ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިމަހުގެ 16 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވަން ނިންމަވައިފިއެވެ. އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވާނީ، އަންނަ މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް، ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ފޮނުއްވައިފައެވެ. އެގޮތުން މިއަހަރު ފޮނުއްވީ 42 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތެވެ. މިދިޔަ އަހަރު އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، 43 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނެވެ.