ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ.ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ ޢައްޔަން ކުރައްވައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާޠިމަތު އަމީޒާ ޢައްޔަން ކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފާޠިމަތު އަމީޒާ ވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައެވެ. އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ، ފާޠިމަތު އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން ސާބިތުކަމާއެކު މަސައްކަތްކުރައްވާފައެވެ.

ފާޠިމަތު އަމީޒާގެ ޚިދުމަތުގެ ދިގު މުއްދަތުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެއެވެ.

ފާޠިމަތު އަމީޒާވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ހާސިލުކުރައްވާފައެވެ.