بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

اَلْحَمْدُ للّٰهِ رَبِّ العَالَمِيْنَ وَالصَّلاَةُ وَالسَّلَامُ عَلى رَسُوْلِ اللهِ وَعَلَى اٰلِهِ وَصَحْبِهِ اَجْمَعِيْن

ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ތަކުރާރު ކުރަމެވެ. މި ބަރަކާތްތެރި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ.

ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ، ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެކެވެ. މި ބަރަކާތްތެރި މަހުގައި އަޅުގަނޑުމެން ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ، ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެކެވެ.

މީގެ 898 އަހަރު ކުރީން ރާއްޖެ އިސްލާމްވީއްސުރެ، ރޯދަ މަހަކީ ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ މަހެކެވެ. އެ މަހާ ބައްދަލުވުމަށް ދިވެހީން ވަމުންދާ ތައްޔާރީތަކާއި، އެ މަހުގައި ދިވެހީން ހިފަހައްޓާ ރިވެތި އާދަކާދަތަކާއި ހަމަތައް، ދިވެހިވަންތަ ސަގާފަތުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ.

މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާ ކަމެވެ. ތިރި ޖަޒީރާ ރަށްތަކެއްގައި އާބާދުވެ ދިރިއުޅެމުންދާ މި ޤައުމުގެ ރައްޔިތުންނަށް ﷲ ދެއްވި ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމެވެ. ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ހާލު، އެއް ހަށިގަނޑެއް ފަދަ މި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚްތުން މަތީން އަޅުގަނޑުމެން އަބަދުމެ ހަނދާންކުރަން ވާނެއެވެ. ވަކީން ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ހާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން ވާނެއެވެ. އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަސްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫން މުސްލިމް މުޖުތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމި ތިބޭންވާނެއެވެ.

ރޯދައަކީ އަޅުގަނޑުމެންނާ އަހަރަކު އެއް ފަހަރު ބައްދަލުކުރާ އަގުހުރި މެހުމާނެކެވެ. މި މެހުމާނާއެކު އުޅެން މި ލިބޭ މައްސަރުގައި އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދަމަހައްޓަމާތޯއެވެ؟ އަޅުގަނޑުމެންގެ ދަރީންނަށާއި، ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހަދަމާތޯއެވެ؟ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުންހުރި ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އަޅަމާތޯއެވެ؟ ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ ޢަޒުމު މި މަހު އައުކުރަމާތޯއެވެ؟ އިސްރާފުކުރުމާއި، ވަގުތުގެ ނިޢުމަތް ބޭކާރުކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހި، ފުދުންތެރި ދިރިއުޅުމެއް ޚިޔާރުކޮށް، މާދަމާއަށްޓަކައި ދުނިޔަވީ އަދި އުޚްރަވީ ގޮތުން މަންފާހުރި އެތައް ޢަމަލަކާއި ހެޔޮކަމެއް ގޮވާންކުރުމުގެ އާދަ މިމަހު ހިފަން ފަށާމާތޯއެވެ؟ ކޮންމެ ދިވެއްސަކީވެސް ޢާއިލާ ދެކެ ލޯބިވާ، އަވަށްޓެރީންނަށް ކަމޭހިތައި، ރަޙްމަތްތެރިކަމުގެ ޙައްޤުތައް އަދާކުރާ އިޙްސާންތެރިއަކަށްވުމުގެ މޮޓޯގައި މި މަހުން ފެށިގެން ހިފަހައްޓަމާތޯއެވެ؟

ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ އިޚްލާޞްތެރި މަސައްކަތް، އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް އަޅުގަނޑުމެން ހަލުވި ކުރާނަމެވެ. ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި، ކުލުނާއި، ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަގާނަމެވެ.

ރަމަޟާން މަހުގެ ފާގަތިކަމާއި ބާއްޖަވެރިކަން ދިވެހި ޤައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވާށިއެވެ. މި ލޮބުވެތި ވަޠަން، އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލަހައްޓަވާށިއެވެ. ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރު ކުރައްވާށިއެވެ. އާމީން.