މާޅޮސްމަޑުލު އުތުރުބުރީ "އުފުލަންދޫ" އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ "ތާވަތާ" އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ޤަރާރެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެނެސް؛ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅަކީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލުކަމަށްވާތީކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ އިތުރުންވެސް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދުވަހުގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރަށްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، އެރަށްތަކުގެ ރައްޔިތުން އެންމެ އެދޭކަންކަމަށް ވީއެންމެ އަވަސް ޙައްލުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.