بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދ. މީދޫ ކައުންސިލްގެ ރައީސް، ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި އެންމެހައި ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާ ދުރާއިގާތުން ބައްލަވާ، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި އަތޮޅަށް މި ކުރަމުންދާ ދަތުރުގައި، މިއަދު ހަވީރު މި ރަށަށް އާދެވުމުން، މީދޫގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އިރާދަކުރެއްވީތީ މިއަދު މިއީ، މީދޫގެ ތަރައްޤީގައި ވަރަށް ގިނަ ޢަމަލީ މަސައްކަތްތަކެއް ޙަޤީޤަތުގައިވެސް ފުރިހަމަވެ، ނޫނީވިއްޔާ ފެށިގެންދާ ދުވަހެއް. އެކަމަށްޓަކައި ﷲއަށް ޙަމްދުކުރަން.

ބޭންކިންގ ނިޒާމު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް އަޅުގަނޑުމެން ނިންމާފައިވާ ނިންމުމުގެ ދަށުން، މި ރަށުގައި ބޭންކިންގ ޚިދުމަތް ފެށުމާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި، ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު އިދާރީ ބަޔާއި، މިފަދަ ކަންތައްތަކެއްވެސް ކުރެވިގެން ގޮސްފައިވޭ.

ކުޅިވަރުގެ ދާއިރާއިން އެކިކަހަލަ މަޝްރޫޢުތައް ހިންގުމުގެ ތެރެއިން، މިހާތަނަށް ނިމިފައިވާ ފުޓްސަލް ދަނޑު މިރޭ ހުޅުވުމާއި، ދެންމެ މިތަނުގައި ސޮއިކުރެވިގެން އެދިޔަ، ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތައް މިއީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ ކަންކަން. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އަދި ފަހުންވެސް ތިޔަ ލޮބުވެތި ރައްޔިތުންނަށް ވަޢުދުވެފައިވާ ކަންކަން. އިރާދަކުރެއްވިއްޔާ، މިތާ މިއަދު ސޮއިކުރެވިގެން މިދިޔަ ކޮންމެ މަޝްރޫޢެއް، ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދޭނަން. އަދި އެ މަޝްރޫޢުތައް ވަރަށް ރަނގަޅަށް ފުރިހަމަކޮށްދޭނަން.

މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށް ބަލާއިރުގައިވެސް، އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްވެސް އެދަނީ އިރާދަކުރެއްވީތީ ބާރު ސްޕީޑްގައި. ހުއްޓިފައި ހުރި މަޝްރޫޢުތަކަށް ބަލާއިރުގައި، ފެށެން މާގިނަ ދުވަހެއް ނެތް. އަޅުގަނޑު ރިޔާސީ ބަޔާނުގައި، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ދެންނެވި ފަދައިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ރަށް ހިމެނޭހެން، ހުއްޓިފައި، ނޫނީވިއްޔާ މާ ބާރު ސްޕީޑްގައި ނުދާ މަޝްރޫޢުތައް، ސްޕީޑް ގެއިން ކުރުން. ނޫނީވިއްޔާ ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުން. މި ދެ މަސްތެރޭގައި މިކަންކަން ހިނގާނެ.

މި ރަށުގައި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް، ކުރިއަށް މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި، އަނެއްކާވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގޮސް، ގިނަވެގެން ތިން މަހެއްހާ ދުވަސް ތެރޭގައި ނިމޭނެ. އެންމެފަހުން މިއަދު ކޮންޓްރެކްޓަރ މެދުވެރިކޮށް، އަޅުގަނޑަށް މިނިސްޓަރ ވިދާޅުވެދެއްވީ އެގޮތަށް. ނުވަދިހަވަރަކަށް ދުވަސް، ގިނަވެގެން ތިން މަހެއްހާ ދުވަސް ތެރޭގައި ނިމޭނެއޭ. އެހެންވީމާ، ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް އެގޮތުގައި ކުރިއަށް ގެންދެވޭނެ.

އާދެ، މިގޮތުން، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ކަންތައްތަކުގެ ތެރެއިން، ބައެއް ކަންކަން އަޅުގަނޑު ފާހަގަކޮށްލާނަން. އެއްކަމެއް ގޮތުގައި، މިއަދު މި ސޮއިކުރެވުނު ބަނދަރުގެ މަޝްރޫޢު. ބަނދަރު ބޮޑުކުރަން، ނޫނީވިއްޔާ ބަނދަރުގެ މަސައްކަތް ކުރަން ހަވާލުކުރެވިފައި އޮތީ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވީއިރުވެސް. އެހެންނަމަވެސް، އެކަން ކުރަން ހަމަޖެހިފައި އޮތްގޮތް އެއީ، އަދި މުޅިން ރައްޔިތުން ބޭނުންވާގޮތަކަށް ނޫން ހަމަޖެހިފައި އޮތީ. އެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި، ސަރުކާރުގެ ތެރެއިން، ސަރުކާރުގެ ފަރާތުން، ރައްޔިތުންނަށް ފުރިހަމަކޮށްދޭންޖެހޭ ގިނަގުނަ ކަންތައްތަކެއް، އޭރުގައި އޮތް މަޝްރޫޢެއް އެއީ.

މިއީ، މަސްވެރިކަމުގައި ވަރަށް ކުރިއަރާފައިވާ ރަށަކަށްވާއިރުގައި، އެހާގިނަ މަސްވެރި އުޅަނދުތައް އޮތް ރަށަކަށްވާއިރުގައި، މި ބަނދަރު އެބަ ވާންޖެހޭ ރައްޔިތުންގެ މި ބޭނުންތަކަށް، ގިނަ އަހަރުތަކަކަށް ބޭނުންހިފޭފަދަ ގޮތަކަށް ބޮޑުކުރެވިފައި އޮންނަ ބަނދަރަކަށް. އެއީ، ސަރުކާރުގެ ވިސްނުމަކީ. ސަރުކާރުގެ ވިސްނުމަށް، އެ ވިސްނުންވާ ސަބަބަކީ، އެއީ، ރައްޔިތުން ބޭނުންވާގޮތް ކަމުގައިވާތީ.

އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ، ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންގޮސްދިނުމަށް. އެހެންވީމާ،މި ރަށުގެ މަސްވެރިން، ރައްޔިތުން ބޭނުންވަނީ، މި ބަނދަރު އެތައް ގޮތަކުން ބޮޑުވެގެން ދާން. ބޭރު ތޮށްޓަށް ގެންނަންވާ ކުރިއެރުން، އެއްގަމު ތޮށީގެ އިތުރު ބައިތައް ހިއްކާފައި އޮތްތަނާ ގުޅިގެން ދިޔުން. ވަކިން ހިއްކާފައި އޮތްބައި ގުޅިގެން ދިޔުން. މިފަދަ ގިނަ ކަންތައްތަކެއް އެބަހުރި. ފުންވިލުގެ ބޭރުން އިތުރު ބޭރު ތޮށްޓެއް ލުން. މި ހުރިހާ ކަމެއް ހިމެނޭހެން، އެ މަސައްކަތް ވަކި މަޝްރޫޢެއް ގޮތުގައި، އަޅުގަނޑުމެންގެ މާލިއްޔަތު ގަވާއިދުތައް އޮންނަ ގޮތުން، ވޭރިއޭޝަނަކުން ނިންމާލެވޭވަރަށްވުރެ މާގިނަ މަސައްކަތް މިއީ. އެހެންވީމާ، ހަމަޖެހިފައި އޮންނަ ގަވާއިދުތަކުގެ ތެރެއިން، ހުރިހާ އިޖުރާޢަތްތައް ފުރިހަމަކުރެވި، މިރޭ، އެމް.ޓީ.ސީ.ސީ.އާ މި ހަވާލުކުރީ ވަކި މަޝްރޫޢެއް ގޮތުގައި، ސަރުކާރުގެ ބަޖެޓުން އެކަން ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން، އެ މަސައްކަތް ދާދި އަވަހަށް ކުރިއަށްދާނެ. ގޮސް ހަމަ ބާރު ސްޕީޑްގައި، ރައްޔިތުން އެދޭގޮތަށް ނިންމާލައިދޭނަން. އެ ޔަޤީންކަން ދެން.

ދެން މަގުހެދުން. މި ރަށުގެ މަގުތައް ހެދުމަށް ރައްޔިތުން އެދޭތާ ލައްކަދުވަސް ވެފައި ވަނީ. މަގުހެދުމުގެ މަޝްރޫޢުގައި މިރޭ މި ސޮއިކުރެވުނީ، ޖުމްލަ 14 މަގެއް ހަދަން. އެ މަގުހެދުމުގެ މަޝްރޫޢުގައި އެގޮތަށް ސޮއިކުރެވުނު ނަމަވެސް، އަދި އޭގެތެރެއަށް އަޅުގަނޑުމެން އިތުރުކުރާނަން، ހިއްކި ސަރަޙައްދު އުސްކޮށް އޮންނާތީ، ރަށުގެ އޮރިޖިނަލް ލޭންޑް، ހިއްކި ސަރަޙައްދަށްވުރެ ތިރިވީމާ، ރަށުތެރެއަށް ބޯކޮށް ވާރޭވެހޭ ފަހަރުފަހަރު، ފެންގަނޑު އައިސް، ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން، ފުރިހަމަ ޑްރެއިނޭޖް، ފެން ހިންދާ ނިޒާމެއް، އެ ދެ ފަސްގަނޑު ބެދޭ ސަރަޙައްދުގައި ޤާއިމުކުރުން ހިމަނައިގެން، މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާއިރު، ކުރިއަށް ގެންގޮސް ނިންމައިދޭނީ. އެގޮތަށް މިކަން ހަމަޖައްސައިދޭނަން.

އާދެ، މި 14 މަގު ހެދިގެންދާއިރުގައި، އާންމުކޮށް ރައްޔިތުން ބޭނުންކުރާ، ބޭނުންހިފާ ހުރިހާ ޚިދުމަތްތަކަކަށް ވާސިލުވާނެ ފަސޭހައިން. ސްކޫލް، ޞިއްޙީ މަރުކަޒު، ހުރިހާ ތަނެއް، މައި ހުރިހާ މަގެއް ހެދޭނީ. އެހެންވީމާ، ޖުމްލަކޮށް ވަރަށް ރަނގަޅު ނެޓްވަރކެއް މީގެތެރެއިން، ރޯޑް ނެޓްވަރކެއް މި ޤާއިމުވެގެން ދަނީ. އެހެންވީމާ، އާރު.ޑީ.ސީ.އާ އެކީގައި މި ހަވާލުކުރެވުނު މަސައްކަތް، މި ދެންނެވި ގޮތަށް ކުރިއަށްގެންދާނަން.

ދެން ހަމައެއާއެކީގައި، ދެންހުރި މަސައްކަތްތައްވެސް، އެގޮތުގައި ކުރިއަށް ގެންދެވޭނެ. އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި، މިހިރަ ހުރިހާ މަސައްކަތްތަކެއްގައި، އަޅުގަނޑުމެން ސަރުކާރުގެ ތެރެއިން، ފުރިހަމަ އެއްބާރުލުންދީގެން، ކުރިއަށްގެންދާނެ ކަމަށް.

އާދެ، މިތާ ކައިރީގައި މިއޮތް އުއްދޫ. އުއްދުއަކީ، މީގެ ކުރީގައި އަމިއްލަ ވިޔަފާރިވެރިޔަކު ވިޔަފާރި ކުރުމަށްޓަކައި ދޫކޮށްފައި އޮތް ރަށެއް. ރަށުގެ މުއްދަތު ހަމަވެ، ރަށް ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއާ ހަވާލުވެފައި. އެހެންވީމާ، އެ ރަށް، މި ރަށާއި މި އަތޮޅުގެ ރައްޔިތުން ދަތުރު ގޮސް، ޕިކްނިކް ގޮސް ހެދުމަށް، އަޅުގަނޑުމެން މި ކަނޑައެޅީ. އެ ރަށް އެގޮތުގައި ތިޔަބޭފުޅުންނަށް މިހާރު، މި ވަގުތުން ފެށިގެން ހުޅުވައިލެވުނީ. ކަމާބެހޭ ވުޒާރާ، އަތޮޅުތަކާއި، ލާމަރުކަޒީ ކަންކަން ބަލަހައްޓާ ވުޒާރާއާ މި ހަވާލުކުރީ. އެ ވުޒާރާއިން އެ ރަށް ބަލަހައްޓަމުން ގެންދާނެ. އަދި އެ ވުޒާރާ މެދުވެރިކޮށް، އެ ރަށަށް ޕިކްނިކް ގޮސް، ދަތުރުގޮސް ހެދުމުގެ ކަންކަން ފަހިވެގެންދާނެ. އެ ވުޒާރާގެ ފަރާތުން ކުރިއަށް އޮތް ދުވަސްތަކުގައި، މީގެ ތަފްޞީލުތައް އިޢުލާނު ކުރައްވާނެ. އަޅުގަނޑުހިތުން، މި އަތޮޅުގެ ރައްޔިތުންނަށް، ޚާއްޞަކޮށް މި ދާއިރާގެ ރައްޔިތުންނަށް އެއީ، ވަރަށް ބޭނުންތެރި ކަމަކަށް ވެގެންދާނެ. އެހެންވީމާ، އެކަމުގެ މުނާސަބަތުގައި، މީދޫގެ ރައްޔިތުންނަށް، އަދި މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

އާދެ، ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، މިރޭ ފުޓްސަލް ދަނޑު ހުޅުވިގެންދިޔަސް އަދި އަޅުގަނޑުގެ ރިޔާސީ ވަޢުދުގައި ހުރި ކަންކަން އެބަހުރި. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދޭނެ ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި. އާދެ، އެ މަޝްރޫޢުވެސް މި އަހަރުގެ ބަޖެޓުގައި އެބައޮތް. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުވެގެންދާއިރުގައި، އިންޑޯކޮށް ކުޅެވޭ ހުރިހާ ކުޅިވަރެއް، އެއީ، ވޮލީ، ނެޓްބޯލް، މި ހުރިހާ ކަމެއްވެސް ހިމެނޭ ތަފާތު ފަސް ކުޅިވަރެއް ކުޅެވޭގޮތަށް ހަދާ ކޮމްޕްލެކްސްއެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރުގެ ބަޖެޓުން ހަދަން ނިންމާފައި ހުރި ރަށްރަށުގައި، މި އަހަރު އެ މަޝްރޫޢު ކުރިއަށްދާނެ. އެހެންވީމާ، މި ރަށުގައިވެސް މި ދެންނެވި ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ޤާއިމުކުރެވޭ، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް މި އަހަރު މި ރަށުގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އޭގެ އިތުރަށްވެސް، މޫދަށްއެރެން ޚާއްޞަ ތަނެއް ކަނޑައެޅުމާއި، މިފަދަ ކަންތައްތައް އެބަހުރި. ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށްދާއިރުގައި، އަޅުގަނޑުމެން ވަކި މަޝްރޫޢެއް ގޮތުގައި، އެ މަސައްކަތް ކުރެވޭނެ ގޮތްތައް ރާވާނަން. އެކަމަށްޓަކައި ޑިޒައިނަށް، ރިވެޓްމަންޓަށް ގެންނަންޖެހޭ ބަދަލުތަކެއް ހުންނާނެކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެއީވެސް ރައްޔިތުން އެދޭ ކަމަކަށްވާތީ، އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައް ބަލައި، މި އަހަރުގެ ފަހުކޮޅު، ނޫނީވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެން އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން.

އޭގެއިތުރަށްވެސް، ކޮންމެ ރަށެއްގައިވެސް ޕާކު ޤާއިމުކުރުމަކީ، އަޅުގަނޑު ކަނޑައަޅާފައި އޮތް ކަމެއް. ރިޔާސީ ބަޔާން އިއްވިއިރު އަޅުގަނޑު ދެންނެވިން، ރާއްޖޭގެ ކޮންމެ ރަށެއްގައި، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޕާކު ޤާއިމުކުރާނަމޭ. ކުޑަކުދިންނާއި ޢާއިލާތަކަށް ގޮސް، ވަގުތު ހޭދަކޮށްލެވޭ ޕާކެއް ޤާއިމުކޮށްދޭނެ ވާހަކަ. އެހެންވީމާ، މި ރަށުގައިވެސް، މި ދެ އަހަރު ތެރޭގައި ހަމަ ޔަޤީނުންވެސް އެކަން ވާނެ. އިރާދަކުރެއްވިއްޔާ، ޕާކު ޤާއިމުވެގެންދާނެ. އެއީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވަމުން ގެންދަވާ، ވަރަށް މުހިންމު ކަމެއް.

އޭގެއިތުރަށް، ސްކޫލްގައި މަލްޓި ޕަރޕަސް ހޯލުގެ އިމާރާތް ނިމޭއިރުގައި، ބޭރުގެ ވަށާފާރުގެ މަސައްކަތް ކުރަން އެބަޖެހޭ. މި ރަށުގައި މިހާރު މަސައްކަތް ކުރަން ހަމަޖެހިފައި މިއޮތް އެސް.އޯ.އީ.ތައް އެއީ، އެމް.ޓީ.ސީ.ސީ.، ނޫނީ އާރު.ޑީ.ސީ. މެދުވެރިކޮށް، އަޅުގަނޑުމެން އެ ވަށާފާރުގެ މަސައްކަތް ކުރިއަށްގެންދާނަން. އެހެންވީމާ، އެކަމުންވެސް ތިޔަބޭފުޅުންނަށް މިހާރު ދިމާވަމުންދާ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެ. އޭގެއިތުރަށް، ކުރިއަށް އޮތް އަހަރު ތެރޭގައި، މި އަހަރު ފަހުކޮޅު، ނޫނީ މި އަންނަ އަހަރު ތެރޭގައި، ސްކޫލަށް އިތުރަށް މި ބޭނުންވާ ޖާގަ އިތުރުކުރަން މި ބޭނުންވާ އިމާރާތް، ސްކޫލް އިންފްރާސްޓްރަކްޗަރގެ މަސައްކަތް އަޅުގަނޑު ބަޖެޓް ކުރާނަން. އެހެންވީމާ، މި އަންނަ އަހަރު ތެރޭގައި، އެންމެ ލަސްވެގެން އެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށްގެންދާނަން.

އެހެންވީމާ، ޖުމްލަކޮށް މިހިރަ ކަންތައްތައް މިގޮތަށް ތަރުތީބުވެގެންދާނެ. ކޮންމެ ރަށެއްގައިވެސް އެންމެ ބޮޑު އެއް މައްސަލައަކީ، ކުނީގެ މައްސަލަ. މިއަދު އަޅުގަނޑުމެން މި ސޮއިކުރީ، މި ރަށުގައި ދާއިމީގޮތެއްގައި އެކަން މެނޭޖްކުރަން، ވެމްކޯއާ އެކީގައި. އެހެންވީމާ، ވެމްކޯއިން އެކަމަށްޓަކައި، މި ރަށުގައި ޤާއިމުކުރަންޖެހޭ ހުރިހާ ކަމެއް، ކުރިއަށް އޮތް މަސްތަކުގައި ފުރިހަމަކުރާނެ. ފުރިހަމަކޮށް، އިރާދަކުރެއްވިއްޔާ އެކަންވެސް މި ރަށުގެ ރައްޔިތުންނަށް ވަރަށް ފުރިހަމައަށް ހަމަޖެހިގެންދާނެ. އެހެންވީމާ، ޖުމްލަކޮށް މިހިރަ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް ކުރިއަށްގެންގޮސްދޭނެ ކަމުގައި ދަންނަވަން.

އާދެ، އޭގެއިތުރަށް، އަޅުގަނޑު ދަންނަވާލަން ބޭނުން، އެންމެ މުހިންމު އެއްކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ، ގެދޮރުގެ މައްސަލަ. އެއީ، މި ރަށުގެ ރައްޔިތުންނަށް އެކަންޏެއްނޫން. މުޅި ރާއްޖޭގައި ހުރިހާ ސަރަޙައްދެއްގައި އަދި މިގޮތަށް އާބާދީ ބައިބޯ ކޮންމެ ރަށެއްގައި، އެންމެ މުހިންމު މައްސަލަ. އެހެންވީމާ، އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ތެރޭގައި ކަނޑައެޅީ، އެންމެ މުހިންމު ކަމެއް ސަރުކާރުން ދޭނީ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް ކަމަށް. ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް ކަނޑައަޅައި، އަޅުގަނޑު މިހާރު ވާނީ، މި ރަށް ހިމެނޭހެން، ވަރަށް ގިނަ ރަށްތަކުގައި، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދު ފުއްދުމަށްޓަކައި އިޢުލާނުކޮށްފައި. އެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުމަށް. މި ރަށުގައި، 200 ހައުސިންގ ޔުނިޓު، މި މަޝްރޫޢުގެ ތެރޭގައި މިއޮތީ އަޅަން މިހާރު އިޢުލާނުކޮށްފައި. އެހެންވީމާ، މި މަޝްރޫޢު ކުރިއަށްދާއިރުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގައިވެސް ރައްޔިތުން ބޭނުންވާ ކަމުގައިވާނަމަ، ރައްޔިތުންނަށް ލިބޭ ގޯތީގައި ހިއްކި ސަރަޙައްދުން ގޯތިދޭން ކަނޑައެޅިފައި މިއޮތީ. ހިއްކި ސަރަޙައްދު ވިޔަސް އަދި ރަށުގައި ގޯތި ލިބިފައި، ހުސްކޮށް އޮތް ގޯއްޗެއް ކަމުގައިވާނަމަ، އެ ގޯތީގައި މި ޕްރޮޖެކްޓްގެ ތެރެއިން، އަޅުގަނޑުމެން މި ޕްރޮޖެކްޓްގައި މިއަޅަނީ، ތިން ކޮޓަރީގެ ހައުސިންގ ޔުނިޓުތަކެއް. އެހެންވީމާ، އެއީ ފްލެޓް މަޝްރޫޢެއް، ނޫނީވިއްޔާ އެ ފްލެޓްގެ ބަދަލުގައި، އެއިން ބައެއް ކަނޑައެޅިދާނެއޭ، ރަށުގެ ރައްޔިތުން ބޭނުންވާނަމަ، އެކަމަށް ބޭނުންވާ ރައްޔިތުންގެ ގޯތީގައި އެއިން ޔުނިޓެއް. އޭގެ މާނައަކީ، އެ ގޯތީގައި ތިން ބެޑްރޫމްގެ ގެއެއް. ތިން ކޮޓަރީގެ ގެއެއް، ހައުސިންގ ޔުނިޓެއް އަޅައިދެވިދާނެއޭ. އެހެންވީމާ، އެމީހާގެ އަމިއްލަ ގޯތީގައި ޤާއިމުކުރެވޭނީ އެ ގެ. ދެން އެގޮތަށް ބޭނުންވާ ބޭފުޅުން ކަނޑައަޅައި ނިމުނީމާ، ބާކީ އަދަދު އަޅުގަނޑުމެން މި ޕްރޮޖެކްޓްގެ ތެރެއިން މަޝްރޫޢެއް ގޮތުގައި އިމާރާތްކުރާނީ އެއް ތަނެއްގައި. ހައުސިންގ ޔުނިޓު އަޅަން ކަނޑައެޅިފައި އޮންނަ ސަރަޙައްދުގައި.

އެހެންވީމާ، އަޅުގަނޑު މި ރަށުގެ ކައުންސިލަށް ދަންނަވަން، ގޯތި ދެވިގެންދާއިރުގައި، އަމިއްލައަށް ގޯތީގައި އިމާރާތްކުރަން ކުޅަދާނަކަން ނެތް ފަރާތްތަކުން، ނޫނީވިއްޔާ މި ޕްރޮޖެކްޓްގެ ތެރެއިން، އެމީހާގެ ގޯތީގައި ހައުސިންގ ޔުނިޓެއް އަޅަން ބޭނުންވަންޏާ، އެ ފަރާތްތައް ކަނޑައަޅުއްވައިދެއްވަން. އަދި އަޅުގަނޑުމެން މި ޕްރޮޖެކްޓްގެ ތެރެއިން މި އިޢުލާނުކުރި ކޮންމެ ރަށެއްގައި، ހައުސިންގ ޔުނިޓު އަޅަން މި އިޢުލާނުކުރި ކޮންމެ ރަށެއްގައިވެސް، ކައުންސިލަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިއަށް މިއޮތް މަސް ތެރޭގައި، ރަމަޟާން މަސް ނިމުމުގެ ކުރީގައި، އެ ރަށެއްގެ ރައްޔިތުންގެ ތެރެއިން، މި ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢު އިޢުލާނުކޮށްފައިވާ ކޮންމެ ރަށެއްގައި، އަމިއްލަ ގޯތީގައި، މިއިން ހައުސިންގ ޔުނިޓެއް އަޅަން ބޭނުންވާ ފަރާތްތައް ކަނޑައަޅުއްވައިދެއްވާށޭ. ކަނޑައަޅުއްވާފައި، އެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވައިދެއްވާށޭ. އޭރުން މި ޕްރޮޖެކްޓްގެ ތެރެއިން އަޅުގަނޑުމެން ކޮންމެ ގޯއްޗެއްގައި ތިން ކޮޓަރީގެ ގެއެއް އަޅައިދޭނަން. އަޅާފައި ބާކީވާނަމަ، ދެން އެއް އިމާރާތެއް ގޮތުގައި ފްލެޓް އަޅައިދީ، އަޅުގަނޑުމެން ވަކި މަޝްރޫޢެއް ގޮތުގައި ބާކީ ޔުނިޓުތައް އަޅައިދޭނީ. އަޅުގަނޑުހިތުން، ވަރަށް ގިނަ ރައްޔިތުން ބޭނުންވާނެ، އެ މީހެއްގެ އަމިއްލަ ގޯތީގައި، ގެ އެޅިގެންދާން. އެއީ، ވަރަށް ގިނަ ރައްޔިތުންނަށް، ބޭންކަށް ގޮސްގެން ލޯނު ހޯދަން ދަތިވާނެ. މިހެން ދެންނެވި ނަމަވެސް، ސަރުކާރުން ހުޅުވާލައިފައިވާ، އިސްލާމިކް ފައިނޭންސް ލޯން ސްކީމް، ފަސް ޕަސެންޓުގެ ލޯން ސްކީމް އެބައޮތް. އެ ލޯން ސްކީމްގެ ތެރެއިންވެސް، މި ރަށުގެ ރައްޔިތުންނަށް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުރުޞަތު އެބައޮތް ލޯނު ނަގަން. އެ ލޯން ސްކީމުގެ ދަށުން ތިޔަބޭފުޅުންނަށް މިހާރު ހުޅުވާލައިފައިވާ ފުރުޞަތުގައި އެޕްލައި ކުރެވޭނެ. ކޮށްގެން އަމިއްލަ ގޯތީގައި، ގެދޮރު އިމާރާތް ކުރުމަށް މި ލުއި ލޯން ސްކީމް ނެގޭނެ. މީގެދަށުން ނުޖެހޭ އިކުއިޓީއެއް ބަހައްޓާކަށް. މީގެތެރެއިން ނުޖެހޭ ރަހުނު ބަހައްޓާކަށެއް. ވަރަށް ލުއި، އަދި އިސްލާމިކް މޮޑެލްގެ ލޯން ސްކީމެއް މިއީ. މި ފުރުޞަތުވެސް އެބައޮތް. އެހެންވީމާ، މި ދެންނެވި ލޯން ސްކީމްވެސް އެބައޮތް. އަދި މި ރަށުގެ ރައްޔިތުންނަށް ވިއްޔާ، މި ރަށުގައި އަޅަންއޮތް 200 ޔުނިޓުގެ ތެރެއިންވެސް، ޖާގަ އެބައޮތް، އެ މީހާގެ އަމިއްލަ ގޯތީގައި ގެ އަޅަން. އެހެންވީމާ، މި ދެ ފުރުޞަތުވެސް މި ރަށުގެ ރައްޔިތުންނަށް އޮތް ވާހަކަ މި ދަންނަވަނީ.

އެހެންވީމާ، ސަރުކާރުން މީދޫގެ ރައްޔިތުންނަށް، މި ރަށުގައި އެންމެ ބޮޑުވެފައިވާ މައްސަލައަށް ވަރަށް މުހިންމު ސަމާލުކަމެއް ދޭނަން. މިއިން ކޮންމެ ފުރުޞަތެއްވެސް ރައްޔިތުންނަށް އަޅުގަނޑު މި ދޫކޮށްލަނީ. ރައްޔިތުން ބޭނުންވާ ގޮތެއް ކަނޑައަޅުއްވައިދެއްވީމާ، އެގޮތަށް އަޅުގަނޑުމެން ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން. އިރާދަކުރެއްވިއްޔާ، މި ދައުރުގެ ތެރޭގައި، މި ރަށުގެ ގެދޮރުވެރިކަމުގެ މައްސަލައަށް، ބޯހިޔާވަހިކަމުގެ މައްސަލައަށް، އެކަށީގެންވާ ރަނގަޅު ޙައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އޭގެއިތުރަށްވެސް، މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ކުރިއަށްގެންދާނަން. އާދެ، ޖުމްލަކޮށް، އަޅުގަނޑު މި ދަންނަވާލި ކަންކަން މިގޮތަށް ކުރިއަށްދާނެ.

ދެން މި އަތޮޅަށް ބަލާއިރުގައި، ފެރީ ނިޒާމު އޮތީ ތަރައްޤީކުރަން ޖެހިފައި. އަޅުގަނޑު މިދަނީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި، ކޮންމެ އަތޮޅަކަށް އާރު.ޓީ.އެލް.ގެ ފެރީ ނިޒާމު ތަޢާރުފުކުރަމުން. މި އަހަރު ނިމެންވާއިރު، މި އަތޮޅުވެސް ކަވަރުވާނެ. އެހެންވީމާ، މި އަހަރު ނިމުމުގެ ކުރީގައި، މި އަތޮޅަށްވެސް އާރު.ޓީ.އެލް. ފެރީ އަދި ފޯރުކޮށްނުދެވޭ ހުރިހާ އަތޮޅެއް ކަވަރުވާނެ. އެ ކަންބޮޑުވުންވެސް އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި ޙައްލުވާނެ.

އެހެންވީމާ، މި ސްޕީޑްގައި، ކޮމްޕްރިހެންސިވްކޮށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ތަރައްޤީގެ ކަންތައްތައް ބައްޓަންކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ، މި އަހަރާއި، މި އަންނަ އަހަރު، ތިޔަ ލޮބުވެތި ރައްޔިތުން އެކްސްޕީރިއެންސް ކުރާނީ، ދެކެވަޑައިގަންނަވާނީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވެފައިވާ ހަމަ ހުރިހާ ވަޢުދެއް، މި ރަށުގެ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއް، ޢަމަލީގޮތުން ފުރިހަމަކޮށްދީ، ތިޔަބޭފުޅުންނަށް ނިންމައިދޭ ތަން. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، އެހެންވީމާ، އަޅުގަނޑުމެން މިގޮތުގައި ކުރިއަށްދިޔުމުގައި، ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުމަށް އެދެން. އަދި ތިޔަ ދެއްވާ ތާއީދާއި އެއްބާރުލުމަށް އަޅުގަނޑު އަބަދުވެސް ހިތުގެ އަޑިން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކާމިޔާބުކަމާ އެކީގައި ކުރިއަށް ގެންގޮސްދޭނަން.

އާދެ، ނިންމާލުމުގެ ކުރިން، ބައެއް އެހެން ކަންތައްތައްވެސް، ހަމައެކަނި މި ރަށަށް ޚާއްޞަ ނޫން ބައެއް ކަންތައްތައްވެސް ފާހަގަކޮށްލަން އަޅުގަނޑު ބޭނުން. އޭގެތެރެއިން، ގެދޮރުވެރިކަން އެއީ، ހަމަ އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑު އެ މައުޟޫޢުގައި ދަންނަވާލަން ބޭނުންވަނީ، ދެންމެ ދެންނެވިފަދައިން، އެންމެ މުހިންމު ކަމަކީ، ކޮންމެ ރަށެއްގައިވެސް މި މައްސަލަ ޙައްލުކޮށްދިނުން. މިކަން އެންމެބޮޑުވެފައި ވަނީ މާލޭ ސިޓީގައި. މާލެއަށް ބަލާއިރުގައި، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމުގައި، ސަރުކާރުން މިދަނީ ވަރަށް އިސްކަމެއްދީގެން މަސައްކަތްތައް ކުރަމުން. އަޅުގަނޑު ރޭގައިވެސް ތަކުރާރުކޮށްލިން، ރިޔާސީ ބަޔާނުގައި ދެންނެވި ވާހަކަ. ހުޅުމާލޭގައި އަޅަންފަށާފައި އެހެރަ 4000 ފްލެޓަށް ހޮވޭ ފަރާތްތައް، އެ ލިސްޓުގައި ހުރި މައްސަލަތައް ޙައްލުކޮށް، ލިސްޓު ނެރުމުގެ ކަންތައް ބާރަށް އެދަނީ.

މި ހަފްތާގެ ބާކީއޮތް ދެތިން ދުވަހުގެ ތެރޭގައި، މި ހަފްތާ ނިމުމުގެ ކުރީގައި، އަޅުގަނޑު ވަޢުދުވީ ރިޔާސީ ބަޔާނުގައި، ފެބުރުވަރީ މަސް ނިމުމުގެ ކުރީގައި ލިސްޓު ނެރޭނަމޭ. އެހެންވީމާ، މި ހަފްތާ ނިމުމުގެ ކުރީގައި އެ ލިސްޓު ނެރޭނަން. އެކަން އޮތީ ހަމަޖެހިފައި ނެރުމަށް. ލަހެއްނުކުރާނަން. އެކަން ކުރިއަށްދާނެ. ވަރަށް ގިނަ ފަރާތްތަކުން، އިދިކޮޅު ފަރާތްތަކުން އެކަމުގައި ރައްޔިތުންނަށް، ސަރުކާރުން އެކަން ނުކުރާނެކަމުގެ ވާހަކަ ދެއްކިޔަސް، އެކަން ކުރާގޮތަށް
މިއޮތީ އަޅުގަނޑު ކަނޑައަޅާފައި.

އޭގެ އިތުރަށްވެސް، ގުޅީފަޅުން ގޯތި ލިބުނު އެތައްހާސް ބަޔަކުވެސް އެބަތިބި. ހިއްކާފައި އޮތް ސަރަޙައްދާއި، ފުން ސަރަޙައްދުން ގޯތި ލިބުނު މީހުންވެސް އެބަތިބި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގުޅީފަޅުން ގޯތި ލިބުނު ރައްޔިތުންނަށްވެސް އަޅުގަނޑުމެން މިހާރު ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފީމޭ. ނުހިއްކާ އޮތް ތަނުން ގޯތި ލިބުނު ހުރިހާ އެންމެންނަށްވެސް މިހާރު ހިކިފައި އޮތް ބިމުން އިރާދަކުރެއްވިއްޔާ، ގޯތި ހަމަޖެހިގެންދާނެ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ވަރަށް އަވަހަށް ހިކިފައި، ހިއްކާފައި އޮތް ސަރަޙައްދުން އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭނަށް މި ގެނައި ބަދަލުގެ ތެރެއިން، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ޤާއިމުވެގެންދާނެ، އެ ލޭންޑް ޔޫސް ޕްލޭންގައިވެސް. ސްކޫލް، ހޮސްޕިޓަލް، ހުރިހާ ތަނެއް ޤާއިމުވެގެންދާނެ. އެ ހުރިހާ ކަމެއް ހިމެނޭގޮތަށް، ފުން، ނުހިއްކާ އޮތް ސަރަޙައްދުގައި ހުރި ގޯތިތައްވެސް ހިއްކި ސަރަޙައްދަށް ބަދަލުވެ، ކުރިއަށް މިއޮތް ދެތިންމަސް ތެރޭގައި، ހުރިހާ ރައްޔިތުންނަށް، ގުޅީފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން ރަޖިސްޓަރީ ހަވާލުކޮށް ނިންމާނަން.

ދެން ޢަމަލީގޮތުން ގޮސް ގޯތީގައި ކަޑަޖަހައި، އިން ވަކިކޮށް، އަޅުގަނޑުމެން ގޯތިވެސް ހަވާލުކުރަން ފަށާނަން. ހަމައެކަނި ނުދެވޭނީ، ބުރިޖުގެ މަސައްކަތަށް ބަންދުކޮށްފައި އޮތް ސަރަޙައްދު. އެ ތަނުގައިވެސް ހުންނާނެ ގޯތި. އެ ތަނުން ގޯތި ލިބުނު ބަޔަކުވެސް އެބަތިބި. އެހެންވީމާ، އެތަނަށް ގޯތިއަރާ ފަރާތްތައް ފިޔަވައި، އެހެން ހުރިހާ އެންމެންގެ ގޯތިތައް، ހުރި ތަނުން އަޅުގަނޑުމެން ކުރިއަށް މިއޮތް ދެތިންމަސް ދުވަހުގެ ތެރޭގައި، އެމީހާގެ ގޯތި އެމީހާއަށް ޢަމަލީގޮތުން ހަވާލުކޮށް ނިންމާނަން. ގުޅީފަޅުން ގޯތި ލިބުނު އެންމެންނަށް އެ ޔަޤީންކަން މިރޭ އަޅުގަނޑު އަރުވަން.

އާދެ، ހަމަ އެއާއެކީގައި، ގިރާވަރުފަޅުގެ ވާހަކަވެސް އަޅުގަނޑު ރިޔާސީ ބަޔާނުގައި ފާހަގަކުރިން. އެ ތަން ހިއްކުމަށްޓަކައި، އެ ތަނަށް ދިމާވެފައި އޮތް މައްސަލަ ޙައްލުކުރުމުގެ ކަންތައް މި ކުރަނީ. ކުރީ ސަރުކާރުން އޮތީ ވަރަށް ގޯސް އެގްރީމަންޓެއް ހަދާފައި. ސަރުކާރަށް ބޮޑު ގެއްލުމެއްވާ، ވަރަށް ގޯސް އެގްރީމަންޓެއް. ކަމާގުޅޭ އިދާރާއިން އެދަނީ، އިޖުރާޢަތްތައް ފުރިހަމަކޮށް، އެކަން ކެންސަލް ކުރަމުން. ކެންސަލް ކޮށްފައި، އެ މަސައްކަތާ އަޅުގަނޑުމެން ސަރުކާރުން ހަވާލުވާނަން. ހަވާލުވެގެން އެތަން ހިއްކައި ނިންމާނަން. ހިއްކައި ނިމުނުހާ އަވަހަކަށް، އެތަނުން ގޯތި ލިބުނު އެންމެންނަށްވެސް އަޅުގަނޑު ވަޢުދު ފުއްދައިދޭނަން.

އެއާއެކީގައި، އުތުރުތިލަފަޅު ހިއްކާނެ ވާހަކަ އަޅުގަނޑު ވާނީ ރިޔާސީ ބަޔާނުގައި ބުނެފައި. އުތުރުތިލަފަޅުން ގޯތި، ނޫނީވިއްޔާ ހައުސިންގގެ މައްސަލަ ޙައްލުކުރަން ސަތޭކަ ފަންސަވީސް ވަރަކަށް ހެކްޓަރު އަޅުގަނޑުމެން މި އަހަރު ހިއްކާނަން. ހިއްކުމުގެ މަސައްކަތް ފަށާނަން. ފަށައި މި އަންނަ އަހަރުގެ ތެރޭގައި ނިމޭނެ. ނިމުނީމާ އެތަނުންވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ. މިއީ މާލޭގައި ދިރިއުޅޭ މާލޭ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތީގެ މައްސަލަ ޙައްލުކުރުމުގައި، ބުރިޖުން ގުޅިފައިވާ، ގުޅުވައިލެވޭ ހުރިހާ ސަރަޙައްދެއްގެ ޕްލޭން އޮތްގޮތް. ހުޅުމާލޭގެ ފަޅުތެރެއިން ހިއްކާ ތަންވެސް، މި އަހަރުގެ ޖުލައިމަހާ ހަމައަށްދާއިރު ހިކިގެންދާނެ. ބުރިޖުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދެންނެވި ގޮތަށް، އެ ދަނީ. އެހެންވީމާ، މިގޮތަށް މި މައްސަލަތައް ޙައްލުކުރުމުގެ ކަންތައް ކުރިއަށްދާ ވާހަކަ، މި ކަމުގައި ކަންބޮޑުވެލައްވާ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުން.

ހަމަ އެފަދަ އަނެއް މައްސަލައަކީ، މިހާރު އެންމެ ގިނަ ރައްޔިތުންނަށް ކަންބޮޑުވުން ދިމާވެފައި އޮތް ބޭހުގެ މައްސަލަ. ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވިން، ބޭހުގެ މައްސަލަ ޙައްލުކުރަން އަޅުގަނޑުމެން ފިޔަވަޅުއަޅަން މިވަނީ ފަށާފައި. އަޅަން މި ފެށި ފިޔަވަޅަކީ، އެއްހާސް ޕަސެންޓް، ދެހާސް ޕަސެންޓުގެ ޕްރޮފިޓް ލާފައި، އާސަންދައިގެ ތެރެއިން، ތިޔަބޭފުޅުންގެ ޓެކްސް ފައިސާއިން ބޭހުގެ ވިޔަފާރިކުރާ އެތައް ބަޔަކު ދިޔައީ ފައިސާ ނަގަމުންނޭ. އެއްހާސް، ދެހާސް ޕަސެންޓް ޕްރޮފިޓް. އެއީ، ބޮޑު އިސްރާފެކޭ. އެހެންވީމާ، އަޅުގަނޑުމެން އެކަން ޙައްލުކުރީ. ޕްރައިޒް ކަޓްޑައުން ކުރީ. އެސް.ޓީ.އޯ.ގެ ރޭޓަށް ތިރިކުރީ. ތިރިކުރީމާ، މި ބޭސް ގެންނަ ފަރާތްތަކުން، ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލަ. އަޅުގަނޑު ރިޔާސީ ބަޔާނުގައި ވަރަށް ކުރުކޮށް މި ވާހަކަ ދެންނެވީ. އެހެންވީމާ، އެ މައްސަލަ ޙައްލުކުރުމަށް މިހާރު އެސް.ޓީ.އޯ.އިން، ފިނޭންސުން ޚާއްޞަ އެހީތެރިކަން ދީގެން، އެދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުން. އެހެންވީމާ، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް، މި މެޑިކަލް މާފިޔާއަށް އަޅުގަނޑުމެން ނުދޭނަން.

އެމް.އެފް.ޑީ.އޭ.އިން އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހަކާއި، އަދި އޭގެތެރެއިން ޚާއްޞަކޮށް، އެސެންޝިއަލް މެޑިސިން ލިސްޓުގެ ހުރިހާ ބޭހެއް، އެންމެ ފުރަތަމަ ގެންނާނެ. މިގޮތުން ބަލާއިރުގައި، އެމް.އެފް.ޑީ.އޭ.ގެ އެސެންޝިއަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް، މާގިނަ ދުވަހެއް ނެތް. މި އަންނަ މަހުގެ 15. މާރިޗު 15އާ ހަމައަށްދާއިރުގައި، ގެނެސް ހަމަކޮށް، 15 މާރިޗުން ފެށިގެން އެސް.ޓީ.އޯ.ގެ ބޭސް ފިހާރަތަކުން އެސެންޝިއަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް، އެއްވެސް ކަންބޮޑުވުމެއްނެތި، ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެން.

ހަމަ އެއާއެކީގައި، ދެން ހުރި ހުރިހާ މެޑިސިން، އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް، އޭގެ އެއްމަސް ދުވަސް ފަހުން 15 އެޕްރީލުން ފެށިގެން އެސް.ޓީ.އޯ.ގެ ހުރިހާ ބޭސްފިހާރައަކުން ލިބެމުންދާނެ. އެހެންވީމާ، އާސަންދައިން ބޭސް ހޯދުމުގެ އެއްވެސް ކަންބޮޑުވުމެއް އެހާތަނަށް ދާއިރު ނޯންނާނެ. އާންމުކޮށް ނަގާ ހުރިހާ ބޭހެއް 15 މާރިޗުން ފެށިގެން ހަމަޖެހޭނެ. އަދި ދެންހުރި ހުރިހާ ބޭހެއްވެސް، 15 އެޕްރީލުން ފެށިގެން، އެސް.ޓީ.އޯ.އިން ލިބެމުންދާނެ. ކޮންމެ ރަށެއްގައިވެސް އެސް.ޓީ.އޯ.ގެ ފިހާރަ އެބަހުރި.

އެހެންވީމާ، ޕްރައިވެޓް ސެކްޓަރއިން ރައްޔިތުންނަށް އުނދަގޫކުރުމަށް މިކުރި މަސައްކަތް އެކީގައި އަޅުގަނޑުމެން ޙައްލުކުރާނަން. އެ މީހުން މިދިޔަ ހުރިހާ ދުވަހަކު އެތައް އަހަރެއް، މި އާސަންދައިން އެތައް ސަތޭކަ، އެއްހާސް، ދެހާސް ޕަސެންޓާ ހަމައަށް ރައްޔިތުންގެ ފައިސާ ހަމަ ޑްރޭން ކުރަމުން ދިޔައީ. ފެނިވަޑައިގަންނަވާނެ، ރަށެއްގައި ހުޅުވާލާ ކުޑަކުޑަ ބޭސްފިހާރައެއް ހުޅުވާލާ މީހާވެސް އަހަރު ދުވަސްނުވާނެ، ބޮޑެތި މަސްދޯނި ބަންނާނެ. މިއީ ޙަޤީޤަތް. އެކަން ހުއްޓުވާލީމާ މައްސަލަޖެހުނީ. އެއީ، މިވީގޮތަކީ. ސަރުކާރުން ބޭސް ގެނައުން، ބޭސް ހޯދުމުގައި ދަތިތަކެއް ކުރިމަތިކުރީކީ ނޫން. ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އަޅުގަނޑުމެން އެ އިސްރާފު ހުއްޓުވީ. ހުއްޓުވީ ރައްޔިތުންނަށްޓަކައި. އެ އިސްރާފު ހުއްޓުވައިގެން، އެ ލިބޭ ފައިސާއިން އަޅުގަނޑުމެން ޞިއްޙީ ނިޒާމު ވަރުގަދަކޮށް، މިކަހަލަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ފައިސާ މި ސޭވްކުރީ. މި އިސްރާފުން، މިވަރުކަމެއް ކޮށްލިކަމަށްޓަކައި އެކަނިވެސް ފައްސަތޭކައަށްވުރެ ގިނަ މިލިއަން ރުފިޔާ އެބަ ސޭވްކުރެވޭ. އެ ފައްސަތޭކަ އެތައް މިލިއަން ރުފިޔާއަކުން، ފައިދާހުރި އެތައް މަސައްކަތެއް އެބަ ކުރެވޭ. އެތައް ސްކޫލެއް އެޅި، އެތައް ހެލްތު ސެންޓަރެއް ހެދި، އެތައްކަމެއް އެބަ ކުރެވޭ. އެހެންވީމާ، އަޅުގަނޑު މި ޙައްލުކުރީ މައްސަލަ. މި ދެންނެވި ގޮތަށް، އެސް.ޓީ.އޯ.ގެ ހުރިހާ ބޭސްފިހާރަތަކުން، މި ދެންނެވި ތާރީޚުތަކަށް މިކަން ޙައްލުވާނެ.

އެހެންވީމާ، އެއްވެސް ފަރާތަކަށް ރައްޔިތުންނަށް ދަތިކުރުމުގެ ފުރުޞަތެއް، މި ސަރުކާރަކުން ނުދޭނަން. އެއީ، ބޭހުގެ ވިޔަފާރިކުރާ މީހުންވިޔަސް، އަދި އެހެން ވިޔަފާރިއެއް ކުރާ މީހަކަސް. އެނގިވަޑައިގަންނަވާނެ، ޑޮލަރުގެ މައްސަލަ ޙައްލުކުރަން އަޅުގަނޑުމެން ތެދުވީމާ، ބައެއް ފަރާތްތަކުން އުޅުއްވި ގޮތް. މިހާރު އެކަންވެސް އެއޮތީ އިރާދަކުރެއްވީތީ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ޙައްލުކޮށްފައި.

އޭގެ ފުރިހަމަ ނަތީޖާ، އަޅުގަނޑު ކުރިން އިޢުލާނުކޮށްފައި ހުރި ތާރީޚުތަކުގައި ހަމަޖެހިގެންދާނެ. ތަކުރާރުކުރާކަށް ނެތިން. އޭގެތެރޭގައި، ބޭރަށް ފުރާއިރުގައި މިހާރު ލިބެނީ ފައްސަތޭކަ ޑޮލަރު. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އިޢުލާނުކުރި ތާރީޚާ ހަމައަށްދާއިރުގައި، އެ ޑަބަލް ވެގެންދާނެ. ހަމަ އެގޮތަށް، ކްރެޑިޓް ކާޑުވެސް ޑަބަލް ވެގެންދާނެ، އަޅުގަނޑު އިޢުލާނުކޮށްފައި އޮތް ތާރީޚާ ހަމައަށްދާއިރުގައި. މިހެންގޮސް ހުރިހާ ކަމެއް. އެހެންވީމާ، އަޅުގަނޑު މި އިސްކުރަނީ، އާންމު ރައްޔިތުން. އާންމު ރައްޔިތުންނަށް، އެންމެ އާދައިގެ ރައްޔިތުންނާއި، އެންމެ މުއްސަނދި މީހާއާ ހަމަހަމަކުރަން އަޅުގަނޑު މި މަސައްކަތް ކުރަނީ. އަޅުގަނޑަށް ކޮންމެ ރައްޔިތަކު ހަމަހަމަ. އެންމެ އާދައިގެ ނިކަމެތި މީހާއާއި، އެންމެ މުއްސަނދި މީހާ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޢަދުލުވެރި ވެރިކަމެއް ކުރުމަކީ. ޢަދުލުވެރިވުމަކީ އަޅުގަނޑަށް އޮތް ޒިންމާއެއް. މުސްލިމަކަށްވީތީވެސް. އެހެންވީމާ، އަޅުގަނޑު ޢަދުލުވެރިވުމަށްޓަކައި، ރައްޔިތުންނަށް ކަންކަން ފަހިކޮށްދޭން މިކަންކަން މި ކުރަނީ.

މި ރަށްރަށުގައި އޭ.ޓީ.އެމް. ބެހެއްޓީމަ، ބޭންކުގެ ޚިދުމަތް ޤާއިމުކުރީމާ، ކޮންކަމެއްތޯ މިވަނީ؟ ބޮޑެތި މުއްސަނދިންނާއި ވިޔަފާރިވެރިންނަށް ވަރަށް ފަސޭހަވެގެންދާނެ ޚިދުމަތެއް. ބޭންކިންގ ޚިދުމަތަކީ. އެހެނެއްނޫން، މި ރަށްރަށުގައި ތިބޭ ރައްޔިތުންނަށް، މި ރަށްރަށުގައި ވިޔަފާރިކުރާ ރައްޔިތުންނަށާއި، މަސްވެރިންނަށާއި، އެކިކަހަލަ ވިޔަފާރިކުރާ ރައްޔިތުން، އެކަމުން މަޙުރޫމްވެފައި މިއޮތްހާ ދުވަހު މިތިބީ. އެކަމަކު އިރާދަކުރެއްވީތީ، މި ދަތުރު ނިންމާފައި އަޅުގަނޑު މާލެދާއިރު، މި އަތޮޅުގެ ހުރިހާ ރަށެއްގައި އެއޮތީ ބޭންކިންގ ޚިދުމަތް ޤާއިމުވެފައި. ހުރިހާ ރަށެއްގައި. އަދި މި އަތޮޅު، އެކި ރަށްތައް ހިމެނޭ އަތޮޅުތައް ކިޔާނަމަ، ދެން ފުވައްމުލަކާއި އައްޑޫ ސިޓީއާ ނުކިޔަންވެގެން، އެކި ރަށްތައް ހިމެނޭގޮތަށް، މި އޮންނަ އަތޮޅުތަކަށް ބަލާއިރު، އެއް އަތޮޅެއްގައި، ހުރިހާ ރަށެއްގައި އޭ.ޓީ.އެމް.، ނޫނީވިއްޔާ ބުރާންޗް ޤާއިމުކުރެވިގެންދާ ފުރަތަމަ އަތޮޅަށް މި އަތޮޅު މިވަނީ.

އާދެ، އެގޮތަށް، މި އަހަރު ނިމޭއިރު އިރާދަކުރެއްވީތީ، މި އަތޮޅު ގޮތަށް، ހުރިހާ އަތޮޅެއްގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއީ، ސަތޭކަ މީހުން އުޅޭ ރަށެއްވިޔަސް، ހުރިހާ ރަށެއްގައި، އޭ.ޓީ.އެމް. ބަހައްޓައި ނިމޭނެ. އެހެންވީމާ، އާންމު ރައްޔިތުން އަޅުގަނޑު މި އިސްކުރަނީ. އެންމެ ނިކަމެތި މީހާ ހިމެނޭގޮތަށް. އެންމެ އާދައިގެ މީހާއަށްވެސް މުއްސަނދިކަން ލިބޭގޮތަށް ފަސޭހަކަން ގެނެސްދިނުމަށްޓަކައި.

އަޅުގަނޑު މިރޭ މަރުޙަބާ ދަންނަވާލަން ބޭނުން، ޑަބްލިޔޫ.ޑީ.ސީ.ތަކުގެ މެންބަރުންނަށް. ޑަބްލިޔޫ.ޑީ.ސީ.ތަކުގެ މެންބަރުންނަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އަޅުގަނޑު ވަޢުދުވީ، ރަމަޟާން މަހުގެ ޢިނާޔަތް ލިބޭގޮތް ހަމަޖައްސައިދޭނަމޭ، ޤާނޫނުގައި އެކަމުގެ ހުރަސް ކުރިމަތިވެފައި އޮތީމާ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އެކަން އަޅުގަނޑު ކޮށްދޭނަމޭ. އެކަން ހަމަޖައްސައިދީ މިހާރު، އެދަނީ ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ޖަމާވަމުން. މިހާރު ފިނޭންސް މިނިސްޓްރީން ވަނީ ހުރިހާ ކައުންސިލްތަކަށް އަންގަވާފައި، މި ހަފްތާ ނިމެންވާއިރަށް، ޑަބްލިޔޫ.ޑީ.ސީ.ގެ ހުރިހާ މެންބަރުންނަށް ރޯދަ ޢިނާޔަތްދީ ނިންމަން. އެހެންވީމާ، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަޅުގަނޑު އިސްކުރަނީ އާންމު ރައްޔިތުން. އަންހެނެއްވިޔަސް، ފިރިހެނެއްވިޔަސް އަޅުގަނޑަކަށް ތަފާތެއްނޫން. އަންހެނުން ބާރުވެރިކުރުވުމަކީ، އަޅުގަނޑަށް ލިބޭ ފަޚުރެއް. އަޅުގަނޑުގެ ޒިންމާއެއް. އަޅުގަނޑު ގަބޫލުކުރާ ހަމަ އެއީ. އެހެންވީމާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މި މަހު، މި ރަމަޟާން މަހު، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ރޯދަ ޢިނާޔަތް ލިބިގެން މިދަނީ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، ޑަބްލިޔޫ.ޑީ.ސީ.ގެ ތިޔަ ހުރިހާ މެންބަރުންނަށް މަރުޙަބާ ދަންނަވަން.

އެހެން ފަންނުތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް، މިސާލަކަށް، ޤާނޫނީގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށްވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު ބޭނުންވަނީ އިރާދަކުރެއްވިއްޔާ، ރޯދަ ޢިނާޔަތް ލިބޭގޮތް ހަދަން. ހަމަ އެގޮތަށް، ދެންހުރި ފަންނުތައްވެސް. އެކަމަކު އެކަން ކުރުމުގައި އެބަހުރި، ގިނަ މަރުޙަލާތައް ކުރިއަށް ގެންދަން. އެއްކަމަކަށް އަޅުގަނޑުމެން މިއޮތީ، މަސްވެރިންގެ ދަފްތަރެއް އިޢުލާނުކޮށްފައި. އެއީ، އޭގެ ފުރަތަމަ ސްޓެޕް. މަސްވެރިންނަކި ކޮންޓިނިއުއަސް ރެގިއުލަރ އިންކަމެއް ލިބޭ ބައެއްކަން، ބޭންކިންގ ނިޒާމު ނުދަނޭ މި ހުރިހާ ދުވަހަކު. އެހެންވީމާ، ޤާނޫނީގޮތުން ބަލައިގަންނަ ދަފްތަރެއް އަޅުގަނޑުމެން މި އުފެއްދީ. އެކަމުގެ އުސޫލު ގެޒެޓްކޮށްގެން. އެ ދަފްތަރުގައި ޖެހޭ ފަރާތްތަކަށް، ކުރިއަށް އޮތް ދުވަސްތަކުގައި، ބޭންކިންގ ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި، އެސް.ޓީ.އޯ. ކްރެޑިޓް ސްކީމުން ފައިސާ، ނޫނީވިއްޔާ އެހީތެރިކަން ހޯދުމާއި، މިކަންކަން ފަހިވެގެންދާނެ، މި އަހަރުގެ ތެރޭގައި. ކުރިއަށް އޮތް ދުވަސްތަކުގައި، މަރުޙަލާތަކުގެ ތެރެއިންގޮސް، އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑު ދެކެން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ރޯދަ ޢިނާޔަތްވެސް ލިބޭ ބަޔަކަށް، އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ ކަމަށް. ހަމަ އެގޮތަށް ދެންހުރި އެކިކަހަލަ ސްޕެޝަލް ދާއިރާތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންވެސް. އެއީ، އަޅުގަނޑު ދެކޭގޮތުގައި، ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ މީހަކަށްވިއްޔާ، ދިވެއްސެއްވިއްޔާ، މުސްލިމެއްވިއްޔާ، ރޯދަ ޢިނާޔަތް ދޭންޖެހޭނެ ކަމަށް. އެހިސާބަށް ވާސިލުވުމުގެ ތެރެއިން ކުރެވޭ ކަންކަން މިދަނީ. އެހެންވީމާ، މިއީ އަޅުގަނޑުގެ ވިސްނުމަކީ. އާދެ، އަޅުގަނޑު މި ވާހަކަ ދަންނަވާލުމަށްފަހު، ނިންމާލަން ގަސްދުކުރަން.

އަދިވެސް އެއްފަހަރު، މީދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މަރުޙަބާވެސް ދަންނަވަން. މިއަދު މި ރަށުގައި ޢަމަލީގޮތުން ނިމިގެން ހުޅުވުނު ތަންތަނާއި، އަދި ޢަމަލީ މަސައްކަތް ފެށުމަށް ސޮއިކުރެވުނު މަޝްރޫޢުތައް ހިމެނޭހެން އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައި ދިނުމުގައި، އަޅުގަނޑުމެން ސާބިތުވެ ތިބޭނެ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މި ހުރިހާ މަޝްރޫޢުތަކެއް ނިމި، އޭގެ ފޮނިމީރުކަން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރުކުރެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.