ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ސިވިލް ސަރވިސްގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާތީ، އެ ބިލް މަޖިލީހަށް ފޮނުއްވި ސަބަބުތައް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރައްކާތެރިކޮށްދޭ ޙައްޤުތަކުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ. އަދި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވައި، ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ޙައްލު ކުރެއްވުމުގައި ރައީސް ރާޖަޕަކްސައާއެކު ކުރެއްވި މަޝްވަރާތަކުގެ ތަފްޞީލުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.