بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރިނބުދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ސްކޫލް ދަރިވަރުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުން، މި ޖަލްސާ ދުރާއި ގާތުން އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
ރިނބުދުއަށް މިއަދު އަޅުގަނޑުމެންނަށް މި އާދެވުނު ވަގުތު ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރަން މި އަންނަނީ، ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ކަންކަން ސީދާ މެދުވެރިއެއްނެތި އޮޅުންފިލުވަން. އެއިންވާ ފަސޭހައަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމާއި، އަދި ޔަޤީންކަމެއް އުފެދިގެންދާތީ. ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުންގެ ކިބައިން އަޅުގަނޑަށް ސީދާ އޮޅުންފިލުމުން، އެކަމަކަށް ރަނގަޅު ދާއިމީ ފުރިހަމަ ޙައްލެއް ގެނެސްދިނުމުގައި ފަސޭހަވެގެންދާތީ. އަވަހަށް ކަންކަން ކުރުމަށް އަޅުގަނޑަށް ފަސޭހަވެގެންދާތީ.
އެހެންވީމާ، ރައްޔިތުން ތިޔަގޮތަށް އަޅުގަނޑަށް ދެއްވާ އެއްބާރުލެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިގޮތަށް ރައްޔިތުންނާ އަޅުގަނޑާ ބައްދަލުވެ، ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުވީމަ، ކަންކަން ފަސޭހައިން ފަހުމްވެ، ނޫނީވިއްޔާ އެނގިގެންދިޔައިމަ، ސަރުކާރުގެ ނިޒާމުގެ ތެރެއިން ކަންކަން އަވަސްކުރުމުގައި ޙަޤީޤަތުގައިވެސް އަޅުގަނޑަށް ވަރަށް ފަސޭހަވޭ. އަޅުގަނޑުގެ ހުރިހާ އަމާޒެއްވެސް ހުރީ ނަތީޖާ ނެރެދިނުމަށް. ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކޮށްދީ ނަތީޖާ ނެރުމަށް. މި ސަރުކާރަކީ ނަތީޖާ ނެރުމުގެ ސަރުކާރު. އަޅުގަނޑުގެ ހުރިހާވެސް އިންޓްރެސްޓެއް ހުރީ ކަންކަން ޑެލިވަރ ކޮށްދިނުމަށް.
އެހެންވީމާ، އެކަންކަން އަވަހަށް ކުރުމުގައި އިރާދަކުރެއްވީތީ މި ދަތުރުތަކުން ފައިދާވޭ. އެގޮތުން މި ރަށަށް ބަލާއިރުގައި، ތިޔަބޭފުޅުންގެ އެބަހުރި މުހިންމު ގިނަ ކަންތައްތައް. ހަމަ މުހިންމު ކަންކަން. އެހެންވީމާ، އަޅުގަނޑުގެ ވިސްނުމަކީ، އެ މުހިންމު ކަންކަމަށް އިސްކަން ދީގެން ކޮށްދިނުން. އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން އަޅުގަނޑު ކުރިއަށް ގެންދާނަން.
ދެން އަޅުގަނޑު ބައެއް ކަންކަން ފާހަގަކޮށްލާއިރުގައި، އެންމެ މުހިންމު އެއްކަމަކީ، ސްކޫލްގެ ދަތިކަން. ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުން. މި ރަށުގެ ރައްޔިތުންނަށް، ސްކޫލް ދަރިވަރުންނަށް، ބެލެނިވެރިންނަށް، ޓީޗަރުންނަށް ވަރަށް މުހިންމު، މި މައްސަލައަށް ދާއިމީ ރަނގަޅު ޙައްލެއް އައުން. އެހެންވީމާ، މިހާރު ކުރިއަށްދާ އިދާރީ ޓެކްނިކަލް މަސައްކަތްތައް، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށް، 6 ކްލާސްރޫމް ހިމެނޭގޮތަށް، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީ ފަދަ ތަންތަންވެސް ހިމެނޭގޮތަށް، ސްކޫލް އިންފްރާސްޓްރަކްޗަރ މަޝްރޫޢެއް، އެންމެ ލަސްވެގެން މޭ މަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން މި ރަށުގައި ފަށާނެ ވާހަކަ މި ރަށުގައި ތިޔަބޭފުޅުންނަށް ދަންނަވަން. އަދި ބާރު ސްޕީޑްގައި ދާނެ. ސަރުކާރުގެ ކަމާބެހޭ ކުންފުންޏަކާ، ސަރުކާރުގެ ކުންފުންޏަކާ އަޅުގަނޑުމެން މަސައްކަތް ހަވާލުކުރަނީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންނަށް ސީދާ ފިނޭންސް މިނިސްޓްރީން އެ ކުންފުނިތަކަށް މަސައްކަތް ބާރަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ ކަމެއް ފަސޭހަކަމާއެކީ ފަހިކޮށްދެވިގެންދިޔުން.
އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ހުރިހާ ތަރުތީބެއް މި ކުރަނީ މިހާރު. އަލަށް ފަށާ މަޝްރޫޢުތައްވެސް، ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް، ރީސްޓާޓް ކުރުމުގައިވެސް މިގޮތަށް އިރާދަކުރެއްވިއްޔާ މިކަންކަން އަޅުގަނޑުމެން ބައްޓަންކޮށްފައި އޮންނާނީ.
ހަމައެއާއެކީގައި، މި ރަށުގައި ހުރި މިސްކިތްވެސް މިއީ 1992 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވީ. އެހާދުވަސް ވީއިރުގައިވެސް މިހިރީ ރަށުގައި އިތުރު މިސްކިތެއް ނޭޅި. މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ފަޚުރުވެރި މުސްލިމުންނަށް އަޅުގަނޑުމެން ވާއިރުގައި، ރަށްރަށުގައި ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތް އެޅިފައި. މި އަހަރުގެ ބަޖެޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ރަށުގައި 500 މީހުންގެ ޖާގައިގެ އާ ރީތި މިސްކިތެއް، އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި އަޅަން ފަށާނެކަމުގެ ޔަޤީންކަން ދެން. އެހެންވީމާ، އެއަށްވުރެ އަވަސްވުން ވަރަށް ގާތް.
އާދެ، އެހެންވީމާ، އެއީ މައިގަނޑު ދެ ކަމެއް. ޞިއްޙީ ދާއިރާއިން ކުރަންހުރި ކަންކަން. ޞިއްޙީ ދާއިރާއަކީ އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން މި އަހަރު އިސްކަންދޭ، ވަރަށް އިސްކަންދޭ ދާއިރާއެއް. ޞިއްޙީ މަރުކަޒުގެ އެކިކަހަލަ ކަންކަން ޙައްލުކުރަން އެބަހުރި. ޖާގަދަތި، ވަސީލަތްތައް މަދު، މުވައްޒަފުން މަދު. މި ތިން ކަންތައް މިއީ ޙަޤީޤަތުގައި ގުޅިލާމެހޭ ކަންކަން. ޖާގައާ ގުޅިފައި ޚާއްޞަކޮށް އޮންނާނީ. އެހެންވީމާ، މި އަހަރުގެ ތެރޭގައި ކުރިއަށްގެންދާ މަޝްރޫޢެއް ގޮތުގައި، ޞިއްޙީ މަރުކަޒުގެ ޖާގައާއި، ވަސީލަތްތަކާއި، މުވައްޒަފުން ހަމަކޮށްދިނުމުގެ މަޝްރޫޢެއްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.
އާދެ، އެހެންވީމާ، މައިގަނޑު ގޮތެއްގައި އެންމެ މުހިންމު ދާއިރާތައް. ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި މިސްކިތް. މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށި، ހަމަ ބާރު ސްޕީޑްގައި ގޮސް، ނިމޭނެ އެންމެ އަވަހަކަށް ނިންމައިދޭނަން. މި އަހަރުވެސް ނިންމެންޏާ ނިންމޭނެ. ނުހުއްޓޭނެ. ބާރަށް ގެންދާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް ކުރިއަށްދާނެ.
ދެން ހަމަ އެއާއެކީގައި، ޙައްލުކުރަންޖެހޭ އެހެނިހެން ކަންކަންވެސް އެބަހުރި. ކުޅިވަރުގެ ދާއިރާއިންވެސް، ފިޓްނަސްގެ ދާއިރާއިންވެސް މި ރަށުގައި ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުން، ކުރީގައި ކިޔާގޮތުންވިއްޔާ، ޢާންމު ނަމުންނަމަ ޒުވާނުންގެ މަރުކަޒު. އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވިން، ކޮންމެ ރަށެއްގައިވެސް ދެ އަހަރުގެ މަޝްރޫޢެއް، ދެ އަހަރުގެ ތެރޭގައި ހިންގާ މަޝްރޫޢެއްގެ ތެރެއިން މި މަރުކަޒު ޤާއިމުވާނޭ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ވަސީލަތް ހަމަކުރެވިފައިވާ، ޒަމާނީ ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް، މި އަހަރާއި، މި އަންނަ އަހަރުގެ ތެރޭގައި ޤާއިމުވާނޭ. އެހެންވީމާ، އެ މަޝްރޫޢުގެ ތެރެއިން މި ރަށުގައިވެސް އެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރ އެޅުމުގެ މަސައްކަތް، މި އަހަރު ފަށާނެކަން ތިޔަބޭފުޅުންނަށް ދަންނަވާލަން. ޚާއްޞަކޮށް، ޒުވާން ބޭފުޅުންނަށް.
އާދެ، މި ރަށުގެ ތިޔަބޭފުޅުންގެ ޢާއިލާތަކުގެ ތެރެއިން ވަރަށްގިނަ ބޭފުޅުން ވަނީ މީގެ އަހަރުތަކެއް ކުރިން އެހެން ރަށަކަށް ހިޖުރަ ކުރައްވާފައި. އެހެންނަމަވެސް، މި ރަށުގައި ގޯތީގެ މައްސަލައަށް އޮތީ، ދެން އޭރުގައި އެކަން ކުރެވުނު ގޮތުންނާ އެކީގައި ޙައްލުނައިސް. ވަރަށް ކޮމްޕްލެކްސް އިޝޫއެއް މިއީ. އަޅުގަނޑު ބެލިން، މި ދަތުރަށް އައުމުގެ ކުރީގައި، އެކަމަށް ޙައްލު ގެނެވޭތޯ. އެހެންނަމަވެސް، އެކަން ވާކަހަލަ ގޮތަކަށް ނޫން އޮތީކީ. އެހެންވީމާ، ކައުންސިލާ އެކީގައި، ޓެކްނިކަލް ލެވެލްގައި މިކަން ދިރާސާކުރާނެ އަޅުގަނޑުމެންގެ ޓީމެއް މިއަދު އަންނާނެ. ކަމާބެހޭ ވުޒާރާތަކުގެ ޓީމެއް އަންނާނެ. އައިސް ތިބެގެން ހުރިހާ މަޢުލޫމާތެއް ނަގައިގެން ދާނީ. ގޮސްގެން ކޮމްޕްލެކްސްކޮށް މިއޮތް މި ދަތި މައްސަލައަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން އިރާދަކުރެއްވިއްޔާ ދާއިމީ ޙައްލެއް ގެނެސްދޭން. އެއީ، ތިޔަބޭފުޅުންނަށްވެސް އަދި އަނެއް ރަށަށް ބަދަލުވި ބޭފުޅުންނަށްވެސް ހަމަ އޭގައި ޙައްލެއް ލިބެންޖެހޭ މައްސަލައެއް.
އެހެންވީމާ، މި ގޯތިތަކުގެ އިޝޫއަށް އަޅުގަނޑުމެން ދާއިމީ ޙައްލެއް ގެންނަން މަސައްކަތް ކުރުމަށް މިއަދު ޓީމު އަންނާނެ. އިރާދަކުރެއްވިއްޔާ އެ މަސައްކަތް މި ފަށަނީ. އަޅުގަނޑު އުންމީދު ކުރަން، ޙަޤީޤަތުގައި އެންމެންގެ އެއްބާރުލުން ލިބިގެން މިކަން ޙައްލުވާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަން، ރައްޔިތުންގެ އެއްބާރުލުން ދެއްވާނެ ކަމަށް، މައްސަލަ ޙައްލުކުރުމުގެ ވިސްނުމުގައި. އެއީ، ކޮންމެގޮތެއްވިޔަސް ގޯތިތަކެއް ދޫކޮށްލާފައި ދާއިރު، ކުރިން އެކަން ކުރެވިފައި އޮތްގޮތުން ދިމާވެފައި ހުރި އެކިކަހަލަ އިޝޫސްތައްވީމާ، އެއްބާރުލުން ބޭނުންވާނެ. އޭރުން އެ ބިންތައް ފްރީވީމަ، ފްރީއަޕްވީމަ، އޭގެ ބޭނުން ރަށުގެ ލޭންޑްޔޫސް ޕްލޭން ތެރޭގައި ހިމަނައިގެން ކުރެވޭނެ އެތައް ކަމެއް ހުންނާނެ. ރައްޔިތުންނަށް އެއިން ފައިދާވާނީވެސް. ރައްޔިތުންނަށް ފައިދާވާނީ. ހަމައެއާއެކީގައި، އެންމެންގެ ޙައްޤުތައްވެސް ޙިމާޔަތް ކުރެވެންވާނެ.
އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަމެއްދެން، އެންމެ ރައްޔިތެއްގެވެސް ޙައްޤަށް އުނިކަމެއް ނައިސް، ހަމަހަމަކަމާއެކީގައި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭންވެސް. މި ހުރިހާ މަޤްޞަދެއް ހާސިލުވާގޮތަށް އަޅުގަނޑު ބޭނުން މި މައްސަލަ ޙައްލުކުރަން. އެހެންވީމާ، އަޅުގަނޑު އެދެން، ލޮބުވެތި ހުރިހާ ރައްޔިތުންގެ ކިބައިން، މި ދަންނަވަނީ، ތުލުސްދުއަށް ހިޖުރަކުރި ރައްޔިތުން ހިމެނޭގޮތަށް، މި ރަށުގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން، މިކަމުގައި އެންމެން އެއްބާރުލުން ދެއްވަން. ހަމަ ކޮންމެ ރައްޔިތެއްގެވެސް ޙައްޤު އަޅުގަނޑުމެން ހިމާޔަތްކޮށްދޭނަން. ހިމާޔަތް ކުރަން ޔަޤީނުންވެސް ސަރުކާރުން މަސައްކަތް ކޮށްދޭނަން. އެހެންވީމާ، އެންމެން ގުޅިގެން މިކަމަށް ޙައްލެއް ގެންނަން ހިންގަވާށޭ މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ މި ގޯތިތަކުގެ މައްސަލަ ޙައްލުވާނެ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް ގެންދަން މަސައްކަތްކުރާނަން.
ދެން ހަމަ އެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުން، މުޅި އަތޮޅަށް ކޮމަން ވާހަކައެއް. އަޅުގަނޑު ކޮންމެ ރަށެއްގައިވެސް އެ ވާހަކަ މި އަންނަނީ ރިޕީޓް ކުރަމުން. މި ފެރީ ނިޒާމުގެ ވާހަކަ. މި އަހަރުގެ ތެރޭގައި، ގައިމުވެސް އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި، މި އަތޮޅުގައިވެސް ހަމަ އާރު.ޓީ.އެލް.ގެ ފެރީ ނިޒާމު ޤާއިމުވެގެންދާނެ. ސީދާ ކޮން މަހެއްކަން އަޅުގަނޑަށް މިވަގުތު ނުދެންނެވުނަސް. އަޅުގަނޑު ކަނޑައަޅާފައި މިއޮތީ، ހުރިހާ އަތޮޅެއްގައި އާރު.ޓީ.އެލް. ޚިދުމަތް މި އަހަރު ޤާއިމުކުރަން. އޭގެތެރެއިން މި އަތޮޅުގައިވެސް އަދި ދެންހުރި އަތޮޅުތަކުގައިވެސް ޤާއިމުވެގެންދާނެ. އެހެންވީމާ، އެކަމުގެ ކަންބޮޑުވުން އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. އާދެ، އަޅުގަނޑު ވަރަށް އިސްކަންދީގެން ތިޔަބޭފުޅުންނަށް މި ކަންތައްތައް ޙައްލުކޮށްދިނުމުގެ ކަންތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.
އިންޖީނުގޭގެ މައްސަލަވެސް، މިއަދު މީޓިންގގައި ފެނަކައިގެ އެމް.ޑީ. ވިދާޅުވެދެއްވި، ޖެންސެޓް ހޯދުމާއި، ކަރަންޓް ކޭބަލް ނެޓްވަރކް އަޕްގްރޭޑް ކުރުމުގެ ވާހަކަ. އެހެންވީމާ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ކުރިއަށް މިއޮތް ދުވަސްތަކުގައި އެކަންވެސް ޙައްލުވާ ތަން. އެއްވެސް ކަންބޮޑުވުމެއްނެތި، ރަމަޟާން މަހު އިރާދަކުރެއްވިއްޔާ ޖެންސެޓްގެ އިޝޫއެއް ދިމާނުވެ، އެކަން ބެލެހެއްޓޭނެ ކަމަށް އެމް.ޑީ. މިއަދު މީޓިންގގައިވެސް ވިދާޅުވި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމުގައިވެސް ރަނގަޅު ގޮތަކަށް ކުރިއަށްދާނެ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިތުރު ކަންކަމުގެ ގޮތުގައި ހުރި ކަންކަމަކީވެސް އަޅުގަނޑުމެން ސަމާލުކަންދޭނެ ކަންކަމޭ. ރަށުގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކުރަންހުރި ކަންކަމުގައިވެސް އަޅުގަނޑުމެން މި ވިސްނަނީ، ތިޔަބޭފުޅުންނަށް ބޭނުންވާގޮތަށް ކަންކަން ހާސިލުކޮށްދޭން. ކައުންސިލުން ހުށަހެޅި އިތުރު ކަންކަންވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން އެ ހުރިހާ ކަމަކަށްވެސް ރިޢާޔަތްކުރާނަން.
ނިންމާލުމުގެ ކުރިން، އަޅުގަނޑު މި ރަށަށް ޚާއްޞަ ކަމެއްވީމަ ފާހަގަކޮށްލަން ބޭނުން. ރަންރިހީގެ އަތްތެރިކަމުގެ މަސައްކަތަކީ، ރާއްޖޭގައި މި ރަށުގައި އެންމެ ބޮޑަށް، ރާއްޖޭގެ އެހެން ރަށްތަކާ ބަލާއިރު މާބޮޑަށްވެސް މި ރަށަށް ޚާއްޞަ ކަމެއް. މި ރަށުގެ ރައްޔިތުން މާލޭގައި އުޅުނަސް، އެހެންތާކު އުޅުނަސް، މި ރަށުގެ ރައްޔިތުން ކުރާ ކަމެއް. ދިވެހި ޤައުމިއްޔަތު އިޢާދަކޮށް، ކުރިއަރުވައި އާލާކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރޭގައި ހިމެނޭ، ދިވެހި އައިޑެންޓިޓީ ޙިމާޔަތްކުރުން. ދިވެހިން ކުރިން އުޅެމުންދިޔަގޮތް ދިރުވައި އާލާކުރުން. އެއީ، ދިވެހިންގެ ވިސްނުމާއި، އުޅުމާއި، ގުޅުމާއި، ކުރަމުންދިޔަ ކަންކަން އާލާކޮށް، ޒުވާނުންނާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެގޮތުން، އައިޑެންޓިޓީގެ ތެރޭގައި ހިމެނޭ، ދިވެހިން ކުރަމުންދާ މަސައްކަތް. މި ރަށުގައި އަތްތެރިކަމުގެ މަސައްކަތް މިއީ އޭގެތެރޭގެ ކަމެއް. މިހާރު ކުރިއަށްވުރެ އެ މަސައްކަތްކުރާ މީހުން ގައިމުވެސް މަދުވެއްޖެ. ޒުވާނުން ވަރަށްމަދު. މިއީ އަޅުގަނޑުމެން މިކަން ޙައްލުކުރުމުގެ ތެރެއިން، ދިވެހިންގެ އައިޑެންޓިޓީ އިޢާދަކޮށް ޙިމާޔަތްކުރުމުގެ ތެރެއިން ސަރުކާރުން ސަމާލުކަންދޭނެ ކަމެއް.
އަޅުގަނޑު މީގެކުރިން ދެންނެވިން، އަދި އަޅުގަނޑުމެން މިހާރު މަޝްރޫޢެއް ގޮތުގައި ކަނޑައަޅާފައިވެސް އޮންނާނެ، މިގޮތަށް ޚާއްޞަކޮށް، ވަކި ރަށެއްގައި ހިނގާ މަސައްކަތްތައް، މިސާލަކަށް، ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތް. އެ ރަށުގައި ސަރުކާރުގެ ސެންޓަރެއް އަޅުގަނޑުމެން މި ޤާއިމުކުރަނީ. އެ މަސައްކަތް ދަސްކޮށްދޭނެ މަރުކަޒެއް އެއީ. ކަމާބެހޭ ސެޓްފިކެޓްތައް ލިބޭގޮތަށް. އަޅުގަނޑުގެ ވިސްނުމަކީ، މި ރަށުގައިވެސް ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާ ސެޓްފިކެޓް ލިބޭގޮތަށް، އެ މަސައްކަތް ދަސްކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށްދޭން. މި ރަށުގައި ޤާއިމުވެ ތިބެގެން އިރާދަކުރެއްވިއްޔާ، މި ރަށުގައި އެ ތަމްރީނުތައް ފިޒިކަލީ ދެވޭގޮތަށް.
އެހެންވީމާ، އަޅުގަނޑުމެން މަސައްކަތްތަކެއް ފަށާނަން. އެކަމުގައި އަޅުގަނޑު ޔަޤީންކުރަން، މި ރަށުގެ ރައްޔިތުންގެ ތެރެއިން މި މަސައްކަތްކުރާ ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް. އެކަމުގެ އެކްސްޕާޓް ނޮލެޖް ހުރި ރައްޔިތުންގެ ތެރެއިން ބޭފުޅުން، މީގެ ޓްރޭނިންގ ދޭ މީހުންނަށްވެސް ހަމަޖައްސައި، މިކަހަލަ ރަނގަޅު ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަރުވައި އާލާކުރުމަކީ، ދިވެހި އައިޑެންޓިޓީ ޙިމާޔަތްކުރުމުގެ ތެރެއިން އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރަންޖެހޭނެ ކަމެއް. އޭގެ ސަބަބުން އިޤްތިޞާދީ ފައިދާވެސް މި ރަށަށް ކުރާނެ. އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިންވެސް މިކަމަށް ޝައުޤުވެރިވާ ޒުވާނުން އިތުރުކުރެވި ކުރިއަރައިގެންދާނެ.
އެހެންވީމާ، އެ މަޝްރޫޢު އަޅުގަނޑުމެން ފަށާނެ ކަމުގެ ވާހަކަ މި ދަންނަވަނީ. އޭގެ ތަފްޞީލުތައް، ކުރިއަށް ހުރި ދުވަސްތަކުގައި ލިބޭނެ. ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކީގައި، އިރާދަކުރެއްވިއްޔާ ކާމިޔާބު މަޝްރޫޢަކަށް، އެ މަޝްރޫޢު ހަދަން ބޭނުން. އިރާދަކުރެއްވިއްޔާ ހެދޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
އާދެ، އެ ވާހަކައާ އެކީގައި އަޅުގަނޑު ވަކިވެލާނަން. އަޅުގަނޑު ވަރަށް އުފާކުރަން، ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތާއީދަށްޓަކައި. އެންމެ ބޮޑެތި އާބާދީތައް ފަދައިން، ރިނބުދުއަކީ އަޅުގަނޑަށް އެއްވެސް ތަފާތެއްނެތި މުހިންމު ރަށެއް. ތިޔަބޭފުޅުންގެ ތިޔަ އުންމީދުތައް އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދިނުމުގައި، އަޅުގަނޑުމެންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި ސަމާލުކަން ލިބިގެންދާނެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރުކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.