ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެއް ކަމަށާއި، އެކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން ހިނގަމުންދާ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ކަނއަޅާފައިވާ ތާރީޚީ ބަޖެޓުން، ރައްޔިތުންނަށް ނަފާވެގެންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މައްސަލައަކީ ހިތާމަވެރި އަދި ޤައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި، އެއީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން ވަކިން ޚާއްޞަކޮށް، ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރެއިން ހައްލުކޮށްދެއްވަން އެމަނިކުފާނު އެންމެ އިސްކަންދޭ މައްސަލަކަމަށް ވިދާޅުވިއެވެ.

އެގޮތުން، ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅައި، އެ ތާރީޚީ ބަޖެޓުގެ ޒަރީއާއިން، ވެރިރަށް މާލެ ނުހިމެނޭހެން، 12،940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލޭ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ގޮތުން، އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލޯނު ދިނުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޖުލައި މަހުން ފެށިގެން މި ފެސިލީޓީގެ ބޭނުން ރައްޔިތުންނަށް ފަހިވެގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ ޢުމްރާނީ ތަރައްޤީއާއި ގުޅިފައިވާ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން، ފެނާއި ނަރުދަމާގެ މަސައްކަތާއި، ލަފާފުރުން ފަސޭހަކުރުމަށް ބަނދަރުގެ މަސައްކަތާއި، މަގުހެދުމުގެ މަޝްރޫޢުތަކާއި، އަސާސީ ޚިދުމަތްތަކުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ކުރިއަށްދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުރިހާ ބާވަތެއްގެ މަޝްރޫޢުތައް ހިމެނޭހެން، ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމާއި، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، އަލަށް ފަށާ މަޝްރޫޢުތަކާއެކު ޖުމްލަ 1043 މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށް ގެންދެވޭނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބައިބޯ ދެ ސިޓީ ކަމަށްވާ، މާލެ ސިޓީގެ ތިލަމާލެ ބްރިޖާއި އައްޑޫ ސިޓީގެ ލިންކް ރޯޑްގެ މަސައްކަތް މިއަހަރު ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް، ކަނޑައެޅިފައިވާ ތާރީޚަށް ނިންމޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.