بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގައި ޚާއްޞަ ދުވަހެކެވެ. ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެވޭތީއެވެ. ދިވެހި ޤައުމިއްޔަތަކީ ދިވެހީން މި ރާއްޖޭގައި ދެމި ތިބުމުގެ މައިގަނޑު އަސްލުކަމުގައިވާތީއެވެ.
ޤައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތަކެވެ. އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެވެ.
ދިވެހިރާއްޖެއަކީ މި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީޚެއް، ދުވަސްވަރެއް އެނގެން ނެތް، ރާއްޖެއެކެވެ. މި ކަމުން އެނގެނީ ދިވެހީންގެ ދޮށިކަމެވެ. ދިވެހީންގެ އަސްލުވެހިކަމެވެ. ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަމެވެ. ދިވެހި ކަނޑު ހުރަސްކުރި ކޮންމެ ބަޔަކު ދެކެފައިވަނީ ދިވެހީން މި ރަށްތަކުގައި ދިރިއުޅެނިކޮށެވެ. މި ފަސްގަނޑު ހުހަށް އޮތް ޒަމާނެއް ތާރީޚުން ފެންނާކަށް ނެތެވެ. އެހެންކަމުން، ދިވެހި ޤައުމިއްޔަތަކީ އެތައް ހާސް އަހަރެއްވީ ދިވެހީންގެ އެކުވިވިސްނުމުގައި ބިންވަޅު ނެގިފައިވާ ޙަޤީޤަތްތަކެކެވެ.
ޤައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު އެ ބަޔަކު ހެޔޮނުބައި ކަނޑައަޅާން ބޭނުންކުރާ މިންގަނޑެއް އޮވެއެވެ. އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ މި ގޮތުން އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީންނެވެ. ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީންނެވެ.
ދިވެހީން ހެޔޮނުބައި ކަނޑައަޅާން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހީން ދެކެނީ އަދި ގަބޫލުކުރާ ޙައްޤު ގޮތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ކަމެވެ. އެއީ، ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގެވެ. އެހެންކަމުން، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބެވެ. ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިޞްލާޙުކުރުމެވެ.
މި ފަހަރު ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް މިއައީ ރަމަޟާން މަހުގެ ތެރޭގައެވެ. މި ހެޔޮ އިއްތިފާޤާ މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިވެހީން އިސްލާމްދީން ބަލައިގަތުމުން، ދިވެހީން ދިރިއުޅޭ ގޮތްތަކަށް އެ ދީން ގެނުވި ހެޔޮ ބަދަލުތަކަށް ވިސްނާލަމާތޯއެވެ؟ ޢަޤީދާގެ ގޮތުން ބަލާއިރު، އިހަށް ދިވެހީން ތަބާވެ އުޅުނު ދެވިތަކާއި ވަހުމުތައް ދޫކޮށް، އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރަންފެށިއެވެ. އިންސާނިއްޔަތަށް ބަލާއިރު، އެކިއެކި ނަންނަމުގައި އިންސާނުން ޤުރުބާންކުރުން ނިމުމަކަށް ގެނެސް، އިންސާނީ ކަރާމާތް ދިފާޢުކޮށް މަތިވެރިކުރިއެވެ. އިމާރާތްކުރުމަށް ބަލާއިރު، ހިރިގަލުގެ ރީތި ފަންނީ މިސްކިތްތައް ބިނާކުރިއެވެ. އަޚްލާޤަށް ބަލާއިރު، ފަސްވަގުތު ނަމާދަށް ދިޔުމާއި، ވެރީންނަށް އިޙްތިރާމުކުރުމާއި، އަމާނާތްތެރިކަން އާންމުވިއެވެ. ވަކިން ޚާއްޞަކޮށް، ގުޅުންތެރިކަމަށް ބަލާއިރު، އެންމެހައި ދިވެހީންނަކީ އަޚުންތަކެއް ކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް، ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިއެވެ. މުޅި ރާއްޖޭގައި އަމާންކަން ގާއިމުވިއެވެ. މީގެ އިތުރަށް، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ޙައްޤު ގޮތުގައި ޖިހާދުކޮށް، މި ލޮބުވެތި ވަޠަން މިނިވަންކުރިއެވެ.
މިއަދު ދިވެހީންގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. އެކަމަށް ޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަކެވެ. އެހެންކަމުން، ދިވެހިރައްޔިތުން އަޅުގަނޑާ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މި ދަނީ އެ މަސައްކަތް ކުރަމުންނެވެ. އިރާދަކުރެއްވިއްޔާ ދިވެހި ޤައުމިއްޔަތު ޢިލްމީ ހަމަތަކުގެ މަތިން އުނގަންނައިދެވެމުންދާނެއެވެ. ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެއެވެ. ދިވެހީންގެ ތަރިކަތައް، ޒަމާނީ ޓެކްނޯލޮޖީއާއި، އިޤުތިޞާދީ ވިސްނުން ޝާމިލުކޮށްގެން ދެމެހެއްޓެމުން ބެލެހެއްޓެމުންދާނެއެވެ. މީގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އަބަދުވެސް އިޞްލާޙުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން ރަނގަޅު ކަންކަމަށް ތަރުޙީބުދެމުން ކުރިޔަށް ދާނެއެވެ.
ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް ޢަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމެވެ. އޭރުން ރޫޙާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ޠާހިރުކަން ލިބުމާއެކު، މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެއެވެ. އެ ފަދަ ޤައުމަކީ ބާއްޖަވެރި އުފާވެރި ޤައުމެކެވެ.
މާތް ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާށިއެވެ! އާމީން!