ކޮންމެ ރައްޔިތަކުވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވައި، މާތްވެގެންވާ އިސްލާމްދީނުގެ އިރުޝާދުގައި ވާފަދައިން އަމިއްލަ އަތްތަކުން އަމިއްލަ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިލާ ބަޔަކަށްނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ޑްރަގް އަޅާފައި ހުންނަ ވޭޕް އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެވިޔަފާރިކޮށް، މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވައްދައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާން ޖީލެއް އުފެދިގެން ދިއުމަށް ހުޅުވިފައިވާ ދޮރެއްގެ ގޮތުގައި ވޭޕް ފާހަގަވާތީ، އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމުގެ ގޮތުން ވޭޕް މުޅިން މަނާކުރަށްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ޤައުމުގެ އިޖުތިމާޢީ ކަންކަމަށް ހެޔޮ ނަތީޖާއެއް ފެނުމުގެ އިތުރުން، ޤައުމު ހަމަމަގުން ދަތުރުކުރުމަށްވެސް އެހީއަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދަ އަށަގެންފައިވާ އެންމެހާ ރައްޔިތުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ގަދައަޅާ މަސައްކަތް ކުރެއްވުންކަމަށާއި، އެކަމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 1 "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ވާނީ ހަމަޖައްސަވާފައިކަމަށާއި، އެމަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސިނގިރޭޓުގެ އަގަށް ގެންނެވި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީ އެއްކޮށް ޚަރަދުކުރައްވަން ނިންމަވާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށާއި، ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާ މަޝްރޫޢުތައް ހިންގުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމު ހަމަމަގުން ދަތުރުކުރުމަށް މުޖުތަމަޢުގައި ހުރި ނުރަނގަޅު ކަންކަމަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ކޮންމެ އާއިލާއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އެކެއް ދެ މީހެއްގެ ބިރުދެއްކުމާއި ވައްކަންކުރުމާއި މުދާ ފޭރުމާއި އަނިޔާދިނުން އޮންނަ ޤައުމަކީ، މަރުގެ ތުންފަތް މަތީގައި އޮންނަ ގައުމެއް. އެއީ ދައުލަތެއްގެ ގޮތުގައި ދެމި ތިބެވޭނެ ޙާލަތެއް ނޫން. އެހެންވީމާ އިޞްލާޙީ ފިޔަވަޅު އަޅަން އެބަ ޖެހޭ،" ކަމަށެވެ.
މީގެ އިތުރުންވެސް، މުޖުތަމަޢުގެ ނުރަނގަޅު ކަންކަމަށް ފިޔަވަޅު އެޅުމުގެ ނިޔަތަކީ، އަދި ބޭނުންފުޅަކީ ވެސް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ރައްޔިތަކަށް ހެއްދެވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.