއެވެ. އެހެންކަމުން، މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްކަމުގައި ދެންނެވިދާނެއެވެ.
ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންނެވެ. އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި ޢާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުންނެވެ. ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ވަނީ ލިބިފައެވެ. ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެއެވެ.